އަލިފް ލާމް މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެ މީހުން އިމްތިހާނު ނުކުރައްވާ ދޫކޮށްލައްވާނޭކަމަށް ހީކުރީހެއްޔެވެ؟
އަދި ހަމަކަށަވަރުން އެ މީހުންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަން އިލާހު އިމްތިހާނުކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން ދޮގުވެރިންވެސް އެ އިލާހު ދެނެވޮޑިގެންވެއެވެ.
ނުބައި ކަންތައްކުރާ މީހުން ތިމަން އިލާހުގެ އުގޫބާތުން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟ އެ މީހުން ކުރާ ހުކުމް ހާދަހާ ނުބައިވެގެންވެއެވެ.
ﷲ އާ ބައްދަލުވުމަށް އެދޭ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ ކަނޑައަޅުއްވާފައިވާ އަޖަލު އަންނަހުއްޓެވެ. އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި ޖިހާދުކުރިމީހާ (ދަންނާށެވެ.) ފަހެ އޭނާ ޖިހާދުކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ، އެންމެހާ އާލަމްތައް ފިޔަވާ ފުދިވޮޑިގެންވާ އިލާހުކަން ކަށަވަރެވެ.
އަދި އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން (ދަންނާށެވެ.) ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންގެ ކިބައިން އެ މީހުންގެ ކުށްފާފަ ފުއްސަވާހުށީމެވެ. އަދި ހަމަކަށަވަރުން އެ މީހުން ކޮށްއުޅުނު އަމަލުތަކުގެ އެންމެ ހެޔޮ ޖަޒާ ތިމަން އިލާހު އެ މީހުންނަށް ދެއްވާހުށީމެވެ.
އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަން އިލާހު ވަސިއްޔަތް ކުރައްވާ، އަމުރުކުރެއްވީމެވެ. އަދި ތިބާއަށް އެއާމެދު އިލްމެއްލިބިފައި ނުވާ އެއްޗެއް، ތިމަން އިލާހާ ޝަރީކުކުރުމަށް ތިބާގެ މައްޗަށް އެ ދެ މީހުން ގަދައަޅައިފިނަމަ، ފަހެ އެ ދެ މީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ. ތިޔަބައިމީހުން އެނބުރި ދިޔުންއޮތީ، ތިމަން އިލާހުގެ ހަޒްރަތަށެވެ. ފަހެ އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިމަން އިލާހު ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (އެބަހީ: އެ ކަންތަކަށް ޖަޒާ ދެއްވާހުށީމެވެ.)
އަދި އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން (ދަންނާށެވެ.) ހަމަކަށަވަރުން ތިމަން އިލާހު އެ މީހުން ސާލިހު އަޅުންގެ ތެރެއަށް ވައްދަވާހުށީމެވެ.
ތިމަންމެން އީމާން ވެއްޖައީމުއޭ ދުލުކޮޅުން ބުނާ ބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. ފަހެ ﷲ ގެ މަގުގައި އެއިން މީހަކަށް އުނދަގުލެއް ލިބިއްޖެނަމަ، މީސްތަކުންގެ އުނދަގޫތައް ﷲ ގެ އަޒާބާ އެއްފަދަ ކަމުގައި އޭނާ ހަދައެވެ. އަދި ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ނަސްރެއް އަތުވެއްޖެނަމަ، ހަމަކަށަވަރުން އެ މީހުން ބުނާނެއެވެ. ހަމަކަށަވަރުން ތިމަންމެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. އާލަމްތަކުގައިވާ އެންމެންގެ ހިތްތަކުގައި ވާހާ އެއްޗެއް ﷲ މޮޅަށް ދެނެވޮޑިގެން ނުވޭހެއްޔެވެ؟
އަދި ހަމަކަށަވަރުން ﷲ، އީމާންވި މީހުން ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން އެ އިލާހު މުނާފިގުންވެސް ދެނެވޮޑިގެންވެއެވެ.
