އަލިފް ލާމް ރާ. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) މިއީ ފާޅުވެ ބަޔާންވެގެންވާ ފޮތުގެ އާޔަތްތަކެވެ.
ހަމަކަށަވަރުން ތިމަން އިލާހު އެ ފޮތް ބާވައިލެއްވީ، އަރަބި ބަހުންއޮތް ގުރްއާނެއް ކަމުގައެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަނެވޭތޯއެވެ.
އެންމެ ރިވެތި ވާހަކަތައް، ތިމަން އިލާހު ކަލޭގެފާނަށް ކިޔައިދެއްވަމެވެ. (އެއީ) ތިމަން އިލާހު، ކަލޭގެފާނަށް މި ގުރުއާން ވަހީކުރެއްވި ކުރެއްވުމުންނެވެ. އޭގެ ކުރިން، ކަލޭގެފާނު އެ ވާހަކަތައް ނުދަންނަ މީހުންގެ ތެރެއިން ވީނަމަވެހެވެ.
ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ. ހަމަކަށަވަރުން އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެ ތަކެތި ތިމަންކަލޭގެފާނަށް ސަޖިދަކުރާތީއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ ދަރިފުޅާއެވެ. ތިބާއަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ އެ މީހުން ތިބާއަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން ޝައިތާނާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ އަދާވާތްތެރިއެކެވެ.
އަދި ހަމަ އެފަދައިން، ތިބާގެ ރައްބު، ތިބާ ޚިޔާރުކުރައްވާ، ހުވަފެނުގެ ވާހަކަތައް، މާނަކުރުން ތިބާއަށް ދަސްކޮށްދެއްވާ، އަދި ތިބާޔަށާއި، ޔައުގޫބުގެ ދަރިކޮޅަށް، އެ އިލާހުގެ ނިއުމަތްތައް ފުރިހަމަކޮށްދެއްވާނެއެވެ. (އެއީ) މީގެކުރިން، ތިބާގެ ދެކާފައިން ކަމަށްވާ، އިބްރާހީމްގެފާނާއި، އިސްޙާގުގެފާނަށް އެ ނިއުމަތްތައް ފުރިހަމަކޮށްދެއްވި ފަދައިންނެވެ. ހަމަކަށަވަރުން ތިބާގެ ރައްބަކީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
ޔޫސުފުގެފާނާއި، އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި، ސުވާލުކުރާ މީހުންނަށް، ހެކިތަކެއްވާކަން ކަށަވަރެވެ.
އެ އަޚުންތައް، ބުނިހިނދު، ހަނދުމަކުރާށެވެ! ތިމަންމެންނީ، ގަދަފަދަ ޖަމާއަތެއްކަމުގައި ވާހިނދުވެސް، ޔޫސުފުގެފާނާއި، އޭނާގެ އަޚު (ބުންޔާމީން) ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާ ބޮޑެވެ. ހަމަކަށަވަރުން ތިމަންމެންގެ ބައްޕާވަނީ، ފާޅުވެގެންވާ މަގުއޮޅުމެއްގައެވެ.
ތިޔަބައިމީހުން ޔޫސުފުގެފާނު ގަތުލުކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެއެވެ. އަދި އެއަށް ފަހު ތިޔަބައިމީހުން (ތައުބާވެ) ސާލިހު ރަނގަޅު ބައެއްކަމުގައި ވާނީއެވެ.
އެ މީހުންގެ ތެރެއިން ބުނާ މީހަކު ބުންޏެވެ. ތިޔަބައިމީހުން ޔޫސުފުގެފާނު ގަތުލު ނުކުރާށެވެ! ތިޔަބައިމީހުން ކަމެއްކުރަންޏާ (އަނދިރި) ވަޅެއްގެ އަޑިއަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން، ދަތުރުކުރަމުންދާ ބަޔަކު، އެކަލޭގެފާނު ހޮވައިގެން ގެންގޮސްފާނެތެވެ.
އެ މީހުން ދެންނެވިއެވެ: އޭ އަހުރެމެންގެ ބައްޕާއެވެ. ޔޫސުފުގެފާނާމެދު، ކަލޭގެފާނު ތިމަންމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެތޯއެވެ. ހަމަކަށަވަރުން ތިމަންމެންނީ، އެކަލޭގެފާނަށް ހެޔޮއެދޭ ބަޔަކީމުއެވެ.
