ޙާ މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
ޢައިން ސީން ގާފް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
ކަލޭގެފާނަށާއި ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް، ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲ ވަހީ ކުރައްވަނީ އެފަދައިންނެވެ.
އުޑުތަކުގައި ވާހާ ތަކެއްޗާއި، ބިމުގައި ވާހާ ތަކެތި މިލްކުވެގެން ވަނީ އެ އިލާހަށެވެ. އަދި އެ އިލާހީ މަތިވެރިވަންތަ، ހައިބަބޮޑުވެގެންވާ އިލާހެވެ.
އުޑުތައް އެ ތަކެތީގެ މަތިން ފަޅަފަޅައިގެންދިއުމާ ގާތްވެއެވެ. (އެބަހީ: އެ އިލާހުގެ މާތްކަމާއި މަތިވެރިކަމުންނެވެ.) އެ އިލާހަށް އަދި މަލާއިކަތުން، އެ މީހުންގެ ރައްބަށް ހަމްދާއެކު ތަސްބީހަ ދަންނަވައެވެ. އަދި ބިމުގައިވާ މީހުންނަށް ފާފަ ފުއްސެވުން އެދި ދުއާ ކުރައްވައެވެ. ދަންނާށެވެ. ހަމަކަށަވަރުން ﷲ އީ އަލްޣަފޫރު، އައްރަޙީމެވެ.
އެ އިލާހު ފިޔަވާ އެހީތެރިންތަކެއް ހިފިމީހުން (ދަންނާށެވެ.) ﷲ، އެ މީހުންގެ މައްޗަށް މޮޅަށް ބައްލަވާވޮޑިގެންވެއެވެ. އަދި އެ މީހުންގެ ކަންތައްތައް ހަވާލު ކުރައްވާފައިވާ ވަކީލަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ.
އަދި ހަމަ އެފަދައިން އަރަބި ބަހުންވާ ގުރްއާނެއް، ތިމަން އިލާހު ކަލޭގެފާނަށް ވަހީ ކުރެއްވީމެވެ. (އެއީ) މައިރަށުގެ (އެބަހީ: މައްކާގެ) އަހުލުވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު އިންޒާރުކުރެއްވުމަށް ޓަކައެވެ. އަދި (ޚަލްގުތަކުން) އެއް ކުރައްވާ ދުވަހާމެދު އިންޒާރުކުރެއްވުމަށް ޓަކައެވެ. އެ ދުވަހާމެދަކު ޝައްކެއް ނެތެވެ. (އެ ދުވަހުން) އެއްބަޔަކުވާހުށީ ސުވަރުގޭގައެވެ. އަދި އަނެއް ބަޔަކު ވާހުށީ ނަރަކައިގައެވެ.
އަދި ﷲ އިރާދަ ކުރެއްވިނަމަ، އެ މީހުން އެއް އުއްމަތެއްކަމުގައި ލައްވައިފީހެވެ. އެހެނެއްކަމަކު، އެ އިލާހު އިރާދަކުރައްވާ މީހަކު، އެ އިލާހުގެ ރަހުމަތުގެ ތެރެއަށް ވައްދަވައެވެ. އަދި އަނިޔާވެރިންނަށް (އެ ދުވަހުން) އެހީތެރިޔެއްވެސް، އަދި ނަސްރުވެރިޔެއްވެސް ނުވެއެވެ.
ނުވަތަ އެ މީހުން ﷲ ފިޔަވާ އެހީތެރިންތަކެއް ހޯދީހެއްޔެވެ؟ ފަހެ އެހީތެރިޔަކީ ހަމަ ﷲ އެވެ. އަދި އެ އިލާހު، މަރުވެފައިވާ ތަކެތި ދިރުއްވައެވެ. އަދި އެ އިލާހީ، ކޮންމެ ކަމެއްގެމައްޗަށް ކުޅަދުންވަންތަ އިލާހެވެ.
އަދި ތިޔަބައިމީހުން އެ ކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ހުކުމް ކުރެއްވުން ވަނީ، ﷲ އަށެވެ. އެއީ ﷲ އެވެ. ތިމަންކަލޭގެފާނުގެ ރައްބެވެ. އެ އިލާހަށް ތިމަންކަލޭގެފާނު ވަކީލު ކުރައްވާފީމެވެ. އަދި (ތައުބާވެ) ރުޖޫއަ ވަނީ ހަމަ އެ އިލާހުގެ ހަޒްރަތަށެވެ.
