ފޮތުގެ އަހުލުވެރިންނާއި، މުޝްރިކުންގެ ތެރެއިން ކާފިރު ވިމީހުން، ފާޅުވެގެންވާ ދަލީލު އެ މީހުންގެ ގާތަށް އަތުވެއްޖައުމަށްދާންދެން އެ މީހުން ތިބިގޮތް ދޫކޮށްލާނޭ ބަޔަކު ކަމުގައި ނުވެއެވެ.
(އެ ދަލީލަކީ) ﷲ ގެ ހަޒްރަތުން ފޮނުއްވެވި ރަސޫލެކެވެ. ތާހިރުކުރައްވާފައިވާ ފަތްފުށްތަކެއް އެ ރަސޫލާ ކިޔަވައިދެއްވައެވެ.
ސީދާވެގެންވާ ހުކުމްތައް، އެ ފަތްފުށްތަކުގައި ވެއެވެ.
އަދި ފާޅުވެގެންވާ ދަލީލު، އެ މީހުންގެ ގާތަށް އައުމަށް ފަހުގައި މެނުވީ، ފޮތް ލިބުނު މީހުން ބައިބައިވެގެން ނުދެތެވެ.
އަދި އެ އިލާހަށް އަޅުކަން ޚާލިސްކޮށް، ބާތިލުގެ މަގުން އެއްކިބާވެގެންވާ ހާލު، ﷲ އަށް އަޅުކަން ކުރުމަށް މެނުވީ އެ މީހުންނަށް އަމުރުކުރައްވާފައެއް ނުވެއެވެ. އަދި ނަމާދު ގާއިމު ކުރުމަށާއި، ޒަކާތް ދިނުމަށް ވެސް މެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.
ހަމަކަށަވަރުން ފޮތުގެ އަހުލުވެރިންނާއި، މުޝްރިކުންގެ ތެރެއިން ކާފިރު ވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެ ތާނގައި އެ މީހުން ދެމިތިބެނިވިގޮތުގައެވެ. އެ މީހުންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ.
ހަމަކަށަވަރުން އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން (ދަންނާށެވެ.) އެ މީހުންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ.
އެ މީހުންގެ ރައްބުގެ ހަޒްރަތުގައި، އެ މީހުންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ޢަދްނޭ ކިޔުނު ސުވަރުގެތަކެވެ. އެ ތާނގައި އެ މީހުން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. ﷲ އެ މީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި އެ މީހުން އެ އިލާހު (ދެއްވި ނިއުމަތް) އަށް ރުހިގެންވެއެވެ. އެ ނިއުމަތް ލިބޭހުށީ، އެ މީހާގެ ރައްބަށް ބިރުވެތިވި މީހަކަށެވެ.