އައްޞައްފު

As-Saff

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އުޑުތަކާއި، ބިމުގައި ވާހާ ތަކެއްޗެއް ﷲ އަށް ތަސްބީހަ ކިޔައިފިއެވެ. އަދި އެ އިލާހީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
2
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެންހެއްޔެވެ؟
3
ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، ﷲ ގެ ހަޒްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެއެވެ.
4
ހަމަކަށަވަރުން ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެން ތިބެ، އެ އިލާހުގެ މަގުގައި ހަނގުރާމަ ކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ.
5
އަދި މޫސާގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން އަހަރެންނަށް އުނދަގޫކުރަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން އަހަރެންނީ ތިޔަބައިމީހުންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާކަން ތިޔަބައިމީހުން ދެނެތިބި ހާލުގައެވެ. ފަހެ އެ މީހުން (ހައްގުން) އެއްކިބާވިހިނދު، ﷲ އެ މީހުންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ. ފާސިގުވީ މީހުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.
6
އަދި މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) އޭ އިސްރާއީލުގެ ދަރިންނޭވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ ތައުރާތުގެ ހުކުމްތައް ތެދު ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށް ފަހު އަޙްމަދެވެ ނަމަކަށް ކިޔުނު ރަސޫލަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ. ފަހެ އެ މީހުންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު އެކަލޭގެފާނު ވަޑައިގެންނެވި ހިނދު އެ މީހުން ބުންޏެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
7
އެ މީހަކަށް އިސްލާމް ދީނަށް ގޮވައިލައްވާ ހާލު، ﷲ އާމެދު ހަދާގެން ދޮގުބުނި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.
8
އެ މީހުން އެދެނީ، ﷲ ގެ ނޫރުފުޅު (އެބަހީ: އިސްލާމް ދީން) އެ މީހުންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނުކަމުގައިވިޔަސް ﷲ، އެ އިލާހުގެ ނޫރުފުޅު ފުރިހަމަ ކުރައްވާހުއްޓެވެ.
9
އެ އިލާހީ، ތެދުމަގާއި، ހައްގު ދީނާއިގެން އެ އިލާހުގެ ރަސޫލާ ފޮނުއްވި އިލާހެވެ. އެއީ އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނުކަމުގައި ވިޔަސްމެއެވެ.
10
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ވޭންދެނިވި އަޒާބަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަން އިލާހު ދައްކަވަންހެއްޔެވެ؟
11
(އެއީ) ތިޔަބައިމީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އީމާން ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ ނަފްސުތަކުން ﷲ ގެ މަގުގައި ތިޔަބައިމީހުން ޖިހާދުކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެ ގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ.
12
އޭރުން އެ އިލާހު ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާނެއެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެ އިލާހު ތިޔަބައިމީހުން ވައްދަވާނެއެވެ. އަދި ޢަދްނޭ ކިޔުނު ސުވަރުގެތަކުގައިވާ ރަނގަޅު ގޮވަތިގެދޮރުގައި ތިޔަބައިމީހުން ވަޒަންވެރި ކުރައްވާނެއެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.
13
އަދި ތިޔަބައިމީހުން އެއަށް ލޯބިވާނޭ އެހެން ނިއުމަތެއް އެ އިލާހު ދެއްވާނެއެވެ. (އެއީ) ﷲ ގެ ހަޒްރަތުން ދެއްވާ ނަސްރަކާއި، އަދި ގާތްވެގެންވާ ފަތަހައެކެވެ. އަދި ކަލޭގެފާނު މުއުމިނުތަކުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.
14
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ނަސްރު ދޭ ބަޔަކު ކަމުގައިވާށެވެ. މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު، ހަވާރިއްޔަންނަށް ވިދާޅުވި ފަދައިންނެވެ. ﷲ އަށްޓަކައި ތިމަންކަލޭގެފާނަށް ނަސްރު ދޭނީ ކޮންބަޔެއްހެއްޔެވެ؟ ހަވާރިއްޔަން ދެންނެވިއެވެ: ތިމަންމެންނީ، ﷲ އަށް ނަސްރު ދޭ މީހުންނެވެ. ދެން އިސްރާއީލުގެ ދަރިންކުރެ ޖަމާއަތެއް އީމާންވިއެވެ. އަދި އަނެއް ޖަމާއަތެއް ކާފިރުވިއެވެ. ފަހެ އީމާންވި މީހުންނަށް އެ މީހުންގެ އަދުއްވުންގެ މައްޗަށް ތިމަން އިލާހު ގަދަކަން ދެއްވީމެވެ. ފަހެ އެ މީހުން ވީ، ބާރުލިބި، މަތިވެރިވެގެންވާ ބަޔަކު ކަމުގައެވެ.