ކާފިރު ވިމީހުން އީމާންވި މީހުންނަށް ބުންޏެވެ. ތިޔަބައިމީހުން ތިމަންމެންގެ މަގަށް ތަބާ ވާށެވެ. އަދި ތިޔަބައިމީހުންގެ ކުށްފާފަތައް ތިމަންމެން އުފުލާނެއެވެ. އެ މީހުންގެ ކުށްފާފަތަކުގެ ތެރެއިން އެއްވެސް އެއްޗެއް އުފުލާނޭ ބަޔަކު ކަމުގައި އެ މީހުން ނުވެއެވެ. ހަމަކަށަވަރުން އެ މީހުންނީ ދޮގުވެރިންކަން ކަށަވަރެވެ.
އަދި ހަމަކަށަވަރުން އެ މީހުންގެ އަމިއްލަ ނަފްސުގެ ފާފަތަކާއި އަދި އަމިއްލަ ފާފަތަކާއެކު، އެ މީހުން (މަގުފުރެއްދި މީހުން) ގެ ފާފަތައްވެސް އެ މީހުން އުފުލާނެތެވެ. އަދި ހަމަކަށަވަރުން އެ މީހުން ހަދާ އުޅުނު ދޮގުތަކާމެދު ގިޔާމަތް ދުވަހުން އެ މީހުންނާ ސުވާލު ކުރައްވާހުއްޓެވެ.
ހަމަކަށަވަރުން ތިމަން އިލާހު ނޫޙުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވާ، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު ދީނަށް ގޮވައިލެއްވުމަށް) އެ މީހުންގެ ތެރޭގައި ހުންނެވިއެވެ. ފަހެ އެ މީހުން އަނިޔާވެރިންކަމުގައިވާ ހާލު، ޠޫފާން (ގެ އަޒާބު) އައިސް އެ މީހުންނަށް ޖެހުނެވެ.
ފަހެ ތިމަން އިލާހު އެކަލޭގެފާނާއި (އެކަލޭގެފާނުގެ) ނާކޮޅުގެ އަހުލުވެރިން ސަލާމަތްކުރެއްވީމެވެ. އަދި އެއީ އާލަމްތަކަށްވާ އިބްރަތެއްކަމުގައި ތިމަން އިލާހު ލެއްވީމެވެ.
އަދި އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އެ އިލާހަށް ތަގުވާވެރިވާށެވެ. ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.
ތިޔަބައިމީހުން ﷲ ފިޔަވާ އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ. އަދި ތިޔަބައިމީހުން ހަދަނީ ބުހުތާނު ދޮގެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ﷲ ފިޔަވާ އަޅުކަންކުރާތަކެއްޗަކަށް ތިޔަބައިމީހުންނަށް ރިޒްގު ދިނުމެއް މިލްކުވެގެނެއްނުވެއެވެ. ފަހެ ތިޔަބައިމީހުން ﷲ ގެ ހަޒްރަތުން ރިޒްގަށް އެދޭށެވެ! އަދި އެ އިލާހަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެ އިލާހަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! ތިޔަބައިމީހުން ރުޖޫއަ ކުރައްވާހުށީ ހަމަ އެ އިލާހުގެ ހަޒްރަތަށެވެ.
އަދި ތިޔަބައިމީހުން (ތިމަންކަލޭގެފާނު) ދޮގުކުރިޔަސް (ތިމަން ކަލޭގެފާނަކަށް އެކަމަކުން ގެއްލުމެއް ނުލިބޭނެއެވެ. އެހެނީ) ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިންވެސް އުއްމަތްތަކެއް (ރަސޫލުން) ދޮގުކޮށްފައިވެއެވެ. އަދި ބަޔާން ވެގެންވާ އިއްވެވުން މެނުވީ، ރަސޫލާގެ މައްޗަކަށް ނުވެއެވެ.
