އައްޝަމްސު

Ash-Shams

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ.
2
އަދި ހަނދު އޭގެ ފަހަތުންދާ ހިނދު، އެ ހަނދު ވެސް ގަންދެއްވަމެވެ.
3
އަދި ދުވާލު، އެ އިރު ފާޅުކޮށްފި ހިނދު، އެ ދުވާލު ވެސް ގަންދެއްވަމެވެ.
4
އަދި ރޭގަނޑު، އެ އިރު ނިވާކުރާ ހިނދު، އެ ރޭގަނޑު ވެސް ގަންދެއްވަމެވެ.
5
އަދި އުޑާއި، އެ އުޑު ބިނާ ކުރެއްވި އިލާހު ވެސް ގަންދެއްވަމެވެ.
6
އަދި ބިމާއި، އެ ބިން ފެތުރުއްވި އިލާހު ވެސް ގަންދެއްވަމެވެ.
7
އަދި ނަފްސާއި، އެ ނަފްސު ފުރިހަމަ ކުރެއްވި އިލާހު ވެސް ގަންދެއްވަމެވެ.
8
ފަހެ އެ އިލާހު އެ ނަފްސަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ.
9
އެ ނަފްސު ތާހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
10
އަދި އެ ނަފްސަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ.
11
ޘަމޫދު ބާގައިމީހުން، އެ މީހުންގެ އަނިޔާވެރިކަމުން (އެ މީހުންގެ ނަބިއްޔާ) ދޮގުކުރިއެވެ.
12
އެ މީހުން ކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ.
13
ފަހެ އެ މީހުންނަށް ﷲ ގެ ރަސޫލާ (އެބަހީ: ޞާލިޙުގެފާނު) ވިދާޅުވިއެވެ: ﷲ ގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ.
14
ފަހެ އެ މީހުން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރިއެވެ. ދެން އެ މީހުން އެ ޖަމަލު މަރައިލޫއެވެ. ފަހެ އެ މީހުންގެ ފާފައިގެ ސަބަބުން އެ މީހުންގެ ރައްބު އެ މީހުންގެ މައްޗަށް އަޒާބު ފޮނުއްވިއެވެ. އަދި އެ މީހުން އެންމެން، އެ އަޒާބުގައި ހަމަހަމަ ކުރެއްވިއެވެ.
15
އަދި އެ އަޒާބުގެ ނަތީޖާއާމެދު، އެ އިލާހު ބިރުވެތިވެވޮޑިގެނެއް ނުވެއެވެ.