އޭ ނަބިއްޔާއެވެ. ކަލޭގެފާނު ﷲ އަށް ތަގުވާވެރިވެވަޑައިގަންނަވާށެވެ. އަދި ކާފިރުންނާއި، މުނާފިގުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހު ކަމުގައި ﷲ ވޮޑިގެންވެއެވެ.
އަދި ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުންކަލޭގެފާނަށް އިއްވަވާ ވަހީއަށް ކަލޭގެފާނު ތަބާ ވެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
އަދި ކަލޭގެފާނު ﷲ އަށް ވަކީލު ކުރައްވާށެވެ. ވަކީލަކު ކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.
އެއްވެސް މީހަކަށް، އެ މީހެއްގެ އެތެރެހަށީގައި، ﷲ ދެ ހިތެއް ނުލައްވައެވެ. އަދި ތިޔަބައިމީހުންގެ އަނބިންގެ ތެރެއިން، ތިޔަބައިމީހުން ޡިހާރުކުރާ (އެބަހީ: މަޔަކާ ހަމަކުރާ) އަނބިންނަކީ، ތިޔަބައިމީހުންގެ މައިން ކަމުގައިވެސް ނުލައްވައެވެ. އަދި ތިޔަބައިމީހުންގެ ދަރިން ކަމުގައި ހަދާގެންއުޅޭ ދަރިންނަކީ، ތިޔަބައިމީހުންގެ ދަރިން ކަމުގައިވެސް ނުލައްވައެވެ. އެއީ ތިޔަބައިމީހުންގެ އަނގަތަކުން ބުނާ ބުނުމެކެވެ. އަދި ﷲ ހައްގު ބަސްފުޅު ވަހީ ކުރައްވައެވެ. އަދި އެ އިލާހުގެ ތެދުމަގަށް މަގު ދައްކަވައެވެ.
އެ ދަރިން އެ މީހުންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެ ގޮތް ﷲ ގެ ހަޒްރަތުގައި އަދުލުވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ އެއީ ދީނުގެ ފަރާތުން ތިޔަބައިމީހުންގެ އަޚުންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް ގަސްދުކުރި ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
މުއުމިނުންނަށް އެ މީހުންގެ އަމިއްލަ ނަފްސުތަކަށްވުރެ، ނަބިއްޔާ އައުލާ ކަން ބޮޑެވެ. އަދި އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނީ، އެ މީހުންގެ މައިންނެވެ. މުއުމިނުންނާއި، މުހާޖިރުންގެ ތެރެއިންވާ މީހުންނަށްވުރެ ﷲ ގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއް ބަޔަކާ އައުލާ ކަން ބޮޑެވެ. ތިޔަބައިމީހުންގެ އެކުވެރިންނަށް ހެޔޮކަމެއް ކުރުމުގެ ގޮތުން ބާއްވާ ގުޅުމެއް މެނުވީއެވެ. ފޮތުގައި (އެބަހީ: އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެ ކަންތައް ވިއެވެ.
ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނާއި، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ކިބައިން ތިމަން އިލާހު ކަށަވަރުވެގެންވާ އަހުދު ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެ ބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ އަހުދު، ތިމަން އިލާހު ހިއްޕެވީމެވެ.
(އެއީ) ތެދުވެރިންގެ ކިބައިން، އެ ބޭކަލުންގެ ތެދުވެރިކަމާމެދު ސުވާލު ކުރެއްވުމަށް ޓަކައެވެ. އަދި ކާފިރުންނަށް ޓަކައި ވޭންދެނިވި އަޒާބު އެ އިލާހު ތައްޔާރުކުރައްވާފައިވެއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ލަޝްކަރުތަކެއް ތިޔަބައިމީހުންނާ ހަމައަށް އައި ހިނދު، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ތިޔަބައިމީހުން ހަނދާންކުރާށެވެ! ފަހެ އެ ހިނދު އެ މީހުންގެ މައްޗަށް ގަދަ ވަޔަކާއި، ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކެއް ތިމަން އިލާހު ފޮނުއްވީމެވެ. ތިޔަބައިމީހުން ކަންތައްކުރާ ގޮތް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
ތިޔަބައިމީހުންގެ މަތިންނާއި، ތިރިން (އެބަހީ: ނަޖުދު ކަރަވީ ފަރާތާއި މައްކާ ވީފަރާތުން) އެ މީހުން އައިހިނދެވެ. އަދި ލޯތައް ބޮޑުވެ (ކަންބޮޑުވުމުގެ ސަބަބުން) ލަގޮނޑިވަޅުތަކާ ހަމައަށް ހިތްތައް އައިހިނދެވެ. އަދި ތިޔަބައިމީހުން ﷲ އާމެދު ހީތައް ކުޅަހިނދެވެ.
އެވަގުތު މުއުމިނުން އިމްތިހާނުކުރެއްވިއެވެ. އަދި ގަދަވެގެންވާ ގުޑުމަކުން އެ މީހުންނަށް ގުޑުން އަރައިގެން ދިޔައެވެ. (އެބަހީ: އެ މީހުންގެ ސާބިތުކަން ގެއްލި، އެ ގޮތް މިގޮތް ވެގެންދިޔައެވެ.)