އަދި ﷲ، ޚަލްގުތަކުން ފުރަތަމަ ފަހަރު އުފެއްދެވި ގޮތާއި، ދެން އެއަށްފަހު އަލުން އެ ޚަލްގުތައް (ދިރުއްވައި) އިއާދަކުރައްވާ ގޮތް އެ މީހުންނަކަށް ނުފެނޭހެއްޔެވެ؟ ހަމަކަށަވަރުން އެ ކަންތަކަކީ، ﷲ އަށް ދާދި ފަސޭހަ ކަމެކެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި ﷲ، ޚަލްގުތަކުން ފުރަތަމަ އުފެއްދެވިގޮތް، ތިޔަބައިމީހުން ވިސްނައިބަލާށެވެ! ދެން އެއަށް ފަހު، ﷲ އެންމެފަހުގެ އުފެއްދެވުން އުފައްދަވާނެއެވެ. (އެބަހީ: އަލުން ދިރުއްވައި އިއާދަ ކުރައްވާނެއެވެ.) ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެމައްޗަށް ކުޅަދުންވަންތަ އިލާހެވެ.
އެ އިލާހު އިރާދަކުރައްވާ އަޅަކަށް އަޒާބު ދެއްވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ އަޅަކަށް ރަހުމަތް ލައްވައެވެ. އަދި ތިޔަބައިމީހުން (ގިޔާމަތް ދުވަހުން) އެނބުރިދާހުށީ އެ އިލާހުގެ ހަޒްރަތަށެވެ.
އަދި ތިޔަބައިމީހުންނީ އުޑާއި، ބިމުގައި (ﷲ) ނުކުޅެއްދޭނޭ ބަޔަކު ކަމުގައި ނުވެއެވެ. އަދި ތިޔަބައިމީހުންނަކަށް ﷲ ފިޔަވާ އެއްވެސް އެހީތެރިޔަކު، އަދި ނަސްރު ދޭނޭ މީހަކުވެސް ނުވެއެވެ.
އަދި އެ މީހުން ﷲ ގެ އާޔަތްތަކަށާއި، އެ އިލާހާ ބައްދަލުވާނެ ކަމާމެދު ކާފިރުވެ، އިންކާރުކުރި މީހުން (ދަންނާށެވެ.) އެ މީހުންނީ، ތިމަން އިލާހުގެ ރަހުމަތުން، ނާއުއްމީދު ވެފައިވާ ބަޔެކެވެ. އަދި އެ މީހުންނީ އެ މީހުންނަށް ޓަކައި ވޭންދެނިވި އަޒާބު ހުރި މީހުންނެވެ.
ފަހެ އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމްގެފާނުގެ) ގައުމުގެ މީހުންގެ ޖަވާބު ކަމުގައި، އެ މީހުންގެ މި ބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން އެކަލޭގެފާނު ގަތުލުކޮށްލާށެވެ! ނުވަތަ އެކަލޭގެފާނު އަންދައިލާށެވެ! ފަހެ ﷲ، އެކަލޭގެފާނު އަލިފާނުން ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން އީމާންވާ ބަޔަކަށް އެ ކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
އެކަލޭގެފާނު (އެބަހީ: އިބްރާހީމްގެފާނު) ވިދާޅުވިއެވެ: ﷲ ފިޔަވާ އަޅުކަންކުރުމަށް ތިޔަބައިމީހުން ހިފިކަން ކަށަވަރީ ބުދުތަކެކެވެ. އެއީ ދުނިޔޭގެ ހަޔާތުގައި ތިޔަބައިމީހުންގެ މެދުގައި އެކުވެރިކަން ދެމިއޮތުމަށް ޓަކައެވެ. ދެން އެއަށް ފަހު، ގިޔާމަތް ދުވަހުން ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު، އަނެއް ބަޔަކަށް ކާފިރު ވާނެއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ލައުނަތް ލެއްވުމަށް އެދޭނެތެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި (އެ ދުވަހުން) ތިޔަބައިމީހުންނަށް ނަސްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
ފަހެ ލޫޠުގެފާނު، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމްގެފާނުގެ) ބަސްފުޅު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު (އެބަހީ: އިބްރާހީމްގެފާނު) ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންގެ ރައްބު އެންގެވިފަރާތަށް ތިމަން، ހިޖުރަށް މިދަނީއެވެ. ހަމަކަށަވަރުން އެ އިލާހީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
އަދި ތިމަން އިލާހު އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އިސްޙާގުގެފާނު ދެއްވާ އަދި (ކާފަދަރިކަލުން) ޔައުގޫބުގެފާނު ދެއްވީމެވެ. އަދި ތިމަން އިލާހު، އެކަލޭގެފާނުގެ ދަރިކޮޅުގައި ނަބީކަމާއި (ވަހީގެ) ފޮތް ލެއްވީމެވެ. އަދި ތިމަން އިލާހު އެކަލޭގެފާނަށް ދުނިޔޭގައި ހެޔޮ ދަރުމަ ދެއްވީމެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު، އާޚިރަތުގައި ވަނީ ސާލިހުންގެ ތެރެއިންކަން ކަށަވަރެވެ.
އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަކުރާ ފާހިޝް ކަންތައްތަކަކީ، އާލަމްތަކުގެ ތެރެއިން އެކަކުވެސް މީގެކުރިން ކޮށްފައިނުވާ ކަންތައްތަކެކެވެ.
ހަމަކަށަވަރުން ތިޔަބައިމީހުން ފިރިހެނުން ގާތަށް (ޝަހްވާނީ އެދުން ފުއްދުމަށް) ދަނީހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީހެއްޔެވެ؟ ފަހެ އެކަލޭގެފާނުގެ (އެބަހީ: ލޫޠުގެފާނުގެ) ގައުމުގެ މީހުންގެ ޖަވާބުކަމުގައި އެ މީހުންގެ މި ބުނުން ނޫނީ ނުވެއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެންނަށް (ތިޔަ ވިދާޅުވާ) ﷲ ގެ އަޒާބު ނިކަންގެނެސްދެއްވާ ބައްލަވާށެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. ފަސާދަކުރާ މީހުންގެ މައްޗަށް މިއަޅާއަށް ނަސްރު ދެއްވާނދޭވެ.
އުފާވެރިކަމުގެ ޚަބަރާއިގެން ތިމަން އިލާހު ފޮނުއްވި މަލާއިކަތުން އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަތްހިނދު، އެ ބޭކަލުން ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންމެން ފޮނުއްވެވީ މިރަށުގެ (އެބަހީ: ލޫޠުގެފާނުގެ ރަށުގެ) އަހުލުވެރިން ހަލާކު ކުރުމަށެވެ. ހަމަކަށަވަރުން އެ ރަށުގެ އަހުލުވެރިންވީ އަނިޔާވެރިން ކަމުގައެވެ.
އެކަލޭގެފާނު (އެބަހީ: އިބްރާހީމްގެފާނު) ވިދާޅުވިއެވެ: ހަމަކަށަވަރުން އެ ރަށުގައި ލޫޠުގެފާނު އެބަހުންނެވިއެވެ. އެ ބޭކަލުން ވިދާޅުވިއެވެ: އެ ރަށުގައިވާ ބަޔަކު، ތިމަންމެންނަށް މާރަނގަޅަށް އެނގެއެވެ. ހަމަކަށަވަރުން ތިމަންމެން އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރާ ހުށީމެވެ. އެ ކަނބުލޭގެވީ ހަލާކުވެގެންދިޔަ މީހުންގެ ތެރެއިންނެވެ.
އަދި ތިމަން އިލާހުގެ ރަސޫލުން (އެބަހީ: މަލާއިކަތުން) ލޫޠުގެފާނުގެ އަރިހަށް ވަޑައިގަތް ހިނދު، (ގައުމުގެ މީހުންގެ ފާސިދުކަމުގެ ސަބަބުން އެ ބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެ ބޭކަލުންނާމެދު ދެރަފުޅުވެ، ހިތާމަކުރެއްވިއެވެ. އަދި އެ ބޭކަލުން ދެންނެވިއެވެ: ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. އަދި ހިތާމަވެސް ނުކުރައްވާށެވެ. ހަމަކަށަވަރުން ތިމަންމެން ކަލޭގެފާނާއި، ކަލޭގެފާނުގެ އަހުލުވެރިން ސަލާމަތް ކުރާނެއެވެ. ކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. އެ ކަނބުލޭގެވީ، ހަލާކުވެގެންދިޔަ މީހުންގެ ތެރެއިންނެވެ.
