އަލްމުއްދަޘްޘިރު

Al-Muddaththir

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ.
2
ތެދުވެވަޑައިގެން އިންޒާރުކުރައްވާށެވެ.
3
އަދި ކަލޭގެފާނުގެ ރައްބަށް ތަކްބީރު ވިދާޅުވާށެވެ.
4
އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ތާހިރުކުރައްވާށެވެ.
5
އަދި ބުދުތަކުން ދުރުވެ ވަޑައިގަންނަވާށެވެ.
6
އަދި (މީހަކަށް) އެއްޗެއް ދެއްވާގެން، (ބަދަލުގައި) އިތުރަށް ލިބިވަޑައިގަތުމަށް އެދިވަޑައި ނުގަންނަވާށެވެ.
7
އަދި ކަލޭގެފާނުގެ ރައްބަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ.
8
ފަހެ ތާޅަފިލި ފުމެލައްވާ ހިނދެވެ.
9
ފަހެ އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ.
10
ކާފިރުންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ.
11
ހަމައެކަނި ތިމަން އިލާހު ހެއްދެވި މީހާ، ކަލޭގެފާނު ތިމަން އިލާހަށް ދޫކޮށްލައްވާށެވެ.
12
އަދި ގިނަވެގެންވާ މުދާ، ތިމަން އިލާހު އޭނާއަށް ދެއްވީމެވެ.
13
އަދި ކައިރީގައި ތިބޭނެ ފިރިހެން ދަރިން ވެސް (ދެއްވީމެވެ.)
14
އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވާ، އޭނާއަށް ފަސޭހަކޮށްދެއްވީމެވެ.
15
ދެންވެސް އޭނާ އެދެނީ، ތިމަން އިލާހު އިތުރުކޮށްދެއްވުމަށެވެ.
16
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އޭނާވީ، ތިމަން އިލާހުގެ އާޔަތްތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ.
17
ނިކަންހުރެ ތިމަން އިލާހު، ގަދަފަދަވެގެންވާ އަޒާބަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ.
18
ހަމަކަށަވަރުން އޭނާ ވިސްނައި ފިކުރު ކޮށްރޭވިއެވެ.
19
ފަހެ އޭނާއަށް ލައުނަތް ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުންހެއްޔެވެ؟
20
ދެން އޭނާއަށް ލައުނަތް ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުންހެއްޔެވެ؟
21
ދެން އޭނާ ބަލައި ވިސްނިއެވެ.
22
ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ.
23
ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ.
24
ފަހެ އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި ގުރްއާން ނުވެއެވެ.
25
އިންސާނެއްގެ ބަސްކަމުގައި މެނުވީ މި (ގުރްއާން) ނުވެއެވެ.
26
ނިކަންހުރެ ތިމަން އިލާހު އޭނާ ނަރަކައަށް ވައްދަވާހުށީމެވެ.
27
އެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
28
އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ.
29
ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ.
30
(ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި މަލާއިކަތުން ވެއެވެ.
31
އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަން އިލާހު މަލާއިކަތުން މެނުވީ ނުލައްވަމެވެ. އަދި ކާފިރުވި މީހުންނަށް އިމްތިހާނެއްކަމުގައި މެނުވީ އެ މަލާއިކަތުންގެ އަދަދު ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް ޔަގީން ވުމަށާއި، އަދި އީމާންވި މީހުންގެ އީމާންކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި އީމާންވި މީހުން ޝައްކު ނުކުރުމަށް ޓަކައެވެ. އަދި އެ މީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުންނާއި، ކާފިރުން ބުނުމަށް ޓަކައެވެ. މި މިސާލުން ﷲ އިރާދަ ކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން ﷲ އިރާދަކުރައްވާ މީހަކު މަގުފުރައްދަވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވައެވެ. އަދި ކަލޭގެފާނުގެ ރައްބު ލަޝްކަރުގެ އަދަދު، އެ އިލާހު މެނުވީ ދެނެވޮޑިގެން ނުވެއެވެ. އަދި އާދަމުގެ ދަރިންނަށް އިބްރަތްތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެ ނަރަކަ ނުވެއެވެ.
