ޠާ ސީން މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
މިއީ (ކަންތައްތައް) ބަޔާންވެގެންވާ ފޮތުގެ (އެބަހީ: ގުރްއާނުގެ) އާޔަތްތަކެވެ.
އީމާންވާ ބަޔަކަށްޓަކައި މޫސާގެފާނާއި، ފިރްޢައުނުގެ ވާހަކައިން ހައްގު ގޮތުގައި ތިމަން އިލާހު ކަލޭގެފާނަށް ކިޔައިދެއްވަމެވެ.
ހަމަކަށަވަރުން ފިރްޢައުނު، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ އަހުލުވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެ ތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެ މީހުންގެ ފިރިހެން ދަރިން މަރައި، އެ މީހުންގެ އަންހެންވެރިން (ނުމަރައި ޚިދުމަތްކުރަން) ބޭތިއްބިއެވެ. ހަމަކަށަވަރުން އޭނާއަކީ، ފަސާދަކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.
އަދި ތިމަން އިލާހު އިރާދަ ކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް ނިއުމަތް ދެއްވުމަށެވެ. އަދި އެ މީހުންނީ (އެހެންމީހުންނަށް މަގުދައްކާ) އިމާމުން ކަމުގައި ލެއްވުމަށެވެ. އަދި (ފިރްޢައުނުގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެ މީހުން ލެއްވުމަށެވެ.
އަދި ބިމުގައި ތިމަން އިލާހު އެ މީހުންނަށް ވެރިކަން ދެއްވުމަށެވެ. އަދި ފިރްޢައުނާއި، ހާމާނާއި، އެ ދެ މީހުންގެ ލަޝްކަރަށް، އެ މީހުން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށް ޓަކައެވެ.
އަދި ތިމަން އިލާހު މޫސާގެފާނުގެ މަންމައަށް އިލްހާމްކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ. ފަހެ ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ. އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ. ހަމަކަށަވަރުން ތިމަން އިލާހު އެކަލޭގެފާނު ކަމަނާއަށް ރައްދު ކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު ރަސޫލުންގެ ތެރެއިން ލައްވާހުށީމެވެ.
ފަހެ ފިރްޢައުނުގެ އަހުލުވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެ މީހުންނަށްހުރި އަދުއްވަކަށް، އަދި ހިތާމައަކަށް ވުމަށް ޓަކައެވެ. ހަމަކަށަވަރުން ފިރްޢައުނާއި، ހާމާނާއި، އެ ދެ މީހުންގެ ލަޝްކަރުވީ ކުށްވެރިން ކަމުގައެވެ.
އަދި ފިރްޢައުނުގެ އަނބިކަމަނާ ވިދާޅުވިއެވެ: (އޭނާއަކީ) ތިމަންނާއަށާއި، ކަލެއަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ ގަތުލު ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެ މީހުންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ.
އަދި މޫސާގެފާނުގެ މައިކަމަނާގެ ހިތްޕުޅު (މޫސާގެފާނު ފިޔަވާ އެހެން ހުރިހާ ކަމަކުން) ހުސްވެގެންވެއެވެ. ތިމަން އިލާހު އެ ކަމަނާގެ ހިތްޕުޅަށް ގަދަކަން ނުދެއްވިނަމަ، އެ ދަރިކަލުންގެ ކަންތައް އެ ކަމަނާ ފާޅު ކުރައްވާފީހެވެ. (އެއީ ހަރުދަނާ) މުއުމިނުންގެ ތެރެއިން އެ ކަމަނާ ވެވަޑައިގަތުމަށް ޓަކައެވެ.
އަދި އެ ކަމަނާ މޫސާގެފާނުގެ އުޚްތަށް ވިދާޅުވިއެވެ: އޭނާ (އޮޔާދާތަން ބަލަމުން) ފަހަތުންގޮސް ބަލާށެވެ! ފަހެ އޭނާ ދުރުގައި ހުރެގެން އެހެންމީހުންނަށް ނޭނގޭގޮތުން އެކަލޭގެފާނަށް ބަލަމުންދިޔައެވެ.
އަދި އޭގެ ކުރިން ތިމަން އިލާހު އެކަލޭގެފާނަށް (އެކަލޭގެފާނުގެ މައިކަމަނާ މެނުވީ) އެހެން ކިރުމައިން ހަރާމްކުރެއްވީމެވެ. ދެން އެކަލޭގެފާނުގެ އުޚްތު ބުންޏެވެ. ތިޔަބައިމީހުންނަށް ޓަކައި، އޭނާ ބަލަހައްޓައިދޭނެ ގެއެއްގެ އަހުލުވެރިން ތިޔަބައިމީހުންނަށް ތިމަން ދައްކަންހެއްޔެވެ؟ އަދި އެ މީހުން އޭނާ ރަނގަޅަށް ބަލަހައްޓާނެތެވެ.
ފަހެ ތިމަން އިލާހު، އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު ރައްދުކުރެއްވީމެވެ. އެއީ އެ ކަމަނާގެ ލޯފުޅަށް ފިނިކަން ހާސިލު ވުމަށް ޓަކައެވެ. އަދި އެ ކަމަނާ ހިތާމަ ނުކުރެއްވުމަށް ޓަކައެވެ. އަދި ހަމަކަށަވަރުން ﷲ ގެ ވައުދުފުޅަކީ، ހައްގު ތެދުކަން އެ ކަމަނާ ދެނެގަތުމަށް ޓަކައެވެ. އެހެނެއްކަމަކު، އެ މީހުން ކުރެ ގިނަމީހުންނަކަށް އެ ކަމެއް ނޭނގެތެވެ.
އަދި އެކަލޭގެފާނު ބޮޑުފުޅުވެ، ފުރާފުރިހަމަވިހިނދު ތިމަން އިލާހު އެކަލޭގެފާނަށް ހިކުމަތާއި، އިލްމު ދެއްވީމެވެ. އިހްސާންތެރިންނަށް ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ.
