އައްރޫމް

Ar-Rum

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އަލިފް ލާމް މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
(ފާރިސީންގެ އަތުން) ރޫމީން ބަލިވެއްޖެއެވެ.
3
އެއީ (އަރަބީންނާ) އެންމެ ކައިރި ބިމުގައެވެ. އަދި އެ މީހުންގެ އެ ބަލިވުމަށް ފަހު، (ފާރިސީންގެ މައްޗަށް) ފަހުން އެ މީހުން ކާމިޔާބު ހޯދާނެއެވެ.
4
އެއީ މަދު އަހަރުކޮޅެއްގެ ތެރޭގައެވެ. އޭގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ހުރިހާ ކަމެއް މިލްކުވެގެންވަނީ، ﷲ އަށެވެ. އަދި އެ ދުވަހުން މުއުމިނުން އުފާކުރާނެއެވެ.
5
(އެއީ) ﷲ ގެ ނަސްރުންނެވެ. އެ އިލާހު އިރާދަކުރައްވާ ބަޔަކަށް ނަސްރު ދެއްވައެވެ. އަދި އެ އިލާހީ އަލްޢަޒީޒު، އައްރަޙީމެވެ.
6
ﷲ ގެ ވައުދު ފުޅެވެ. ﷲ، އެ އިލާހުގެ ވައުދާ ޚިލާފުވެ ވޮޑިއެއް ނުގަންނަވައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
7
ދުނިޔޭގެ ދިރިއުޅުމުން އެ މީހުންނަށް އެނގެނީ ބޭރުފުށުގެ ކަންތަކެވެ. އަދި އެ މީހުން ވަނީ، އާޚިރަތް ދުވަހާމެދު ޣާފިލު ވެގެންވާ ބަޔަކު ކަމުގައެވެ.
8
އަދި އެ މީހުން، އެ މީހުންގެ އަމިއްލަ ނަފްސުތަކާމެދު ފިކުރެއް ނުކުރޭހެއްޔެވެ؟ ހައްގު ގޮތުގައި، އަދި ކަނޑައެޅިގެންވާ އަޖަލަކަށް މެނުވީ އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއް ﷲ ނަހައްދަވައެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ގިނަމީހުން، އެ މީހުންގެ ރައްބާ ބައްދަލުވާނޭކަމަށްވަނީ ކާފިރު ވެގެންކަން ކަށަވަރެވެ.
9
އަދި ބިމުގައި ދަތުރުފަތުރުކޮށް، އެ މީހުންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން ފަހެ އެ މީހުން ނުބަލަނީހެއްޔެވެ؟ އެ މީހުންނަށްވުރެ ބާރުގަދަ ބަޔަކު ކަމުގައި، އެ މީހުން (އެބަހީ: ކުރިން އުޅުނު މީހުން) ވިއެވެ. އަދި އެ މީހުން ބިންގަނޑު (ދަނޑުގޮވާން ކުރުމަށާއި، މަޢުދަނުތައް ނެރުމަށް) ތައްޔާރުކުރިއެވެ. އަދި (މައްކާގެ މުޝްރިކުން) އެ ބިން އާބާދުކުރި ވަރަށްވުރެ ބޮޑަށް، އެ މީހުން އެ ބިން އާބާދުކުރިއެވެ. އަދި އެ މީހުންގެ ރަސޫލުން، ފާޅުވެގެންވާ މުއުޖިޒާތްތަކާއިގެން، އެ މީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ ﷲ، އެ މީހުންނަށް އަނިޔާކުރައްވާ ކަމުގައެއް ނުވެއެވެ. އެހެނެއްކަމަކު، އެ މީހުން، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާކުރާކަމުގައި ވިއެވެ.
