އައްނަމްލު

An-Naml

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ޠާ ސީން. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) މިއީ ގުރްއާނުގެ އާޔަތްތަކެވެ. އަދި ބަޔާންވެގެންވާ ފޮތުގެ (އާޔަތްތަކެވެ.)
2
(އެއީ) މުއުމިނުންނަށް ތެދުމަގެކެވެ. އަދި އުފާވެރި ޚަބަރެއްމެއެވެ.
3
އެ މީހުންނީ ނަމާދު ގާއިމުކޮށް، ޒަކާތް ދީ، އަދި އާޚިރަތް ދުވަހާމެދު ޔަގީންކުރާ މީހުންނެވެ.
4
ހަމަކަށަވަރުން އާޚިރަތް ދުވަހަށް އީމާން ނުވާ މީހުންނަށް ތިމަން އިލާހު އެ މީހުންގެ އަމަލުތައް ޒީނަތްތެރި ކުރެއްވީމެވެ. ފަހެ އެ މީހުން ވަނީ ހައިރާންވެ، ދެފުށުއެޅޭ ހާލުގައެވެ.
5
އެ މީހުންނީ އެ މީހުންނަށް ނުބައިވެގެންވާ އަޒާބު ހުރި މީހުންނެވެ. އަދި އެ މީހުންނީ އާޚިރަތުގައި ހަމައެންމެ ގެއްލެނިވެގެންވާ މީހުންނެވެ.
6
ހަމަކަށަވަރުން ކަލޭގެފާނަށް ގުރްއާން އުނގަންނައިދެއްވަނީ، ޙަކީމްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ކަލެއްގެ ހަޒްރަތުންކަން ކަށަވަރެވެ.
7
މޫސާގެފާނު އެކަލޭގެފާނުގެ އަހުލުވެރިންނަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް އަލިފާންގަނޑެއް ފެނިއްޖެއެވެ. ތިމަންކަލޭގެފާނު އެ ތަނުން ޚަބަރަކާއިގެން ތިޔަބައިމީހުންގެ ގާތަށް ވަޑައިގަންނަވާނަމެވެ. ނުވަތަ އަލިފާން ހުޅުކޮޅެއް ގެންނަވާނަމެވެ. އެއީ ތިޔަބައިމީހުން ހީފިލުވޭތޯއެވެ.
8
ފަހެ މޫސާގެފާނު އެ އަލިފާންގަނޑުގެ ކައިރިއަށް ވަޑައިގަތްހިނދު އެކަލޭގެފާނަށް ނިދާއިއްވެވިއެވެ. އަލިފާންގަނޑުގެ ކައިރީގައިވާ މީހަކަށާއި (އެބަހީ: މޫސާގެފާނަށާއި) އަލިފާންގަނޑުގެ ވަށައިގެންވާ ބަޔަކަށް (އެބަހީ: މަލާއިކަތުންނަށް) ބަރަކާތް ލައްވާފައިވެއެވެ. އާލަމްތަކުގެ ވެރި ﷲ، ހުސްތާހިރުވަންތަވެ ވޮޑިގެންވެއެވެ.
9
އޭ މޫސާގެފާނެވެ. ހަމަކަށަވަރުން ތިމަން އިލާހީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲ އެވެ.
10
އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ. ފަހެ އެ އަސާކޮޅު (އެއްލެވީމާ) ހަރުފަޔެއްހެން ހެލިފެލިވާތީ، ފެނިވަޑައިގަތްހިނދު (ބިރުފުޅުން) ފުރަގަސްދެއްވާ ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. (ދެން ވަހީކުރެއްވިއެވެ:) އޭ މޫސާގެފާނެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން ތިމަން އިލާހުގެ ހަޒްރަތުގައި ރަސޫލުން (އެއްވެސް އެއްޗެއް ދެކެ) ބިރުފުޅެއް ނުގަންނާނެއެވެ.
11
އެހެނެއްކަމަކު، އަނިޔާވެރިވެ، ނުބައިކަމެއް ކުރުމަށް ފަހު، އޭގެބަދަލުގައި ރަނގަޅުކަމެއްކޮށްފި މީހަކަށް، ފަހެ ހަމަކަށަވަރުން ތިމަން އިލާހީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
12
އަދި ކަލޭގެފާނު ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ. އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލާ، ހުދުކޮށް (ވިދަވިދާ އޮންނަގޮތުގައި) އެ އަތްޕުޅު ނުކުންނާނެއެވެ. ފިރްޢައުނާއި، އޭނާގެ ގައުމުގެ މީހުންނަށް ފޮނުއްވި ނުވަ މުއުޖިޒާތުގެ ތެރެއިންނެވެ. ހަމަކަށަވަރުން ފާސިގު ބަޔަކު ކަމުގައި، އެ މީހުން ވިއެވެ.