32
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަނދު ގަންދެއްވަމެވެ.
33
އަދި ރޭގަނޑު ފަސްދީ ދާހިނދު، އެ ރޭގަނޑު ވެސް ގަންދެއްވަމެވެ.
34
އަދި އަލިވެގެންދާހިނދު، ފަތިސް ވެސް ގަންދެއްވަމެވެ.
35
ހަމަކަށަވަރުން އެ ނަރަކައީ، ބޮޑެތި ބަލާތަކުގެ ތެރެއިން ބަލާއެއްކަން ކަށަވަރެވެ.
36
އާދަމުގެ ދަރިންނަށް އިންޒާރުކުރާ އެއްޗެއްގެ ގޮތުގައެވެ.
37
ތިޔަބައިމީހުންކުރެ ބޭނުން މީހަކަށް ކުރިއެރުންވެއެވެ. ނުވަތަ ފަސްޖެހުންވެއެވެ.
38
ކޮންމެ ނަފްސެއް، އެ ނަފްސެއް ހޯދައިގަތްކަމަކުން ބަނދެވިގެންވެއެވެ.
39
ކަނާތްފަރާތުގެ އަހުލުވެރިން މެނުވީއެވެ.
40
(އެ މީހުން ވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ ސުވާލުކުރާ ހާލުގައެވެ.
41
(އެ މީހުން ވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ ސުވާލުކުރާ ހާލުގައެވެ.
42
ތިޔަބައިމީހުން ނަރަކައަށް ވެއްދީ ކޮންކަމެއްހެއްޔެވެ؟
43
އެ މީހުން ބުނާނެއެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.
44
އަދި ތިމަންމެން މިސްކީނުންނަށް ކާންދީއެއް ނޫޅެމުއެވެ.
45
އަދި ބާތިލު ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން ބާތިލު ވާހަކަ ދައްކައި އުޅުނީމުއެވެ.
46
އަދި ތިމަންމެން ގިޔާމަތް ދުވަސް ދޮގުކޮށްއުޅުނީމުއެވެ.
47
ޔަގީންކަން (އެބަހީ: މަރު) ތިމަންމެންނާ ހަމައަށް އަތުވެއްޖައުމަށް ދާންދެނެވެ.
48
ފަހެ ޝަފާއަތްތެރިވާ މީހުންގެ ޝަފާއަތް، އެ މީހުންނަކަށް މަންފާއެއް ނުކުރާނެތެވެ.
49
ފަހެ ހަނދާންކޮށްދިނުމުން (އެބަހީ: ގުރްއާނުން) އެ މީހުން އެއްކިބާވެ ދުރަށްދަނީ ކީއްވެގެންހެއްޔެވެ؟
50
އެ މީހުން ފައްސާލެވިފައިވާ ވަލު ހިމާރުތަކެއް ފަދައެވެ.
51
ސިންގާއަކަށް ބިރުން ފިލަންދުވާ (ވަލު ހިމާރުތަކެއް ފަދައެވެ.)
52
އަދި ކިއެއް! އެ މީހުން ކުރެ ކޮންމެ މީހަކު އެދެނީ، ލިޔުއްވާފައިވާ ފަތްފުށްތަކެއް އެ މީހަކަށް ބާވައިލެއްވުމަށެވެ.
53
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއް! އެ މީހުން އާޚިރަތަކަށް ބިރެއް ނުގަނެއެވެ.
54
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެ ގުރްއާނަކީ ހަނދާންކޮށްދިނުމެކެވެ.
55
ފަހެ ބޭނުން މީހަކު އެ ގުރްއާން ހަނދުމަކުރާހުށިކަމެވެ.
56
އަދި ﷲ އިރާދަ ކުރެއްވިއްޔާ މެނުވީ، އެ މީހުންނަކަށް ހަނދާނެއް ނުކުރެވޭނެއެވެ. އެ އިލާހީ (މީސްތަކުން އެ އިލާހަށް ބިރުވެތިވެ) ތަގުވާވެރިވުން ހައްގު ވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ރައްބެވެ.