ގިނަގިނައިން ހިރަފުސް ބުރުއްސާ ވައިރޯޅިތައް ގަންދެއްވަމެވެ.
އަދި ފެންބަރުކައިފައިވާ ވިލާތައް ވެސް ގަންދެއްވަމެވެ.
އަދި ފަސޭހަކޮށް ދުވާ އުޅަނދުފަހަރުތައް ވެސް ގަންދެއްވަމެވެ.
އަދި ކަންތައްތައް ބައްސަވާ މަލާއިކަތުން ވެސް ގަންދެއްވަމެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންނަށް ވައުދު ކުރައްވާ ކަންތައްތަކަކީ، ހައްގު ތެދުކަން ކަށަވަރެވެ.
އަދި (ތިޔަބައިމީހުންގެ އަމަލުތަކަށް) ޖަޒާ ދެއްވުމަކީ، ވާނޭކަމެއްކަން ކަށަވަރެވެ.
(ތަރިތައް ހިނގާ) މަގުތަކުގެ ވެރި، ފުރިހަމަކަން ބޮޑު، އުޑު ގަންދެއްވަމެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންވަނީ (މުޙައްމަދުގެފާނާއި، ގުރްއާނާމެދު) ޚިލާފު ވެގެންވާ ބަސްތަކެއްގެ ތެރޭގައިކަން ކަށަވަރެވެ.
އެ ކަމުން ދުރުކުރައްވާފައިވަނީ (ﷲ ގެ އިލްމުފުޅުގައި) ދުރުކުރައްވާފައިވާ މީހެކެވެ.
ދޮގުހަދާ މީހުންނަށް ލައުނަތް ލައްވާފައިވެއެވެ.
އެ މީހުންނީ ޖާހިލުކަމުގެ ތެރެއަށް ގެނބި، ޣާފިލު ވެފައިވާ މީހުންނެވެ.
އެ މީހުން (ފުރައްސާރައިގެގޮތުގައި) ސުވާލުކުރެއެވެ. ގިޔާމަތް ދުވަސް އަންނާނީ ކޮންއިރަކުންހެއްޔެވެ؟
(އެއީ) ނަރަކައިގެ އަޒާބަށް އެ މީހުން ހުށަހަޅުއްވާނޭ ދުވަހުއެވެ.
(އެ މީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުންގެ އަޒާބުގެ ރަހަ ލިބިގަންނާށެވެ! މިއީ (ދުނިޔެމަތީގައި) ތިޔަބައިމީހުން އަވަސްވުންއެދި އުޅުނު އަޒާބެވެ.
ހަމަކަށަވަރުން ތަގުވާވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިއުމަތްގައެވެ.
އެ މީހުން ވަނީ، އެ މީހުންގެ ރައްބު އެ މީހުންނަށް ދެއްވި ސަވާބު ލިބިލިބިއެވެ. ހަމަކަށަވަރުން އޭގެ ކުރިން އެ މީހުން ވީ އިހްސާންތެރިން ކަމުގައެވެ.
އެ މީހުން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ.
އަދި އެ މީހުން ހާރުދަމުގައި ފާފަ ފުއްސެވުމަށްއެދި ދުއާކުރެއެވެ.
އަދި ސަލާންޖަހާ މީހުންނަށާއި ނިކަމެތި މަހްރޫމުންނަށް، އެ މީހުންގެ މުދަލުގައި (ކަނޑައެޅިގެންވާ) ހައްގެއްވެއެވެ.
ޔަގީންކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ.
އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައިވެސްމެއެވެ. ފަހެ ތިޔަބައިމީހުން ވިސްނައި ނުބަލަނީހެއްޔެވެ؟
އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް ވައުދު ކުރައްވާހާ ކަމެއް (ގެއަމުރުފުޅު) އުޑުގައިވެއެވެ.
ފަހެ އުޑާއި، ބިމުގެ ރައްބު ގަންދެއްވާ، ހުވާ ވަހީ ކުރައްވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ބަސްމޮށޭ ފަދައިން، އެއީ ހަމަ ހައްގު ތެދުކަން ކަށަވަރެވެ.
އިބްރާހީމްގެފާނުގެ މާތްވެގެންވާ މެހުމާނުންގެ ވާހަކަ، ކަލޭގެފާނާ ހަމައަށް އައިސްފައިވޭތޯއެވެ؟
އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ގެންނެވި ހިނދު، ސަލާމަން މިހެން ވިދާޅުވެ ސަލާމްކުރެއްވިއެވެ. ދެން އެކަލޭގެފާނު ސަލާމް މިހެން ވިދާޅުވެ ސަލާމް ރައްދުކުރެއްވިއެވެ. (އަދި ހިތްޕުޅަށް އަރައިވަޑައިގަތެވެ. މިއީ އަހަރެން) ނުދަންނަ ބަޔެކެވެ.