އަދި އެރަށުގެ އަހުލުވެރިން، ޣާފިލުކަމުގައި ތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެ ތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ އަދުއްވުންގެ ތެރެއިންވާ މީހެކެވެ. ފަހެ އެކަލޭގެފާނުގެ އަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުން އެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެ ހިނދު މޫސާގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ (އެ ހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ: މި ކަންތައްމިވީ ޝައިތާނާގެ އަމަލުގެ ތެރެއިންނެވެ. ހަމަކަށަވަރުން އެ ޝައިތާނާއީ، ބަޔާންވެގެންހުރި މަގުފުރައްދާ އަދާވާތްތެރިޔެކެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން އަޅުގެ ނަފްސަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ މިއަޅާއަށް އިބަ އިލާހު ފާފަ ފުއްސަވާނދޭވެ. ދެން އެ އިލާހު، އެކަލޭގެފާނަށް ފާފަ ފުއްސެވިއެވެ. ހަމަކަށަވަރުން އެ އިލާހީ އަލްޣަފޫރު، އައްރަޙީމެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. އިބަ އިލާހު މިއަޅާއަށް ނިއުމަތް ދެއްވާފައިވާތީ، ފަހެ ދުވަހަކުވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މިއަޅާ ނުވާހުށީމެވެ.
ފަހެ އެކަލޭގެފާނު އެ ރަށުގައި ބިރުވެރި ހާލުގައި (އަތުވެދާނެ ނުރައްކަލަކަށް) އިންތިޒާރު ކޮށްކޮށް ހުންނެވިއެވެ. ފަހެ އެހާރުން އެކަލޭގެފާނުގެ އަރިހުން ކުރީދުވަހު އެހީއަށް އެދުނުމީހާ (އަނެއްކާވެސް) އެކަލޭގެފާނުގެ ކިބައިން އެހީއަށްއެދި ގޮވައިލިއެވެ. މޫސާގެފާނު އޭނާއަށް ވިދާޅުވިއެވެ: ހަމަކަށަވަރުން ކަލެޔަކީ، ފާޅުވެގެންހުރި ފުރެދުންތެރިއެއްކަން ކަށަވަރެވެ.
ފަހެ އެ ދެ މީހުންގެ އަދާވާތްތެރިޔަކު ކަމުގައިވާ މީހާގެ މައްޗަށް ގަދަކަން ދެއްކެވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވި ހިނދު، އެ މީހާ ބުންޏެވެ. އޭ މޫސާގެފާނެވެ. ކަލޭގެފާނު އިއްޔެ މީހަކު މެރުއްވިފަދައިން، ތިމަންވެސް މެރުއްވުމަށް ގަސްދު ކުރައްވަނީތޯއެވެ؟ ބިމުގައި ޖައްބާރަކަށްވެގެން އުޅުއްވުން މެނުވީ ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ. އަދި އިސްލާހުކުރާ މީހުންގެ ތެރެއިން ވުމަކަށް ވެސް ކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމުއެވެ.
އަދި އެރަށުގެ އެންމެދުރު ފަރާތުން މީހަކު ދުވަމުންއައިސް ދެންނެވިއެވެ: އޭ މޫސާގެފާނެވެ. ހަމަކަށަވަރުން ރަށުގެ ބޮޑުން ކަލޭގެފާނު ގަތުލުކުރުމަށް އެބަ ސައްލާކުރެއެވެ. ފަހެ ކަލޭގެފާނު (މިރަށުން) ނުކުމެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިމަންވަނީ ކަލޭގެފާނަށް ނަސޭހަތްތެރިވާ މީހުންގެ ތެރެއިންނެވެ.
ފަހެ އެކަލޭގެފާނު ބިރުވެރި ހާލުގައި (އަތުވެދާނެ ނުރައްކަލަކަށް) އިންތިޒާރު ކުރައްވަމުން އެރަށުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތް ކުރައްވާނދޭވެ.
އަދި އެކަލޭގެފާނު މަދްޔަނާ ދިމާއަށް ވަޑައިގެންނެވި ހިނދު ވިދާޅުވިއެވެ: އަޅުގެ ރައްބު މިއަޅާއަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށިއެވެ!
އަދި އެކަލޭގެފާނު މަދްޔަންގެ ފެންވަޅުގެ ކައިރިއަށް ވަޑައިގެންނެވި ހިނދު، މީސްތަކުންގެ ތެރެއިން ގިނަބަޔަކު (އެ މީހުންގެ ޖަނަވާރުތަކަށް) ފެންދެނިކޮށް އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި އެ މީހުންނާ ތަންކޮޅެއް ދުރުގައި ދެއަންހެނަކު ތިބެގެން (އެ މީހުންގެ ޖަނަވާރުތައް) ދުރަށް ޖައްސާތީ ދެކެވަޑައިގެންނެވިއެވެ. (އެ ހިނދު) އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަ ދެ މީހުން ތިޔަހެން ހަދަނީ ކީއްވެގެންހެއްޔެވެ؟ އެ ދެ އަންހެނުން ދެންނެވިއެވެ: ޖަނަވާރުތައް ހުއިހައްޕާމީހުން (އެ މީހުންގެ ޖަނަވާރުތަކަށް ފެންދީ) ދުރަށް ހިނގައްޖައުމަށް ދާންދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެއެވެ. އަދި އަހުރެމެންގެ ބައްޕައަކީ (އެފަދަކަމެއް ކުރެއްވޭވަރަށްވުރެ) އުމުރުން ދުވަސްވެފައިވާ މުސްކުޅިއެކެވެ.
ފަހެ އެކަލޭގެފާނު (އެ ދެ އަންހެނުންގެ ޖަނަވާރުތަކަށްޓަކައި) އެ ދެ އަންހެނުންނަށް ފެންދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. އިބަ އިލާހު މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން މިއަޅާވަނީ ބޭނުންވެގެންނެވެ.
ފަހެ އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ: ހަމަކަށަވަރުން ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށް ޓަކައެވެ. ފަހެ އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ހިނދު، އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ: ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ.
އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ: އޭ ބައްޕާއެވެ. އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެ ރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ދެވުމަށެވެ. އަށް އަހަރު ވަންދެން ތިމަންނާއަށް ޚިދުމަތް ކޮށްދެއްވުމުގެ ޝަރުތުގެ މަތިންނެވެ. ފަހެ ދިހަ އަހަރު ކަލޭގެފާނު ހަމަ ކުރައްވާފިނަމަ، އެއީ ކަލޭގެފާނުގެ އަމިއްލަ ކަމެކެވެ. އަދި ކަލޭގެފާނަށް އުނދަގޫކުރާކަށް ތިމަން ނޭދެމެވެ. ކަލޭގެފާނަށް ތިމަން ފެނިވަޑައިގަންނަވާނީ، އިން ޝާއަ ﷲ، ސާލިހުންގެ ތެރެއިންވާ މީހެއް ކަމުގައެވެ.
އެކަލޭގެފާނު (އެބަހީ: މޫސާގެފާނު) ވިދާޅުވިއެވެ: އެއީ ތިމަންނާއާ ކަލޭގެފާނާ ދެމެދު އެއްބަސްވީގޮތެވެ. ދެ މުއްދަތުންކުރެ ކޮންމެ މުއްދަތެއް ތިމަން ވޭތިކުރިޔަސް، ފަހެ ތިމަންގެ މައްޗަކަށް ދެކޮޅުވެރިވުމެއްނެތެވެ. އަދި ތިމަންމެން މި ބުނާބަހުގެ މައްޗަށް ﷲ ހެކިވެވޮޑިގެންވެއެވެ.
ފަހެ މޫސާގެފާނު އެ މުއްދަތު ހަމަ ކުރައްވާ، އެކަލޭގެފާނުގެ އަހުލުވެރިންނާއެކު (ދަތުރުކުރައްވާ) ވަޑައިގެންނެވި ހިނދު، ޠޫރު ފަރުބަދައިގެ ކައިރިން އަލިފާންގަނޑެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ އަހުލުވެރިންނަށް ވިދާޅުވިއެވެ: ތިޔަބައިމީހުން މިތާ ތިބޭށެވެ. ހަމަކަށަވަރުން ތިމަންނާއަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިމަންކަލޭގެފާނު އެ ތަނުން ޚަބަރަކާއިގެން ތިޔަބައިމީހުންގެ ގާތަށް އާދެވޭތޯ ބަލާނަމެވެ. ނުވަތަ އަލިފާން ހުޅުކޮޅެއް ގެނެސްދެވޭތޯ ބަލާނަމެވެ. އެއީ ތިޔަބައިމީހުން ހީފިލުވޭތޯއެވެ.
ފަހެ އެކަލޭގެފާނު އެ އަލިފާންގަނޑުގެ ކައިރިއަށް ވަޑައިގަތްހިނދު، ވާދީގެ ކަނާތްފަރާތުގައިވާ ބަރަކާތްތެރި ތަނަކުން ގަހެއްގެ ތެރެއިން އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އޭ މޫސާގެފާނެވެ. ހަމަކަށަވަރުން ތިމަން އިލާހީ، އާލަމްތަކުގެ ވެރި ﷲ އެވެ.
އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ. ފަހެ އެ އަސާކޮޅު (އެއްލެވީމާ) ހަރުފައެއް ފަދައިން ހެލިފެލިވާތީ އެކަލޭގެފާނު ދެކެވަޑައިގަތްހިނދު (ބިރުފުޅުން) ފުރަގަސްދެއްވާ ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. (ވަހީ އިއްވެވިއެވެ.) އޭ މޫސާގެފާނެވެ. ކުރިމަތިލައްވައި ވަޑައިގަންނަވާށެވެ. އަދި ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން ކަލޭގެފާނުވަނީ އަމާންކަން ލިބިގެންވާ މީހުންގެ ތެރެއިންނެވެ.
އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ. އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލާ، ހުދުކޮށް (ވިދަވިދާ އޮންނަ ގޮތުގައި) އެ އަތްޕުޅު ނުކުންނާނެއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅު، ބިރުވެރިކަމުން ކަލޭގެފާނުގެ އަރިކަށިފުޅަށް ލަފައިލައްވާށެވެ. ފަހެ އެ ދެކަންތަކަކީ، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ފިރްޢައުނާއި، އޭނާގެ ބޮޑުންނަށް (ދެއްކެވުމަށް) ވާ ދެ ހުއްޖަތެވެ. ހަމަކަށަވަރުން ފާސިގު ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
އެކަލޭގެފާނު ދެންނެވިއެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން މިއަޅާވަނީ، އެ މީހުންގެ ތެރެއިން މީހަކު ގަތުލުކޮށްފައެވެ. ފަހެ އެ މީހުން މިއަޅާ ގަތުލުކޮށްފާނެތީ، މިއަޅާ ބިރުގަނެއެވެ.
އަދި މިއަޅާގެ އަޚު، ހާރޫނު މިއަޅާއަށްވުރެ ދޫފަސޭހަކަން ބޮޑެވެ. ފަހެ އަޅުގެ ބަސްތެދުކޮށް އަޅާއަށް އެހީތެރިވުމަށް މިއަޅާއަށް އެކުގައި އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވައިފާނދޭވެ. ހަމަކަށަވަރުން އެ މީހުން މިއަޅާ ދޮގުކޮށްފާނެކަމަށް މިއަޅާ ބިރުގަނެއެވެ.
އެ އިލާހު ވަހީކުރެއްވިއެވެ: ކަލޭގެފާނުގެ އަޚު ފޮނުއްވުމުން ކަލޭގެފާނުގެ މުލައްދަނޑިފުޅަށް ތިމަން އިލާހު ގަދަކަން ދެއްވާހުށީމެވެ. އަދި ތިޔަ ދެކަލުންނަށް ބާރެއް ދެއްވާހުށީމެވެ. ފަހެ ތިމަން އިލާހު ދެއްވި މުއުޖިޒާތުގެ ސަބަބުން، އެ މީހުންނަކަށް ތިޔަ ދެކަލުންނާ ހަމައަށް (އުނދަގުލެއް ދޭކަށް) ނާދެވޭހުއްޓެވެ. ތިޔަ ދެކަލުންނާއި، ތިޔަ ދެކަލުންނަށް ތަބާވީ މީހުންނަކީ (ނަސްރު ލިބި) ގަދަވާނޭ މީހުންނެވެ.