13
ފަހެ ތިމަން އިލާހުގެ މުއުޖިޒާތްތައް ފާޅުވެގެންވާ ހާލުގައި އެ މީހުންގެ ގާތަށް އައި ހިނދު، އެ މީހުން ބުނެފިއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
14
އަދި އެއީ ހަމަ ހައްގު ތެދުކަން، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް ޔަގީންވާ ހާލުގައި ވެސް، އެ އާޔަތްތަކަށް އެ މީހުން އިންކާރުކުރީ، އަނިޔާވެރިކަމާއި ބޮޑާކަމުގެ ސަބަބުންނެވެ. ފަހެ ފަސާދަކުރާ މީހުންގެ ނިމުންވަނީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ.
15
ހަމަކަށަވަރުން ތިމަން އިލާހު ދާވޫދުގެފާނާއި، ސުލައިމާނުގެފާނަށް އިލްމުވެރިކަން ދެއްވީމެވެ. އަދި އެ ދެބޭކަލުން ވިދާޅުވިއެވެ: ހަމްދު ހުރީ ﷲ އަށެވެ. އެ އިލާހީ، އެ އިލާހަށް އީމާން ވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި އިލާހެވެ.
16
އަދި ދާވޫދުގެފާނުގެ ކިބައިން (ނަބީކަމާއި ވެރިކަން) ވާރުތަވީ، ސުލައިމާނުގެފާނަށެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ: އޭ މީސްތަކުންނެވެ. އަހުރެމެންނަށް ދޫނިސޫފާސޫފީގެ ބަހުރުވަ އުނގަންނައިދެއްވިއެވެ. އަދި އަހުރެމެންނަށް ހުރިހާކަމެއް ލިބިފައިވެއެވެ. ހަމަކަށަވަރުން މިކަންތަކަކީ، ފާޅުވެ އެނގިގެންވާ ފަޟްލުވަންތަ ކަމެއްކަން ކަށަވަރެވެ.
17
އަދި ޖިންނީންނާއި، އިންސީންނާއި، ދޫނިސޫފާސޫފީގެ ތެރެއިން ސުލައިމާނުގެފާނަށް އެކަލޭގެފާނުގެ ލަޝްކަރެއް ކުރެއްވުނެވެ. ފަހެ އެ ލަޝްކަރު އެތުރިގެންވެއެވެ.
18
(ދެން ލަޝްކަރާއިގެން) ހިނީގެ ވާދީއަށް ވަޑައިގެންފުމަށް ދާންދެނެވެ. އެ ހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ. ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، ސުލައިމާނުގެފާނާއި، އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށް ޓަކައެވެ.
19
ފަހެ (ސުލައިމާނުގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. އިބަ އިލާހު މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިއުމަތަށް ޝުކުރުކުރުމަށާއި، އިބަ އިލާހު ރުހިވޮޑިގެންވާ ސާލިހު އަމަލުކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ. އަދި އިބަ އިލާހުގެ ރަހުމަތްފުޅުން، އިބަ އިލާހުގެ ސާލިހު އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ.
20
އަދި އެކަލޭގެފާނު ދޫނިސޫފާސޫފި ހޯއްދަވައި ބެއްލެވިއެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: އަހަރެންނަށް ހުދުހުދު މި ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ ނުވަތަ އޭތި ޣައިބު ވެގެންވީހެއްޔެވެ؟
21
ހަމަކަށަވަރުން (އޭތީގެ އުޒުރެއްގެ ގޮތުން) ފާޅުވެގެންވާ ހެއްކެއް އަހަރެންގެ ގާތަށް ނުގެނައިނަމަ، އެ އެއްޗަށް ބޮޑުވެގެންވާ އުގޫބާތެއް އަހަރެން ދޭހުށީމެވެ. ނުވަތަ އޭތި ކަތިލާހުށީމެވެ.
22
ފަހެ އެ ދޫނި މާދުރުނޫން ތަނެއްގައި ކުޑައިރުކޮޅެއްވަންދެން އުޅެފައި (އަތުވެއްޖެއެވެ.) ދެން އޭތި ދެންނެވިއެވެ: ކަލޭގެފާނަށް އެނގިވަޑައިގެންނުވާ ކަންތައްތަކެއް ތިމަންނާއަށް އެނގިއްޖެއެވެ. ކަލޭގެފާނުގެ އަރިހަށް ތިމަންމިއައީ، (ޔަމަނު ކަރައިގެ) ސަބާ އިން ޔަގީން ވެގެންވާ ޚަބަރަކާއިގެންނެވެ.
23
އެތާނގެ މީހުންގެ މައްޗަށް ރަނިކަން ކުރައްވާ ކަމަނާއަކު ހަމަކަށަވަރުން ތިމަންދުށީމެވެ. ހުރިހާ އެއްޗެއް އެ ކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި އެ ކަމަނާއަށް ބޮޑުވެގެންވާ ތަޚުތެއް ވެއެވެ.