ކައިބޮއި އުފާކޮށް، ކުޅެހެދުމަށް ޓަކައި، ތިމަންމެންނާއެކުގައި، މާދަމާ އެކަލޭގެފާނު ފޮނުއްވާށެވެ. ހަމަކަށަވަރުން ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާހުށީމުއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އޭނާ ގޮވައިގެން ތިޔަބައިމީހުން ދިޔުމަކީ، ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ހިތާމަ ލިބޭ ކަމެކެވެ. އަދި ތިޔަބައިމީހުން އޭނާގެ މަތިން ޣާފިލު ވެގެންތިއްބާ، ވަލުކުއްތާ (އައިސް) އޭނާ ކައިފާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގަންނަމެވެ.
އެ މީހުން ދެންނެވިއެވެ: ތިމަންމެންނީ ބާރު ހުރި ބަޔެއް ކަމަށްވާ ހިނދު، ވަލުކުއްތާ (އައިސް) އޭނާ ކައިފިނަމަ، ހަމަކަށަވަރުން ތިމަންމެން ވާނީ (ކަމެއް ނުކުރެވޭ) ގެއްލެނިވިގެންވާ ބަޔަކު ކަމުގައެވެ.
ފަހެ އެ މީހުން އެކަލޭގެފާނު ގޮވައިގެން ދިޔަހިނދު، އަނދިރި ވަޅަކަށް އެކަލޭގެފާނު ލުމަށް އެންމެން އެއްބަސްވިއެވެ. ތިމަން އިލާހު އެކަލޭގެފާނަށް ވަހީ ކުރެއްވީމެވެ. އެ މީހުންގެ މިކަންތަކުގެ ވާހަކަ، އެ މީހުންނަށް ނޭނގި ތިއްބާ، ހަމަކަށަވަރުން ކަލޭގެފާނު އެ މީހުންނަށް (ފަހުން) ކިޔައިދެއްވާނެއެވެ.
އަދި ޢިޝާ ވަގުތުގައި، އެ މީހުންގެ ބައްޕާގެ އަރިހަށް ރޮމުން އެ މީހުން އައެވެ.
އެ މީހުން ދެންނެވިއެވެ: އޭ އަހުރެމެންގެ ބައްޕާއެވެ. ތިމަންމެންގެ ސާމާނުތަކުގެ ކައިރީގައި ޔޫސުފު ބަހައްޓާފައި، ތިމަންމެން ވާދަކުރުމަށް ދިޔައީމުއެވެ. ދެން ވަލުކުއްތާއެއް އައިސް އެކަލޭގެފާނު ކައިފިއެވެ. ތިމަންމެން ތެދުވެރިންކަމުގައިވިޔަސް، ކަލޭގެފާނު ތިމަންމެންގެ ބަސް ތެދެއް ނުކުރައްވާނެއެވެ.
އަދި އެ މީހުން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައެވެ. (ޔައުގޫބުގެފާނު) ވިދާޅުވިއެވެ: އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ ﷲ އެވެ.
އެތަނަށް ދަތުރުކުރާ ބަޔަކު އައެވެ. އަދި އެ މީހުންނަށް ފެން ގެނެސްދޭމީހާ (ވަޅުކައިރިއަށް) ފޮނުވިއެވެ. އަދި އޭނާ ބާލިދީ ވަޅަށް ތިރިކޮށްފައި (ޔޫސުފުގެފާނު ވަޅުން ނަގާފައި) ބުންޏެވެ. އޭ ހުރި އުފަލެއްގެ ބޮޑުކަމާއެވެ. މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ. ދެން ވިޔަފާރި މުދަލެއްގެ ގޮތުގައި، އެކަލޭގެފާނު ފޮރުވައި، ރައްކާކޮށްފިއެވެ. ﷲ އީ، އެ މީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި ވަރަށް ކުޑަ އަގަކަށް، ގުނައިލެވޭ މަދު ދިރުހަމް ކޮޅަކަށް، އެ މީހުން އެކަލޭގެފާނު ވިއްކާލައިފިއެވެ. އަދި އެކަލޭގެފާނާމެދު، އެ މީހުން ވީ (މަދު އެތިކޮޅަކަށް ރުހޭ) ޒާހިދުންގެ ތެރެއިންނެވެ.
މިސްރުން އެކަލޭގެފާނު ގަތް މީހާ، އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅު ގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ. އެފަދައިން، ތިމަން އިލާހު ޔޫސުފުގެފާނު (މިސްރުގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. އަދި ހުވަފެނުގެ ވާހަކަތައް މާނަ ކުރެއްވުން އެކަލޭގެފާނަށް ދަސްކޮށްދެއްވުމަށް ޓަކައެވެ. ﷲ އީ، އެ އިލާހުގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ އިލާހެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
އެކަލޭގެފާނު ފުރާ ފުރިހަމަވީހިނދު، ތިމަން އިލާހު، އެކަލޭގެފާނަށް ހިކުމަތާއި، އިލްމު ދެއްވީމެވެ. އިހްސާންތެރިންނަށް ތިމަން އިލާހު ޖަޒާދެއްވަނީ، އެފަދައިންނެވެ.
