ޔާސީން

Ya-Sin

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ޔާ ސީން. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
ހިކުމަތްތެރި ގުރްއާން ގަންދެއްވަމެވެ.
3
ހަމަކަށަވަރުން ކަލޭގެފާނުވަނީ، ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.
4
ސީދާވެގެންވާ މަގެއްގެ މަތީގައެވެ.
5
އެ ފޮތަކީ ޢަޒީޒުވަންތަ، ރަޙީމްވަންތަ އިލާހު ބާވައިލެއްވި ފޮތެވެ.
6
އެ މީހުންގެ ކާބަފައިންނަށް އިންޒާރުކުރައްވާފައިނުވާ ބަޔަކަށް ކަލޭގެފާނު އިންޒާރުކުރެއްވުމަށް ޓަކައެވެ. ފަހެ އެ މީހުންނީ ޣާފިލު ވެގެންވާ ބަޔެކެވެ.
7
ހަމަކަށަވަރުން އެ މީހުން ކުރެން ގިނަމީހުންގެ މައްޗަށް (އަޒާބުގެ) ބަސްފުޅު ހައްގު ވެއްޖެކަން ކަށަވަރެވެ. ފަހެ އެ މީހުން އީމާނެއް ނުވާނެއެވެ.
8
ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންގެ ކަނދުރާތަކުގައި ކަސްތަޅުތަކެއް ލެއްވީމެވެ. ފަހެ އެ މީހުން ވަނީ، އެ މީހުންގެ އަތްތައް، ދަތްދޮޅި ދަށުގައި ބަނދެވިގެން، ބޯތައް އުފުލަން ޖެހިގެންވާ ހާލުގައެވެ.
9
އަދި ތިމަން އިލާހު އެ މީހުންގެ ކުރިމަތިން ހުރަހަކާއި، އެ މީހުންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. ފަހެ ތިމަން އިލާހު އެ މީހުން ވަށައި ނިވާ ކުރެއްވީމެވެ. ދެން އެ މީހުންނަކަށް ނުފެންނާނެއެވެ.
10
އަދި އިބަ ނަބިއްޔާ އެ މީހުންނަށް އިންޒާރުކުރެއްވިޔަސް ނުވަތަ ނުކުރެއްވިޔަސް، އެ މީހުންނަށް ހަމަހަމަވެގެންވެއެވެ. އެ މީހުން އީމާނެއް ނުވާނެއެވެ.
11
އިބަ ނަބިއްޔާ އިންޒާރު ކުރެއްވޭނީ ހަނދުމަކޮށްދިނުމަށް ތަބާވެ، ޣައިބުގައި އައްރަޙްމާނަށް ބިރުވެތިވާ މީހާއަށް އެކަންޏެވެ. ފަހެ އެ މީހާއަށް މަޣުފިރަތާއި، ދީލަތިވެގެންވާ ސަވާބު ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވާށެވެ.
12
ހަމަކަށަވަރުން މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންއިލާހެވެ. އަދި އެ މީހުން އިސްކޮށްފައިވާ އަމަލުތަކާއި އެ މީހުންގެ ފަހަށް ދޫކޮށްފައި ދިޔަ އަސަރުތައް ތިމަން އިލާހު ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަން އިލާހު ހިމެނުއްވީމެވެ.
13
ރަށެއްގެ އަހުލުވެރިންގެ ވާހަކަ މިސާލެއްގެ ގޮތުގައި، ކަލޭގެފާނު އެ މީހުންނަށް ކިޔައިދެއްވާށެވެ. (އެއީ) އެ މީހުންގެ ގާތަށް ރަސޫލުން ވަޑައިގަތްހިނދުގައެވެ.
14
ތިމަން އިލާހު އެ މީހުންގެ ގާތަށް ދެ ރަސޫލުން ފޮނުއްވިހިނދެވެ. ފަހެ އެ މީހުން އެ ދެބޭކަލުން ދޮގުކުރިއެވެ. ދެން ތިންވަނަ ބޭކަލަކު ފޮނުއްވުމުން، އެ ދެބޭކަލުންނަށް ގަދަކަން ދެއްވީމެވެ. ފަހެ އެ ބޭކަލުން ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންމެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ރަސޫލުންނެވެ.
15
އެ މީހުން ބުންޏެވެ. ތިމަންމެންފަދަ އާދަމުގެ ދަރިން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. އަދި އައްރަޙްމާން އެއްވެސް އެއްޗެއް ބާވައެއް ނުލައްވައެވެ. ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ.
