ޙާ މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
ބަޔާން ވެގެންވާ ފޮތް ގަންދެއްވަމެވެ.
ހަމަކަށަވަރުން ތިމަން އިލާހު އެ ފޮތް ލައްވާފައިވަނީ، އަރަބި ބަހުންއޮތް ގުރްއާނެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށް ޓަކައެވެ.
އަދި ހަމަކަށަވަރުން ތިމަން އިލާހުގެ ހަޒްރަތުގައިވާ މައިފޮތުގައި (އެބަހީ: އައްލައުޙުލް މަހްފޫޠުގައި) އެ ފޮތް ވަނީ މަތިވެރި، ހިކުމަތްތެރި ފޮތެއް ކަމުގައެވެ.
ފަހެ ތިޔަބައިމީހުން (ކާފިރުކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައިވީތީވެ، ތިޔަބައިމީހުންނާމެދު ތިމަން އިލާހު ގުރްއާނުގެ ވައުޒު ބާވައިނުލައްވައި ދޫކޮށްލައްވަންވީހެއްޔެވެ؟
އަދި އިސްވެދިޔަ މީސްތަކުންގެ ގާތަށް ތިމަން އިލާހު ކިތައްކިތައް ނަބިއްޔުން ފޮނުއްވިންހެއްޔެވެ؟
އަދި އެ މީހުން އެ ބޭކަލަކަށް ފުރައްސާރަކުރާ ކަމުގައިނުވާ އެއްވެސް ނަބިއްޔަކު އެ މީހުންގެ ގާތަކަށް ވަޑައެއްނުގަންނަވައެވެ.
ފަހެ ތިމަން އިލާހު އެ މީހުންނަށްވުރެ މާބާރުގަދަ މީހުން ހަލާކު ކުރެއްވީމެވެ. އަދި އިސްވެދިޔަ މީހުންގެ މިސާލު ވޭތުވެހިނގައްޖެއެވެ.
ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ، ކަލޭގެފާނު އެ މީހުންނާ ސުވާލު ކުރައްވާފިނަމަ، އެ މީހުން ބުނާނެކަން ކަށަވަރެވެ. އެ ތަކެތި ހެއްދެވީ، ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އެ އިލާހީ، ތިޔަބައިމީހުންނަށް ތަންމައްޗެއްކަމުގައި ބިން ލައްވައި، އަދި އެ ތާނގައި ތިޔަބައިމީހުންނަށް މަގުތައް ލެއްވި އިލާހެވެ. (އެއީ) ތިޔަބައިމީހުން (ދާންވީ) މަގު އެނގޭތޯއެވެ.
އަދި އެ އިލާހީ، ކަނޑައެޅިގެންވާ މިންވަރަކަށް އުޑުން ފެން ވެއްސެވި އިލާހެވެ. ފަހެ މަރުވެފައިވާ ރަށެއް ތިމަން އިލާހު އެފެނުން ދިރުއްވީމެވެ. ހަމަ އެފަދައިން، ތިޔަބައިމީހުން (ކަށްވަޅުތަކުން) ނެރުއްވާހުއްޓެވެ.
އަދި އެ އިލާހީ، ހުރިހާ ބާވަތެއްގެ ތަކެތި ޖޯޑުޖޯޑަށް ހެއްދެވި އިލާހެވެ. އަދި ނައުފަހަރާއި، ނައަމްސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭތަކެތި، އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި ލެއްވިއެވެ.
(އެއީ) ތިޔަބައިމީހުން އެ ތަކެތީގެ ބުރަކަށި މަތީގައި ހަމަޖެހުމަށް ޓަކައެވެ. ދެން ތިޔަބައިމީހުން އޭގެ މަތީގައި ހަމަޖެހޭ ހިނދު، ތިޔަބައިމީހުންގެ ރައްބުގެ ނިއުމަތް ހަނދުމަކުރުމަށެވެ. އަދި ތިޔަބައިމީހުން ކިޔުމަށް ޓަކައެވެ. އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރި ކޮށްދެއްވި އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އަދި އަޅަމެންއެ ކަމަށް ކުޅަދާނަވެގެންވާ ބަޔަކު ކަމުގައި ނުވަމުއެވެ.
