ޙާ މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
މިއީ ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲ ގެ ހަޒްރަތުން ބާވައިލެއްވި ފޮތެވެ.
ތިމަން އިލާހު އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެތި ހައްގު ގޮތުގައި، އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށްމެނުވީ ނަހައްދަވަމެވެ. އަދި ކާފިރު ވިމީހުންނީ، އެ މީހުންނަށް އިންޒާރުކުރައްވާ ކަންތަކަށް ފުރަގަސްދޭ ބަޔެކެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކޮށްއުޅޭތަކެއްޗާމެދު، ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! އެ މީހުން ބިމުންހެދީ ކޮންތަނެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެދުމުގައި ބައިވެރިވުމެއް، އެ މީހުންނަށް ވަނީހެއްޔެވެ؟ މީގެކުރިން (ބާވައިލެއްވި) ފޮތެއް ނުވަތަ އިލްމުގެ ތެރެއިން މިންވަރެއް، ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ގެނެސްދީބަލާށެވެ! ތިޔަބައިމީހުންނީ، ތެދުވެރިންކަމުގައި ވާނަމައެވެ.
ގިޔާމަތް ދުވަހަށް ދާންދެން، އެ މީހަކަށް އިޖާބަ ނުދޭފަރާތަކަށް ﷲ ފިޔަވާ އަޅުކަންކޮށް، ދުއާ ކޮށްއުޅޭ މީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ އަދި އެ ތަކެތިވަނީ، އެ މީހުންގެ ދުއާތަކަށް ޣާފިލު ވެގެންނެވެ.
އަދި މީސްތަކުން (ގިޔާމަތް ދުވަހުން) އެއް ކުރައްވާހިނދު އެ މީހުންނަށް، އެ ބުދުތައް އަދާވާތްތެރިންކަމުގައި ވާނެއެވެ. އަދި އެ ތަކެއްޗަށް އަޅުކަންކުރި ކަމާމެދު އިންކާރުކުރާ ތަކެތި ކަމުގައި އެ ތަކެތި ވާނެއެވެ.
އަދި ތިމަން އިލާހުގެ އާޔަތްތައް އެ މީހުންނަށް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެވޭ ހިނދު (އަދި) އެ މީހުންގެ ގާތަށް ހައްގު ބަސްފުޅު އައި ހިނދު، ކާފިރު ވިމީހުން އެ ބަސްފުޅާމެދު ބުންޏެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ ގުރްއާން ހެއްދެވިކަމަށް އެ މީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ ގުރްއާން ހައްދަވާފައިވާނަމަ، ފަހެ ތިމަންކަލޭގެފާނަށް ޓަކައި ﷲ ގެ ހަޒްރަތުން އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް މިލްކުވެގެންނެއް ނުވެއެވެ. (އެބަހީ: ﷲ ގެ އަޒާބުން ތިޔަބައިމީހުންނަކަށް، ތިމަންކަލޭގެފާނު ސަލާމަތެއް ނުކުރެވޭނެއެވެ.) ތިޔަބައިމީހުން އެ ގުރްއާނާމެދު، ދައްކައިއުޅޭ ވާހަކަތައް، އެ އިލާހު ދެނެވޮޑިގަތުން ބޮޑެވެ. ތިމަންކަލޭގެފާނާ، ތިޔަބައިމީހުންނާ ދެމެދުގައިވާ ހެކިވެރިޔަކަށް އެ އިލާހު ފުދެއެވެ. އަދި އެ އިލާހީ އަލްޣަފޫރު، އައްރަޙީމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: ރަސޫލުންގެ ތެރެއިން ފުރަތަމަ (ފޮނުއްވި) ރަސޫލަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ. ތިމަންކަލޭގެފާނާމެދު އަދި ތިޔަބައިމީހުންނާ މެދުވެސް ކަންތައް ކުރައްވާނެ ގޮތް، ތިމަންކަލޭގެފާނު އެނގިވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަހީއަކަށް މެނުވީ، ތިމަންކަލޭގެފާނު ތަބައެއް