ޙާ މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
ބަޔާން ވެގެންވާ ފޮތް (އެބަހީ: ގުރްއާން) ގަންދެއްވަމެވެ.
ހަމަކަށަވަރުން ތިމަން އިލާހު އެ (ގުރްއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން އިންޒާރުކުރައްވާ އިލާހަކު ކަމުގައި ތިމަން އިލާހު ވޮޑިގެންވަމެވެ.
އެ ރޭގައި، ކަނޑައެޅިފައިވާ ކޮންމެ ކަމެއް ނިޔާކޮށް ލިޔުއްވެއެވެ.
(އެއީ) ތިމަން އިލާހުގެ ހަޒްރަތުން އައި އަމުރެއް ކަމުގައެވެ. ހަމަކަށަވަރުން ރަސޫލުން ފޮނުއްވާ އިލާހަކު ކަމުގައި ތިމަން އިލާހު ވޮޑިގެންވަމެވެ.
(އެއީ) ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ފޮނުއްވާ ރަހުމަތެއް ކަމުގައެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
(އެއީ) އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ރައްބެވެ. ތިޔަބައިމީހުން ޔަގީންކުރާ ބަޔަކު ކަމުގައިވާނަމައެވެ.
އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އެހެން އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ އެ އިލާހެވެ. އެއީ ތިޔަބައިމީހުންގެ ރައްބެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެސް ރައްބެވެ.
އަދި ކިއެއް! އެ މީހުން ޝައްކުކަމެއްގައި ކުޅެކުޅެ ތިބެތެވެ.
ފަހެ ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް އިންތިޒާރުކުރާށެވެ!
އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެ މީހުން ބުނާނެއެވެ.) މިއީ ވޭންދެނިވި އަޒާބެކެވެ.
އަޅަމެންގެ ރައްބެވެ. އަޅަމެންގެ ކިބައިން އަޒާބު ފިއްލަވާނދޭވެ. ހަމަކަށަވަރުން އަޅަމެން އީމާން ވާހުށީމުއެވެ.
އެ މީހުން ނަސޭހަތް ލިބިގަންނާނީ ކޮންފަދައަކުންހެއްޔެވެ؟ އެ މީހުންގެ ގާތަށް ބަޔާންވެގެންވާ ރަސޫލަކު ވަނީ ވަޑައިގެންފައެވެ.
ދެން އެ މީހުން އެކަލޭގެފާނަށް ފުރަގަސްދިނެއެވެ. އަދި އެ މީހުން ބުންޏެވެ. އެކަލޭގެފާނީ، އުނގަންނައިދެވިފައިވާ މޮޔައެކެވެ.
ހަމަކަށަވަރުން ތިމަން އިލާހު ކުޑަހިނދުކޮޅަކަށް އަޒާބު ފިއްލަވާހުށީމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ، (ކާފިރުކަމަށް) އެނބުރި އަންނާނޭ ބަޔެކެވެ.
ބޮޑުވެގެންވާ، ގަދަފަދަ ހިއްޕެވުމަކުން ތިމަން އިލާހު ހިއްޕަވާ ދުވަސް ހަނދުމަކުރާށެވެ! ހަމަކަށަވަރުން ތިމަން އިލާހު (އެ މީހުންގެ ކިބައިން އެ ދުވަހުން) ބަދަލުހިއްޕަވާހުށީމެވެ.
ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންގެ ކުރިން ފިރްޢައުނުގެ ގައުމުގެ މީހުން އިމްތިހާނުކުރެއްވީމެވެ. އަދި އެ މީހުންގެ ގާތަށް މާތްވެގެންވާ ރަސޫލަކު ވަޑައިގަތެވެ.
(ވިދާޅުވަމުންނެވެ.) އޭ ﷲ ގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބާ ވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި އަމާނާތްތެރި ރަސޫލަކީމެވެ.
އަދި (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ﷲ ގެ މައްޗަށް ބޮޑާވެނުގަންނަހުށިކަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ބަޔާންވެގެންވާ ދަލީލެއް ގެންނަވާހުށީމެވެ.