އަދި ހަމަކަށަވަރުން އަޅަމެންގެ ރައްބުގެ ހަޒްރަތަށް އަޅަމެން ރުޖޫއަ ވާނެކަން ކަށަވަރެވެ.
އެ މީހުން (އެބަހީ: ކާފިރުވި މީހުން) އެ އިލާހުގެ އަޅުންގެ ތެރެއިން ބަޔެއް، އެ އިލާހުގެ ދަރިންކަމުގައި ހެދޫއެވެ. ހަމަކަށަވަރުން (މިކަންކުރާ) އިންސާނާއީ، ފާޅުވެގެންހުރި ކާފިރު ކަންބޮޑު މީހެއްކަން ކަށަވަރެވެ.
ނުވަތަ އެ އިލާހު ހެއްދެވި ތަކެތީގެ ތެރެއިން އެ އިލާހަށް އަންހެން ދަރިން ނަންގަވައި، ތިޔަބައިމީހުންނަށް ފިރިހެން ދަރިން ޚާއްސަކުރެއްވި (ކަމަށް ހީކުރަނީ)ހެއްޔެވެ؟
އައްރަޙްމާނަށް އެ މީހުންގެ މީހަކު ނިސްބަތްކުރިފަދަ ދަރިޔަކު (އެބަހީ: އަންހެން ދަރިޔަކު) ލިބުނުކަމުގެ ޚަބަރު އެ މީހަކަށް ދެވިއްޖެނަމަ، އޭނާގެ މޫނު އަނދިރިވެގެންދެއެވެ. އޭނާއަށް އެ ކަމުގެ ހިތާމަ ލިބިގެންވާ ހާލުގައެވެ.
އަދި (ﷲ އަށް އެ މީހުން އެ ނިސްބަތްކުރަނީ) ގަހަނާ އަޅުވައި، ބޮޑުކުރާ މީހަކުހެއްޔެވެ؟ އަދި އޭނާއީ، ދެކޮޅުވެރިކަމެއް ދިމާވާހިނދު ހުއްޖަތް ބަޔާން ނުކުރެވޭ މީހެކެވެ.
އަދި އައްރަޙްމާނުގެ އަޅުންކަމުގައިވާ މަލާއިކަތުންނަކީ، އަންހެން ބަޔެއް ކަމުގައި އެ މީހުން ހެދީހެއްޔެވެ؟ އެ މަލާއިކަތުން ހެއްދެވިއިރު، އެ މީހުން ހާޒިރުވެ ތިބީހެއްޔެވެ؟ އެ މީހުން އެ ހެކިވާހެކިވުން، ނިކަންހުރެ ލިޔުއްވާހުއްޓެވެ. އަދި (އާޚިރަތް ދުވަހުން) އެ މީހުންނާ ސުވާލު ކުރައްވާހުއްޓެވެ.
އަދި އެ މީހުން ބުންޏެވެ. އައްރަޙްމާން އިރާދަ ކުރެއްވިނަމަ، ތިމަންމެން އެ މަލާއިކަތުންނަކަށް އަޅުކަމެއް ނުކުރީމުހެވެ. އެކަމާމެދު އެ މީހުންނަށް އެއްވެސް އެނގުމެއް ނުވެއެވެ. އެ މީހުން ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ.
