ސަފުސަފަށް ތިއްބަވާ މަލާއިކަތުން ގަންދެއްވަމެވެ.
އަދި އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ މަލާއިކަތުންވެސް ގަންދެއްވަމެވެ.
އަދި ގުރްއާން ކިޔަވައިވިދާޅުވާ މަލާއިކަތުންވެސް ގަންދެއްވަމެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންގެ އިލާހަކީ އެއްކައުވަންތަ އިލާހުކަން ކަށަވަރެވެ.
(އެ އިލާހީ) އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާ ތަނާއި، ތަރިރުހަނދުއަރާ އުދަރެސްތަކުގެ ރައްބެވެ.
ހަމަކަށަވަރުން އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން، ތިމަން އިލާހު އެންމެ ގާތް އުޑު ޒީނަތްތެރި ކުރެއްވީމެވެ.
އަދި ނުކިޔަމަންތެރި ކޮންމެ ޝައިތާނެއްގެ ކިބައިން އެ އުޑު ރައްކާތެރި ކުރެއްވީމެވެ.
އެންމެ މަތިވެރި (މަލާއިކަތުންގެ) ޖަމާއަތުން ދައްކަވާ ވާހަކަފުޅަށް އަޑުއެހުމަކަށް އެ ޝައިތާނުންނަށް ކުޅަދާނަވެގެންނެއް ނުވެއެވެ. އަދި ހުރިހާ ފަރާތަކުން އެ ޝައިތާނުންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެއެވެ.
ބޭރުކޮށް ފައްސައިލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ އަޒާބު އެ މީހުންނަށް ހުއްޓެވެ.
ކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފި ޝައިތާނަކު މެނުވީއެވެ. ފަހެ އެ ޝައިތާނާގެ ފަހަތުން ތޮރުފައިލާފަދަ ގިނިހިލައެއް ފޮނުއްވާހުއްޓެވެ.
ފަހެ ކަލޭގެފާނު އެ މީހުންނާ ސުވާލު ކުރައްވާބައްލަވާށެވެ. އުނދަގޫކަންބޮޑީ، އެ މީހުން ހެއްދެވުންހޭ؟ ނުވަތަ ތިމަން އިލާހު ހެއްދެވި އެނޫންތަކެތިހޭ؟ ހަމަކަށަވަރުން ތިމަން އިލާހު އެ މީހުން (އެބަހީ: އިންސާނުން) ހެއްދެވީ ތަތްލާ މަށިންނެވެ.
އަދި ކިއެއް! (އެ މީހުން ދޮގުކުރާ ކަމާމެދު) ކަލޭގެފާނު އަޖާއިބު ވެވަޑައިގެންނެވީމުއެވެ. އަދި އެ މީހުން އެ ކަމަށް ފުރައްސާރަކޮށް އުޅެތެވެ.
އަދި އެ މީހުންނަށް ހަނދުމަކޮށްދެއްވާފިނަމަ، އެ މީހުން ހަނދުމައެއް ނުކުރެއެވެ.
އަދި އެ މީހުންނަށް މުއުޖިޒާތެއް ފެނިއްޖެނަމަ، އެ މީހުން ފުރައްސާރަކޮށް އުޅެތެވެ.
އަދި އެ މީހުން ބުންޏެވެ. މިއީ، ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެއެވެ.
ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން ތިމަންމެންނަކީ، އަލުން ދިރުމަކަށް ފޮނުއްވާނެ ބަޔަކުހެއްޔެވެ؟
އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސްހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ. އާނއެކެވެ! ތިޔަބައިމީހުން ނިކަމެތިވެގެންވާ ހާލުގައެވެ.
ފަހެ އެ ކަންތައް ވާނެކަން ކަށަވަރީ، ބިރުވެރި އެންމެ އަޑަކުންނެވެ. ފަހެ އެހާރުން، އެ މީހުން (ތެދުވެ) ބަލަން ތިބޭނެތެވެ.
އަދި އެ މީހުން ބުނާނެއެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. މިއީ ގިޔާމަތް ދުވަހެވެ.
މިއީ ތިޔަބައިމީހުން އެ ދުވަހަކާމެދު ދޮގުކޮށްއުޅުނު ނިޔާކުރެއްވުމުގެ ދުވަހެވެ.