16
އެ ބޭކަލުން ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންމެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ރަސޫލުންކަން، ތިމަންމެންގެ ރައްބު ދެނެވޮޑިގެންވެއެވެ.
17
އަދި ބަޔާން ވެގެންވާ އިއްވުން މެނުވީ، ތިމަންމެންގެ މައްޗަކަށް ނުވެއެވެ.
18
އެ މީހުން ބުންޏެވެ. ހަމަކަށަވަރުން ތިޔަބޭކަލުންގެ ސަބަބުން ތިމަންމެންނަށް ސުންޕާކަން ލިބިއްޖެއެވެ. ތިޔަބޭކަލުން ތިޔަކަން ހުއްޓައިނުލެއްވިނަމަ ތިމަންމެން ތިޔަބޭކަލުން ރަޖަމްކުރާހުށީމުއެވެ. ހަމަކަށަވަރުން ތިމަންމެންގެ ކިބައިން ތިޔަބޭކަލުންނަށް ވޭންދެނިވި އުގޫބާތް ލިބިދާހުށިކަން ކަށަވަރެވެ.
19
އެ ބޭކަލުން ވިދާޅުވިއެވެ: ތިޔަބައިމީހުންގެ ސުންޕާކަންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. ތިޔަބައިމީހުންނަށް (ހައްގު ގޮތް) ހަނދާންކޮށްދެވުނަސް (އެއީ، ސުންޕާކަމެއް ކަމުގައި ބަލަނީ)ހެއްޔެވެ؟ އަދި ކިއެއް! ތިޔަބައިމީހުންނީ (ކާފިރުކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.
20
އެރަށުގެ އެންމެ ދުރުފަރާތުން މީހަކު ދުވަމުން އައިސް ބުންޏެވެ. އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން އެ ރަސޫލުންނަށް ތަބާ ވާށެވެ.
21
ތިޔަބައިމީހުންގެ ކިބައިން، އެއްވެސް އުޖޫރައަކަށް ނޭދޭބަޔަކަށް ތިޔަބައިމީހުން ތަބާ ވާށެވެ. އަދި އެ މީހުންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ.
22
އަދި އިސްވެދިޔަ މިސާލަކާ ނުލާ، ތިމަން އުފެއްދެވި އިލާހަށް ތިމަން އަޅުކަން ނުކުރަންވީ ކީއްވެގެންހެއްޔެވެ؟ އަދި ތިޔަބައިމީހުން ރުޖޫއަ ކުރައްވާހުށީ އެ އިލާހުގެ ހަޒްރަތަށެވެ.
23
އެ އިލާހު ފިޔަވާ އެހެން އިލާހުންތަކެއް ތިމަން ހިފަންވީހެއްޔެވެ؟ އައްރަޙްމާން، ތިމަންނާއަށް ގެއްލުމަކަށް އިރާދަކުރައްވާނަމަ، އެ ތަކެތީގެ ޝަފާއަތްތެރިކަމުން ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެއެވެ. އަދި އެ ތަކެއްޗަށް ތިމަން ސަލާމަތެއްވެސް ނުމެކުރެވޭނޭމެއެވެ.
24
އެހެންވެއްޖެނަމަ، ހަމަކަށަވަރުން ތިމަންވާހުށީ ފާޅުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
25
ހަމަކަށަވަރުން ތިމަން ތިޔަބައިމީހުންގެ ރައްބަށް އީމާން ވެއްޖައީމެވެ. ފަހެ ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ!
26
އެންގެވޭނެއެވެ: ތިބާ ސުވަރުގެއަށް ވަންނާށެވެ! އޭނާ ބުނާނެއެވެ: ތިމަންގެ ގައުމުގެ މީހުން ދަންނާނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ؟
27
އެއީ ތިމަންގެ ރައްބު ތިމަންނާއަށް ފާފަ ފުއްސަވައި، މާތް ކުރައްވާފައިވާ މީހުންގެ ތެރެއިން ތިމަން ލެއްވިކަމެވެ.
28
އޭނާއަށް ފަހު، ތިމަން އިލާހު އޭނާގެ ގައުމުގެ މީހުންގެ މައްޗަށް އުޑުން (މަލާއިކަތުންގެ) ލަޝްކަރެއް ބާވައެއް ނުލައްވަމެވެ. އަދި ތިމަން އިލާހު (އެފަދަ ލަޝްކަރެއް) ބާވައިލައްވާކަށް އިރާދައެއް ނުކުރައްވަމެވެ.
29
އެ މީހުންގެ އުގޫބާތަކީ ބިރުވެރި އެންމެ އަޑެއް ކަމުގައި މެނުވީ ނުވެއެވެ. ފަހެ އެހާރުން، މަރުވެ ހިމޭންވެފައިވާ ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
30
އަޅުތަކުންގެ މައްޗަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެ ބޭކަލަކަށް އެ މީހުން ފުރައްސާރަކުރާގޮތުގައި މެނުވީ، އެ މީހުންގެ ގާތަށް އެއްވެސް ރަސޫލަކު ވަޑައެއްނުގަންނަވައެވެ.
31
އެ މީހުންގެ ކުރިން ތިމަން އިލާހު، ކިތައްކިތައް އުއްމަތް ހަލާކުކުރެއްވިކަން އެ މީހުންނަށް ނޭނގޭހެއްޔެވެ؟ ހަމަކަށަވަރުން އެ މީހުން އެ މީހުންގެ ގާތަށް އެނބުރިއެއް ނާންނާނެއެވެ.
32
އަދި އެއެންމެންނީ (ގިޔާމަތް ދުވަހުން) ތިމަން އިލާހުގެ ހަޒްރަތަށް ހާޒިރުކުރައްވާނެ ބަޔަކު ކަމުގައި ނޫނީ ނުވެއެވެ.
33
އަދި މަރުވެފައިވާ ބިމަކީ، އެ މީހުންނަށް ޓަކައި (އަލުން ދިރުމަކަށް ފޮނުއްވާނޭކަމުގެ) ހެއްކެކެވެ. ތިމަން އިލާހު އެ ބިންގަނޑު ދިރުއްވީމެވެ. އަދި ތިމަން އިލާހު އެ ބިމުން އޮށްޓަރު ނެރުއްވީމެވެ. ފަހެ އެ މީހުން ކައިއުޅެނީ އެއިންނެވެ.
34
އަދި ކަދުރުރުއްތަކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިމަން އިލާހު އެ ބިމުގައި ލެއްވީމެވެ. އަދި ފެންއާރުތައް އެބިމުގައި ހިންގެވީމެވެ.
35
(އެއީ) އެތާނގެ މޭވާއިންނާއި، އެ މީހުންގެ އަތްތަކުން މަސައްކަތްކޮށްގެން ހޯދިތަކެތިން އެ މީހުން ކައިއުޅުމަށް ޓަކައެވެ. ފަހެ އެ މީހުން ޝުކުރު ނުކުރަނީހެއްޔެވެ؟
36
ބިމުން ފަޅައިގެންހެދޭ ތަކެތީގެ ތެރެއިންނާއި، އެ މީހުންގެ އަމިއްލަ ނަފްސުތަކުންނާއި، އެ މީހުން ނުދަންނަ ތަކެތިން، ޖޯޑުޖޯޑަށް ހުރިހާ ތަކެތި ހެއްދެވި އިލާހުގެ ހުސްތާހިރުވަންތަ ކަމާއެވެ.
37
ރޭގަނޑަކީ، އެ މީހުންނަށްހުރި ހެއްކެކެވެ. ތިމަން އިލާހު ރޭގަނޑުގެ ތެރެއިން ދުވާލު ވަކިކުރައްވަމެވެ. ފަހެ އެހާރުން އެ މީހުން އަނދިރީގެ ތެރޭގައިވެއެވެ.
38
އަދި އިރު، އެއަށް ކަނޑައެޅި ގަރާރު ވަނިވި ތަނަކަށް ދާންދެން ހިނގަހިގާ ހުރެތެވެ. އެއީ ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހު މިންވަރުކުރައްވާފައިވާ ގޮތެވެ.
39
އަދި ހަނދަށް ތިމަން އިލާހު މަންޒިލްތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާންދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާންދެނެވެ.)
40
ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއް ނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށް ވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.
41
އެ މީހުންނަށް ހެއްކެއްވެއެވެ. އެއީ ހަމަކަށަވަރުން ބަރާވެގެންވާ ނަވުގައި ތިމަން އިލާހު އެ މީހުންގެ ދަރިފަސްކޮޅު އުފުއްލަވައިދެއްވިކަމެވެ.
42
އަދި އެފަދަ ތަކެތިން، އެ މީހުން އަރައިގެން ދުއްވާނެ ތަކެތި އެ މީހުންނަށް ޓަކައި ތިމަން އިލާހު ހައްދަވައިދެއްވީމެވެ.
