ޤާފް

Qaf

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ގާފް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) ގުރްއާނުލް މަޖީދު ގަންދެއްވަމެވެ. (ހަމަކަށަވަރުން އިންޒާރުކުރައްވާ ބޭކަލަކު ކަމުގައި ތިމަން އިލާހު މުޙައްމަދުގެފާނު ފޮނުއްވީމެވެ.)
2
އަދި ކިއެއް! އިންޒާރުކުރައްވާ ބޭކަލަކު އެ މީހުންގެ ތެރެއިން، އެ މީހުންގެ ގާތަށް ވަޑައިގަތްކަމަށް ޓަކައި، އެ މީހުން ހައިރާންވިއެވެ. ފަހެ ކާފިރުން ބުންޏެވެ. މިއީ އަޖާއިބު ވާފަދަ ކަމެކެވެ.
3
(ތިމަންމެން އަލުން ދިރުމަކަށް ރުޖޫއަ ވާހުށީ) ތިމަންމެން މަރުވެ ވެއްޔަށްވީމާހެއްޔެވެ؟ އެއީ ވަރަށް ވެސް ދުރު ރުޖޫއަ ވުމެކެވެ.
4
ހަމަކަށަވަރުން ބިންގަނޑު އެ މީހުންގެ ހަށިތަކުން އުނިކުރާ އެއްޗެއް ތިމަން އިލާހު ދެނެވޮޑިގެންވަމެވެ. އަދި ތިމަން އިލާހުގެ ހަޒްރަތުގައި (ހުރިހާ އެއްޗެއް) ރައްކާކުރާ ފޮތެއްވެއެވެ.
5
އަދި ކިއެއް! އެ މީހުންގެ ގާތަށް ހައްގު އައި ހިނދު، އެ މީހުން އެ ދޮގުކުރިއެވެ. ފަހެ އެ މީހުން ވަނީ، ހަމަޖެހުމެއްނެތް ހާލަތެއްގެ ތެރޭގައެވެ.
6
ފަހެ އެ މީހުންނާ ދިމާ މަތީގައިވާ އުޑު، ތިމަން އިލާހު ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެ މީހުން ނުބަލަނީހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ.
7
އަދި ތިމަން އިލާހު ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ.
8
(އެއީ ތިމަން އިލާހަށް ތައުބާވެ) ރުޖޫއަވާ ކޮންމެ އަޅަކަށް އިބްރަތެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ.
9
އަދި ތިމަން އިލާހު އުޑުން ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ.
10
އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.)
11
(އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަން އިލާހު ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ.
12
އެ މީހުންގެ ކުރީގައި، ނޫޙުގެފާނުގެ ގައުމުގެ މީހުންނާއި، ރައްސުގެ އެކުވެރިންނާއި، ޘަމޫދު ބާގައިމީހުން (ރަސޫލުން) ދޮގުކުރިއެވެ.
13
އަދި ޢާދު ބާގައިމީހުންނާއި، ފިރްޢައުނާއި ލޫޠުގެފާނުގެ އިޚްވާނުންވެސް (ދޮގުކުރިއެވެ.)
14
އަދި އަލްއައިކަތުގެ އެކުވެރިންނާއި، ތުއްބަޢުގެ ގައުމުގެ މީހުންނާއި، އެހުރިހާ އެންމެންވެސް ރަސޫލުން ދޮގުކުރިއެވެ. ތިމަން އިލާހުގެ ވައީދު (އެ މީހުންނަށް) ހައްގު ވެއްޖެއެވެ.
15
ފަހެ ފުރަތަމަފަހަރު އުފެއްދެވުމަށް، ތިމަން އިލާހު ނުކުޅެދިވޮޑިގެން ވީންހެއްޔެވެ؟ (ވީމާ، ދެވަނަފަހަރަށް އަލުން އިއާދަ ކުރެއްވުމަށް ނުކުޅެދިވޮޑިގެން ވާނެހެއްޔެވެ؟) އަދި ކިއެއް! އެ މީހުން ވަނީ އަލުން ހެއްދެވުމާމެދު ޝައްކެއްގައެވެ.
16
އަދި ހަމަކަށަވަރުން ތިމަން އިލާހު އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސު އޭނާއަށް ވަސްވާސްދޭ ކަންތައް ތިމަން އިލާހު ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަން އިލާހު އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ.
17
(އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ މަލާއިކަތުން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ.
18
ލިޔެ ރައްކާތެރިކުރާ އަދި ތައްޔާރަށް ހާޒިރުވެ ތިބި މަލާއިކަތުން އޭނާގެ ގާތުގައިވާ ހާލު މެނުވީ، އޭނާ ބުނާ ލަފްޒުގެ ތެރެއިން އެންމެ ބަހެއް ވެސް ނުބުނާނެއެވެ.
19
އަދި މަރުގެ ސަކަރާތް ހައްގު ގޮތުގައި އަންނަހުއްޓެވެ. އެއީ ތިބާ އެއަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ.
20
(އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލައްވާނެއެވެ. އެއީ (ކާފިރުންނަށް އަޒާބުގެ) ވައީދު އަންނަ ދުވަހެވެ.
21
އަދި (އެ ދުވަހު) ކޮންމެ ނަފްސެއް (މަހުޝަރު ބިމަށް) އަންނަހުށީ، އޭނާޔާ އެކުގައި ލަވައި ގެންދާނޭ މަލާއިކަތަކާއި، ހެއްކަކުވާ ހާލުގައެވެ.
22
ހަމަކަށަވަރުން ތިބާ މިކަންތަކާމެދު ޣާފިލުކަމެއްގައިވީމުއެވެ. ފަހެ ތިމަން އިލާހު ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފުކުރެއްވީމެވެ. ފަހެ މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ.
23
އަދި އޭނާޔާ ހަވާލު ވެފައިވާ މަލާއިކަތާ ވިދާޅުވާނެއެވެ. އަހަރެންނާއެކު ހާޒިރުކުރައްވާފައިވަނީ އޭނާގެ އަމަލުތަކުގެ ފަތެވެ.
24
(އެ ދެ މަލާއިކަތުންނަށް އަންގަވާނެއެވެ.) ހައްގު އާދެކޮޅުހަދާ، ގޮތްދޫނުކުރާ ކޮންމެ ކާފިރަކު ނަރަކައަށް އެއްލަވާށެވެ.
25
(އެއީ) ހެޔޮކަންތައް މަނާކުރުން ގިނަ އަނިޔާވެރި، ދީނާމެދު ޝައްކުކުރާ ކޮންމެ މީހެކެވެ.
26
އެއީ ﷲ އާއެކު އެހެން އިލާހަކު ޝަރީކުކުރި މީހާއެވެ. ފަހެ ތިޔަ ދެ މަލާއިކަތުން، އޭނާ ގަދަފަދަ އަޒާބުގެ ތެރެއަށް އެއްލަވާށެވެ.
27
އޭނާޔާ އެކުގައިވާ ޝައިތާނާ ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. އޭނާ މަގުފުރެއްދީ ތިމަންނައެއް ނޫނެވެ. އެހެނެއްކަމަކު، އޭނާވީ ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
28
އެ އިލާހު ވަހީ ކުރައްވާނެއެވެ. ތިމަން އިލާހުގެ ހަޒްރަތުގައި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ. ހަމަކަށަވަރުން ތިމަން އިލާހު، ތިޔަބައިމީހުންނަށް އަޒާބުގެ ވައީދު ވަނީ އިސް ކުރައްވާފައެވެ.
29
ތިމަން އިލާހުގެ ހަޒްރަތުގައި ބަސްފުޅު ބަދަލުވުމެއް ނެތެވެ. އަދި ތިމަން އިލާހީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ އިލާހަކު ކަމުގައި ނުވަމެވެ.
30
އެ ދުވަހު ތިމަން އިލާހު ނަރަކައަށް ވަހީކުރައްވާނެއެވެ: ކަލޭ ފުރިއްޖެހެއްޔެވެ؟ އަދި އެ ނަރަކަ ދަންނަވާނެއެވެ: ދެން އިތުރަކަށް ނެތްތޯއެވެ؟
31
އަދި ތަގުވާވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެއެވެ.
32
(އަދި އަންގަވާނެއެވެ.) މިއީ ތިޔަބައިމީހުންނަށް ވައުދު ކުރައްވާ ކަންތަކެވެ. (އެ ކަންއޮތީ) ﷲ ގެ ހަޒްރަތަށް ގިނަގިނައިން ރުޖޫއަވާ، އަދި އެ އިލާހުގެ އަހުދުތަކަށް ރައްކާތެރިވާ ކޮންމެ މީހަކަށެވެ.
33
(އެއީ) އައްރަޙްމާނަށް ޣައިބުގައި ބިރުވެތިވެ، އަދި (އެ އިލާހުގެ ހަޒްރަތަށް ތައުބާވެ) ރުޖޫއަވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ.
34
(ތަގުވާވެރިންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން އަމާންކަމާއެކު އެ ސުވަރުގެއަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ.
35
އެ ސުވަރުގޭގައި އެ މީހުންނަށް އެ މީހުން އެދޭހާ ކަމެއްވެއެވެ. އަދި ތިމަން އިލާހުގެ ހަޒްރަތުގައި އިތުރު ނިއުމަތްތައްވެސް ވެއެވެ.
36
އަދި އެ މީހުންގެ ކުރިން، ތިމަން އިލާހު ކިތައްކިތައް އުއްމަތް ހަލާކުކުރެއްވިންހެއްޔެވެ؟ އެ މީހުންނަށްވުރެ، އެ އިހުގެ މީހުން ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ އެ މީހުން ރަށްތަކަށް ދަތުރުކޮށް ހޯދައި ބެލިއެވެ. އެ މީހުންނަށް ފިލަންދާނެތަނެއް ފެނުނުހެއްޔެވެ؟
37
ހަމަކަށަވަރުން ހިތެއްވާ މީހަކަށް، ނުވަތަ ހާޒިރު ވެހުރެ ކަނުލާ އަހާމީހަކަށް، އެކަމުގައި ނަސޭހަތާއި އިބްރަތް ވާކަން ކަށަވަރެވެ.
38
ހަމަކަށަވަރުން ތިމަން އިލާހު އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަން އިލާހަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވައެވެ.
39
ފަހެ އެ މީހުން ދައްކާ ވާހަކަތަކަށް ކަލޭގެފާނު ކެތް ކުރައްވާށެވެ. އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮސްފުހުމުގެ ކުރީގައި، ކަލޭގެފާނުގެ ރައްބަށް، ހަމްދާއެކު ތަސްބީހަ ވިދާޅުވެ، ނަމާދު ކުރައްވާށެވެ.
40
އަދި ރޭގަނޑުގައި އެ އިލާހަށް ތަސްބީހަ ވިދާޅުވެ، ނަމާދު ކުރައްވާށެވެ. އަދި ނަމާދުތަކުގެ ފަހުގައި، ތަސްބީހަ ވިދާޅުވާށެވެ.
41
އަދި ކައިރިތަނަކުން ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާ ދުވަހު (ރަނގަޅަށް) އަޑުއަހާށެވެ!
42
(އެއީ) އެ މީހުންނަށް (އެބަހީ: ޚަލްގުތަކުންނަށް) ހައްގު ގޮތުގައި ގަދަފަދަ އަޑު އިވޭނޭ ދުވަހެވެ. (އެއީ ތާޅަފިލީގެ ދެވަނަ ފުމެލެއްވުމުގެ އަޑެވެ.) އެއީ (ކަށްވަޅުތަކުން އެންމެން) ނުކުތުމުގެ ދުވަހެވެ.
43
ހަމަކަށަވަރުން ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ ތިމަންއިލާހެވެ. އަދި (އެންމެހާ ތަކެތި) ރުޖޫއަ ވުންވަނީ ތިމަން އިލާހުގެ ހަޒްރަތަށެވެ.
44
(އެއީ) އެ މީހުންގެ މަތިން ބިންގަނޑު ފަޅަފަޅައިގެންގޮސް އަވަސްއަވަހަށް މަހުޝަރު ބިމަށް އެ މީހުން ގެންދަވާ ދުވަހެވެ. އެއީ ތިމަން އިލާހަށް ދާދިފަސޭހަ އެއް ކުރެއްވުމެކެވެ.
45
އެ މީހުން (އެބަހީ: ކާފިރުން) ބުނެއުޅޭ ބަސްތައް، ތިމަން އިލާހު މޮޅަށް ދެނެވޮޑިގެންވަމެވެ. އަދި ކަލޭގެފާނަކީ އެ މީހުންގެ މައްޗަށް ގަދަކަން ދެއްކެވުމަށް ފޮނުއްވާފައިވާ ބޭކަލެއް ނޫނެވެ. ފަހެ ތިމަން އިލާހު ވައީދަށް ބިރުގަންނަ މީހަކަށް، ކަލޭގެފާނު ގުރްއާނުން ވައުޒާއި ނަސޭހަތް އިއްވަވާށެވެ.