(މަލާއިކަތުންނަށް އެންގެވޭނެއެވެ:) އަނިޔާވެރިވި މީހުންނާއި، އެ މީހުންގެ (އެފަދަ) އަނބިންނާއި، އެ މީހުން އަޅުކަންކޮށް އުޅުނު ތަކެތި އެއް ކުރައްވާށެވެ.
އެއީ ﷲ ފިޔަވާ (އެ މީހުން އަޅުކަންކޮށް އުޅުނު ތަކެއްޗެވެ.) ފަހެ އެ މީހުންނަށް ނަރަކައިގެ މަގަށް މަގުދައްކަވާށެވެ.
އަދި އެ މީހުން ހުއްޓުވާށެވެ. ހަމަކަށަވަރުން އެ މީހުންނީ ސުވާލު ކުރައްވާނޭ ބަޔެކެވެ.
(މިއަދު) ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީނުވަނީ ކީއްވެގެންހެއްޔެވެ؟
އަދި ކިއެއް! އެ މީހުން މިއަދު ތިބީ ކިޔަމަންވެ ބޯލަނބައިގެންނެވެ.
އަދި އެކަކު އަނެކަކާ ސުވާލުކުރަމުން އެ މީހުންގެ އެއްބަޔަކު އަނެއް ބަޔަކުގެ ގާތަށް ކުރިމަތިލައި އަންނާނެއެވެ.
(މަގުފުރެއްދި މީހުންނަށް) އެ މީހުން ބުނާނެއެވެ. ހަމަކަށަވަރުން ތިމަންމެންގެ ކައިރިއަށް ތިޔަބައިމީހުން ކަނާތްފަރާތުން އަންނަކަމުގައިވީމުއެވެ.
އެ މީހުން ބުނާނެއެވެ. އަދި ކިއެއް! ތިޔަބައިމީހުން މުއުމިނުން ކަމުގައި ނުވަމުއެވެ.
އަދި ތިޔަބައިމީހުންގެ މައްޗަކަށް ތިމަންމެންނަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ކިއެއް! ތިޔަބައިމީހުންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.
ފަހެ ތިމަންމެންގެ މައްޗަށް، ތިމަންމެންގެ ރައްބުގެ އަޒާބުގެ ބަސްފުޅު ހައްގު ވެއްޖެއެވެ. ހަމަކަށަވަރުން ތިމަންމެންނީ އަޒާބުގެ ރަހަ ދެކޭނޭ ބަޔެއްކަން ކަށަވަރެވެ.
ފަހެ ތިމަންމެން ތިޔަބައިމީހުން މަގުފުރެއްދީމުއެވެ. އަދި ހަމަކަށަވަރުން ތިމަންމެންވީ، މަގުފުރެދިގެންވާ ބަޔަކު ކަމުގައެވެ.
ފަހެ ހަމަކަށަވަރުން އެ މީހުންނީ އެ ދުވަހުން އަޒާބުގައި ބައިވެރިވެގެންވާ މީހުންނެވެ.
ހަމަކަށަވަރުން ކުށްވެރިންނާމެދު، ތިމަން އިލާހު ކަންތައް ކުރައްވަނީ އެފަދައިންނެވެ.
ހަމަކަށަވަރުން ﷲ މެނުވީ (އަޅުކަންކުރުން ހައްގުވާ) ނުވާކަމަށް އެ މީހުންނަށް ބުނެފިހިނދަކު އެ މީހުން ބޮޑާވެގަންނަކަމުގައިވިއެވެ.
އަދި އެ މީހުން ބުނެއެވެ. ހަމަކަށަވަރުން މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ އިލާހުންތައް ތިމަންމެން ދޫކޮށްލާނެހެއްޔެވެ؟
އަދި ކިއެއް! އެކަލޭގެފާނު ވަޑައިގަތީ، ހައްގު ދީނާއިގެންނެވެ. އަދި އެކަލޭގެފާނު (ކުރީގެ) ރަސޫލުން ތެދުކުރެއްވިއެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންނީ، ވޭންދެނިވި އަޒާބުގެ ރަހަ ދެކޭނޭ ބަޔަކުކަން ކަށަވަރެވެ.