10
ދެން ނުބައިކޮށް ކަންތައްކުރި މީހުންގެ ނިމުންވީ (އެ މީހުންނަށް ލިބުނު) އެންމެ ނުބައި ޖަޒާއަށެވެ. އެއީ އެ މީހުން ﷲ ގެ އާޔަތްތައް ދޮގުކޮށް، އެ އާޔަތްތަކަށް ފުރައްސާރަކޮށް އުޅުނު ބަޔަކު ކަމުގައިވީތީއެވެ.
11
ފުރަތަމަ ފަހަރަށް ޚަލްގުތަކުން އުފައްދަވައި، ދެން އަލުން އެ ޚަލްގުތައް އިއާދަކުރައްވަނީ ﷲ އެވެ. ދެން ތިޔަބައިމީހުން ރުޖޫއަކުރައްވާހުށީ އެ އިލާހުގެ ހަޒްރަތަށެވެ.
12
އަދި ގިޔާމަތް ދުވަސް އަންނަހިނދު، ކުށްވެރިންގެ އުއްމީދު ކެނޑިދެއެވެ.
13
(ﷲ ފިޔަވާ) އެ މީހުން އަޅުކަންކޮށް ޝަރީކު ކޮށްއުޅުނު އެއްވެސް ފަރާތެއް އެއީ، އެ މީހުންނާމެދު ޝަފާއަތްތެރިވާ ބަޔަކު ކަމުގައި ނުވިއެވެ. އަދި އެ މީހުން އަޅުކަންކޮށް ޝަރީކު ކޮށްއުޅުނު ފަރާތްތަކުގެ ސަބަބުން އެ މީހުން ވީ ކާފިރުން ކަމުގައެވެ.
14
ގިޔާމަތްވާ ދުވަހު އެ މީހުން (އެބަހީ: މީސްތަކުން) އެ ދުވަހުން ދެބަޔަކަށް ބައިވެގެން ދާނެއެވެ.
15
ފަހެ އީމާންވެ، ސާލިހު އަމަލުތައް ކުޅަމީހުން ދަންނާށެވެ. ފަހެ އެ މީހުން ވާހުށީ، އުފާވެ، ނިއުމަތް ލިބޭ ހާލު، (ސުވަރުގޭގެ) ބަގީޗާއެއްގައެވެ.
16
އަދި ކާފިރުވެ ތިމަން އިލާހުގެ އާޔަތްތަކާއި، އާޚިރަތާ ބައްދަލުވާނޭކަން ދޮގުކުރި މީހުން ދަންނާށެވެ. ފަހެ އެ މީހުން ވާހުށީ އަޒާބުގެ ތެރެއަށް ހާޒިރުކުރައްވާފައެވެ.
17
ފަހެ ތިޔަބައިމީހުން ރޭގަނޑުގެ ތެރެއަށް ވަންނަހިނދުގައްޔާއި، ފަތިހުގެ ތެރެއަށް ތިޔަބައިމީހުން ވަންނަހިނދު، ﷲ އަށް ތަސްބީހަ ކިޔައި ނަމާދުކުރާށެވެ!
18
އުޑުތަކާއި، ބިމުގައި އެންމެހާ ތައުރީފާއި ސަނާ މިލްކުވެގެންވަނީ އެ އިލާހަށެވެ. އަދި އަނދިރިވަމުން އަންނަ ވަގުތުގައްޔާއި، ތިޔަބައިމީހުން މެންދުރުގެ ތެރެއަށް ވަންނަހިނދުގައި (ﷲ އަށް ތިޔަބައިމީހުން ތަސްބީހަ ކިޔައި ނަމާދުކުރާށެވެ!)
19
މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި އެ އިލާހު ނެރުއްވައެވެ. އަދި ދިރޭ ތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވައެވެ. އަދި ބިން މަރުވެ އޮތުމަށް ފަހު އެ ބިން ދިރުއްވައެވެ. އަދި ތިޔަބައިމީހުން (ގިޔާމަތް ދުވަހުން) ނެރުއްވާހުށީވެސް ހަމަ އެފަދައިންނެވެ.
20
އަދި އެ އިލާހު ތިޔަބައިމީހުން ވެލީން އުފެއްދެވުންވަނީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ދެން އެ ހިނދު، ތިޔަބައިމީހުން އިންސާނުންގެ ގޮތުގައި (ބިމުގައި) ފެތުރިގެންވަމުއެވެ.
21
ތިޔަބައިމީހުންނަށް ޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެ ކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެ އިލާހު ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
22
އުޑުތަކާއި ބިން ހެއްދެވުމާއި، ތިޔަބައިމީހުންގެ ދޫތަކާއި (އެބަހީ: ބަސްތަކާއި) ކުލަތައް ތަފާތުވެފައިވާކަމީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން އެކަމުގައި (އެފަދަ ކަންތައް) ދަންނަމީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.
23
އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމާއި، އެ އިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތްކުރުންވަނީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން އެކަމުގައި އަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
24
އަދި ތިޔަބައިމީހުންނަށް ބިރުދެއްކެވުމުގެ ގޮތުންނާއި (ވާރެއާމެދު) އެދުންވެރި ކުރެއްވުމުގެ ގޮތުން، ވިދުވަރު ތިޔަބައިމީހުންނަށް ދެއްކެވުމާއި، ބިންގަނޑު މަރުވުމަށް ފަހު އުޑުން ފެން ވެއްސަވައި، އެ ފެނުގެ ސަބަބުން އެ ބިން އަލުން ދިރުއްވާކަން ވަނީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން ވިސްނާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
25
އަދި އެ އިލާހުގެ އަމުރުފުޅަށް، އުޑާއި ބިން ގާއިމުވެ އޮތުންވަނީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ދެން ބިމުގެ ތެރެއިން އެ އިލާހު ތިޔަބައިމީހުންނަށް (ކަށްވަޅުތަކުން ނުކުތުމަށް) ގޮވައިލައްވައިފިނަމަ، އެ ހިނދު ކުއްލިޔަކަށް ތިޔަބައިމީހުން ނުކުންނާނެއެވެ.
26
އަދި އުޑުތަކާއި، ބިމުގައި ވާހާ ބަޔަކު މިލްކުވެގެންވަނީ، އެ އިލާހަށެވެ. އެ އެންމެން އެ އިލާހަށް ކިޔަމަންވެގެންވެއެވެ.
27
އަދި އެ އިލާހީ ޚަލްގުތަކުން ފުރަތަމަ ފަހަރަށް އުފައްދަވައި، ދެން އަލުން އެ ޚަލްގުތައް އިއާދަކުރައްވާ އިލާހެވެ. އަދި އެ ކަމަކީ އެ އިލާހަށް ވަރަށް ވެސް ފަސޭހަ ކަމެކެވެ. އުޑުތަކާއި ބިމުގައި އެންމެ މަތިވެރި މިސާލު ވަނީ އެ އިލާހަށެވެ. އަދި އެ އިލާހީ ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
28
އެ އިލާހު ތިޔަބައިމީހުންގެ ނަފްސުތަކުން ތިޔަބައިމީހުންނަށް މިސާލެއް ޖެއްސެވިއެވެ. ތިޔަބައިމީހުންނަށް ތިމަން އިލާހު ދެއްވި ތަކެތީގައި ބައިވެރިވާ ބަޔަކު ތިޔަބައިމީހުންގެ އަޅުންގެ ތެރެއިން ވޭހެއްޔެވެ؟ ފަހެ ތިޔަބައިމީހުން އެކަމުގައި ހަމަހަމަވެގެންވޭހެއްޔެވެ؟ ތިޔަބައިމީހުންގެ އެއްބަޔަކު އަނެއް ބަޔަކަށް ބިރުގަންނަ ފަދައިން، އެ މީހުން ދެކެ ތިޔަބައިމީހުން ބިރުގަންނަމުހެއްޔެވެ؟ ވިސްނާބަޔަކަށް ތިމަން އިލާހުގެ އާޔަތްތައް ތަފްސީލު ކޮށްދެއްވަނީ އެފަދައިންނެވެ.