އަދި އެކަލޭގެފާނު އެ ކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ ކިބައިން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެ ކަނބުލޭގެ ދެންނެވިއެވެ: ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ. (އޭނާއަށް ޚިޔާނަތްތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން ތިމަންނަގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައި ވަނީ، އެންމެ ރަނގަޅު ގޮތުގައެވެ. ހަމަކަށަވަރުން އަނިޔާވެރިން ކާމިޔާބެއް ނުވާނެއެވެ.
އަދި ހަމަކަށަވަރުން (އެދުމާއެކު) އެ ކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ރައްބުގެ ދަލީލު ފެނިވަޑައިނުގެންނެވިނަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެ ކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ ދަލީލު ދެއްކެވީ) ތިމަން އިލާހު އެކަލޭގެފާނުގެ ކިބައިން ނުބައި އަމަލާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށް ޓަކައެވެ. ހަމަކަށަވަރުން އެކަލޭގެފާނު ވަނީ، ތިމަން އިލާހު ޚިޔާރުކުރެއްވި އަޅުންގެ ތެރެއިންނެވެ.
އަދި އެ ދެ މީހުންމެ ދޮރާ ދިމާއަށް އަވަސްވެގެންފިއެވެ. އަދި އެ ކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން (ހިފައި) ވީދައިލިއެވެ. އަދި ދޮރުކައިރިން އެ ކަނބުލޭގެ ފިރިމީހާ އެ ދެ މީހުންނަށް ފެނުނެވެ. އެ ކަނބުލޭގެ ބުންޏެވެ. ތިބާގެ އަނބިމީހާއަށް ނުބައިކަމެއްކުރަން އުޅުނުމީހަކަށް، އެ މީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި އުގޫބާތް ދިނުން ފިޔަވާ އޮތީ ކޮން ޖަޒާއެއްހެއްޔެވެ؟
އެކަލޭގެފާނު ވިދާޅުވިއެވެ: ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެ ކަނބުލޭގެއެވެ. އަދި (އެކަމާމެދު) އެ ކަނބުލޭގެ ތިމާގެ މީހުންކުރެ ހެކިވެރިޔަކު ހެކިދީ ބުންޏެވެ. އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެ ކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ.
އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެ ކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެރެއިންނެވެ.
ފަހެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުމުން، އޭނާ (އެބަހީ: އެ ކަނބުލޭގެ ފިރިމީހާ) ބުންޏެވެ. ހަމަކަށަވަރުން އެއީ ތިޔަ ކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން ތިޔަ ކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ.
ޔޫސުފުގެފާނެވެ. މިކަންތަކުން ދުރުހެލިވެވަޑައިގަންނަވާށެވެ. އަދި ކަނބުލޭގެ ކުރި ކުށަށް މާފު އެދޭށެވެ! ހަމަކަށަވަރުން ކަނބުލޭގެވަނީ، ކުށްވެރިންގެ ތެރެއިންނެވެ.
(މިކަންތަކުގެ ޚަބަރު ފެތުރިގެންދިޔުމުން) ރަށުތެރޭގެ އަންހެނުންގެ ބަޔަކު ބުނެފިއެވެ. އަލްޢަޒީޒުގެ އަންހެނުން، އެ ކަނބުލޭގެ އަޅުކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދެނީއެވެ. ހަމަކަށަވަރުން އެ ކަނބުލޭގެ ހިތްވަނީ، އެ ކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން އެ ކަނބުލޭގެ ވާކަމަށް ތިމަންމެންދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ.
ފަހެ އެ އަންހެނުން ދެއްކި (މަލާމާތުގެ) މަކަރުވެރި ވާހަކަ އެ ކަނބުލޭގެއަށް އިވުމުން، އެ މީހުން ބަލައިފޮނުވިއެވެ. އަދި ލެނގިގެން ތިބޭނެ ތަނެއް ތައްޔާރުކުރިއެވެ. އަދި އެއިން ކޮންމެ މީހަކަށް ވަޅިއެއް ދިނެވެ. އަދި ޔޫސުފުގެފާނަށް ދެންނެވިއެވެ: އެ މީހުންގެ ތެރެއަށް ނުކުމެވަޑައިގަންނަވާށެވެ. ދެން އެ އަންހެނުން އެކަލޭގެފާނު ދުށް ހިނދު، އެ މީހުން އެކަލޭގެފާނުގެ ރީތިކަމާމެދު ހައިރާންވިއެވެ. އަދި އެ މީހުން އަތްތައް ކޮށަމުން ދިޔައެވެ. އަދި ބުނެފިއެވެ: ﷲ ގެ ހުސްތާހިރުވަންތަ ކަމާއެވެ. މިއީ އާދަމުގެ ދަރިއެއްވާ ނޫނެވެ. މިއީ މާތްވެގެންވާ މަލާއިކަތަކު ކަމުގައި ނޫނީ ނުވެއެވެ.