އަދި ތިޔަބައިމީހުން ކޮށްއުޅުނު އަމަލަކަށްމެނުވީ، ތިޔަބައިމީހުންނަކަށް ޖަޒާއެއް ނުދެއްވާނެއެވެ.
ޚިޔާރުކުރައްވާފައިވާ، ﷲ ގެ އަޅުން މެނުވީއެވެ.
އެ މީހުންނަށް ޓަކައި އެނގިގެންވާ ރިޒްގު ވެއެވެ.
(އެއީ) މޭވާތަކެވެ. އަދި އެ މީހުންނީ މާތް ކުރައްވާފައިވާ ބަޔެކެވެ.
ނިއުމަތުގެ ސުވަރުގެތަކުގައެވެ.
ދާންތަކެއްގެ މަތީގައެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ.
ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ބުއިމެއްގެ ތަށިތަކާއިގެން އެ މީހުންގެ މެދުގައި ބުރުޖެހޭނެތެވެ.
ބޯމީހުންނަށް މީރު، ހުދުކުލައިގެ ބުއިމެކެވެ.
އެ ބުއިމުގައި ބޯއެނބުރުމެއްނެތެވެ. އަދި އޭގެ ސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެ މީހުން ނުވެއެވެ.
އަދި ކަޅިރަވަ ތޫނު، އިއްފަތްތެރި ޙޫރުލްޢީނުން އެ މީހުންގެ ގާތުގައިވެއެވެ.
ރައްކާތެރި ކުރައްވާފައިވާ (މާދޫނި) ބިސްފަދައިން އެ ކަނބަލުންވެއެވެ.
ފަހެ އެކަކު އަނެކަކާ ސުވާލުކުރަމުން އެ މީހުންގެ އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައި އަންނާނެއެވެ.
އެ މީހުންގެ ތެރެއިން ބުނާމީހަކު ބުނާނެއެވެ. ހަމަކަށަވަރުން ތިމަންނާއަށް އެކުވެރިޔަކު ވިއެވެ.
އެ އެކުވެރިޔާ ބުނެއުޅެތެވެ. ހަމަކަށަވަރުން ތިބާވަނީ ތެދުކުރާ މީހުންގެ ތެރެއިންހެއްޔެވެ؟
ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށްވެއްޖެހިނދު ހަމަކަށަވަރުން ތިމަންމެންނީ ޖަޒާލިބޭނޭ ބަޔަކުހެއްޔެވެ؟
އޭނާ ބުނާނެއެވެ. ތިޔަބައިމީހުން ބަލަން ބޭނުންހެއްޔެވެ؟
ދެން އޭނާ ބަލައިލިއެވެ. ފަހެ ނަރަކައިގެ މެދުތެރޭގައި އެ އެކުވެރިޔާ ވަނިކޮށް އޭނާއަށް ފެނުނެވެ.
އޭނާ ބުނާނެއެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ކަލޭ ތިމަން ހަލާކުކޮށްލުމާ ގާތްކުޅައީމުއެވެ.
އަދި ތިމަންގެ ރައްބުގެ ނިއުމަތް ދެއްވާފައިނުވާނަމަ، (އަޒާބުގެ ތެރެއަށް) ހާޒިރުކުރައްވާފައިވާ މީހުންގެ ތެރެއިން ތިމަންވެއްޖައީސްކަން ކަށަވަރެވެ.
ފަހެ މަރުނުވެ ދެމިތިބޭނޭ ބަޔަކު ކަމުގައި އަހަރެމެން ނުވޭހެއްޔެވެ؟
އެއީ ތިމަންމެންގެ ފުރަތަމަ މަރުވުން މެނުވީއެވެ. އަދި އަޒާބު ލިބޭނޭ ބަޔަކު ކަމުގައި އަހަރެމެން ނުވަމުއެވެ.
ހަމަކަށަވަރުން ބޮޑުވެގެންވާ ނަސީބު ލިބުމަކީ މިއީކަން ކަށަވަރެވެ.
އަމަލުކުރާ މީހުން މިފަދަކަންތައް ލިބިގަތުމަށް ޓަކައި އަމަލުކުރާހުށިކަމެވެ.
