ސަބައި

Saba

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ހަމްދު ހުރީ ﷲ އަށެވެ. އެ އިލާހީ، އުޑުތަކާއި، ބިމުގައި ވާހާ އެއްޗަކާއި، ކަމެއް، އެ އިލާހަށް މިލްކުވެގެންވާ އިލާހެވެ. އަދި އާޚިރަތް ދުވަހުންވެސް ހަމްދު ހުރީ އެ އިލާހަށެވެ. އަދި އެ އިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
2
ބިމުގެ ތެރެއަށް ވަދެގެންދާހާތަކެއްޗާއި، އެ ބިމުގެ ތެރެއިން ނިކުންނަހާތަކެއްޗާއި، އުޑުން ފައިބާހާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާހާ އެއްޗެއް އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެ އިލާހީ އައްރަޙީމް، އަލްޣަފޫރެވެ.
3
ކާފިރުވި މީހުން ބުންޏެވެ. ގިޔާމަތް ވުމުގެ ވަގުތު ތިމަންމެންނާ ހަމަޔަކަށް ނާންނާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އަދި ކިއެއް! އެހެންނަކުންނޫނެވެ. ތިމަންގެ ރައްބު ގަންދެއްވަމެވެ. އެވަގުތު (އެބަހީ: ގިޔާމަތް ވުމުގެ ވަގުތު) ތިޔަބައިމީހުންނާ ހަމައަށް އަންނާނެކަން ކަށަވަރެވެ. އެ އިލާހީ، ޣައިބު ދެނެވޮޑިގެންވާ އިލާހެވެ. އުޑުތަކާއި، ބިމުގައިވާ ޒައްރެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެ އިލާހަށް ވަންހަނާވެގެންނެއް ނުވެއެވެ. ބަޔާން ވެގެންވާ ފޮތެއްގައި އެ ތަކެތި ލިޔުއްވާފައިވާ ކަމުގައި މެނުވީ ނުވެއެވެ.
4
(އެއީ) އީމާންވެ ސާލިހު އަމަލުތައްކުރި މީހުންނަށް (ހެޔޮ) ޖަޒާ ދެއްވުމަށް ޓަކައެވެ. އެ މީހުންނަށް ފާފަ ފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްގު ހުއްޓެވެ.
5
ތިމަން އިލާހުގެ (ބާވައިލެއްވި) އާޔަތްތަކާ ދެކޮޅުހަދަމުން ހިނގިމީހުން (ދަންނާށެވެ.) ވޭންދެވިނި އެންމެގަދަ އަޒާބުން އެ މީހުންނަށް އަޒާބު ހުއްޓެވެ.
6
ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ ހައްގު ބަސްފުޅު ކަމުގައި، އެ މީހުންނަށް އިލްމު ލިބިގެންވާ މީހުން ދެކޭނެއެވެ. އަދި އެ ފޮތް މަގުދައްކަނީ، ޢަޒީޒުވަންތަ، ހަމްދު ލިބިވޮޑިގެންވާ އިލާހުގެ މަގަށެވެ.
7
ކާފިރު ވިމީހުން ބުންޏެވެ. ތިޔަބައިމީހުން މަރުވެ، ކުދިކުދި އެތިކޮޅުތަކަކަށް ވަކިވެދާ ހިނދު، އަލުން އާ އުފެއްދުމެއްގައި ހަމަކަށަވަރުން ތިޔަބައިމީހުން އުފެދިގެންދާނެކަމަށް ތިޔަބައިމީހުންގެ ގާތުގައި ބުނެ، ޚަބަރު ދޭމީހަކު ތިޔަބައިމީހުންނަށް ތިމަންމެން ދައްކަންހެއްޔެވެ؟
8
އޭނާ ﷲ އާމެދު ހަދާގެން ދޮގެއް ބުނީހެއްޔެވެ؟ ނުވަތަ އޭނާގެ ކިބައިގައި މޮޔަކަމެއް ހުންނަނީހެއްޔެވެ؟ އަދި ކިއެއް! އާޚިރަތަށް އީމާން ނުވާ މީހުން (އާޚިރަތުގައި) ވަނީ އަޒާބުގައެވެ. އަދި (ދުނިޔޭގައި އެ މީހުން ވަނީ) ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
9
އަދި އުޑާއި، ބިމުން އެ މީހުންގެ ކުރިމަތީގައިވާތަނާއި، އެ މީހުންގެ ފުރަގަހުގައިވާތަން، އެ މީހުންނަށް ނުފެންނަނީހެއްޔެވެ؟ ތިމަން އިލާހު އިރާދަކުރައްވާނަމަ، ބިންގަނޑު އެ މީހުންނާއިގެން ގަންބަވައިގެންފާހުށީމެވެ. ނުވަތަ އުޑުން ތަންތަންގަނޑު އެ މީހުންގެ މައްޗަށް ވައްޓަވައިފާހުށީމެވެ. ހަމަކަށަވަރުން އެކަމުގައި އެ އިލާހަށް ތައުބާވެ، ރުޖޫއަވާ ކޮންމެ އަޅަކަށް ހެއްކެއްވާކަން ކަށަވަރެވެ.