އަދި މުނާފިގުންނާއި، އެ މީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނާހިނދެވެ. ﷲ އާއި އެ އިލާހުގެ ރަސޫލާ، ތިމަންމެންނަށް ކެހިވެރި ވައުދަކުން މެނުވީ ވައުދެއް ނުކުރައްވައެވެ.
އަދި އެ މީހުންގެ ތެރެއިން ބަޔަކު ބުނިހިނދު، ހަނދުމަކުރާށެވެ! އޭ ޔަޘްރިބުގެ (އެބަހީ: މަދީނާގެ) އަހުލުވެރިންނެވެ. ތިޔަބައިމީހުންނަކަށް ތިބުމުގެ ތަނެއް ނެތެވެ. ފަހެ ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އަދި އޭގެ ތެރެއިން ބަޔަކު ނަބިއްޔާގެ އަރިހުން އިޒުނަށް އެދެތެވެ. އެ މީހުން ބުނެއެވެ. ހަމަކަށަވަރުން ތިމަންމެންގެ ގެތަކަކީ ނިވަލެއްނެތް ތަނެކެވެ. އެއީ ނިވަލެއްނެތް ތަނެއްނޫނެވެ. ފިލައިގެންދިޔުން މެނުވީ އެ މީހުން ނޭދެއެވެ.
އެ މީހުންގެ ކައިރިއަށް އެރަށުގެ ހުރިހާ ފަރާތަކުން އަދުއްވުން އަރައި، ދެން އެ މީހުންގެ ކިބައިން ފިތުނަވެރިކަމަށް އެދުނުނަމަ، އެ ކަން އެ މީހުން ގެނެސްގަތީހެވެ. އަދި އެ މީހުން އެ ރަށުގައި ކުޑަހިނދުކޮޅަކަށް މެނުވީ ލަސްވެ ނުތިބީހެވެ.
އަދި ހަމަކަށަވަރުން އެ މީހުން ފުރަގަސްދީ ނުދާނެކަމަށް މީގެކުރިން ﷲ ގެ ހަޒްރަތަށް އަހުދު ކޮށްފައިވިއެވެ. އަދި ﷲ އަށް ކުރާ އަހުދަކީ (އެއާމެދު) ސުވާލު ކުރައްވާނެ ކަމެއްކަމުގައި ވެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ފިލައިދިއުމަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. ތިޔަބައިމީހުން މަރުން ނުވަތަ ގަތުލު ވުމުން ފިލިޔަސް، ކުޑަހިނދުކޮޅަކަށް މެނުވީ ދުނިޔޭގައި އަރާމެއް ނުކުރެވޭނެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނަށް ނުބައިގޮތެއް މެދުވެރި ކުރެއްވުމަށް ﷲ އިރާދަކުރައްވާފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް ރަހުމަތެއް ލެއްވުމަށް އެ އިލާހު އިރާދަކުރައްވާފިނަމަ، އެ އިލާހުގެ ހަޒްރަތުން ތިޔަބައިމީހުން ރައްކާތެރި ކޮށްމަނާކުރާނެ މީހަކީ ކާކުހެއްޔެވެ؟ އަދި ﷲ ފިޔަވާ އެ މީހުންނަށް ވާގިދޭނެ މީހަކު ނުވަތަ ނަސްރު ދޭނެމީހަކުވެސް އެ މީހުންނަކަށް ނުފެންނާނެއެވެ.
ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ހުރަސްއަޅާ މީހުންނާއި، އަދި އެ މީހުންގެ އަޚުންގެ ގާތުގައި ތިމަންމެންގެ ކައިރިއަށް އަންނާށޭ ބުނާ މީހުން ﷲ ދެނެވޮޑިގެންވެއެވެ. އަދި އެ މީހުން ވަރަށް މަދުން މެނުވީ ހަނގުރާމަޔަކަށް ނާންނާނެއެވެ.
(އެއީ) ތިޔަބައިމީހުންގެ މައްޗަށް (ހޭދައެއް ކުރުމަށް، ނުވަތަ އެހީއެއް ވުމަށް) ބަޚީލު ވުމަށް ޓަކައެވެ. ފަހެ އެ މީހުންނަށް ބިރުވެރިކަމެއް އަންނަހިނދު، މަރުގެ ސަކަރާތުގައި ހޭނެތިފައިވާ މީހަކު ފަދައިން، އެ މީހުންގެ ލޯތައް އެނބުރި އެނބުރި ހުންނަ ހާލުގައި، ކަލޭގެފާނާ ދިމާޔަށް އެ މީހުން ބަލާތީ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. އަދި ބިރުވެރިކަން ފިލައިދިއުމުން (ޖެއްސުމާއި މަލާމާތުގެ) ތޫނު ދޫތަކަކުން ތިޔަބައިމީހުންނަށް އެއްޗެހި ގޮވާނެއެވެ. (ޣަނީމާ މުދަލާއި، އެހެނިހެން) މުދަލަށް ދަހިވެތިވާ ހާލުގައެވެ. އެ މީހުން އީމާނެއް ނުވެއެވެ. ފަހެ ﷲ އެ މީހުންގެ އަމަލުތައް ބާތިލު ކުރެއްވިއެވެ. އަދި އެކަމަކީ، ﷲ އަށް ދާދިފަސޭހަކަމެއް ކަމުގައިވެއެވެ.