ޟިޔާފަތެއްގެ ގޮތުން މޮޅީ އެ ތަންހެއްޔެވެ؟ ނުވަތަ ޒައްގޫމު ގަސްހެއްޔެވެ؟
ހަމަކަށަވަރުން އަނިޔާވެރިންނަށްއޮތް އިމްތިހާނެއްކަމުގައި ތިމަން އިލާހު އެ ގަސް ލެއްވީމެވެ.
ހަމަކަށަވަރުން އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ.
އޭގެ މޭވާ، ޝައިތާނުންގެ ބޯތަކެކޭ އެއްފަދައެވެ.
ފަހެ ހަމަކަށަވަރުން އެ މީހުންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ.
ދެން ހަމަކަށަވަރުން އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: ޒައްގޫމާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއް) އެ މީހުންނަށްވާކަން ކަށަވަރެވެ.
ދެން ހަމަކަށަވަރުން އެ މީހުން އެނބުރި ދިޔުން ވަނީ ނަރަކައަށްކަން ކަށަވަރެވެ.
ހަމަކަށަވަރުން އެ މީހުންގެ ކާބަފައިން މަގުފުރެދިފައިވާތީ، އެ މީހުން ދުށްޓެވެ.
ފަހެ އެ މީހުން އެ ކާބަފައިންގެ ފިޔަވަޅުތަކުގެ މަތީގައި ހިނގައިދިޔުމަށް އަވަސްވެގަނެއެވެ.
ހަމަކަށަވަރުން އިސްވެދިޔަމީހުންކުރެ ގިނަމީހުން އޭގެ ކުރިންވަނީ މަގުފުރެދިފައެވެ.
އަދި ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންގެ ތެރެއަށް އިންޒާރުކުރައްވާ ރަސޫލުން ފޮނުއްވީމެވެ.
ފަހެ އިންޒާރު ވެވުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ.
ﷲގެ، ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ.
ހަމަކަށަވަރުން ނޫޙުގެފާނު ތިމަން އިލާހަށް (އެހީއަށްއެދި) ގޮވައިލެއްވިއެވެ. ފަހެ (އެކަލޭގެފާނަށް) އިޖާބަދެއްވި އިލާހުގެ މޮޅުކަމާއެވެ.
އަދި ތިމަން އިލާހު އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން ބޮޑުވެގެންވާ ހިތާމައިން (އެބަހީ: ޣަރަގުން) ސަލާމަތްކުރެއްވީމެވެ.
އަދި ދެން ތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަން އިލާހު ލެއްވީމެވެ.
އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ސަނާ ލެހެއްޓެވީމެވެ.
އާލަމްތަކުގައި ނޫޙުގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ.
އިހްސާންތެރިންނަށް ހަމަކަށަވަރުން ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ.
ހަމަކަށަވަރުން އެކަލޭގެފާނުވަނީ، ތިމަން އިލާހުގެ މުއުމިނު އަޅުންގެ ތެރެއިންނެވެ.
ދެން ތިމަން އިލާހު އެހެންމީހުން (އެބަހީ: ކާފިރުން) ޣަރަގުކުރެއްވީމެވެ.
ހަމަކަށަވަރުން އެކަލޭގެފާނުގެ ގޮތަށް ތަބާ ވެގެންވާ މީހުންގެ ތެރެއިން އިބްރާހީމްގެފާނުވެއެވެ.
(އެއީ) ސަލާމަތުންވާ ހިތަކާއިގެން އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ތަވައްޖުހު ވެވަޑައިގެންނެވި ހިނދުގައެވެ.
(އެއީ) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް އެކަލޭގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށްހެއްޔެވެ؟
ﷲ ފިޔަވާ ދޮގު އިލާހުންތަކަކަށް ތިޔަބައިމީހުން އެދެނީހެއްޔެވެ؟
ފަހެ އާލަމްތަކުގެ ރައްބާމެދު، ތިޔަބައިމީހުން ހީކުރަނީ ކީކޭހެއްޔެވެ؟
ފަހެ (އެ މީހުންގެ ޢީދަކަށް ނުކުމެވަޑައިގަތުމަށް ދެންނެވުމުން) އެކަލޭގެފާނު ފުން ނަޒަރަކުން ތަރިތަކަށް ބައްލަވައިލެއްވިއެވެ.