10
އަދި ހަމަކަށަވަރުން ތިމަން އިލާހު ދާވޫދުގެފާނަށް ތިމަން އިލާހުގެ ހަޒްރަތުން ފަޟްލުވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަން އިލާހު ވަހީ ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއެވެ. އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް ތަސްބީހަ ކިޔާށެވެ. އަދި ދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަން އިލާހު ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ.
11
(ތިމަން އިލާހު އެކަލޭގެފާނަށް ވަހީ ކުރެއްވީމެވެ.) ތިމާމެންގެ ހަށިތައް ނިވައިކޮށް ރައްކާތެރިކުރާ ދަހަނާތައް ހައްދަވާށެވެ. އަދި ދަހަނާތައް ހެއްދެވުމުގައި، މިންތައް ބައްލަވައި، ރަނގަޅަށް ހަމަ ކުރައްވާށެވެ. އަދި ތިޔަބައިމީހުން ސާލިހު އަމަލުކުރާށެވެ! ހަމަކަށަވަރުން ތިމަން އިލާހީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
12
އަދި ސުލައިމާނުގެފާނަށް ތިމަން އިލާހު ވައިރޯޅި ކިޔަމަންކުރެއްވީމެވެ. އެ ވައިރޯޅީގެ ހެނދުނުގެ (އެބަހީ: މެންދުރުކުރީގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި އެ ވައިރޯޅީގެ ހަވީރުގެ (އެބަހީ: މެންދުރުފަހުގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި ތިމަން އިލާހު އެކަލޭގެފާނަށް ރަތުލޯވިރުވައި ދެއްވީމެވެ. އަދި އެކަލޭގެފާނުގެ ރައްބުގެ އަމުރުފުޅާއެކު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަސައްކަތްކުރާ ބަޔަކު، ޖިންނީންގެ ތެރެއިން ލެއްވީމެވެ. އެ ޖިންނީންގެ ތެރެއިން، ތިމަން އިލާހުގެ އަމުރުފުޅުން އެއްކިބާވެ، ނުކިޔަމަންތެރިވާ ބަޔަކަށް، ނަރަކައިގެ ހުޅުގަނޑުގެ އަޒާބުގެ ރަހަ ތިމަން އިލާހު ދައްކަވާހުށީމެވެ. (ނޯޓު: ވައިރޯޅީގެ މަސްދުވަހުގެ ދަތުރޭ ބުނެވުނީ ފައިމަގުގައި ހިނގާ ދަތުރުވެރިޔަކަށް މަސްދުވަހުން ދެވޭހާހިސާބަށް ވައިރޯޅީގެ ބޭނުން ކުރައްވާގެން ހެނދުނު ދަތުރެއް، ހަވީރު ދަތުރެއް ކުރެއްވޭނެގޮތް، ﷲ، ސުލައިމާނުގެފާނަށް މެދުވެރިކޮށްދެއްވުމަށެވެ.)
13
އުސްވެގެންވާ ބިނާތަކާއި، ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް އެ މީހުން އެކަލޭގެފާނަށް ހަދާދެތެވެ. އޭ ދާވޫދުގެފާނުގެ އާލުންނޭވެ. (އެ އިލާހަށް) ޝުކުރުވެރިވުމުގެ ގޮތުން ތިޔަބައިމީހުން (ހެޔޮ) އަމަލުކުރާށެވެ! އަދި ތިމަން އިލާހުގެ އަޅުތަކުންގެ ތެރެއިން ގިނައިން ޝުކުރުވެރިވާ މީހުން ވަރަށްމަދެވެ.
