ލުޤްމާން

Luqman

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އަލިފް ލާމް މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
މިއީ ހިކުމަތްތެރި ފޮތުގެ (އެބަހީ: ގުރްއާނުގެ) އާޔަތްތަކެވެ.
3
(އެއީ) އިހްސާންތެރިންނަށް ޓަކައި އޮތް ތެދުމަގާއި، ރަހުމަތެވެ.
4
އެ މީހުންނީ ނަމާދު ގާއިމުކޮށް، ޒަކާތް ދީ، އަދި އާޚިރަތް ދުވަހާމެދު ޔަގީންކުރާ މީހުންނެވެ.
5
އެ މީހުން ވަނީ، އެ މީހުންގެ ރައްބުގެ ހަޒްރަތުން އައި ތެދުމަގެއްގެ މަތީގައެވެ. އަދި އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
6
އަދި އެއްވެސް އިލްމަކާ ނުލާ، ﷲ ގެ މަގުން (މީހުން) އެއްކިބާކޮށް މަގުފުރެއްދުމަށް ޓަކައި، އަދި އެ އިލާހުގެ މަގަކީ މަލާމާތައި ސަމާސާގެ އެއްޗެއް ކަމުގައި ހެދުމަށް ޓަކައި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ބަސްތައް ގަންނަ މީހުން، މީސްތަކުންގެ ތެރެއިން ވެއެވެ. އެ ފަދަ މީހުންނަށް އިހާނާތްތެރިކަންދެނިވި އަޒާބުހުއްޓެވެ.
7
އަދި އެ މީހަކަށް ތިމަން އިލާހުގެ އާޔަތްތައް ކިޔަވައިދެވޭ ހިނދު، ބޮޑާވެގަންނަ ހާލު (އެއަށް) ފުރަގަސްދީ އެނބުރި ހިނގައިދެއެވެ. އެ އާޔަތްތައް އެ މީހަކަށް ނީވޭފަދައެވެ. އެ މީހާގެ ދެކަންފަތުގައި ބީރުކަމެއް ހުރިފަދަމެއެވެ. ފަހެ އެ މީހަކަށް ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ.
8
ހަމަކަށަވަރުން އީމާންވެ ސާލިހު އަމަލުތައްކުރި މީހުން (ދަންނާށެވެ.) އެ މީހުންނަށް ނިއުމަތުގެ ސުވަރުގެތައްހުއްޓެވެ.
9
އެ ސުވަރުގެތަކުގައި ދެމިތިބެނިވި ގޮތުގައެވެ. އެއީ، ﷲ ގެ ހައްގު ވައުދު ފުޅެވެ. އެ އިލާހީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
10
ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލާ، އެ އިލާހު އުޑުތައް ހެއްދެވިއެވެ. އަދި ހަރުލައި ހުންނަ ފަރުބަދަތައް ބިމުގައި އެ އިލާހު ލެއްވިއެވެ. އެއީ ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށް ޓަކައެވެ. އަދި ހިނގާބިނގާ އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭ ތަކެތި އެބިމުގައި ފެތުރުއްވިއެވެ. އަދި ތިމަން އިލާހު އުޑުން ފެންވެއްސެވީމެވެ. ދެން އޭގެ ސަބަބުން އެ ބިމުގައި މަންފާ ގިނަ ރަނގަޅު ހުރިހާ ބާވަތަކުން، ގަސްގަހާގެހި ފެޅުއްވީމެވެ.
11
މިއީ ﷲ ގެ ހެއްދެވުމެވެ. އެ އިލާހު ނޫން ފަރާތްތަކުން ހަދާފައިވަނީ ކޮން އެއްޗެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް، ފަހެ ދައްކައިބަލާށެވެ! އަދި ކިއެއް! މުޝްރިކުންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެ ތެރޭގައެވެ.
12
ހަމަކަށަވަރުން ތިމަން އިލާހު ލުގުމާނުގެފާނަށް ހިކުމަތް ދެއްވީމެވެ. އަދި ﷲ އަށް ޝުކުރުކުރުމަށް އެންގެވީމެވެ. އަދި ޝުކުރުކުރާމީހާ (ދަންނާށެވެ.) ފަހެ އެ މީހާ ޝުކުރު ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. އަދި ކާފިރުވި މީހާ (ދަންނާށެވެ.) ހަމަކަށަވަރުން ﷲ އީ ފުދިވޮޑިގެންވާ, ހަމްދު ލިބިވޮޑިގެންވާ އިލާހެވެ.
13
އަދި ލުގުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވި ހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ. ﷲ އަށް ތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން ޝަރީކުކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.