(ކާފިރުންގެ) ޖަމާއަތްތައް އެނބުރި (މައްކާއަށް) ނުދާކަމަށް އެ މީހުން (އެބަހީ: މުނާފިގުން) ހީކުރެއެވެ. އަދި އެ ޖަމާއަތުގެ މީހުން އަތުވެއްޖެނަމަ، އަޢުރާބީންގެ ތެރޭގައި ސަހަރާގައި އެ މީހުން ވީނަމަ، ކިހާރަނގަޅުވީސްހޭ ބުނެ، އެ މީހުން އުއްމީދުކުރެއެވެ. އެ މީހުން ތިޔަބައިމީހުންގެ ޚަބަރުތައް އަހާ އޮޅުންފިލުވައެވެ. އަދި ތިޔަބައިމީހުންގެ ތެރޭގައި އެ މީހުން ވީނަމަ، ވަރަށްމަދުން މެނުވީ، އެ މީހުން ހަނގުރާމައެއް ނުކުރީހެވެ.
ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ އާއި އާޚިރަތަށް އެދޭ، ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ.
އަދި (ކާފިރުންގެ) ޖަމާއަތްތައް މުއުމިނުންނަށް ފެނުނު ހިނދު، އެ މީހުން ބުންޏެވެ. މިއީ ތިމަންމެންނަށް ﷲ އާއި އެ އިލާހުގެ ރަސޫލާ ވައުދު ކުރެއްވި ކަންތަކެވެ. އަދި ﷲ އާއި އެ އިލާހުގެ ރަސޫލާ އިއްވެވީ ތެދުބަހެވެ. އަދި އެ މީހުންނަކަށް އެ ކަމުގެ ސަބަބުން އީމާންކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެއެވެ.
ﷲ އަށް އެ މީހުން އަހުދުވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް މުއުމިނުންގެ ތެރެއިންވެއެވެ. ފަހެ އެ މީހުންގެ ތެރެއިން (ޝަހީދުވެ) މަރުވެގެންދިޔަބަޔަކު ވެއެވެ. އަދި (ޝަހީދު ވުމަށް) އިންތިޒާރުކުރާ ބަޔަކުވެސް އެ މީހުންގެ ތެރެއިން ވެއެވެ. އަދި އެ މީހުން (އެ އަހުދަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ.
(އެއީ) ތެދުވެރިވީ މީހުންނަށް، އެ މީހުން ތެދުވެރިވީކަމަށް ޓަކައި، ﷲ ހެޔޮ ޖަޒާދެއްވުމަށާއި، އެ އިލާހު އިރާދަކުރައްވާފިނަމަ، މުނާފިގުންނަށް އަޒާބު ދެއްވުމަށް، ނުވަތަ އެ މީހުންގެ މައްޗަށް ތައުބާ ލެއްވުމަށެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހު ކަމުގައިވެއެވެ.
ކާފިރުވި މީހުން އެ މީހުންގެ ރުޅިވެރިކަމާއެކު ﷲ (އެ މީހުން) ރައްދުކުރެއްވިއެވެ. އެ މީހުންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި ﷲ މުއުމިނުންނަށް ހަނގުރާމަކުރުން ފުއްދަވާ ދެއްވާފިއެވެ. (އެބަހީ: އެ މީހުން ގަދަ ހަނގުރާމައެއް ނުކޮށް އެ ކަން ނިމިއްޖެއެވެ.) އަދި ﷲ އީ ބާރުވެރިވަންތަ، ޢަޒީޒުވަންތަ އިލާހު ކަމުގައިވެއެވެ.
އަދި އެ އިލާހު، ފޮތުގެ އަހުލުވެރިންކުރެ އެ މީހުންނަށް ވާގިދިން މީހުން، އެ މީހުންގެ ކިއްލާތަކުން ބޭލުއްވިއެވެ. އަދި އެ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ތިޔަބައިމީހުން (އޭގެ) އެއްބަޔަކު ގަތުލުކުރަމުން ގެންދިޔައީމުއެވެ. އަދި އަނެއް ބަޔަކު ހައްޔަރުކުރަމުން ގެންދިޔައީމުއެވެ.
އަދި އެ މީހުންގެ ބިމާއި، އެ މީހުންގެ ގެދޮރާއި، އެ މީހުންގެ މުދަލާއި، ތިޔަބައިމީހުން އެ ބިމުގައި ފައިތިލަވެސް ޖައްސައިނުލާ ބިމެއް ތިޔަބައިމީހުންނަށް އެ އިލާހު ލިބިދެއްވިއެވެ. އަދި ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހަކު ކަމުގައި ވެއެވެ.
އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވާށެވެ. ތިޔަ ކަނބަލުން ދުނިޔޭގެ ހަޔާތާއި، އެތާނގެ ޒީނަތްތެރިކަން އެދޭކަމަށްވާނަމަ، އަންނާށެވެ! ތިޔަ ކަނބަލުންނަށް ފައިދާ ލިބިގަތުމަށް މުދަލުގެ ތެރެއިން މިންވަރެއް ދެއްވާހުށީމެވެ. އަދި ރިވެތިވެގެންވާ ވަރި ކުރެއްވުމަކުން ތިޔަ ކަނބަލުން ވަރިކުރައްވާ ހުށީމެވެ.