14
ދެންފަހެ އެކަލޭގެފާނު އަވަހާރަވުމަށް ތިމަން އިލާހު ނިޔާކުރެއްވި ހިނދު، ކަތުރުފަނި ނޫންއެއްޗެއް އެ މީހުންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖެއެވެ. ހަމަކަށަވަރުން އެ މީހުންނަށް ޣައިބު އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި އަޒާބުގައި (އެބަހީ: ގަދަ މަސައްކަތުގައި) އެ މީހުން ނުތިބީހެވެ.
15
ހަމަކަށަވަރުން ސަބާގެ އަހުލުވެރިން އުޅުނުތާނގައި، އެ މީހުންނަށް (އިލާހީ) ކުޅަދުންވަންތަކަމުގެ ހެއްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ރައްބު ދެއްވި ރިޒްގުން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެ އިލާހަށް ޝުކުރުވެރިވާށެވެ. (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ރައްބަކީ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހެވެ.
16
ދެން އެ މީހުން (އެ އިލާހުގެ ނިއުމަތަށް) ފުރަގަސްދިނެއެވެ. ދެން ތިމަން އިލާހު އެ މީހުންގެ މައްޗަށް ޑޭމުން ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު ފޮނުއްވީމެވެ. އަދި އެ މީހުންގެ ދެ ބަގީޗާގެ ބަދަލުގައި، އެ މީހުންނަށް ތިމަން އިލާހު އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެ ތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ދެ ބަގީޗާއެވެ.
17
އެ ޖަޒާ އެ މީހުންނަށް ތިމަން އިލާހު ދެއްވީ، އެ މީހުން ކާފިރު ވުމުގެ ސަބަބުންނެވެ. ކާފިރުވާ މީހުންނަށް މެނުވީ، ތިމަން އިލާހު އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟
18
އަދި ތިމަން އިލާހު އެ ރަށްތަކުގައި ބަރަކާތް ލެއްވި ރަށްތަކާއި، އެ މީހުންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގައި ހިނގާބިނގާއުޅުން ތިމަން އިލާހު މިންވަރު ކުރެއްވީމެވެ. (ތިމަން އިލާހު އެ މީހުންނަށް ވަހީ ކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ ހާލު، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ!
19
ފަހެ އެ މީހުން (ދުއާ ކޮށް) ދެންނެވިއެވެ: އަޅަމެންގެ ރައްބެވެ. އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް މިއަށްވުރެ ދުރުކުރައްވާފާނދޭވެ. އަދި އެ މީހުން، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވިއެވެ. ދެންފަހެ އެ މީހުންނީ (މީސްތަކުންގެ މެދުގައި) ދެކެވޭ ވާހަކަތަކެއް ކަމުގައި، ތިމަން އިލާހު ލެއްވީމެވެ. އަދި އެ ތަންމިތަނަށް ތިމަން އިލާހު އެ މީހުން ވަކިކުރައްވާ ވިއްސިވިހާލި ކުރެއްވީމެވެ. ހަމަކަށަވަރުން އެކަމުގައި ބޮޑަށް ކެތްތެރިވެ، ގިނަގިނައިން ޝުކުރުވެރިވާ ކޮންމެ މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
20
ހަމަކަށަވަރުން އިބްލީސް، އޭނާގެ ހީ، އެ މީހުންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ މުއުމިނުންކުރެ ބަޔަކުމެނުވީ، އެ އެންމެން، އިބްލީސާ ތަބާވިއެވެ.
21
އަދި އާޚިރަތަށް އީމާންވާ މީހުންނާއި، އާޚިރަތާމެދު ޝައްކުކަމެއްގައިވާ މީހުން ތިމަން އިލާހު ދެނެވޮޑިގެން، އެ ކަން ހާމަ ކުރެއްވުމަށް ޓަކައިމެނުވީ، އެ މީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ އިބްލީސަކަށް ލިބިގެނެއް ނުވެއެވެ. އަދި ކަލޭގެފާނުގެ ރައްބަކީ، ކޮންމެ އެއްޗެއްގެމައްޗަށް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
22
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ފިޔަވާ ތިޔަބައިމީހުން އެ އިލާހަށް ޝަރީކު ކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ޒައްރެއްގެ މިންވަރުވެސް އެ މީހުންނަކަށް މިލްކުވެގެނެއް ނުވެއެވެ. އަދި އެ ދެތާނގައި އެ މީހުންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެ އިލާހަށް އެއްވެސް އެހީތެރިޔަކު އެ މީހުންގެ ތެރެޔަކުން ނުވެއެވެ.
