އަލްޤަމަރު

Al-Qamar

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ގިޔާމަތް ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ.
2
އަދި އެ މީހުންނަށް ހެއްކެއް ފެންނަނީނަމަ، އެ މީހުން ފުރަގަސްދެތެވެ. އަދި ބުނެއެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ.
3
އަދި އެ މީހުން (ހައްގު ބަސްފުޅު) ދޮގުކުރިއެވެ. އަދި އެ މީހުންގެ އަމިއްލަ އެދުންތަކަށް އެ މީހުން ތަބާ ވިއެވެ. ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ.
4
ހަމަކަށަވަރުން ޚަބަރުތަކުގެ ތެރެއިން އެ ކަންކަމުގައި އިބްރަތް ހިމެނިގެންވާ ޚަބަރުތައް އެ މީހުންގެ ގާތަށްއައެވެ.
5
(މިއީ) ފުރިހަމަވެގެންވާ ހިކުމަތެކެވެ. ފަހެ އިންޒާރުތައް (އެ މީހުންނަކަށް އެއްވެސްކަމެއް) ފުއްދައެއް ނުދެތެވެ.
6
ފަހެ ކަލޭގެފާނު އެ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ. ނުރުހެވޭ ކަމަކަށް ގޮވާ ފަރާތް ގޮވާ ދުވަސް (ހަނދުމަ ކުރައްވާށެވެ.)
7
އެ މީހުންގެ ލޯތައް ތިރިވެ، ނިކަމެތިވެގެންވާ ހާލު، ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެ މީހުން ނުކުންނާނެއެވެ.
8
ގޮވާ ފަރާތަށް (ދިޔުމަށް) އަވަސްވެގަންނަ ހާލުގައެވެ. ކާފިރު ވިމީހުން ބުނާނެއެވެ. މިއީ ދަތި އުނދަގޫ ދުވަހެކެވެ.
9
އެ މީހުންގެ ކުރިން ނޫޙުގެފާނުގެ ގައުމުގެ މީހުންވެސް ދޮގުކުރިއެވެ. ފަހެ އެ މީހުން ތިމަން އިލާހުގެ އަޅާ ދޮގުކުރިއެވެ. އަދި އެ މީހުން ބުންޏެވެ. މޮޔައެކެވެ. އަދި އެ މީހުން އެކަލޭގެފާނަށް ބިރުދައްކައި ހެދިއެވެ.
10
ފަހެ އެކަލޭގެފާނުގެ ރައްބަށް، އެކަލޭގެފާނު ދުއާ ކުރައްވާ ވިދާޅުވިއެވެ: ހަމަކަށަވަރުން މިއަޅާވަނީ، ދެރަކޮށްލައިފައެވެ. ފަހެ (މިއަޅާއަށް) ނަސްރު ދެއްވާނދޭވެ.
11
ފަހެ ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަން އިލާހު އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ.
12
އަދި ތިމަން އިލާހު ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ.
13
އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަން އިލާހު އެކަލޭގެފާނު އުފުއްލެވީމެވެ.
14
ތިމަން އިލާހު ބައްލަވާވޮޑިގަތުމާއެކު، އެ ނައު، ދުވަމުންދެތެވެ. (އެ މީހުން) ދޮގުކުރި ކަލޭގެފާނަށް (އެބަހީ: ނޫޙުގެފާނަށް) ހެޔޮ ޖަޒާއެއްކަމުގައެވެ.
15
އަދި ހަމަކަށަވަރުން އެ ކަންތައްއެއީ، ހެއްކެއްކަމުގައި ތިމަން އިލާހު ލެހެއްޓެވީމެވެ. ފަހެ ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟
16
ފަހެ ތިމަން އިލާހުގެ އަޒާބާއި، ތިމަން އިލާހުގެ އިންޒާރުތައްވީ ކޮންފަދައަކުންހެއްޔެވެ؟
17
ހަމަކަށަވަރުން ތިމަން އިލާހު ގުރްއާން ހަނދުމަކުރުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟
18
ޢާދު ބާގައިމީހުންވެސް ދޮގުކުރިއެވެ. ފަހެ ތިމަން އިލާހުގެ އަޒާބާއި ތިމަން އިލާހުގެ އިންޒާރުތައްވީ ކޮންފަދައަކުންހެއްޔެވެ؟
19
ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންގެ މައްޗަށް ފޮނުއްވީމެވެ.
20
އެ ވައިރޯޅިއައިސް، މީސްތަކުން (ތިބި ތަނުން) ލުހެލަތެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެ މީހުން ވާކަހަލައެވެ.
21
ފަހެ ތިމަން އިލާހުގެ އަޒާބާއި ތިމަން އިލާހުގެ އިންޒާރުތައްވީ ކޮންފަދައަކުންހެއްޔެވެ؟
22
ހަމަކަށަވަރުން ތިމަން އިލާހު ގުރްއާން ހަނދުމަކުރުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ ހަނދުމަކުރާމީހަކު ވޭހެއްޔެވެ؟
23
ޘަމޫދު ބާގައިމީހުން އިންޒާރުތައް ދޮގުކުރިއެވެ.
24
ފަހެ އެ މީހުން ބުންޏެވެ. ތިމަންމެން ތަބާ ވާންވީ ތިމަންމެންގެ ތެރެއިން އެންމެ އާދަމުގެ ދަރިޔަކަށްހެއްޔެވެ؟ އެހެންވިއްޔާ، ހަމަކަށަވަރުން ތިމަންމެންވާހުށީ، މަގުފުރެދުމާއި، މޮޔަކަމެއްގެ ތެރޭގައިކަން ކަށަވަރެވެ.
25
ތިމަންމެންގެ ތެރެއިން، ހަމަ އޭނާއަށް ވަހީ ބާވައިލެއްވީހެއްޔެވެ؟ އަދި ކިއެއް! އޭނާޔަކީ ބޮޑު ދޮގުވެރި، ބޮޑާ މީހެކެވެ.
26
ބޮޑު ދޮގުވެރި، ބޮޑާ މީހަކީ ކާކުކަން މާދަމާ (އެބަހީ: އަޒާބު އަންނަދުވަހު) އެ މީހުންނަށް ނިކަންހުރެ އެނގޭނެއެވެ.
27
ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންނަށް އިމްތިހާނެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ. ފަހެ ކަލޭގެފާނު އެ މީހުން ކަންކުރާ ގޮތް ބައްލަވައި އިންތިޒާރުކުރައްވާށެވެ. އަދި ކެތްތެރިވެ ވަޑައިގަންނަވާށެވެ.
28
އަދި ކަލޭގެފާނު އެ މީހުންނަށް އަންގަވާށެވެ. ހަމަކަށަވަރުން ފެން ވަނީ އެ މީހުންގެ މެދުގައި (އެބަހީ: އެ މީހުންނާއި އެ ޖަމަލާ ދެމެދު) ބައްސަވައިފައެވެ. ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ ބުއިން (އެބަޔެއްގެ ދުވަހު) ހާޒިރުކުރައްވާފައިވެއެވެ.
29
ފަހެ އެ މީހުންގެ އެކުވެރިޔާއަށް އެ މީހުން ގޮވިއެވެ. ފަހެ އޭނާ ކަނޑި ލިބިގަނެ، ޖަމަލު މަރައިލިއެވެ.
30
ފަހެ ތިމަން އިލާހުގެ އަޒާބާއި، ތިމަން އިލާހުގެ އިންޒާރުތައްވީ ކޮންފަދައަކުންހެއްޔެވެ؟
31
ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ ގެރިބަކަރި ހުއިހައްޕާމީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެ މީހުން ވިއެވެ.
32
ހަމަކަށަވަރުން ތިމަން އިލާހު ގުރްއާން ހަނދުމަކުރުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟
33
ލޫޠުގެފާނުގެ ގައުމުގެ މީހުން އިންޒާރުތައް ދޮގުކުރިއެވެ.
34
ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންގެމައްޗަށް ހިލައިގެ ވާރޭ ފޮނުއްވީމެވެ. ލޫޠުގެފާނުގެ އަހުލުވެރިން މެނުވީއެވެ. ދަންވަރުގެ ވަގުތެއްގައި ތިމަން އިލާހު އެ މީހުން ސަލާމަތްކުރެއްވީމެވެ.
35
ތިމަން އިލާހުގެ ހަޒްރަތުން ދެއްވި ނިއުމަތެއްގެ ގޮތުގައެވެ. ޝުކުރު ކުރާ މީހަކަށް އެފަދައިން ތިމަން އިލާހު ޖަޒާ ދެއްވަމެވެ.
36
އަދި ހަމަކަށަވަރުން ތިމަން އިލާހު އުގޫބާތުގެ ވާހަކައިން، އެކަލޭގެފާނު އެ މީހުންނަށް އިންޒާރުކުރެއްވިއެވެ. ފަހެ އެ މީހުން އެ އިންޒާރުތަކާމެދު ޝައްކުކުރިއެވެ.
37
އަދި ހަމަކަށަވަރުން އެކަލޭގެފާނުގެ މެހުމާނުންނާމެދު، ނުބައިކަންތައް ކުރުމަށް ޓަކައި އެކަލޭގެފާނުގެ އަރިހުން އެ މީހުން އެދިގަތެވެ. ފަހެ ތިމަން އިލާހު އެ މީހުންގެ ލޯތައް ކަނުކުރެއްވީމެވެ. (އަދި އެންގެވީމެވެ.) ފަހެ ތިޔަބައިމީހުން ތިމަން އިލާހުގެ އަޒާބާއި، އިންޒާރުގެ ރަހަ ލިބިގަންނާށެވެ!
38
އަދި ހަމަކަށަވަރުން ފަތިހެއްގެ ފަތިސްވަގުތުގައި ގަރާރުވެ ދެމިހުންނަނިވި އަޒާބު އައިސް އެ މީހުންނަށް ޖެހުނެވެ.
39
ފަހެ ތިޔަބައިމީހުން ތިމަން އިލާހުގެ އަޒާބާއި، އިންޒާރުގެ ރަހަ ލިބިގަންނާށެވެ!
40
ހަމަކަށަވަރުން ތިމަން އިލާހު ގުރްއާން ހަނދުމަކުރުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟
41
ހަމަކަށަވަރުން ފިރްޢައުނުގެ މީހުންގެ ގާތަށް އިންޒާރުތައް އައެވެ.
42
ތިމަން އިލާހު ދެއްކެވި ހުރިހާ މުއުޖިޒާތްތައް އެ މީހުން ދޮގުކުރިއެވެ. ފަހެ ޢަޒީޒުވަންތަ، ކުޅަދުންވަންތަ ކަލެއްގެ ހިއްޕެވުމަކުން، ތިމަން އިލާހު އެ މީހުން ހިއްޕެވީމެވެ.
43
އެ މީހުންނަށްވުރެ ތިޔަބައިމީހުންގެ ކާފިރުން، ހެޔޮކަން ބޮޑީހެއްޔެވެ؟ ނުވަތަ ބާވައިލެއްވި ފޮތްތަކުގައި އަޒާބުން މިންޖުވުމެއް، ތިޔަބައިމީހުންނަށް ޓަކައި ވަނީހެއްޔެވެ؟
44
ނުވަތަ ތިމަންމެން އެންމެންނީ، ނަސްރު ލިބިގެންވާ ބަޔެކޭ އެ މީހުން ބުނަނީހެއްޔެވެ؟
45
އެ (ކާފިރުންގެ) ޖަމާއަތް ދެރަ ކުރައްވާ، ބަލިކޮށްލައްވާނެއެވެ. އަދި އެ މީހުން ފުރަގަސްދީ، ފިލަން ދުވާނެއެވެ.
46
އަދި ކިއެއް! އެ މީހުންނަށް (އަޒާބު ދެއްވުމަށް) ކަނޑައަޅުއްވާފައިވާ ވަގުތަކީ، ގިޔާމަތް ވުމުގެ ވަގުތެވެ. އަދި ގިޔާމަތް ވުމުގެ ވަގުތު (އެ މީހުންގެ މައްޗަށް) ދަތިކަން މާ ބޮޑެވެ. އަދި ހިތިކަންވެސް މާ ބޮޑުމެއެވެ.
47
ހަމަކަށަވަރުން ކުށްވެރިންވަނީ، މަގުފުރެދުމެއްގައެވެ. އަދި އަނދައަނދާ ހުންނަ ނަރަކައިގެ އަލިފާނުގައެވެ.
48
(އެއީ) އެ މީހުންގެ މޫނުތައް ވަތަށްލައި، ނަރަކައިގެ ތެރޭގައި ދަމައި، ގެންދަވާދުވަހެވެ. (އަދި އެ މީހުންނަށް އަންގަވާނެއެވެ.) ނަރަކައިގެ އަލިފާންގަނޑު ބީހުމުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
49
ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ އެއްޗެއް ހައްދަވާފައި ވަނީ ގަޟާގަދަރުގައިވާ ގޮތަށް، ކަނޑައެޅިފައިވާ ވަކި މިންވަރަކަށެވެ.
50
އަދި ތިމަން އިލާހުގެ އަމުރުފުޅު އެއީ، އެއް އަމުރުފުޅެއް ކަމުގައިމެނުވީ ނުވެއެވެ. ލޮލުގެ އެސްފިޔަޖަހައިލުން ފަދައިންނެވެ.
51
ހަމަކަށަވަރުން ތިމަން އިލާހު، ތިޔަބައިމީހުންނާ އެއްފަދަވެގެންވާ މީހުން ހަލާކުކުރެއްވީމެވެ. ފަހެ ހަނދުމަކުރާ މީހަކު ނުވޭހެއްޔެވެ؟
52
އަދި އެ މީހުން ކުރި ކޮންމެ ކަމެއް، ފަތްފުށްތަކުގައިވެއެވެ.
53
އަދި ކުދިބޮޑު އެންމެހާ ކަންތައް (އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވެއެވެ.
54
ހަމަކަށަވަރުން ތަގުވާވެރިން ވަނީ، ސުވަރުގެތަކާއި ބާވަތްބާވަތުގެ ކޯރުތަކުގެ ނިއުމަތްގައެވެ.
55
ހިތްހަމަޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ އިލާހުގެ ހަޒްރަތުގައެވެ.