43
އަދި ތިމަން އިލާހު އިރާދަކުރައްވާނަމަ، އެ މީހުން ޣަރަގު ކުރައްވާފާހުށީމެވެ. ފަހެ އެ ހިނދު، އެ މީހުންނަށް އެހީވާނެ ފަރާތެއް ނުވެއެވެ. އަދި ސަލާމަތް ކުރައްވާނޭ ބަޔަކު ކަމުގައި އެ މީހުން ނުމެވޭމެއެވެ.
44
ތިމަން އިލާހުގެ ހަޒްރަތުން އައި ރަހުމަތެއްގެ ގޮތުގައްޔާއި، ކަނޑައަޅުއްވާފައިވާ މުއްދަތަކާ ޖެހެންދެން، ދެއްވާ، ދުނިޔޭގެ ވަގުތީ އުފަލެއްގެ ގޮތުގައި މެނުވީއެވެ.
45
އަދި ތިޔަބައިމީހުންގެ ކުރިމަތީގައިވާ ތަނާއި، ތިޔަބައިމީހުންގެ ފަހަތުގައިވާ ތަނަށް ބިރުވެތިވެ ރައްކާތެރިވާށޭ، އެއީ ތިޔަބައިމީހުންނަށް ރަހުމަތް ލައްވާތޯއޭ، (މިފަދައިން) އެ މީހުންނަށް ބުނެވިއްޖެނަމަ (އެ މީހުން ފުރަގަސްދީ އެނބުރިދެއެވެ.)
46
އަދި އެ އާޔަތްތަކަށް އެ މީހުން ފުރަގަސްދޭ ގޮތުގައި މެނުވީ، އެ މީހުންގެ ރައްބުގެ އާޔަތްތަކުގެ ތެރެއިން އެއްވެސް އާޔަތެއް، އެ މީހުންގެ ގާތައް ނާންނާނެއެވެ.
47
އަދި ތިޔަބައިމީހުންނަށް ﷲ ދެއްވާފައިވާ ތަކެތިން ހޭދަކޮށްއުޅޭށޭ އެ މީހުންނަށް އަންގަވައިފިނަމަ، ކާފިރުވި މީހުން، އީމާންވި މީހުންނަށް ބުނެއެވެ. ﷲ އިރާދަކުރައްވާނަމަ، އެ މީހަކަށް ކާންދެއްވާނެ މީހަކަށް، ތިމަންމެން ކާންދޭންވީހެއްޔެވެ؟ ފާޅުވެގެންވާ މަގުފުރެދުމެއްގައި މެނުވީ ތިޔަބައިމީހުން ނުވަމުއެވެ.
48
އެ މީހުން ބުނެއެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ އަޒާބުގެ) ވައުދު އަންނާނީ ކޮންއިރަކުންހެއްޔެވެ؟
49
ބިރުވެރި އެންމެ އަޑަކަށް މެނުވީ، އެ މީހުން އިންތިޒާރެއް ނުކުރެއެވެ. އެ މީހުން އެކަކު އަނެކަކާ ދެކޮޅުވެރިވޭވެ ތިއްބާ، އެ އަޑު (އައިސް) އެ މީހުން ގެންދާނެއެވެ.
50
ފަހެ (އެ ހިނދު) އެއްވެސް ވަސިއްޔަތެއް ކުރާކަށް އެ މީހުންނަކަށް ކުޅަދާނައެއް ނުވާނެއެވެ. އަދި އެ މީހުންގެ އަހުލުވެރިންގެ ގާތަކަށް އެ މީހުން އެނބުރި ނުމެއަންނާނޭމެއެވެ.
51
އަދި ތާޅަފިލި ފުމެލައްވާހުއްޓެވެ. ފަހެ އެހާރުން އެ މީހުންގެ ރައްބުގެ ހަޒްރަތަށް ކަށްވަޅުތަކުން އަވަސްއަވަހަށް ނުކުމެގެންދާނެއެވެ.
52
އެ މީހުން ބުނާނެއެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ތިމަންމެން ނިދަން ތިބި ތަނުން، އަލުން ދިރުމަކަށް ފޮނުއްވީ ކާކުހެއްޔެވެ؟ މިއީ އައްރަޙްމާން ވައުދު ކުރެއްވި ކަންތަކެވެ. އަދި ރަސޫލުން ވިދާޅުވި ތެދުބަސްފުޅެވެ.
53
ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެ ކަންތައް ނުވެއެވެ. ފަހެ އެހާރުން އެ މީހުން އެންމެންވާހުށީ ތިމަން އިލާހުގެ ހަޒްރަތަށް ހާޒިރުކުރައްވާފައެވެ.
