ފާޠިރު

Fatir

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ހަމްދު ހުރީ ﷲ އަށެވެ. އެ އިލާހީ، އިސްވެދިޔަ މިސާލަކާ ނުލާ އުޑުތަކާއި، ބިން އުފެއްދެވި އިލާހެވެ. ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ މަލާއިކަތުން އެއީ (އެކިއެކި ކަންކަމާއިގެން) ފޮނުއްވާ ބަޔަކު ކަމުގައި ލެއްވި އިލާހެވެ. ހެއްދެވުމުގައި އެ އިލާހު އިރާދަކުރައްވާ ގޮތަކަށް އިތުރު ކުރައްވައެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
2
މީސްތަކުންނަށް ޓަކައި ﷲ އެއްވެސް ރަހުމަތެއް ހުޅުއްވަވާނަމަ، ފަހެ އެ ރަހުމަތް ހިފަހައްޓާނެ މީހަކު ނުވެއެވެ. އަދި އެ އިލާހު ކަމެއް ހިފަހައްޓަވާނަމަ، އެ ކަން އެ އިލާހަށް ފަހު ވީއްލާނެ މީހަކު ނުވެއެވެ. އެ އިލާހީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
3
އޭ މީސްތަކުންނެވެ. ﷲ ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ހަނދުމަކުރާށެވެ! ﷲ މެނުވީ ތަކެތި ހައްދަވާ، އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒްގު ދެއްވާ އިލާހަކު ވޭހެއްޔެވެ؟ އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. ފަހެ ތިޔަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުންހެއްޔެވެ؟
4
އަދި އެ މީހުން ކަލޭގެފާނު ދޮގުކުރާނަމަ، ފަހެ ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިންވެސް ރަސޫލުން ދޮގުކުރެވުނެވެ. އަދި އެންމެހާ ކަންތައް ރުޖޫއަ ކުރައްވާހުށީ ﷲ ގެ ހަޒްރަތަށެވެ.
5
އޭ މީސްތަކުންނެވެ. ހަމަކަށަވަރުން ﷲ ގެ ވައުދުފުޅަކީ ހައްގު ތެދެވެ. ފަހެ ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ. އަދި ﷲ އާމެދު ޝައިތާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ.
6
ހަމަކަށަވަރުން ޝައިތާނާއަކީ، ތިޔަބައިމީހުންނަށްވާ އަދާވާތްތެރިޔެކެވެ. ފަހެ އެ ޝައިތާނާއީ، އަދާވާތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖަމާއަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ވުމަށެވެ.
7
ކާފިރުވި މީހުންނަށް ގަދަވެގެންވާ އަޒާބު ހުއްޓެވެ. އަދި އީމާންވެ ސާލިހު އަމަލުކުރި މީހުންނަށް ފާފަ ފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުއްޓެވެ.
8
ފަހެ އެ މީހެއްގެ ނުބައި އަމަލު، އެ މީހަކަށް ޒީނަތްތެރި ކުރެވި އަދި އެއީ ރަނގަޅު އަމަލުކަމުގައި ދެކެފި މީހާ (ތެދުމަގު ލިބުނުމީހާއާ އެއްފަދަހެއްޔެވެ؟) ފަހެ ހަމަކަށަވަރުން، ﷲ، އެ އިލާހު އިރާދަކުރައްވާ މީހަކު މަގުފުރައްދަވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވައެވެ. ފަހެ އެ މީހުންގެ މައްޗަށް ހިތާމަ ކުރެއްވުމުގައި، ކަލޭގެފާނުގެ ނަފްސު ހަލާކުވިޔަނުދެއްވާށެވެ. ހަމަކަށަވަރުން ﷲ އީ، އެ މީހުން ކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.