29
އަދި ކިއެއް! އަނިޔާވެރިވީ މީހުން ނުދަނެތިބެ، އެ މީހުންގެ އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ ﷲ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދައްކާނީ ކާކުހެއްޔެވެ؟ އަދި އެ މީހުންނަށް ނަސްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
30
ފަހެ ބާތިލު މަގުން އެއްކިބާވެ، ހައްގުގެ މަގަށް ތަބާ ވެގެންވާ ހާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނާ ކުރިމަތި ކުރައްވާށެވެ. އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
31
އެ އިލާހަށް ތިޔަބައިމީހުން ތައުބާވެ، ރުޖޫއަވާ ހާލުގައެވެ. އަދި އެ އިލާހަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ! އަދި މުޝްރިކުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ.
32
އެ މީހުންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން (ތިޔަބައިމީހުން ނުވާށެވެ.) ކޮންމެ ބަޔަކުމެ އެ މީހުންގެ ގާތުގައިވާ ގޮތާމެދު އުފާކޮށްކޮށް ތިބެތެވެ.
33
އަދި މީސްތަކުންނަށް ދަތި ހާލެއް ޖެހިއްޖެނަމަ، އެ މީހުންގެ ވެރި އިލާހަށް (ތައުބާވެ) ރުޖޫއަވާ ހާލު ދުއާކުރެއެވެ. ދެން އެ މީހުންނަށް އެ އިލާހުގެ ހަޒްރަތުން ރަހުމަތެއްގެ ރަހަ ދައްކަވައިފިނަމަ، އެ ހިނދު އޭގެ ތެރެއިން ބަޔަކު އެ މީހުންގެ ރައްބަށް ޝަރީކުކުރެއެވެ.
34
އެ މީހުންނަށް ތިމަން އިލާހު ދެއްވި ނިއުމަތަށް ކާފިރު ވުމަށް ޓަކައެވެ. ފަހެ ތިޔަބައިމީހުން (ދުނިޔޭގައި ވަގުތުކޮޅަކަށް) އަރާމު ލިބިގަންނާށެވެ! ފަހެ ނިކަންހުރެ ތިޔަބައިމީހުންނަށް (އޭގެ ނަތީޖާ) އެނގޭ ހުއްޓެވެ.
35
ނުވަތަ ތިމަން އިލާހަށް އެ މީހުން ޝަރީކުކުރުމަށް ބުނާ ހުއްޖަތެއް ތިމަން އިލާހު އެ މީހުންގެ މައްޗަށް ބާވައިލެއްވީހެއްޔެވެ؟
36
އަދި ތިމަން އިލާހު މީސްތަކުންނަށް ރަހުމަތެއްގެ ރަހަ ދައްކަވައިފިނަމަ، އެއާމެދު އެ މީހުން އުފާކުރެއެވެ. އަދި އެ މީހުންގެ އަތްތަކުން އިސްކުރި ކަންތައްތަކެއްގެ ސަބަބުން، އެ މީހުންނަށް ނުބައިކަމެއް ދިމާވެއްޖެނަމަ، އެ ހިނދު އުއްމީދު ކަނޑައިލާ ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
37
ހަމަކަށަވަރުން ﷲ، އެ އިލާހު އިރާދަކުރައްވާ މީހަކަށް ރިޒްގު ތަނަވަސް ކުރައްވާ، އަދި (އެ އިލާހު އިރާދަކުރައްވާ މީހަކަށް ރިޒްގު) ދަތިކުރައްވާކަން އެ މީހުން ނުދަންނަނީހެއްޔެވެ؟ ހަމަކަށަވަރުން އީމާންވާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
38
ފަހެ ތިމާގެމީހާއަށާއި، މިސްކީނާ އަށާއި، ދަތުރުވެރިޔާއަށާއި، (މިއިން ކޮންމެ މީހަކަށް) އެ މީހެއްގެ ހައްގު ދޭށެވެ! ﷲ ގެ ވަޖުހުފުޅު އެދިގެން އުޅޭ މީހުންނަށް އެ ގޮތް ހެޔޮކަން ބޮޑެވެ. އަދި އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
39
އަދި މީސްތަކުންގެ މުދަލުން ރިބާގެ ގޮތުގައި އިތުރުވުމަށް ޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، ﷲ ގެ ހަޒްރަތުގައި އިތުރުވެގެން ނުދާނެއެވެ. އަދި ﷲ ގެ ވަޖުހުފުޅު އެދިގެން ޒަކާތުގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ.) އިތުރުކުރާ ބަޔަކީ ހަމަ އެ މީހުންނެވެ.
