ފާޅުވެ ބަޔާން ވެގެންވާ ފަތަޙަކުން، ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ.
އެއީ ކަލޭގެފާނުގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް ﷲ ފުއްސަވައިދެއްވުމަށް ޓަކައެވެ. އަދި އެ އިލާހުގެ ނިއުމަތް ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށް ޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށް ޓަކައެވެ.
އަދި ގަދަފަދަވެގެންވާ ނަސްރަކުން ކަލޭގެފާނަށް ނަސްރު ދެއްވުމަށް ޓަކައެވެ.
އެ އިލާހީ، މުއުމިނުންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި އިލާހެވެ. އެއީ އެ މީހުންގެ އީމާންކަމުގެ މައްޗަށް، އެ މީހުންނަށް އީމާންކަން އިތުރުވުމަށް ޓަކައެވެ. އުޑުތަކާއި، ބިމުގެ ލަޝްކަރު މިލްކުވެގެންވަނީ، ﷲ އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
(އެއީ) މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން، އެ އިލާހު ސުވަރުގެތަކަށް ވެއްދެވުމަށް ޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެ ތާނގައި، އެ މީހުން ދެމިތިބޭގޮތުގައެވެ. އަދި އެ މީހުންގެ ކުށްފާފަތައް އެ މީހުންގެ ކިބައިން ފުއްސެވުމަށް ޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި ﷲ ގެ ހަޒްރަތުގައި އެ ކަންތައްވިއެވެ.
އަދި މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނާއި، ޝަރީކުކުރާ ފިރިހެނުންނާއި، ޝަރީކުކުރާ އަންހެނުންނަށް އަޒާބު ދެއްވުމަށް ޓަކައެވެ. އެ މީހުންނީ، ﷲ އާމެދު ނުބައި ހީތައް ކުރާ މީހުންނެވެ. ނުބައިގޮތް ދިމާވުންއޮތީ އެ މީހުންގެ މައްޗަށެވެ. އަދި ﷲ އެ މީހުންގެ މައްޗަށް ކޯފާވެ ވޮޑިގެންނެވިއެވެ. އަދި އެ މީހުންނަށް ލައުނަތް ލެއްވިއެވެ. އަދި އެ މީހުންނަށް ޓަކައި ނަރަކަ ތައްޔާރު ކުރެއްވިއެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
އުޑުތަކާއި، ބިމުގެ ލަޝްކަރުތައް މިލްކުވެގެންވަނީ ﷲ އަށެވެ. އަދި ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރު ދެއްވާ، (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ.
(އެއީ) ތިޔަބައިމީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އީމާން ވުމަށް ޓަކައެވެ. އަދި އެ އިލާހަށް ނަސްރުވެރިވުމަށާއި، އެ އިލާހަށް މާތްކޮށްހިތުމަށް ޓަކައެވެ. އަދި އެ އިލާހަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން ތަސްބީހަ ދެންނެވުމަށް ޓަކައެވެ.
ހަމަކަށަވަރުން ކަލޭގެފާނަށް ބައިއަތު ހިފާމީހުން ބައިއަތު ހިފާކަންކަށަވަރީ ﷲ އަށެވެ. ﷲ ގެ އަތްޕުޅުވަނީ، އެ މީހުންގެ އަތްތަކަށްވުރެ މަތީގައެވެ. ފަހެ އަހުދު އުވާލައިފިމީހާ (ދަންނާށެވެ.) ފަހެ އެ މީހާ އަހުދު އުވައިލާކަންކަށަވަރީ، އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަދި އެ ކަމެއްގެ މައްޗަށް އެ މީހަކު ﷲ އަށް ވެފައިވާ އަހުދު ފުއްދައިފިމީހާ (ދަންނާށެވެ.) ފަހެ ﷲ އެ މީހަކަށް ބޮޑުވެގެންވާ ދަރުމަ ދެއްވާނެއެވެ.
