އަލްޖާޘިޔާ

Al-Jathiyah

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ޙާ މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
މިއީ ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲ ގެ ހަޒްރަތުން ބާވައިލެއްވި ފޮތެވެ.
3
ހަމަކަށަވަރުން މުއުމިނުންނަށް އުޑުތަކާއި، ބިމުގައި (ﷲ ގެ ގުދުރަތްތެރިކަމުގެ) ހެކިތަކެއްވާކަން ކަށަވަރެވެ.
4
އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި، އެ އިލާހު ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި ޔަގީންކުރާ ބަޔަކަށް ހެކިތަކެއްވެއެވެ.
5
އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިން މަރުވުމަށް ފަހު، ﷲ، އުޑުން ވެއްސެވި ރިޒްގުން (އެބަހީ: ވާރޭފެނުން) އެ ބިން ދިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި، ވިސްނާބަޔަކަށް ހެކިތަކެއްވެއެވެ.
6
އެއީ ﷲ ގެ އާޔަތްތަކެވެ. ހައްގު (ތެދު) ގޮތުގައި ކަލޭގެފާނަށް ތިމަން އިލާހުގެ އާޔަތްތައް ކިޔައިދެއްވަމެވެ. ފަހެ ﷲ ގެ ފޮތާއި، އެ އިލާހުގެ އާޔަތްތަކަށް ފަހުގައި، އެ މީހުން އީމާން ވާނީ ކޮންވާހަކަޔަކަށްހެއްޔެވެ؟
7
ދޮގުހަދާ، ފާފަވެރި ކޮންމެ މީހަކަށް ހަލާކާއި ގެއްލުން ހުއްޓެވެ.
8
ﷲ ގެ އާޔަތްތައް އެ މީހަކަށް ކިޔައިދެވޭ އަޑުއަހައިމެ، ދެން އޭގެ އަޑު ނާހާފަދައިން ބޮޑާވެގަތުމާއެކު (ކާފިރު ކަންމަތީ ދެމިހުރުމަށް) ގަދަހަދާ މީހާއަށް ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ.
9
އަދި ތިމަން އިލާހުގެ އާޔަތްތަކުން އެއްޗެއް އޭނާއަށް އެނގިއްޖެނަމަ، އެއެއްޗެއް ފުރައްސާރައަކަށް ހަދާގެން އުޅެތެވެ. އެ މީހުންނަށް އިހާނަތްތެރިކަންދެނިވި އަޒާބު ހުއްޓެވެ.
10
އެ މީހުންގެ ފަހަތުގައިވަނީ ނަރަކައެވެ. އަދި އެ މީހުން ހޯދި އެއްޗަކުން ނުވަތަ ﷲ ފިޔަވާ އެ މީހުން އެހީތެރިން ކަމުގައި ހިފިތަކެއްޗަކުން، އެ މީހުންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި އެ މީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.
11
މިއީ (އެބަހީ: މި ގުރްއާނަކީ) ތެދުމަގެކެވެ. އަދި އެ މީހުންގެ ރައްބުގެ އާޔަތްތަކަށް ކާފިރުވި މީހުންނަށް ވޭންދެނިވި، އެންމެގަދަ އަޒާބުން އަޒާބު ހުއްޓެވެ.
12
ﷲ އީ، ތިޔަބައިމީހުންނަށް ޓަކައި ކަނޑު ޚިދުމަތްތެރި ކުރެއްވި އިލާހެވެ. (އެއީ) އެ އިލާހުގެ އަމުރުފުޅުން އެ ތާނގައި އުޅަނދުތައް ދުވުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން އެ އިލާހުގެ ފަޟްލުވަންތަކަމުން އެދުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
13
އަދި އުޑުތަކާއި، ބިމުގައި ވާހާ ތަކެއްޗެއް އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި ޚިދުމަތްތެރި ކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެ އިލާހުގެ ހަޒްރަތުންނެވެ. ހަމަކަށަވަރުން އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
14
އީމާންވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ގެ ދުވަސްތަކަށް (އެބަހީ: އެ އިލާހުގެ އުގޫބާތަށް) ބިރުނުގަންނަ މީހުންނަށް މާފު (ކޮށް އެ މީހުންގެ އުނދަގޫތަކަށް ކެތް) ކުރާހުށިކަމެވެ. (އެއީ) އެ މީހުން ހޯދައިއުޅުނު އަމަލުތަކުގެ ސަބަބުން އެ އިލާހު އެ މީހުންނަށް ޖަޒާ ދެއްވުމަށް ޓަކައެވެ.
15
ސާލިހު އަމަލެއް ކޮށްފިމީހާ (ދަންނާށެވެ.) ފަހެ އެ ކަމުގެ ދަރުމަހުރީ، އެ މީހާގެ އަމިއްލަ ނަފްސަށެވެ. އަދި ނުބައި އަމަލެއް ކޮށްފިމީހާ (ދަންނާށެވެ.) ފަހެ އެ ކަމުގެ ހަލާކުހުރީ، ހަމަ އެ ނަފްސުގެ މައްޗަށެވެ. ދެން ތިޔަބައިމީހުން ރުޖޫއަ ކުރައްވާހުށީ، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތަށެވެ.
16
ހަމަކަށަވަރުން އިސްރާއީލުގެ ދަރިންނަށް ތިމަން އިލާހު ފޮތާއި، ހިކުމަތާއި، ނަބީކަން ދެއްވީމެވެ. އަދި ރަނގަޅު ތަކެތިން އެ މީހުންނަށް ރިޒްގު ދެއްވީމެވެ. އަދި (އެދުވަސްވަރުގެ) އާލަމްތަކުގެ މައްޗަށް އެ މީހުން މާތްކުރެއްވީމެވެ.
17
އަދި ދީނުގެ ކަންތަކާމެދުގައި ބަޔާން ވެގެންވާ ހެކިތަކެއް ތިމަން އިލާހު އެ މީހުންނަށް ދެއްވީމެވެ. ފަހެ އެ މީހުންނާ ހަމައަށް އިލްމު އައުމަށް ފަހުގައި މެނުވީ، އެ މީހުން ޚިލާފެއް ނުވެއެވެ. (އެއީ) އެ މީހުންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުންނެވެ. ހަމަކަށަވަރުން އެ މީހުން ޚިލާފުވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ރައްބު ގިޔާމަތް ދުވަހުން އެ މީހުންގެ މެދުގައި ނިޔާ ކުރައްވާނެއެވެ.
18
ދެން ތިމަން އިލާހު ދީނުގެ ކަންތަކުގައި (ފާޅުވެގެންވާ) ޝަރީއަތެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ ކަލޭގެފާނު އެއަށް ތަބާ ވެވަޑައިގަންނަވާށެވެ. އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު ތަބާ ވެވަޑައި ނުގަންނަވާށެވެ.
19
ހަމަކަށަވަރުން އެ މީހުންނަކަށް ﷲ ގެ ހަޒްރަތުން ކަލޭގެފާނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިންނީ އެ މީހުންގެ އެއްބަޔަކު އަނެއް ބަޔެއްގެ އެހީތެރިންނެވެ. އަދި ﷲ އީ، ތަގުވާވެރިންގެ އެހީތެރިވަންތަ އިލާހެވެ.
20
މި ގުރްއާނަކީ، މީސްތަކުންނަށްވާ އަލިގަދަ ދަލީލުތަކެކެވެ. އަދި ޔަގީންކުރާ ބަޔަކަށްވާ ހިދާޔަތަކާއި، ރަހުމަތެކެވެ.
21
ނުބައިކަންތައް ކުރިމީހުން، އީމާންވެ ސާލިހު އަމަލުތައްކުރި މީހުންނާއެއްފަދަ ކަމުގައި ތިމަން އިލާހު ލައްވާނޭކަމަށް (އަދި) އެ މީހުންގެ ދިރިތިބުމާއި، މަރުވުން، ހަމަހަމަވެގެންވާކަމަށް އެ މީހުން ހީކުރީހެއްޔެވެ؟ އެ މީހުން ކުރާ ހުކުމް ހާދަހާ ނުބައިވެގެންވެއެވެ!
22
ﷲ، އުޑުތަކާއި ބިން ހައްގު ގޮތުގައި ހެއްދެވިއެވެ. (އެއީ) ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދިކަމެއްގެ ޖަޒާދެއްވުމަށެވެ. އަދި އެ މީހުންނަކަށް ބޭއިންސާފެއް ނުކުރައްވާހުއްޓެވެ.
23
ފަހެ އެ މީހެއްގެ އެދުންތައް އެއީ، އެ މީހަކު އަޅުކަންކުރާ އިލާހެއްކަމުގައި ހަދާ، އަދި އިލްމު ލިބިފައިވުމާއެކުވެސް، ﷲ އެ މީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަޖައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ﷲ މެނުވީ އެ މީހަކަށް ތެދުމަގު ދައްކާނީ ފަހެ ކާކުހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
24
އެ މީހުން ބުންޏެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެއެވެ. އެކަމާމެދު އެ މީހުންނަކަށް އެއްވެސް އިލްމެއް ނުވެއެވެ. އެ މީހުންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެއެވެ.
25
އަދި އެ މީހުންނަށް ތިމަން އިލާހުގެ އާޔަތްތައް ބަޔާން ވެގެންވާގޮތުގައި ކިޔައިދެއްވާހިނދު، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން ތިމަންމެންނަށް ގެނެސްދޭށޭ ބުނުންމެނުވީ އެ މީހުން ދައްކާނޭ ހުއްޖަތެއް ނުވެއެވެ.
