އަލްޣާޝިޔާ

Al-Ghashiyah

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެން އަންނާނޭ ކަންތަކުގެ ވާހަކަ (އެބަހީ: ގިޔާމަތުގެ ވާހަކަ) ކަލޭގެފާނާ ހަމައަށް އައިސްފައިވޭތޯއެވެ؟
2
އެ ދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ.
3
މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ.
4
ހޫނުކަން ގަދަވެގެންވާ ނަރަކައަށް އެ މީހުން ވަންނާނެއެވެ.
5
ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެ މީހުންނަށް ބޯންދެއްވާނެއެވެ.
6
ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެ މީހުންނަކަށް ކާނާއެއް ނުވެއެވެ.
7
އެ (ކެއުމަކުން) ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ.
8
އެ ދުވަހުން ނިއުމަތް ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ.
9
ދުނިޔޭގައި އެ މީހުން ކުރި މަސައްކަތަށް ރުހިގެންވެއެވެ.
10
މަތިވެރިވެގެންވާ ސުވަރުގޭގައެވެ.
11
(ގެއްލުންދެނިވި) ބޭކާރު ވާހަކައެއް އެ ތާނގައި އެ މީހުން ނާހާނެއެވެ.
12
ހިނގަހިނގާ ހުންނަ ފެންއާރެއް އެ ތާނގައިވެއެވެ.
13
އުފުލިގެންވާ ދާންތައް އެ ތާނގައިވެއެވެ.
14
އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ.
15
އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ.
16
އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ.
17
ފަހެ ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެ މީހުން ޖަމަލަށް ނުބަލަނީހެއްޔެވެ؟
18
އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެ މީހުން އުޑަށް ނުބަލަނީހެއްޔެވެ؟
19
އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެ މީހުން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟
20
އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެ މީހުން ބިމަށް ނުބަލަނީހެއްޔެވެ؟
21
ފަހެ ކަލޭގެފާނު (އެ މީހުންނަށް) ހަނދުމަކޮށް ދެއްވާށެވެ. ކަލޭގެފާނު ވާކަން ކަށަވަރީ ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ.
22
އެ މީހުންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ.
23
ފުރަގަސްދީ، ކާފިރުވި މީހަކަށް މެނުވީއެވެ.
24
ފަހެ ﷲ، އެ މީހަކަށް ބޮޑުވެގެންވާ އަޒާބުން އަޒާބު ދެއްވާނެއެވެ.
25
ހަމަކަށަވަރުން އެ މީހުން އެނބުރި އައުންވަނީ، ތިމަން އިލާހުގެ ހަޒްރަތަށެވެ.
26
ދެން އެ މީހުންގެ ހިސާބު ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން ތިމަން އިލާހަށެވެ.