ނުވަމެވެ. އަދި ބަޔާންވެގެންހުރި އިންޒާރުކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: ތިޔަބައިމީހުން ޚަބަރު ދީބަލާށެވެ! އެ ގުރްއާނަކީ ﷲ ގެ ހަޒްރަތުންއައި ފޮތެއް ކަމަށްވެފައި، އަދި ތިޔަބައިމީހުން އެއަށް ކާފިރު ވެއްޖެނަމަ (ތިޔަބައިމީހުންނީ، އަމިއްލަ ނަފްސަށް އަނިޔާވެރި ބަޔަކު ކަމުގައި ނުވޭހެއްޔެވެ؟) އަދި އިސްރާއީލުގެ ދަރިންކުރެ ހެކިދޭމީހަކު އެ ފޮތުގެ މައްޗަށް (އެއީ ތެދުކަމަށް) ހެކިދީފައެވެ. ފަހެ އޭނާ (އެއަށް) އީމާން ވިއެވެ. އަދި ތިޔަބައިމީހުން (އެއަށް އީމާން ނުވެ) ބޮޑާވެގެންފީމުއެވެ. ހަމަކަށަވަރުން އަނިޔާވެރިބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
އަދި ކާފިރު ވިމީހުން އީމާންވި މީހުންނަށް ބުންޏެވެ. (އެކަލޭގެފާނު ގެންނެވިތަކެއްޗަށް އީމާން ވުމަކީ) އެއީ ހެޔޮކަމެއް ކަމުގައިވީނަމަ، ތިމަންމެންގެ މައްޗަކަށް އެ މީހުން އެ ކަމަށް އިސްނަގައިގެން ނުދިޔައީހެވެ. އަދި އެ މީހުންނަށް އެއިން ތެދުމަގު ނުލިބުނު ހިނދު، ފަހެ އެ މީހުން ބުނާނެއެވެ. މިއީ އިހުގެ (ފުލޯކުގެ ތެރެއިންވާ) ދޮގެކެވެ.
އަދި އޭގެ ކުރިން މޫސާގެފާނަށް ބާވައިލެއްވި ފޮތަކީ، އެއަށް ތަބާ ވެވޭ ފޮތެއްކަމުގައްޔާއި، ރަހުމަތެއްކަމުގައިވިއެވެ. އަދި މިއީ (އެބަހީ: މި ގުރްއާނަކީ) ކުރީގެ ފޮތްތައް ތެދުކުރަނިވިގޮތުގައި އަރަބި ބަހުންއޮތް ފޮތެކެވެ. އަނިޔާވެރިވި މީހުންނަށް އިންޒާރުކުރެއްވުމަށް ޓަކައެވެ. އަދި އިހްސާންތެރިންނަށް އުފާވެރި ޚަބަރެއް ކަމުގައެވެ.
ހަމަކަށަވަރުން ތިމަންމެންގެ ރައްބަކީ، ﷲ އޭ ބުނެ، ދެން ސީދާވެގަތްމީހުން (ދަންނާށެވެ.) ފަހެ އެ މީހުންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެ މީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
އެ މީހުންނީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެ ތާނގައި، އެ މީހުން ދެމިތިބެނިވިގޮތުގައެވެ. (އެއީ) އެ މީހުން ކޮށްއުޅުނު އަމަލުތަކަށް ޖަޒާއެއްކަމުގައެވެ.
އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަން އިލާހު ވަސިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެއެވެ. އަޅުގެ ރައްބެވެ. އިބަ އިލާހު މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިއުމަތަށް ޝުކުރުކުރުމަށާއި، އިބަ އިލާހު ރުހިވޮޑިގެންވާ ސާލިހު އަމަލުކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ. އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިސްލާހު ކޮށްދެއްވާނދޭވެ. ހަމަކަށަވަރުން މި އަޅާ އިބަ އިލާހަށް ތައުބާ ވެއްޖައީމެވެ. ހަމަކަށަވަރުން މި އަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ.
އެ މީހުންނީ، އެ މީހުން ކުރި ހެޔޮކަންބޮޑު އަމަލުތައް އެ މީހުންގެ ކިބައިން ތިމަން އިލާހު ގަބޫލު ކުރައްވާ، އެ މީހުންގެ ކުށްތައް ތިމަން އިލާހު ފުއްސަވައި، ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ލައްވާނެ މީހުންނެވެ. (އެއީ) އެ މީހުންނަށް ވައުދު ކުރައްވަމުން ގެންދެވި ތެދު ވައުދެވެ.
އެ މީހެއްގެ މައިންބަފައިންނާ ދިމާޔަށް ތިޔަ ދެ މީހުންނަށް ނުބައިކަންހުށްޓޭ ބުނިމީހާ (ދަންނާށެވެ.) ތިމަންގެކުރިން އެތައް ޖީލެއް ފާއިތުވެގޮސްފައިވާއިރު (ކަށްވަޅުން) ތިމަން ނެރުއްވާނެކަމަށް، ތިޔަ ދެ މީހުން ތިމަންނައަށް ވައުދު ކުރަނީހެއްޔެވެ؟ ﷲ ގެ ހަޒްރަތުން ސަލާމަތަށްއެދި، އެ ދެ މީހުން ދުއާކުރަމުން (ބުނެއެވެ.) ކަލެއަށް ހަލާކުހުއްޓެވެ! ކަލޭ ނިކަން އީމާން ވެބަލާށެވެ! ހަމަކަށަވަރުން ﷲ ގެ ވައުދުފުޅަކީ ހައްގު ތެދެވެ. ފަހެ އޭނާ ބުނެއެވެ. ތިޔައީ އެވޭލާމީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތައް ކަމުގައި މެނުވީ ނުވެއެވެ.
ޖިންނީންނާއި، އިންސީންގެ ތެރެއިން، އެ މީހުންގެކުރިން އިސްވެދިޔަ އުއްމަތްތަކުގެ ތެރޭގައި (އަޒާބުގެ) ބަސްފުޅު ހައްގުވި މީހުންނީ، އެ މީހުންނެވެ. ހަމަކަށަވަރުން ގެއްލެނިވެގެންވާ ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
އަދި ކޮންމެބަޔަކަށްމެ، އެބަޔަކު ކުރި އަމަލަކާ އެއްގޮތަށް ދަރަޖަތަކެއް ހުއްޓެވެ. (އެއީ) އެ މީހުންނަށް، އެ މީހުންގެ އަމަލުތަކުގެ ޖަޒާ ފުރިހަމައަށް ދެއްވުމަށް ޓަކައެވެ. އަދި އެ މީހުންނަކަށް ބޭއިންސާފެއް ނުކުރައްވާހުއްޓެވެ.
ކާފިރު ވިމީހުން ނަރަކައަށް ހުށަހަޅުއްވާ ދުވަހު (އެ މީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުންނަށްހުރި ރަނގަޅު ތަކެތި، ތިޔަބައިމީހުންގެ ދުނިޔޭގެ ހަޔާތުގައި ނަގާލައި އަދި ތިޔަބައިމީހުން އެއިން އަރާމުލިބިގެންފީމުއެވެ. ފަހެ ހައްގަކާނުލާ ބިމުގައި ތިޔަބައިމީހުން ބޮޑާވެ އުޅުނުކަމަށް ޓަކައި، އަދި ތިޔަބައިމީހުން ފާސިގު ވެގަތް ކަމަށް ޓަކައި، މިއަދު އިހާނެތިކަމުގެ ޖަޒާ ތިޔަބައިމީހުންނަށް ލިބޭނެއެވެ.
ޢާދު ބާގައިމީހުންގެ އަޚު (ހޫދުގެފާނު) ގެ ވާހަކަ ކަލޭގެފާނު ކިޔައިދެއްވާށެވެ. (އެއީ) ވެލިފަރުބަދަތަކުގައިވާ، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް އެކަލޭގެފާނު އިންޒާރުކުރެއްވި ހިނދެވެ. އެކަލޭގެފާނުގެ ކުރިންނާއި، އެކަލޭގެފާނުގެ ފަހުން އިންޒާރުކުރައްވާ ރަސޫލުންވަނީ، އިސްވެގޮސްފައިކަން ކަށަވަރެވެ. ތިޔަބައިމީހުން ﷲ އަށް މެނުވީ އަޅުކަން ނުކުރާހުށިކަމެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ އަޒާބާމެދު، ތިޔަބައިމީހުންގެ މައްޗަށް އަހަރެން ބިރުގަންނަމެވެ.
އެ މީހުން ބުންޏެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ތިމަންމެންގެ އިލާހުންނަށް އަޅުކަން ކުރުމުން ތިމަންމެން ދުރުކުރެއްވުމަށްތޯއެވެ؟ ފަހެ ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ތިމަންމެންނަށް ތިޔަ ވައުދު ކުރައްވާކަންތައް ތިމަންމެންގެ ގާތަށް ގެންނަވައިބައްލަވާށެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ދެނެވޮޑިގަތުންވާ ކަންކަށަވަރީ ﷲ ގެ ހަޒްރަތުގައެވެ. އަދި ތިމަންކަލޭގެފާނު އެ ކަމަކާއިގެން ފޮނުއްވެވި ކަންތައް، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަވަނީއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނީ، ޖާހިލު ބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ.
ފަހެ އެ މީހުންގެ ވާދީތަކާދިމާޔަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެ މީހުންނަށް އެ (އަޒާބު) ފެނުނު ހިނދު އެ މީހުން ބުންޏެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ. (އެންގެވިއެވެ.) އަދި ކިއެއް! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެންއުޅުނު ކަންތަކެވެ. ވޭންދެނިވި އަޒާބު އޭގައި ހިމެނިގެންވާ ގަދަވަޔެކެވެ.
އެ ވައި، އޭގެ ރައްބުގެ އަމުރުފުޅަށް ކޮންމެ އެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ އެ މީހުން އުޅުނު ތަންތަންމެނުވީ، ފެންނާންނެތްބަޔަކު ކަމުގައި އެ މީހުން ވެއްޖެއެވެ. ކުށްވެރިވިމީހުންނަށް ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ.
އަދި ހަމަކަށަވަރުން ތިމަން އިލާހު އެ ކަންކަމުގެ ބާރު ތިޔަބައިމީހުންނަށް ދެއްވާފައިނުވާ ކަންކަމުގައި، އެ މީހުންނަށް ތިމަން އިލާހު ބާރުދެއްވީމެވެ. އަދި އެ މީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ތިމަން އިލާހު ލެއްވީމެވެ. ފަހެ އެ މީހުން ﷲ ގެ އާޔަތްތަކަށް ދެކޮޅުހަދަމުން ދިއުމުގެ ސަބަބުން، އެ މީހުންގެ އިވުމެއްވެސް، އަދި އެ މީހުންގެ ފެނުމެއްވެސް، އަދި އެ މީހުންގެ ހިތްތަކެއްވެސް އެ މީހުންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. އަދި އެ މީހުން ފުރައްސާރަކޮށް އުޅުނު ކަންތައްއައިސް އެ މީހުން ވަށައިލިއެވެ.
އަދި ހަމަކަށަވަރުން ރަށްތަކުގެ ތެރެއިން ތިޔަބައިމީހުންގެ ވަށައިގެންވާ ތަންތަން ތިމަން އިލާހު ހަލާކުކުރެއްވީމެވެ. އަދި ތިމަން އިލާހު ހުއްޖަތްތައް ތަފާތުގޮތްގޮތަށް ބަޔާންކޮށްދެއްވީމެވެ. (އެއީ ތެދުމަގަށް) އެ މީހުން އެނބުރި ރުޖޫއަ ވުމަށް ޓަކައެވެ.
ފަހެ ﷲ ފިޔަވާ އެ އިލާހުގެ ހަޒްރަތަށް ކުއްތަންވެގަތުމުގެ ގޮތުން އެހެން އިލާހުންތަކެއް ހިފިމީހުންނަށް އެ އިލާހުންތައް ނަސްރު ނުދިނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއް! އެ މީހުންގެ ކިބައިން އެ އިލާހުންތައް ގެއްލިހިނގައްޖެއެވެ. އަދި އެއީ އެ މީހުން ހެދި ދޮގެކެވެ. އަދި އެ މީހުން ދޮގުން އުފައްދައިގެން ބުނެއުޅުނު ބުނުންތަކެކެވެ.
ތިމަން އިލާހު ޖިންނީންގެ ތެރެއިން ބަޔަކު، ގުރްއާނުގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވި ހިނދު ހަނދުމަ ކުރައްވާށެވެ. ފަހެ އެ މީހުން، އެކަލޭގެފާނުގެ އަރިހަށް ހާޒިރު ވިހިނދު (އެކަކު އަނެކަކަށް) ބުންޏެވެ: ތިޔަބައިމީހުން ކަނުލާ އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެ މީހުން، އެ މީހުންގެ ގައުމުގެ މީހުންގެ ގާތަށް އިންޒާރުކުރާ ބަޔެއްގެ ގޮތުގައި އެނބުރި ހިނގައްޖެއެވެ.
އެ މީހުން ބުންޏެވެ. އޭ އަހުރެމެންގެ ގައުމުގެ މީހުންނެވެ. ހަމަކަށަވަރުން މޫސާގެފާނަށް ފަހު، ބާވައިލެއްވެވި ފޮތެއް އަހުރެމެން އަހައިފީމުއެވެ. އޭގެކުރީގެ ފޮތްތައް ތެދުކުރަނިވި ގޮތުގައެވެ. ހައްގު ގޮތަށާއި، ސީދާވެގެންވާ ތެދުމަގަށް އެ ފޮތް މަގުދައްކަތެވެ.
އޭ އަހުރެމެންގެ ގައުމުގެ މީހުންނެވެ. ﷲ ގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިޔަބައިމީހުން އިޖާބަދޭށެވެ! އަދި ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ވާށެވެ. (އޭރުން) އެ އިލާހު ތިޔަބައިމީހުންގެ ފާފަތައްފުއްސަވައި، ވޭންދެވިނި އަޒާބުން އެ އިލާހު ތިޔަބައިމީހުން ދިންނަވާނެއެވެ.
އަދި ﷲ ގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް އިޖާބަ ނުދޭމީހާ (ދަންނާށެވެ.) ފަހެ އޭނާއީ ބިމުގައި (ﷲ) ނުކުޅައްދާ މީހަކު ކަމުގައި ނުވެއެވެ. އަދި އެ އިލާހު ފިޔަވާ އޭނާއަށް އެހީތެރި ފަރާތްތަކެއްވެސް ނުވެއެވެ. އެ މީހުން ވަނީ ފާޅުވެގެންވާ ފުރެދުމެއްގައެވެ.
އުޑުތަކާއި، ބިންހެއްދެވި އަދި އެ ތަންތަން ހެއްދެވުމުގައި އެއްވެސްކަހަލަ ނުކުޅެދުމެއް ލިބިވޮޑިގެންނުވާ ﷲ އީ، މަރުވެފައިވާ ތަކެތި ދިރުއްވެވުމަށް ކުޅަދުންވަންތަ އިލާހުކަން އެ މީހުންނަށް ނޭނގެނީހެއްޔެވެ؟ އެހެންނަކުންނޫނެވެ. ހަމަކަށަވަރުން އެ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
ކާފިރު ވިމީހުން ނަރަކައަށް ހުށަހަޅުއްވާދުވަހު (އެ މީހުންނަށް އަންގަވާނެއެވެ.) މިއީ ހައްގު ތެދުކަމުގައި ނުވޭހެއްޔެވެ؟ އެ މީހުން ބުނާނެއެވެ. އެހެންނަކުންނޫނެވެ. އަހަރެމެންގެ ރައްބު ގަންދީބުނަމެވެ. (މިއީ ހައްގު ތެދެވެ.) އެ އިލާހު ވަހީ ކުރައްވާނެއެވެ. ފަހެ ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމަށް ޓަކައި ވޭންދެނިވި އަޒާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
ފަހެ ރަސޫލުންގެ ތެރެއިން ގަދަހިތްވަރުފުޅުގެ ވެރި ރަސޫލުން (އެބަހީ: އުލުލްޢަޒްމުގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ. އަދި އެ މީހުންނަށް (އަޒާބު) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ. އެ މީހުންނަށް ވައުދު ކުރައްވާ ކަންތައް (އެބަހީ: އަޒާބު) އެ މީހުން ދެކޭދުވަހު، ދުވާލަކުން އެންމެގަޑިޔެއްގެ އިރުވެސް، ދުނިޔޭގައި ލަސްވެ ތިބިބަޔަކު ކަމުގައި އެ މީހުން ނުވާފަދައެވެ. (މިއީ) ސާފުގޮތުގައި އިއްވަވާ އިއްވެވުމެކެވެ. ފަހެ ފާސިގު ވިމީހުން މެނުވީ ހަލާކުވެގެން ނުދާނެއެވެ.