ފަހެ އެކަލޭގެފާނު، އެކަލޭގެފާނުގެ އަހުލުވެރިންގެ ގާތަށް ސިއްރިޔާތުގައި ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ.
ދެން އެ މެހުމާނުންނާއި، އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ: ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟
ފަހެ އެކަލޭގެފާނުގެ ހިތްޕުޅަށް އެ މީހުންނާމެދު، ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހުމާނުން ދެންނެވިއެވެ: ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ. (ތިމަންމެންނީ، ކަލޭގެފާނުގެ ރައްބު ފޮނުއްވި މަލާއިކަތުންނީމުއެވެ.) އަދި އެ މެހުމާނުން އެކަލޭގެފާނަށް އިލްމުވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ.
ފަހެ (އެ އުފާވެރި ޚަބަރު އައްސަވައި) އެކަލޭގެފާނުގެ އަނބިކަނބަލުން ހަޅޭއްފުޅުލައްވަމުން ވަޑައިގަތެވެ. އަދި އެ ކަމަނާގެ މޫނުފުޅުގައި ތަޅުއްވަމުން ވިދާޅުވިއެވެ: (އަހަރެންނީ) ދަރިމައިނުވާ މުސްކުޅިއަކީމެވެ. (އަހަރެންނަށް ދަރިޔަކު ލިބޭނީ ކިހިނަކުންހެއްޔެވެ؟)
އެ މަލާއިކަތުން ދެންނެވިއެވެ: ކަމަނާގެ ރައްބު ވަހީ ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން އެ އިލާހީ، ޙަކީމްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ ފޮނުއްވާފައިވާ މަލާއިކަތުންނެވެ. ފަހެ ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟
އެ ބޭކަލުން ދެންނެވިއެވެ: ހަމަކަށަވަރުން ތިމަންމެން ފޮނުއްވާފައިވަނީ، ކުށްވެރި ގައުމެއްގެ މީހުންގެ ގާތަށެވެ.
(އެއީ) އެ މީހުންގެ މައްޗަށް މަށީގެ ހިލަ އުއްކެވުމަށް ޓަކައެވެ.
(އެއީ) އުރެދުމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށް ޓަކައި ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ފާހަގަލައްވާފައިވާ ހިލައެވެ.
ފަހެ މުއުމިނުންގެ ތެރެއިން އެ ރަށުގައި ވާހާ ބަޔަކު، ތިމަން އިލާހު ނެރުއްވީމެވެ.
ފަހެ އެ ރަށުގައި މުސްލިމުންގެ އެންމެ ގެއެއްގެ އަހުލުވެރިން މެނުވީ ތިމަން އިލާހު ދެކެވޮޑިއެއް ނުގަންނަވަމެވެ.
އަދި ވޭންދެނިވި އަޒާބަށް ބިރުގަންނަ ބަޔަކަށްޓަކައި ތިމަން އިލާހު އެ ރަށުގައި (އެ މީހުން ހަލާކުކުރެއްވިކަމުގެ) އަލާމަތެއް ލެއްވީމެވެ.
އަދި ފިރްޢައުނުގެ ގާތަށް ފާޅުވެގެންވާ ހުއްޖަތަކާއެކު ތިމަން އިލާހު މޫސާގެފާނު ފޮނުއްވިހިނދު، އެކަލޭގެފާނުގެ ވާހަކައިގައި އިބްރަތެއްވެއެވެ.
ފަހެ އެ ފިރްޢައުނު އޭނާގެ ލަޝްކަރާއެކު، އީމާންކަމުން ދުރުވެ، އެއްކިބާވިއެވެ. އަދި ބުންޏެވެ. (އެކަލޭގެފާނީ) ޖާދޫގަރެކެވެ. ނުވަތަ މޮޔައެކެވެ.
ފަހެ ތިމަން އިލާހު، އޭނާޔާއި އޭނާގެ ލަޝްކަރު އަތުލައްވައި އެ މީހުން ކަނޑަށް އުއްކަވައިލެއްވީމެވެ. (އޭނާ ޣަރަގު ވީ) އޭނާއަށް މަލާމާތް ލިބޭފަދަ ކަންތައްކޮށްފައިވާ ހާލުގައެވެ.
ޢާދު ބާގައިމީހުންގައިވެސް އިބްރަތެއްވެއެވެ. އެއީ ތިމަން އިލާހު އެ މީހުންގެ މައްޗަށް މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގައެވެ.
އެ ވައިޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދާނުލައެއް ދުލެއް ނުކުރެއެވެ.
އަދި ޘަމޫދު ބާގައިމީހުންގައިވެސް އިބްރަތެއްވެއެވެ. އެއީ އެ މީހުންނަށް އެންގެވި ހިނދުގައެވެ. ތިޔަބައިމީހުން ކުޑަހިނދުކޮޅަކަށް އަރާމުކޮށް އުޅޭށެވެ!
ފަހެ އެ މީހުންގެ ރައްބު އަމުރުފުޅާ ޚިލާފުވެ، އެ މީހުން ކިބުރުވެރިވިއެވެ. ދެން އެ މީހުން ބަލަބަލައި ތިއްބާ ހޮނުގުގުރި (އައިސް) އެ މީހުންގެ (ގައިގައި) ހިފިއެވެ.
ފަހެ އެ މީހުންނަށް ތެދުވުމަކަށް ވެސް ކުޅަދާނައެއް ނުވިއެވެ. އަދި ނަސްރު ލިބިގެންވާ ބަޔަކު ކަމުގައިވެސް އެ މީހުން ނުވިއެވެ.
އަދި އޭގެ ކުރިން ތިމަން އިލާހު ނޫޙުގެފާނުގެ ގައުމުގެ މީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން ފާސިގު ވެގެންވާ ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
ތިމަން އިލާހު ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން ތިމަން އިލާހީ، ތަނަވަސް ކުރެއްވުމަށް ކުޅަދުންވަންތަ އިލާހެވެ.
އަދި ތިމަން އިލާހު ބިންގަނޑު ފެތުރުއްވީމެވެ. ފަހެ ތަންމައްޗެއްގެ ގޮތުގައި (ބިންގަނޑު) ފެތުރުއްވި އިލާހުގެ މޮޅުކަމާއެވެ.
ކޮންމެ އެއްޗަކުން ތިމަން އިލާހު އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރޭތޯއެވެ.
ފަހެ ތިޔަބައިމީހުން ﷲ އަށް ކިޔަމަންވުމަށް އަވަސްވެގަންނާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ، އެ އިލާހުގެ ހަޒްރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، ބަޔާން ވެގެންހުރި އިންޒާރުކުރައްވާ ބޭކަލަކީމެވެ.
އަދި ތިޔަބައިމީހުން ﷲ އާއެކު އެހެން އިލާހަކު ނުލާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ، އެ އިލާހުގެ ހަޒްރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، ބަޔާން ވެގެންހުރި އިންޒާރުކުރައްވާ ބޭކަލަކީމެވެ.
އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެ މީހުން ނުބުނާ އެއްވެސް ރަސޫލަކު، އެ މީހުންގެ ކުރީގެ މީހުންގެ ގާތަކަށް ވެސް ވަޑައެއްނުގަންނަވައެވެ.
އެ މީހުން ރަސޫލުން ދޮގުކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް ވަސިއްޔަތް ކޮށްފައި ވަނީހެއްޔެވެ؟ އަދި ކިއެއް! އެ މީހުންނީ ފުރެދުމުގައި ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.
ފަހެ ކަލޭގެފާނު އެ މީހުންނާ އެއްކިބާވެވަޑައިގަންނަވާށެވެ. ފަހެ ކަލޭގެފާނަކީ، މަލާމާތް ލިބިގެންވާ ބޭކަލަކު ކަމުގައި ނުވެއެވެ.
ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ. ފަހެ ހަމަކަށަވަރުން ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ.
އަދި ތިމަން އިލާހަށް އަޅުކަންކުރުމަށް ޓަކައި މެނުވީ، ތިމަން އިލާހު ޖިންނީންނާއި އިންސީން ނަހައްދަވަމެވެ.
އެ މީހުންގެ ކިބަޔަކުން އެއްވެސް ރިޒްގަކަށް ތިމަން އިލާހު އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި އެ މީހުން ތިމަން އިލާހަށް ކާންދިނުމަކަށް ވެސް އެދިވޮޑިއެއް ނުގަންނަވަމެވެ.
ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ރިޒްގު ދެއްވާ، ގަދަފަދަވަންތަ ބާރުގެ ވެރި އިލާހެވެ.
ފަހެ ހަމަކަށަވަރުން އަނިޔާވެރިވި މީސްތަކުންނަށް އަޒާބުގެ ހިއްސާއެއް ހުއްޓެވެ. (އެއީ) އެ މީހުންގެ އެކުވެރިން ކަމުގައިވި މީހުންނަށްހުރި އަޒާބަކާ އެއްފަދަ ހިއްސާއެކެވެ. ފަހެ އަޒާބު އަވަސްވުންއެދި ތިމަން އިލާހުގެ ހަޒްރަތަށް އެ މީހުން، ނޭދޭހުށިކަމެވެ.
ފަހެ ކާފިރުވި މީހުންނަށް އެ މީހުންނަށް ވައުދު ކުރައްވާ ދުވަހުން ގެއްލުމާއި ހަލާކުހުއްޓެވެ.