އެ ކަނބުލޭގެ ބުންޏެވެ. ތިޔަބައިމީހުން ތިމަންނާއަށް މަލާމާތްކޮށް ވާހަކަދެއްކީ، އޭނާއާ މެދުގައެވެ. ހަމަކަށަވަރުން ތިމަން އޭނާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. ފަހެ އެ ހިނދު އޭނާ އެ ކަމުން ރައްކާތެރިވެގަތެވެ. އަދި ތިމަން އޭނާއަށް އަމުރުކުރާ ކަންތައް ނުކުޅަނަމަ، ޖަލުގައި އޭނާ ހައްޔަރު ކުރެވޭނެކަން ކަށަވަރެވެ. އަދި އޭނާ ވާހުށީ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. މި އަޅާ ކުރުމަށް އެ މީހުން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، މި އަޅާއަށް ލޮބުވެތިކަން މާ ބޮޑެވެ. އަދި އިބަ އިލާހު އެ މީހުންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، މި އަޅާ އެ މީހުންނަށް ލެނބިގެން ހިނގައިދާނެއެވެ. އަދި ޖާހިލުންގެ ތެރެއިން މި އަޅާ ވެދާނެއެވެ.
ފަހެ އެކަލޭގެފާނުގެ ރައްބު އެކަލޭގެފާނުގެ ދުއާ އިޖާބަ ކުރައްވާ، އެ މީހުންގެ މަކަރުވެރިކަން އެކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިއެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ދެން (އެކަލޭގެފާނު ބަރީއަވެގެންވާކަމުގެ) ދަލީލުތައް އެ މީހުންނަށް ފެނިދިޔުމަށް ފަހުވެސް، ހަމަކަށަވަރުން އެކަލޭގެފާނު ދުވަސްކޮޅަކަށް ޖަލުގައި ހައްޔަރުކުރުމަށް އެ މީހުންނަށް ފެނުނެވެ.
އަދި (ރަސްގެފާނުގެ ޚާދިމުންގެ ތެރެއިންވާ) ދެކުއްޖަކުވެސް އެކަލޭގެފާނުގެ އަރިހުގައި ޖަލަށްލެވުނެވެ. އޭގެ ތެރެއިން އެކަކު ދެންނެވިއެވެ: ހަމަކަށަވަރުން ރާހެދުމަށް، ތިމަން މޭބިސްކަދުރުން ދިޔަފެލާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. އަދި އަނެކަކު ދެންނެވިއެވެ: ހަމަކަށަވަރުން ތިމަންގެ ބޮލުގައި ރޮށިތަކެއް ބަހައްޓައިގެން ދަނިކޮށް، ދޫނި އެއިން ކާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. މިކަމުގެ މާނަ ތިމަންމެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ. ހަމަކަށަވަރުން ތިމަންމެން ކަލޭގެފާނު ދެކެނީ، އިހްސާންތެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަ ދެ މީހުންނަށް ލިބޭ ކާނާއެއް ތިޔަ ދެ މީހުންނަށް އައުމުގެ ކުރިން، ތިމަންކަލޭގެފާނު ތިޔަ ދެ މީހުންނަށް އެއީ ކޮންއެއްޗެއްކަން އަންގައިދެއްވާހުށީމެވެ. އެއީ ތިމަންކަލޭގެފާނުގެ ރައްބު ތިމަންކަލޭގެފާނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން ކަމެކެވެ. ﷲ އަށް އީމާން ނުވާ ބަޔެއްގެ ދީން ހަމަކަށަވަރުން ތިމަން ދޫކޮށްލައިފީމެވެ. އަދި އެ މީހުންނީ، ހަމަ، އާޚިރަތަށް ކާފިރު ވެގެންވާ ބަޔެކެވެ.