ތިޔަބައިމީހުން ތިމަންކަލޭގެފާނު ރަޖަމްކުރުމުން ސަލާމަތް ކުރެއްވުންއެދި ތިމަންގެ ވެރި، އަދި ތިޔަބައިމީހުންގެ ވެސް ރައްބުގެ ހަޒްރަތުން، ހަމަކަށަވަރުން ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ.
އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އީމާން ނުވިނަމަ، ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނާ ވަކިވާށެވެ.
ފަހެ އެކަލޭގެފާނުގެ ރައްބަށް އެކަލޭގެފާނު ދުއާ ކުރައްވާ ވިދާޅުވިއެވެ: މިބައިމީހުންނީ ކުށްވެރިވެގެންވާ ބަޔެކެވެ.
(އެ އިލާހު ވަހީކުރެއްވިއެވެ:) ފަހެ ތިމަން އިލާހުގެ އަޅުތަކުންނާއިގެން ރޭގަނޑެއްގައި ކަލޭގެފާނު ހިންގަވައި ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަހަތުން (ފިރްޢައުނާއި، އޭނާގެ ލަޝްކަރު) އަންނާނެއެވެ.
އަދި ކަނޑު އެއޮތްގޮތަށް (އެބަހީ: އެ ކަނޑު އިރުއްވެވިގޮތަށް) ހިމޭންކަމާއެކު ދޫކޮށްލައްވާށެވެ. ހަމަކަށަވަރުން އެ މީހުންނީ ޣަރަގު ކުރައްވާނޭ ލަޝްކަރެކެވެ.
ކިތައްކިތައް ބަގީޗާއާއި، ކިތައްކިތައް އާރު، އެ މީހުން ދޫކުރިހެއްޔެވެ؟
އަދި ދަނޑުތަކާއި، ރީތި ގޭގެ ވެސްމެއެވެ.
އަދި އުފަލުގައި އެ މީހުން ދިރިއުޅުނުކަމުގައިވި ނިއުމަތުގެ ތަނަވަސް ދިރިއުޅުމެވެ.
(ކަންތައްހުރީ) އެފަދައިންނެވެ. އަދި ތިމަން އިލާހު އެ ތަކެތި އެހެންބަޔަކަށް ވާރުތަކުރެއްވީމެވެ.
ފަހެ އެ މީހުންގެ މައްޗަކަށް އުޑެއްވެސް، އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ. އަދި އެ މީހުންނީ މުހުލަތް ދެއްވާފައިވާ ބަޔަކު ކަމުގައި ނުވެއެވެ.
ހަމަކަށަވަރުން ނިކަމެތިކަންދެނިވި އަޒާބުން، ތިމަން އިލާހު އިސްރާއީލުގެ ދަރިން މިންޖުކުރެއްވީމެވެ.
(އެއީ) ފިރްޢައުނުގެ ކިބައިންނެވެ. ހަމަކަށަވަރުން (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިން ކިބުރުވެރިޔަކު ކަމުގައި އޭނާ ވިއެވެ.
އަދި ހަމަކަށަވަރުން ތިމަން އިލާހު ދެނެވޮޑިގަތުމުގެމަތިން އާލަމްތަކުގެ މައްޗަށް އެ މީހުން ޚިޔާރުކުރެއްވީމެވެ.
އަދި ބަޔާންވެގެންވާ އިމްތިހާނެއް އޭގައި އެކުލެވިގެންވާ ހެކިތައް ތިމަން އިލާހު އެ މީހުންނަށް ދެއްވީމެވެ.
ހަމަކަށަވަރުން މިބައިމީހުން ބުނާކަން ކަށަވަރެވެ.
އެއީ ތިމަންމެންގެ ފުރަތަމަ މަރުކަމުގައިމެނުވީ ނުވެއެވެ. އަދި ތިމަންމެންނީ، އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކު ކަމުގައި ނުވަމުއެވެ.
ފަހެ ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން (ދިރުވައި) ގެނެސްބަލާށެވެ!
ރަނގަޅީ އެ މީހުންހެއްޔެވެ؟ ނުވަތަ ތުއްބަޢުގެ ގައުމުގެ މީހުންނާއި، އެ މީހުންގެ ކުރިންއުޅުނު މީހުންހެއްޔެވެ؟ ތިމަން އިލާހު އެ މީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން އެ މީހުން ވީ ކުށްވެރިން ކަމުގައެވެ.
ތިމަން އިލާހު، އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ.
ހައްގު ގޮތުގައި މެނުވީ ތިމަން އިލާހު، އެ ދެތަނެއް ނަހައްދަވަމެވެ. އެހެނެއްކަމަކު، އެ މީހުން ކުރެ ގިނަމީހުންނަކަށް (އެ ކަމެއް) ނޭނގެތެވެ.
ހަމަކަށަވަރުން ނިޔާކުރެއްވުމުގެ ދުވަހަކީ، އެ މީހުން އެންމެންނަށް ކަނޑައަޅުއްވާފައިވާ މީޢާދެވެ.
(އެއީ) އެއްވެސް އެހީތެރިޔަކަށް، އަނެއް އެހީތެރިޔެއްގެ ކިބައިން އެއްވެސްކަމެއް ފުއްދައިނުދެވޭނޭ ދުވަހެވެ. އަދި ނަސްރު ލިބޭނޭ ބަޔަކު ކަމުގައިވެސް އެ މީހުން ނުވެއެވެ.
ﷲ ރަހުމަތް ލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން އެ އިލާހީ އަލްޢަޒީޒު، އައްރަޙީމެވެ.
ހަމަކަށަވަރުން ޒައްގޫމު ގަހަކީ،
(ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ.
ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެއެވެ.
ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ.
(ޒަބާނިއްޔަ މަލާއިކަތުންނަށް އަންގަވާނެއެވެ.) ގަދަފަދަކަމާއެކު އެ މީހާ ނަރަކައިގެ މެދަށް ދަމައި ގެންދާށެވެ!
ދެން އޭނާގެ ބޮލަށް، ކެކި އުތުރިއަރާ ހޫނުފެނުގެ އަޒާބު އޮއްސާށެވެ!
(އަދި އޭނާއަށް އަންގަވާނެއެވެ.) ކަލޭ (އަޒާބުގެ) ރަހަ ދެކޭށެވެ! ކަލެޔަކީ ހަމަ، ބާރުގަދަ މާތް މީހަކީމުއެވެ.
ހަމަކަށަވަރުން މިއީ ތިޔަބައިމީހުން އެ ކަންތަކާމެދު ޝައްކު ކޮށްއުޅުނު ކަންތަކެވެ.
ހަމަކަށަވަރުން ތަގުވާވެރިން ތިބޭހުށީ އަމާންކަން ލިބިގެންވާ ތަނެއްގައެވެ.
ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިއުމަތްގައެވެ.
އެ މީހުން ލައިއުޅޭހުށީ، ސުންދުސާއި، އިސްތަބްރަގު ފޭރާމެވެ. ތިބޭހުށީ އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެންނެވެ.
(ކަންހުރީ) އެފަދައިންނެވެ. އަދި ތިމަން އިލާހު އެ މީހުން ޙޫރުލްޢީނުންނާ ކާވެނިކޮށްދެއްވާހުށީމެވެ.
އެ ތާނގައި އަމާންކަންމަތީގައި ތިބޭ ހާލު، ހުރިހާ ބާވަތެއްގެ މޭވާ ގެނައުމަށް އެ މީހުން އެދޭނެތެވެ.
ފުރަތަމަފަހަރު މަރުވި މަރުވުން ފިޔަވާ، އެ ތާނގައި އެ މީހުން މަރުގެ ރަހައެއް ނުދެކޭނެއެވެ. އަދި ނަރަކައިގެ އަޒާބުން، އެ އިލާހު އެ މީހުން ސަލާމަތް ކުރައްވާނެއެވެ.
ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އައި ފަޟްލުވަންތަވެރިކަމެއްގެ ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ.
ފަހެ ތިމަން އިލާހު، އެ ފޮތް ކަލޭގެފާނުގެ ބަހުން ފަސޭހަކޮށްދެއްވިކަން ކަށަވަރީ، އެ މީހުން ހަނދުމަކުރުމަށް ޓަކައެވެ.
ފަހެ ކަލޭގެފާނު ބަލަބަލައި ހުންނަވާށެވެ. ހަމަކަށަވަރުން އެ މީހުން ވެސް ބަލަބަލައި ތިބޭނެތެވެ.