ޠޫރު ފަރުބަދަ ގަންދެއްވަމެވެ.
އަދި ލިޔެވިގެންވާ ފޮތް ވެސް ގަންދެއްވަމެވެ.
އެ ފޮތް ލިޔެވިފައިވަނީ ފަތުރައިލެވިފައިވާ ހަމުގައެވެ.
އަދި އަލްބައިތުލް މައުމޫރު ވެސް ގަންދެއްވަމެވެ. (އެބަހީ: އުޑުގައި މަލާއިކަތުން އަޅުކަން ކުރައްވާ ތަނެވެ.)
އަދި އުފުލިގެންވާ އުޑު ވެސް ގަންދެއްވަމެވެ.
އަދި ފުރިގެންވާ ކަނޑު ވެސް ގަންދެއްވަމެވެ.
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ އަޒާބަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ.
އެ އަޒާބު (އެ މީހުންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެއެވެ.
އެއީ އުޑު، ވަރަށްގަދަޔަށް ގުޑައިގެންދާ ދުވަހެވެ.
އަދި ފަރުބަދަތައް (ހުރިތަނުން ނެއްޓި) ހިނގައިގަންނަ ދުވަހެވެ.
ފަހެ އެ ދުވަހުން ދޮގުކުރާ މީހުންނަށް ގެއްލުމާއި، ހަލާކު ހުއްޓެވެ.
އެ މީހުންނީ ހަމަ ބާތިލު ވާހަކައިގައި ކުޅެކުޅެތިބޭ މީހުންނެވެ.
އެ ދުވަހު ނަރަކައިގެ އަލިފާނުގެ ތެރެއަށް އެ މީހުން ކޮއްޕައި ވައްޓައިލައްވާނެއެވެ.
(އަދި އަންގަވާނެއެވެ.) މިއީ ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކައެވެ.
ފަހެ މިއީވެސް ޖާދޫހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންނަށް ނުފެންނަނީހެއްޔެވެ؟
ތިޔަބައިމީހުން އެ ނަރަކައަށް ވަންނާށެވެ! އަދި (އެ އަޒާބަށް) ކެތްކުރާށެވެ! ނުވަތަ ކެތްނުކުރާށެވެ! (ކެތްކުރުމާއި ނުކުރުން) ތިޔަބައިމީހުންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ތިޔަބައިމީހުންނަށް ޖަޒާލިބޭކަން ކަށަވަރީ، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށެވެ.
ހަމަކަށަވަރުން ތަގުވާވެރިން ވާހުށީ، ސުވަރުގެތަކެއްގައެވެ. އަދި ބޮޑުވެގެންވާ ނިއުމަތްގައެވެ.
(އެ މީހުން އެ ސުވަރުގެތަކުގައި ތިބޭހުށީ) އެ މީހުންގެ ރައްބު އެ މީހުންނަށް ދެއްވި ތަކެތިން މީރުކަން ލިބިލިބިއެވެ. އަދި އެ މީހުންގެ ރައްބު، ނަރަކައިގެ އަޒާބުން އެ މީހުން ދިންނެވިއެވެ.
(އަދި އަންގަވާނެއެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، އަރާމުލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!
(އެ މީހުން ތިބޭނީ) އެތުރިފައިވާ ދާންތަކެއްގެ މަތީގައި ލެނގިލައިގެންވާ ހާލުގައެވެ. އަދި ތިމަން އިލާހު އެ މީހުންނަށް ޙޫރުލްޢީނުން އަނބިކޮށްދެއްވީމެވެ.
އަދި އީމާންވި މީހުންނާއި، އެ މީހުންގެ ދަރިން ވެސް އީމާންކަމާއެކު އެ މީހުންނާ ތަބާވި މީހުން (ދަންނައެވެ.) ތިމަން އިލާހު، އެ މީހުންގެ ދަރިން ވެސް އެ މީހުންނާ އެއް ދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެ މީހުންގެ އަމަލުތަކުން އެއްވެސް މިންވަރެއް ތިމަން އިލާހު އުނި ނުކުރައްވާހުށީމެވެ. ކޮންމެ މީހަކު ވެސް އޭނާ ހޯދި އަމަލަކަށް ވަނީ ރަހީނުވެފައެވެ. (އެބަހީ: އެހެން މީހެއްގެ ފާފައެއް ނުއުފުލާނެއެވެ.)