އަދި ތިމަންކަލޭގެފާނުގެ ކާބަފައިކަލުނަވި އިބްރާހީމްގެފާނާއި، އިސްޙާގުގެފާނާއި، ޔައުގޫބުގެފާނުގެ ދީނަށް ތިމަންކަލޭގެފާނު ތަބާ ވެވަޑައިގަތީމެވެ. ﷲ އަށް އެއްވެސް އެއްޗެއް ޝަރީކުކުރުމަކީ ތިމަންމެންނަށް އޮތްކަމެއް ނޫނެވެ. އެއީ ތިމަންމެންނަށާއި، މީސްތަކުންނަށް ﷲ ދެއްވި ފަޟްލުވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ އިލާހަށް) ޝުކުރެއް ނުކުރެއެވެ.
އޭ ޖަލުގެ ދެ އެކުވެރިންނޭވެ. ވަކިވަކިވެގެންވާ އިލާހުންތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ގައްހާރުވަންތަ ﷲ ހެއްޔެވެ؟
ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށްމެނުވީ، ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ އެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް ހުއްޖަތެއް ﷲ ބާވައެއްނުލައްވައެވެ. ﷲ އަށް މެނުވީ ހުކުމް ކުރެއްވުމެއްނެތެވެ. އެ އިލާހަށް ފިޔަވާ ތިޔަބައިމީހުން އަޅުކަން ނުކުރުމަށް އެ އިލާހު ވަނީ އަމުރުކުރައްވާފައެވެ. އެއީ ހައްގު ތެދު ދީނެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
އޭ ޖަލުގެ ދެ އެކުވެރިންނޭވެ. ތިޔަ ދެ މީހުންކުރެ އެކަކު ދަންނާށެވެ. ފަހެ އޭނާގެ ސާހިބުމީހާއަށް އޭނާ ރާ ދޭނެތެވެ. އަދި އަނެކަކު ދަންނާށެވެ. ފަހެ އޭނާ ސަލީބަށް އެރުވޭނެއެވެ. ދެން އޭނާގެ ބޮލުން ދޫނި ކާނެތެވެ. ތިޔަ ދެ މީހުން އޮޅުންފިލުވަން އުޅޭކަންތައްވަނީ (އެ ގޮތަށް) ނިޔާކުރައްވާފައެވެ.
އެ ދެ މީހުންކުރެ ނަޖާވާނެކަމަށް ހީކުރެއްވި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންކަލޭގެފާނުގެ ވާހަކަ، ތިބާގެ ސާހިބުމީހާގެ ގާތުގައި ކިޔައިދޭށެވެ! ފަހެ އޭނާގެ ސާހިބުމީހާގެ ގާތުގައި އެވާހަކަދައްކަން ޝައިތާނާ އޭނާ ހަނދާން ނެއްތިއެވެ. ފަހެ (އެ ކަމުގެ ސަބަބުން) އެކަލޭގެފާނު ޖަލުގައި (އިތުރު) އެތައްއަހަރަކު ހުންނެވިއެވެ.
ރަސްގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެއެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮންނެވެ. އަދި ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާ ފެނެއެވެ. އޭ ބޮޑުންނޭވެ. ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައިވާނަމަ، އަހަރެންގެ މި ހުވަފެނާ މެދުގައި، އަހަރެންނަށް އޮޅުންފިލުވައިދޭށެވެ!
އެ މީހުން ދެންނެވިއެވެ: (ތިޔައީ) ހުވަފެނުގެ ހާސަރެކެވެ. އަދި (އެކަހަލަ) ހުވަފެން މާނަކުރަން ދަންނަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
އަދި އެ ދެ މީހުންކުރެ (ޖަލުން) ސަލާމަތްވީމީހާ އެތައްދުވަހެއް ފަހުން (ޔޫސުފުގެފާނު މަތިން) ހަނދާންވެގެން ބުންޏެވެ. އެ ހުވަފެނުގެ މާނަ ތިޔަބައިމީހުންނަށް ތިމަން ކިޔައިދީފާހުށީމެވެ. ފަހެ ތިޔަބައިމީހުން (ޔޫސުފުގެފާނުގެ އަރިހަށް) ތިމަން ފޮނުވާށެވެ.
(އޭނާ ދެންނެވިއެވެ:) އޭ ޔޫސުފުގެފާނެވެ. އޭ ތެދުވެރިޔާއެވެ. ހިކި ހަތް ގެރި (ވެގެން) ކާ، ފަލަ ހަތް ގެރިއާއި، ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާއާމެދު (އެބަހީ: އެ ހުވަފެނާމެދު) އަހުރެމެންނަށް އޮޅުންފިލުއްވައި ދެއްވާށެވެ. (އެއީ) ތިމަން އެ މީހުން ގާތަށް އެނބުރިގޮސް ކިޔައިދިނުމަށް ޓަކައެވެ. (އެއީ) އެ މީހުންނަށް (އެ ކަން) އެނގުމަށް ޓަކައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ. އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީއެވެ.
