އުޑުތަކާއި، ބިމުގައި ވާހާ ތަކެއްޗެއް ﷲ އަށް ތަސްބީހަ ކިޔައިފިއެވެ. އެ އިލާހީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
އެ އިލާހީ، ފޮތުގެ އަހުލުވެރިންކުރެ ކާފިރު ވިމީހުން ފުރަތަމަ ފަހަރަށް އެއްކުރެވި (ރަށުން ނެރެވިގެން ދިޔުމަށް)، އެ މީހުންގެ ގެދޮރުން ނެރެލެއްވި އިލާހެވެ. އެ މީހުން ނުކުންނާނޭ ކަމަކަށް ތިޔަބައިމީހުން ހީއެއް ނުކުރަމުއެވެ. އަދި އެ މީހުން ހީކޮށްގެންތިބީ، ﷲ ގެ ކިބައިން އެ މީހުންގެ ކިއްލާތައް އެ މީހުން ރައްކާތެރި ކޮށްދޭނެ ކަމަށެވެ. ފަހެ އެ މީހުންގެ ގާތަށް ﷲ ގެ އުގޫބާތް އައީ، އެ މީހުން ހީވެސް ނުކުރާފަދައަކުންނެވެ. އަދި އެ އިލާހު އެ މީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. އެ މީހުންގެ އަމިއްލަ އަތްތަކުން އެ މީހުންގެ ގެދޮރު ހަލާކު ކުރަމުން ދިޔައެވެ. އަދި މުއުމިނުތަކުންގެ އަތްތަކުންވެސްމެއެވެ. އޭ ބުއްދީގެ އަހުލުވެރިންނެވެ. ފަހެ ތިޔަބައިމީހުން އިބްރަތް ލިބިގަންނާށެވެ.
ރަށުން ބޭރުކޮށްލާފައިވާ ބަޔަކު ކަމުގައިވުމަށް، ﷲ އެ މީހުންގެ މައްޗަށް ލިޔުއްވާފައިނުވާނަމަ، ހަމަކަށަވަރުން އެ މީހުންނަށް މި ދުނިޔޭގައި އަޒާބު ދެއްވާފީހެވެ. އަދި އާޚިރަތުގައި ނަރަކައިގެ އަޒާބު އެ މީހުންނަށް ހުއްޓެވެ.
އެއީ އެ މީހުން ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވީ ކަމަށް ޓަކައެވެ. އަދި ﷲ އަށް ދެކޮޅުވެރިވާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، އުގޫބާތް ގަދަފަދަވެގެންވާ އިލާހެވެ.
ތިޔަބައިމީހުން ކަނޑައިލި ކޮންމެ ކަދުރުރުކަކާއި، ނުވަތަ ނުކަނޑައި އޭގެ ބުޑާއެކު ކޮޅަށްހުރުމަށް ދޫކޮށްލި ކޮންމެ ކަދުރުރުކެއް (އެ ކަނޑައިލީ ނުވަތަ ނުކަނޑައި ދޫކޮށްލީ) ފަހެ ﷲ ގެ އިޒުނަފުޅަށެވެ. އަދި ފާސިގުވި މީހުން ދެރަކޮށް، ނިކަމެތި ކޮށްލުމަށް ޓަކައެވެ.
އަދި އެ މީހުންގެ ކިބައިން ﷲ، އެ އިލާހުގެ ރަސޫލާއަށް ފައިއުގެ ގޮތުގައި ދެއްވާފި މުދަލަކާމެދު (ދަންނާށެވެ.) ފަހެ ތިޔަބައިމީހުން އެ މުދާ އަތުލުމަށް ޓަކައި، އަހެއްވެސް ޖަމަލެއްވެސް ދުއްވާފައެއް ނުވެއެވެ. އެހެނެއްކަމަކު ﷲ، އެ އިލާހު އިރާދަކުރައްވާ ބަޔެއްގެ މައްޗަށް އެ އިލާހުގެ ރަސޫލުން ބާރުވެރި ކުރައްވައެވެ. އަދި ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ. (ނޯޓު: ފައިއު މުދަލަކީ ހަނގުރާމަ ކުރުމަކާ ނުލާ، ކާފަރުންގެ އަތުން މުސްލިމުންނަށް ލިބޭ މުދަލެވެ.)
ރަށްރަށުގެ އަހުލުވެރިންގެ ކިބައިން، ﷲ، އެ އިލާހުގެ ރަސޫލާއަށް ފައިއު މުދަލުގެ ގޮތުގައި ލިބިދެއްވާފި އެއްޗަކާމެދު (ދަންނާށެވެ.) ފަހެ އެ ތަކެއްޗަކީ، ﷲ އަށާއި، ރަސޫލާއަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ދަތުރުވެރިންނަށް ޚާއްސަ ވެފައިވާތަކެއްޗެވެ. އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދިންގެ މެދުގައި ދައުރު ވޭވެ ހުރިޔަނުދިނުމަށް ޓަކައެވެ. އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ، އުގޫބާތް ގަދަފަދަވެގެންވާ އިލާހެވެ.
