ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.
އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ ޚަޒާނާތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ.
އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.
އެ ދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ.
އެއީ ކަލޭގެފާނުގެ ރައްބު، އެ ބިމަށް އެ ކަން އިލްހާމްކުރެއްވީތީއެވެ.
އެ ދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެއެވެ. (އެއީ) އެ މީހުންނަށް، އެ މީހުންގެ އަމަލުތައް ދެއްކެވުމަށް ޓަކައެވެ.
ފަހެ ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެ ކަން ދެކޭނެއެވެ.
އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެ ކަން ދެކޭނެއެވެ.