ދެން ވިދާޅުވިއެވެ: ހަމަކަށަވަރުން އަހަރެންނީ ބަލި މީހަކީމެވެ.
ދެން އެ މީހުން އެކަލޭގެފާނަށް ފުރަގަސްދީ ހިނގައްޖެއެވެ.
ފަހެ އެކަލޭގެފާނު އެ މީހުންގެ އިލާހުންތަކުގެ ކައިރިއަށް ޖެހިވަޑައިގެން ވިދާޅުވިއެވެ: ކަލޭމެން ނުކަނީހެއްޔެވެ؟
ކަލޭމެން ބަސްނުމޮށެނީ ކީއްވެގެންހެއްޔެވެ؟
ފަހެ އެކަލޭގެފާނު އެ ތަކެތީގެ ކައިރިއަށް ޖެހިވަޑައިގެން ކަނާތްޕުޅުން އެ ތަކެތީގައި ޖެއްސެވިއެވެ.
ފަހެ އެ މީހުން އެކަލޭގެފާނުގެ އަރިހަށް އަވަސްވެގަނެގެން އައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން ކޮށައި މަށައިގެންހަދާތަކެއްޗަށް ތިޔަބައިމީހުން އަޅުކަންކުރަނީހެއްޔެވެ؟
އަދި ތިޔަބައިމީހުންނާއި ތިޔަބައިމީހުން ކުރާ އަމަލުތައް ވެސް ހެއްދެވީ ﷲ އެވެ.
އެ މީހުން ބުންޏެވެ. އެކަލޭގެފާނަށް ޓަކައި ބިނާއެއް ހަދާށެވެ! (އަދި އެތަނަށް ދަރުއަޅައި ރޯކޮށްފައި) ދެން ގަދަ އަލިފާންގަނޑުގެ ތެރެއަށް އެކަލޭގެފާނު އެއްލާށެވެ!
ފަހެ އެ މީހުން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވިއެވެ. އަދި ދެރަވެ ނިކަމެތިވި ބަޔަކު ކަމުގައި ތިމަން އިލާހު އެ މީހުން ލެއްވީމެވެ.
އަދި އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން އަހަރެން (މިތަނުން ހިޖުރަ ކޮށް) ދާހުށީ އަހަރެންގެ ރައްބު އަމުރުކުރެއްވި ތަނަށެވެ. އެ އިލާހު އަހަރެންނަށް މަގު ދައްކަވާނެއެވެ.
އަޅުގެ ރައްބެވެ. މި އަޅާއަށް ސާލިހުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ.
ފަހެ ތިމަން އިލާހު (އެކަލޭގެފާނުގެ ދުއާ އިޖާބަ ކުރައްވާ) ޙިލްމުވެރި ދަރިކަލަކު ދެއްވާނެކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނަށް ދެއްވީމެވެ.
ފަހެ އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވާ އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ: އޭ ލޯބިވާ ދަރިފުޅާއެވެ. ހަމަކަށަވަރުން އަހަރެން ތިބާ ގުރުބާން ކުރާތަން، ހުވަފެނުގައި އަހަރެންނަށް ފެނުނެވެ. ފަހެ ތިބާއަށް ފެންނަ އެއްޗެއް (ބުނެ) ބަލާށެވެ. އެ ދަރިކަލުން ދެންނެވިއެވެ: އޭ ބައްޕާއެވެ. ކަލޭގެފާނަށް އަމުރުކުރެއްވުނު ކަންތައް ކަލޭގެފާނު ކުރައްވާށެވެ. ކަލޭގެފާނަށް އަޅުގަނޑު ފެނިވަޑައިގަންނަވާނީ، އިން ޝާއަ ﷲ، ކެތްތެރިންގެ ތެރެއިން ކަމުގެއެވެ.
ފަހެ އެ ދެބަފައިކަލުން (ﷲ އަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު،
ތިމަން އިލާހު އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އޭ އިބްރާހީމްގެފާނެވެ.
ހަމަކަށަވަރުން ކަލޭގެފާނުގެ ހުވަފެންފުޅު ތެދު ކުރައްވާފީމުއެވެ. އިހްސާންތެރިންނަށް ހަމަކަށަވަރުން ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ.
ހަމަކަށަވަރުން މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިހާނު ކަން ކަށަވަރެވެ.