23
އަދި އެ މީހަކަށް އެ އިލާހުގެ އިޒުނަ ދެއްވާފި މީހަކަށް މެނުވީ، އެ އިލާހުގެ ހަޒްރަތުގައި ޝަފާއަތްތެރިކަމުން މަންފާއެއް ނުކުރާނެއެވެ. އެ މީހުންގެ ހިތްތަކުން ބިރުވެރިކަން ކެނޑިއްޖައުމަށް ދާންދެނެވެ. (އެ ހިނދު) އެ މީހުން (އެކަކު އަނެކަކަށް) ބުނާނެއެވެ: ތިޔަބައިމީހުންގެ ރައްބު ވަހީ ކުރެއްވީ ކީކޭހެއްޔެވެ؟ އެ މީހުން (އެކަކު އަނެކަކަށް) ބުނާނެއެވެ: (އެ އިލާހު ވަހީ ކުރެއްވީ) ހައްގު ބަސްފުޅެވެ. އެ އިލާހީ މަތިވެރިވަންތަ، ބޮޑުވެގެންވާ އިލާހެވެ.
24
ކަލޭގެފާނު ވިދާޅުވާށެވެ. އުޑުތަކާއި، ބިމުން ތިޔަބައިމީހުންނަށް ރިޒްގު ދެއްވަނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. (ރިޒްގު ދެއްވަނީ) ﷲ އެވެ. އަދި ހަމަކަށަވަރުން ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
25
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންމެން ކުރި ފާފަޔާމެދު ތިޔަބައިމީހުންނާ ސުވާލެއް ނުކުރައްވާނެއެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ (ނުބައި) އަމަލުތަކާމެދުވެސް، ތިމަންމެންނަކާ ސުވާލެއް ނުކުރައްވާނެއެވެ.
26
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންމެންގެ ރައްބު (ގިޔާމަތް ދުވަހުން) ތިމަންމެން އެންމެން އެއްތަނަކަށް އެއް ކުރައްވާނެއެވެ. ދެން ތިމަންމެންގެ މެދުގައި އެ އިލާހު ހައްގަށް ނިޔާކުރައްވާ، ހުކުމް ކުރައްވާނެއެވެ. އަދި އެ އިލާހީ، މޮޅަށް ހުކުމް ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
27
ކަލޭގެފާނު ވިދާޅުވާށެވެ. ބައިވެރިން ކަމުގައި އެ އިލާހަށް ތިޔަބައިމީހުން ނިސްބަތްކުރި ފަރާތްތައް ތިމަންނާއަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ހަމަހިލާ އެހެންނަކުން ނޫނެވެ. އަދި ކިއެއް! އެ އިލާހީ، ޢަޒީޒުވަންތަ ޙަކީމްވަންތަ ﷲ އެވެ.
28
އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަން އިލާހު، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
29
އެ މީހުން ބުނެއެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ އަޒާބުގެ) ވައުދު އަންނާނީ ކޮންއިރަކުންހެއްޔެވެ؟
30
ކަލޭގެފާނު ވިދާޅުވާށެވެ. އެ ވައުދަށް ކަނޑައަޅުއްވާފައިވާ ދުވަހެއް ތިޔަބައިމީހުންނަށްވެއެވެ. އެ ދުވަހަށްވުރެ އެންމެހިނދުކޮޅަކަށް ވެސް ތިޔަބައިމީހުންނަކަށް ލަހެއް ނުކުރައްވާހުއްޓެވެ. އަދި އިހެއްވެސް ނުމެ ކުރައްވާހުއްޓެވެ.
31
އަދި ކާފިރު ވިމީހުން ބުންޏެވެ. ތިމަންމެން މި ގުރްއާނަކަށް ވެސް، އަދި މީގެކުރީގެ ފޮތްތަކަކަށް ވެސް އީމާނެއް ނުވާނަމެވެ. އަނިޔާވެރިން އެ މީހުންގެ ރައްބުގެ ހަޒްރަތުގައި ހުއްޓިތިބޭ ހިނދު، ކަލޭގެފާނު ދެކެވަޑައިގަންނަވާނެނަމައެވެ. (އެ ހިނދު) އެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ބަސް ރައްދުކޮށް ހަދާނެއެވެ. ނިކަމެތިވެގެންވާ މީހުން، ބޮޑާވެގަތް މީހުންނަށް ބުނާނެއެވެ. ތިޔަބައިމީހުން ނުވާނަމަ، ތިމަންމެން މުއުމިނުންކަމުގައި ވީސްކަން ކަށަވަރެވެ.
