އައްސަޖްދާ

As-Sajdah

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އަލިފް ލާމް މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
މިއީ އާލަމްތަކުގެ ރައްބުގެ ހަޒްރަތުން ބާވައިލެއްވި ފޮތެވެ. އެއާމެދު ޝައްކެއް ނެތެވެ.
3
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ ގުރްއާން ހެއްދެވިކަމަށް އެ މީހުން ބުނަނީހެއްޔެވެ؟ އަދި ކިއެއް! އެއީ ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އައި ހައްގު ފޮތެވެ. އެއީ ކަލޭގެފާނުގެ ކުރިން އެބަޔަކަށް އިންޒާރުކުރައްވާނޭ ރަސޫލަކު ވަޑައިނުގަންނަވާ ގައުމެއްގެ ބަޔަކަށް ކަލޭގެފާނު އިންޒާރުކުރެއްވުމަށް ޓަކައެވެ. (އެއީ) އެ މީހުން ތެދުމަގު ލިބިގަތުމަށް ޓަކައެވެ.
4
ﷲ އީ، އުޑުތަކާއި ބިމާއި އެ ދެމެދުގައި ވާހާ ތަކެތި ހަ ދުވަހުގެ ތެރޭގައި ހެއްދެވި އިލާހެވެ. ދެން، އެ އިލާހު ޢަރްޝުގެ މަތީގައި އިސްތިވާވެ ވޮޑިގެންވިއެވެ. އެ އިލާހު ފިޔަވައި ތިޔަބައިމީހުންނަކަށް އެއްވެސް ވާގިވެރިއަކު ވެސް، އަދި ޝަފާއަތްތެރިއަކު ވެސް ނުވެއެވެ. ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
5
އުޑުން ބިމަށް، އެ އިލާހު (ހުރިހާ) ކަމެއް ތަދުބީރުކުރައްވައެވެ. ދެން އެ ކަންތައްތައް، އެ އިލާހުގެ ހަޒްރަތަށް އަރައެވެ. އެއީ ތިޔަބައިމީހުން ގުނާ ގޮތުން އެއް ހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައެވެ.
6
އެ އިލާހީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އަލްޢަޒީޒު، އައްރަޙީމެވެ.
7
އެ އިލާހީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި އިލާހެވެ. އަދި އެ އިލާހު އިންސާނާ ހެއްދެވުން ފެއްޓެވީ މަށިންނެވެ.
8
ދެން އެ އިލާހު އެ އިންސާނާގެ ދަރިފަސްކޮޅު ދެރަވެގެންވާ ފެނެއްގެ ހުލާސާއަކުން ހެއްދެވިއެވެ.
9
ދެން އޭނާއަށް ފުރިހަމަ ސިފަ ދެއްވާ، އެ އިލާހުގެ ރޫހުފުޅުން އޭނާއަށް ފުމެލެއްވިއެވެ. (އެބަހީ: ފުރާނަ އެޅުއްވިއެވެ.) އަދި އެ އިލާހު ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. ތިޔަބައިމީހުން ޝުކުރުކުރަނީ ވަރަށް ވެސް މަދުންނެވެ.
10
އެ މީހުން ބުންޏެވެ. ތިމަންމެން (މަރުވެ) ބިމުގެ ތެރޭގައި (ވެއްޔަށްވެ) ފޮރުވުނީމާ، އަލުން އާ އުފެދުމަކުން އުފެދޭނޭހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އެ މީހުންނީ، އެ މީހުންގެ ރައްބާ ބައްދަލުވާނެކަމަށް ދެކޮޅު ހަދާ ބަޔެކެވެ.
11
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ މަރުހިއްޕެވުން ހަވާލު ކުރައްވާފައިވާ މަލަކުލްމައުތު ތިޔަބައިމީހުންގެ މަރު ހިއްޕަވާނެއެވެ. ދެން ތިޔަބައިމީހުން ރުޖޫއަ ކުރައްވާހުށީ، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތަށެވެ.
12
އަދި ފާފަކުރި މީހުން، އެ މީހުންގެ ރައްބުގެ ހަޒްރަތުގައި، ދެރަވެ އިސްޖަހައިގެން ތިބޭތަން ތިބާއަށް ފެންނާނެ ނަމައެވެ. (އޭރުން ހައިރާން ވާފަދަ ކަންތައްތަކެއް ތިބާއަށް ފެނުނީހެވެ. އެ މީހުން ބުނާނެއެވެ.) އަޅަމެންގެ ރައްބެވެ. އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިވިއްޖެއެވެ. ފަހެ އަޅަމެން ސާލިހު އަމަލުކުރުމަށް އަނބުރާ އަޅަމެން (ދުނިޔެއަށް) ފޮނުއްވާނދޭވެ. ހަމަކަށަވަރުން އަޅަމެންނީ، ޔަގީންކުރާ ބަޔަކީމުއެވެ.
