އޮއްސިގެންދާ ހިނދު، ތަރި ގަންދެއްވަމެވެ.
ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ހައްގުގެ މަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި ބާތިލު އިޢުތިގާދެއް ނުކުރައްވައެވެ.
އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކުން ވާހަކަފުޅު ނުދައްކަވައެވެ.
އެއީ އެކަލޭގެފާނަށް އިއްވެވޭ ވަހީއެއް ކަމުގައި މެނުވީ ނުވެއެވެ.
ނުހަނު ގަދަފަދަ ފަރާތަކު (އެބަހީ: ޖިބްރީލު) އެކަލޭގެފާނަށް އެ (ވަހީ) އުނގަންނައިދެއްވިއެވެ.
(އެ މަލާއިކަތަކީ) ބާރުގަދަކަމުގެ ވެރިޔެކެވެ. ފަހެ އެ މަލާއިކަތާ އަރައިވަޑައިގެންނެވިއެވެ.
(އެ ހިނދު) އެ މަލާއިކަތާ ވަނީ އެންމެ މަތިވެރި އުދަރެހުގައެވެ. (ނޯޓު: އެހިނދު ޖިބްރީލު ވީ އަސްލު ސޫރައިގައެވެ. ހަ ސަތޭކަ ފިޔަފުޅާއެކުގައެވެ.)
އެއަށްފަހު (ﷲ، ރަސޫލާއާ) ގާތްވެވޮޑިގެންނެވިއެވެ. ދެން އެއަށްވުރެވެސް ގާތްވެވޮޑިގެންނެވިއެވެ.
ފަހެ އެ ގާތްވެވޮޑިގެންނެވުން ވީ، ދެ ދުނިދަނޑީގެ މިންވަރަށެވެ. ނުވަތަ އެއަށްވުރެވެސް ގާތްވެގެންނެވެ.
ދެން (ﷲ) އެ އިލާހުގެ އަޅާއަށް ވަހީކުރެއްވި އެއްޗެއް ވަހީކުރެއްވިއެވެ:
އެ ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުގެ) ހިތްޕުޅު ދޮގެއް ނުކުރައްވައެވެ.
އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީހެއްޔެވެ؟
އަދި އެހެން ފަހަރަކުވެސް އެކަލޭގެފާނު، އެ އިލާހު ދެކެވަޑައިގަތްކަން ކަށަވަރެވެ.
ސިދުރަތުލް މުންތަހާގެ ކައިރިންނެވެ.
އެތާނގެ ކައިރީގައި ޖައްނަތުލް މައުވާ ވެއެވެ.
ސިދުރަތުލް މުންތަހާ ފޮރުވައިލި އެއްޗެއް އައިސް އެ ފޮރުވައިލި ހިނދުގައެވެ.
އެކަލޭގެފާނުގެ ލޯފުޅު އެކި ފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާ ތަން ފަހަނަޅައިވެސް ނުމެދޭމެއެވެ.
ހަމަކަށަވަރުން އެކަލޭގެފާނުގެ ރައްބުގެ ބޮޑެތި އާޔަތްތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.
ފަހެ ލާތައާއި ޢުއްޒާ (އޭ ކިޔުނު ބުދުތަކާ) މެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
އަދި މަނާތޭ ކިޔުނު އަނެއް ތިންވަނަ (ބުދާ) މެދުވެސްމެއެވެ.
ތިޔަބައިމީހުންނަށް ފިރިހެން ދަރިންވެފައި، އެ އިލާހަށް އަންހެން ދަރިން ވަނީހެއްޔެވެ؟
(އެހެންވަނީނަމަ) އެއީ ހައްގު މަގުން އެއްކިބާވެގެންވާ ބައިކުރުމެކެވެ.
އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައިނޫނީ ނުވެއެވެ. އެ ތަކެއްޗަށް ﷲ އެއްވެސްބާރެއް ދެއްވާފައެއް ނުވެއެވެ. ހީއަކަށާއި، ހަވާނަފްސުގެ އެދުންތަކަކަށް މެނުވީ އެ މީހުން ތަބާ ވާކަމުގައި ނުވެއެވެ. ހަމަކަށަވަރުން އެ މީހުންނާ ހަމައަށް އެ މީހުންގެ ރައްބުގެ ހަޒްރަތުން ތެދުމަގު އައިސްފައިވާކަން ކަށަވަރެވެ.