24
އެ ކަމަނާއާއި، އެ ކަމަނާގެ ގައުމުގެ މީހުން، ﷲ ފިޔަވާ އިރަށް ސަޖިދަ ކޮށްއުޅޭތީ ތިމަންދުށީމެވެ. އަދި ޝައިތާނާ އެ މީހުންނަށް އެ މީހުންގެ އަމަލުތައް ޒީނަތްތެރި ކޮށްދެއްކިއެވެ. އަދި ތެދުމަގުން އެ މީހުން އެއްކިބާކުރިއެވެ. ފަހެ އެ މީހުންނަކަށް ތެދުމަގެއް ނުލިބެއެވެ.
25
އުޑުތަކާއި، ބިމުގައި ފޮރުވިފައިވާ ތަކެތި ނެރުއްވާ، އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވާ ﷲ އަށް ސަޖިދަ ނުކުރުމަށް ޝައިތާނާ އެ މީހުންނަށް ޒީނަތްތެރި ކޮށްދިނެވެ.
26
ﷲ އީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވާ އިލާހެވެ. އެއީ މާތްވެގެންވާ ޢަރްޝުގެ ރައްބެވެ.
27
އެކަލޭގެފާނު (ހުދުހުދަށް) ވިދާޅުވިއެވެ: ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލޭވަނީ ދޮގުވެރިންގެ ތެރެއިންތޯ ތިމަންކަލޭގެފާނު ބައްލަވާހުށީމެވެ.
28
އަހަރެންގެ މި ސިޓީ ހިފައިގެންގޮސް އެ މީހުންގެ ގާތަށް އެ އެއްލާށެވެ! ދެން އެ މީހުންނާ ދުރަށްޖެހި (ޖަވާބުގައި) އެ މީހުން ރައްދުކުރަނީ ކޮންއެއްޗެއްތޯ ބަލާށެވެ!
29
(ސިޓީ ލިބުމުން) އެ ކަމަނާ ވިދާޅުވިއެވެ: އޭ ގައުމުގެ ބޮޑުންނޭވެ. ހަމަކަށަވަރުން މާތްވެގެންވާ ސިޓީފުޅެއް ތިމަންކަމަނާއަށް ލިބިއްޖެއެވެ.
30
އެއީ ހަމަކަށަވަރުން ސުލައިމާނުގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން އޭގައި (ވަނީ:) ﷲ، އައްރަޙްމާން، އައްރަޙީމުގެ އިސްމުފުޅުން (ފަށަމެވެ.)
31
ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ބޮޑާވެނުގަނެ، އިސްލާމް ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!
32
އެ ކަމަނާ ވިދާޅުވިއެވެ: އޭ (ގައުމުގެ) ބޮޑުންނޭވެ. އަހަރެންގެ މިކަންތަކުގައި ތިޔަބައިމީހުންނަށް ފެންނަގޮތް އަހަރެންނަށް ބުނެދޭށެވެ! ތިޔަބައިމީހުން އަހަރެންނާއެކު ހާޒިރު ވެއްޖައުމަށްދާންދެން އަހަރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ.
33
އެ މީހުން (އެ ކަމަނާއަށް) ދެންނެވިއެވެ: ތިމަންމެންނީ ބާރުހުރި، (ހަނގުރާމައިގައި) ނުހަނު ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ ކަމަނާ ކުރައްވާނެ އަމުރަކާމެދު ވިސްނަވާށެވެ.
34
އެ ކަމަނާ ވިދާޅުވިއެވެ: ހަމަކަށަވަރުން ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެ ރަށެއް ސުންނާފަތިކުރައްވާ، ފަސާދަ ކުރައްވާ، އަދި އެ ރަށެއްގެ އަހުލުވެރިންކުރެ އިއްޒަތްތެރިން ނިކަމެތިކުރައްވައެވެ. އަދި އެ މީހުން ކަންތައް ކުރައްވަނީ އެފަދައިންނެވެ.
35
އަދި ހަމަކަށަވަރުން ތިމަންކަމަނާ އެ މީހުންނަށް ހަދިޔާއެއް މިފޮނުއްވަނީއެވެ. ދެން (އެ ހަދިޔާއާއިގެން) ފޮނުވޭމީހުން އެނބުރި އަންނަނީ ކޮންއެއްޗަކާއިގެންތޯ ބައްލަވަން ތިމަންކަމަނާ އިންތިޒާރުކުރައްވާނަމެވެ.
36
ފަހެ (އެ ކަމަނާ ފޮނުއްވި) މީހުން ސުލައިމާނުގެފާނުގެ އަރިހަށް އައި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން މަދަދުކުރަނީހެއްޔެވެ؟ ފަހެ ﷲ ތިޔަބައިމީހުންނަށް ދެއްވާފައިވާތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް ﷲ ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއް! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ.
37
ތިޔަ ހަދިޔާއާއިގެން އެ މީހުންގެ ގާތަށް އެނބުރިދާށެވެ! ފަހެ އެ މީހުންނަށް ދެކޮޅުހެދުމަށް ކުޅަދާނަވެގެންނުވާފަދަ ލަޝްކަރަކާއިގެން އެ މީހުންގެ ގާތަށް ހަމަކަށަވަރުން އަހުރެމެން ދާހުށީމުއެވެ. އަދި ހަމަކަށަވަރުން އެ މީހުން ދެރަވެ، ނިކަމެތިވެގެންވާ ހާލުގައި، އެރަށުން އެ މީހުން ބޭރުކުރާހުށީމުއެވެ.