(މަލާއިކަތުން ވިދާޅުވިއެވެ:) ހަމަކަށަވަރުން ތިމަންމެން މިރަށުގެ އަހުލުވެރިންގެ މައްޗަށް، އެ މީހުން ފާސިގު ވުމުގެ ސަބަބުން (ﷲ ގެ އަމުރުފުޅަށް) އުޑުން އަޒާބެއް ފޮނުވާހުށީމެވެ.
އަދި އެ ކަމުގެ ތެރެއިން ބަޔާން ވެގެންވާ ހެއްކެއް، ހަމަކަށަވަރުން ވިސްނާ ބަޔަކަށް، ތިމަން އިލާހު ދޫކުރެއްވީމެވެ.
އަދި މަދްޔަންގެ މީހުންގެ ގާތަށް، އެ މީހުންގެ އަޚު، ޝުއައިބުގެފާނު ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އާޚިރަތް ދުވަހަށް އެދޭށެވެ! އަދި ފާސިދުންކަމުގައިވެ ތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާހުށި ކަމެވެ!
ފަހެ އެ މީހުން އެކަލޭގެފާނު (އެބަހީ: ޝުއައިބުގެފާނު) ދޮގުކުރިއެވެ. ދެން ބިރުވެރި ބިންހެލުމެއް އެ މީހުންނަށް އައިސްޖެހުނެވެ. އަދި އެ މީހުންގެ ގެތަކުގައި ކަކޫމައްޗަށްތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެ މީހުން ވެއްޖެއެވެ.
އަދި ތިމަން އިލާހު ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުން ހަލާކުކުރެއްވީމެވެ. އެ މީހުންގެ ގެތަކުން ތިޔަބައިމީހުންނަށް ޓަކައި މިކަމުގެ ހެކިތައް ފާޅުވެ އެނގިގެންވެއެވެ. އަދި ޝައިތާނާ، އެ މީހުންނަށް އެ މީހުންގެ އަމަލުތައް ޒީނަތްތެރި ކޮށްދެއްކިއެވެ. އަދި ތެދުމަގުން އެ މީހުން ދުރުކުރިއެވެ. ބުއްދިވެރިންކަމުގައި އެ މީހުން ވިޔަސް މެއެވެ. (ނޯޓު: ނަމަވެސް، އެ މީހުންގެ ބުއްދީގެ ބޭނުން ނުކޮށް ހައްގުގެ މަގުން އެއްކިބާވެގަތޫއެވެ.)
އަދި ތިމަން އިލާހު ގާރޫނާއި، ފިރްޢައުނާއި، ހާމާނު ހަލާކުކުރެއްވީމެވެ. އަދި ހަމަކަށަވަރުން ބަޔާން ވެގެންވާ ހެކިތަކާއިގެން މޫސާގެފާނު، އެ މީހުންގެ ގާތަށް ވަޑައިގެންނެވިއެވެ. ފަހެ އެ މީހުން ބިމުގައި ބޮޑާވެގަތޫއެވެ. އަދި (ތިމަން އިލާހުގެ އަޒާބުން) މިންޖުވެގެންދިޔަ ބަޔަކު ކަމުގައި އެ މީހުން ނުވިއެވެ.
އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަން އިލާހު ގެންދެވީމެވެ. ފަހެ ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަން އިލާހު އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެ މީހުންގެ ތެރެއިންވިއެވެ. އަދި އަޒާބުގެ ގަދައަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެ މީހުންގެ ތެރެއިންވިއެވެ. އަދި އެ މީހުންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެ މީހުންގެ ތެރެއިންވިއެވެ. އަދި (ކަނޑުލައްވައި) ޣަރަގުކުރެއްވި މީހުންވެސް އެ މީހުންގެ ތެރެއިންވިއެވެ. އެ މީހުންނަށް އަނިޔާކުރެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވައެވެ. އެހެނެއްކަމަކު، އެ މީހުންގެ ނަފްސުތަކަށް ހަމަ އެ މީހުން އަނިޔާކުރި ކަމުގައިވިއެވެ.