32
ބޮޑާވެގަތްމީހުން، ނިކަމެތިވެގެންވާ މީހުންނަށް ބުންޏެވެ. ތިޔަބައިމީހުންނާ ހަމައަށް ތެދުމަގު އައުމަށް ފަހު، އެ ތެދުމަގުން ތިޔަބައިމީހުން އެއްކިބާކުރީ ތިމަންމެންހެއްޔެވެ؟ އަދި ކިއެއް! ތިޔަބައިމީހުންނީ، ކުށްކުރާބަޔަކު ކަމުގައިވީމުއެވެ.
33
އަދި ނިކަމެތިވެގެންވާ މީހުން، ބޮޑާވެގަތް މީހުންނަށް ބުންޏެވެ. އަދި ކިއެއް! އެއީ (ތިޔަބައިމީހުންގެ) ރެޔާދުވާލުގެ މަކަރެވެ. އެއީ ﷲ އަށް ތިމަންމެން ކާފިރުވެ، އަދި އެ އިލާހަށް ޝަރީކުންތަކެއް ލުމަށް ތިޔަބައިމީހުން ތިމަންމެންނަށް އަމުރުކުޅަހިނދެވެ. އަދި އެ މީހުން އަޒާބު ދުށްހިނދު، އެ ކަމުގެ މައްޗަށް ހިތާމަކޮށް އެ ކަން ވަންހަނާކުރިއެވެ. އަދި ކާފިރުވި މީހުންގެ ކަނދުރާތަކުގައި، ތިމަން އިލާހު ކަސްތޮޅުތައް ލެއްވީމެވެ. (ފަހެ) އެ މީހުން އަމަލުކުރަމުން ގެންދިޔަ ގޮތަށްމެނުވީ، އެ މީހުންނަށް ޖަޒާ ލިބޭނެހެއްޔެވެ؟
34
އެ ރަށެއްގައިތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުން ތިމަންމެން މި ތިބީ، ތިޔަ ރަސޫލުން އެކަމަކާއިގެން ފޮނުއްވެވި ކަމަކަށް ހަމަކަށަވަރުން ކާފިރު ވެގެންނޭ ނުބުނާ އެއްވެސް ރަށަކަށް، ބިރުވެރިކަމުގެ ޚަބަރު ދެއްވާ ރަސޫލަކު ތިމަން އިލާހު ނުފޮނުއްވަމެވެ.
35
އަދި އެ މީހުން ބުންޏެވެ. މުދަލުގެ ގޮތުންނާއި، ދަރިންގެ ގޮތުން، ތިމަންމެން މާގިނައެވެ. އަދި ތިމަންމެންނީ (އާޚިރަތުގައި) އަޒާބު ދެއްވާނެ ބަޔަކު ކަމުގައި ނުވަމުއެވެ.
36
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންގެ ރައްބު އިރާދަކުރައްވާ މީހަކަށް ރިޒްގު ތަނަވަސްކޮށްދެއްވައެވެ. އަދި (އެ އިލާހު އިރާދަކުރައްވާ މީހަކަށް ރިޒްގު) ދަތިކުރައްވައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އެ ކަމެއް ނުދަނެއެވެ.
37
އަދި ތިޔަބައިމީހުންގެ މުދާވިޔަސް، އަދި ދަރިންވިޔަސް، އެއީ ތިމަން އިލާހުގެ ހަޒްރަތަށް ތިޔަބައިމީހުން ކުއްތަންކުރާކަމެއް ކަމުގައި ނުވެއެވެ. އީމާންވެ ސާލިހު އަމަލު ކޮށްފިމީހާ މެނުވީއެވެ. ފަހެ އެ މީހުން ކުރި ހެޔޮ އަމަލަށް ގިނަގުނަވެގެންވާ ސަވާބު އެ މީހުންނަށް ހުއްޓެވެ. އަދި އެ މީހުން ވާނީ ސުވަރުގޭގެ މަތީ ކޮޓަރިކޮޅުތަކުގައި، އަމާންކަން ލިބިގެންވާ ހާލުގައެވެ.