ފަހެ ބަޔާންވެގެންވާ ހާލު، ތިމަން އިލާހުގެ ހެކިތަކާއިގެން މޫސާގެފާނު އެ މީހުންގެ ގާތަށް ވަޑައިގަތްހިނދު، އެ މީހުން ބުންޏެވެ. މިއީ އަމިއްލައަށް ހަދާގެންއުޅޭ ޖާދޫއެއްކަމުގައި ނޫނީ ނުވެއެވެ. އަދި ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް މިފަދަ ވާހަކައެއް (ވާކަމަކަށް) ތިމަންމެން ނާހަމުއެވެ.
އަދި މޫސާގެފާނު ވިދާޅުވިއެވެ: އެ އިލާހުގެ ހަޒްރަތުން ތެދުމަގާއިގެން އައީ ކާކުކަން، އަދި އާޚިރަތް ދުވަހުން ތައުރީފު ލިބިގެންވާ ނިމުމެއް ލިބޭނީ ކާކަށްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ ތިމަންމެންގެ ރައްބެވެ. ހަމަކަށަވަރުން އަނިޔާވެރިންނެއް ކާމިޔާބެއް ނުވާނެއެވެ.
ފިރްޢައުނު ބުންޏެވެ. އޭ (އަހަރެންގެ ގައުމުގެ) ބޮޑުންނޭވެ. އަހަރެން ފިޔަވާ އެހެން އިލާހަކު ތިޔަބައިމީހުންނަށް ވާކަމެއް އަހަރެންނަށް އެނގިފައެއް ނުވެއެވެ. އޭ ހާމާނެވެ. އަހަރެންނަށް މަށިން އީޓު ހަދާދޭށެވެ! އަދި އަހަރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) މޫސާގެފާނުގެ އިލާހު އަހަރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން އަހަރެންނަށް ހީވަނީ، އެކަލޭގެފާނުވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ.
އަދި އޭނާއާއި، އޭނާގެ ލަޝްކަރު ހައްގަކާ ނުލާ ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަން އިލާހުގެ ހަޒްރަތަށް އެ މީހުން އަނބުރާ ރުޖޫއަ ނުކުރައްވާނެކަމަށް އެ މީހުން ހީކުރިއެވެ.
ފަހެ ތިމަން އިލާހު އޭނާއާއި، އޭނާގެ ލަޝްކަރު ހިއްޕަވައި، ދެން ތިމަން އިލާހު އެ މީހުން ކަނޑު ލެއްވީމެވެ. ފަހެ އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ.
އަދި ނަރަކައަށް (ވަނުމަށް މީސްތަކުންނަށް) ގޮވާ ޒަޢީމުން ކަމުގައި ތިމަން އިލާހު އެ މީހުން ލެއްވީމެވެ. އަދި ގިޔާމަތް ދުވަހުން އެ މީހުންނަކަށް ނަސްރެއް ނުލިބޭނެއެވެ.
އަދި ތިމަން އިލާހު މި ދުނިޔެމަތީގައިވެސް، އެ މީހުންނަށް ލައުނަތް ލެއްވީމެވެ. އަދި ގިޔާމަތް ދުވަހުގައި، އެ މީހުންނީ (ﷲ ގެ ރަހުމަތުން) ދުރުކުރައްވާފައިވާ ބަޔެކެވެ.
އަދި ހަމަކަށަވަރުން އިހުގެ ޖީލުތައް ހަލާކު ކުރެއްވުމަށް ފަހުގައި، ތިމަން އިލާހު މޫސާގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި އިބްރަތެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، ރަހުމަތެއް ކަމުގައެވެ. (އެއީ) އެ މީހުން ހަނދުމަކުރުމަށް ޓަކައެވެ.
(އޭ މުޙައްމަދުގެފާނެވެ.) އަދި ތިމަން އިލާހު މޫސާގެފާނަށް އަމުރުތައް ކަނޑައެޅުއްވިހިނދު (ފަރުބަދައިގެ) ހުޅަނގުފަރާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި (އެތަނަށް) ހާޒިރުވި މީހުންގެ ތެރެޔަކުންވެސް ކަލޭގެފާނު ވެވަޑައިގެން ނުވަމުއެވެ.
އެހެނެއްކަމަކު (އޭގެފަހަށް) ތިމަން އިލާހު އެތައް ޖީލެއްގެ މީހުން އުފެއްދެވީމެވެ. ފަހެ އެ މީހުންގެ މައްޗަށް ޒަމާން ދިގުވެގެންދިޔައެވެ. އަދި މަދްޔަންގެ އަހުލުވެރިންގެ ތެރޭގައި އެ މީހުންނަށް ތިމަން އިލާހުގެ އާޔަތްތައް ކިޔަވައި ދެއްވާކަށް ކަލޭގެފާނު ނުހުންނަވަމުއެވެ. އެހެނެއްކަމަކު، ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވީ (އަދި އެ ޚަބަރުތައް ކަލޭގެފާނަށް އެންގެވީ) ތިމަންއިލާހެވެ.
(އޭ މުޙައްމަދުގެފާނެވެ.) އަދި ތިމަން އިލާހު (މޫސާގެފާނަށް) ނިދާއިއްވެވިހިނދު، ޠޫރު ފަރުބަދައިގެ ކައިރިއަކު ކަލޭގެފާނު ވަޑައިގެންނުވަމުއެވެ. އެހެނެއްކަމަކު (ކަލޭގެފާނު ފޮނުއްވާފައިވަނީ) ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުންވާ ރަހުމަތެއް ކަމުގައެވެ. (އެއީ) ކަލޭގެފާނުގެ ކުރީގައި އެ މީހުންގެ ގާތަށް އިންޒާރުކުރައްވާ ރަސޫލަކު ވަޑައިގެންފައިނުވާ ގައުމެއްގެ މީހުންނަށް އިންޒާރުކުރެއްވުމަށް ޓަކައެވެ. (އެއީ) އެ މީހުން ހަނދުމަކުރުމަށް ޓަކައެވެ.