38
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ ބޮޑުންނޭވެ. އެ މީހުން ބޯލަނބައި ކިޔަމަންވެ، އިސްލާމް ވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އައުމުގެ ކުރީގައި، އެ ކަމަނާގެ ތަޚުތު ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭނީ، ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟
39
ޖިންނީންގެ ތެރެއިން ޢިފްރީތަކު ދެންނެވިއެވެ: ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން ތިމަންނައީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެމައްޗަށް އަމާނަތްތެރިއަކީމެވެ.
40
(ބާވައިލެއްވި) ފޮތުން އިލްމު ލިބިފައިވާމީހާ ދެންނެވިއެވެ: ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. ދެން އެކަލޭގެފާނުގެ އަރިހުގައި އެ ތަޚުތު ބެހެއްޓިފައިހުއްޓައި ފެނިވަޑައިގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ: މިކަންމިވީ އަހަރެންގެ ރައްބުގެ ފަޟްލުވަންތަ ކަމުންނެވެ. (އެއީ) އަހަރެން ނިއުމަތަށް ޝުކުރުކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ އިމްތިހާނު ކުރެއްވުމަށް ޓަކައެވެ. ޝުކުރުކުރާމީހާ (ދަންނާށެވެ.) ފަހެ އޭނާ ޝުކުރުކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ ނަފްސަށެވެ. އަދި (ނިއުމަތަށް) ދެކޮޅުހަދާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އަހަރެންގެ ރައްބަކީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ އިލާހެވެ.
41
އެކަލޭގެފާނު ވިދާޅުވިއެވެ: އެ ކަމަނާއަށް އެނގިވަޑައިގަނޭތޯ، ނުވަތަ އެނގިވަޑައިނުގަނޭތޯ ބެއްލެވުމަށް، ތިޔަބައިމީހުން އެ ކަމަނާގެ ތަޚުތުގެ ސިފަ ބަދަލުކޮށްލާށެވެ!
42
ފަހެ އެ ކަމަނާ ވަޑައިގަތުމުން ދެންނެވިއެވެ: ކަމަނާގެ ތަޚުތު ވަނީ މިފަދައިންތޯއެވެ. އެ ކަމަނާ ދެންނެވިއެވެ: އެއާއި މިއާ ހަމަ އެއްފަދައެވެ. (ސުލައިމާނުގެފާނު ވިދާޅުވިއެވެ:) އެ ކަމަނާގެ ކުރިން ތިމަންމެންނަށްވަނީ، އިލްމު ލިބިފައެވެ. އަދި (އެ ކަމަނާގެ ކުރިން) ތިމަންމެން މުސްލިމުންކަމުގައި ވީމުއެވެ.
43
އަދި ﷲ ފިޔަވާ އެ ކަމަނާ އަޅުކަން ކުރައްވާ ތަކެތި، އެ ކަމަނާ (ތެދުމަގުން) އެއްކިބާކުރިއެވެ. ހަމަކަށަވަރުން އެ ކަމަނާވީ، ކާފިރު ގައުމެއްގެ މީހުންގެ ތެރެއިންނެވެ.
44
އެ ކަމަނާއަށް ދެންނެވިއެވެ: ގަނޑުވަރަށް ވެދެވަޑައިގަންނަވާށެވެ. ފަހެ އެ ކަމަނާއަށް އެ ތަން ފެނިވަޑައިގަތްހިނދު، އެއީ ފެންގަނޑެކޭ ހީފުޅު ކުރައްވާ (ފެންގަނޑަކަށް އެރިވަޑައިގަންނަވާގޮތަށް) ދެ ކަށިމަތިފުޅު ކަޝްފުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އެއީ ހަމަކަށަވަރުން އޮމާން ބިއްލޫރިން ހެދިފައިވާ ގަނޑުވަރެކެވެ. (ދެން އެ ކަމަނާ އިސްލާމް ވުމަށް ސުލައިމާނުގެފާނު ވިދާޅުވި ހިނދު) އެ ކަމަނާ ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން އަޅުގެ އަމިއްލަ ނަފްސަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި ސުލައިމާނުގެފާނުގެ އަރިހުގައިވެ، އާލަމްތަކުގެ ވެރި ﷲ އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ.
45
ހަމަކަށަވަރުން ތިމަން އިލާހު ޘަމޫދު ބާގައިމީހުންގެ ގާތަށް އެ މީހުންގެ އަޚު، ޞާލިޙުގެފާނު ފޮނުއްވީމެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށޭ އަންގަވަމުންނެވެ. ފަހެ އެހާރުން އެ މީހުން އަރާރުންވާ ދެބަޔަކަށް ބެހިގެންދިޔައެވެ.