40
ތިޔަބައިމީހުން ހައްދަވައި، ދެން ތިޔަބައިމީހުންނަށް ރިޒްގު ދެއްވާ، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން އަލުން ދިރުއްވަނީ ﷲ އެވެ. ތިޔަބައިމީހުންގެ ޝަރީކުންގެ ތެރެއިން މިއިން އެއްވެސްކަމެއްކުރާ މީހަކު ވޭހެއްޔެވެ؟ އެ މީހުން ޝަރީކުކުރާ ކަންތަކުން އެ އިލާހު ހުސްތާހިރުވަންތަވެ، މަތިވެރިވެ ވޮޑިގެންވެއެވެ.
41
މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެ މީހުން ކުރި ބައެއް އަމަލުގެ ރަހަ އެ މީހުންނަށް ދެއްކެވުމަށެވެ. (އެއީ) އެ މީހުން (ތައުބާވެ) ރުޖޫއަ ވުމަށް ޓަކައެވެ.
42
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން ކުރިން އުޅުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންތޯ ތިޔަބައިމީހުން ބަލައި ވިސްނާށެވެ! އޭގެ ތެރެއިން ގިނަމީހުން މުޝްރިކުން ކަމުގައިވިއެވެ.
43
ފަހެ (އެއްވެސް މީހަކަށް) ﷲ ގެ ހަޒްރަތުން ރައްދު ކުރެއްވުމެއްނުވާ ދުވަހެއް އައުމުގެކުރިން، ކަލޭގެފާނުގެ މޫނުފުޅު ސީދާވެގެންވާ ދީނަށް ކުރިމަތިކުރައްވާށެވެ. އެ ދުވަހުން އެ މީހުން (ދެބަޔަކަށް) ބައިވެގެންދާނެއެވެ.
44
ކާފިރުވި މީހާ (ދަންނާށެވެ.) ފަހެ އޭނާގެ ކާފިރު ކަން އޮންނާނީ، އޭނާގެ މައްޗަށެވެ. އަދި ސާލިހު އަމަލުކުޅަމީހުން (ދަންނާށެވެ.) ފަހެ އެ މީހުންގެ ނަފްސުތަކަށްޓަކައި އެ މީހުން މަގު ހޯދައެވެ.
45
(އެއީ) އީމާންވެ، ސާލިހު އަމަލުތައް ކުޅަމީހުންނަށް އެ އިލާހުގެ ފަޟްލުވަންތަކަމުން އެ މީހުންނަށް ޖަޒާ ދެއްވުމަށް ޓަކައެވެ. ހަމަކަށަވަރުން އެ އިލާހު، ކާފިރުންދެކެ ލޯބިވެވޮޑިގެނެއް ނުވެއެވެ.