އެ އިލާހީ، އިސްވެދިޔަ މިސާލަކާނުލާ އުޑުތަކާއި، ބިންހެއްދެވި އިލާހެވެ. އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި، ތިޔަބައިމީހުންގެ ތެރެއިން އަނބިން ލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި، ނައަމްސޫފީގެ ތެރެއިން ދެ ޖިންސުގެ ތަކެތި ލެއްވިއެވެ. އެ ގޮތަށް ތިޔަބައިމީހުންނާއި އެ ތަކެތި ޚަލްގުކުރުރައްވާ، ގިނަކުރައްވާ، ފެތުރުއްވިއެވެ. އެ އިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެ އިލާހީ އައްސަމީޢުލް ބަޞީރެވެ. (އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ އިލާހެވެ.)
އުޑުތަކާއި، ބިމުގެ ތަޅުދަނޑިތައް މިލްކުވެގެންވަނީ އެ އިލާހަށެވެ. އެ އިލާހު އިރާދަކުރައްވާ މީހަކަށް ރިޒްގު ތަނަވަސްކޮށްދެއްވައެވެ. އަދި (އެ އިލާހު އިރާދަކުރައްވާ މީހަކަށް ރިޒްގު) ދަތިކުރައްވައެވެ. ހަމަކަށަވަރުން އެ އިލާހީ، ކޮންމެ ކަމެއްމެ މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.
ތިޔަބައިމީހުންނަށް ޓަކައި އެ އިލާހު ޝަރުއު ކުރެއްވި ދީނަކީ، އެ އިލާހު ނޫޙުގެފާނަށް ވަސިއްޔަތް ކުރެއްވި ދީނެވެ. އަދި ތިމަން އިލާހު ކަލޭގެފާނަށް ވަހީކުރެއްވި ދީނެވެ. އަދި އިބްރާހީމްގެފާނަށާއި، މޫސާގެފާނަށާއި، ޢީސާގެފާނަށް ވަސިއްޔަތް ކުރެއްވި ދީނެވެ. (އެ ވަސިއްޔަތަކީ) ތިޔަބައިމީހުން ދީން ގާއިމު ކުރާށެވެ. އަދި އޭގައި ތިޔަބައިމީހުން ބައިބައި ނުވާށެވެ. ތިޔަބައިމީހުން އެ ކަމަކަށް ތިޔަ ގޮވައިލާ ކަންތައް، މުޝްރިކުންގެ މައްޗަށް ބޮޑު ކަމަކަށް ވިއެވެ. ﷲ، އެ އިލާހު އިރާދަކުރައްވާ އަޅަކު ޚިޔާރު ކުރައްވައެވެ. އަދި އެ އިލާހަށް (ތައުބާވެ) ރުޖޫއަ ވާ މީހާކަށް ތެދުމަގު ދައްކަވައެވެ.
އަދި ބައިބައިވުމަކީ ނުބައިކަމެއްކަން، އެ މީހުންނަށް އެނގުނުފަހުން މެނުވީ، އެ މީހުން ބައިބައިވެ ޚިލާފެއް ނުވެއެވެ. އެއީ އެ މީހުންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުންނެވެ. އަދި ކަނޑައެޅިގެންވާ ވަގުތަކަށް ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން (އަޒާބު ދެއްވުމުގެ) ބަސްފުޅެއް އިސްވެގޮސްފައިނުވާނަމަ، އެ މީހުންގެ މެދުގައި ނިޔާކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން އެ މީހުންގެފަހުން، ފޮތްވާރުތަވީމީހުންވަނީ، އެފޮތާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައިކަން ކަށަވަރެވެ.
އެ ކަމަށް ޓަކައި (ބައިބައިވުމުން ދުރުހެލިވެ، އެންމެން އެކަތިގަނޑަކަށްވުމަށް) ފަހެ ކަލޭގެފާނު ގޮވައިލައްވާށެވެ. އަދި ކަލޭގެފާނަށް އަމުރުކުރެއްވި ފަދައިން ސީދާވެ ގާއިމުވެވަޑައިގަންނަވާށެވެ. އެ މީހުން އެދޭ ބާތިލު ގޮތްތަކަށް ކަލޭގެފާނު ތަބާ ވެވަޑައިނުގަންނަވާށެވެ. އަދި ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ބާވައިލެއްވި ކޮންމެ ފޮތަކަށް އަހަރެން އީމާން ވެއްޖައީމެވެ. އަދި އަހަރެންނަށް އަމުރުކުރައްވާފައިވަނީ، ތިޔަބައިމީހުންގެ މެދުގައި އަދުލުވެރިގޮތުގައި ކަންތައްކުރުމަށެވެ. ﷲ އީ، އަޅަމެންގެ ރައްބެވެ. އަދި ތިޔަބައިމީހުންގެ ވެސް ރައްބެވެ. ތިމަންމެންނަށް ތިމަންމެންގެ އަމަލުތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ އަމަލުތަކެވެ. ތިޔަބައިމީހުންނާ އަހުރެމެންނާދެމެދު ޖަދަލުކޮށް ޒުވާބުކުރުމެއްނެތެވެ. ﷲ، އަހުރެމެން އެންމެން (ގިޔާމަތް ދުވަހުގައި) އެއް ކުރައްވާނެއެވެ. އަދި އެނބުރިދިޔުން ވަނީ، އެ އިލާހުގެ ހަޒްރަތަށެވެ.
މީސްތަކުން އެ އިލާހުގެ ދީން ގަބޫލު ކޮށްއިޖާބަދިނުމަށް ފަހު، ﷲ ގެ ދީނާމެދު، ޖަދަލުކުރާ މީހުންނީ، އެ މީހުންގެ ރައްބުގެ ހަޒްރަތުގައި، އެ މީހުންގެ ހުއްޖަތް ބާތިލު ވެގެންވާ ބަޔެކެވެ. އަދި އެ މީހުންގެ މައްޗަށް ކޯފާހުއްޓެވެ. އަދި އެ މީހުންނަށް ޓަކައި (އާޚިރަތުގައި) ވަނީ ގަދަފަދަ އަޒާބެވެ.
ހައްގު ގޮތުގައި ފޮތާއި، އަދުލު އިންސާފު ބާވައިލެއްވީ ﷲ އެވެ. ގިޔާމަތް ވުމުގެ ވަގުތު ގާތްވެގެންވާކަން، ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟
އެ ދުވަހަށް (އެބަހީ: ގިޔާމަތް ދުވަހަށް) އީމާން ނުވާމީހުން އެދުވަސް އަވަހަށް އައުމަށް އެދޭނެތެވެ. އަދި އީމާންވި މީހުން އެ ދުވަހަށް ބިރުވެތިވާނެއެވެ. އެ ދުވަހަކީ، ހަމަކަށަވަރުން ހައްގު ގޮތުގައި އަންނާނޭ ދުވަހެއްކަން، އެ މީހުން ދަނެތެވެ. ދަންނާށެވެ. ހަމަކަށަވަރުން ގިޔާމަތް ދުވަހާމެދު ޖަދަލުކުރާ މީހުންވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
ﷲ އީ، އެ އިލާހުގެ އަޅުތަކުންނަށް އޯގާވަންތަކަންބޮޑު އިލާހެވެ. އެ އިލާހު އިރާދަކުރައްވާ އަޅަކަށް ރިޒްގު ދެއްވައެވެ. އަދި އެ އިލާހީ ބާރުގަދަ، ޢަޒީޒުވަންތަ އިލާހެވެ.
އާޚިރަތުގެ ސަވާބަށްއެދި މަސައްކަތްކުރާ މީހާއަށް އޭނާގެ ސަވާބު، ތިމަން އިލާހު އިތުރުކުރައްވާ ހުށީމެވެ. އަދި ދުނިޔޭގެ މަންފާތަކަށް އެދޭ މީހާއަށް، ތިމަން އިލާހު އެއިން ދެއްވާހުށީމެވެ. އަދި އާޚިރަތުގައި އޭނާއަށް (ސަވާބުގެ) އެއްވެސް ނަސީބެއްނެތެވެ.
ނުވަތަ ﷲ އިޒުނަ ނުދެއްވާ ކަމެއް، ދީނުގައި އެ މީހުންނަށް ޝަރުއުކޮށްދިން ބައިވެރިންތަކެއް އެ މީހުންނަށް ވަނީހެއްޔެވެ؟ ޖަޒާދެއްވުން ކަނޑައެޅިގެންވާ ދުވަހަށް ލަސް ކުރެއްވުމުގެ ކަލިމަފުޅުނުވާނަމަ، އެ މީހުންގެމެދުގައި ނިޔާ ކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
އަނިޔާވެރިން، އެ މީހުން ހޯދި ނުބައިކަންތަކަށް ލިބޭ އަޒާބަށް ބިރުވެތިވާތީ (އެ ދުވަހުން) ތިބާ ދެކޭނެއެވެ. އެ އަޒާބު އައިސް އެ މީހުންނަށް ޖެހޭހުއްޓެވެ. އަދި އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން ވާހުށީ، ސުވަރުގޭގެ ބަގީޗާތަކުގައެވެ. އެ މީހުން އެދޭކަންތައް، އެ މީހުންގެ ރައްބުގެ ހަޒްރަތުގައި، އެ މީހުންނަށްވެއެވެ. ބޮޑުވެގެންވާ ފަޟްލުވަންތަކަމަކީ ހަމައެއީއެވެ.
އެއީ އީމާންވެ، ސާލިހު އަމަލުތައް ކުޅަ، އެ އިލާހުގެ އަޅުތަކުންނަށް ﷲ އުފާވެރިކަމުގެ ޚަބަރު ދެއްވާ ކަންތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ ކަމުގެ މައްޗަށް (އެބަހީ: ތިމަންކަލޭގެފާނުގެ ރަސޫލުކަން އިއްވެވުމުގެ މައްޗަކަށް) ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ކިބަޔަކުން އެއްވެސް އުޖޫރަޔަކަށް އެދިވަޑައެއް ނުގަންނަވަމެވެ. ގާތްތިމާގެކަމުގެ ލޯބިމެނުވީއެވެ. އަދި ހެޔޮކަމެއްކުރާ މީހާއަށް ތިމަން އިލާހު އެކަމުގައި ހެޔޮކަން އިތުރުކޮށްދެއްވާހުށީމެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ގިނަގިނައިން ޝުކުރުވެރިވެ ވޮޑިގަންނަވާ އިލާހެވެ.
ނުވަތަ އެކަލޭގެފާނު ﷲ އާމެދު އިތުރުފުޅެއް ހެއްދެވީކަމަށް އެ މީހުން ބުނަނީހެއްޔެވެ؟ ފަހެ ﷲ އިރާދަކުރައްވާނަމަ، ކަލޭގެފާނުގެ ހިތްޕުޅުގައި ސިއްކަޖައްސަވައިފީހެވެ. އަދި ﷲ، ބާތިލު ފުއްސަވައި، އެ އިލާހުގެ ކަލިމަފުޅުތަކުން ހައްގު ސާބިތު ކުރައްވައެވެ. ހަމަކަށަވަރުން އެ އިލާހީ، ހިތްތަކުގައި ވާހާކަންތައް މޮޅަށްދެނެވޮޑިގެންވާ އިލާހެވެ.
އެ އިލާހީ، އެ އިލާހުގެ އަޅުތަކުންގެ ކިބައިން ތައުބާ ގަބޫލު ކުރައްވާ، ނުބައިކަންތަކަށް އަފޫކުރައްވާ އިލާހެވެ. އަދި ތިޔަބައިމީހުންކުރާ ކަންތައްތައް، އެ އިލާހު ދެނެވޮޑިގެންވެއެވެ.
އަދި އީމާންވެ، ސާލިހު އަމަލުތައްކުރި މީހުންނަށް އެ އިލާހު އިޖާބަދެއްވާ، އެ އިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން އިތުރުކޮށްދެއްވައެވެ. އަދި ކާފިރުންނަށް ގަދަވެގެންވާ އަޒާބު ހުއްޓެވެ.
ﷲ، އެ އިލާހު (އެންމެހާ) އަޅުންނަށް ރިޒްގު ތަނަވަސްކޮށްދެއްވާފިނަމަ، ބިމުގައި އެ މީހުން ބޮޑާވެ، އަނިޔާވެރިވެގެންފީހެވެ. އެހެނެއްކަމަކު، އެ އިލާހު ރިޒްގު ބާވައިލައްވަނީ، އެ އިލާހު އިރާދަކުރައްވާ ގޮތަކަށް ވަކިމިންވަރަކަށެވެ. ހަމަކަށަވަރުން އެ އިލާހީ، އެ އިލާހުގެ އަޅުތަކުންގެ ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
އެ އިލާހީ، އެ މީހުންގެ އުއްމީދު ކެނޑުމަށް ފަހު، ވާރޭވެއްސަވައި، އެ އިލާހުގެ ރަހުމަތް ފަތުރުއްވާ އިލާހެވެ. އަދި އެ އިލާހީ، ގިނަގިނައިން ހަމްދު ލިބިވޮޑިގެންވާ، އެހީތެރިވަންތަ އިލާހެވެ.
އަދި އުޑުތަކާއި، ބިމާއި، އެ ދެތާނގައި ފަތުރުއްވާފައިވާ ދިރޭތަކެތި ހެއްދެވުމީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އެ އިލާހީ، އެ އިލާހު އިރާދަކުރައްވާހިނދު، އެ ތަކެތި އެއް ކުރެއްވުމަށް ކުޅަދުންވަންތަ އިލާހެވެ.
އަދި ތިޔަބައިމީހުންނަށް ޖެހޭ ކޮންމެ މުސީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދާގަތް ކަންތަކުގެ ސަބަބުންނެވެ. އަދި އެ އިލާހު ގިނަ ކަންތައް އަފޫކުރައްވައެވެ.
އަދި ތިޔަބައިމީހުންނީ، ބިމުގައި (ﷲ) ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެއެވެ. އަދި ތިޔަބައިމީހުންނަކަށް ﷲ ފިޔަވާ އެއްވެސް އެހީތެރިޔަކު، އަދި ނަސްރު ދޭނޭމީހަކުވެސް ނުވެއެވެ.
އަދި ކަނޑުގައިދުވާ ފަރުބަދަތައްފަދަ އުޅަނދުތަކަކީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާތަކެއްޗެވެ.
އެ އިލާހު އިރާދަކުރައްވާނަމަ، ވައިމަޑު ކުރައްވާފީހެވެ. ފަހެ އޭރުން އެއުޅަނދުތައް ފެންމަތީގައި ހުއްޓިހުރެދާނެއެވެ. ހަމަކަށަވަރުން ކެތްތެރިކަންބޮޑު، ޝުކުރުވެރިވުންގިނަ ކޮންމެ މީހަކަށް އެ ކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
ނުވަތަ އެ މީހުން ހޯދި ނުބައިކަންތަކުގެ ސަބަބުން އެ އުޅަނދުތައް ހަލާކު ކުރައްވާފީހެވެ. އަދި (އެ އިލާހު އިރާދަކުރައްވާނަމަ، އެ މީހުންގެ) ގިނަ ފާފަ އަފޫކުރައްވާފީހެވެ.
އަދި ތިމަން އިލާހުގެ އާޔަތްތަކާމެދުގައި ޖަދަލުކުރާ މީހުންނަށް (ތިމަން އިލާހުގެ އަޒާބުން) ފިލަންދާނޭ ތަނެއްނެތްކަން އެނގުމަށް ޓަކައެވެ.
ފަހެ ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އީމާންވެ، އެ މީހުންގެ ރައްބަށް ވަކީލުކުރާ މީހުންނަށް، ﷲ ގެ ހަޒްރަތުގައިވާ ސަވާބު ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން ބޮޑުމެއެވެ.
އަދި އެ މީހުންނީ ބޮޑެތިފާފަތަކާއި، ފާހިޝް ކަންތައްތަކުން ދުރުހެލިވެ ތިބޭމީހުންނެވެ. އަދި އެ މީހުންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ.
އަދި އެ މީހުންނީ، އެ މީހުންގެ ރައްބަށް އިޖާބަދީ، އަދި ނަމާދު ގާއިމުކުރިމީހުންނެވެ. އަދި އެ މީހުންގެ ކަންތައްތައް، އެ މީހުންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަން އިލާހު އެ މީހުންނަށް ދެއްވި ތަކެތިން، އެ މީހުން ހޭދަކުރެއެވެ.
އަދި އެ މީހުންނީ، އެ މީހުންނަށް އަނިޔާވެރިވުމެއް އަންނަހިނދު، ނަސްރު ލިބިގަންނަ މީހުންނެވެ.
ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައި ކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) އަފޫ ކޮށް، ސުލްހަވެރިވެގަތްމީހާގެ ސަވާބު ވަނީ، ﷲ ގެ ހަޒްރަތުގައެވެ. ހަމަކަށަވަރުން އެ އިލާހު، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެއެވެ.
އަނިޔާލިބުމަށް ފަހު، ނަސްރު ލިބިގެންފިމީހާ (ދަންނާށެވެ.) ފަހެ އެ މީހުންގެ މައްޗަކަށް ކުށްވެރިކުރުމުގެ އެއްވެސް މަގެއްނެތެވެ.
އެކަމަކު، ކުށްވެރިކުރުމުގެ މަގެއް އޮތްކަން ކަށަވަރީ، މީސްތަކުންނަށް އަނިޔާވެރިވެ، އަދި ބިމުގައި ހައްގަކާނުލާ ބަޣާވާތްތެރިވެ، ފަސާދަކުރާ މީހުންގެ މައްޗަށެވެ. އެ މީހުންނަށް ވޭންދެވިނި އަޒާބު ހުއްޓެވެ.
އަދި ހަމަކަށަވަރުން ކެތްތެރިވެ، އަފޫކުރިމީހާ (ދަންނާށެވެ.) ހަމަކަށަވަރުން އެ ކަންކަންވަނީ، އަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ.
ﷲ، އެ މީހަކު މަގުފުރައްދަވާމީހާ (ދަންނާށެވެ.) ފަހެ އެ އިލާހު ފިޔަވާ އޭނާއަށް އެއްވެސް އެހީތެރިޔަކު ނުވާނެއެވެ. އަދި އަނިޔާވެރިންނަށް އަޒާބު ފެންނަހިނދު، އެ މީހުން ބުނާތީ ތިބާ ދެކޭނެއެވެ. ދުނިޔެއަށް އަލުން އެނބުރި ދިޔުމަށް، އެއްވެސް މަގެއްވޭހެއްޔެވެ؟
އަދި ނިކަމެތިވެ، ބިރުގެން، ވައްކަޅިން ބަލާ ހާލު، އެ މީހުން ނަރަކައަށް ހުށަހަޅުއްވާތީ ތިބާ ދެކޭނެއެވެ. އަދި އީމާންވި މީހުން ބުނާނެއެވެ. ހަމަކަށަވަރުން ގެއްލުންވިމީހުންނީ، ގިޔާމަތް ދުވަހުގައި، އެ މީހުންގެ އަމިއްލަ ނަފްސުތަކާއި، އަހުލުވެރިން ގެއްލެނިކުރި މީހުންނެވެ. ދަންނާށެވެ. ހަމަކަށަވަރުން އަނިޔާވެރިންވަނީ، ދެމިހުންނަނިވި އަޒާބެއްގައެވެ.
އަދި ﷲ ފިޔަވާ، އެ މީހުންނަށް ނަސްރު ދޭނޭ އެއްވެސް އެހީތެރިޔަކު، އެ މީހުންނަކަށް ނުވާހުއްޓެވެ. އަދި ﷲ މަގުފުރައްދަވާމީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް (ސަލާމަތްވާނޭ) އެއްވެސްމަގެއް ނުވެއެވެ.
ﷲ ގެ ހަޒްރަތުން ރައްދު ނުކުރެވޭނެ ދުވަހެއް (އެބަހީ: ގިޔާމަތް ދުވަސް) އައުމުގެކުރިން، ތިޔަބައިމީހުންގެ ރައްބަށް ތިޔަބައިމީހުން އިޖާބަދޭށެވެ! އެ ދުވަހުން ތިޔަބައިމީހުން ސަލާމަތްވާންދާނެ އެއްވެސްތަނެއް، ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި (ތިޔަބައިމީހުންގެ އަޒާބަށް) އިންކާރުކުރާނޭ މީހަކުވެސް ތިޔަބައިމީހުންނަކަށް ނުވެއެވެ.