46
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ރަނގަޅު ގޮތުގެ ކުރިން، ނުބައިގޮތް އަވަސްވުމަށް ތިޔައެދެނީ ކީއްވެގެންހެއްޔެވެ؟ ފާފަ ފުއްސެވުމަށް އެދި ތިޔަބައިމީހުން ﷲ އަށް ނުދަންނަވާނަންހެއްޔެވެ؟ އެއީ ތިޔަބައިމީހުންނަށް ރަހުމަތް ލައްވާތޯއެވެ.
47
އެ މީހުން ދެންނެވިއެވެ: ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ސުންޕާކަން ތިމަންމެންނަށް ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންނަށް ސުންޕާގޮތް މެދުވެރިވުންވަނީ، ﷲ ގެ ހަޒްރަތުގައެވެ. އަދި ކިއެއް! ތިޔަބައިމީހުންނީ، އިމްތިހާނު ވެވޭ ބަޔެކެވެ.
48
އަދި އެ ރަށުގައި ނުވަމީހަކު އުޅުނެވެ. އެ މީހުން ބިމުގައި ފަސާދަ އުފައްދަމުން ގެންދެތެވެ. އަދި އެ މީހުން (އެއްވެސް ކަމެއް) އިސްލާހެއް ނުކުރެއެވެ.
49
އެ މީހުން ބުނެފިއެވެ. ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން އަވަހާރަކޮށްލައި، ނެތިކޮށްލުމަށް ﷲ ގަންދީ ތިޔަބައިމީހުން ހުވާކުރާށެވެ! ދެން ހަމަކަށަވަރުން އެކަލޭގެފާނުގެ ބަލަދުވެރިޔާ ގާތުގައި ތިމަންމެން ބުނާހުށީމެވެ. (އެކަލޭގެފާނާއި) އެކަލޭގެފާނުގެ އަހުލުވެރިން އަވަހާރަކޮށްލިތަނެއް ތިމަންމެން ނުވެސް ދެކެމުއެވެ. އަދި ހަމަކަށަވަރުން ތިމަންމެންނަކީ، ތެދުވެރިންކަން ކަށަވަރެވެ.
50
އަދި އެ މީހުން މަކަރުވެރި ރޭވުމެއް ރޭވިއެވެ. އަދި ތިމަން އިލާހުވެސް ރޭވުމެއް ރޭއްވެވީމެވެ. އެ މީހުންނަކަށް އެ ކަމެއް ނޭނގެއެވެ.
51
ފަހެ އެ މީހުންގެ މަކަރުވެރި ރޭވުމުގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންނާއި އެ މީހުންގެ ގައުމުގެ އެންމެން ހަލާކުކޮށް ނެތިކޮށްލެއްވީމެވެ.
52
ފަހެ އެހުރީ އެ މީހުންގެ އަނިޔާވެރިކަމުގެ ސަބަބުން ވީރާނާވެފައިވާ އެ މީހުންގެ ގޯތިގެދޮރެވެ. ހަމަކަށަވަރުން އެ ކަންތަކުގައި ދަންނަ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
53
އަދި އީމާންވެ ތަގުވާވެރިކަންމަތީ އުޅުނުމީހުން، ތިމަން އިލާހު ސަލާމަތްކުރެއްވީމެވެ.
54
ލޫޠުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ދެކެދެނެތިބި ހާލު، ފާހިޝް އަމަލުތައް ކުރަނީހެއްޔެވެ؟
55
ހަމަކަށަވަރުން ތިޔަބައިމީހުން ޝަހްވާނީ އެދުން ފުއްދުމަށް ޓަކައި، އަންހެނުން ފިޔަވާ ފިރިހެނުންނާ ގާތްވަނީހެއްޔެވެ؟ އަދި ކިއެއް! ތިޔަބައިމީހުންނަކީ ހަމަ ޖާހިލު ބަޔަކީމުއެވެ.
56
ފަހެ އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ޖަވާބުކަމުގައި އެ މީހުންގެ މިބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން ލޫޠުގެފާނާއި، އެކަލޭގެފާނަށް ތަބާ ވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން އެ މީހުންނީ ތާހިރުވެ ތިބޭބަޔެކެވެ.
57
ފަހެ ތިމަން އިލާހު އެކަލޭގެފާނާއި އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރެއްވީމެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. އަޒާބުގައި ތިބޭމީހުންގެ ތެރެއިން ތިމަން އިލާހު އެ ކަނބުލޭގެ ހިމެނުއްވީމެވެ.
58
އަދި ތިމަން އިލާހު އެ މީހުންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ އިންޒާރު ވެވުނު މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ.
59
ކަލޭގެފާނު ވިދާޅުވާށެވެ: ހަމްދު ހުރީ ﷲ އަށެވެ. އަދި އެ އިލާހު ޚިޔާރުކުރައްވާފައިވާ، އެ އިލާހުގެ އަޅުތަކުންގެ މައްޗަށް ސަލާމްހުއްޓެވެ. ހެޔޮކަން ބޮޑީ، ﷲ ހެއްޔެވެ؟ ނުވަތަ އެ މީހުން ޝަރީކުކުރާ އެއްޗެތިހެއްޔެވެ؟
60
ނުވަތަ (ހެޔޮކަން ބޮޑީ) އުޑުތަކާއި ބިން ހެއްދެވި، އަދި ތިޔަބައިމީހުންނަށް ޓަކައި އުޑުން ވާރޭފެން ވެއްސެވި އިލާހުހެއްޔެވެ؟ ފަހެ ރީތިކަމާއި ހިތްފަސޭހަކަމުން ފުރިގެންވާ ބަގީޗާތައް ތިމަން އިލާހު އެ ފެނުން ފެޅުއްވީމެވެ. އެ ބަގީޗާގެ ގަސްތައް ފެޅުވުމަކީ، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނެ ކަމެއް ނޫނެވެ. ﷲ އާ އެކުގައި އެހެން އިލާހަކު ވޭހެއްޔެވެ؟ އަދި ކިއެއް! އެ މީހުންނީ (ހައްގުން) އެއްކިބާވާ ބަޔެކެވެ.
61
ނުވަތަ (ހެޔޮކަން ބޮޑީ) ގަރާރުވެ ތިބުމުގެ ތަނެއްކަމުގައި، ބިން ލައްވައި އެ ތާނގައި ކޯރުތައް ލައްވައި، އަދި އެ ތާނގައި ހަރުލައި ހުންނަ ފަރުބަދަތައް ލައްވައި، އަދި (މީރުފެނާއި ލޮނުފެނުގެ) ދެ ކަނޑު ދެމެދުގައި ހުރަހެއް ލެއްވި އިލާހުހެއްޔެވެ؟ ﷲ އާ އެކުގައި އެހެން އިލާހަކު ވޭހެއްޔެވެ؟ އަދި ކިއެއް! އެ މީހުން ކުރެ ގިނަމީހުނެއް (އެ ކަމެއް) ނުދަނެއެވެ.
62
ނުވަތަ (ހެޔޮކަން ބޮޑީ) ދަތި އުނދަގޫ ހާލު ޖެހިފައިވާ މީހާ، އެ އިލާހަށް ދުއާކުރާ ހިނދު، އެ މީހާގެ ދުއާ އިޖާބަކުރައްވާ، އަދި ނުބައިކަން ދުރުކުރައްވާ، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ އިލާހުހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށް ވެސް މަދުންނެވެ.
63
ނުވަތަ (ހެޔޮކަން ބޮޑީ) އެއްގަމާއި ކަނޑުގެ އަނދިރިތަކުގެ ތެރޭގައި، ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވާ، އަދި އެ އިލާހުގެ ރަހުމަތް (ގެ ވާރޭ) ގެ ކުރިއަށް އުފާވެރި ޚަބަރެއްގެ ގޮތުގައި (ވިލާގަނޑުގެ) ވައި ފޮނުއްވާ އިލާހުހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ އެ މީހުން އެ ޝަރީކުކުރާ ތަކެއްޗަށް ވުރެ ﷲ މަތިވެރިވެވޮޑިގެންވެއެވެ.
64
ނުވަތަ (ހެޔޮކަން ބޮޑީ) ފުރަތަމަ ފަހަރަށް ޚަލްގުތަކުން އުފައްދަވައި، ދެން އެ ތަކެތި އަލުން އިއާދަކުރައްވާ، އަދި އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒްގު ދެއްވާ އިލާހުހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާ ނަމަ، ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެނެސްބަލާށެވެ!
65
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށް ވެސް ޣައިބުގައިވާ ކަމެއް ނޭނގޭނެތެވެ. އަދި އެ މީހުން އަލުން ދިރުއްވައި، މަހުޝަރަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެ މީހުންނަކަށް ނުމެއެނގޭމެއެވެ.
66
އަދި ކިއެއް! އާޚިރަތާ ހަމައަށް އެ މީހުންގެ އިލްމު ފޯރީހެއްޔެވެ؟ އަދި ކިއެއް! އެ ދުވަހާމެދުގައި އެ މީހުން ވަނީ ޝައްކުކަމެއްގައެވެ. އަދި ކިއެއް؟ އެ ދުވަހާމެދު އެ މީހުން ވަނީ ކަނުބަޔަކު ކަމުގައެވެ.
67
ކާފިރުވި މީހުން ބުނެފިއެވެ. ތިމަންމެންނާ، ތިމަންމެންގެ ކާބަފައިން (މަރުވެ) ވެއްޔަށްވެދާ ހިނދު، ހަމަކަށަވަރުން ތިމަންމެންނީ އަލުން (ދިރުއްވައި) ނެރުއްވާނޭ ބަޔެއްހެއްޔެވެ؟
68
ހަމަކަށަވަރުން، ތިމަންމެންނާއި، ތިމަންމެންގެ ކާބަފައިންނަށް މީގެކުރިންވެސް މި ކަންތައް ވައުދު ކުރައްވާފައިވެއެވެ. އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެއް ކަމުގައިމެނުވީ މި ކަންތައް ނުވެއެވެ.