އަދި އެ މީހުންގެ އަތްތަކުން އިސްކުރި އަމަލުތަކުގެ ސަބަބުން އެ މީހުންނަށް މުސީބަތެއް ނުޖެހޭނެނަމަ (ތިމަން އިލާހު ރަސޫލު ބޭކަލުން ނުފޮނުއްވީމުހެވެ.) ފަހެ އޭރުން އެ މީހުން ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެންގެ ގާތަށް އިބަ އިލާހު ރަސޫލަކު ނުފޮނުއްވީ ކީއްވެގެންތޯއެވެ؟ އޭރުން އަޅަމެން އިބަ އިލާހުގެ އާޔަތްތަކަށް ތަބާވެ، މުއުމިނުންގެ ތެރެއިން ވެއްޖައީމުހެވެ.
ފަހެ ތިމަން އިލާހުގެ ހަޒްރަތުން އެ މީހުންގެ ގާތަށް ހައްގު ތެދުމަގު އައި ހިނދު (އެބަހީ: ތެދުމަގާއިގެން މުޙައްމަދުގެފާނު ވަޑައިގަތްހިނދު) އެ މީހުން ބުންޏެވެ. މޫސާގެފާނަށް ދެއްވިފަދަ މުއުޖިޒާތްތަކެއް އެކަލޭގެފާނަށް ނުދެއްވީ ކީއްވެގެންހެއްޔެވެ؟ މީގެކުރިން މޫސާގެފާނަށް ދެއްވި އެއްޗަކަށް، އެ މީހުން ފަހެ ކާފިރު ވެފައެއް ނުވޭހެއްޔެވެ؟ އެ މީހުން ބުންޏެވެ. (ތައުރާތާއި ގުރްއާނަކީ) އެކަތި އަނެކައްޗަށް ވާގިވެރިވާ ދެ ޖާދޫއެކެވެ. އަދި އެ މީހުން ބުންޏެވެ. ހަމަކަށަވަރުން އެއިންކޮންމެ އެއްޗަކަށް ތިމަންމެން ކާފިރު ވަމުއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ފަހެ ތިމަންކަލޭގެފާނު އެއަށް ތަބާ ވުމަށް، އެ ދެ ފޮތަށްވުރެ ބޮޑަށް ތެދުމަގު ދައްކައިދޭ ފޮތެއް، ﷲ ގެ ހަޒްރަތުން ތިޔަބައިމީހުން ނިކަން ގެނެސްބަލާށެވެ.
ފަހެ އެ މީހުން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ (އެބަހީ: ކަލޭގެފާނު އެ މީހުންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް، އެ މީހުންނަށް ނުކުރެވިއްޖެނަމަ) ފަހެ ދެނެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެ މީހުން އެ ތަބާ ވަނީ، ހަމައެކަނި އެ މީހުންގެ (ނުބައި) އެދުންތަކަށެވެ. އަދި ﷲ ގެ ހަޒްރަތުން ތެދުމަގަކާނުލާ، އެ މީހެއްގެ އަމިއްލަ އެދުމަށް ތަބާވީ މީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
އަދި ހަމަކަށަވަރުން ތިމަން އިލާހު ވަހީގެ ބަސްފުޅު (އެބަހީ: ގުރްއާން) ވިދިވިދިގެން ބާވައިލައްވައި، އެ މީހުންނާ ހަމައަށް ގެނެސްދެއްވީމެވެ. (އެއީ) އެ މީހުން ހަނދުމަކުރުމަށް ޓަކައެވެ.
މީގެކުރިން ތިމަން އިލާހު ފޮތްދެއްވި މީހުން (އެބަހީ: ތައުރާތާއި އިންޖީލުގެ އަހުލުވެރިންކުރެ އިސްލާމްވި މީހުން) އެފޮތަށް (އެބަހީ: ގުރްއާނަށް) އީމާން ވެއެވެ.
އަދި އެ މީހުންނަށް އެ ފޮތް ކިޔަވައިދެވޭ ހިނދު އެ މީހުން ބުނެއެވެ. ތިމަންމެން އެ ފޮތަށް އީމާން ވެއްޖައީމުއެވެ. ހަމަކަށަވަރުން އެއީ ތިމަންމެންގެ ރައްބުގެ ހަޒްރަތުން އައި ހައްގު ތެދެވެ. ހަމަކަށަވަރުން ތިމަންމެން މީގެކުރީގައިވެސް މުސްލިމުން ކަމުގައިވީމުއެވެ.
އެ މީހުންނީ، ކެތްތެރިވިކަމަށް ޓަކައި، އެ މީހުންނަށް ދެފަހަރަށް ދަރުމަ ދެއްވާނޭ މީހުންނެވެ. އަދި އެ މީހުން ހެއުކަންތައް މެދުވެރިކޮށް ނުބައިކަންތައް ދިފާއުކުރެއެވެ. އަދި ތިމަން އިލާހު އެ މީހުންނަށް ދެއްވި ތަކެތިން އެ މީހުން ހޭދަކުރެއެވެ.
އަދި އެ މީހުންނަށް ބޭކާރު ވާހަކަ އިވޭ ހިނދު، އެ މީހުން އެއިން އެއްކިބާވެގަނެއެވެ. އަދި އެ މީހުން ބުނެއެވެ. ތިމަންމެންނަށް، ތިމަންމެންގެ އަމަލުތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ އަމަލުތަކެވެ. ތިމަންމެންނާ ތިޔަބައިމީހުންނާ ވަތްކެވެ. (އެހެނީ) ތިމަންމެން ޖާހިލުންނާއެކު އުޅުމަކަށް ނޭދެމުއެވެ.
ހަމަކަށަވަރުން ކަލޭގެފާނު ލޯބިފުޅުވާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެއެވެ. އެހެނެއްކަމަކު ﷲ އިރާދަ ކުރެއްވި މީހަކަށް އެ އިލާހު ތެދުމަގު ދައްކަވައެވެ. އަދި ތެދުމަގު ލިބެނިވި މީހުން އެ އިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ.
އަދި އެ މީހުން ބުންޏެވެ. ތިމަންމެން ކަލޭގެފާނާއެކު ތެދުމަގަށް ތަބާ ވެއްޖެނަމަ، ތިމަންމެން ރަށުން ތިމަންމެން ޖަހައިގަނެވޭ ހުއްޓެވެ. އަމާންކަން ލިބިގެންވާ ހަރަމެއް ތިމަން އިލާހު އެ މީހުންނަށް ޓަކައި ނުލައްވަންހެއްޔެވެ؟ އެތަނަށް ތިމަން އިލާހުގެ ހަޒްރަތުން ލިބެނިވި ރިޒްގެއްގެ ގޮތުގައި، ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ. އެހެނެއްކަމަކު، އެ މީހުން ކުރެ ގިނަމީހުން އެ ކަމެއް ނުދަނެއެވެ.
އަދި އެ މީހުންނަށް ދެއްވި ދިރިއުޅުމުގެ ތަނަވަސްކަމުގެ މައްޗަށް ކިބުރުވެރިވެގެން އުޅުނު ކިތައްކިތައް ރަށުގެ އަހުލުވެރިން ތިމަން އިލާހު ހަލާކުކޮށްލެއްވިންހެއްޔެވެ؟ ފަހެ އެ މީހުންގެ ގެދޮރު (ފެންނާން) އެހުރީއެވެ. ވަރަށްމަދު ހިނދުކޮޅެއްގައި މެނުވީ، އެއިން ގެއެއްގައި އެ މީހުންނަށް ފަހު، މީހަކަށް ނޫޅެވެއެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންއިލާހެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިޔުމަށް ފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންއިލާހެވެ.)
އަދި ރަށްތަކުގެ ތެރެއިން މައިރަށަށް، ތިމަން އިލާހުގެ އާޔަތްތައް ކިޔަވައި ވިދާޅުވެ ދެއްވާނޭ ރަސޫލަކު ފޮނުއްވައިފުމަށް ދާންދެން ކަލޭގެފާނުގެ ރައްބު އެރަށްތައް ހަލާކުކޮށެއް ނުލައްވައެވެ. އެ ތަންތާނގެ އަހުލުވެރިން އަނިޔާވެރިވާ ހާލުގައި މެނުވީ، ތިމަން އިލާހު އެރަށްތައް ހަލާކެއް ނުކުރައްވަމެވެ.
އަދި ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އެތާނގެ ޒީނަތްތެރިކަމެވެ. އަދި ﷲ ގެ ހަޒްރަތުގައިވާ ތަކެތި ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑެވެ. ފަހެ ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
ފަހެ އެ މީހަކަށް ރިވެތިވެގެންވާ ވައުދަކުން ތިމަން އިލާހު ވައުދު ކުރައްވާފައިވާ، އަދި އެ ވައުދު ކުރެއްވެވިކަމެއް ލިބެނިވި މީހަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފާ ތިމަން އިލާހު އެ މީހަކަށް ދެއްވި މީހަކާ އެއްފަދަ މީހެއްހެއްޔެވެ؟ ދެން ގިޔާމަތް ދުވަހުން، އެ މީހާވާހުށީ (އުގޫބާތް ލިބުމަށް) ހާޒިރުކުރައްވާ މީހުންގެ ތެރެއިންނެވެ.
އަދި އެ މީހުންނަށް (އެބަހީ: މުޝްރިކުންނަށް) އެ އިލާހު ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ އެ އިލާހު (އެ ދުވަހުން އެ މީހުން ދެރަކޮށްލެއްވުމުގެ ގޮތުން) ވަހީ ކުރައްވާނެއެވެ. ތިމަން އިލާހަށްވާ ޝަރީކުން ކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
އެ މީހުންގެ މައްޗަށް (އަޒާބުގެ) ބަސްފުޅު ހައްގުވީ މީހުން ދަންނަވާނެއެވެ. އަޅަމެންގެ ރައްބެވެ. މި ތިބީ އަޅަމެން މަގުފުރެއްދި މީހުންނެވެ. އަޅަމެން، އެ މީހުން މަގުފުރެއްދީ، އަޅަމެންވެސް މަގުފުރެދުނު ފަދައިންނެވެ. އިބަ އިލާހުގެ ހަޒްރަތަށް އެ މީހުންގެ ކިބައިން އަޅަމެން ބަރީއަވެއްޖައީމުއެވެ. އެ މީހުން އަޅުކަންކޮށްއުޅުނީ އަޅަމެންނަކަށް ނޫނެވެ.
އަދި (ދެރަކޮށްލެއްވުމުގެ ގޮތުން) އަންގަވާ ހުއްޓެވެ. ތިޔަބައިމީހުންގެ ޝަރީކުންނަށް ތިޔަބައިމީހުން ގޮވާށެވެ. ފަހެ އެ މީހުން އެ ޝަރީކުންނަށް ގޮވާނެއެވެ. އެ ޝަރީކުން އެ މީހުންނަކަށް އިޖާބައެއް ނުދޭނެތެވެ. އަދި އެ މީހުންނަށް އަޒާބު ފެންނަ ހުއްޓެވެ. އެ ހިނދު، އެ މީހުންނަށް ތެދުމަގު ލިބުނުނަމަ، ކިހާރަނގަޅުހޭ އެ މީހުން ހިތަށް އަރާނެތެވެ.
އަދި އެ މީހުންނަށް (އެބަހީ: މުޝްރިކުންނަށް) އެ އިލާހު ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ އެ އިލާހު ވަހީ ކުރައްވާނެއެވެ. (ތިމަން އިލާހު ފޮނުއްވި) ރަސޫލުންނަށް ތިޔަބައިމީހުން ދިނީ ކޮން ޖަވާބެއްހެއްޔެވެ؟
ފަހެ އެ ދުވަހުން (ރަނގަޅު ޖަވާބެއް ދިނުމަށް) ޚަބަރުތައް އެ މީހުންގެ މައްޗަށް ފަރުދާވެގެން ހިނގައިދާހުއްޓެވެ. ފަހެ އެ މީހުން (ހައިރާން ވެފައިވާލެއް ބޮޑުކަމުން) އެކަކު އަނެކަކާ ސުވާލު ވެސް ކޮށްނުލާނެތެވެ.
ފަހެ ތައުބާވެ، އީމާންވެ، ސާލިހު އަމަލުކުޅަމީހާ ދަންނާށެވެ. ފަހެ އޭނާ ކާމިޔާބުވާ މީހުންގެ ތެރެއިންވުންގާތެވެ.
ކަލޭގެފާނުގެ ރައްބު، އެ އިލާހު އިރާދަކުރައްވާ އެއްޗެއް ހައްދަވައެވެ. އަދި އެ އިލާހު ރުއްސަވައިފި އަޅަކު (ނަބީކަމަށް) ޚިޔާރު ކުރައްވައެވެ. އެ މީހުންނަކަށް ޚިޔާރުކުރުމެއް ނެތެވެ. އެ މީހުން ޝަރީކުކުރާ ތަކެތިން ﷲ ހުސްތާހިރުވެ މަތިވެރިވެ ވޮޑިގެންވެއެވެ.
އަދި އެ މީހުންގެ ހިތްތަކުގައި ވަންހަނާކުރާތަކެއްޗާއި، އެ މީހުން ފާޅުކުރާ ތަކެތި، ކަލޭގެފާނުގެ ރައްބު ދެނެވޮޑިގެންވެއެވެ.
އަދި އެ އިލާހީ، ﷲ އެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އެހެން އިލާހަކު ނުވެއެވެ. ދުނިޔެއާއި، އާޚިރަތުގައި، އެންމެހާ ތައުރީފާއި، ސަނާ މިލްކުވެގެންވަނީ އެ އިލާހަށެވެ. އަދި ނިޔާކުރެއްވުން މިލްކުވެގެންވަނީވެސް އެ އިލާހަށެވެ. އަދި ތިޔަބައިމީހުން ރުޖޫއަ ކުރައްވާހުށީ، އެ އިލާހުގެ ހަޒްރަތަށެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން ޚަބަރު ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ރޭގަނޑު (ބަދަލެއްނުވެ) ގިޔާމަތް ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި ﷲ ލެއްވިނަމަ، ތިޔަބައިމީހުންނަށް (ދުވާލުގެ) އަލިކަން ގެނެސްދޭނީ، ﷲ ފިޔަވާ އެހެން ކޮން އިލާހެއްހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް ނީވެނީހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން ޚަބަރު ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ދުވާލު (ބަދަލެއްނުވެ) ގިޔާމަތް ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި ﷲ ލެއްވިނަމަ، ތިޔަބައިމީހުން އަރާމުކުރަން ތިބޭނޭ ރޭގަނޑެއް ތިޔަބައިމީހުންނަށް ގެނެސްދޭނީ، ﷲ ފިޔަވާ އެހެން ކޮން އިލާހެއްހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް ނުފެންނަނީހެއްޔެވެ؟
އަދި އެ އިލާހުގެ ރަހުމަތްވަންތަކަމުން، އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި ރޭގަނޑާއި ދުވާލު ލެއްވިއެވެ. އެއީ ތިޔަބައިމީހުން އަރާމުކުރުމަށާއި، އެ އިލާހުގެ ފަޟްލުވަންތަކަމުން އެދި (ރިޒްގު ހޯދުމަށް މަސައްކަތް ކުރުމަށެވެ.) އަދި ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
އަދި އެ މީހުންނަށް (އެބަހީ: މުޝްރިކުންނަށް) އެ އިލާހު ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ އެ އިލާހު (އެ ދުވަހުން އެ މީހުން ދެރަކޮށްލެއްވުމުގެ ގޮތުން) ވަހީ ކުރައްވާނެއެވެ. ތިމަން އިލާހަށްވާ ޝަރީކުން ކަމުގައި ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟
އަދި ތިމަން އިލާހު ކޮންމެ އުއްމަތަކުން ހެކިވާނޭ މީހަކު ނެރުއްވާ ހުށީމެވެ. (އެއީ އެ އުއްމަތުގެ ނަބިއްޔާއެވެ.) ދެން ތިމަން އިލާހު (އުއްމަތްތަކަށް) ވަހީ ކުރައްވާ ހުށީމެވެ. ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! ފަހެ އެ ހިނދު (އިލާހުވަންތަކަން) ހައްގު ވެގެންވަނީ (ހަމައެކަނި) ﷲ އަށްކަން އެ މީހުންނަށް އެނގޭނެއެވެ. އަދި އެ މީހުން އަމިއްލައަށް ހަދާގެން އުޅުނު ދޮގުތައް އެ މީހުންނަށް ގެއްލި ހިނގައިދާނެއެވެ.
ހަމަކަށަވަރުން ގާރޫނަކީ، މޫސާގެފާނުގެ ގައުމުގެ މީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ އޭނާ އެ މީހުންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަން އިލާހު އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) ޚަޒާނާތައް ދެއްވީމެވެ. ހަމަކަށަވަރުން ވަރުގަދަ ޖަމާއަތެއްގެ މީހުންނަށް، އެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ ގައުމުގެ މީހުން އޭނާއަށް ބުނިހިނދެވެ. (ކިބުރުވެރިވުމުގެ ގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން ބޮޑާވުމުގެ ގޮތުން އުފާކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
އަދި ތިބާއަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚިރަތުގެ ދިންނެވުމާއި، ރަހުމަތާއި، ސަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާއަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި ﷲ، ތިބާއަށް އިހްސާންތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (ﷲ ގެ އަޅުތަކުންނަށް) އިހްސާންތެރިވާށެވެ. އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން ފަސާދަކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ އިލްމުވެރިކަމަކުންނެވެ. ހަމަކަށަވަރުން އޭނާގެ ކުރިން އިސްވެދިޔަ ޖީލުތަކުން އޭނާއަށްވުރެ މާވަރުގަދަ އަދި މުދާ ގިނަމީހުން ﷲ ހަލާކުކުރެއްވިކަން އޭނާއަށް ނޭނގެނީހެއްޔެވެ؟ އަދި ކުށްވެރިންނަކަށް، އެ މީހުންގެ ފާފަތަކާމެދު ސުވާލެއް ނުކުރައްވާނެއެވެ. (އެބަހީ: އެ މީހުންނާ ސުވާލު ކުރެއްވުމުގެ ބޭނުމެއްނެތެވެ. ﷲ ހުރިހާކަމެއް ދެނެވޮޑިގެންވެއެވެ.)
