އަލްޙުޖުރާތު

Al-Hujurat

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ﷲ އާއި އެ އިލާހުގެ ރަސޫލާގެ ހަޒްރަތުގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
2
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ގަދައަޑުން ވާހަކަދައްކާފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބާ، ތިޔަބައިމީހުންގެ އަމަލުތައް ބާތިލު ވެދާނެތީއެވެ.
3
ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ އަރިހުގައި އެ މީހުންގެ އަޑު މަޑުކުރާ މީހުންނީ އެ މީހުންގެ ހިތްތައް ﷲ، އިމްތިހާނު ކުރައްވާ، ތަގުވާވެރިވުމަށް ފަހިކޮށްދެއްވި މީހުންނެވެ. އެ މީހުންނަށް ފާފަ ފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއްހުއްޓެވެ.
4
ހަމަކަށަވަރުން (ކަލޭގެފާނުގެ) ކޮޓަރިކޮޅުތަކުގެ ބޭރުން ކަލޭގެފާނަށް ގޮވައި ދަންނަވާ މީހުންކުރެ ގިނަމީހުންނަކަށް ނުވިސްނެތެވެ.
5
އަދި ކަލޭގެފާނު އެ މީހުންގެ ގާތަށް ނުކުމެވަޑައިގަންނަވަންދެން އެ މީހުން ކެތްކުރިނަމަ، އެ ގޮތް އެ މީހުންނަށް މާހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
6
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ހަގީގަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެއެވެ.
7
އަދި ތިޔަބައިމީހުންގެ ތެރޭގައި ﷲ ގެ ރަސޫލާ ހުންނެވިކަން ތިޔަބައިމީހުން ދަންނާށެވެ. ކަންތައްތަކުގެ ތެރެއިން ގިނަކަންތަކުގައި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔަމަންވެވަޑައިގަންނަވާނަމަ، ތިޔަބައިމީހުންނަށް ގެއްލުން ލިބިއްޖައީހެވެ. އަދި އެހެނެއްކަމަކު ﷲ، ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރި ކުރެއްވިއެވެ. އަދި ކާފިރުކަމާއި، ފާސިގުކަމާއި، އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރި ކުރެއްވިއެވެ. އެ މީހުންނީ، ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ.
8
(އެއީ) ﷲ ގެ ހަޒްރަތުންވާ ފަޟްލުވަންތަވެރިކަމަކާއި، ނިއުމަތެކެވެ. ﷲ އީ މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
9
މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ސުލްހަކުރާށެވެ! އޭގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް ބަޣާވާތް ކޮށްފިނަމަ، އެ ބަޣާވާތްކުރިމީހުން ﷲ ގެ އަމުރުފުޅަށް ރުޖޫއަ ވެއްޖައުމަށްދާންދެން އެ މީހުންނާ ހަނގުރާމަ ކުރާށެވެ! ފަހެ އެ މީހުން ރުޖޫއަ ވެއްޖެނަމަ، ފަހެ އަދުލުވެރިގޮތުން އެދެބައިމީހުންގެ ދެމެދު ސުލްހަކުރާށެވެ! އަދި ތިޔަބައިމީހުން އަދުލުވެރިވާށެވެ. ހަމަކަށަވަރުން އަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
10
ހަމަކަށަވަރުން މުއުމިނުންނަކީ، އަޚުންތަކެއް ކަމުގައި މެނުވީ ނުވެއެވެ. ފަހެ ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ސުލްހަ ކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ރަހުމަތް ލައްވާތޯއެވެ.
11
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ފުރައްސާރަ ނުކުރާށެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ފުރައްސާރަ ނުކުރާށެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އައިބު ނުކިޔާށެވެ. (އެބަހީ: އެކަކު އަނެކަކަށް އައިބު ނުކިޔާށެވެ.) އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ ލަގަބުތަކުން ނުގޮވާށެވެ. އީމާން ވުމަށް ފަހު ފާސިގު ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ، ހަމަ އަނިޔާވެރިންނެވެ.
12
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ހީގެ ތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެހެއްޔެވެ؟ ފަހެ ތިޔަބައިމީހުން އެ ކަމަކަށް ނުރުހޭނެއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ތައުބާ ގަބޫލު ކުރައްވާ ރަޙީމްވަންތަ އިލާހެވެ.
13
އޭ މީސްތަކުންނެވެ. ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމާއި ޙައްވާގެ ކިބައިންނެވެ.) އަދި ތިމަން އިލާހު، ތިޔަބައިމީހުން އެކަކު އަނެކަކު ދެނެގަތުމަށް ޓަކައި، ތަފާތު ގައުމުތަކަށާއި، ގަބީލާތަކަށް ލެއްވީމެވެ. ހަމަކަށަވަރުން ﷲ ގެ ހަޒްރަތުގައި ތިޔަބައިމީހުން ކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުން ކުރެ އެންމެ ތަގުވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.
14
އަޢުރާބީން ބުންޏެވެ. ތިމަންމެން އީމާން ވެއްޖައީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އީމާނެއް ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެޔަކަށް އީމާންކަމެއް އަދި ނުވަދެތެވެ. އަދި ތިޔަބައިމީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ އަމަލުތަކުން (އެބަހީ: އޭގެ ސަވާބުން) ތިޔަބައިމީހުންނަކަށް އެއްވެސް އެއްޗެއް އުނި ނުކުރައްވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
15
މުއުމިނުން ކަމުގައިވާކަން ކަށަވަރީ، ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އީމާންވެ، ދެން (އެ އީމާންކަމާމެދު) ޝައްކު ނުކުރާ މީހުންނެވެ. އަދި އެ މީހުންގެ މުދާތަކާއި، ނަފްސުތަކުން ﷲ ގެ މަގުގައި ޖިހާދުކުރިމީހުންނެވެ. އެ މީހުންނީ، ހަމަ ތެދުވެރިންނެވެ.
16
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންތިބީ ކޮން ދީނެއްގައިކަން ﷲ އަށް ތިޔަބައިމީހުން އަންގައިދެނީހެއްޔެވެ؟ އުޑުތަކުގައްޔާއި، ބިމުގައި ވާހާކަމެއް ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
17
އެ މީހުން އިސްލާމް ވީކަމަށް ކަލޭގެފާނަށް އެ މީހުން ކަލަގޮވައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އިސްލާމް ވީކަމަށް ޓަކައި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކަލަނުގޮވާށެވެ. އަދި ކިއެއް! ތިޔަބައިމީހުންނަށް އީމާންކަމަށް މަގުދެއްކެވިކަމަށް ޓަކައި ﷲ، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންވެއެވެ. (އެއީ) ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމައެވެ.
18
ހަމަކަށަވަރުން އުޑުތަކާއި، ބިމުގެ ޣައިބު ދެނެވޮޑިގެންވަނީ، ﷲ އެވެ. އަދި ﷲ، ތިޔަބައިމީހުންކުރާ އަމަލުތައް މޮޅަށް ބައްލަވާވޮޑިގެންވެއެވެ.