14
އަދި ތިމަން އިލާހު، އިންސާނާއަށް އޭނާގެ މައިންބަފައިންނާމެދު (ހެޔޮކޮށް ހިތުމަށް) ވަސިއްޔަތްކުރެއްވީމެވެ. ބަލިކަށިކަމުގެ މަތިން ބަލިކަށިކަމާ އެކު، އޭނާގެ މަންމަ، އޭނާ ބަނޑުގައި އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުންވަނީ ދެ އަހަރުގައެވެ. ތިމަން އިލާހަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރިދިޔުން ވަނީ، ތިމަން އިލާހުގެ ހަޒްރަތަށެވެ.
15
އަދި ތިމަން އިލާހާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކުކުރުމަށް، އެ ދެ މީހުން ގަދައަޅައިފިނަމަ، ފަހެ ތިބާ އެ ދެ މީހުންނަށް ކިޔަމަންނުވާށެވެ. އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެ މީހުންނާއެކު އުޅޭށެވެ! އަދި ތިމަން އިލާހުގެ ހަޒްރަތަށް ކިޔަމަންވެ، ރުޖޫއަވީ މީހުންގެ މަގަށް ތަބާ ވާށެވެ. ދެން ތިޔަބައިމީހުން އެނބުރި ރުޖޫއަ ވުން ވަނީ ތިމަން އިލާހުގެ ހަޒްރަތަށެވެ. ފަހެ އޭރުން ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ޚަބަރު ތިމަން އިލާހު ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ.
16
އޭ ދަރިފުޅާއެވެ. ހަމަކަށަވަރުން އެ އަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި އަމަލެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ގިޔާމަތް ދުވަހުން) ﷲ އެ އަމަލެއް ގެންނަވާނެއެވެ. ހަމަކަށަވަރުން ﷲ އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
17
އޭ ދަރިފުޅާއެވެ. ތިބާ ނަމާދު ގާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާއަށްޖެހޭ މުސީބަތަށް ކެތްކުރާށެވެ! ހަމަކަށަވަރުން އެ ކަންވަނީ، އަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.
18
އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ހާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
19
އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ހިމާރުގެ އަޑުކަން ކަށަވަރެވެ.
20
ހަމަކަށަވަރުން އުޑުތަކާއި، ބިމުގައި ވާހާ ތަކެއްޗެއް ﷲ ތިޔަބައިމީހުންނަށް ޓަކައި ޚިދުމަތްތެރި ކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެވެ؟ އަދި އެ އިލާހުގެ ނިއުމަތްތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ. އަދި އެއްވެސް އިލްމަކާ ނުލާ، ނުވަތަ ތެދުމަގަކާ ނުލާ، ނުވަތަ އަލިކަން ދެނިވި ފޮތަކާ ނުލާ، ﷲ އާމެދު ޖަދަލުކުރާ ބަޔަކު، މީސްތަކުންގެ ތެރެއިން ވެއެވެ.
21
އަދި ﷲ ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން ތަބާ ވާށޭ އެ މީހުންގެ ގާތުގައި ބުނެފިނަމަ، އެ މީހުން ބުނާނެއެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން ތަބާ ވާހުށީ، ތިމަންމެންގެ ކާބަފައިން އެ ގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ ނަރަކައިގެ އަޒާބަށް ޝައިތާނާ އެ މީހުންނަށް ގޮވާކަމުގައިވިޔަސްހެއްޔެވެ؟
22
އިހްސާންތެރިވެ ހުންނަ ހާލު، ﷲ އަށް ކިޔަމަންވެ ކުރިމަތިލާ މީހާ (ދަންނާށެވެ.) ފަހެ އެ މީހާ އެންމެ ވަރުގަދަ އުޅައްގަނޑުގައި ހިފަހައްޓައިފިކަން ކަށަވަރެވެ. އަދި ކަންކަމުގެ ނިމުންވަނީ ﷲ ގެ ހަޒްރަތަށެވެ.
23
އަދި ކާފިރުވި މީހާ، އޭނާގެ ކާފިރުކަމުން ކަލޭގެފާނު ހިތާމަވެރި ކުރުވިޔަ ނުދެއްވާށެވެ. އެ މީހުން އެނބުރި ރުޖޫއަވާހުށީ، ހަމަ ތިމަން އިލާހުގެ ހަޒްރަތަށެވެ. ފަހެ އޭރުން އެ މީހުން ކުރި އަމަލުތަކުގެ ޚަބަރު ތިމަން އިލާހު އެ މީހުންނަށް އަންގަވާހުށީމެވެ. ހަމަކަށަވަރުން ﷲ އީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
24
ކުޑަހިނދުކޮޅަކަށް އެ މީހުންނަށް ތިމަން އިލާހު (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. ދެން ގަދަފަދަވެގެންވާ އަޒާބަކަށް އެ މީހުން ހުށަހަޅުއްވާ ހުށީމެވެ.
