މުޙައްމަދު

Muhammad

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
(ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް) ކާފިރުވެ، އަދި ﷲ ގެ މަގުން (އެހެންމީހުން) އެއްކިބާކުރި މީހުންގެ އަމަލުތައް އެ އިލާހު ބާތިލު ކުރެއްވިއެވެ.
2
އަދި އީމާންވެ، ސާލިހު އަމަލުތައްކޮށް، އަދި މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތް އެއީ، އެ މީހުންގެ ރައްބުގެ ހަޒްރަތުން އައި ހައްގު ބަސްފުޅުކަމަށް އީމާންވި މީހުން (ދަންނާށެވެ.) އެ އިލާހު އެ މީހުންގެ ކުށްފާފަތައް އެ މީހުންގެ ކިބައިން ފުއްސަވައި، އަދި އެ އިލާހު، އެ މީހުންގެ ހާލުތައް އިސްލާހުކުރެއްވިއެވެ.
3
އެއީ ކާފިރު ވިމީހުން، ބާތިލަށް ތަބާ ވީކަމުގެ ސަބަބުންނެވެ. އަދި އީމާންވި މީހުން، އެ މީހުންގެ ރައްބުގެ ހަޒްރަތުންއައި ހައްގު ބަސްފުޅަށް ތަބާ ވުމުގެ ސަބަބުންނެވެ. މީސްތަކުންނަށް އެ މީހުންގެ މިސާލުތައް ﷲ ޖައްސަވަނީ އެފަދައިންނެވެ.
4
ފަހެ (ހަނގުރާމައިގެ މައިދާނުގައި) ތިޔަބައިމީހުން ކާފިރުންނާ ބައްދަލުވާހިނދު، އެ މީހުންގެ ކަނދުރާތަކުގައި ޖަހައި ގަތުލުކުރާށެވެ! (ތިޔަބައިމީހުންގެ ބާރު ގަދަކޮށް) އެ މީހުން ގަތުލުކުރުން ގިނަކޮށްފުމަށްދާންދެނެވެ. ފަހެ (އެ ހިނދު އެ މީހުން) ވަރުގަދައަށް ބަނދެ ހައްޔަރުކުރާށެވެ! ދެން އެއަށް ފަހު (އެބަހީ: ހަނގުރާމަ ނިމުމަށް ފަހު) އޮތީ ތިޔަބައިމީހުން އެ މީހުން ދޫކޮށްލުމެވެ. ނުވަތަ އެ މީހުންގެ އަތުން ފިދުޔަ ނެގުމެވެ. (ތިޔަބައިމީހުން މިގޮތުގައި ދެމިތިބޭހުށީ) ހަނގުރާމައިގެ ހަތިޔާރުތައް ބަހައްޓައިފުމަށްދާންދެނެވެ. އެ މީހުންނާމެދު ކަންތައް އޮތްގޮތީ އެއީއެވެ. އަދި ﷲ އިރާދަކުރައްވާނަމަ (ހަނގުރާމަކުރުމަކާ ނުލާ) އެ މީހުންގެ މައްޗަށް ތިޔަބައިމީހުންނަށް ނަސްރު ލިބުނީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (ޖިހާދު ޝަރުއުކުރެއްވީ) ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކު އިމްތިހާނު ކުރެއްވުމަށް ޓަކައެވެ. އަދި ﷲ ގެ މަގުގައި ގަތުލުވީ މީހުން ފަހެ އެ މީހުންގެ އަމަލުތައް އެ އިލާހު ގެއްލެނި ނުކުރައްވާނެއެވެ.
5
އެ އިލާހު އެ މީހުންނަށް (ރަނގަޅު ކަންތަކަށް) މަގުދައްކަވާނެއެވެ. އަދި އެ އިލާހު އެ މީހުންގެ އެންމެހާ ހާލުތައް، އިސްލާހު ކުރައްވާނެއެވެ.
6
އަދި ސުވަރުގެއަށް އެ އިލާހު އެ މީހުން ވައްދަވާނެއެވެ. އެ ސުވަރުގެ ވަނީ، އެ މީހުންނަށް އަންގަވައި ބަޔާންކޮށްދެއްވާފައެވެ.
7
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް (އެބަހީ: ﷲ ގެ ދީނަށް) ނަސްރު ދޭނަމަ، އެ އިލާހު ތިޔަބައިމީހުންނަށް ނަސްރު ދެއްވާނެއެވެ. އަދި އެ އިލާހު ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތު ކުރައްވާނެއެވެ.
8
ކާފިރު ވިމީހުން (ދަންނާށެވެ.) ފަހެ އެ މީހުންނަށް ހަލާކާއި، އަބާއްޖަވެރިކަންހުއްޓެވެ. އަދި އެ އިލާހު އެ މީހުންގެ އަމަލުތައް ގެއްލެނިކުރެއްވިއެވެ.
9
އެއީ ހަމަކަށަވަރުން އެ މީހުން ﷲ ބާވައިލެއްވި ތަކެއްޗަށް ނުރުހުނުކަމަށް ޓަކައެވެ. ދެން ފަހެ އެ އިލާހު އެ މީހުންގެ އަމަލުތައް (ބާތިލުކޮށް) ގެއްލެނި ކުރެއްވިއެވެ.
10
ފަހެ އެ މީހުން ބިމުގައި ދަތުރުފަތުރުކޮށް އެ މީހުންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ އެ މީހުން ނުބަލަނީހެއްޔެވެ؟ އެ މީހުންގެ މައްޗަށް ﷲ ހަލާކުފޮނުއްވައި ނެތިކުރެއްވިއެވެ. އަދި ކާފިރުވި މީހުންނަށްހުރީ އެފަދަ އުގޫބާތްތަކެވެ.
11
އެއީ އީމާންވި މީހުންނަށް އެހީތެރިވެ، ނަސްރު ދެއްވާ ފަރާތެއްކަމުގައި ﷲ ވޮޑިގެންވާކަމުންނެވެ. އަދި ކާފިރުވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ.
12
ހަމަކަށަވަރުން އީމާންވެ ސާލިހު އަމަލުތައްކުރި މީހުން، އެ ތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ﷲ (އެ މީހުން) ވައްދަވާނެއެވެ. އަދި ކާފިރު ވިމީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެ މީހުން ފަސޭހަކަމާއި އަރާމު ލިބިގަނެ، ނައަމްސޫފި ކައިއުޅޭފަދައިން އެ މީހުން ކައިއުޅެތެވެ. އަދި އެ މީހުން ތިބެނިވި ތަނަކީ ނަރަކައެވެ.
13
ކަލޭގެފާނު އެ ރަށަކުން ބޭރުކޮށް ނެރެލި، ކަލޭގެފާނުގެ ރަށަށްވުރެ ބާރުގަދަ ކިތައްކިތައް ރަށުގެ އަހުލުވެރިން، ތިމަން އިލާހު އެ މީހުން ހަލާކު ކުރައްވާ ނެތިކުރެއްވިންހެއްޔެވެ! ފަހެ އެ މީހުންނަށް ނަސްރު ދޭނޭ އެއްވެސް މީހަކު ނުވެއެވެ.
14
ފަހެ އެ މީހެއްގެ ރައްބުގެ ހަޒްރަތުން އައި ސާފު ހެއްކެއްގެ މަތީގައިވާ މީހަކު، އެ މީހެއްގެ ނުބައި އަމަލު އެ މީހަކަށް ޒީނަތްތެރިކުރައްވާފައިވާ މީހަކާއި، އެ މީހުންގެ ހަވާނަފްސުގެ އެދުންތަކަށް ތަބާ ވެގެންވާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟
15
ތަގުވާވެރިންނަށް ވައުދު ކުރައްވާފައިވާ ސުވަރުގޭގެ މިސާލަކީ އެ ތާނގައި ތަޣައްޔަރުކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެ ތާނގައި އެ މީހުންނަށް ޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެ މީހުންގެ ރައްބުގެ ހަޒްރަތުން ފާފަ ފުއްސެވުންހުއްޓެވެ. (މި ހުރިހާ ނިއުމަތްތައް ލިބިގެންވާ މީހުންނާއި) އެ މީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެ މީހުންނަށް ބޯންދެއްވުމުން، އެ މީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟
16
އެ މީހުންގެ ތެރެއިން (އެބަހީ: ކާފިރުންގެ ތެރެއިން) ބަޔަކު، ކަލޭގެފާނު ވިދާޅުވާ ވިދާޅުވުމަށް އަހައިއުޅެތެވެ. ކަލޭގެފާނުގެ އަރިހުން އެ މީހުން ނުކުންނަހިނދު، އިލްމު ލިބިގެންވާ މީހުންނަށް އެ މީހުން ބުނެއެވެ. އެކަލޭގެފާނު ދެންމެއަކު ވިދާޅުވީ ކީކޭހެއްޔެވެ؟ އެ މީހުންނީ، ﷲ އެ މީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައި، ބަންދު ކުރައްވާފައިވާ މީހުންނެވެ. އަދި އެ މީހުންނީ އެ މީހުންގެ ހަވާނަފްސުގެ އެދުންތަކަށް ތަބާ ވެގެންވާ މީހުންނެވެ.
17
އަދި ތެދުމަގު ލިބިގަތް މީހުންނަށް، އެ އިލާހު ހިދާޔަތް އިތުރުކޮށްދެއްވައި، އެބައިމީހުންގެ ތަގްވާވެރިކަން އެބައިމީހުންނަށް ދެއްވިއެވެ.
18
ފަހެ އެ މީހުންނަށް ނޭނގި ތިއްބާ، ކުއްލިޔަކަށް ގިޔާމަތް ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެ މީހުން އިންތިޒާރުކުރޭހެއްޔެވެ؟ ފަހެ ހަމަކަށަވަރުން އެ ކަމުގެ އަލާމާތްތައް އަތުވެއްޖެއެވެ. ފަހެ އެ ކަން އެ މީހުންނާ ހަމައަށް އަތުވެއްޖެހިނދު، އެ މީހުންގެ ހަނދުމަކުރުންވަނީ ކިހިނަކުންހެއްޔެވެ؟
19
ފަހެ ﷲ މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނުގެ ކުށަށް ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ. އަދި މުއުމިނު ފިރިހެނުންނަށާއި، މުއުމިނު އަންހެނުންނަށް ވެސް ފާފަ ފުއްސަވައިދެއްވުމަށް އެދި ދަންނަވާށެވެ. އަދި ތިޔަބައިމީހުން (ދުވާލު) އުޅޭނޫޅޭ ގޮތާއި، (ރޭގަނޑު) ހިމޭންވެ ތިބޭ ތަން ﷲ ދެނެވޮޑިގެންވެއެވެ.
20
އީމާންވި މީހުން ބުނެއެވެ: ”ސޫރަތެއް ބާވައިނުލެއްވީ ކީއްވެބާވައެވެ؟“ އަދި ސަރީހަ ހުކުމް ކަނޑައަޅުއްވާފައިވާ ސޫރަތެއް ބާވައިލައްވާފައި އަދި ހަނގުރާމައިގެ ވާހަކަ އެ ސޫރަތުގައި ބަޔާން ކުރައްވާފި ހިނދު، މަރަށް ހޭނެތިފައިވާ މީހަކު ބަލާ ފަދައިން، އެ ބަޔެއްގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން، ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ފަހެ އެ މީހުންނަށް ހަލާކުހުއްޓެވެ.
21
ކިޔަމަންވުމާއި، ރީތި ބަހެއް ބުނުން (ހެޔޮކަން ބޮޑުވެގެން) ވެއެވެ. ފަހެ ހަނގުރާމަކުރުމުގެ އަމުރުފުޅު ކަނޑައެޅިއްޖެ ހިނދު، ﷲ އަށް އެ މީހުން ތެދުވެރިވީނަމަ، އެ ކަން އެ މީހުންނަށް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ.
22
ފަހެ (ﷲ ގެ ހުކުމަށް) ތިޔަބައިމީހުން ފުރަގަސްދީ އެނބުރިގޮސްފި ނަމަ، ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، ތިޔަބައިމީހުންގެ ރަހިމުގެ ގުޅުންތައް ކަނޑާލުން ގާތްވެގެންވޭ ނޫންހެއްޔެވެ؟
23
އެ މީހުންނީ، އެ މީހުންނަށް ﷲ ލައުނަތް ލެއްވި މީހުންނެވެ. ފަހެ އެ އިލާހު އެ މީހުން ބީރުކުރައްވާ، އަދި އެ މީހުންގެ ލޯތައް ކަނުކުރެއްވިއެވެ.
24
ފަހެ ގުރްއާނާމެދު އެ މީހުން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެ މީހުންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީހެއްޔެވެ؟
25
ހަމަކަށަވަރުން އެ މީހުންނަށް ތެދުމަގު އެނގި ބަޔާންވުމަށް ފަހު، އެ މީހުންގެ ފުރަގަހަށް އެނބުރިދިޔަ މީހުންނަށް ޝައިތާނާ އެ ކަން ޒީނަތްތެރި ކޮށްދެއްކިއެވެ. އަދި އަޖަލުތައް ދިގުވާނެކަމުގެ އެދުން އެ މީހުންނަށް ލައިދިނެވެ.
26
އެއީ، ﷲ ބާވައިލެއްވި ފޮތަށް ނުރުހުންވި މީހުންނަށް، އެ މީހުން ބުނިކަމަށް ޓަކައެވެ. ބައެއްކަންތަކުގައި ތިމަންމެން ތިޔަބައިމީހުންނަށް ކިޔަމަންވާނެއެވެ. އަދި އެ މީހުން ސިއްރުކޮށްފައިވާ ގޮތް ﷲ ދެނެވޮޑިގެންވެއެވެ.
27
އެ މީހުންގެ މޫނުތަކާއި، ބުރިކަށިތަކުގައި ތަޅުއްވަމުން މަލާއިކަތުން އެ މީހުންގެ މަރުހިއްޕަވާހިނދު، އެ މީހުންގެ ހާލު ވާނީ ކޮންފަދައަކުންހެއްޔެވެ؟
28
އެއީ ﷲ ކޯފާވެ ވޮޑިގެންވާ ކަންކަމަށް އެ މީހުން ތަބާވީކަމަށް ޓަކައެވެ. އަދި އެ އިލާހުގެ ރުއްސެވުމަށް އެ މީހުން ނުރުހުންވީކަމަށް ޓަކައެވެ. ފަހެ އެ އިލާހު އެ މީހުންގެ އަމަލުތައް ބާތިލު ކުރެއްވިއެވެ.
29
ނުވަތަ އެ މީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން، އެ މީހުންގެ ރުޅިވެރިކަމާއި، ހަސަދަވެރިކަން ﷲ ފާޅު ނުކުރައްވާނެ ކަމަށް އެ މީހުން ހީކުރީހެއްޔެވެ؟
30
އަދި ތިމަން އިލާހު އިރާދަކުރައްވާނަމަ، ތިމަން އިލާހު ކަލޭގެފާނަށް އެ މީހުން ދައްކަވައިފީމުސްކަން ކަށަވަރެވެ. ފަހެ އެ މީހުންގެ ނިޝާންތަކުން ކަލޭގެފާނަށް އެ މީހުން އެނގިވަޑައިގަތީސްކަން ކަށަވަރެވެ. އަދި ބަސްބުނުމުގެ ރާގުން ކަލޭގެފާނަށް އެ މީހުން އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ. އަދި ﷲ ތިޔަބައިމީހުންގެ އަމަލުތައް ދެނެވޮޑިގެންވެއެވެ.
31
އަދި ތިޔަބައިމީހުންގެ ތެރެއިން ޖިހާދުކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަން އިލާހު ދެނެވޮޑިގެންވެ، އެ ކަން ހާމަވެއްޖައުމަށްދާންދެން އަދި ތިޔަބައިމީހުންގެ ޚަބަރުތައް އަންގަވައި ފާޅު ކުރައްވާފުމަށްދާންދެން ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން އިމްތިހާނު ކުރައްވާހުށީމެވެ.
32
ހަމަކަށަވަރުން ކާފިރުވެ، އަދި ﷲ ގެ މަގުން (އެހެންމީހުން) އެއްކިބާކޮށް، އަދި އެ މީހުންނަށް ތެދުމަގު އެނގި ބަޔާންވުމަށް ފަހު، ރަސޫލާއާ ދެކޮޅުވެރިވާ މީހުންނަކަށް، އެއްވެސް ކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެ އިލާހު އެ މީހުންގެ އަމަލުތައް ބާތިލު ކުރައްވާނެއެވެ.
33
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުންގެ އަމަލުތައް ތިޔަބައިމީހުން ބާތިލު ނުކުރާހުށިކަމެވެ.
34
ހަމަކަށަވަރުން ކާފިރުވެ ﷲ ގެ މަގުން (އެހެންމީހުން) އެއްކިބާކޮށް، ދެން ކާފިރުންކަމުގައި ވެގެންތިބެ މަރުވި މީހުން (ދަންނާށެވެ.) ފަހެ ﷲ، އެ މީހުންނަކަށް ފާފައެއް ނުފުއްސަވާނެއެވެ.
35
ފަހެ ތިޔަބައިމީހުން ނިކަމެތިވެގަނެ، ކާފިރުންނާ ސުލްހަ ވުމަށް ގޮވައިނޫޅޭށެވެ! ގަދަވެ، މަތިވެރިވާނޭ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި ﷲ ވަނީ ތިޔަބައިމީހުންނާ އެކުގައެވެ. އަދި ތިޔަބައިމީހުންގެ އަމަލުތައް އެ އިލާހު އުނިނު ކުރައްވާހުއްޓެވެ.
36
ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ، ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައެވެ. އަދި ތިޔަބައިމީހުން އީމާންވެ، ތަގުވާވެރިވާނަމަ، އެ އިލާހު ތިޔަބައިމީހުންގެ ދަރުމަ، ތިޔަބައިމީހުންނަށް ދެއްވާނެއެވެ. އަދި އެ އިލާހު ތިޔަބައިމީހުންގެ މުދާތަކަކަށް އެދިވޮޑިއެއް ނުގަންނަވައެވެ.
37
ތިޔަބައިމީހުންގެ ކިބައިން އެ އިލާހު އެ ތަކެއްޗަށް އެދިވޮޑިގަންނަވައި، އެ ކަމަށް ބާރުއަޅުއްވާނަމަ، ތިޔަބައިމީހުން ދަހިވެތިވާނެއެވެ. އަދި އެ އިލާހު ތިޔަބައިމީހުންގެ ރުޅިވެރިކަމާއި، ހަސަދަވެރިކަން ފާޅު ކުރައްވާނެއެވެ.
38
އޭ މިތިބަމީހުންނެވެ. ތިޔަބައިމީހުން ތިޔަތިބީއެވެ. ﷲ ގެ މަގުގައި ހޭދަކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވައެވެ. އެ ހިނދު، ދަހިވެތިވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި ދަހިވެތިވާ މީހާ (ދަންނާށެވެ.) ފަހެ އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސުގެ ފަރާތުންނެވެ. ﷲ އީ، ފުދިވޮޑިގެންވާ އިލާހެވެ. އަދި ފަގީރުންނަކީ ތިޔަބައިމީހުންނެވެ. އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެ އިލާހު ގެންނަވާހުއްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެ މީހުން ނުވާނެއެވެ.