ނުވަތަ އޭގެ ކުރިން (އެބަހީ: ގުރްއާނުގެ ކުރިން) ތިމަން އިލާހު އެ މީހުންނަށް ފޮތެއް ދެއްވާ، ފަހެ އެ މީހުން އެފޮތުގައި ހިފަހައްޓަނީހެއްޔެވެ؟
އަދި ކިއެއް! އެ މީހުން ބުންޏެވެ. ތިމަންމެންގެ ކާބަފައިން ދީނެއްގެ މަތީގައި ވަނިކޮށް ތިމަންމެން ހަމަކަށަވަރުން ދުށީމުއެވެ. އަދި ހަމަކަށަވަރުން އެ މީހުންގެ އަސަރުތަކުގެ މަތީގައި ތިމަންމެން ހިނގަނީއެވެ.
އަދި ހަމަ އެފަދައިން އެ ރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން ތިމަންމެންގެ ކާބަފައިން ދީނެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން އެ މީހުންގެ އަސަރުތަކުގެ މަތީގައި ތިމަންމެން ތަބާ ވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް އިންޒާރުކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަން އިލާހު އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ.
އެ ބޭކަލަކު ވިދާޅުވިއެވެ: ތިޔަބައިމީހުންގެ ކާބަފައިން އެ ދީނެއްގެ މަތީގައި ވަނިކޮށް، ތިޔަބައިމީހުން ދުށް ދީނަށްވުރެ ތެދުމަގުގައިވާ ދީނަކާއިގެން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު ވަޑައިގަތް ކަމުގައި ވިޔަސްހެއްޔެވެ؟ އެ މީހުން ބުންޏެވެ: ހަމަކަށަވަރުން އެ ދީނަކާއިގެން ތިޔަ ބޭކަލުން ފޮނުއްވެވި ދީނަށް ތިމަންމެންވަނީ ކާފިރު ވެގެންނެވެ.
ފަހެ ތިމަން އިލާހު އެ މީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ ދޮގުކުރާ މީހުންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ.
އަދި އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބައްޕައަށާއި އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވި ހިނދު ހަނދުމަ ކުރާށެވެ: ހަމަކަށަވަރުން ތިޔަބައިމީހުން އަޅުކަންކޮށް އުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެން ވަމެވެ.
އިސްވެދިޔަ މިސާލަކާ ނުލާ ތިމަން ހެއްދެވި އިލާހު މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެ އިލާހު ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެއެވެ.
އަދި އެބަސްފުޅު (އެބަހީ: ﷲ މެނުވީ އަޅުކަންކުރުން ހައްގުވާ އިލާހަކު ނުވޭ މި ކަލިމަފުޅު) އެކަލޭގެފާނުގެ ދަރިކޮޅުގައި ދެމިއޮންނާނޭ ބަސްފުޅެއްކަމުގައި ލެއްވިއެވެ. އެއީ ﷲ ގެ މަގަށް އެ މީހުން ރުޖޫއަ ވުމަށް ޓަކައެވެ.
އަދި ކިއެއް! ތިމަން އިލާހު މިބައިމީހުންނާއި، އެ މީހުންގެ ކާބަފައިން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. ހައްގު ފޮތާއި، ބަޔާން ކޮށްދެއްވާ ރަސޫލަކު އެ މީހުންގެ ގާތަށް ވަޑައިގެންފުމަށް ދާންދެނެވެ.
އަދި އެ މީހުންގެ ގާތަށް ހައްގު (އެބަހީ: ގުރްއާން) އައި ހިނދު، އެ މީހުން ބުންޏެވެ. މިއީ ޖާދޫއެކެވެ. އަދި ހަމަކަށަވަރުން ތިމަންމެންވަނީ، އެއަށް ކާފިރު ވެގެންނެވެ.