ﷲ ފިޔަވާ، އެހީތެރިންތަކެއް ލިބިގަތް މީހުންގެ މިސާލީ، ގެއެއް ހަދާ ބޭނުންކުޅަ، ފައިދިގުމަކުނުގެ މިސާލެވެ. ހަމަކަށަވަރުން ގެތަކުގެ ތެރެއިން އެންމެ ދެރަވަރު ގެއަކީ، ފައިދިގުމަކުނުގެ ގެކަން ކަށަވަރެވެ. އެ ކަން އެ މީހުން ދަންނަނަމައެވެ.
ހަމަކަށަވަރުން ﷲ ފިޔަވާ އެ މީހުން އަޅުކަންކޮށް އުޅުނު ތަކެތި އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެ އިލާހީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
އަދި އެ މިސާލުތައް ތިމަން އިލާހު މީސްތަކުންނަށް ޖައްސަވަމެވެ. އަދި (އިލްމު) ދަންނަ މީހުންނަށް މެނުވީ އެ މިސާލުތަކެއް ނުވިސްނެއެވެ.
ﷲ އުޑުތަކާއި، ބިން، ހައްގު ގޮތުގައި ހެއްދެވިއެވެ. ހަމަކަށަވަރުން މުއުމިނުންނަށް އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ.
ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަހީކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ. އަދި ކަލޭގެފާނު ނަމާދު ގާއިމު ކުރައްވާށެވެ. ހަމަކަށަވަރުން ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން ﷲ ހަނދުމަ ކުރުން (ހުރިހާ ކަމަކަށް ވުރެ) ބޮޑެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.
ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ އަހުލުވެރިންނާ ޖަދަލު ނުކުރާށެވެ! އެ މީހުންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވާ އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން އީމާން ވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ! ތިމަންމެންގެ އިލާހަކީވެސް، އަދި ތިޔަބައިމީހުންގެ އިލާހަކީވެސް އެއް އިލާހެކެވެ. އަދި ތިމަންމެން އެ އިލާހަށް ކިޔަމަންވެ، އިސްލާމް ވަމުއެވެ.
ތިމަން އިލާހު ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އެފަދައިންނެވެ. ފަހެ ތިމަން އިލާހު ފޮތް ދެއްވި މީހުންގެ ތެރެއިން ބަޔަކު އެ ފޮތަށް އީމާން ވެއެވެ. އަދި މިބައިމީހުންގެ ތެރެއިން (އެބަހީ: މައްކާގެ އަހުލުވެރިންގެ ތެރެއިން) އެ ގުރްއާނަށް އީމާންވާ ބަޔަކުވެސްވެއެވެ. އަދި ކާފިރުން މެނުވީ، ތިމަން އިލާހުގެ އާޔަތްތަކާމެދު ދެކޮޅެއް ނަހަދާނެއެވެ.
އަދި އޭގެ ކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެ ކަން އެހެންވީނަމަ، ކާފިރުން ޝައްކުކުރީހެވެ.
އަދި ކިއެއް! އެއީ އިލްމު ލިބިގެންވާ މީހުންގެ ހިތްތަކުގައި ބަޔާން ވެގެންވާ އާޔަތްތަކެކެވެ. އަނިޔާވެރިން ނޫނީ، ތިމަން އިލާހުގެ އާޔަތްތަކާ ދެކޮޅެއް ނަހަދާނެއެވެ.
އެ މީހުން ބުންޏެވެ. އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން މުއުޖިޒާތްތަކެއް އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. މުއުޖިޒާތްތައް ބާވައިލައްވާކަން ކަށަވަރީ، ﷲ ގެ ހަޒްރަތުންނެވެ. އަދި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ބަޔާން ވެގެންހުރި، އިންޒާރުކުރައްވާ ބޭކަލަކު ކަމުގައެވެ.
