އަލްޢާދިޔާތު

Al-Adiyat

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ނޭވާގެ އަޑު އިއްވަމުން، ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ.
2
އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ވެސް ގަންދެއްވަމެވެ.
3
އަދި ފަތިހުގެ ވަގުތުގައި ހަމަލާ ދޭ އަސްތައް ވެސް ގަންދެއްވަމެވެ.
4
ފަހެ އެ އަސްތައް، އެ ވަގުތު ހިރަފުސް ބުރުވައިލައެވެ.
5
ފަހެ އެ އަސްތައް، އެ ހިރަފުސްތަކުގެ ތެރޭގައި (ދުޝްމަނުންގެ) ބައިގަނޑުގެ މެދަށް ވަދެގަނެއެވެ.
6
ހަމަކަށަވަރުން އިންސާނާއީ އޭނާގެ ރައްބަށް ހަރާންކޯރުވުން ބޮޑު މީހެކެވެ.
7
އަދި ހަމަކަށަވަރުން އޭނާއަކީ، އެ ކަމުގެ މައްޗަށް ހެކިވެރިއަކުކަން ކަށަވަރެވެ.
8
އަދި ހަމަކަށަވަރުން އޭނާއަކީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ.
9
ފަހެ ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކާލެވޭނެ ހިނދު އޭނާ ނުދަންނަނީހެއްޔެވެ؟
10
އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރެވޭނެ ހިނދު ވެސް (އޭނާ ނުދަންނަނީހެއްޔެވެ؟)
11
ހަމަކަށަވަރުން އެ މީހުންގެ ރައްބަކީ، އެ ދުވަހުން އެ މީހުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން ކަށަވަރެވެ.