އަދި ތިޔަ ކަނބަލުން ﷲ އާއި އެ އިލާހުގެ ރަސޫލާއާއި، އާޚިރަތުގެ ގޮވަތި އެދޭކަމުގައިވާނަމަ، ފަހެ ހަމަކަށަވަރުން ﷲ، ތިޔަ ކަނބަލުންކުރެ އިހްސާންތެރިންނަށް ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރައްވާފައިވެއެވެ.
އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ. ތިޔަ ކަނބަލުންކުރެ ފާޅުވެގެންހުރި ހުތުރުކަން ބޮޑު ފާފަޔެއްކުރި މީހަކަށް ދެގުނައަށް އަޒާބު އިތުރުކުރައްވާ ހުއްޓެވެ. އަދި އެ ކަންތަކަކީ، ﷲ އަށް ދާދިފަސޭހަ ކަމެއް ކަމުގައިވެއެވެ.
އަދި ތިޔަ ކަނބަލުންގެ ތެރެއިން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ކިޔަމަންތެރިވެ ސާލިހު އަމަލުކުރާ މީހަކަށް، އެ މީހާގެ ދަރުމަ، ތިމަން އިލާހު ދެގުނައަށް ދެއްވާހުށީމެވެ. އަދި ތިމަން އިލާހު އެ މީހަކަށްޓަކައި (ސުވަރުގޭގައި) ދީލަތި ދެއްވުމެއް ތައްޔާރު ކުރެއްވީމެވެ.
އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ. ތިޔަ ކަނބަލުން (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކު ކަމުގައި ނުވަމުއެވެ. ތިޔަ ކަނބަލުން (ﷲ އަށް) ތަގުވާވެރި ވެއްޖެނަމައެވެ. ފަހެ ތިޔަ ކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެ ތެރޭގައި ބަލިމަޑުކަމެއް ހުރި މީހަކު ދަހިވެތިވެދާނެތީއެވެ. އަދި ތިޔަ ކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ!
އަދި ތިޔަ ކަނބަލުން، ތިޔަ ކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަ ކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ. އަދި ތިޔަ ކަނބަލުން ނަމާދު ގާއިމުކުރާށެވެ! އަދި ތިޔަ ކަނބަލުން ޒަކާތް ދޭށެވެ! އަދި ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ތިޔަ ކަނބަލުން ކިޔަމަންވާށެވެ. އޭ އަހުލުބައިތުންނޭވެ. ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވާ، ފުރިހަމަ ތާހިރުކުރެއްވުމަކުން ތިޔަބައިމީހުން ތާހިރުކުރެއްވުމަށެވެ.
އަދި ތިޔަ ކަނބަލުންގެ ގެތަކުގައި ﷲ ގެ އާޔަތްތަކާއި، ހިކުމަތުގެ ތެރެއިން ކިޔެވޭ ތަކެތި ތިޔަ ކަނބަލުން ހަނދުމަކުރާށެވެ! ހަމަކަށަވަރުން ﷲ އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހު ކަމުގައިވެއެވެ.
ހަމަކަށަވަރުން މުސްލިމު ފިރިހެނުންނާއި، މުސްލިމު އަންހެނުންނާއި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، ސަދަގާތް ދޭ ފިރިހެނުންނާއި، ސަދަގާތް ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެ މީހުންގެ ފަރުޖުތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެ މީހުންގެ ފަރުޖުތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުރާ ފިރިހެނުންނާއި، ޒިކުރުކުރާ އަންހެނުންނާއި، އެ އެންމެންނަށް ޓަކައި ﷲ ފާފަ ފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.
އަދި ﷲ އާއި އެ އިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވާފިހިނދު، މުއުމިނު ފިރިހެނަކަށް ވެސް، އަދި މުއުމިނު އަންހެނަކަށް ވެސް، އެ މީހުންގެ އެކަމުގައި އެ މީހުންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ.) ފަހެ ފާޅުވެގެންވާ މަގުފުރެދުމަކުން އެ މީހަކު ފުރެދިއްޖެކަން ކަށަވަރެވެ.
ﷲ، އެ މީހަކަށް (އިސްލާމީ ހިދާޔަތުގެ) ނިއުމަތް ދެއްވާ، އަދި އެ މީހެއްގެ މައްޗަށް ކަލޭގެފާނު ހެޔޮކަން ދެއްވާފައިވާ މީހާއަށް، ކަލޭގެފާނު ވިދާޅުވާހިނދު ހަނދުމަ ކުރައްވާށެވެ. ތިބާގެ އަނބިމީހާ ދޫކޮށްނުލާ، ތިބާގެ ގާތުގައި ބައިންދާށެވެ! އަދި ﷲ އަށް ތަގުވާވެރިވާށެވެ. އަދި ﷲ ފާޅު ކުރައްވާނޭ ކަންތައް ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާ ކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅު ގަނެއެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން ހައްގުކަން ބޮޑީ ﷲ ދެކެއެވެ. ފަހެ ޒައިދު، އެ ކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށް ފަހު ވަރިކޮށް އިއްދަ ހަމަވުމުން) ތިމަން އިލާހު، ކަލޭގެފާނާ އެ ކަމަނާއާ ކާވެނިކޮށްދެއްވީމެވެ. އެއީ މުއުމިނުންނަށް، އެ މީހުން ދަރިންކަމަށް ހަދާގެންއުޅޭ މީހުންގެ އަނބިންގެ ކިބައިން، އެ މީހުންގެ ބޭނުމެއް ފުއްދައި (ވަރިކޮށް) ފިހިނދު، އެ މީހުންނާ ކާވެނި ކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށް ޓަކައެވެ. އަދި ﷲ ގެ އަމުރުފުޅަކީ، ހިނގަނިވި ކަމެއްކަމުގައި ވެއެވެ.