9
އަދި ﷲ އީ، ވައިރޯޅި ފޮނުއްވި އިލާހެވެ. ފަހެ އެ ވައިރޯޅި ވިލާތައް އުފުލައެވެ. އަދި މަރުވެފައިވާ ރަށަކަށް، ތިމަން އިލާހު އެ ވިލާތައް ގެންދެވީމެވެ. ފަހެ ބިންގަނޑު މަރުވެފައި އޮތުމަށް ފަހު، އެ ވިލާތަކުގެ ފެނުން ތިމަން އިލާހު އެ ބިން ދިރުއްވީމެވެ. (ގިޔާމަތް ދުވަހުން) އަލުން ދިރުއްވައި ފޮނުއްވުންވަނީވެސް އެފަދައިންނެވެ.
10
އިއްޒަތްތެރިކަން އެދޭ މީހާ (ދަންނާށެވެ.) ފަހެ އެންމެހާ އިއްޒަތެއް، މިލްކުވެގެން ވަނީ ﷲ އަށެވެ. ހެޔޮވެގެންވާ ބަސް އެ އިލާހާ ހަމައަށް އަރައެވެ. އަދި ސާލިހު އަމަލު ވެސް އެ އިލާހު އުފުލައްވައެވެ. އަދި ނުބައި ކަންތައް ރާވައިހަދާ މީހުންނަށް ގަދަވެގެންވާ އަޒާބުހުއްޓެވެ. އަދި ގެއްލި ހަލާކުވެދާނީ ހަމަ އެ މީހުންގެ ރޭވުންތަކެވެ.
11
ވެލިން، ދެން މަނިތިއްކަކުން، ތިޔަބައިމީހުން ހެއްދެވީ ﷲ އެވެ. ދެން ދެ ޖިންސުގެ މީހުން ކަމުގައި އެ އިލާހު ތިޔަބައިމީހުން ލެއްވިއެވެ. އަދި އެ އިލާހުގެ ދެނެވޮޑިގަތުމާއެކުގައި މެނުވީ، އަންހެނަކު މާބަނޑެއް ނުވެއެވެ. އަދި ނުވެސް ވިހާމެއެވެ. އަދި ފޮތެއްގައި ކަނޑައަޅުއްވާފައިވާ ގޮތުން މެނުވީ، އުމުރު ދިގު މީހެއްގެ އުމުރު ދިގުވެގެން ނުދެތެވެ. އަދި އޭނާގެ އުމުރުކުރުވެގެންވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން އެ ކަންތަކަކީ، ﷲ އަށް ދާދިފަސޭހަ ކަމެކެވެ.
12
ދެކަނޑު ހަމަހަމަވެގެން ނުވެއެވެ. (އެބަހީ: ކަނޑުގެ ލޮނުގަނޑާއި ކޯރުގެ މީރު ފެން، ހަމަހަމަވެގެނެއް ނުވެއެވެ.) މިއީ މީރުކަން ބޮޑު، ބުއިމަށް ފަސޭހަ މީރު ފެނެވެ. އަދި މިއީ ލޮނުކަން ގަދަ ލޮނު ހިތި ފެނެވެ. އަދި އެއިން ކޮންމެ ތަނަކުން ތިޔަބައިމީހުން ތާޒާ މަސްކަމުއެވެ. އަދި ތިޔަބައިމީހުން އަޅައި އުޅޭ ގަހަނާ އެ ކަނޑުން ނެރެމުއެވެ. އަދި އެ ކަނޑުގައި ގޮސްއައިސްވާ އުޅަނދުތައް ތިބާ ދެކޭނެއެވެ. (އެއީ) ތިޔަބައިމީހުން އެ އިލާހުގެ ފަޟްލުވަންތަކަމުން އެދުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
13
އެ އިލާހު ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައި، އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައި، އަދި އިރާއި ހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އެއީ ﷲ އެވެ. (އެ އިލާހީ) ތިޔަބައިމީހުންގެ ރައްބެވެ. ވެރިކަންވަނީ އެ އިލާހަށެވެ. އަދި އެ އިލާހު ފިޔަވާ ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެއެވެ.
14
ތިޔަބައިމީހުން އެ ފަރާތްތަކަށް ގޮވިޔަސް، އެ ފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެއެވެ. އަދި އެގޮވުން އެ ފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެ ފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން ޝަރީކުކުޅަކަމާމެދު ގިޔާމަތް ދުވަހުން އެ ފަރާތްތައް އިންކާރުކުރާނެތެވެ. ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހު ފަދައިން ކަލޭގެފާނަށް ޚަބަރު ދޭނެ ހަމަ އެކަކުވެސް ނެތެވެ.