ހަމަކަށަވަރުން، އެ މީހުންނަށް ކިޔަވައިދެވޭ ފޮތް، ތިމަން އިލާހު ކަލޭގެފާނަށް ބާވައިލެއްވިކަން (މުއުޖިޒާތެއް ކަމުގައި) އެ މީހުންނަށް ނުފުދެނީހެއްޔެވެ؟ ހަމަކަށަވަރުން އީމާންވާ ބަޔަކަށް އެކަމުގައި ރަހުމަތާއި، ހަނދުމަކުރުމެއް ވާކަން ކަށަވަރެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދު ހެއްކެއް ކަމަށް ﷲ ފުދެއެވެ. އުޑުތަކާއި، ބިމުގައި ވާހާ ތަކެތި އެ އިލާހު ދެނެވޮޑިގެންވެއެވެ. ބާތިލު ކަންތަކަށް އީމާންވެ، އަދި ﷲ އަށް ކާފިރު ވެގެންވާ މީހުން (ދަންނާށެވެ.) ގެއްލެނިވެގެންވާ މީހުންނަކީ ހަމަ އެ މީހުންނެވެ.
އަޒާބު އަވަސްވުމަށް ކަލޭގެފާނުގެ އަރިހުން އެ މީހުން އެދޭނެތެވެ. ކަނޑައެޅިގެންވާ މުއްދަތެއް ނެތްނަމަ، އަޒާބު އެ މީހުންނާ ހަމައަށް އަތުވެއްޖައީސްކަން ކަށަވަރެވެ. އަދި އެ މީހުން ނުދެނެތިއްބާ، ކުއްލިއަކަށް އެ މީހުންނާ ހަމައަށް އެ ކަން އަންނާނެކަން ކަށަވަރެވެ.
އަޒާބު އަވަސްވުމަށް ކަލޭގެފާނުގެ އަރިހުން އެ މީހުން އެދޭނެތެވެ. ހަމަކަށަވަރުން ނަރަކަވަނީ ކާފިރުން ވަށައިލާފައިކަން ކަށަވަރެވެ.
އެ މީހުންގެ މަތިންނާއި، އެ މީހުންގެ ފައިދަށުން އަޒާބު އައިސްޖެހޭ ދުވަހެވެ. އަދި އެ ދުވަހުން އެ އިލާހު އަންގަވާނެއެވެ. ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
އޭ އީމާންވި ތިމަން އިލާހުގެ އަޅުތަކުންނޭވެ. ހަމަކަށަވަރުން ތިމަން އިލާހު ބިން (ތިޔަބައިމީހުން ހިޖުރަ ކުރުމަށް ޓަކައި) ތަނަވަސްވެގެން ވެއެވެ. ފަހެ ހަމައެކަނި ތިމަން އިލާހަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ.
ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ދެން ތިޔަބައިމީހުން އެނބުރި ރުޖޫއަ ކުރައްވާހުށީ، ތިމަން އިލާހުގެ ހަޒްރަތަށެވެ.
އަދި އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން (ދަންނާށެވެ.) އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކުގެ މަތީ ކޮޓަރިކޮޅުތަކަށް ތިމަން އިލާހު އެ މީހުން ލައްވާހުށީމެވެ. އެ މީހުން އެ ތަންތާނގައި ދެމިތިބޭ ގޮތުގައެވެ. ހެޔޮ އަމަލުކުރި މީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ.
އެ މީހުންނީ ކެތްތެރިވި މީހުންނެވެ. އަދި އެ މީހުންގެ ރައްބަށް ވަކީލުކުރާ މީހުންނެވެ.