13
އަދި ތިމަން އިލާހު އިރާދަ ކުރެއްވިނަމަ، ކޮންމެ ނަފްސަކަށްމެ އެ ނަފްސެއްގެ ހިދާޔަތް ދެއްވީމުހެވެ. އެހެނެއްކަމަކު ތިމަން އިލާހުގެ ހަޒްރަތުން ބަސްފުޅު ހައްގުވެއްޖެއެވެ. ހަމަކަށަވަރުން ތިމަން އިލާހު ޖިންނީންނާއި އިންސީން އެއްކޮށް ނަރަކަ ފުރުއްވާހުށީމެވެ.
14
ފަހެ ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނޭކަން ތިޔަބައިމީހުން ހަނދާން ނައްތައިލި ކަމަށް ޓަކައި، ތިޔަބައިމީހުން އަޒާބުގެ ރަހަ ލިބިގަންނާށެވެ! ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންގެ މަތިން ހަނދުމަނެތި ކުރައްވާފީމެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކަށްޓަކައި ދެމިހުންނަނިވި އަޒާބުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!
15
ތިމަން އިލާހުގެ އާޔަތްތަކަށް އީމާން ވާކަން ކަށަވަރީ، އެ އާޔަތްތައް އެބަޔަކަށް ހަނދާންކޮށްދެވޭ ހިނދު، ސަޖިދަށް ތިރިވެ، އެ މީހުންގެ ރައްބަށް ހަމްދާއެކު ތަސްބީހަ ކިޔާ މީހުންނެވެ. އަދި އެ މީހުން ކިބުރުވެރިއެއް ނުވާނެއެވެ.
16
އެ މީހުންގެ އަރިކަށިތައް ތަންމަތިތަކާ ފޭވެ (ރޭއަޅުކަން ކުރުމަށް ޓަކައި ނިދި ދޫކޮށްލާފައި ތެދުވެ)، އެ މީހުންގެ ރައްބަށް ބިރުވެތިކަމާއި އުއްމީދާއެކު އެ މީހުން ދުއާކުރެއެވެ. އަދި ތިމަން އިލާހު އެ މީހުންނަށް ދެއްވި ތަކެތިން، އެ މީހުން ހޭދަކުރެއެވެ.
17
ފަހެ އެ މީހުންނަށް ޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ޖަންނަތުގެ ނިއުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެއެވެ. އެއީ އެ މީހުން ކޮށްއުޅުނު އަމަލުތަކުގެ ޖަޒާއެއްގެ ގޮތުގައެވެ.
18
ފަހެ މުއުމިނަކު ކަމުގައިވާ މީހާއާއި (އުރެދޭ) ފާސިގަކު ކަމުގައިވާ މީހާ އެއްފަދަހެއްޔެވެ؟ އެ ދެބައިމީހުން އެއްވަރެއް ނުވާނެއެވެ.
19
އީމާންވެ ސާލިހު އަމަލުތައް ކުރި މީހުން ދަންނާށެވެ. ފަހެ އެ މީހުން ކޮށްއުޅުނު އަމަލުތަކަށްޓަކައި، ދެއްވާ ޝަރަފެއްގެ ގޮތުން، އެ މީހުންނަށް ދެމިތިބޭނޭ ސުވަރުގެތައް ހުއްޓެވެ.
20
އަދި (ކާފިރުވެ) ފާސިގުވި މީހުން ދަންނާށެވެ. ފަހެ އެ މީހުން ތިބެނިވިތަނަކީ ނަރަކައެވެ. އެ މީހުން އެ ތަނުން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެތަނަށް އެ މީހުން އަނބުރާ އިއާދަ ކުރައްވާނެއެވެ. އަދި އެ މީހުންނަށް އަންގަވާނެއެވެ. ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކައިގެ އަޒާބުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!