ދެން އެއަށް ފަހު، ތަދުމަޑު ހަތް އަހަރު އަންނާނެއެވެ. ތިޔަބައިމީހުން ރައްކާކުރި ތަކެތިން މަދުއެތިކޮޅެއް މެނުވީ، އެ އަހަރުތަކަށް ބަހައްޓާފައިހުރި ތަކެތި ތިޔަބައިމީހުން ކައިހުސްކުރާނެއެވެ.
ދެން އެއަށް ފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެއެވެ. އަދި އެ އަހަރުގައި އެ މީހުން (ދިޔަފެލާ ތަކެތިން) ދިޔަފެލާނެތެވެ.
ރަސްގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން ތިމަންގެ ގާތަށް އޭނާ ގެންނާށެވެ! ފަހެ ރަސްގެފާނު ފޮނުއްވި މީހާ އެކަލޭގެފާނުގެ އަރިހަށް އައުމުން، ވިދާޅުވިއެވެ: ތިބާގެ ސާހިބުމީހާގެ ގާތަށް ތިބާ އެނބުރި ހިނގައިދާށެވެ! ފަހެ އެ މީހުންގެ އަތްތައް ކޮށައިލި އަންހެނުންތަކަށް ވީގޮތަކާމެދު، އޭނާއާ ސުވާލުކޮށްބަލާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބު އެ މީހުންގެ މަކަރުވެރިކަން މޮޅަށް ދެނެވޮޑިގެންވެއެވެ.
އޭނާ (އެބަހީ: ރަސްގެފާނު) ވިދާޅުވިއެވެ: ތިޔަ ކަނބަލުން ޔޫސުފުގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނު ހިނދު، ކަންވީގޮތަކީ ކޮބައިހެއްޔެވެ؟ އެ މީހުން ދެންނެވިއެވެ: ﷲ ގެ ހުސްތާހިރުވަންތަކަމާއެވެ. އެކަލޭގެފާނުގެ ކިބައިގައި އެއްވެސް ނުބައިކަމެއްވާ ކަމަކަށް ތިމަންމެން ދެނެއެއްނެތީމުއެވެ. އަލްޢަޒީޒުގެ އަންހެނުން ބުންޏެވެ. މިހާރު ހައްގު ތެދު ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނީ، ތިމަންނާއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު ވަނީ، ތެދުވެރިންގެ ތެރެއިންނެވެ.
(ޔޫސުފުގެފާނު ވިދާޅުވިއެވެ:) އެއީ ތިމަން ޣައިބުގައި އޭނާއަށް (އެބަހީ: އަލްޢަޒީޒަށް) ޚިޔާނަތްތެރި ނުވާކަމާއި، އަދި ޚިޔާނަތްތެރިންގެ މަކަރުވެރި ރޭވުން ﷲ ފަހިކޮށް ނުދެއްވާނެކަން، އޭނާއަށް އެނގުމަށް ޓަކައެވެ.
އަދި ތިމަންކަލޭގެފާނުގެ ނަފްސު ވެސް (ތުހުމަތުން) ބަރީއައެއް ނުކުރައްވަމެވެ. ހަމަކަށަވަރުން ނަފްސަކީ، ތިމަންކަލޭގެފާނުގެ ރައްބު ރަހުމަތް ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބަކީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
ރަސްގެފާނު ވިދާޅުވިއެވެ: އެކަލޭގެފާނު ތިމަންގެ ޚިދުމަތަށް ޚާއްސަކުރުމަށް ޓަކައި، އެކަލޭގެފާނު ތިމަންގެ ގާތަށް ގެންނާށެވެ! ފަހެ އެކަލޭގެފާނާ ވާހަކަ ދައްކަވާފައި، އެ ރަސްގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ކަލޭގެފާނީ، މިއަދު ތިމަންގެ ގާތުގައި އިތުބާރުކުރެވޭ އަމާނަތްތެރިޔަކީމުއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ. ހަމަކަށަވަރުން ތިމަންނައީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.
އެފަދައިން އެކަލޭގެފާނު ބޭނުންފުޅު ތަނެއްގައި ހުންނެވޭނެ ގޮތުން ތިމަން އިލާހު އެކަލޭގެފާނު ބިމުގައި ބާރުވެރި ކުރެއްވީމެވެ. ތިމަން އިލާހު އިރާދަކުރައްވާ ބަޔަކަށް، ތިމަން އިލާހުގެ ރަހުމަތް ލައްވަމެވެ. އަދި އިހްސާންތެރިންގެ ދަރުމަ، ތިމަން އިލާހު ގެއްލެނި ނުކުރައްވާހުށީމެވެ.