69
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ފަހެ ކުށްވެރިންގެ ނަތީޖާ އޮތީ ކިހިނަކުންކަން ތިޔަބައިމީހުން ދެކޭށެވެ!
70
އަދި އެ މީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ. އަދި އެ މީހުން މަކަރުހަދާ ކަންތަކުން ހިތްޕުޅު ދަތިވުމެއްގެ ތެރޭގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ.
71
އެ މީހުން ބުނެއެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ ތިޔަ (ބުނާ އަޒާބުގެ) ވައުދު އަންނާނީ ކޮންއިރަކުންހެއްޔެވެ؟
72
ކަލޭގެފާނު ވިދާޅުވާށެވެ. އަވަސްކުރުމަށް ތިޔަބައިމީހުން އެދޭ ބައެއްކަންތައް (އެބަހީ: އަޒާބު) ތިޔަބައިމީހުންނާ ދާދިކައިރިވެފައިވުން އެކަށީގެންވެއެވެ.
73
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، މީސްތަކުންގެ މައްޗަށް ފަޟްލުވަންތަވެރި ރައްބުކަން ކަށަވަރެވެ. އެހެނެއްކަމަކު، އެ މީހުން ކުރެ ގިނަމީހުން ޝުކުރެއް ނުކުރެއެވެ.
74
އެ މީހުންގެ ހިތްތަކުގައި ފޮރުވާ ކަންތަކާއި، އެ މީހުން ފާޅުކުރާ ކަންތައް، ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު ދެނެވޮޑިގެންވެއެވެ.
75
އަދި އުޑާއި، ބިމުގައިވިޔަސް (އެ އިލާހަށް) ފޮރުވިގެންވާ އެއްވެސް ކަމެއް ނުވެއެވެ. އެ ހުރިހާ ކަމެއްވަނީ، ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވައިފައެވެ.
76
އިސްރާއީލުގެ ދަރިން، އެ ކަންކަމާމެދު ދެބަސްވާ ކަންތަކުގެ ތެރެއިން ގިނަކަންތައް ހަމަކަށަވަރުން މި ގުރްއާން، އެ މީހުންނަށް ކިޔައިދީ ބަޔާންކޮށްދެއެވެ.
77
އަދި ހަމަކަށަވަރުން އެ ގުރްއާނަކީ، މުއުމިނުތަކުންނަށްވާ ހިދާޔަތަކާއި، ރަހުމަތެއްކަން ކަށަވަރެވެ.
78
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު (ގިޔާމަތް ދުވަހުން) އެ މީހުންގެ މެދުގައި އެ އިލާހުގެ (އަދުލުވެރި) ހުކުމްފުޅުން ނިޔާކުރައްވާނެއެވެ. އަދި އެ އިލާހީ، ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
79
ފަހެ ކަލޭގެފާނު ﷲ އަށް ވަކީލު ކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނުވަނީ، ބަޔާންވެގެންވާ ހައްގު މަގުގައެވެ.
80
ހަމަކަށަވަރުން މަރުވެފައިތިބޭ މީހުންނަށް ކަލޭގެފާނަކަށް އަޑެއް ނީއްވެވޭނެއެވެ. އަދި ބީރު މީހުންނަށް، އެ މީހުން ފުރަގަސްދީދާ ހިނދު، ކަލޭގެފާނު ގޮވައިލައްވާ އަޑެއް ނީއްވެވޭނެއެވެ.
81
އަދި ކަނުމީހުންނަށް (އެބަހީ: މަގުފުރެދުމުން ކަނުވެފައިވާ މީހުންނަށް) އެ މީހުންގެ މަގުފުރެދުމުން އެއްކިބާކުރައްވާ، (ތެދުމަގު ދައްކަވާ) ހާދީއަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ. ތިމަން އިލާހުގެ އާޔަތްތަކަށް އީމާންވާ ބަޔަކަށް މެނުވީ ކަލޭގެފާނަކަށް ނީއްވެވޭނެއެވެ. ފަހެ އެ މީހުންނީ، ﷲ އަށް ކިޔަމަންވާ މީހުންނެވެ.
82
އަދި އެ މީހުންގެ މައްޗަށް (އަޒާބުގެ) ބަސްފުޅު ޖެހިއްޖެ ހިނދު، ތިމަން އިލާހު، އެ މީހުންނަށް ޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެ މީހުންނާ ވާހަކަދައްކަމުން ބުނާނެއެވެ. ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތަކަށް އީމާން ނުވާ ބަޔަކު ކަމުގައި މީސްތަކުންވިއެވެ.
83
ކޮންމެ އުއްމަތަކުން ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރި މީހުންގެ ތެރެއިން ބަޔަކު ތިމަން އިލާހު އެއް ކުރައްވާ، މަހުޝަރަށް ފޮނުއްވާދުވަސް ހަނދުމަކުރާށެވެ! ފަހެ އެ މީހުން ބައިބަޔަށް ބައިތިއްބަވަމުން ގެންދަވާނެއެވެ.