46
އުފާވެރިކަމުގެ ޚަބަރު ދެނިވި ގޮތުގައި، ވައިރޯޅި ފޮނުއްވާކަން އެއީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. (އެއީ) ތިޔަބައިމީހުންނަށް އެ އިލާހުގެ ރަހުމަތުގެ ރަހަ ދެއްކެވުމަށާއި، އެ އިލާހުގެ އަމުރުފުޅަށް އުޅަނދުތައް ދުވުމަށާއި، އެ އިލާހުގެ ފަޟްލުވަންތަކަމުން ތިޔަބައިމީހުން އެދިގަތުމަށެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
47
ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިންވެސް އެ ބޭކަލުންގެ ގައުމުގެ މީހުންގެ ގާތަށް ތިމަން އިލާހު ރަސޫލުން ފޮނުއްވީމެވެ. ފަހެ އެ ބޭކަލުން އެ މީހުންގެ ގާތަށް ވަޑައިގަތީ، ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. ފަހެ (އެ ބޭކަލުން ދޮގުކޮށް) ފާފަކުރި މީހުންގެ ކިބައިން ތިމަން އިލާހު ބަދަލު ހިއްޕެވީމެވެ. އަދި މުއުމިނުންނަށް ނަސްރުދެއްވުމަކީ، ތިމަން އިލާހު މައްޗަށް ހައްގުވެގެންވާ ކަމެއް ކަމުގައި ވެއެވެ.
48
ﷲ އީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެ އިލާހު އިރާދަކުރައްވާ ފަދައަކުން އުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ އިލާހެވެ. ފަހެ އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާއަށް ފެންނާނެއެވެ. ފަހެ އެ އިލާހުގެ އަޅުތަކުންގެ ތެރެއިން އެ އިލާހު އިރާދަކުރައްވާ ބަޔަކަށް އޭގެ ނިއުމަތް ދެއްވާފިނަމަ، އެ ހިނދު ކުއްލިޔަކަށް އެ މީހުން އުފާ ހާސިލު ކޮށްގަނެއެވެ.
49
އަދި އޭގެ ކުރިން އެ މީހުންގެ މައްޗަށް ވާރޭ ވެއްސެވުމުގެކުރިން އުއްމީދު ކެނޑި، މާޔޫސްވެފައި ތިބިބަޔަކު ކަމުގައި އެ މީހުން ވިއެވެ.
50
ފަހެ ﷲ ގެ ރަހުމަތުގެ އަސަރުތައް ދެކެބަލާށެވެ! ބިންގަނޑު މަރުވުމަށް ފަހު، (ވާރޭގެ ސަބަބުން) އެ އިލާހު އެ ބިންގަނޑު ދިރުއްވަނީ ކޮންފަދައަކުންހެއްޔެވެ؟ ހަމަކަށަވަރުން އެ އިލާހީ، މަރުވެފައިވާ މީހުން ދިރުއްވާ އިލާހުކަން ކަށަވަރެވެ. އެ އިލާހީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހެވެ.
51
(ﷲ ފޮނުއްވި ރަހުމަތުގެ ސަބަބުން ބިމުންފަޅައި ހެދިގަތް ގަސްތަކުގެ މައްޗަށް) ހަމަކަށަވަރުން ތިމަން އިލާހު ވައިރޯޅިއެއް ފޮނުއްވައި (އޭގެ ސަބަބުން) އެ ގަސްތައް ދޮންވެ، ހިކިގެންދާތަން އެ މީހުންނަށް ފެނިއްޖެނަމަ، އޭގެފަހުންވެސް އެ މީހުން ކާފިރު ވުމުގައި ދެމިތިބޭކަން ކަށަވަރެވެ.
52
ފަހެ ހަމަކަށަވަރުން ކަލޭގެފާނަކަށް މަރުވެފައިވާ މީހުންނަށް އަޑެއް ނީއްވެވޭނެއެވެ. އަދި ބީރު މީހުންނަށް އެ މީހުން ފުރަގަސްދީދާ ހިނދު، ކަލޭގެފާނު ގޮވައިލައްވާ އަޑެއް ނީއްވެވޭނެއެވެ.
