އަލްބަލަދު

Al-Balad

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
މި ރަށް (އެބަހީ: މައްކާ) ގަންދެއްވަމެވެ.
2
އަދި ކަލޭގެފާނަށް މި ރަށް (އެބަހީ: މައްކާ) ހަލާލުވެގެންވެއެވެ.
3
އަދި އުފަންކުރި މީހާއާއި، އޭނާއަށް އުފަންވީހާ ބަޔަކު ވެސް ގަންދެއްވަމެވެ. (އެބަހީ: އާދަމުގެފާނާއި އާދަމުގެ ދަރިންނެވެ.)
4
ހަމަކަށަވަރުން ތިމަން އިލާހު އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެއަށް ލެއްވީމެވެ.
5
އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟
6
އޭނާ ބުނެއެވެ. ގިނަވެގެންވާ މުދާ ތިމަން ހަރަދު ކޮށްނެތިކޮށްފީމެވެ.
7
އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟
8
ތިމަން އިލާހު އޭނާއަށް ދެ ލޯ ނުލައްވަންހެއްޔެވެ؟
9
އަދި ދުލަކާއި، ދެ ތުންފަތްވެސް މެއެވެ.
10
އަދި ދެމަގަށް ތިމަން އިލާހު އޭނާއަށް މަގުދެއްކެވީމެވެ.
11
ފަހެ ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟
12
ދަތިކަންހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
13
(އެއީ) އަޅަކު މިނިވަންކުރުމެވެ.
14
ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ.
15
ގާތްތިމާގެ ޔަތީމަކަށެވެ.
16
ނުވަތަ އަތްމަތި ދަތިވެފައިވާ މިސްކީނަކަށެވެ.
17
ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަސިއްޔަތް ކޮށް، އަދި މީސްތަކުންނަށް ރަހުމް ބެހެއްޓުމަށް އެކަކު އަނެކަކަށް ވަސިއްޔަތް ކޮށްއުޅުނުމީހުންގެ ތެރެއިން އޭނާ ވާނެއެވެ.
18
ކަނާތްފަރާތުގެ މީހުންނީ، އެ މީހުންނެވެ.
19
އަދި ތިމަން އިލާހުގެ އާޔަތްތަކަށް ކާފިރުވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ.
20
އެ މީހުންނަށް ހުރީ، ބަންދު ކުރައްވާފައިވާ ނަރަކައެވެ.