25
އަދި ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެ މީހުންނާ ސުވާލު ކުރައްވާފިނަމަ، އެ މީހުން ބުނާނެކަން ކަށަވަރެވެ. ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމްދު ހުރީ ﷲ އަށެވެ. އަދި ކިއެއް! އެ މީހުން ކުރެ ގިނަމީހުންނަކަށް (އެ ކަމެއް) ނޭނގެތެވެ.
26
އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކު ވެގެންވަނީ ﷲ އަށެވެ. ހަމަކަށަވަރުން ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ހަމްދު ލިބިވޮޑިގެންވާ އިލާހެވެ.
27
އަދި ހަމަކަށަވަރުން ބިމުގައި ވާހާ ގަސްގަހާގެއްސަކީ، ގަލަމްތަކެއްކަމުގައި ވެފައި، އަދި ކަނޑު (ދެލިކަމުގައިވެފައި) އޭގެފަހަށް ހަތްކަނޑު އެއާއެކުވިޔަސް، ﷲ ގެ ކަލިމަފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެއެވެ. ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
28
ތިޔަބައިމީހުން ހެއްދެވުން ވެސް، އަދި ތިޔަބައިމީހުން އަލުން ދިރުއްވާ ފޮނުއްވުން ވެސް އެއް ނަފްސެއް (ހެއްދެވުން) ފަދައިން މެނުވީ ނުވެއެވެ. ހަމަކަށަވަރުން ﷲ އައްސަވާވޮޑިގަންނަވާ، ބައްލަވާވޮޑިގަންނަވައެވެ.
29
ހަމަކަށަވަރުން ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައި އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައި އަދި އިރާއި ހަނދު، ޚިދުމަތްތެރި ކުރެއްވީ، ﷲ ކަން ތިބާޔަކަށް ނޭނގޭހެއްޔެވެ؟ (އެއިން) ކޮންމެ އެއްޗެއް ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އަދި ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
30
އެހެނީ ހަމަކަށަވަރުން ﷲ އީ، ހައްގުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހު ފިޔަވާ އެ މީހުން އަޅުކަންކުރާ ތަކެއްޗަކީ، ބާތިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން ﷲ އީ މަތިވެރިވަންތަ، ބޮޑުވެގެންވާ އިލާހެވެ.
31
ތިޔަބައިމީހުންނަށް އެ އިލާހުގެ އާޔަތްތައް ދެއްކެވުމަށް ޓަކައި، ހަމަކަށަވަރުން ﷲ ގެ ނިއުމަތުން ކަނޑުގައި ނާފަހަރު ދުވާތީ، ތިބާޔަކަށް ނުފެނޭހެއްޔެވެ؟ ހަމަކަށަވަރުން ކެތްތެރިކަން ބޮޑު، ޝުކުރުވެރިވުން ބޮޑު، ކޮންމެ މީހަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
32
އަދި ހިޔާއަޅާ ފަރުބަދަތައްފަދަ ރާޅުތައް، އެ މީހުން ވަށައިލައިފިނަމަ، އެ އިލާހަށް އީމާންކަން ޚާލިސްކުރާ ހާލުގައި، ﷲ އަށް އެ މީހުން ދުއާ ކުރާނެތެވެ. އަދި އެ އިލާހު، އެ މީހުން ސަލާމަތް ކުރައްވާ އެއްގަމަށް ގެންދަވައިފިހިނދު، ފަހެ އެ މީހުންގެ ތެރެއިން މެދުމިނު މީހުން ވެއެވެ. (އަދި ދެކޮޅުހަދާ މީހުންވެސް ވެއެވެ.) އަދި ކޮންމެ ޚިޔާނަތްތެރި ކާފިރަކު މެނުވީ، ތިމަން އިލާހުގެ އާޔަތްތަކަށް ދެކޮޅެއް ނަހަދާނެއެވެ.
33
އޭ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ރައްބަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ. އަދި އެ ދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތިން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށް ވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ ގެ ވައުދުފުޅަކީ، ހައްގު ތެދެވެ. ފަހެ ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ. އަދި މަކަރުވެރި ޝައިތާނާ، ތިޔަބައިމީހުން ﷲ އާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ.
34
ހަމަކަށަވަރުން ގިޔާމަތް ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، ﷲ ގެ ހަޒްރަތުގައެވެ. އަދި އެ އިލާހު ވާރޭ ވެއްސަވައެވެ. އަދި ރަހިމުތަކުގައިވާ ތަކެތި އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.