53
އަދި ކަނުމީހުންނަށް (އެބަހީ: މަގުފުރެދުމުން ކަނުވެފައިވާ މީހުންނަށް) އެ މީހުންގެ މަގުފުރެދުމުން އެއްކިބާ ކުރައްވާ، (ތެދުމަގު ދައްކަވާ) ހާދީއަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ. ތިމަން އިލާހުގެ އާޔަތްތަކަށް އީމާންވާ ބަޔަކަށް މެނުވީ، ކަލޭގެފާނަކަށް ނީއްވެވޭނެއެވެ. ފަހެ އެ މީހުންނީ، ﷲ އަށް ކިޔަމަންވާ މީހުންނެވެ.
54
ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި އިލާހަކީ ﷲ އެވެ. ދެން ބަލިކަށިކަމަށް ފަހު، ބާރެއްލައްވައި އަދި ބާރަށް ފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެ އިލާހެވެ. އެ އިލާހު އިރާދަކުރައްވާ އެއްޗެއް އެ އިލާހު ހައްދަވައެވެ. އަދި އެ އިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ އިލާހެވެ.
55
ގިޔާމަތުގެ ވަގުތުޖެހޭދުވަހު ކުށްވެރިން ހިނދުކޮޅަކަށް މެނުވީ އެ މީހުން ނުތިބޭކަމަށް ހުވާކުރާނެތެވެ. (ދުނިޔެމަތީގައި) އެ މީހުން ހައްގުން އެއްކިބާވާ ކަމުގައިވީ އެފަދައިންނެވެ.
56
އަދި އެބަޔަކަށް އިލްމާއި، އީމާންކަން ލިބިގެންވާ މީހުން ބުނާނެއެވެ. އަލުން ދިރުއްވާނޭ ދުވަހާ ޖެހެންދެން ﷲ ކަނޑައަޅުއްވާފައިވާގޮތަށް ހަމަކަށަވަރުން ތިޔަބައިމީހުން ތިބެއްޖައީމުއެވެ. ފަހެ މިއީ އަލުން ދިރުއްވައި ފޮނުއްވާ ދުވަހެވެ. އެހެނެއްކަމަކު ތިޔަބައިމީހުންވީ (އެ ކަން) ނުދަންނަ ކަމުގައެވެ.
57
ފަހެ އެ ދުވަހުން އަނިޔާވެރިންނަކަށް އެ މީހުން ދައްކާ އުޒުރަކުން މަންފާއެއް ނުކުރާނެތެވެ. އަދި ހެޔޮމަގަށް އެނބުރި ދިއުމަކަށް، އެ މީހުންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ.
58
ހަމަކަށަވަރުން ތިމަން އިލާހު މި ގުރްއާނުގައި މީސްތަކުންނަށް ހުރިހާ ބާވަތަކުން މިސާލު ޖެއްސެވީމެވެ. އަދި އެ މީހުންގެ ގާތަށް މުއުޖިޒާތަކާއިގެން ކަލޭގެފާނު ވަޑައިގެންފިނަމަ، ކާފިރު ވިމީހުން ބުނާނެކަން ކަށަވަރެވެ: ބާތިލުގެ އަހުލުވެރިން ކަމުގައި މެނުވީ ތިޔަބައިމީހުން ނުވަމުއެވެ.
59
(ﷲ ގެ އެއްކައުވަންތަކަން) ނުދަންނަ މީހުންގެ ހިތްތަކުގައި، ﷲ ސިއްކަޖައްސަވަނީ އެފަދައިންނެވެ.
60
ފަހެ ކަލޭގެފާނު ކެތް ކުރައްވާށެވެ. ހަމަކަށަވަރުން ﷲ ގެ ވައުދުފުޅަކީ ހައްގު ތެދެވެ. އަދި އީމާން ނުވާ މީހުން (ދައްކާ ވާހަކަތަކުން) ކަލޭގެފާނުގެ ކެތްތެރިކަން ކަނޑައިލިޔަ ނުދެއްވާށެވެ.