އަދި ގަދަރު ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަން އިލާހު، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ.
އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ސަނާ ލެހެއްޓެވީމެވެ.
އިބްރާހީމްގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ.
އިހްސާންތެރިންނަށް ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ.
ހަމަކަށަވަރުން އެކަލޭގެފާނުވަނީ، ތިމަން އިލާހުގެ މުއުމިނު އަޅުންގެ ތެރެއިންނެވެ.
އަދި ސާލިހުންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި އިސްޙާގުގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު، ތިމަން އިލާހު އެކަލޭގެފާނަށް ދެއްވީމެވެ.
އަދި އެކަލޭގެފާނާއި، އިސްޙާގުގެފާނުގެ މައްޗަށް ތިމަން އިލާހު ބަރަކާތް ލެއްވީމެވެ. އެ ދެބަފައިކަލުންގެ ދަރިކޮޅުން ހެޔޮކަންތައްކުރާ މީހުންނާއި، ފާޅުވެގެންވާ ގޮތުގައި އަމިއްލަ ނަފްސަށް އަނިޔާކުރާ މީހުންވެއެވެ.
އަދި މޫސާގެފާނާއި، ހާރޫނުގެފާނަށް ތިމަން އިލާހު (ނަބީކަމުގެ) ނިއުމަތް ދެއްވީމެވެ.
އަދި ތިމަން އިލާހު އެ ދެބޭކަލުންނާއި، އެ ދެބޭކަލުންގެ ގައުމުގެ މީހުން ބޮޑުވެގެންވާ ހިތާމައިން ސަލާމަތް ކުރެއްވީމެވެ.
އަދި ތިމަން އިލާހު އެ މީހުންނަށް ނަސްރު ދެއްވީމެވެ. ފަހެ ގަދަވިބަޔަކު ކަމުގައިވީ، ހަމަ އެ މީހުންނެވެ.
އަދި ތިމަން އިލާހު އެ ދެބޭކަލުންނަށް ބަޔާން ވެގެންވާ ފޮތް (އެބަހީ: ތައުރާތު) ދެއްވީމެވެ.
އަދި ތިމަން އިލާހު، އެ ދެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ.
އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެ ދެބޭކަލުންނަށް ރިވެތި ސަނާ ލެހެއްޓެވީމެވެ.
މޫސާގެފާނާއި، ހާރޫނުގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ.
އިހްސާންތެރިންނަށް، ހަމަކަށަވަރުން ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ.
ހަމަކަށަވަރުން އެ ދެބޭކަލުންވަނީ ތިމަން އިލާހު، މުއުމިނު އަޅުންގެ ތެރެއިންނެވެ.
ހަމަކަށަވަރުން އިލްޔާސްގެފާނުވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.
އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް އެކަލޭގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން ތަގުވާވެރި ނުވާނޫހެއްޔެވެ؟
އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ އިލާހަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން ބަޢުލަށް އަޅުކަންކުރަނީހެއްޔެވެ؟ (ބަޢުލަކީ އެ މީހުން އަޅުކަން ކުރުމަށް ހަދާފައިވާ ބުދެކެވެ.)
އެ އިލާހީ، ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި ﷲ އެވެ.
ފަހެ އެ މީހުން އެކަލޭގެފާނު ދޮގުކުރިއެވެ. ފަހެ ހަމަކަށަވަރުން އެ މީހުން (އަޒާބުގެ ތެރެއަށް) ހާޒިރުކުރައްވާނެކަން ކަށަވަރެވެ.
ﷲގެ، ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ.
އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ސަނާ ލެހެއްޓެވީމެވެ.
އިލްޔާސްގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ.
އިހްސާންތެރިންނަށް ހަމަކަށަވަރުން ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ.
ހަމަކަށަވަރުން އެކަލޭގެފާނު ވަނީ، ތިމަން އިލާހު، މުއުމިނު އަޅުންގެ ތެރެއިންނެވެ.
ހަމަކަށަވަރުން ލޫޠުގެފާނުވަނީ ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.
ތިމަން އިލާހު އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރި އެންމެން ސަލާމަތްކުރެއްވި ހިނދު ހަނދުމަކުރާށެވެ!