84
(ﷲ ގެ ހަޒްރަތަށް) އެ މީހުން އަތުވެއްޖައުމަށް ދާންދެނެވެ. އެ ހިނދު އެ އިލާހު ވަހީ ކުރައްވާނެއެވެ. ތިޔަބައިމީހުންނަށް އެއާބެހޭ އިލްމެއް ލިބިފައިނެތް ހާލު، ތިޔަބައިމީހުން ތިމަން އިލާހުގެ އާޔަތްތައް ދޮގުކުޅައީހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުން ކުރަމުން ގެންދިޔައީ ކޮންކަމެއްހެއްޔެވެ؟
85
އަދި އެ މީހުން އަނިޔާވެރިވީ ކަމަށް ޓަކައި، އެ މީހުންގެ މައްޗަށް (އަޒާބުގެ) ބަސްފުޅު އައިސް ޖެހޭނެއެވެ. ފަހެ އެ މީހުންނަކަށް (އެ ދުވަހުން) އެއްވެސް ވާހަކައެއް ނުދެއްކޭނެއެވެ.
86
ހަމަކަށަވަރުން ތިމަން އިލާހު، ރޭގަނޑު ލައްވާފައިވަނީ، އެވަގުތުގައި އެ މީހުން ހަމަހިމޭންކަމާއި، އަރާމު ލިބިތިބުމަށާއި، އަދި ދުވާލު ލައްވާފައިވަނީ (މަސައްކަތްކޮށް އުޅުމަށް ޓަކައި) ތަންތަން ފެންނަގޮތުގައިކަން އެ މީހުން ނުދެކޭހެއްޔެވެ؟ ހަމަކަށަވަރުން އީމާންވާ ބަޔަކަށް އެ ކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
87
ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ (އެ ހިނދު) ﷲ އިރާދަ ކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައި ވާހާ ބަޔަކު ބިރުން ސިހިގެންދާނެއެވެ. އަދި އެންމެން ދެރަވެ، ނިކަމެތިވެގެންވާ ހާލުގައި އެ އިލާހުގެ ހަޒްރަތަށް އަންނާނެއެވެ.
88
އަދި ފަރުބަދަތައް ތިބާ ދެކެމުއެވެ. އެ ތަކެތި ވިލާތައް ހިނގައިދާގޮތަށް ހިނގައިދާ ހާލު، ތިބާ ހީކުރަނީ، އެ ތަކެތި ހަރުލައި ހުރިކަމަށެވެ. (އެއީ) ﷲ ގެ ހެއްދެވުމެވެ. އެ އިލާހީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި އިލާހެވެ. ހަމަކަށަވަރުން އެ އިލާހީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
89
ހެޔޮކަމާއިގެން އަތުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ސަވާބު (އާޚިރަތުގައި) ހުއްޓެވެ. އަދި އެ ދުވަހުން އެ މީހުން ވަނީ، ހުރިހާ ބިރުވެރިކަމަކުން އަމާންކަން ލިބިގެންނެވެ.
90
އަދި ނުބައިކަމާއިގެން އަތުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންގެ މޫނުތައް ވަތަށް، ނަރަކައަށް ވެއްޓޭހުއްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް މެނުވީ ތިޔަބައިމީހުންނަށް ޖަޒާ ލިބޭނެހެއްޔެވެ؟
91
ހަމަކަށަވަރުން ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ، މިރަށުގެ (އެބަހީ: މައްކާގެ) ރައްބަށް އަޅުކަން ކުރުމަށެވެ. އެ އިލާހީ، އެރަށް ހުރުމަތްތެރި ކުރެއްވި އިލާހެވެ. އަދި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ އެ އިލާހަށެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ، ތިމަންކަލޭގެފާނު މުސްލިމުންގެ ތެރެއިން ވުމަށެވެ.
92
އަދި ގުރްއާން ކިޔެވުމަށް ވެސް ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވެއެވެ. ފަހެ ތެދުމަގު ލިބިގެންފިމީހާ (ދަންނާށެވެ.) އެ މީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. އަދި މަގުފުރެދިއްޖެ މީހާ (ދަންނާށެވެ. އެ ކަމުގެ ނުބައިކަން އޮތްކަން ކަށަވަރީވެސް ހަމަ އޭނާއަށެވެ!) ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، އިންޒާރުކުރައްވާ ބޭކަލުންގެ ތެރެއިންނެވެ.
93
އަދި ކަލޭގެފާނު ވިދާޅުވާށެވެ. ހަމްދު ހުރީ ﷲ އަށެވެ. އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަންހުރެ އެ އިލާހު ދައްކަވާހުއްޓެވެ. ދެން އެ ކަންތައްތައް ތިޔަބައިމީހުންނަށް އެނގޭނެއެވެ. ކަލޭގެފާނުގެ ރައްބު ތިޔަބައިމީހުންކުރާ އަމަލުތަކާމެދު ޣާފިލު ވެވޮޑިގެނެއްނުވެއެވެ.