38
އަދި ތިމަން އިލާހުގެ އާޔަތްތަކާމެދު ދެކޮޅުހަދަން މަސައްކަތްކުރާ މީހުން (ދަންނާށެވެ.) އެ މީހުން އަޒާބުގެ ތެރެއަށް ހާޒިރުކުރައްވާނެއެވެ.
39
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންގެ ރައްބު، އެ އިލާހުގެ އަޅުންގެ ތެރެއިން އިރާދަކުރައްވާ އަޅަކަށް ރިޒްގު ތަނަވަސްކޮށްދެއްވައެވެ. އަދި އެ އިލާހު (އިރާދަކުރައްވާ) އަޅަކަށް (ރިޒްގު) ދަތިކުރައްވައެވެ. އަދި ތިޔަބައިމީހުން (އެ އިލާހުގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެ އިލާހު އޭގެ ބަދަލު ދެއްވައެވެ. އަދި އެ އިލާހީ، ރިޒްގު ދެއްވާ، އެންމެހެޔޮ އިލާހެވެ.
40
އަދި އެ އިލާހު، އެ މީހުން އެންމެން މަހުޝަރަށް ފޮނުއްވާ ދުވަސް (ހަނދުމަ ކުރާށެވެ!) ދެން އެ އިލާހު މަލާއިކަތުންނަށް ވަހީ ކުރައްވާނެއެވެ: ތިޔަ މަލާއިކަތުންނަށް އަޅުކަންކޮށް އުޅުނީ މިތިބަ މީހުންހެއްޔެވެ؟
41
އެ މަލާއިކަތުން ދަންނަވާނެއެވެ: އިބަ އިލާހުގެ ހުސްތާހިރުވަންތަ ކަމާއެވެ. އިބަ އިލާހީ އަޅަމެންގެ އެހީތެރިވަންތަ އިލާހެވެ. އެ މީހުންނެއް ނޫނެވެ. އަދި ކިއެއް! އެ މީހުން އަޅުކަންކޮށް އުޅުނީ ޖިންނީންނަށެވެ. އޭގެ ގިނަ މީހުން ތިބީ އެ ޖިންނީންނަށް އީމާންވެގެންނެވެ.
42
ފަހެ މިއަދު ތިޔަބައިމީހުންކުރެ އެއްބަޔަކަށް އަނެއް ބަޔަކު މަންފާއެއް ކުރުމެއްވިޔަސް، ނުވަތަ ގެއްލުމެއް ދިނުންވިޔަސް، މިލްކުވެގެންނެއް ނުވެއެވެ. އަދި އަނިޔާވެރިވީ މީހުންނަށް ތިމަން އިލާހު ވަހީ ކުރައްވާހުށީމެވެ. ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކައިގެ އަޒާބުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!
43
އަދި އެ މީހުންނަށް ތިމަން އިލާހުގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، އެ މީހުން ބުނެއެވެ. ތިޔަބައިމީހުންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތިން، ތިޔަބައިމީހުން އެއްކިބާކުރުމަށް ގަސްދު ކޮށްގެންއުޅޭ މީހަކުކަމުގައި މެނުވީ، މީނާ (އެބަހީ: ރަސޫލާ) ނުވެއެވެ. އަދި އެ މީހުން ބުނެއެވެ. އަމިއްލައަށް އުފައްދާފައިވާ ދޮގެއް ކަމުގައި މެނުވީ މި (ގުރްއާން) ނުވެއެވެ. އަދި އެ މީހުންނަށް، ހައްގު ގުރުއާން އައި ހިނދު، އެ ގުރްއާނާމެދު ކާފިރު ވިމީހުން ބުންޏެވެ. ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ މި ނުވެއެވެ.
44
އަދި އެ މީހުން ކިޔަވައިއުޅޭނެ ފޮތްތަކެއް، ތިމަން އިލާހު އެ މީހުންނަކަށް ނުދެއްވަމެވެ. އަދި އެ މީހުންގެ ގާތަށް ބިރުވެރިކަމުގެ ޚަބަރު ދެއްވާ އެއްވެސް ރަސޫލަކު ތިމަން އިލާހު، ކަލޭގެފާނުގެ ކުރިޔަކުން ނުފޮނުއްވަމެވެ.