އަދި އެ މީހުން ބުންޏެވެ: އެ ދެރަށުގެ ތެރެއިން (އެބަހީ: މައްކާއާއި ޠާއިފު، ކޮންމެ ރަށަކުންވެސް) ބޮޑު މީހަކަށް މި ގުރްއާން ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟
ކަލޭގެފާނުގެ ރައްބުގެ ރަހުމަތް ބަހައިދެނީ އެ މީހުންހެއްޔެވެ؟ (އެބަހީ: އެ މީހުން ބޭނުން މީހަކަށް ނަބީކަންދެނީ އެ މީހުންހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެ މީހުންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންއިލާހެވެ. އަދި ތިމަން އިލާހު އެ މީހުން ކުރެ ބައެއް މީހުން، އަނެއް ބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެ މީހުން ކުރެ އެއްބަޔަކު އަނެއް ބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށް ޓަކައެވެ. އަދި ކަލޭގެފާނުގެ ރައްބުގެ ރަހުމަތް އެ މީހުން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ.
އަދި (ކާފިރުކަމުގައި) މީސްތަކުން އެއް އުއްމަތެއްކަމުގައި ނުވާނެނަމަ، އައްރަޙްމާނަށް ކާފިރުވާ މީހުންގެ ގެތަކުގެ ފުރާޅުތައް ރިހިން ލައްވައި، އަދި އެ މީހުން އަރައިފައިބާ ސިޑިތައް (ރިހިން) ލެއްވީމުހެވެ.
އަދި އެ މީހުންގެ ގެތަކުގެ ދޮރުތަކާއި، އެ މީހުން ލެނގިލައިގެން ތިބޭ އެނދުތައްވެސް (ރިހިން) ލެއްވީމުހެވެ.
އަދި (އެ ތަކެއްޗަށް) ޒީނަތްތެރިކަން ލެއްވީމުހެވެ. އެހުރިހާ ތަކެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައިނޫނީ ނުވެއެވެ. އަދި ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައި ތަގުވާވެރިންނަށް އާޚިރަތުގެ ނިއުމަތް ހުއްޓެވެ.
އައްރަޙްމާން ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަން އިލާހު ޝައިތާނެއް ފާކުރައްވާހުށީމެވެ. ފަހެ ޝައިތާނާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެއެވެ.
އަދި ހަމަކަށަވަރުން އެ ޝައިތާނުން، މީސްތަކުން ތެދުމަގުން އެއްކިބާކުރެއެވެ. އަދި އެ މީހުން ހީކުރަނީ، އެ މީހުން ވަނީ ތެދުމަގު ލިބިފައިކަމުގައެވެ.
އޭނާ ތިމަން އިލާހުގެ ހަޒްރަތަށް އަތުވެއްޖެނަމަ، އެ ހިނދު އޭނާ ބުނާނެއެވެ. ތިމަންނާޔާ، ކަލެޔާ ދެމެދުގެ ދުރުމިން މަޝްރިގާއި، މަޣްރިބާ ދެމެދުހައި ދުރުމިން ކަމުގައިވާނަމަ، ކޮންފަދަހެއްޔެވެ! ފަހެ ކަލެޔަކީ ހާދަހާ ނުބައިވެގެންވާ އެކުވެރިޔެކެވެ.
(އެ މީހުންނަށް އަންގަވާނެއެވެ.) އަދި ތިޔަބައިމީހުން އަނިޔާވެރިވުމުގެ ސަބަބުން، ތިޔަބައިމީހުން އަޒާބުގައި ބައިވެރިވުމަކުން މިއަދު ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ.
ފަހެ ބީރުބަޔަކަށް (ހައްގުގެ) އަޑު ކަލޭގެފާނަށް އިއްވެވިދާނެތޯއެވެ؟ ނުވަތަ ކަނުބަޔަކަށް އަދި ފާޅުވެ ބަޔާން ވެގެންވާ އުރެދުމެއްގައިވާ ބަޔަކަށް މަގު ދެއްކެވިދާނެތޯއެވެ؟
ފަހެ ތިމަން އިލާހު ކަލޭގެފާނު ގެންދަވައިފިނަމަވެސް (އެބަހީ: މަރުގެންނެވި ނަމަވެސް) ފަހެ ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ.
ނުވަތަ އެ މީހުންނަށް ތިމަން އިލާހު ވައުދު ކުރެއްވި ކަންތައް ކަލޭގެފާނަށް ދައްކަވާހުށީމެވެ. ފަހެ ހަމަކަށަވަރުން ތިމަން އިލާހީ، އެ މީހުންގެމައްޗަށް ކުޅަދުންވަންތަ އިލާހެވެ.
ފަހެ ކަލޭގެފާނަށް އިއްވަވާ ވަހީއެއްގައި ކަލޭގެފާނު ހިފަހައްޓަވާށެވެ. ހަމަކަށަވަރުން ކަލޭގެފާނުވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ.
އަދި ހަމަކަށަވަރުން އެ ގުރްއާނަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ ގައުމުގެ މީހުންނަށް ލިބުނު ޝަރަފެކެވެ. އަދި ނިކަންހުރެ ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެއެވެ.
އަދި ތިމަން އިލާހުގެ ރަސޫލުންގެ ތެރެއިން، ކަލޭގެފާނުގެ ކުރިން ތިމަން އިލާހު ފޮނުއްވި ރަސޫލުންކުރެން އައްސަވާށެވެ. (އެބަހީ: އެ ބޭކަލުންގެ ޝަރީއަތުން ބައްލަވާށެވެ.) އައްރަޙްމާން މެނުވީ، އަޅުކަންވެވޭ އެހެން އިލާހުންތަކެއް ތިމަން އިލާހު ލެއްވިންހެއްޔެވެ؟
ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތަކާއިގެން، ފިރްޢައުނާއި، އޭނާގެ ގައުމުގެ ބޮޑުންގެ ގާތަށް ތިމަން އިލާހު މޫސާގެފާނު ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންކަލޭގެފާނީ، އާލަމްތަކުގެ ރައްބުގެ ރަސޫލަކީމެވެ.
ފަހެ އެކަލޭގެފާނު ތިމަން އިލާހުގެ އާޔަތްތަކާއިގެން އެ މީހުންގެ ގާތަށް ވަޑައިގަތްހިނދު، އެހާރުން އެ އާޔަތްތަކާމެދު، އެ މީހުން މަލާމާތްކޮށް، ހެއެވެ.
އަދި އެ މީހުންނަށް ތިމަން އިލާހު ދެއްކެވި ކޮންމެ މުއުޖިޒާތެއް، އެފަދަ އަނެއް މުއުޖިޒާތަކަށްވުރެ މާ ބޮޑު ކަމުގައި މެނުވީ ނުދައްކަވަމެވެ. އަދި ތިމަން އިލާހު އެ މީހުންނަށް އަޒާބު ދެއްވާ ހިއްޕެވީމެވެ. (އެއީ) އެ މީހުން (ކާފިރުކަމުން) ރުޖޫއަ ވުމަށް ޓަކައެވެ.
އެ މީހުން ބުންޏެވެ. އޭ ޖާދޫވެރިޔާއެވެ. އެ އިލާހު ކަލޭގެފާނަށް އަހުދު ވެވޮޑިގެންނެވި ކަންތައް ތިމަންމެންނަށް ދެއްވުމަށްއެދި ކަލޭގެފާނުގެ ރައްބަށް ދުއާ ކުރައްވާ ބައްލަވާށެވެ. ހަމަކަށަވަރުން ތިމަންމެން ވާހުށީ ތެދުމަގުލިބިގެންވާ ބަޔަކު ކަމުގައެވެ.
ފަހެ ތިމަން އިލާހު އެ މީހުންގެ ކިބައިން އަޒާބު ފިއްލަވައިފިހިނދު، އެހާރުން އެ މީހުން އަހުދު އުވައިލަތެވެ.
އަދި ފިރްޢައުނު އޭނާގެ ގައުމުގެ މީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. މިސްރުގެ ވެރިކަމާއި، އަހަރެންގެ ދަށުން ހިނގަހިނގާ މިހިރަ ކޯރުތައް (މިލްކުވެގެން) ވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަށް ނުފެންނަނީހެއްޔެވެ؟
އަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: މޫސާގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ ބަޔާން ކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ.