15
އޭ މީސްތަކުންނެވެ. ﷲ އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ހަމްދު ލިބިވޮޑިގެންވާ އިލާހެވެ.
16
އެ އިލާހު އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި އާ މަޚްލޫގުންތަކެއް ގެންނަވައިފާހުއްޓެވެ.
17
އަދި އެ ކަންތައް ﷲ އަށް އުނދަގޫ ކަމަކަށް ނުވެއެވެ.
18
އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ފާފައިން ބަރުވެފައިވާ ނަފްސެއް، އެ އުފުލުމަށް (އެހެން ފަރާތަކަށް) ގޮވިޔަސް، އެއީ ގާތްތިމާގެކަމުގެ އަހުލުވެރިޔެއް ކަމުގައިވިޔަސް، އެއިން ހަމަ އެކައްޗެއްވެސް ނުއުފުލޭނެތެވެ. ކަލޭގެފާނު އިންޒާރުކުރައްވާކަން ކަށަވަރީ، ނުފެންނަތާނގައި އެ މީހުންގެ ރައްބަށް ބިރުވެތިވެ، ނަމާދު ގާއިމުކޮށްއުޅޭ މީހުންނަށެވެ. އަދި (ކާފިރުކަމުން) ތާހިރު ވެގަންނަމީހާ، ފަހެ އެ މީހާ ތާހިރު ވެގަންނަކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. އަދި އެނބުރި ދިޔުން ވަނީ ﷲ ގެ ހަޒްރަތަށެވެ.
19
އަދި ކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވެގެން ނުވެއެވެ.
20
އަދި އަނދިރިކަމާއި، އަލިކަމާވެސް ހަމަހަމަވެގެން ނުވެއެވެ.
21
އަދި ހިޔަލާއި، ގަދަ އަތްވާވެސް ހަމަހަމަވެގެން ނުވެއެވެ.
22
އަދި ދިރިތިބިތަކެއްޗާއި، މަރުވެފައިވާތަކެއްޗާ ހަމަހަމަވެގެން ނުވެއެވެ. ހަމަކަށަވަރުން ﷲ އެ އިލާހު އިރާދަކުރައްވާ މީހަކަށް، އިއްވަވައިދެއްވައެވެ. އަދި ކަށްވަޅުތަކުގައިވާ މީހުންނަށް އިއްވަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.
23
އިންޒާރުކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ.
24
ހަމަކަށަވަރުން ތިމަން އިލާހު ހައްގު ދީނާއިގެން ކަލޭގެފާނު ފޮނުއްވީ، އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި އެ އުއްމަތަކަށް އިންޒާރުކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް އުއްމަތެއް ނުވެއެވެ.
25
އަދި އެ މީހުން ކަލޭގެފާނު ދޮގުކުރާނަމަ، ފަހެ އެ މީހުންގެ ކުރީގެ މީހުންވެސް ހަމަކަށަވަރުން (ރަސޫލުން) ދޮގުކުރިއެވެ. އެ މީހުންގެ ގާތަށް އެ މީހުންގެ ރަސޫލުން ވަޑައިގަތީ، ފާޅުވެގެންވާ ހެކިތަކާއި، ލިޔުއްވާފައިވާ ފޮތްތަކާއި، އަލިކުރަނިވި ފޮތާއިގެންނެވެ.
26
ދެން ތިމަން އިލާހު، ކާފިރު ވިމީހުން ހިއްޕަވައި ގެންދެވީމެވެ. ފަހެ ތިމަން އިލާހު އުގޫބާތް ދެއްވުންވީ ކޮންފަދައަކުންހެއްޔެވެ؟
27
ހަމަކަށަވަރުން ﷲ އުޑުން ފެން ވެއްސެވިކަން ތިބާ ނުދަންނަމުހެއްޔެވެ؟ ފަހެ ކުލަތައް ތަފާތުވެގެންވާ މޭވާތައް، އެ ފެނުގެ ސަބަބުން ތިމަން އިލާހު ނެރުއްވީމެވެ. އަދި ފަރުބަދަތަކުގެ ތެރޭގައި ހުދުކުލައާއި، ރަތްކުލައާއި، ކަޅުކަންގަދަ ކަޅުކުލައާއި، އަދި ކުލަތައް ތަފާތުވެގެންވާ މަގުތައް ހުރި ފަރުބަދަތައްވެއެވެ.