އަދި ކިއެއް! އިންސާނާއަށް އޭނާ އެދޭހާކަމެއް ލިބޭހެއްޔެވެ؟
ފަހެ ދުނިޔެއާއި، އާޚިރަތުގެ ކަންތައް މިލްކުވެ ޚާއްސަ ވެގެންވަނީ ﷲ އަށެވެ.
އަދި ﷲ އިރާދަކުރައްވާ މީހަކަށް އެ އިލާހުގެ އިޒުނަ ދެއްވާ ރުހިވޮޑިގަތުމަށް ފަހުގައި މެނުވީ، އެ މީހުންގެ ޝަފާއަތުން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް މަލާއިކަތުން އުޑުތަކުގައި ވޭހެއްޔެވެ؟
ހަމަކަށަވަރުން އާޚިރަތަށް އީމާން ނުވާމީހުން މަލާއިކަތުންނަށް، އަންހެނުންގެ ނަމުން ނަންދޭކަން ކަށަވަރެވެ.
އެ މީހުންނަށް އެ ކަމުގެ އެއްވެސް އިލްމެއް ލިބިގެންނުވާ ހާލުގައެވެ. ހީއަކަށް މެނުވީ އެ މީހުން ތަބާ ވާކަމުގައެއް ނުވެއެވެ. އަދި ހަމަކަށަވަރުން ހީއަކީ ހައްގުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ.
ފަހެ ތިމަން އިލާހު ހަނދާންކުރުމުން އެއްކިބާވެ، ފުރަގަސްދީ، އަދި ދުނިޔޭގެ ދިރިއުޅުން ނޫންކަމެއް ނޭދޭމީހާ، ކަލޭގެފާނު ދޫކޮށްލައްވާށެވެ.
އިލްމުގެ ތެރެއިން އެ މީހުންނަށް ލިބިފައިވާ މިންވަރަކީ އެއީއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު، އެ އިލާހުގެ މަގުންފުރެދިގެން ދިޔަ މީހާ ދެނެވޮޑިގަތުން ބޮޑެވެ. އަދި އެ އިލާހު، ތެދުމަގު ލިބިގަތްމީހާ ދެނެވޮޑިގަތުންވެސް ބޮޑުމެއެވެ.
އަދި އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ ﷲ އަށެވެ. އެއީ ނުބައި އަމަލު ކުރި މީހުންނަށް އެ މީހުން ކުރި ނުބައި އަމަލަށް ޖަޒާ ދެއްވުމަށެވެ. އަދި ހެޔޮ އަމަލު ކުރި މީހުންނަށް އެންމެ ހެޔޮ ޖަޒާ ދެއްވުމަށެވެ.
އެ މީހުންނީ، ކުދި ފާފަތައް ފިޔަވާ، ބޮޑު ފާފަތަކާއި، ފާހިޝް ކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، ފާފަ ފުއްސެވުން ތަނަވަސް އިލާހެވެ. ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބިހިނދުގައިވެސް، އެ އިލާހު ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތާރީފުކޮށް ފަޚުރުވެރި ނުވާށެވެ. ތަގުވާވެރިވީ މީހުންގެ ކަންތައް އެ އިލާހު ދެނެވޮޑިގަތުން ބޮޑެވެ.
(އީމާންކަމުން) އެއްކިބާވި މީހާ ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟
އަދި އޭނާ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިއެވެ.
ފަހެ އޭނާއަށް (އެ ކަން) އެނގުމަށް އޭނާއަށް ޣައިބުގެ އިލްމު ލިބިފައިވަނީހެއްޔެވެ؟
އަދި ކީއްހެއްޔެވެ؟ މޫސާގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ ޚަބަރު އޭނާއަށް ނުލިބެނީހެއްޔެވެ؟
އަދި (ހުރިހާ ކަންތައްތަކެއް) ފުރިހަމަގޮތުގައި ފުއްދެވި، އިބްރާހީމްގެފާނު (ގެ ފަތްފުށްތައް) ވެސްމެއެވެ.
އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފަޔެއް ނުއުފުލާނެތެވެ.
އަދި އިންސާނާޔަށް އޭނާ ކުރި އަމަލެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ.
އަދި ހަމަކަށަވަރުން އޭނާ ކުރި އަމަލެއް ނިކަންހުރެ އޭނާ ދެކޭނެއެވެ.
ދެން އޭނާ ކުރި އަމަލަށް އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ.
އަދި ހަމަކަށަވަރުން އެނބުރި ދިޔުން ވަނީ، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށެވެ.
އަދި ހަމަކަށަވަރުން ހެއްވަވަނީ ވެސް، އަދި ރޮއްވަވަނީ ވެސް ހަމަ އެ އިލާހެވެ.
އަދި ހަމަކަށަވަރުން މަރުގަންނަވަނީ ވެސް، އަދި ދިރުއްވަނީ ވެސް ހަމަ އެ އިލާހެވެ.
އަދި ހަމަކަށަވަރުން ފިރިހެން އަންހެން ދެ ބާވަތް ހެއްދެވީ ވެސް އެ އިލާހެވެ.
އެއީ (ރަހިމުގެ ތެރެއަށް) އެޅިގެންދާ މަނިފޮދަކުންނެވެ.
އަދި ހަމަކަށަވަރުން (މަރުވުމަށް ފަހު) އަލުން ދިރުއްވުންވަނީ ވެސް އެ އިލާހަށެވެ.
އަދި ހަމަކަށަވަރުން މުއްސަނދިކުރައްވަނީ ވެސް، އަދި ފަގީރު ކުރައްވަނީ ވެސް އެ އިލާހެވެ.
އެ ހަމަކަށަވަރުން އިލާހީ، އައްޝިޢުރާ އޭ ކިޔުނު ތަރީގެ ރައްބެވެ.
އަދި ހަމަކަށަވަރުން ކުރީގެ ޢާދު ބާގައިމީހުން ހަލާކު ކުރައްވާ ނެތިކުރެއްވީ ވެސް އެ އިލާހެވެ.
އަދި ޘަމޫދު ބާގައިމީހުންގެ އެކަކުވެސް ނުބަހައްޓަވައި ހަލާކުކުރެއްވިއެވެ.
އަދި އޭގެ ކުރިން ނޫޙުގެފާނުގެ ގައުމުގެ މީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން އެ މީހުން ވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ.
އަދި ލޫޠު ބާގައިމީހުންގެ ރަށް ބަންޑުންޖައްސަވައި ވައްޓަވައިލެއްވިއެވެ.
ފަހެ އެރަށަށް ޖެއްސެވި އަޒާބެއް ޖެއްސެވިއެވެ.
ފަހެ ތިބާ ޝައްކުކުރަނީ ތިބާގެ ރައްބުގެ ނިއުމަތްތަކުގެ ތެރެއިން ކޮންކޮން ނިއުމަތަކަށްހެއްޔެވެ؟
މިއީ (އެބަހީ: މުޙައްމަދުގެފާނީ) އިސްވެދިޔަ ނަޒީރުންފަދަ ނަޒީރެކެވެ.
ގިޔާމަތް ދުވަސް ގާތްވެއްޖެއެވެ.
ﷲ މެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ.
ތިޔަބައިމީހުން އަޖާއިބު ވަނީ ފަހެ މި ވާހަކަތަކާ މެދުގައި (އެބަހީ: ގުރްއާނާމެދުގައި)ހެއްޔެވެ؟
އަދި ތިޔަބައިމީހުން ހީ ހަދާފައި ނުރޮއި ތި އުޅެނީއެވެ.
އަދި އެއީ ތިޔަބައިމީހުން ބޮޑާވެ ޣާފިލުކަން މަތީގައި ވާއިރުގައެވެ.
ފަހެ ތިޔަބައިމީހުން ﷲ އަށް ސަޖިދަ ކުރާށެވެ! (އަދި ހަމައެކަނި) އެ އިލާހަށް އަޅުކަން ކުރާށެވެ!