އަޒާބު ލިބުނު މީހުންގެ ތެރޭގައިވި، މުސްކުޅި އަންހެނަކު މެނުވީއެވެ.
ދެން ތިމަން އިލާހު (އެ ގައުމުގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ.
އަދި ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެ މީހުންގެ (އާސާރުތަކުގެ) ކައިރިންލާފައި ހެނދުނު ތިޔަބައިމީހުން ދަމުއެވެ.
އަދި ރޭގަނޑުގައިވެސް މެއެވެ. ފަހެ ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟
ހަމަކަށަވަރުން ޔޫނުސްގެފާނުވަނީ، ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.
އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވި ހިނދު ހަނދުމަކުރާށެވެ!
ފަހެ އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) ގުރުއަތު ލެއްވިއެވެ. ފަހެ އެކަލޭގެފާނުވީ (ގުރުއަތުން) ދެރަވިމީހުންގެ ތެރެއިންނެވެ.
ފަހެ އެ ހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ ހާލުގައެވެ.
ފަހެ އެކަލޭގެފާނު (ގިނަގިނައިން) ތަސްބީހަ ކިޔާ މީހުންގެ ތެރެއިން ނުވިނަމަ،
(މީސްތަކުން) މަހުޝަރު ކުރެވޭ ދުވަހަށް ދާންދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.
ފަހެ ތިމަން އިލާހު އެކަލޭގެފާނު ބަލިހާލު ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ.
އަދި ތިމަން އިލާހު އެކަލޭގެފާނަށް ޓަކައި، ބަރަބޮލުގެ ބާވަތެއްގެ ގަހެއް އެ ތަނުން ފެޅުއްވީމެވެ.
އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ ގައުމަކަށް ރަސޫލުކަމާއިގެން ތިމަން އިލާހު އެކަލޭގެފާނު ފޮނުއްވީމެވެ.
ފަހެ އެ މީހުން (އެކަލޭގެފާނަށް) އީމާންވިއެވެ. ދެން އެ މީހުންގެ އަޖަލު ޖެހިއްޖައުމަށް ދާންދެން އެ މީހުން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.
(އޭ މުޙައްމަދުގެފާނެވެ.) ފަހެ ކަލޭގެފާނު އެ މީހުންނާ ސުވާލު ކުރައްވާ ބައްލަވާށެވެ. ކަލޭގެފާނުގެ ރައްބަށް އަންހެން ދަރިން ތިބެފައި އެ މީހުންނަށް ފިރިހެން ދަރިން ވަނީހެއްޔެވެ؟
ނުވަތަ އެ މީހުން ހާޒިރުވެ ބަލަންތިއްބާ، ތިމަން އިލާހު މަލާއިކަތުން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟
ދަންނާށެވެ. ހަމަކަށަވަރުން އެ މީހުންގެ ބޮޑު ދޮގެއްގެ ތެރެއިން އެ މީހުން ބުނެއެވެ:
ﷲ އަށް ދަރިކަލުން އުފަންވެގެން ވެއެވެ. އަދި ހަމަކަށަވަރުން އެ މީހުންނީ ދޮގުވެރިންކަން ކަށަވަރެވެ.
ފިރިހެން ދަރިންގެ މައްޗަށް އަންހެން ދަރިން އެ އިލާހު ޚިޔާރުކުރެއްވީހެއްޔެވެ؟
ތިޔަބައިމީހުން ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ ހުކުމްކުރަނީ ކޮންފަދައަކުންހެއްޔެވެ؟
ފަހެ ތިޔަބައިމީހުން ހަނދުމަނުކުރަނީހެއްޔެވެ؟
ނުވަތަ ތިޔަބައިމީހުންނަށް ބަޔާން ވެގެންވާ ދަލީލެއް ވަނީހެއްޔެވެ؟
ފަހެ ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (ދަލީލަކަށް) ގެނެސްބަލާށެވެ!
އަދި އެ މީހުން އެ އިލާހާ ޖިންނީންނާ ދެމެދު ނަސަބުގެ ގުޅުމެއް ވާކަމަށް ހަދައެވެ. ހަމަކަށަވަރުން އެ މީހުން (އަޒާބުގެ ތެރެއަށް) ހާޒިރުކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެތެވެ.
އެ މީހުން އެ ސިފަކުރާ ގޮތްތަކުން ﷲ ހުސްތާހިރުވެ ވޮޑިގެންވެއެވެ.
ﷲގެ، ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ.
ފަހެ ތިޔަބައިމީހުންނާއި، ތިޔަބައިމީހުން އަޅުކަންކުރާ ތަކެތި،
ތިޔަބައިމީހުންނަކަށް (ﷲ ގެ މަގުން މީހުން ފުރައްދައި) ފިތުނަވެރިކޮށެއް ނުލެވޭނެއެވެ.
ނަރަކައަށް ވަންނަން އޮތް މީހަކު މެނުވީއެވެ.
(މަލާއިކަތުން ވިދާޅުވިއެވެ:) ތިމަންބޭކަލުންގެ ތެރެއިން ހަމައެކަކަށް ވެސް (އަޅުކަން ކުރުމަށް) އެ ބޭކަލަކަށް ކަނޑައެޅިގެންވާ މަގާމެއް ނެތިއެއް ނުވެއެވެ.
އަދި ހަމަކަށަވަރުން ތިމަންމެންނީ ސަފުސަފަށް އެތުރޭ މަލާއިކަތުންނީމުއެވެ.
އަދި ހަމަކަށަވަރުން ތިމަންމެންނީ ތަސްބީހަ ކިޔާ މަލާއިކަތުންނީމުއެވެ.
އަދި ހަމަކަށަވަރުން އެ މީހުން (އެބަހީ: މައްކާގެ މުޝްރިކުން) ބުނެއުޅެތެވެ.
ތިމަންމެންގެ ގާތުގައި، އިހުގެ އުއްމަތްތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ،
ﷲ ގެ ޚިޔާރުކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީސްކަން ކަށަވަރެވެ.
ފަހެ (އެ ގުރްއާން އެ މީހުންގެ ގާތަށް އައުމުން) އެ މީހުން އެއަށް ކާފިރުވިއެވެ. ފަހެ އެ މީހުންނަށް (އެ ކަމުގެ ނަތީޖާ) ނިކަންހުރެ އެނގޭހުއްޓެވެ.
ހަމަކަށަވަރުން ތިމަން އިލާހުގެ އަޅުންކަމުގައިވާ ރަސޫލުންނަށް ތިމަން އިލާހުގެ (ނަސްރު ދެއްވާނެކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ.
ހަމަކަށަވަރުން އެ ބޭކަލުންނީ، ހަމަ ނަސްރު ލިބިގެންވާ ބޭކަލުންނެވެ.
އަދި ހަމަކަށަވަރުން ގަދަވެ މޮޅުވާނެ ބަޔަކީ ހަމަ ތިމަން އިލާހުގެ ލަޝްކަރުކަން ކަށަވަރެވެ.
ފަހެ ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެ މީހުންނާ އެއްކިބާވެވަޑައިގަންނަވާށެވެ.
އަދި ކަލޭގެފާނު އެ މީހުން (ނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ. ފަހެ ނިކަންހުރެ އެ މީހުން ދެކޭނެމެއެވެ.
ފަހެ އެ މީހުން އަވަސްވުން އެދެނީ، ތިމަން އިލާހުގެ އަޒާބަށްހެއްޔެވެ؟
ފަހެ އެ މީހުން ތިބޭތަނަށް އެ އަޒާބު އަތުވެއްޖެނަމަ، އެ އިންޒާރު ވެވުނު މީހުންގެ ހެނދުނުގެ ހުރި ނުބައިކަމާއެވެ.
އަދި ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ.
އަދި ކަލޭގެފާނު (އެ މީހުންނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ. ފަހެ ނިކަންހުރެ އެ މީހުން ދެކޭނޭމެއެވެ.
ކަލޭގެފާނުގެ ވެރި، އިއްޒަތްވަންތަކަމުގެ ރައްބު، އެ މުޝްރިކުން ސިފަކުރާ ކަންތަކުން ހުސްތާހިރުވެ ވޮޑިގެންވެއެވެ.
އަދި (އެންމެހާ) ރަސޫލުންގެ މައްޗަށް ސަލާމް ހުއްޓެވެ.
އަދި ހަމްދު ހުރީ، އާލަމްތަކުގެ ވެރި ﷲ އަށެވެ.