ﷲ، ނަބިއްޔާއަށް ހުއްދަކޮށްދެއްވި ގޮތާމެދު، އެއްވެސް ކުށެއް ފާފަޔެއް އެ ނަބިއްޔާއަކަށް ނުވެއެވެ. (އެއީ) އިސްވެދިޔަ ނަބިއްޔުންގެ ތެރޭގައިވެސް ﷲ، ކަން ހިންގެވި ގޮތެވެ. އަދި ﷲ ގެ އަމުރުފުޅު އެއީ، ކަނޑައެޅި ނިޔާކުރައްވާފައިވާ ނިޔާއެއް ކަމުގައި ވެއެވެ.
އެ މީހުންނީ (އެބަހީ: ރަސޫލުންނީ) ﷲ ގެ އެންގެވުންތައް މީސްތަކުންނަށް އަންގަވާ ބަޔެކެވެ. އަދި އެ ބޭކަލުން އެ އިލާހު ދެކެ ބިރުވެތިވެއެވެ. އަދި އެ ބޭކަލުންނީ ﷲ ފިޔަވާ އެހެން ފަރާތަކަށް ބިރުވެތިވާ ބަޔެއްނޫނެވެ. އަދި ހިސާބު ބައްލަވަނިވި އިލާހަކު ކަމުގައި ﷲ ފުދިވޮޑިގެންވެއެވެ.
ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެ ވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުރުމަކުން ﷲ ހަނދުމަކުރާށެވެ!
އަދި ހެނދުނާއި، ހަވީރު އެ އިލާހަށް ތަސްބީހަ ކިޔައި އުޅޭށެވެ!
އެ އިލާހީ، ތިޔަބައިމީހުންގެ މައްޗަށް ރަހުމަތް ލައްވާ އިލާހެވެ. އަދި އެ އިލާހުގެ މަލާއިކަތުން ތިޔަބައިމީހުންގެ ފާފަ ފުއްސެވުމަށްއެދި ދުއާ ކުރައްވައެވެ. އެއީ ކާފިރުކަމުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމުގެ ތެރެއަށް އެ އިލާހު ތިޔަބައިމީހުން ނެރުއްވުމަށް ޓަކައެވެ. އަދި މުއުމިނުންނަށް ރަޙީމްވަންތަ އިލާހަކު ކަމުގައި އެ އިލާހު ވޮޑިގެންވެއެވެ.
އެ އިލާހާ އެ މީހުން ބައްދަލުވާދުވަހު (އެބަހީ: ގިޔާމަތް ދުވަހު) އެ މީހުންގެ ތަހިއްޔަތަކީ ސަލާމެވެ. އަދި ދީލަތިވެގެންވާ ދަރުމަ (އެބަހީ: ސުވަރުގެ) އެ މީހުންނަށް ޓަކައި އެ އިލާހު ތައްޔާރު ކުރެއްވިއެވެ.
އޭ ނަބިއްޔާއެވެ. ހަމަކަށަވަރުން ތިމަން އިލާހު، ކަލޭގެފާނު ފޮނުއްވީ (އުއްމަތުގެ މައްޗަށް) ހެކިވެރިއެއްގެ ގޮތުގައްޔާއި، އުފާވެރި ޚަބަރުދެއްވާ ބޭކަލެއްގެ ގޮތުގައްޔާއި، އިންޒާރުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ.
އަދި ﷲ ގެ ދީނަށް، އެ އިލާހުގެ އަމުރުފުޅާއެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެ މީހުންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ.
އަދި ހަމަކަށަވަރުން ﷲ ގެ ހަޒްރަތުން ބޮޑުވެގެންވާ ފަޟްލުވަންތަކަން އެ މީހުންނަށް ހުރިކަމަށް މުއުމިނުންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.
އަދި ކާފިރުންނާއި، މުނާފިގުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ. އަދި އެ މީހުންގެ އުނދަގޫތައް (ފަރުވާލެއް ނުބަހައްޓަވައި) ދޫކޮށްލައްވާށެވެ. އަދި ﷲ އަށް ވަކީލު ކުރައްވާށެވެ. އަދި ވަކީލަކު ކަމުގައި ﷲ ފުދެތެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން، މުއުމިނު އަންހެނުންނާ ކާވެނިކޮށް، ދެން އެ ކަނބަލުންގެ ގާތުގައި ރޭކުރުމުގެ ކުރިން، ތިޔަބައިމީހުން އެ ކަނބަލުން ވަރިކޮށްފިނަމަ، އިއްދަގެ ގޮތުން ތިޔަބައިމީހުން ގުނާނެ ދުވަސްތަކެއް އެ ކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ އެ ކަނބަލުންގެ ހިތްހަމަޖެއްސުމުގެ ގޮތުން ކޮންމެވެސް އެއްޗެއް (އެބަހީ: ފައިދާ ލިބިގަތުމަށް މުދަލުގެ ތެރެއިން މިންވަރެއް) ތިޔަބައިމީހުން އެ ކަނބަލުންނަށް ދޭށެވެ! އަދި ތިޔަބައިމީހުން ރީތިވެގެންވާ ދޫކޮށްލުމަކުން އެ ކަނބަލުން ދޫކޮށްލާށެވެ! (ނޯޓު: މިއީ ރަނެއް ކަނޑައަޅާފައިނުވާނަމަ، އޮންނަގޮތެވެ. ރަނެއް ކަނޑައަޅާފައި އޮތްނަމަ، އޭގެ ދެބައިކުޅައެއްބައި ދޭންޖެހޭނެއެވެ.)