ފަހެ އޭނާގެ މައްޗަށް ރަނުގެ އުޅާތަކެއް ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ ނުވަތަ އޭނާއާއެކުގައި އެހީތެރިވާނެ މަލާއިކަތުން ވަޑައިނުގަތީ ކީއްވެގެންހެއްޔެވެ؟
ފަހެ އޭނާ (އެބަހީ: ފިރްޢައުނު) އޭނާގެ ގައުމުގެ މީހުން ހައްލައިލިއެވެ. ދެން އެ މީހުން އޭނާއަށް ކިޔަމަންވިއެވެ. ހަމަކަށަވަރުން އެ މީހުން ވީ، ފާސިގު ވެގެންވާ ބަޔަކު ކަމުގައެވެ.
ފަހެ އެ މީހުން ތިމަން އިލާހު ކޯފާކުރުވި ހިނދު، ތިމަން އިލާހު އެ މީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ ތިމަން އިލާހު އެ މީހުން އެންމެން ޣަރަގުކުރެއްވީމެވެ.
ފަހެ (ކާފިރުވި) އެހެންމީހުންނަށް އިބްރަތެއް ކަމުގައްޔާއި، މިސާލެއް ކަމުގައި ތިމަން އިލާހު އެ މީހުން ލެއްވީމެވެ.
މަރިޔަމްގެފާނުގެ ދަރިކަލުންގެ ވާހަކަ މިސާލެއްގެ ގޮތުގައި ކިޔައިދެއްވިހިނދު، އެހާރުން އެ ކަންތަކާމެދު ކަލޭގެފާނުގެ ގައުމުގެ މީހުން މަލާމާތްކޮށް ހަޅޭލަވައެވެ.
އަދި އެ މީހުން ބުންޏެވެ. ރަނގަޅީ، ތިމަންމެންގެ އިލާހުންތައްހެއްޔެވެ؟ ނުވަތަ އެކަލޭގެފާނުހެއްޔެވެ؟ ކަލޭގެފާނާ ޖަދަލުކުރުމަށް މެނުވީ އެ މީހުން އެ މިސާލު ނުޖަހަތެވެ. އަދި ކިއެއް! އެ މީހުންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ.
ތިމަން އިލާހު، އެކަލޭގެފާނަށް ނިއުމަތް ދެއްވި އަޅަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެއެވެ. އަދި އިސްރާއީލުގެ ދަރިންނަށް އިބްރަތެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ.
އަދި ތިމަން އިލާހު އިރާދަކުރައްވާނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުންގެ ފަހަށް، ބިމުގައި މަލާއިކަތުން ލައްވައިފީމުހެވެ.
އަދި ހަމަކަށަވަރުން އެކަލޭގެފާނީ، ގިޔާމަތް ވުމުގެ ވަގުތަށް ހުރި އަލާމަތެކެވެ. ފަހެ ތިޔަބައިމީހުން އެ ދުވަހާމެދު ޝައްކު ނުކުރާހުށިކަމެވެ. އަދި ތިޔަބައިމީހުން ތިމަން އިލާހުގެ މަގަށް ތަބާ ވާށެވެ. މިއީ ސީދާވެގެންވާ ތެދުމަގެވެ.
އަދި ޝައިތާނާ ތިޔަބައިމީހުން (ތެދުމަގުން) އެއްކިބާކުރިޔަ ނުދޭހުށިކަމެވެ. ހަމަކަށަވަރުން އެކަލޭގެއީ، ތިޔަބައިމީހުންނަށްހުރި ފާޅުވެގެންވާ އަދާވާތްތެރިޔެކެވެ.
އަދި ޢީސާގެފާނު، ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވި ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ހިކުމަތާއިގެންނެވެ. އަދި ތިޔަބައިމީހުން އެ ކަންތަކާމެދު ޚިލާފުވާ ބައެއް ކަންތައް ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވުމަށް ޓަކައެވެ. ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ.
ހަމަކަށަވަރުން ﷲ އެއީ، ތިމަންގެ ރައްބެވެ. އަދި ތިޔަބައިމީހުންގެ ވެސް ރައްބެވެ. ފަހެ ތިޔަބައިމީހުން އެ އިލާހަށް އަޅުކަން ކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.
ފަހެ އެ މީހުންގެ މެދުގައި (އެބަހީ: ނަސާރާއިންގެ މެދުގައި) އެކި ޖަމާއަތްތައް (އެކަލޭގެފާނާމެދު) ދެބަސްވިއެވެ. ފަހެ އަނިޔާވެރިވީ މީހުންނަށް ވޭންދެނިވި އަޒާބުގެ ދުވަހު ހަލާކާއި ގެއްލުން ހުއްޓެވެ.
އެ މީހުންނަށް ނޭނގި ތިއްބާ ކުއްލިޔަކަށް ގިޔާމަތް ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެ މީހުން އިންތިޒާރެއް ނުކުރެއެވެ.
ގާތް އެކުވެރިން އެ ދުވަހުން އެއްބަޔަކު އަނެއް ބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަގުވާވެރިން މެނުވީއެވެ.
އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ މައްޗަކަށް މިއަދު އެއްވެސް ބިރެއް ނެތެވެ. އަދި ހިތާމަކުރާނެ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.
އެ މީހުންނީ، ތިމަން އިލާހުގެ އާޔަތްތަކަށް އީމާންވެ، މުސްލިމުން ކަމުގައިވީ މީހުންނެވެ.
އުފާވެރިކަމުން ފުރިގެންވާ ހާލު، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އަނބިން ސުވަރުގެ ވަންނާށެވެ!
އެ މީހުންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެ ތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެ ތާނގައި ދެމިތިބޭނެތެވެ.
އަދި އެއީ ތިޔަބައިމީހުން ކޮށްއުޅުނު ހެޔޮ އަމަލުތަކުގެ ސަބަބުން ތިޔަބައިމީހުންނަށް މިލްކުކޮށްދެއްވި ސުވަރުގެއެވެ.
އެ ތާނގައި ތިޔަބައިމީހުން، އެއިން ކައިއުޅުމަށް ގިނަގުނަ މޭވާތައް ވެއެވެ.
ހަމަކަށަވަރުން ކުށްވެރިން ނަރަކައިގެ އަޒާބުގައި ދެމިތިބޭނެތެވެ.
އެ މީހުންގެ ކިބައިން އެ އަޒާބު ލުޔެއް ނުކުރައްވާނެއެވެ. އަދި އެ މީހުން އެކަމުގައި ތިބޭހުށީ އުއްމީދު ކެނޑިފައެވެ.
އަދި ތިމަން އިލާހު އެ މީހުންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު (ފާފަކުރުމުގެ ސަބަބުން) އަނިޔާވެރިންކަމުގައިވީ، ހަމަ އެ މީހުންނެވެ.
އެ މީހުން ގޮވާނެއެވެ. އޭ މާލިކުގެފާނެވެ. ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ދަންނަވައިދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ (އަޒާބުގައި) ދެމިތިބޭނޭ ބަޔެކެވެ.
ހަމަކަށަވަރުން ތިމަން އިލާހު، ތިޔަބައިމީހުންނަށް ހައްގު ދީން ގެނެސް ދެއްވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންކުރެ ގިނަމީހުންވަނީ ހައްގު ދީނަށް ނުރުހޭ ބަޔަކު ކަމުގައެވެ.
ނުވަތަ އެ މީހުން (ކަލޭގެފާނު ނެތިކޮށްލުމަށް) ކަމެއް ރޭވީހެއްޔެވެ؟ ފަހެ ހަމަކަށަވަރުން ތިމަން އިލާހު (އެއަށްވުރެ މޮޅަށް) ރާއްވަވާ ހުށީމެވެ.
ނުވަތަ އެ މީހުން ހީކުރަނީ، އެ މީހުންގެ ސިއްރު ވާހަކަތަކާއި، އެ މީހުންގެ ސިއްރު ސައްލާތައް ތިމަން އިލާހު އައްސަވާވޮޑިގެން ނުވާކަމަށްހެއްޔެވެ؟ އެހެންނަކުން ނޫނެވެ. (އައްސަވާވޮޑިގެންވަމެވެ.) އަދި އެ މީހުންގެ ގާތަށް، ތިމަން އިލާހު ފޮނުއްވާފައިވާ މަލާއިކަތުން އެ ކަންތައް ލިޔުއްވައެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އައްރަޙްމާނަށް ދަރިކަލަކުވާނަމަ (އެ ދަރިކަލަކަށް) އެންމެފުރަތަމަ އަޅުކަންކުރާނެ މީހަކީ ތިމަންކަލޭގެފާނެވެ.
އެ މީހުން ސިފަކުރާ ކަންތަކުން އުޑުތަކާއި، ބިމުގެ ވެރި، ޢަރްޝުގެ ރައްބު ހުސްތާހިރު ވެވޮޑިގެންވެއެވެ.
ފަހެ އެ މީހުންނަށް ވައުދު ކުރައްވާ ދުވަހާ އެ މީހުން ބައްދަލުވެއްޖައުމަށް ދާންދެން، ބާތިލު ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެ މީހުން ދޫކޮށްލައްވާށެވެ.
އުޑުގައިވެސް އިލާހަކީ އެ އިލާހެވެ. އަދި ބިމުގައިވެސް އިލާހަކީ އެ އިލާހެވެ. އެ އިލާހީ، ޙަކީމްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި އުޑުތަކާއި ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއް މިލްކު ވެގެންވާ އިލާހު ބަރަކާތްތެރިވެ މަތިވެރިވެ ވޮޑިގެންވެއެވެ. އަދި ގިޔާމަތް ވުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ، އެ އިލާހުގެ ހަޒްރަތުގައެވެ. އަދި ތިޔަބައިމީހުން އެނބުރި ރުޖޫއަ ކުރައްވާހުށީ އެ އިލާހުގެ ހަޒްރަތަށެވެ.
އެ އިލާހު ފިޔަވާ އެ މީހުން އަޅުކަންކުރާތަކެއްޗަށް ޝަފާއަތްތެރިކަމެއް މިލްކު ވެގެނެއް ނުވެއެވެ. އެ މީހުން ދެނެތިބެ، ހައްގަށް ހެކިދިން މީހުން މެނުވީއެވެ.
ހަމަކަށަވަރުން އެ މީހުން ހެއްދެވީ ކާކުތޯ، އެ މީހުންނާ ކަލޭގެފާނު ސުވާލު ކުރައްވާފިނަމަ، އެ މީހުން ބުނާނެކަން ކަށަވަރެވެ. ﷲ އެވެ. ފަހެ އެ މީހުން ހައްގުން އެއްކިބާވަނީ ކޮންފަދައަކުންހެއްޔެވެ؟
އަދި އެކަލޭގެފާނު ވިދާޅުވި ވިދާޅުވުން، އެ އިލާހު ދެނެވޮޑިގެންވެއެވެ. އަޅުގެ ރައްބެވެ. ހަމަކަށަވަރުން މިބައިމީހުންނީ އީމާން ނުވާނެ ބަޔެކެވެ.
ފަހެ ކަލޭގެފާނު އެ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ. އަދި ވިދާޅުވާށެވެ. ސަލާމެވެ! ފަހެ ނިކަންހުރެ އެ މީހުންނަށް (އެ މީހުން ދޮގުކުރިކަމުގެ ނަތީޖާ) އެނގޭނެއެވެ.