45
އަދި އެ މީހުންގެ ކުރީގެ މީހުންވެސް ދޮގުކުރިއެވެ. އަދި އެ މީހުންނަށް ތިމަން އިލާހު ދެއްވި އާރާއި ބާރުގެ ދިހަބައިކުޅައެއްބަޔާ ހަމައަށް ވެސް އެ މީހުންނެއް (އެބަހީ: މައްކާގެ މުޝްރިކުން) ނުފޯރަތެވެ. ފަހެ އެ މީހުން ތިމަން އިލާހު ފޮނުއްވި ރަސޫލުން ދޮގުކުރިއެވެ. ފަހެ ތިމަން އިލާހުގެ އިންކާރުކުރެއްވުންވީ، ކޮންފަދައަކުންހެއްޔެވެ؟
46
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަން، ތިޔަބައިމީހުންނަށް ނަސޭހަތްތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން ﷲ އަށްޓަކައި (ހައްގު މަގު ހޯދުމުގައި) ގާއިމު ވެތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ. ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ގެ ކިބައިގައި އެއްވެސް މޮޔަކަމެއްނެތެވެ. ގަދަވެގެންވާ އަޒާބެއްގެކުރިން އެއާމެދު ތިޔަބައިމީހުންނަށް ބިރުވެރިކަމުގެ ޚަބަރު ދެއްވާ ރަސޫލަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެއެވެ.
47
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ކިބައިން އެއްވެސް އުޖޫރައަކަށް ތިމަންއެދިފައިވާނަމަ، ފަހެ އެއީ ތިޔަބައިމީހުންނަށެވެ. ތިމަންނައަށް ދަރުމަދެއްވުން ﷲ އަށް މެނުވީ ނުވެއެވެ. އަދި އެ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ އިލާހެވެ.
48
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންގެ ރައްބު ހައްގު ގޮތް ފޮނުއްވައެވެ. (އެ އިލާހީ) ޣައިބުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
49
ކަލޭގެފާނު ވިދާޅުވާށެވެ. ހައްގު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާތިލަކަށް (އެއްވެސް އެއްޗެއް) ނުއުފެއްދޭނެތެވެ. އަދި އިޢާދެއްވެސް ނުމެކުރެވޭނެމެއެވެ.
50
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަން މަގުފުރެދިއްޖެނަމަ، ފަހެ ތިމަން މަގުފުރެދޭކަން ކަށަވަރީ، ތިމަންގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. (އެބަހީ: އެ ކަމުގެ ގެއްލުންހުރީ ތިމަންގެ އަމިއްލަ ނަފްސަށެވެ.) އަދި ތިމަންނާއަށް ތެދުމަގު ލިބިއްޖެނަމަ، ފަހެ އެއީ ތިމަންގެ ރައްބު ތިމަންނާއަށް އިއްވަވާ ވަހީގެ ސަބަބުންނެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، ކުއްތަންވެވޮޑިގެންވާ އިލާހެވެ.
51
އެ މީހުން (ގިޔާމަތް ދުވަހު) ބިރުން ސިހިގެންދާ ހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ފަހެ އެ ހިނދު ސަލާމަތްވެގެން ދިއުމެއް ނެތެވެ. އަދި ގާތުގައިވާ ތަނަކުން އެ މީހުން ހިއްޕަވައި ގެންދަވާނެއެވެ.
52
އަދި އެ މީހުން ބުނާނެއެވެ. ތިމަންމެން (މިހާރު) އެ ގުރްއާނަށް އީމާން ވެއްޖައީމެވެ. ދުރުގައިވާ ތަނަކުން އެ އީމާންކަން އެ މީހުންނަށް ލިބޭނީ ކިހިނަކުންހެއްޔެވެ؟
53
މީގެކުރިން އެ މީހުން ވަނީ އެ ގުރްއާނަށް ކާފިރު ވެފައިކަން ކަށަވަރެވެ. އަދި ނުފެންނަ ކަންތަކާމެދު ދުރުތަނަކުން އެ މީހުން ހީއެއްގެ މައްޗަށް ވާހަކަދައްކައި އުޅުނެވެ.
54
އަދި އެ މީހުން އެދޭކަންތަކާއި، އެ މީހުންނާދެމެދު ހުރަސްއެޅުއްވިއެވެ. އެ މީހުންނާ އެއްފަދަވެގެންވާ މީހުންނާމެދު، ކުރިން ކަންތައް ކުރެއްވި ފަދައިންނެވެ. ހަމަކަށަވަރުން އެ މީހުން ވީ ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައެވެ.