އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިމަން އިލާހުގެ އަދުއްވުންނާއި، އަދި ތިޔަބައިމީހުންގެ އަދުއްވުންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން، އެ މީހުންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި ހައްގު ދީނަށް އެ މީހުން ވަނީ ކާފިރު ވެފައެވެ. ތިޔަބައިމީހުންގެ ވެރި ﷲ އަށް ތިޔަބައިމީހުން އީމާންވާ ކަމަށް ޓަކައި، އެ މީހުން ރަސޫލާއާއި، ތިޔަބައިމީހުން ރަށުން ބޭރުކޮށްލައެވެ. ތިމަން އިލާހުގެ މަގުގައި ޖިހާދުކުރުމަށާއި، އަދި ތިމަން އިލާހުގެ ރުއްސެވުން އަދައިގެން، ތިޔަބައިމީހުން ނުކުތް ކަމުގައިވާނަމަ (ތިޔަބައިމީހުން ތިމަން އިލާހުގެ އަދުއްވުންނަށް ރަހުމަތްތެރިކަން ނުބަހައްޓާށެވެ!) ތިޔަބައިމީހުން އެ މީހުންނަށް ލޯތްބާއެކު ސިއްރު ވާހަކަ ދައްކަމުއެވެ. ތިޔަބައިމީހުން ފޮރުވާކަންތަކާއި، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތައް ތިމަން އިލާހު ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންކުރެ އެފަދަ އަމަލުކުރާމީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް ސީދާވެގެންވާ މަގު ގެއްލިއްޖެކަން ކަށަވަރެވެ.
އެ މީހުން ތިޔަބައިމީހުންގެ މައްޗަށް ގަދަވެއްޖެނަމަ، އެ މީހުން ވާހުށީ ތިޔަބައިމީހުންނަށްހުރި އަދުއްވުން ކަމުގައެވެ. އަދި އެ މީހުންގެ އަތްތަކާއި، ދޫތައް ނުބައިގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފަތުރައިލާނެތެވެ. އަދި ތިޔަބައިމީހުން ކާފިރު ވާނެ ނަމައޭ ހިތައި، އެ މީހުން އެ ކަމަށް އެދޭނެތެވެ.
ތިޔަބައިމީހުންގެ ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުންގެ ދަރިން، ގިޔާމަތް ދުވަހުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކޮށްދޭނެތެވެ. ތިޔަބައިމީހުންގެ މެދުގައި އެ އިލާހު (އެ ދުވަހުން) ނިޔާކުރައްވާނެއެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
އިބްރާހީމްގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެ މީހުން، އެ މީހުންގެ ގައުމަށް ބުނި ހިނދެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނާއި، ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެން ވަމުއެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން އިންކާރު ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި އަދާވާތްތެރިކަމާއި، ރުޅިވެރިކަން ވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ ﷲ އަށް ތިޔަބައިމީހުން އީމާން ވެއްޖައުމަށް ދާންދެނެވެ. އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު މެނުވީއެވެ. ހަމަކަށަވަރުން ތިބާއަށް ފާފަ ފުއްސެވުން އެދި ތިމަންކަލޭގެފާނު ދުއާ ކުރައްވާނަމެވެ. (އެހެނެއްކަމަކު) ﷲ ގެ ހަޒްރަތުން ތިބާއަށްޓަކައި އެއްވެސްކަމެއް ކޮށްދިނުމުގެ ބާރެއް ތިމަންކަލޭގެފާނަކަށް ލިބިގެނެއް ނުވެއެވެ. އަޅަމެންގެ ރައްބެވެ. ހަމައެކަނި އިބަ އިލާހަށް އަޅަމެން ވަކީލު ކޮށްފީމުއެވެ. އަދި ހަމައެކަނި އިބަ އިލާހުގެ ހަޒްރަތަށް އަޅަމެން (ތައުބާވެ) ރުޖޫއަވެ ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުން ވަނީ އިބަ އިލާހުގެ ހަޒްރަތަށެވެ.
އަޅަމެންގެ ރައްބެވެ. ކާފިރުވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ. އަދި އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ. އަޅަމެންގެ ރައްބެވެ. ހަމަކަށަވަރުން އިބަ އިލާހީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
އެ ބޭކަލުންގައި ތިޔަބައިމީހުންނަށް ރިވެތި ނަމޫނާއެއް ވާކަން ކަށަވަރެވެ. ﷲ އާއި، އާޚިރަތް ދުވަސް އެދޭކަމުގައިވީ މީހަކަށެވެ. އަދި ފުރަގަސްދީ އެނބުރިގަންނަ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، ފުދިވޮޑިގެންވާ، ހަމްދު ލިބިވޮޑިގެންވާ އިލާހެވެ.
އެ މީހުން ކުރެ ތިޔަބައިމީހުން އަދާވާތްތެރިވި މީހުންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ﷲ އެކުވެރިކަން ލައްވަފާނެއެވެ. ﷲ އީ، ކުޅަދުންވަންތަ އިލާހެވެ. އަދި ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
ތިޔަބައިމީހުންގެ ދީން އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެ މީހުންނަށް އަދުލުވެރިގޮތުގައި ކަންތައް ކުރުން، ﷲ ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވައެވެ. ހަމަކަށަވަރުން އަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
ﷲ، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ދީން އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެ މީހުންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ.) ފަހެ އެ މީހުންނީ، ހަމަ އަނިޔާވެރިންނެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ގާތަށް މުއުމިނު އަންހެނުން ހިޖުރަ ކޮށްފައި އަންނަހިނދު، ފަހެ ތިޔަބައިމީހުން އެ ކަނބަލުން އިމްތިހާނުކުރާށެވެ! އެ ކަނބަލުންގެ އީމާންކަން ހުރިގޮތް ﷲ ދެނެވޮޑިގަތުން ބޮޑެވެ. ފަހެ އެ ކަނބަލުންނީ، (ހަގީގަތުގައި) މުއުމިނުންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ، ފަހެ ކާފިރުންގެ ގާތަށް ތިޔަބައިމީހުން އެ ކަނބަލުން އަނބުރައި ނުފޮނުވާހުށިކަމެވެ. އެ ކަނބަލުން އެ މީހުންނަށް ހަލާލު ވެގެނެއް ނުވެއެވެ. އަދި އެ މީހުން ވެސް އެ ކަނބަލުންނަކަށް ހަލާލު ވެގެނެއް ނުމެވޭމެއެވެ. އަދި އެ މީހުން (ކާވެނީގެ ރަނުގެ ގޮތުގައި) ހޭދަކޮށްފައިވާ އެއްޗެއް ތިޔަބައިމީހުން އެ މީހުންނަށް ދޭހުށިކަމެވެ. އަދި އެ ކަނބަލުންގެ ކާވެނީގެ ރަން އެ ކަނބަލުންނަށް ތިޔަބައިމީހުންދޭނަމަ، ތިޔަބައިމީހުން އެ ކަނބަލުންނާ ކާވެނި ކުރުމުގައި، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން، ކާފިރު އަންހެނުން އަނބިންގެ ގޮތުގައި ނުބައިތިއްބާށެވެ! އަދި ތިޔަބައިމީހުން (އެ ކަނބަލުންނަށް) ރަނުގެ ގޮތުގައިދިން އެއްޗެއް އަތުލުމަށް ތިޔަބައިމީހުން ސުވާލުކުރާށެވެ! އަދި އެ ކާފިރުން ހޭދަކުރި އެއްޗެއް އަތުލުމަށް އެ މީހުން ވެސް ސުވާލުކުރާހުށިކަމެވެ. އެއީ ﷲ ގެ ހުކުމް ފުޅެވެ. އެ އިލާހު ތިޔަބައިމީހުންގެ މެދުގައި ނިޔާކުރައްވައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
އަދި ތިޔަބައިމީހުންގެ އަނބިންކުރެ މީހަކު، ތިޔަބައިމީހުން ދޫކޮށް ކާފިރުންގެ ގާތަށް ހިނގައްޖެނަމަ، ދެން ތިޔަބައިމީހުން ހަނގުރާމަކޮށް (ޣަނީމާގެ މުދާ ލިބުމުން) ފަހެ އެ މީހުންގެ ކިބައިން، އެ މީހުންގެ އަނބިން ގޮސްފައިވާ މީހުންނަށް، އެ މީހުން ރަނުގެ ގޮތުގައި ހޭދަކުރިފަދަ އެއްޗެއް ތިޔަބައިމީހުން (އެ ޣަނީމާ އިން) ދޭށެވެ! އަދި ތިޔަބައިމީހުން އެ އިލާހަށް އީމާން ވެގެންވާ (އިލާހު ކަމުގައިވާ) ﷲ އަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ.
އޭ ނަބިއްޔާއެވެ. އީމާން ވެގެންވާ އަންހެނުން ކަލޭގެފާނުގެ އަރިހަށް ބައިއަތު ހިފުމަށް އަންނަހިނދު، އެ ކަނބަލުން اللًّه އާ އެއްވެސް އެއްޗެއް ޝަރީކު ނުކުރުމަށާއި، އެ ކަނބަލުން ވައްކަން ނުކުރުމަށާއި، އެ ކަނބަލުން ޒިނޭ ނުކުރުމަށާއި، އެ ކަނބަލުންގެ ދަރިން ނުމެރުމަށާއި، އަދި އެ ކަނބަލުންގެ އަތްތަކާއި ފައިތަކާ ދެމެދަށް ބުހުތާނު ދޮގު ވާހަކައެއް ހަދާގެން ނުގެނައުމަށާއި (އެބަހީ: ނަހަލާލު ކުދިން ހަލާލު ކުދިން ކަމުގައި ނުހެދުމަށާއި) އަދި އެއްވެސް ހެޔޮކަމެއްގައި ކަލޭގެފާނަށް އެ ކަނބަލުން އުރެދިނުގަތުމަށް، ފަހެ ކަލޭގެފާނު އެ ކަނބަލުންނާ ބައިއަތު ހިއްޕަވާށެވެ. އަދި އެ ކަނބަލުންނަށް ފާފަ ފުއްސެވުން އެދި ކަލޭގެފާނު ﷲ އަށް ދަންނަވާށެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. އެބައެއްގެ މައްޗަށް ﷲ ކޯފާވެ ވޮޑިގެންނެވި ބަޔަކާ ތިޔަބައިމީހުން އެކުވެރިވެ ނޫޅޭށެވެ! ހަމަކަށަވަރުން އެ މީހުން ވަނީ އާޚިރަތާމެދު މާޔޫސްވެގެންނެވެ. ކަށްވަޅުގެ އަހުލުވެރިންނާމެދު ކާފިރުން މާޔޫސްވީ ފަދައިންނެވެ.