އަދި އެ މީހުން ހިތްއެދޭ މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ތިމަން އިލާހު އެ މީހުންނަށް ދެއްވާހުށީމެވެ.
އެ ސުވަރުގޭގައި މަސްތުކުރުމެއް، އަދި ފާފަވެރިކުރުމެއްނުވާ، ބުއިމުގެ ތަށިތަކެއް އެކަކު އަނެކަކަށް ދީހަދާނެއެވެ.
އަދި އެ މީހުންނަށް ޚާއްސަ ވެފައިވާ ފިރިހެންކުދިން އެ މީހުންގެ ޚިދުމަތުގައި ބުރުޖަހާނެތެވެ. އެކުދިން ރައްކާތެރިވެގެންވާ މުތީތަކެއްފަދައެވެ.
އަދި އެކަކު އަނެކަކާ ސުވާލުކުރަމުން، އެ މީހުންގެ އެއްބަޔަކު އަނެއް ބަޔެއްގެ ގާތަށް ކުރިމަތިލައި އަންނާނެއެވެ.
އެ މީހުން ބުނާނެއެވެ. ހަމަކަށަވަރުން ކުރިން ތިމަންމެން، ތިމަންމެންގެ އަހުލުވެރިންގެ ތެރޭގައި އުޅުނުއިރު (ﷲ ގެ އަޒާބަށް) ބިރުވެތިވެގެންވީމުއެވެ.
ދެން ﷲ ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންނެވިއެވެ. އަދި ނަރަކައިގެ އަޒާބުން ތިމަންމެން ދިންނެވިއެވެ.
ހަމަކަށަވަރުން ކުރިން ތިމަންމެން އެ އިލާހަށް އަޅުކަންކޮށްއުޅުނީމުއެވެ. ހަމަކަށަވަރުން އެ އިލާހީ، އިހްސާންތެރިވަންތަ، ރަޙީމްވަންތަ އިލާހެވެ.
ފަހެ ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ. ފަހެ ކަލޭގެފާނުގެ ރައްބުގެ ރަހުމަތްފުޅުން ކަލޭގެފާނީ، ކާހިނަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެއެވެ.
އަދި ކިއެއް! އެއީ ޝާޢިރު އެކޭ އެ މީހުން ބުނަނީހެއްޔެވެ؟ އެ ޝާޢިރު މަރުވެދިޔުމަށް ތިމަންމެން ބަލަބަލައި ތިބެމުއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ބަލަބަލައިތިބޭށެވެ! ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު ބަލަބަލައިތިބޭ މީހުންގެ ތެރެއިން ވަމެވެ.
އަދި ކިއެއް! އެ މީހުންގެ ބުއްދިތައް އެ ގޮތަށް ބުނުމަށް އެ މީހުންނަށް އަމުރުކުރަނީހެއްޔެވެ؟ ނުވަތަ އެ މީހުންނީ ވިސްނުމަކާނުލާ ދެކޮޅުހަދާ ބަޔަކީހެއްޔެވެ؟
އަދި ކިއެއް! އެ ގުރްއާނަކީ، އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން ވިދާޅުވާ އެއްޗެއްކަމަށް އެ މީހުން ބުނެއުޅެނީހެއްޔެވެ؟ އަދި ކިއެއް! އެ މީހުން އީމާނެއް ނުވެއެވެ.
ފަހެ އެ މީހުންނީ، ތެދުބުނާބަޔަކު ކަމުގައިވާނަމަ، އެފަދަ ގުރްއާނަކާއިގެން އައިސްބަލާށެވެ!
އަދި ކިއެއް! ހެއްދެވި ފަރާތެއް ނެތި އެ މީހުން ހަމަ ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، ޚުދު އެ މީހުންހެއްޔެވެ؟
އަދި ކިއެއް! އުޑުތަކާއި، ބިން ހެދީ އެ މީހުންހެއްޔެވެ؟ ކިއެއްތަ! އެ މީހުން ރަނގަޅަށް ޔަގީން ނުކުރަނީއެވެ.
އަދި ކިއެއް! ކަލޭގެފާނުގެ ރައްބުގެ ޚަޒާނާތައް އެ މީހުންގެ ގާތުގައި ވަނީހެއްޔެވެ؟ ނުވަތަ އެ ކަންކަމުގެ ބާރު، އެ މީހުންނަށް ލިބިގެންވަނީހެއްޔެވެ؟
އަދި ކިއެއް! (މަލާއިކަތުން ދައްކަވާ ވާހަކަފުޅު) އެ މީހުން އެހުމަށް އެ މީހުންނަށް ހަރުގަނޑެއް ވަނީހެއްޔެވެ؟ ފަހެ އެ މީހުން ކުރެ އަހާކަމަށްބުނާ މީހާ، ބަޔާންވެގެންވާ ހުއްޖަތެއް ގެނެސްދީބަލާށެވެ!
އަދި ކިއެއް! އެ އިލާހަށް އަންހެން ދަރިންވެފައި، ފިރިހެން ދަރިން، ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟
އަދި ކިއެއް! އެ މީހުންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީހެއްޔެވެ؟ ފަހެ އެ މީހުން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެ މީހުންނަށް ބުރަކަމެއް ލިބެނީހެއްޔެވެ؟
އަދި ކިއެއް! ފަހެ އެ މީހުން އެއިން ލިޔުމަށް އެ މީހުންގެ ގާތުގައި ޣައިބުގެ އިލްމު ވަނީހެއްޔެވެ؟
އަދި ކިއެއް! އެ މީހުން (ކަލޭގެފާނާމެދު) ކެހިވެރި ރޭވުމެއް ރާވަން އެދެނީހެއްޔެވެ؟ ފަހެ ކެހިވެރިކަން ރައްދުވާބަޔަކީ ކާފިރުންނެވެ.
އަދި ކިއެއް! ﷲ ފިޔަވާ އެހެން އިލާހެއް އެ މީހުންނަށް ވަނީހެއްޔެވެ؟ އެ މީހުން ޝަރީކުކުރާ ތަކެތިން ﷲ ހުސްތާހިރުވަންތަވެ ވޮޑިގެންވެއެވެ.
(އެ މީހުންނަށް އަޒާބެއްގެ ގޮތުގައި) އުޑުން ތަންގަނޑެއް ވެއްޓޭތަން އެ މީހުންނަށް ފެނިއްޖެނަމަ، މަތިމައްޗަށްހުރި ވިލާތަކެކޭ އެ މީހުން ބުނާނެއެވެ.
ފަހެ އެ މީހުން ހަލާކުވެގެންދާ ދުވަހާ އެ މީހުން ބައްދަލުވެއްޖައުމަށް ދާންދެން، ކަލޭގެފާނު އެ މީހުން ދޫކޮށްލައްވާށެވެ.
(އެއީ) އެ މީހުންގެ މަކަރުވެރި ރޭވުން، އެ މީހުންނަށް އެއްވެސްކަމެއް ފުއްދައިނުދޭ، އަދި އެ މީހުންނަށް ނަސްރުވެރިކަމެއްވިޔަސް ނުލިބޭ ދުވަހެވެ.
ހަމަކަށަވަރުން އަނިޔާވެރިވީ މީހުންނަށް (ދުނިޔޭގެ) އަޒާބުގެ އިތުރަށް އަޒާބު ހުއްޓެވެ. އެހެނެއްކަމަކު އެ މީހުން ކުރެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
ކަލޭގެފާނުގެ ރައްބުގެ ހުކުމްފުޅަށް ކެތް ކުރައްވާށެވެ. ފަހެ ހަމަކަށަވަރުން ކަލޭގެފާނުވަނީ ތިމަން އިލާހުގެ ބެއްލެވުމުގެ ދަށުގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާހިނދު ކަލޭގެފާނުގެ ރައްބަށް ހަމްދާއެކު ތަސްބީހަ ވިދާޅުވާށެވެ.
އަދި ރޭގަނޑުން ބައެއްގައްޔާއި، ތަރިތައް އޮއްސޭ ހިނދު، ކަލޭގެފާނު އެ އިލާހަށް ތަސްބީހަ ވިދާޅުވާށެވެ.