ފަހެ އެ މީހުން ފުރަގަސްދީފިނަމަ (ދަންނާށެވެ.) ފަހެ އެ މީހުންގެ މައްޗަށް ބެލެހެއްޓުންތެރިޔަކު ކަމުގައި ތިމަން އިލާހު، ކަލޭގެފާނު ނުފޮނުއްވަމެވެ. އިއްވެވުންމެނުވީ ކަލޭގެފާނުގެ މައްޗަކަށް ނުވެއެވެ. އަދި ހަމަކަށަވަރުން ތިމަން އިލާހުގެ ރަހުމަތެއްގެ ރަހަ ތިމަން އިލާހު އިންސާނާއަށް ދައްކަވައިފިނަމަ، އެ ކަމަށް އޭނާ އުފާކުރެއެވެ. އަދި އެ މީހުންގެ އަތްތަކުން އިސްކުރި ފާފަތަކުގެ ސަބަބުން އެ މީހުންނަށް ނުބައިކަމެއް ޖެހިއްޖެނަމަ ފަހެ ހަމަކަށަވަރުން އިންސާނާއީ (ނިއުމަތްތަކަށް) ދެކޮޅުހަދާ، ކާފިރު ވާމީހެކެވެ.
އުޑުތަކާއި، ބިމުގެ ވެރިކަންވަނީ ﷲ އަށެވެ. އެ އިލާހު އިރާދަކުރައްވާ އެއްޗެއް އެ އިލާހު ހައްދަވައެވެ. އެ އިލާހު އިރާދަކުރައްވާ މީހަކަށް އަންހެން ދަރިން ދެއްވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކަށް ފިރިހެން ދަރިން ދެއްވައެވެ.
ނުވަތަ އެ މީހުންނަށް ފިރިހެން ދަރިންނާއި، އަންހެން ދަރިން ދެއްވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކު، ދަރިމައިނުވާމީހަކު ކަމުގައި ލައްވައެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ އިލާހެވެ.
އަދި ވަހީއަކުން (އެބަހީ: އިލްހާމަކުން ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއް ފަރާތުން، ނުވަތަ މަލާއިކަތަކު ފޮނުއްވައިގެން އެ އިލާހުގެ އިޒުނަފުޅާއެކު އެ އިލާހު އިރާދަކުރައްވާ އެއްޗެއް ވަހީ ކުރެއްވުމުން މެނުވީ، އެއްވެސް އިންސާނަކަށް، ﷲ ބަސް ވަހީކުރެއްވުމެއް ނުވެއެވެ. ހަމަކަށަވަރުން އެ އިލާހީ މަތީގައި ވޮޑިގެންވާ، ހަކީމްވަންތަ އިލާހެވެ.
އަދި ހަމަ އެފަދައިން ތިމަން އިލާހުގެ އަމުރުފުޅުން ކަލޭގެފާނަށް ތިމަން އިލާހު ގުރުއާން ވަހީ ކުރެއްވީމެވެ. ފޮތަކީ ކޮންއެއްޗެއްކަން، އަދި އީމާނަކީ ކޮންއެއްޗެއްކަން ކަލޭގެފާނު (ކުރިން) ދެނެވަޑައިގަންނަވާ ކަމުގައި ނުވެއެވެ. އެހެނެއްކަމަކު، ތިމަން އިލާހުގެ އަޅުންގެ ތެރެއިން ތިމަން އިލާހު އިރާދަކުރައްވާ ބަޔަކަށް، ތިމަން އިލާހު، އެއިން ތެދުމަގު ދައްކަވާ ނޫރެއްކަމުގައި އެ ގުރްއާން ލެއްވީމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނު މަގުދައްކަވަނީ، ސީދާވެގެންވާ ތެދުމަގަށްކަން ކަށަވަރެވެ.
(އެއީ) ﷲ ގެ މަގެވެ. އެ އިލާހީ، އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވާ އިލާހެވެ. ދަންނާށެވެ. ކަންތައްތައް ރުޖޫއަ ވާހުށީ ﷲ ގެ ހަޒްރަތަށެވެ.