ފަހެ އޭނާ (އެބަހީ: ގާރޫނު) އޭނާގެ މުއްސަނދިކަމާއި ޒީނަތްތެރިކަމާއެކު، އޭނާގެ ގައުމުގެ ތެރެއަށް ނުކުތެވެ. ދުނިޔޭގެ ދިރިއުޅުން އެދޭމީހުން ބުންޏެވެ. ގާރޫނަށް ލިބުނުފަދަ މުއްސަނދިކަމެއް ތިމަންމެންނަށް ވެސް ލިބުނުނަމަ، ކިހާރަނގަޅުވީސްހެއްޔެވެ؟ ހަމަކަށަވަރުން އޭނާޔަކީ ބޮޑުވެގެންވާ ނަސީބެއްގެ ވެރިޔެއްކަން ކަށަވަރެވެ.
އަދި އިލްމު ލިބިގެންވާ މީހުން ބުންޏެވެ. ތިޔަބައިމީހުންނަށް ހަލާކުހުއްޓެވެ. އީމާންވެ ސާލިހު އަމަލުކުޅަމީހަކަށް، ﷲ ގެ ސަވާބު (ގާރޫނުގެ މުދާވެރިކަމަށްވުރެ) މާހެޔޮކަން ބޮޑެވެ. އަދި ކެތްތެރިންނަށް މެނުވީ، އެ ދަރަޖައެއް ނުލިބޭނެއެވެ.
ފަހެ ތިމަން އިލާހު އޭނާއާއި، އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ ﷲ އާ ދެކޮޅަށް އޭނާއަށް ނަސްރު ދޭނޭ އެއްވެސްބަޔެއް ނުވިއެވެ. އަދި ނަސްރު ލިބޭނޭ މީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ.
އަދި އިއްޔެ އޭނާގެ ދަރަޖައަށް (އެބަހީ: ގާރޫނުގެ މުދާވެރިކަމަށާއި ދަރަޖައަށް) އެދުނުމީހުން ބުނާ ކަމުގައިވިއެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ ﷲ ގެ އަޅުތަކުންކުރެ އެ އިލާހު އިރާދަ ކުރެއްވި އަޅަކަށް ރިޒްގު ތަނަވަސް ކޮށްދެއްވާ، އަދި (އެ އިލާހު އިރާދަ ކުރެއްވި އަޅަކަށް ރިޒްގު) ދަތިކުރައްވައެވެ. ﷲ އަޅަމެންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިނުގަތްނަމަ، އަޅަމެންވެސް ގަންބަވައިގަންނަވައިފީހެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ ކާފިރުންނެއް ކާމިޔާބެއް ނުވާނެއެވެ.
އެއީ އާޚިރަތުގެ (ނިއުމަތުގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަން އިލާހު ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ ތަގުވާވެރިންނަށެވެ.
ހެޔޮކަމާއިގެން އަތުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ސަވާބު (އާޚިރަތުގައި) ހުއްޓެވެ. އަދި ނުބައިކަމާއިގެން އަތުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ ނުބައިކަންތައް ކުރިމީހުންނަށް އެ މީހުން ކޮށްއުޅުނު އަމަލުތަކަށް މެނުވީ ޖަޒާއެއް ނުލިބޭހުއްޓެވެ.
ހަމަކަށަވަރުން ކަލޭގެފާނަށް ގުރްއާން ބާވައިލެއްވި އިލާހު ކަލޭގެފާނުގެ އުފަން ރަށަށް (އެބަހީ: މައްކާއަށް) ކަލޭގެފާނު އަނބުރާ ފޮނުއްވާ ހުއްޓެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތެދުމަގާއިގެން އައިމީހާއާއި، ފާޅުވެގެންވާ ފުރެދުމެއްގައިވާމީހާ، އެންމެ މޮޅަށް ދެނެވޮޑިގެންވަނީ، އަހަރެންގެ ރައްބެވެ.
އަދި ކަލޭގޭފާނަށް ފޮތް ބާވައިލައްވާނެ ކަމަކަށް ކަލޭގެފާނު އުއްމީދެއް ނުކުރައްވަމުއެވެ. އެހެނެއްކަމަކު ކަލޭގެފާނުގެ ރައްބުގެ ރަހުމަތުން އެ ފޮތް ކަލޭގެފާނަށް ބާވައިލެއްވިއެވެ. ފަހެ ކަލޭގެފާނު އެއްވެސް ހާލެއްގައި ކާފިރުންނަށް ވާގިވެރިޔަކު ކަމުގައި ވެވަޑައިނުގަންނަވާ ހުށިކަމެވެ.
އަދި ﷲ ގެ އާޔަތްތައް ކަލޭގެފާނަށް ބާވައިލެއްވުމަށް ފަހުގައި، އެ އާޔަތްތަކުން އެ މީހުން ކަލޭގެފާނު އެއްކިބާކުރިޔަ ނުދެއްވާހުށިކަމެވެ. އަދި ކަލޭގެފާނުގެ ރައްބުގެ ދީނަށް (މީސްތަކުންނަށް) ގޮވައިލައްވާށެވެ. އަދި މުޝްރިކުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާ ހުށިކަމެވެ.
އަދި ﷲ އާ އެކުގައި އެހެން އިލާހަކަށް ތިބާ ދުއާކޮށް އަޅުކަން ނުކުރާށެވެ! އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. އެ އިލާހުގެ ވަޖުހުފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާނެއެވެ. ނިޔާ ކުރެއްވުން ވަނީ ހަމައެކަނި އެ އިލާހަށެވެ. އަދި ތިޔަބައިމީހުން ރުޖޫއަ ކުރައްވާނީވެސް އެ އިލާހުގެ ހަޒްރަތަށެވެ.