އޭ ނަބިއްޔާއެވެ. ކަލޭގެފާނު އެ ކަނބަލުންގެ ރަން ދެއްވާފައިވާ އަނބިއަނބިކަނބަލުންނާއި، ހަނގުރާމައިގެ ޣަނީމާގެ ގޮތުގައި ކަލޭގެފާނަށް ﷲ ދެއްވި ތަކެތީގެ ތެރެއިން، ކަލޭގެފާނަށް މިލްކުވެއްޖެ އަޅު އަންހެނުންނާއި، އެ ކަނބަލުން ކަލޭގެފާނާއެކު ހިޖުރަކުރެއްވި ކަލޭގެފާނުގެ ބަފައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިންނާއި، ކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، މައިފުށުގެ ބޮޑުދައިތައިންގެ އަންހެން ދަރިން، ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނަށް ހުއްދަކޮށް ހަލާލު ކުރެއްވީމެވެ. އަދި މުއުމިނު އަންހެނަކު އެ މީހެއްގެ އަމިއްލަ ނަފްސު ނަބިއްޔާއަށް ހިބަ ކޮށްދީ، އަދި ނަބިއްޔާ އެ މީހަކާ ކާވެނި ކުރެއްވުމަށް ގަސްދު ކުރައްވާފިނަމަ، އެ މީހަކާ ކާވެނި ކުރެއްވުންވެސް ހުއްދަ ކުރެއްވީމެވެ. އެހެން މުއުމިނުން ފިޔަވާ، އެ މީހަކު ކަލޭގެފާނަށް ޚާއްސަ ވެގެންވާ ގޮތުގައެވެ. އެ މީހުންގެ އަނބިންނާ މެދުގައްޔާއި، އެ މީހުންނަށް މިލްކުވެގެންވާ އަޅުންނާމެދު، ތިމަން އިލާހު އެ މީހުންނަށް ކަނޑައަޅުއްވާފައިވާ ގޮތް، ހަމަކަށަވަރުން ތިމަން އިލާހު ދެނެވޮޑިގެންވަމެވެ. އެއީ ކަލޭގެފާނުގެ މައްޗަށް ދަތިކަމެއް ނުވުމަށް ޓަކައެވެ. ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. (ނޯޓު: އަންހެނަކު އެ މީހެއްގެ ނަފްސު ހިބަކޮށްދީފިނަމަ، ރަނަކާ ނުލާ ކާވެނިކުރުން ހުއްދަވެގެންވީ ހަމައެކަނި ރަސޫލާއަށެވެ.)
އެ ކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައިގަންނަވާ މީހަކު (ރޭކުރެއްވުމުގައި) ފަސްކުރެއްވިޔަސް، އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ މީހަކު، ކަލޭގެފާނުގެ އަރިހަށް ގެންނެވިޔަސް، އަދި ކަލޭގެފާނު ދުރުކުރައްވާފައިވާ މީހުންގެ ތެރެއިން ކަލޭގެފާނު ބޭނުންފުޅު މީހަކު (އަލުން) ގެންނެވިޔަސް އެ ކަމުން ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ އެ ކަނބަލުންގެ ލޯތަކަށް ފިނިކަން ހާސިލު ވުމަށާއި، އެ ކަނބަލުން މޮޅިނުވުމަށާއި، ކަލޭގެފާނު އެ ކަނބަލުންނަށް ދެއްކެވި ގޮތާމެދު، އެ ކަނބަލުން އެންމެން ރުހުމަށް އެ ގޮތް ގާތްކަން ބޮޑީއެވެ. ތިޔަބައިމީހުންގެ ހިތްތަކުގައިވާ އެއްޗެއް، ﷲ ދެނެވޮޑިގެންވެއެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަލީމްވަންތަ އިލާހު ކަމުގައި ވޮޑިގެންވެއެވެ.
މީގެފަހުން، ކަލޭގެފާނަކަށް އިތުރަށް އަންހެނުން ހުއްދަވެގެނެއް ނުވެއެވެ. އަދި އެ ކަނބަލުންގެ ރީތިކަން، ކަލޭގެފާނު އަޖާއިބުފުޅުވާ ދަރަޖައަށް ހުއްޓަސް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން ބަޔެއްގެ ބަދަލުގައި އެހެންބަޔަކާ ކާވެނި ކުރެއްވުންވެސް ކަލޭގެފާނަކަށް ހުއްދަވެގެނެއް ނުވެއެވެ. ކަލޭގެފާނަށް މިލްކު ވެގެންވާ އަޅު އަންހެނުން މެނުވީއެވެ. ކޮންމެ ކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންނަށް ކެއުމަކަށް އިޒުނަ ދެއްވުމުން މެނުވީ، އަދި އެ ކެއުން ތައްޔާރުވެއްޖައުމަށް ދާންދެން، އިންތިޒާރުކުރުމަކާ ނުލާ، ނަބިއްޔާގެ ގޭގެއަށް ތިޔަބައިމީހުން ނުވަންނާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންނަށް ގޮވައިލައްވައިފިނަމަ، ފަހެ ތިޔަބައިމީހުން ވަންނާށެވެ! އަދި ތިޔަބައިމީހުން ކައި އަވަދިވެއްޖެނަމަ، ފަހެ ތިޔަބައިމީހުން ދާށެވެ! އަދި ވާހަކަ ދެއްކުމުން މުނިފޫހިފިލުވާ ގޮތުގައި ތިޔަބައިމީހުން ނުތިބޭށެވެ! (އެހެނީ) ހަމަކަށަވަރުން ތިޔަބައިމީހުންގެ އެކަމަކީ، ނަބިއްޔާއަށް އުނދަގޫދޭ ކަމެއްކަމުގައިވެއެވެ. އަދި އެ ކަމުގެ ސަބަބުން ތިޔަބައިމީހުންދެކެ އެކަލޭގެފާނު ލަދުފުޅުގަނެއެވެ. ހައްގު ގޮތް ބަޔާން ކުރެއްވުމަށް ﷲ ލަދުވެތިވެވޮޑިއެއްނުގަންނަވައެވެ. އަދި އެ ކަނބަލުން (އެބަހީ: ނަބިއްޔާގެ އަނބިއަނބިކަނބަލުން) ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެ ކަނބަލުންނާ ސުވާލުކުރާށެވެ! ތިޔަބައިމީހުންގެ ހިތްތަކަށާއި، އެ ކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ ތާހިރު ކަންބޮޑީ އެ ގޮތެވެ. ﷲ ގެ ރަސޫލާއަށް ތިޔަބައިމީހުން އުނދަގޫ ކުރުމެއް، އަދި އެކަލޭގެފާނަށް ފަހު ދުވަހަކުވެސް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ ކާވެނިކުރުމެއް ތިޔަބައިމީހުންނަކަށް ހުއްދަވެގެނެއް ނުވެއެވެ. ހަމަކަށަވަރުން އެކަމަކީ، ﷲ ގެ ހަޒްރަތުގައި ބޮޑުވެގެންވާ ކަމެއްކަމުގައި (އެބަހީ: ފާފައެއްކަމުގައި) ވެއެވެ.
ތިޔަބައިމީހުން ކަމެއް ފާޅުކުޅަޔަސް، ނުވަތަ އެ ކަމެއް ވަންހަނާކުޅަޔަސް ފަހެ ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހު ކަމުގައި ވޮޑިގެންވެއެވެ.
އެ ކަނބަލުންގެ (އެބަހީ: ރަސޫލާގެ އަނބިއަނބިކަނބަލުންގެ) ބަފައިންނާ މެދުގައްޔާއި، އެ ކަނބަލުންގެ ފިރިހެން ދަރިންނާ މެދުގައްޔާއި، އެ ކަނބަލުންގެ އަޚުންނާ މެދުގައްޔާއި، އެ ކަނބަލުންގެ އަޚުންގެ ފިރިހެން ދަރީންނާ މެދުގައްޔާއި، އެ ކަނބަލުންގެ އުޚްތުންގެ ފިރިހެން ދަރިންނާ މެދުގައްޔާއި، މުއުމިނު އަންހެނުންނާ މެދުގައްޔާއި، އެ ކަނބަލުންނަށް މިލްކު ވެގެންވާ އަޅުންނާ މެދުގައި (ފަރުދާ ނުކުރެއްވިޔަސް) އެ ކަނބަލުންގެ މައްޗަކަށް ކުށެއް ފާފައެއް ނެތެވެ. އަދި ތިޔަ ކަނބަލުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ އިލާހު ކަމުގައި ވޮޑިގެންވެއެވެ.
ހަމަކަށަވަރުން ﷲ އާއި އެ އިލާހުގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ސަލަވާތް ލައްވައެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ. ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ލެއްވުން އެދި ދުއާ ކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުއާ ކުރާށެވެ.
ހަމަކަށަވަރުން ﷲ އާއި އެ އިލާހުގެ ރަސޫލާއަށް އުނދަގޫކުރާ (އެބަހީ: ދޮގުކޮށް ކާފިރުވާ) މީހުން (ދަންނާށެވެ.) ﷲ، އެ މީހުންނަށް ދުނިޔެއާއި، އާޚިރަތުގައި ލައުނަތް ލެއްވިއެވެ. އަދި އެ އިލާހު އިހާނަތްތެރި އަޒާބު އެ މީހުންނަށް ޓަކައި ތައްޔާރު ކުރެއްވިއެވެ.
އަދި މުއުމިން ފިރިހެނުންނަށާއި މުއުމިން އަންހެނުންނަށް، އެ މީހުން ހޯދައިގަތް ކުށަކާ ނުލާ (އެބަހީ: އެއްވެސް ހައްގަކާ ނުލާ) އުނދަގޫކޮށް ދުއްތުރާކުރާ މީހުން ދަންނާށެވެ. ފަހެ އެ މީހުން ބުހުތާން ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ.
އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެ ކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެ ކަނބަލުންނަށް ވިދާޅުވާށެވެ. އެ ކަނބަލުން އެނގިގެން ވުމަށާއި، އެ ކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެ ގޮތް މާގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހު ކަމުގައި ވޮޑިގެންވެއެވެ.
ހަމަކަށަވަރުން މުނާފިގުންނާއި އެ މީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއް އުފެދިފައިވާ މީހުންނާއި، މުއުމިނުން ބިރުގެންނެވުމަށް މަދީނާގައި ދޮގު ވާހަކަތައް ފަތުރައި، ފިތުނައުފައްދާ މީހުން އެ ކަން ހުއްޓައިނުލިނަމަ، ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންގެ މައްޗަށް ކަލޭގެފާނު ފާކުރައްވާ ފޮނުއްވައިފާހުށީމެވެ. ދެންފަހެ ކަލޭގެފާނުގެ އަވައްޓެރިންގެ ގޮތުގައި ވަރަށް ކުރު މުއްދަތަކަށް މެނުވީ އެ މީހުން އެ ރަށުގައި ނުތިބޭނެތެވެ.
އެ މީހުންނަށް ލައުނަތް ލައްވާފައިވާ ހާލުގައެވެ. (އަދި) އެ މީހުން ފެނުނު ކޮންމެ ތަނަކުން ހިފެވި، ބިރުވެރި ގަތުލުކުރުމަކުން، އެ މީހުން ގަތުލުކުރެވޭހުއްޓެވެ.
(އެއީ) އިސްވެދިޔަ މީހުންނާމެދު، ﷲ، ކަންހިންގެވިގޮތެވެ. އަދި ﷲ ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.
ގިޔާމަތް ވުމުގެ ވަގުތާމެދު މީސްތަކުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ ކަމުގެ އިލްމު ވާކަން ކަށަވަރީ، ﷲ ގެ ހަޒްރަތުގައެވެ. އަދި ކަލޭގެފާނަށް އެ ކަން އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ ގިޔާމަތް ވުމުގެ ވަގުތު ވަރަށް ގާތްވެފައިވެސް އޮވެދާނެއެވެ.
ހަމަކަށަވަރުން ﷲ، ކާފިރުންނަށް ލައުނަތް ލެއްވިއެވެ. އަދި އެ މީހުންނަށް ޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ.
އެ ތާނގައި އެ މީހުންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ ނަސްރު ދޭނޭ މީހަކުވެސް އެ މީހުން ނުދެކޭނެއެވެ.
އެ މީހުންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެ މީހުން ބުނާނެއެވެ: ތިމަންމެން ﷲ އަށް ކިޔަމަންވެ، އަދި (އެ އިލާހުގެ) ރަސޫލާއަށް ކިޔަމަންވީނަމަ ކިހާރަނގަޅުހެއްޔެވެ!
އަދި އެ މީހުން ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. ހަމަކަށަވަރުން އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ އެ މީހުން އަޅަމެން މަގުފުރެއްދީއެވެ.
އަޅަމެންގެ ރައްބެވެ. އަޒާބުގެ ތެރެއިން ދެގުނަ، އެ މީހުންނަށް ދެއްވާނދޭވެ. އަދި ބޮޑުވެގެންވާ ލައުނަތް ލެއްވުމަކުން، އެ މީހުންނަށް ލައުނަތް ލައްވާނދޭވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. މޫސާގެފާނަށް އުނދަގޫކޮށްއުޅުނު މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ފަހެ އެ މީހުން އެކަލޭގެފާނާމެދު ދެއްކި ވާހަކައިން، ﷲ، އެކަލޭގެފާނު ބަރީއަކުރެއްވިއެވެ. އަދި ﷲ ގެ ހަޒްރަތުގައި އެކަލޭގެފާނު، ގަދަރު އުފުލިގެންވާ ބޭކަލަކު ކަމުގައި ވިއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ!
(އޭރުން) ތިޔަބައިމީހުންނަށް ޓަކައި، ތިޔަބައިމީހުންގެ އަމަލުތައް އެ އިލާހު އިސްލާހު ކޮށްދެއްވާނެއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި، އެ އިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ ނަސީބު ލިބުމަކުން އެ މީހާއަށް ނަސީބު ލިބިއްޖެއެވެ.
ހަމަކަށަވަރުން އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަން އިލާހު އަމާނަތް (އެބަހީ: ތަކުލީފުތައް) ހުށަހެޅުއްވީމެވެ. ފަހެ އެ ތަކެތި އެ ކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެ ތަކެތި ބިރުވެތިވިއެވެ. އަދި އިންސާނާއެ އަމާނަތް އުފުލިއެވެ. ހަމަކަށަވަރުން އެ އިންސާނާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ.
(އެއީ) މުނާފިގު ފިރިހެނުންނާއި، މުނާފިގު އަންހެނުންނާއި، ޝަރީކުކުރާ ފިރިހެނުންނާއި، ޝަރީކުކުރާ އަންހެނުންނަށް ﷲ އަޒާބު ދެއްވުމަށް ޓަކައެވެ. އަދި މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް ﷲ ތައުބާ ލެއްވުމަށް ޓަކައެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހު ކަމުގައި ވޮޑިގެންވެއެވެ.