28
އަދި މީސްތަކުންގެ ތެރެއިންނާއި، ދިރޭ ތަކެތީގެ ތެރެއިންނާއި، ނައަމްސޫފީގެ ތެރެއިންވެސް ހަމަ އެފަދައިން ކުލަތައް ތަފާތުވެގެންވާ ތަކެތިވެއެވެ. ﷲ އަށް ބިރުވެތިވާކަން ކަށަވަރީ، އެ އިލާހުގެ އަޅުންގެ ތެރެއިން އިލްމުވެރިންނެވެ. ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހެވެ.
29
ހަކަމަށަވަރުން ﷲ ގެ ފޮތް ކިޔަވާ، އަދި ނަމާދު ގާއިމުކޮށް، އަދި ތިމަން އިލާހު އެ މީހުންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކުރާ މީހުން، އެ މީހުން އެ އުއްމީދުކުރަނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށެވެ.
30
(އެއީ) އެ އިލާހު އެ މީހުންނަށް އެ މީހުންގެ ދަރުމަ ހަމައަށް ދެއްވާ އަދި އެ އިލާހުގެ ފަޟްލުވަންތަކަމުން އެ މީހުންނަށް އިތުރުކޮށްދެއްވުމަށް ޓަކައެވެ. ހަމަކަށަވަރުން އެ އިލާހީ، ގިނަގިނައިން ފާފަ ފުއްސަވާ، ގިނަގިނައިން ޝުކުރުވެރިވެ ވޮޑިގަންނަވާ އިލާހެވެ.
31
ފޮތުގެ ތެރެއިން ކަލޭގެފާނަށް ތިމަން އިލާހު ވަހީކުރެއްވިތަކެއްޗަކީ، އޭގެކުރީގައިވާ ފޮތްތައް ތެދުކުރާ ހައްގު ތެދުބަސްފުޅެވެ. ހަމަކަށަވަރުން ﷲ އީ، އެ އިލާހުގެ އަޅުތަކުންގެ ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހުކަން ކަށަވަރެވެ.
32
ދެން ތިމަން އިލާހުގެ އަޅުތަކުންގެ ތެރެއިން ތިމަން އިލާހު ޚިޔާރުކުރެއްވި ބަޔަކަށް، ފޮތް ވާރުތަކޮށްދެއްވީމެވެ. ފަހެ އެ މީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ ބަޔަކު، އެ މީހުންގެ ތެރެއިން ވެއެވެ. އަދި (ހެޔޮކަންތައް ކުރުމުގައި) މެދުމިންވެ ތިބޭ މީހުން، އެ މީހުންގެ ތެރެއިންވެއެވެ. އަދި ﷲ ގެ އިޒުނަފުޅާއެކު، ހެޔޮކަންތަކުގައި ކުރިއަރައިދާ މީހުން އެ މީހުންގެ ތެރެއިންވެއެވެ. ބޮޑުވެގެންވާ ފަޟްލުވަންތަކަމަކީ ހަމައެއީއެވެ.
33
(އެއީ) ޢަދްނޭ ކިޔުނު ސުވަރުގެތަކެވެ. އެ މީހުން އެ ސުވަރުގެތަކަށް ވަންނާނެއެވެ. އެ ތާނގައި ރަނުންނާއި ރަންމުތުންވާ އުޅާތަކުން އެ މީހުންނަށް ގަހަނާ އެޅުއްވޭނެއެވެ. އަދި އެ ތާނގައި އެ މީހުންގެ ފޭރާންވާހުށީ ފަށުއިންނެވެ.