ދިރޭތަކެތީގެ ތެރެއިން އެ އެއްޗެއްގެ ރިޒްގު ލިބިގަތުމަށް ކުޅަދާނަވެގެން ނުވާ ކިތައް ކިތައްއެތި ވޭހެއްޔެވެ؟ އެ ތަކެއްޗަށާއި، ތިޔަބައިމީހުންނަށް ރިޒްގު ދެއްވަނީ ﷲ އެވެ. އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން އުޑުތަކާއި، ބިން ހައްދަވައި، އިރާއި، ހަނދު ޚިދުމަތްތެރި ކުރެއްވީ ކާކުހޭ، އެ މީހުން ކުރެން (އެބަހީ: މުޝްރިކުން ކުރެން) ކަލޭގެފާނު އައްސަވައިފިނަމަ، އެ މީހުން ﷲ އޭ ދަންނަވާނެކަން ކަށަވަރެވެ. ފަހެ އެ މީހުން ހައްގުން އެއްކިބާވަނީ ކޮންފަދައަކުންހެއްޔެވެ؟
ﷲ، އެ އިލާހުގެ އަޅުތަކުންގެ ތެރެއިން އިރާދަކުރައްވާ އަޅަކަށް ރިޒްގު ތަނަވަސްކޮށްދެއްވައެވެ. އަދި އެ އިލާހު (އިރާދަކުރައްވާ) އަޅަކަށް (ރިޒްގު) ދަތިކުރައްވައެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި ހަމަކަށަވަރުން އުޑުން ފެންބާވައިލައްވައި، ބިން މަރުވެފައި އޮތުމަށް ފަހު، އެ ފެނުން ބިމަށް ދިރުން ދެއްވީ ކާކުހޭ އެ މީހުން ކުރެން ކަލޭގެފާނު އައްސަވައިފިނަމަ، ހަމަކަށަވަރުން އެ މީހުން ﷲ އޭ ދަންނަވާނެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމްދު ހުރީ ﷲ އަށެވެ. އަދި ކިއެއް! އޭގެ ތެރެއިން ގިނަމީހުންނަކަށް (އެ ކަމެއް) ނުވިސްނެތެވެ.
މި ދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެއެވެ. އަދި ހަމަކަށަވަރުން ހަގީގީ ދިރިއުޅުންވަނީ، އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެ މީހުންނަށް އެ ކަން އެނގޭނަމައެވެ.
ފަހެ އެ މީހުން ނަވަށް އަރާ ހިނދު، އެ އިލާހަށް ދީން ޚާލިސްކޮށް ﷲ އަށް ދުއާ ކުރެއެވެ. ދެން އެ އިލާހު އެ މީހުން ސަލާމަތް ކުރައްވާ އެއްގަމަށް ގެންނެވުމުން، އެ ހިނދު އެ މީހުން (އަނެއްކާވެސް އެ އިލާހަށް) ޝިރްކު ކުރެއެވެ.
(އެ މީހުން ޝަރީކުކުރަނީ) އެ މީހުންނަށް ތިމަން އިލާހު ދެއްވި ނިއުމަތަށް ކާފިރު ވުމަށް ޓަކައެވެ. އަދި އެ މީހުން (ދުނިޔޭގައި) ވަގުތުކޮޅަކަށް އަރާމު ލިބިގަތުމަށް ޓަކައެވެ. ފަހެ ނިކަންހުރެ، އެ މީހުންނަށް (އޭގެ ނަތީޖާ) އެނގޭހުއްޓެވެ.
ހަމަކަށަވަރުން އަމާންކަން ލިބިގެންވާ ހަރަމްފުޅެއް ތިމަން އިލާހު ލެއްވިކަން އެ މީހުންނަށް ނޭނގެނީހެއްޔެވެ؟ އެއީ އެ މީހުންގެ ވަށައިގެން އެކަކު އަނެކަކު މަރައި އަޅުވެތިކޮށްއުޅުނުތަނެވެ. (މިކަން މިހެން އޮތުމާއެކުވެސް) އެ މީހުން ބާތިލަށް އީމާންވެ، ﷲ ގެ ނިއުމަތަށް ކާފިރު ވަނީހެއްޔެވެ؟
ﷲ އާމެދު ހަދާގެން ދޮގުބުނި މީހަކަށްވުރެ، ނުވަތަ އެ އިލާހުގެ ހައްގު ބަސްފުޅު އޭނާގެ ގާތަށް އައި ހިނދު، އެ ބަސްފުޅު ދޮގުކުރި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ކާފިރުން ތިބޭނެ ތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟
ތިމަން އިލާހުގެ މަގުގައި ޖިހާދުކުރި މީހުން (ދަންނާށެވެ.) ހަމަކަށަވަރުން އެ މީހުންނަށް ތިމަން އިލާހުގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ، އިހްސާންތެރިންނާ އެކުގައިކަން ކަށަވަރެވެ.