އަދި ދިހަ ރޭ ވެސް ގަންދެއްވަމެވެ.
އަދި ހިރިތަކެއްޗާއި، އޮނަހިރި ތަކެތި ވެސް ގަންދެއްވަމެވެ.
އަދި ރޭގަނޑު ވޭތުވެދާ ހިނދު، ރޭގަނޑު ވެސް ގަންދެއްވަމެވެ.
ބުއްދީގެ ވެރިޔަކަށް އެ ކަންކަމުގައި (ފުދޭވަރުގެ) ހުވަޔެއް ވާކަން ކަށަވަރެވެ.
ކަލޭގެފާނުގެ ރައްބު، ޢާދު ބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟
އެއީ ތަނބުތަކުގެ ވެރި، އިރަމެވެ ކިޔުނު ރަށުގެ އަހުލުވެރިންނެވެ.
އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ.
އަދި ޘަމޫދު ބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެ މީހުންނީ، ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ.
އަދި ލަޝްކަރުތަކުގެ ވެރި ފިރްޢައުނާ މެދުގައިވެސްމެއެވެ.
އެ މީހުންނީ، ރަށްތަކުގައި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނެވެ.
ފަހެ އެ މީހުން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުރިއެވެ.
ފަހެ ކަލޭގެފާނުގެ ރައްބު އެ މީހުންގެ މައްޗަށް އަޒާބުގެ ބާވަތްތައް އޮއްސެވިއެވެ.
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު (އެ މީހުން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ.
ފަހެ އިންސާނާ ދަންނާށެވެ. އޭނާގެ ރައްބު، އޭނާ އިމްތިހާނު ކުރައްވާ، އަދި އޭނާ މާތް ކުރައްވާ، އަދި އޭނާއަށް ނިއުމަތް ދެއްވާފިހިނދު، ފަހެ އޭނާ ބުނެއެވެ. ތިމަންގެ ރައްބު ތިމަން މާތް ކުރައްވާފިއެވެ.
އަދި ދަންނާށެވެ. އެ އިލާހު، އެ އިންސާނާ އިމްތިހާނު ކުރައްވާ، އަދި އޭނާގެ ރިޒްގު ދަތިކުރައްވާފިހިނދު، ފަހެ އޭނާ ބުނެއެވެ. ތިމަންގެ ރައްބު، ތިމަން ނިކަމެތިކުރައްވާފިއެވެ.
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއް! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ.
އަދި ތިޔަބައިމީހުން މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް އެކަކު އަނެކަކަށް ބާރުއަޅައެއް ނޫޅެމުއެވެ.
އަދި (ޙަރާމެއް ހަލާލެއް ނުބަލައި) ތިޔަބައިމީހުން، ވާރުތަ މުދާ ގިނަގިނައިން ކައިއުޅެމުއެވެ.
އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ.
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުނޑުވެ، ބިންގަނޑު ކުނޑިކުނޑިވެގެން ދާހިނދެވެ.
އަދި ކަލޭގެފާނުގެ ރައްބު ވަޑައިގަންނަވާނެއެވެ. އަދި މަލާއިކަތުން ވެސް ސަފުސަފަށް (ވަޑައިގަންނަވާނެއެވެ.)
އަދި އެ ދުވަހުން ނަރަކަ ގެންނަވާނެއެވެ. އެ ދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާއަށް ފައިދާއެއްކުރާނީ ކޮންފަދައަކުންހެއްޔެވެ؟
އެ ދުވަހުން އޭނާ ބުނާނެއެވެ. އޭ ސަހަރޯއެވެ! ތިމަންގެ އާޚިރަތުގެ ހަޔާތަށްޓަކައި (ހެޔޮ) އަމަލެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސްހެއްޔެވެ؟
ފަހެ އެ ދުވަހުން އެ އިލާހު އޭނާއަށް ދެއްވާފަދަ އަޒާބެއް އެހެން އެކަކަށް ވެސް ނުދެވޭނެއެވެ.
އަދި އެ އިލާހު، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށް ވެސް ހައްޔަރެއް ނުކުރެވޭނެއެވެ.
އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ.
ރުހިގެންހުރެ، ރުހުން ލިބިގެންވާ ހާލު، ތިބާގެ ރައްބުގެ ހަޒްރަތަށް އެނބުރިދާށެވެ!
ފަހެ ތިމަން އިލާހުގެ އަޅުންގެ ތެރެއަށް ވަންނާށެވެ!
އަދި ތިމަން އިލާހުގެ ސުވަރުގެއަށް ވަންނާށެވެ!