34
އަދި އެ މީހުން ބުނާނެއެވެ. ހަމްދު ހުރީ ﷲ އަށެވެ. އެ އިލާހީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި އިލާހެވެ. ހަމަކަށަވަރުން ތިމަންމެންގެ ރައްބަކީ، ގިނަގިނައިން ފާފަ ފުއްސަވާ، ގިނަގިނައިން ޝުކުރުވެރިވެ ވޮޑިގަންނަވާ އިލާހުކަން ކަށަވަރެވެ.
35
އެ އިލާހީ، އެ އިލާހުގެ ފަޟްލުވަންތަކަމުން، ތިމަންމެން ގާއިމުވެ ތިބުމުގެ ގޮވަތީގައި (އެބަހީ: ސުވަރުގޭގައި) ވަޒަންވެރިކުރެއްވި އިލާހެވެ. އެ ތާނގައި ވަރުބަލިވުމެއް ތިމަންމެންނަކަށް ނުލިބޭނެއެވެ. އަދި އެ ތާނގައި ފޫހިކަމެއްވެސް ތިމަންމެންނަކަށް ނުމެލިބޭނޭމެއެވެ.
36
އަދި ކާފިރު ވިމީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. ފަހެ އެ މީހުން މަރުވުމަކަށް، އެ މީހުންގެ މައްޗަށް ނިޔާއެއް ނުކުރައްވާނެއެވެ. އަދި ނަރަކައިގެ އަޒާބުން ބައެއް، އެ މީހުންގެ ކިބަޔަކުން ލުޔެއްވެސް ނުމެ ކުރައްވާނޭމެއެވެ. ކާފިރުވާ ކޮންމެ މީހަކަށް ތިމަން އިލާހު އަޒާބު ދެއްވަނީ އެފަދައިންނެވެ.
37
އެ މީހުން އެ ނަރަކައިގައި ރޮއިހޭރި ދަންނަވާނެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެން ކުރަމުން ގެންދިޔަ (ނުބައި) އަމަލު ނޫން ސާލިހު އަމަލުކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ. ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަން އިލާހު ތިޔަބައިމީހުންގެ އުމުރު ނުދަންމަވަންހެއްޔެވެ؟ އަދި އިންޒާރުކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ ތިޔަބައިމީހުން (އަޒާބުގެ) ރަހަ ލިބިގަންނާށެވެ! ފަހެ އަނިޔާވެރިންނަށް ނަސްރު ދޭނެ އެއްވެސް މީހަކު ނުވެއެވެ.
38
ހަމަކަށަވަރުން ﷲ އީ، އުޑުތަކާއި، ބިމުގެ ޣައިބު ދެނެވޮޑިގެންވާ އިލާހެވެ. ހަމަކަށަވަރުން އެ އިލާހީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
39
ބިމުގައި ޚަލީފާއިންތަކެއް ކަމުގައި ތިޔަބައިމީހުން ލެއްވީ އެ އިލާހެވެ. ފަހެ ކާފިރު ވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހާގެ ކާފިރު ކަން އޮތީ ހަމަ އެ މީހާގެ މައްޗަށެވެ. އަދި ކާފިރުންނަށް އެ މީހުން ކާފިރު ވުމުގެ ސަބަބުން، އެ މީހުންގެ ރައްބުގެ ހަޒްރަތުގައި ކޯފާ މެނުވީ އިތުރެއް ނުވާނެއެވެ. އަދި ކާފިރުވި މީހުންނަށް އެ މީހުންގެ ކާފިރުކަމުގެ ސަބަބުން ގެއްލުމެއް މެނުވީ އިތުރެއް ނުވާނެއެވެ.
40
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ޝަރީކުންނާމެދު ނިކަން ޚަބަރު ދީ ބަލާށެވެ! އެ ތަކެތި ބިމުން ހެދީ ކޮންތަނެއްކަން ތިމަން ކަލޭގެފާނަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެއްދެވުމުގައި ބައިވެރިވުމެއް އެ ތަކެއްޗަށް ވަނީހެއްޔެވެ؟ ނުވަތަ އެއިން ކަމެއްގެ މައްޗަށް ހެއްކެއްގެ މަތީގައި އެ މީހުން ވުމަށް ތިމަން އިލާހު އެ މީހުންނަށް ފޮތެއް ދެއްވާފައިވަނީހެއްޔެވެ؟ އަދި ކިއެއް! އަނިޔާވެރިން އެއްބަޔަކު އަނެއް ބަޔަކަށް ހެއްލުންތެރިކަމަކަށް މެނުވީ ވައުދެއް ނުކުރެއެވެ.
41
ހަމަކަށަވަރުން ﷲ، އުޑުތަކާއި ބިން އެހުރިގޮތުން ނެއްޓިދިޔަ ނުދެއްވާ ހިފަހައްޓަވައެވެ. އަދި ހަމަކަށަވަރުން އެހުރިގޮތުން އެ ދެތަން ނެއްޓިއްޖެނަމަ، އެ އިލާހު ފިޔަވާ އެ ތަންތަން ހިފަހައްޓާނެ އެއްވެސް މީހަކު ނުވެއެވެ. ހަމަކަށަވަރުން އެ އިލާހީ، ޙަލީމްވަންތަ ގިނަގިނައިން ފާފަ ފުއްސަވާ އިލާހު ކަމުގައިވެއެވެ.
42
އެ މީހުންގެ އެންމެ ގަދަ ހުވައިން ﷲ ގަންދީ އެ މީހުން ހުވާކޮށް ބުންޏެވެ: ހަމަކަށަވަރުން އެ މީހުންގެ ގާތަށް ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ވަޑައިގެންފިނަމަ، އެހެން ކޮންމެ އުއްމަތަކަށްވުރެ ބޮޑަށް ތެދުމަގުގައިވާ ބަޔަކު ކަމުގައި ޔަގީނުންވެސް އެ މީހުން ވީސްކަން ކަށަވަރެވެ. ފަހެ ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު އެ މީހުންގެ ގާތަށް ވަޑައިގެންނެވި ހިނދު، އެއިން ނަފުރަތުވެ ދުރުހެލިވުން މެނުވީ، އެ މީހުންނަކަށް އިތުރެއް ނުވިއެވެ.
43
(އެއީ) ބިންމަތީގައި ބޮޑާވެގަތުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުން އޭގެ އަހުލުވެރިންނަށް މެނުވީ ނުޖެހޭނެތެވެ. ފަހެ އިސްވެދިޔަ މީހުންނާމެދު، ﷲ ކަންހިންގެވިގޮތަށް މެނުވީ އެ މީހުން އިންތިޒާރުކުރޭހެއްޔެވެ؟ ފަހެ ﷲ، ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. އަދި ﷲ، ކަންހިންގަވާގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.
44
އެ މީހުން ބިމުގައި ދަތުރު ފަތުރުކޮށް، އެ މީހުންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ އެ މީހުން ނުބަލަނީހެއްޔެވެ؟ އަދި އެ މީހުންނަށްވުރެ (އެބަހީ: މައްކާގެ އަހުލުވެރިންނަށްވުރެ) ބާރުގަދަ ބަޔަކު ކަމުގައި އެ މީހުން ވިއެވެ. އަދި އުޑުތަކުގައިވިޔަސް، ބިމުގައިވިޔަސް، ﷲ ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެއެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ އިލާހު ކަމުގައިވެއެވެ.
45
މީސްތަކުން ހޯދައިގަތް ފާފަތަކުގެ ސަބަބުން، ﷲ، އެ މީހުންނަށް (ވަގުތުން) އުގޫބާތް ދެއްވާނަމަ، ހިނގާބިނގާއުޅޭ އެއްވެސް ދިރޭ އެއްޗެއް އެ ބިންމަތީގައި ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައަޅުއްވާފައިވާ މުއްދަތަކަށް އެ އިލާހު އެ މީހުން ފަސް ކުރައްވައެވެ. ފަހެ އެ މީހުންގެ އަޖަލު އައުމުން، (އެ މީހުންނަށް ޖަޒާ ދެއްވާނެއެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، އެ އިލާހުގެ އަޅުތަކުންނަށް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހު ކަމުގައިވެއެވެ.