21
އަދި ހަމަކަށަވަރުން ތިމަން އިލާހު އެންމެބޮޑު އަޒާބު (އެބަހީ: ނަރަކައިގެ އަޒާބު) ފިޔަވާ ލުއި އަޒާބުން (އެބަހީ: ދުނިޔެމަތީގެ އަޒާބުން) އެ މީހުންނަށް ރަހަ ދައްކަވާހުށީމެވެ. (އެއީ) އެ މީހުން (އީމާންކަމަށް) ރުޖޫއަ ވުމަށް ޓަކައެވެ.
22
އަދި އެ މީހެއްގެ ރައްބުގެ އާޔަތްތައް އެ މީހަކަށް ހަނދާން ކޮށްދެއްވުމުން، ދެން އެ އާޔަތްތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށް ވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން މުޖުރިމުންގެ ކިބައިން ތިމަން އިލާހު ބަދަލު ހިއްޕަވާހުށީމެވެ.
23
ހަމަކަށަވަރުން ތިމަން އިލާހު މޫސާގެފާނަށް ފޮތް ދެއްވީމެވެ. ފަހެ އެކަލޭގެފާނަށް އެ ފޮތް ލިބިވަޑައިގަތްކަމާމެދު ކަލޭގެފާނު ޝައްކުކަމެއްގައި ވެވަޑައިނުގަންނަވާށެވެ. އަދި އިސްރާއީލުގެ ދަރިންނަށް ހިދާޔަތެއް ކަމުގައި ތިމަން އިލާހު އެ ފޮތް ލެއްވީމެވެ.
24
އަދި އެ މީހުން ކެތްތެރިވީހިނދު، ތިމަން އިލާހުގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންތަކެއް ތިމަން އިލާހު އެ މީހުންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަން އިލާހުގެ އާޔަތްތަކާމެދު ޔަގީންކުރާ ކަމުގައި އެ މީހުން ވިއެވެ.
25
ހަމަކަށަވަރުން އެ މީހުން ޚިލާފު ވެގެން އުޅުނު ކަންތައްތަކާމެދު، ގިޔާމަތް ދުވަހުން ކަލޭގެފާނުގެ ރައްބު އެ މީހުންގެ މެދުގައި ނިޔާކަނޑައަޅުއްވާނެއެވެ.
26
އަދި އެ މީހުންގެ ކުރިން ތިމަން އިލާހު ކިތައްކިތައް އުއްމަތް ހަލާކުކުރެއްވިކަން އެ މީހުންނަށް ބަޔާން ވެގެން ނުވޭހެއްޔެވެ؟ އެ މީހުންގެ ގޮވަތިގެދޮރުހުރި ތަންތާނގައި އެ މީހުން ހިނގަހިނގާއުޅޭ ހާލުގައެވެ. ހަމަކަށަވަރުން އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. ފަހެ އެ މީހުން އަޑުނާހަނީހެއްޔެވެ؟
27
އަދި ގަހެއް ރުކެއް ނެތް ހިކި ބިމަށް، ތިމަން އިލާހު ފެން ފޮނުއްވައި، އެއިން އެ މީހުންގެ ޖަނަވާރުތަކާއި އެ މީހުން ވެސް ކައިއުޅޭ ގަސްގަހާގެހި ނެރުއްވާކަން އެ މީހުންނަށް ނޭނގެނީހެއްޔެވެ؟ (އެ އިލާހުގެ ކުޅަދުންވަންތަކަން) އެ މީހުންނަށް ނުފެންނަނީހެއްޔެވެ؟
28
އެ މީހުން ބުނެއެވެ. ތިޔަބައިމީހުންނީ، ތެދުބުނާމީހުން ކަމުގައި ވަނީނަމަ، ތިޔަ ފައިސަލާ ވާނީ ކޮންއިރަކުންހެއްޔެވެ؟
29
ކަލޭގެފާނު ވިދާޅުވާށެވެ. ނިޔާ އިއްވަވާ ދުވަހު (އެބަހީ: ގިޔާމަތް ދުވަހުން) ކާފިރުވި މީހުންނަކަށް އެ މީހުން އީމާން ވުމަކުން މަންފާއެއް ނުކުރާނެތެވެ. އަދި އެ މީހުންނަކަށް މުހުލަތެއްވެސް ނުމެދެއްވާނޭމެއެވެ.
30
ފަހެ ކަލޭގެފާނު އެ މީހުންނާ އެއްކިބާވެވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނު އިންތިޒާރުކުރައްވާށެވެ. ހަމަކަށަވަރުން އެ މީހުން ވެސް އިންތިޒާރުކުރެއެވެ.