އެ މީހުންގެ ގެދޮރުންނާއި، އެ މީހުންގެ މުދަލުން ނެރެލާފައިވާ ފަގީރު މުހާޖިރުންނަށް (އެ ފައިއު މުދަލުގައި) ހައްގެއްވެއެވެ. އެ މީހުންނީ ﷲ ގެ ހަޒްރަތުން ފަޟްލުވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ނަސްރު ދޭ މީހުންނެވެ. އެ މީހުންނީ ހަމަ ތެދުވެރިންނެވެ.
އަދި އެ މީހުންގެ ކުރީގައި، މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ގާއިމު ވެތިބި އަންސާރުން، އެ މީހުންގެ ގާތަށް ހިޖުރަކުރި މުހާޖިރުންދެކެ ލޯބިވެއެވެ. އަދި އެ މީހުންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެ މީހުން (އެބަހީ: އަންސާރުން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެ މީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެ މީހުންނަށް އިސްކަންދެތެވެ. އެ މީހުންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެ މީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
އަދި އެ މީހުންގެ ފަހުން އައި މީހުން ބުނެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަ ފުއްސަވާނދޭވެ. އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ހަސަދަވެރިކަމެއް ނުލައްވާނދޭވެ. އަޅަމެންގެ ރައްބެވެ. ހަމަކަށަވަރުން އިބަ އިލާހީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހެވެ.
މުނާފިގު ވިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ފޮތުގެ އަހުލުވެރިންކުރެ ކާފިރު ވެގެން ތިބި އެ މީހުންގެ އަޚުންނަށް އެ މީހުން ބުނެއެވެ. ތިޔަބައިމީހުން (ރަށުން) ނެރެލައިފިނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނާއެކު ތިމަންމެންވެސް ނުކުންނާނަމެވެ. ތިޔަބައިމީހުންނަށް ގެއްލުންދިނުމުގައި ދުވަހަކުވެސް އެއްވެސް މީހަކަށް ތިމަންމެން ކިޔަމަނެއް ނުވާނެއެވެ. އަދި ތިޔަބައިމީހުންނާ ދެކޮޅަށް ހަނގުރާމަ ކޮށްފިނަމަ، ހަމަކަށަވަރުން ތިމަންމެން ތިޔަބައިމީހުންނަށް ނަސްރު ދޭހުށީމުއެވެ. ހަމަކަށަވަރުން އެ މީހުންނީ، ދޮގުވެރިންކަމަށް ﷲ ހެކިވެވޮޑިގެންވެއެވެ.
ހަމަކަށަވަރުން އެ މީހުން ނެރެލައިފިނަމަ، އެ މީހުންނާއެކު އެ މީހުންނެއް ނުނިކުންނާނެއެވެ. އަދި ހަމަކަށަވަރުން އެ މީހުންނާ ހަނގުރާމަކޮށްފިނަމަ، އެ މީހުންނަކަށް އެ މީހުން ނަސްރެއްވެސް ނުދޭނެތެވެ. އަދި ހަމަކަށަވަރުން އެ މީހުންނަށް ނަސްރު ދިނުމަށް ނުކުތަސް، އެ މީހުން ފުރަގަސްދީ ފިލަންދުވާނެކަން ކަށަވަރެވެ. ދެން އެ މީހުންނަކަށް (އެއްވެސް ފަރާތަކުން) ނަސްރެއް ނުލިބޭނެއެވެ.
އެ މީހުންގެ ހިތްތަކުގައި ﷲ އަށްވުރެ ތިޔަބައިމީހުންދެކެ ގަންނަ ބިރު ބޮޑުކަން ކަށަވަރެވެ. އެއީ އެ މީހުންނީ، ނުވިސްނޭ ބަޔަކު ކަމުގައިވާ ކަމަށް ޓަކައެވެ.
ރައްކާތެރި ކުރައްވާފައިވާ ރަށްތަކެއްގައި ތިބެގެން، ނުވަތަ ފާރުތަކެއްގެ ނިވަލުގައި ތިބެގެން މެނުވީ، އެ މީހުން އެންމެން އެކުގައި (ނުކުމެ) ތިޔަބައިމީހުންނަކާ ހަނގުރާމައެއް ނުކުރާނެތެވެ. އެ މީހުންގެ މެދުގައި އަދާވާތްތެރިކަމާއި ތަޅާފޮޅުން ނުހަނު ގަދަފަދައެވެ. އެ މީހުންގެ ހިތްތައް ބައިބައިވެގެންވާ ހާލު، ތިބާ ހީކުރަނީ، އެ މީހުންނީ، އެންމެން އެކަތިގަނޑަކަށްވެފައިވާ ބަޔެއްކަމުގައެވެ. އެއީ، އެ މީހުންނީ، ނުވިސްނޭ ބަޔަކު ކަމުގައިވާ ކަމަށް ޓަކައެވެ.
އެ މީހުންނަށްވުރެ ތަންކޮޅެއްކުރިން އުޅުނު މީހުން ފަދައިންނެވެ. އެ މީހުންގެ ނުބައި އަމަލުގެ ރަހަ، އެ މީހުންނަށް ލިބުނެވެ. އަދި އެ މީހުންނަށް (އާޚިރަތުގައި) ވޭންދެނިވި އަޒާބު ހުއްޓެވެ.
ޝައިތާނާގެ މިސާލުގައެވެ. އޭނާ އިންސާނާޔަށް ކާފިރު ވާށޭ ބުނިހިނދެވެ. ފަހެ އެ އިންސާނާ ކާފިރު ވީހިނދު އެ ޝައިތާނާ ބުންޏެވެ. ހަމަކަށަވަރުން ތިމަންވަނީ، ތިބާގެ ކިބައިން ބަރީއަވެގެންނެވެ. ހަމަކަށަވަރުން އާލަމްތަކުގެ ވެރި ﷲ އަށް ތިމަން ބިރުގަނެއެވެ.
އެ ދެ މީހުންގެ ނިމުމެއް ކަމުގައިވާނީ، އެ ދެ މީހުން ނަރަކައަށް ވަނުމެވެ. އެ ތާނގައި، އެ މީހުން ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ އަނިޔާވެރިންގެ ޖަޒާއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ އަމަލެއް ބަލައިފާހުށިކަމެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި ﷲ ހަނދުމަ ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ފަހެ އެ އިލާހު އެ މީހުންގެ އަމިއްލަ ނަފްސުތައް ހަނދުމަނެތިކޮށްލެއްވިއެވެ. އެ މީހުންނީ، ހަމަ ފާސިގުންނެވެ.
ނަރަކައިގެ އަހުލުވެރިންނާއި، ސުވަރުގޭގެ އަހުލުވެރިން ހަމަހަމައެއް ނުވާނެއެވެ. ސުވަރުގޭގެ އަހުލުވެރިންނީ، ހަމަ ނަސީބު ލިބިގެންވާ މީހުންނެވެ.
ތިމަން އިލާހު ފަރުބަދައެއްގެ މައްޗަށް މި ގުރްއާން ބާވައިލެއްވިނަމަ، ހަމަކަށަވަރުން އެ ފަރުބަދައެއް ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ މިސާލުތައް މީސްތަކުންނަށް ތިމަން އިލާހު ޖައްސަވަނީ، އެ މީހުން ފިކުރުކުރުމަށް ޓަކައެވެ.
އެއީ ﷲ އެވެ. އެ އިލާހީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވާ އިލާހެވެ. ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ. އެ އިލާހީ އައްރަޙްމާން، އައްރަޙީމެވެ.
އެއީ ﷲ އެވެ. އެއީ އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވާ އިލާހެވެ. އެއީ އަލްމަލިކުލް ގުއްދޫސުއް ސަލާމުލް މުއްމިނުލް މުހައިމިނުލް ޢަޒީޒުލް ޖައްބާރުލް މުތަކައްބިރެވެ. (ރަސްވަންތަ، މުގައްދަސްވަންތަ، ހުރިހާ އުނިކަމަކުން ސަލާމަތްވެވޮޑިގެންވާ، އަމާންކަން ދެއްވާ، ރައްކާތެރިކުރައްވާ ބަލަހައްޓަވާ، ޢަޒީޒުވަންތަ، ޖައްބާރުވަންތަ، ކިބްރިޔާވަންތަ އިލާހެވެ.) އެ މީހުން ޝަރީކުކުރާ ތަކެތިން ﷲ ހުސްތާހިރުވަންތަވެ ވޮޑިގެންވެއެވެ.
އެއީ ﷲ އެވެ. އެއި އަލްޚާލިގުލް ބާރިއުލް މުޞައްވިރެވެ. (ޚަލްގުކުރައްވާ، ވުޖޫދުކުރައްވާ، ސޫރަކުރައްވާ އިލާހެވެ.) އެންމެ ރިވެތި ނަންފުޅުތައް ވަނީ އެ އިލާހަށެވެ. އުޑުތަކާއި، ބިމުގައި ވާހާ ތަކެއްޗެއް އެ އިލާހަށް ތަސްބީހަ ދަންނަވައެވެ. އަދި އެ އިލާހީ އަލްއަޒީޒުލް ޙަކީމެވެ. (ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.)