54
ފަހެ މިއަދު އެއްވެސް ނަފްސަކަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާނެއެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު އަމަލަށް މެނުވީ ތިޔަބައިމީހުންނަށް ޖަޒާއެއް ނުދެއްވާނެއެވެ.
55
ހަމަކަށަވަރުން ސުވަރުގޭގެ އަހުލުވެރިން މިއަދުވަނީ، އުފާ ފާގަތިކަންމަތީ މަޝްޣޫލު ވެގެންނެވެ.
56
އެ މީހުންނާއި އެ މީހުންގެ އަނބިންވަނީ، ހިޔަލުގައި ދާންތަކުގެމަތީ ލެނގިލައިގެންނެވެ.
57
އެ މީހުންނަށް އެ ތާނގައި މޭވާތައްވެއެވެ. އަދި އެ މީހުން އެދޭ (ހުރިހާ) ކަމެއް އެ މީހުންނަށް (އެ ތާނގައި) ވެއެވެ.
58
ރަޙީމްވަންތަ ކަލެއްގެ ހަޒްރަތުން އިއްވަވާ ސަލާމްގެ ބަސްފުޅެވެ.
59
އޭ ކުށްވެރިންނޭވެ. މިއަދު ތިޔަބައިމީހުން (މުއުމިނުންނާ) ވަކިވާށެވެ.
60
އޭ އާދަމުގެ ދަރިންނޭވެ. ތިޔަބައިމީހުން ޝައިތާނާއަށް އަޅުކަން ނުކުރުމަށް ތިމަން އިލާހު ތިޔަބައިމީހުންނަށް އަމުރުނު ކުރައްވަންހެއްޔެވެ؟ ހަމަކަށަވަރުން އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ އަދާވާތްތެރިޔެކެވެ.
61
އަދި ތިޔަބައިމީހުން ތިމަން އިލާހަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.
62
އަދި ހަމަކަށަވަރުން އެ ޝައިތާނާ ތިޔަބައިމީހުންގެ ތެރެއިން ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ ވިސްނާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވަމުހެއްޔެވެ؟
63
މިއީ ތިޔަބައިމީހުންނަށް ވައުދު ކުރައްވާފައިވާ ނަރަކައެވެ.
64
ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، މިއަދު ތިޔަބައިމީހުން އެ ނަރަކައަށް ވަންނާށެވެ!
65
މިއަދު ތިމަން އިލާހު އެ މީހުންގެ އަނގަތަކުގައި ސިއްކަޖައްސަވައި ބަންދު ކުރައްވާހުށީމެވެ. އަދި އެ މީހުންގެ އަތްތައް ތިމަން އިލާހަށް ބަސް ދަންނަވާނެއެވެ. އަދި އެ މީހުން ހޯދައިއުޅުނު އަމަލުތަކާމެދު އެ މީހުންގެ ފައިތައް ހެކިދޭނެތެވެ.
66
އަދި ތިމަން އިލާހު އިރާދަކުރައްވާނަމަ، އެ މީހުންގެ ލޯތައް ކަނު ކުރައްވާފީމުހެވެ. ފަހެ އެ މީހުން މަގުން ދިޔުމަށް އަވަސްވެގަންނާނެއެވެ. ފަހެ (އެ ހިނދު) އެ މީހުންނަށް ފެންނާނީ ކޮންފަދައަކުންހެއްޔެވެ؟
67
އަދި ތިމަން އިލާހު އިރާދަކުރައްވާނަމަ، އެ މީހުން ތިބިތާ ތިއްބާ އެ މީހުންގެ ސިފަ ބަދަލު ކުރައްވާފީމުހެވެ. ފަހެ (އެ ހިނދު) ކުރިއަށް ދިޔުމަކަށް ވެސް އަދި ފަހަށް އެނބުރި އައުމަކަށް ވެސް، އެ މީހުންނަކަށް ކުޅަދާނަވެގެނެއް ނުވެއެވެ.
68
ތިމަން އިލާހު އެ މީހެއްގެ އުމުރު ދިގު ކުރައްވާ މީހާ (ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ. (އެބަހީ: އާރެއް ބާރެއްނެތް ގޮތުގައި ފެށިގެންއައިސް ޒުވާންކަމުގެ ދައުރު ނިމި، އެންމެފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ އެ މީހުން ނުވިސްނަނީހެއްޔެވެ؟
69
އަދި ތިމަން އިލާހު އެކަލޭގެފާނަށް ޅެން އުނގަންނަވައެއް ނުދެއްވަމެވެ. އަދި އެކަލޭގެފާނު އެ ކަމަކަށް އެކަށީގެނެއްވެސް ނުވެއެވެ. އެއީ ހަނދާންކޮށްދެނިވި ފޮތެއް ކަމުގައްޔާއި، ބަޔާންވެގެންވާ ގުރްއާންކަމުގައި މެނުވީ ނުވެއެވެ.
70
އެއީ ދިރިހުރި ކަމުގައިވާ މީހަކަށް އިންޒާރުކުރެއްވުމަށް ޓަކައެވެ. އަދި ކާފިރުންގެ މައްޗަށް (އަޒާބުގެ) ބަސްފުޅު ހައްގު ވުމަށް ޓަކައެވެ.
71
ތިމަން އިލާހުގެ އަތްޕުޅުން ހެއްދެވި ތަކެތީގެ ތެރެއިން ނައަމްސޫފި، އެ މީހުންނަށް ޓަކައި ހައްދަވާފައިވާތީ، އެ މީހުންނަކަށް ނުފެނޭހެއްޔެވެ؟ ފަހެ އެ މީހުންނީ އެ ތަކެތީގެ މިލްކުވެރިންނެވެ.
72
އަދި ތިމަން އިލާހު އެ ތަކެތި އެ މީހުންނަށް ކިޔަމަންކޮށްދެއްވީމެވެ. ފަހެ އޭގެ ތެރެއިން އެ މީހުންގެ ސަވާރީތައްވެއެވެ. އަދި އެ މީހުން އެ ތަކެތިން ކައި އުޅެތެވެ.
73
އަދި މަންފާތަކާއި، ބުއިންތައް އެ ތަކެތީގައި އެ މީހުންނަށް ޓަކައިވެއެވެ. ފަހެ އެ މީހުން ޝުކުރު ނުކުރަނީހެއްޔެވެ؟
74
އަދި އެ މީހުންނަށް ނަސްރު ލިބޭތޯ ﷲ ފިޔަވާ އެހެން އިލާހުންތަކެއް ހިފިއެވެ.
75
އެ ތަކެއްޗަކަށް އެ މީހުންނަށް ނަސްރު ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެއެވެ. އެ ތަކެއްޗަށް (ޚިދުމަތްކުރުމުގައި) ހާޒިރުކުރައްވާފައިވާ ލަޝްކަރެއް ކަމުގައި އެ މީހުން ވާ ހާލުގައެވެ.
76
ފަހެ އެ މީހުން ދައްކާ ވާހަކަ ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ. ހަމަކަށަވަރުން ތިމަން އިލާހު އެ މީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވަމެވެ.
77
ހަމަކަށަވަރުން މަނިތިއްކަކުން ތިމަން އިލާހު އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީހެއްޔެވެ؟ ފަހެ އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.
78
އަދި އެ އިންސާނާ ތިމަން އިލާހަށް މިސާލެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެ ތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟
79
ކަލޭގެފާނު ވިދާޅުވާށެވެ. އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަމަ ފަހަރު އެކަށިތައް އުފެއްދެވި އިލާހެވެ. އަދި އެ އިލާހީ، ހުރިހާ މަޚްލޫގުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
80
އެ އިލާހީ، ފެހިކުލައިގެ ގަހުން ތިޔަބައިމީހުންނަށް ޓަކައި އަލިފާންލެއްވި އިލާހެވެ. ފަހެ އެހާރުން ތިޔަބައިމީހުން އެ ގަސްގަހުން އަލިފާން ރޯކޮށް އުޅެމުއެވެ.
81
އެ މީހުން ފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި އިލާހު ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ! އެ އިލާހީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
82
އެ އިލާހު ކަމަކަށް އިރާދަކުރައްވާފިނަމަ، އެ އިލާހުގެ ހަމައެކަނި އަމުރުފުޅަކީ އެ ކަމަކަށް ވާށޭ ވަހީ ކުރެއްވުމެވެ. ދެން އެ ކަމެއް ވެގެންދެއެވެ.
83
ފަހެ އެ އިލާހުގެ އަތްޕުޅުގައި އެންމެހާ ކަންތަކުގެ އެންމެމަތީ ވެރިކަންވާ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އަދި ތިޔަބައިމީހުން ރުޖޫއަ ކުރައްވާހުށީ އެ އިލާހުގެ ހަޒްރަތަށެވެ.