26
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ތިޔަބައިމީހުން ދިރުއްވައެވެ. ދެން އެއަށް ފަހު ތިޔަބައިމީހުން މަރުގަންނަވައެވެ. ދެން ގިޔާމަތް ދުވަހަށް ތިޔަބައިމީހުން (ދިރުއްވައި) އެއް ކުރައްވާނެއެވެ. އެކަމާމެދަކު ޝައްކެއް ނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެ ކަމެއް) ނޭނގެތެވެ.
27
އުޑުތަކާއި، ބިމުގެ ވެރިކަންވަނީ ﷲ އަށެވެ. އަދި ގިޔާމަތުގެ ވަގުތު އަންނަދުވަހު، އެ ދުވަހުން ބާތިލުގެ އަހުލުވެރިން ގެއްލި ހަލާކުވެދާހުއްޓެވެ.
28
އަދި ކޮންމެ އުއްމަތެއްމެ ކަކޫޖަހައިގެންތިބޭތީ ތިބާއަށް ފެންނާނެއެވެ. ކޮންމެ އުއްމަތް އެންމެ އެ އުއްމަތެއްގެ (އަމަލުގެ) ފަތުގެ ކައިރިއަށް ގޮވައި ގެންނަވާނެއެވެ. (އަދި އެ މީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުންނަށް މިއަދު ޖަޒާ ދެއްވާނެއެވެ.
29
މިއީ ތިމަން އިލާހުގެ ފަތެވެ. އެ ފަތް ތިޔަބައިމީހުންގެ މައްޗަށް ހައްގު ގޮތުގައި ހެކިދެއެވެ. ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތައް (މަލާއިކަތުން މެދުވެރި ކުރައްވާ) ލިޔުއްވީމެވެ.
30
ފަހެ އީމާންވެ އަދި ސާލިހު އަމަލުތައްކުޅަމީހުން ދަންނާށެވެ. ފަހެ އެ މީހުންގެ ރައްބު އެ އިލާހުގެ ރަހުމަތުގެ ތެރެއަށް އެ މީހުން ވައްދަވާނެއެވެ. ބަޔާންވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ.
31
އަދި ކާފިރުވި މީހުން ދަންނާށެވެ. (އެ މީހުންނަށް އަންގަވާނެއެވެ.) ފަހެ ތިމަން އިލާހުގެ އާޔަތްތައް ތިޔަބައިމީހުންގެ މައްޗަށް ކިޔައިދެއްވާކަމުގައި ނުވޭހެއްޔެވެ؟ ދެން ތިޔަބައިމީހުން ކިބުރުވެރިވެގަތީމުއެވެ. އަދި ކުށްވެރިބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ.
32
އަދި ހަމަކަށަވަރުން ﷲ ގެ ވައުދުފުޅަކީ ހައްގު ތެދޭ، އަދި ގިޔާމަތާ ދޭތެރޭގައި ޝައްކެއްނެތޭ ބުނާހިނދު، ތިޔަބައިމީހުން ބުނަމުއެވެ. ގިޔާމަތަކީ ކޮންއެއްޗެއްކަން ތިމަންމެން ނުދަންނަމުއެވެ. ތިމަންމެން (އެކަމާމެދު) ހީއެއްނޫނީ ނުކުރަމުއެވެ. އަދި ޔަގީންކުރާބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
33
އަދި އެ މީހުން ކުރި އަމަލުތަކުގެ ނުބައިކަން އެ މީހުންނަށް ފާޅުވިއެވެ. އަދި އެ މީހުން ފުރައްސާރަކޮށް އުޅުނު ކަންތައްތައް (އެބަހީ: އެ ކަމުގެ އަޒާބު) އައިސް، އެ މީހުން ވަށައިލިއެވެ.
34
އަދި އަންގަވާނެއެވެ. ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަން ތިޔަބައިމީހުން ހަނދާންނައްތައިލި ފަދައިން، މިއަދު ތިމަން އިލާހު ތިޔަބައިމީހުންގެ މަތިން ހަނދުމަނައްތަވާހުށީމެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި ތިޔަބައިމީހުންނަށް ނަސްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
35
އެއީ ތިޔަބައިމީހުން ﷲ ގެ އާޔަތްތައް، ފުރައްސާރައެއް ކަމުގައި ހެދިކަމަށް ޓަކައެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރި ކަމަށް ޓަކައެވެ. ފަހެ މިއަދު އެ މީހުން އެ ނަރަކަޔަކުން ނުނެރުއްވާނެއެވެ. އަދި އެ އިލާހު ރުއްސަވާ މަގަށް އެނބުރި ދިޔުމަކަށް، އެ މީހުންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ.
36
ފަހެ ހަމްދު ހުރީ ﷲ އަށެވެ. (އެއީ) އުޑުތަކުގެ ވެރި، އަދި ބިމުގެ ވެރި، އާލަމްތަކުގެ ރައްބެވެ.
37
އަދި އުޑުތަކާއި ބިމުގައި ކިބްރިޔާވަންތަކަން ވަނީ އެ އިލާހަށެވެ. އަދި އެ އިލާހީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ.