އޭ ނަބިއްޔާއެވެ. ﷲ، ކަލޭގެފާނަށް ހަލާލު ކުރައްވާފައިވާ ކަމެއް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ރުހުން ހޯއްދެވުމަށް ޓަކައި ކަލޭގެފާނު ހަރާމް ކުރައްވަނީ ކީއްވެގެންތޯއެވެ؟ ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
ތިޔަބައިމީހުންގެ ހުވާތަކުން ބަރީއަވާނޭގޮތް، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ޓަކައި ﷲ ކަނޑައަޅުއްވާފިއެވެ. ﷲ އީ، ތިޔަބައިމީހުންގެ އެހީތެރިވަންތަ އިލާހެވެ. އަދި އެ އިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
ނަބިއްޔާ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންގެ އަރިހުގައި (އެބަހީ: ޙަފްޞާގެފާނުގެ އަރިހުގައި) ވާހަކައެއް ސިއްރުން ވިދާޅުވި ހިނދު ހަނދުމަކުރާށެވެ! ފަހެ އެ ކަމަނާ އެވާހަކައިން (ޢާއިޝާގެފާނަށް) ޚަބަރުކުރެއްވި ހިނދު، އަދި ﷲ، އެކަލޭގެފާނަށް އެ ކަން ފާޅު ކުރެއްވުމުން، އެވާހަކައިން ބައެއް އެކަލޭގެފާނު (އެ ކަމަނާއަށް) އަންގަވައި، އަނެއްބައި ނާންގަވައި ދޫކޮށްލެއްވިއެވެ. ފަހެ އެ ކަމަނާއަށް އެވާހަކައިން އެކަލޭގެފާނު ޚަބަރުކުރެއްވުމުން އެ ކަމަނާ ވިދާޅުވިއެވެ: ކަލޭގެފާނަށް މި ޚަބަރު ދިނީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންކަލޭގެފާނަށް އެ ޚަބަރު އެންގެވީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.
ތިޔަ ދެބޭކަނބަލުން ﷲ އަށް ތައުބާ ވާނަމަ (އެ ގޮތް ތިޔަ ދެބޭކަނބަލުންނަށް ހެޔޮކަން ބޮޑެވެ.) ފަހެ ތިޔަ ދެބޭކަނބަލުންގެ ހިތްޕުޅު (ރަސޫލާ އެދިވަޑައިގަންނަވާ ކަންތަކުން) އެއްކިބާވެއްޖެކަން ކަށަވަރެވެ. އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ ހަމަކަށަވަރުން ﷲ އީ، އެކަލޭގެފާނުގެ އެހީތެރިވަންތަ އިލާހެވެ. އަދި ޖިބްރީލުގެފާނާއި، ސާލިހު މުއުމިނުން ވެސްމެއެވެ. އަދި އެއަށް ފަހު، މަލާއިކަތުން ވެސް، އެކަލޭގެފާނުގެ އެހީތެރިން ކަމުގައިވެއެވެ.
އެކަލޭގެފާނު، ތިޔަ ކަނބަލުން ވަރިކުރައްވާފިނަމަ، ތިޔަ ކަނބަލުންނަށްވުރެ ހެޔޮކަންބޮޑު އަނބިންތަކެއް، އޭގެ ބަދަލުގައި އެކަލޭގެފާނުގެ ރައްބު އެކަލޭގެފާނަށް ދެއްވާފާނެތެވެ. (އެއީ) އިސްލާމް ވެގެންވާ، އީމާން ވެގެންވާ، ކިޔަމަންވާ، ތައުބާވާ، އަޅުވެރި، ރޯދަހިފާ، ބިކުރުވެރިނޫން އަނބިންނާއި، ބިކުރުވެރި އަނބިންނެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ. އެ އަލިފާނުގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ، އެ ބޭކަލުންނަށް ކުރައްވާ އަމުރަކަށް އެ ބޭކަލުން ނުއުރެދޭނެތެވެ. އަދި އެ ބޭކަލުންނަށް އަމުރުކުރައްވާކަންތައް އެ ބޭކަލުން ކުރައްވާނެއެވެ.
އޭ ކާފިރު ވެއްޖެ މީސްތަކުންނެވެ. މިއަދު ތިޔަބައިމީހުން އުޒުރު ނުދައްކާށެވެ! ތިޔަބައިމީހުންނަށް ޖަޒާދެއްވާކަން ކަށަވަރީ، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތެދުވެރި، އިޚްލާސް ތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲ އަށް ތައުބާ ވާށެވެ. އޭރުން ތިޔަބައިމީހުންގެ ރައްބު، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާންވި މީހުން، ﷲ ނިކަމެތިނު ކުރައްވާނެ ދުވަހުގައެވެ. އެ މީހުންގެ ނޫރު، އެ މީހުންގެ ކުރިމަތިންނާއި، އެ މީހުންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެއެވެ. އެ މީހުން ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ. އަދި އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ. ހަމަކަށަވަރުން އިބަ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
އޭ ނަބިއްޔާއެވެ. ކާފިރުންނާއި، މުނާފިގުންނާ ދެކޮޅަށް ކަލޭގެފާނު ޖިހާދު ކުރައްވާށެވެ. އަދި އެ މީހުންގެ މައްޗަށް ހަރުކަށިވެވަޑައިގަންނަވާށެވެ. އެ މީހުން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
ނޫޙުގެފާނުގެ އަނބިކަނބަލުންނާއި، ލޫޠުގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، ކާފިރު ވިމީހުންނަށް ﷲ، މިސާލެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަން އިލާހުގެ ސާލިހު އަޅުންގެ ތެރެއިން ދެ އަޅެއްގެ އަމުރުގެ ދަށުގައެވެ. ފަހެ އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް ޚިޔާނަތްތެރިވިއެވެ. ފަހެ ﷲ ގެ ހަޒްރަތުން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށް ޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެއެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެ މީހުންވެސް ނަރަކައަށް ވަންނާށެވެ!
އަދި ފިރްޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ، މިސާލެއް ޖެއްސެވިއެވެ. (އެއީ) އެ ކަމަނާ ވިދާޅުވި ހިނދުގައެވެ. އަޅުގެ ރައްބެވެ. މި އަޅާއަށް އިބަ އިލާހުގެ ހަޒްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ. އަދި ފިރްޢައުނާއި، އޭނާގެ (ނުބައި) އަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ. އަދި އަނިޔާވެރި ގައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ.
އަދި ޢިމްރާންގެ ދަރިކަނބަލުން މަރިޔަމްގެފާނުގެ މިސާލު ވެސްމެއެވެ. އެ ކަމަނާއީ، އެ ކަމަނާގެ ފަރުޖު ރައްކާތެރި ކުރެއްވި ކަމަނާއެވެ. ފަހެ ތިމަން އިލާހުގެ ރޫހުފުޅުން އެ ކަމަނާގެ ގައިކޮޅަށް ފުމެލެއްވީމެވެ. އަދި އެ ކަމަނާގެ ރައްބުގެ ކަލިމަފުޅުތަކާއި، އެ އިލާހު (ބާވައިލެއްވި) ފޮތްތައް އެ ކަމަނާ ތެދުކުރެއްވިއެވެ. އަދި އެ ކަމަނާ ވަނީ، ކިޔަމަންތެރި އަޅުވެރިންގެ ތެރެއިންނެވެ.