އަދި ހަމަކަށަވަރުން އީމާންވެ، ތަގުވާވެރިވެއުޅުނު މީހުންނަށް، އާޚިރަތުގެ ދަރުމައިގެ ހެޔޮކަން މާ ބޮޑެވެ.
އަދި ޔޫސުފުގެފާނުގެ އަޚުން އަތުވެއްޖެއެވެ. ދެން އެކަލޭގެފާނުގެ އަރިހަށް އެ މީހުން ވަދެއްޖެއެވެ. އަދި އެކަލޭގެފާނަށް އެ މީހުން އެނގިވަޑައިގަތެވެ. ފަހެ އެ މީހުންނަކަށް އެކަލޭގެފާނަކީ ކާކުކަމެއް ނޭނގެތެވެ.
އެ މީހުން ބޭނުންވެގެން އައި ސާމާނު ތައްޔާރުކޮށްދެއްވިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ: (ތިޔަބައިމީހުން ދޫކޮށްފައި އައި) ތިޔަބައިމީހުންނާ އެއްބަފާ އަޚެއް ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ! ތިމަންކަލޭގެފާނު ހަމައަށް މިނެދެއްވާކަމާއި، ތިމަންކަލޭގެފާނީ، އެންމެހެޔޮގޮތުގައި މެހުމާނުންނަށް ކަމޭހިތާ މީހަކުކަން ތިޔަބައިމީހުން ނުދެކެމުހެއްޔެވެ؟
ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އޭނާ ނުގެނައިނަމަ، ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުންނަކަށް މިނެދިނުމެއް ނެތެވެ. އަދި ތިޔަބައިމީހުން، ތިމަންކަލޭގެފާނުގެ އަރިހަށް ނާންނާށެވެ!
އެ މީހުން ދެންނެވިއެވެ: އޭނާގެ ބައްޕާ އަރިހުން އޭނާ ގެނެވޭތޯ ތިމަންމެން ގަދަމަސައްކަތް ކުރާނަމެވެ. އަދި ހަމަކަށަވަރުން ތިމަންމެން (އެ ކަން) ކުރާހުށީމުއެވެ.
އެކަލޭގެފާނު ގެންގުޅުއްވާ ކުދިންނަށް ވިދާޅުވިއެވެ: އެ މީހުން (އަގަކަށް) ގެނައި މުދާ، އެ މީހުންގެ ތަކެތީގެ ތެރެއަށްލާށެވެ! (އެއީ) އެ މީހުންގެ އަހުލުންގެ ގާތަށް އެނބުރިދާ ހިނދު، އެ ކަން އެ މީހުންނަށް އެނގުމަށް ޓަކައެވެ. (އަދި ތިމަންކަލޭގެފާނުގެ އަރިހަށް) އެ މީހުން އެނބުރި އާދޭތޯއެވެ.
ފަހެ އެ މީހުންގެ ބައްޕާގެ އަރިހަށް އެ މީހުން އެނބުރި ދިޔަހިނދު އެ މީހުން ދެންނެވިއެވެ: އޭ އަހުރެމެންގެ ބައްޕާއެވެ. (ތިމަންމެންގެ ކޮއްކޮ ތިމަންމެންނާއެކު ނުފޮނުއްވައިފިނަމަ، ދެން) ތިމަންމެންނަށް މިނެދިނުން މަނާވީއެވެ. ފަހެ ތިމަންމެންނަށް މިނެދޭތޯ ތިމަންމެންނާއެކު ތިމަންމެންގެ ކޮއްކޮ ފޮނުއްވާށެވެ. އަދި ހަމަކަށަވަރުން ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާ ހުށީމުއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: މީގެކުރިން އޭނާގެ އަޚު (ޔޫސުފުގެފާނު) އާމެދު ތިޔަބައިމީހުންނަށް އިތުބާރުކުރި ފަދައިން މެނުވީ، އޭނާއާމެދު ތިޔަބައިމީހުންގެ މައްޗަށް ތިމަން އިތުބާރުކުރާނޭހެއްޔެވެ؟ ފަހެ ﷲ އީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ އިލާހެވެ. އަދި އެ އިލާހީ ރަހުމަތް ލައްވާ، އެންމެ ރަހުމަތްވަންތަ އިލާހެވެ.
