އަލްޖުމުޢާ

Al-Jumu'ah

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ރަސްވަންތަ، ތާހިރުވަންތަ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ﷲ އަށް އުޑުތަކާއި، ބިމުގައި ވާހާ ތަކެއްޗެއް ތަސްބީހަ ކިޔަތެވެ.
2
އުއްމީންގެ ތެރެއަށް، އެ މީހުންގެ ތެރެއިން ރަސޫލަކު ފޮނުއްވީ އެ އިލާހެވެ. އެ އިލާހުގެ އާޔަތްތައް އެ މީހުންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވައެވެ. އަދި އެ މީހުން ތާހިރު ކުރައްވައެވެ. އަދި ފޮތާއި، ހިކުމަތް އެ މީހުންނަށް އުނގަންނައިދެއްވައެވެ. އޭގެ ކުރިން އެ މީހުން ތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްގައިކަން ކަށަވަރެވެ.
3
އަދި (އެކަލޭގެފާނު ފޮނުއްވީ) އެ މީހުންގެ ތެރެއިން އެހެން ބަޔެއްގެ ގާތަށް ވެސްމެއެވެ. އެ މީހުންނީ، އެ މީހުންގެ ތެރެއަށް އަދި ނާންނަ ބަޔެކެވެ. އަދި އެ އިލާހީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ.
4
އެއީ ﷲ ގެ ފަޟްލުވަންތަކަމެވެ. އެ އިލާހު އިރާދަކުރައްވާ މީހަކަށް އެ އިލާހު އެ ކަން ދެއްވައެވެ. އަދި ﷲ އީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ރައްބެވެ.
5
ތައުރާތަށް އަމަލުކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާއެއްގޮތަށް އަމަލު ނުކުރި މީހުންގެ މިސާލަކީ، ފޮތްތަކެއް އުފުލާ ހިމާރުގެ މިސާލެވެ. ﷲ ގެ އާޔަތްތައް ދޮގުކުރި މީހުންގެ މިސާލުގެ ހުރި ނުބައިކަމާއެވެ. އަދި އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.
6
ކަލޭގެފާނު ވިދާޅުވާށެވެ. އޭ ޔަހޫދީވި މީހުންނެވެ. ﷲ ގެ ހަޒްރަތުގައި އެހެން މީހުން ފިޔަވާ ގާތްބަޔަކީ، ތިޔަބައިމީހުން ކަމުގައި ތިޔަބައިމީހުން ހީކުރާނަމަ، ފަހެ ތިޔަބައިމީހުން މަރުވުމަށް އެދިބަލާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ މީހުންކަމުގައި ވާނަމައެވެ.
7
އަދި އެ މީހުންގެ އަތްތައް އިސްކުރި ނުބައި އަމަލުގެ ސަބަބުން ދުވަހަކުވެސް އެ މީހުން އެ ކަމަކަށް ނޭދޭނެތެވެ. ﷲ އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
8
ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ.) ފަހެ އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދު ކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހުގެ ހަޒްރަތަށެވެ. ފަހެ އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެ އިލާހު އަންގަވާނެއެވެ.
9
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުތުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.
10
ފަހެ ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ފަހެ ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ. އަދި ތިޔަބައިމީހުން ﷲ ގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ. އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ. (އެއީ) ތިޔަބައިމީހުން ދިންނަވައި ކާމިޔާބު ލިބޭތޯއެވެ.
11
އެ މީހުންނަށް ވިޔަފާރިޔެއް ނުވަތަ ކުޅިވަރެއް ފެނިއްޖެނަމަ، ކަލޭގެފާނު ކޮޅަށް ހުންނެވުމަށް ދޫކޮށްލައި، އެ މީހުން އެ ކަންތަކާ ދިމާޔަށް ދުވެދެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ކުޅިވަރާއި، ވިޔަފާރިއަށްވުރެ، ﷲ ގެ ހަޒްރަތުގައިވާ ދަރުމަ، ހެޔޮކަން ބޮޑެވެ. އަދި ﷲ އީ، ރިޒްގު ދެއްވާ، އެންމެ ހެޔޮ އިލާހެވެ.