އަޢުރާބީންގެ ތެރެއިން ހަނގުރާމައަށް ނުގޮސް ފަސްޖެހުނުމީހުން ކަލޭގެފާނަށް ދަންނަވާނެއެވެ. ތިމަންމެންގެ މުދާތަކާއި، ތިމަންމެންގެ އަހުލުވެރިން ތިމަންމެން ހަނގުރާމައަށް ދިޔުން މަޝްޣޫލު ކޮށްފިއެވެ. ފަހެ ތިމަންމެންގެ ފާފަ ފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގެންދެއްވާށެވެ. އެ މީހުންގެ ހިތްތަކުގައި ނުވާއެއްޗެއް، އެ މީހުންގެ ދޫތަކުން ބުނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނަށް ގެއްލުމަކަށް އިރާދަކުރައްވާފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް މަންފާއަކަށް އިރާދަކުރައްވާފިނަމަ، ﷲ ގެ ހަޒްރަތުން އެއްވެސްކަމެއް މިލްކުވެގެންވަނީ، ތިޔަބައިމީހުންކުރެ ފަހެ ކާކަށްހެއްޔެވެ؟ އަދި ކިއެއް! ތިޔަބައިމީހުންކުރާ އަމަލުތައް މޮޅަށްދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
އަދި ކިއެއް! ތިޔަބައިމީހުން ހީކުރީ ރަސޫލާއާއި، މުއުމިނުން އެ މީހުންގެ އަހުލުވެރިންގެ ގާތަށް ދުވަހަކުވެސް އެނބުރިވަޑައި ނުގަންނަވާނެކަމަށެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އެ ކަން ޒީނަތްތެރި ކުރެއްވިއެވެ. އަދި ތިޔަބައިމީހުން ނުބައިހީތައް ހީކުރީމުއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކު ކަމުގައި ތިޔަބައިމީހުންވީމުއެވެ.
އަދި ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އީމާން ނުވާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ތިމަން އިލާހު ކާފިރުންނަށް ޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވީމެވެ.
އަދި އުޑުތަކާއި، ބިމުގެ ވެރިކަންވަނީ ﷲ އަށެވެ. އެ އިލާހު އިރާދަކުރައްވާ މީހަކަށް ފާފަ ފުއްސަވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކަށް އަޒާބު ދެއްވައެވެ. އަދި ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
ޣަނީމާތަކެއް އަތުލުމަށް ޓަކައި، ޣަނީމާތަކަކަށް (އެބަހީ: ހަނގުރާމައަށް) ތިޔަބައިމީހުން ހިނގައްޖެނަމަ، ހަނގުރާމައަށް ނުގޮސް ފަސްޖެހުނުމީހުން ބުނާހުއްޓެވެ. ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔުމަށް ތިމަންމެން ދޫކޮށްލާށެވެ! އެ މީހުން އެދެނީ، ﷲ ގެ ބަސްފުޅު ބަދަލުކުރުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންމެންގެ ފަހަތުން ތިޔަބައިމީހުން އައިސްގެންނުވާނެއެވެ. މީގެކުރިން ﷲ އަންގަވާފައިވަނީ އެފަދައިންނެވެ. ދެން އެ މީހުން ބުނާނެއެވެ. އަދި ކިއެއް! ތިޔަބައިމީހުން ތިމަންމެންނާ ހަސަދަވެރިވަނީއެވެ. އަދި ކިއެއް! ދާދިކުޑަކޮށް މެނުވީ އެ މީހުންނަކަށް ނުވިސްނެތެވެ.
އަޢުރާބީންގެ ތެރެއިން ހަނގުރާމައަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ގަދަފަދަވެގެންވާ ބާރެއްގެ ވެރި ބަޔަކުގެ ގާތަށް ދިޔުމަށް ތިޔަބައިމީހުންނަށް ގޮވައިލެވޭނެއެވެ. ތިޔަބައިމީހުން އެ މީހުންނާ ހަނގުރާމަކުރުމަށެވެ. ނުވަތަ އެ މީހުން ކިޔަމަންވެ އިސްލާމް ވުމަށެވެ. ފަހެ ތިޔަބައިމީހުން ކިޔަމަންވާނަމަ، ރިވެތިވެގެންވާ ދަރުމަ ތިޔަބައިމީހުންނަށް ﷲ ދެއްވާނެއެވެ. އަދި މީގެކުރިން ތިޔަބައިމީހުން ފުރަގަސްދިން ފަދައިން ތިޔަބައިމީހުން ފުރަގަސްދޭނަމަ، ވޭންދެނިވި އަޒާބަކުން އެ އިލާހު ތިޔަބައިމީހުންނަށް އަޒާބު ދެއްވާނެއެވެ.
ކަނުމީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ކޮރުމީހާގެ މައްޗަކަށް ވެސް ކުށެއް ނެތެވެ. އަދި ބަލިމީހާގެ މައްޗަކަށް ވެސް ކުށެއްނުމެނެތްމެއެވެ. އަދި ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ކިޔަމަންވާ މީހާ، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެ އިލާހު އެ މީހާ ވައްދަވާނެއެވެ. އަދި ފުރަގަސްދީފި މީހާއަށް ވޭންދެނިވި އަޒާބަކުން އެ އިލާހު އަޒާބު ދެއްވާނެއެވެ.
ހަމަކަށަވަރުން ގަސްދޮށުގައި އެ މީހުން ކަލޭގެފާނަށް ބައިއަތު ހިފި ހިނދު، އެ މުއުމިނުންނާމެދު ﷲ ރުހިވޮޑިގެންފިއެވެ. ފަހެ އެ މީހުންގެ ހިތްތަކުގައިވާ ކަންތައް އެ އިލާހު ދެނެވޮޑިގެންވެއެވެ. ފަހެ އެ އިލާހު އެ މީހުންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ ފަތަހައެއް އެ މީހުންނަށް ދެއްވިއެވެ.
އަދި އެ މީހުންނަށް ލިބޭނެ ގިނަ ޣަނީމާ މުދާތައްވެސްމެއެވެ. ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
ތިޔަބައިމީހުންނަށް ލިބޭނެ ގިނަ ޣަނީމާ މުދާތަކެއް، ތިޔަބައިމީހުންނަށް ﷲ ވައުދު ކުރައްވާފައިވެއެވެ. ފަހެ މި ކަންތައް ތިޔަބައިމީހުންނަށް އެ އިލާހު އަވަސްކޮށްދެއްވިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިން މީސްތަކުންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވިއެވެ. އަދި (މުއުމިނުންނަށް ނަސްރު ލިބޭނެކަމުގެ) ހެއްކެއްކަމުގައި އެ ކަން ވުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދެއްކެވުމަށް ޓަކައެވެ.
އަދި އެ ކަމުގެ މައްޗަށް ތިޔަބައިމީހުން ކުޅަދާނަވެގެންނުވާ އެހެންކަމެއްވެއެވެ. ހަމަކަށަވަރުން ﷲ އެ ކަން ދެނެވޮޑިގެންވެއެވެ. ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
ކާފިރު ވިމީހުން، ތިޔަބައިމީހުންނާ ހަނގުރާމަކުރިނަމަ، އެ މީހުން ފުރަގަސްދީ އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ. ދެން އެ މީހުންނަކަށް އެހީތެރިޔަކުވެސް، އަދި ނަސްރުވެރިޔަކުވެސް ނުފެންނާނެއެވެ.
(އެއީ) މީގެކުރިންވެސް ﷲ އެ އިލާހު (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި ﷲ ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.
ތިޔަބައިމީހުންގެ ކިބައިން، އެ މީހުންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވީ އެ އިލާހެވެ. އަދި މައްކާގެ ތެރޭގައި، އެ މީހުންގެ މައްޗަށް ތިޔަބައިމީހުން ބާރުވެރި ކުރެއްވުމަށް ފަހުގައި، އެ މީހުންގެ ކިބައިން ތިޔަބައިމީހުންގެ އަތްތައް (އެބަހީ: ހަނގުރާމަކުރުން) ދުރުކުރެއްވީވެސް އެ އިލާހެވެ. ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
އެ މީހުންނީ، ކާފިރުވެ، އަދި ހުރުމަތްތެރިވެގެންވާ މިސްކިތުން ތިޔަބައިމީހުން އެއްކިބާކުރި މީހުންނެވެ. އަދި ގެފުޅަށް ހަދިޔާކުރެވޭ ތަކެތި، އެ ތަކެތި ކަތިލަންވާ ހިސާބަށް ދިޔަނުދީ ހިފެހެއްޓި މީހުންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގި އެ މީހުން ގަތުލުކުރެވިދާފަދަ، (ގޮތެއްގައިތިބި) މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންތަކެއް ނެތްނަމަ (އެ ދަނޑިވަޅުގައި މައްކާ ފަތަޙަ ކުރެއްވުމުގެ އިޒުނަ ދެއްވީހެވެ.) ފަހެ އެފަދަގޮތެއް މެދުވެރިވެއްޖެނަމަ، ތިޔަބައިމީހުންނަށް އެނގުމަކާނުލާ، އެ މީހުންގެ ސަބަބުން، (އެބަހީ: ގަތުލުކުރެވިދާފަދަ ގޮތެއްގައިތިބި މުއުމިނުންގެ ސަބަބުން) ތިޔަބައިމީހުންނަށް މަލާމާތް ލިބިދާނެއެވެ. އެއީ ﷲ އިރާދަކުރައްވާ މީހަކު އެ އިލާހުގެ ރަހުމަތުގެ ތެރެއަށް ވެއްދެވުމަށް ޓަކައެވެ. އެ މީހުންނަށް ވަކިވެގެންވާނަމަ، ވޭންދެނިވި އަޒާބަކުން އެ މީހުންގެ ތެރެއިން ކާފިރުވި މީހުންނަށް ތިމަން އިލާހު އަޒާބު ދެއްވީމުހެވެ.
ކާފިރު ވިމީހުން، އެ މީހުންގެ ހިތްތަކުގެ ތެރެއަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ ﷲ، އެ އިލާހުގެ ރަސޫލާގެ މައްޗަށާއި، މުއުމިނުތަކުންގެ މައްޗަށް، އެ އިލާހުގެ ހަޒްރަތުން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި ތަގުވާގެ ކަލިމަ، އެ މީހުންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެ މީހުން އެ ކަލިމަށް ހައްގުކަން ބޮޑުވެފައި، އަދި އެ ކަލިމަގެ އަހުލުވެރިންކަމުގައިވިއެވެ. ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
ހަމަކަށަވަރުން ﷲ، އެ އިލާހުގެ ރަސޫލާއަށް ހުވަފެންފުޅު ސީދާކުރައްވާ، ހައްގު ގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން ﷲ އިރާދަ ކުރެއްވިނަމަ ތިޔަބައިމީހުން އަމާންކަމާއެކުގައި، ހުރުމަތްތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ ހާލުގައި، އަދި ކުރުކޮށް ކޮށާ ހާލުގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ. ފަހެ ތިޔަބައިމީހުންނަށް ނޭނގޭ ކަންތައް އެ އިލާހު ދެނެވޮޑިގެންވެއެވެ. ފަހެ އޭގެ ކުރިން ގާތުގައިވާ ފަތަހައެއް އެ އިލާހު ދެއްވާނެއެވެ.
އެ އިލާހީ، ތެދުމަގާއި، ހައްގު ދީނާއިގެން އެ އިލާހުގެ ރަސޫލާ ފޮނުއްވި އިލާހެވެ. އެއީ އެންމެހާ ދީންތަކުގެ މައްޗަށް، އެ ދީން ފާޅު ކުރައްވާ މަތިވެރި ކުރެއްވުމަށް ޓަކައެވެ. ހެކިވެ ވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ފުދެއެވެ.
މުޙައްމަދުގެފާނީ، ﷲ ގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެ މީހުންގެ މެދުގައި، އޯގާވެރި ރަހުމަތްތެރިބަޔެކެވެ. ﷲ ގެ ހަޒްރަތުން ފަޟްލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ހާލު، ރުކޫކޮށް ސަޖިދަ ކޮށްއުޅޭ ބަޔަކު ކަމުގައި، ކަލޭގެފާނު އެ މީހުން ދެކެވަޑައިގަންނަވާނެއެވެ. ސަޖިދަގެ އަސަރުން، އެ މީހުންގެ އަލާމަތް އެ މީހުންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައިވާ، އެ މީހުންގެ މިސާލެވެ. އަދި އިންޖީލުގައިވާ، އެ މީހުންގެ މިސާލު އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން އަޖާއިބު ކޮށްހައިރާންކުރުވަމުންނެވެ. އެ މީހުން ދެކެ، ކާފިރުން ރުޅިއެރުވުމަށް ޓަކައެވެ. އެ މީހުންގެ ތެރެއިން އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުންނަށް ފާފަ ފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް ﷲ ވައުދު ކުރައްވާފައިވެއެވެ.