އަދި އެ މީހުންގެ ސާމާނު އެ މީހުން ހުޅުވިހިނދު، އެ މީހުންގެ މުދާ (އޭގެ ތެރޭގައި) އެ މީހުންނަށް ރައްދުކުރެވިފައިވަނިކޮށް ފެނިފައި، އެ މީހުން ދެންނެވިއެވެ: އޭ އަހުރެމެންގެ ބައްޕާއެވެ. (މިއަށްވުރެމޮޅަށް) ތިމަންމެން އެދޭނީ ކޮންކަމެއްހެއްޔެވެ؟ މިހިރީ ތިމަންމެންގެ މުދާ ތިމަންމެންނަށް ރައްދުކުރެވިފައެވެ. އަދި ތިމަންމެންގެ އަހުލުންނަށް (އިތުރަށް) ކާބޯތަކެތި ގެނެސްދީ، އަދި ތިމަންމެންގެ ކޮއްކޮ ރައްކާތެރި ކުރާހުށީމުއެވެ. އަދި ޖަމަލަކަށް އެރުވޭތަކެތި އިތުރުކުރާނެއެވެ. އެއީ މިނެދެވޭ މަދު އެތިކޮޅެކެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންގެ މައްޗަށް އަދާވާތްތެރިންގެ ބަޔަކު ގަދަވެއްޖެހިނދަކު މެނުވީ، އޭނާ އަނބުރާ ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދޭންކަމަށް، ﷲ ގެ ހަޒްރަތުންވާ އަހުދެއް ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ގެނެސްދީފުމަށް ދާންދެން ތިޔަބައިމީހުންނާއެކު އޭނާއެއް ނުފޮނުއްވާ ހުށީމެވެ. ފަހެ އެ މީހުންގެ ކަށަވަރުވެގެންވާ އަހުދުގެ ބަސް ގެނެސްގަތްހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންމެން މިބުނާ އެއްޗަކަށް، ﷲ ހެކިވެވޮޑިގެންވާނެއެވެ.
އަދި އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ދަރިންނޭވެ. ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި ﷲ ގެ ހަޒްރަތުން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެއެވެ. ﷲ އަށް މެނުވީ ހުކުމް ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު ވަކީލު ކުރައްވަނީ، އެ އިލާހަށެވެ. އަދި ވަކީލުކުރާ މީހުން ހަމައެކަނި އެ އިލާހަށް ވަކީލުކުރާހުށިކަމެވެ.
އަދި އެ މީހުންގެ ބައްޕާ އަމުރު ކުރެއްވި ގޮތަށް، އެ މީހުން ގޮސް ވަންހިނދު އެކަލޭގެފާނަކަށް ﷲ ގެ ހަޒްރަތުން އެއްވެސްކަމެއް އެ މީހުންނަކަށް ފުއްދައެއް ނުދެއްވުނެވެ. ހަމައެކަނި، ޔައުގޫބުގެފާނުގެ ހިތްޕުޅުގައިއޮތް ބޭނުމެއް މެނުވީ ނުފުދެތެވެ. (އެއީ ޔައުގޫބުގެފާނު ވިދާޅުވިގޮތަށް އެ މީހުން އެ ކަން ކުރުމެވެ.) އަދި ހަމަކަށަވަރުން އެކަލޭގެފާނީ، ތިމަން އިލާހު އެކަލޭގެފާނަށް އުނގަންނައިދެއްވި އެއްޗެއް ރަނގަޅަށް ދެނެހުންނެވި ބޭކަލެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
އަދި ޔޫސުފުގެފާނުގެ އަރިހަށް އެ މީހުން ވަނުމުން، އެކަލޭގެފާނުގެ އަޚު އެކަލޭގެފާނުގެ އަރިހަށް ގެންދަވައި ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންނައީ، ތިބާގެ އަޚާއެވެ. ފަހެ އެ މީހުން ކޮށްއުޅުނު ކަންތަކާމެދު ތިބާ ހިތާމަނުކުރާށެވެ!
ފަހެ އެކަލޭގެފާނު އެ މީހުންގެ ސާމާނު ތައްޔާރުކޮށްދެއްވިހިނދު (މިނެހެދުމަށް ގެންގުޅޭ) ސިގާޔަތް، އޭނާގެ އަޚުގެ ތަކެތީގެ ތެރެއަށް ލެއްވިއެވެ. ދެން ގޮވައި އަންގާ މީހަކު ގޮވިއެވެ. އޭ ގާފިލާގެ މީހުންނެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ، ވައްކަންކުރާ ބަޔެކެވެ.
އެ މީހުން އެ މީހުންނާ ކުރިމަތިލައި އައިސް ބުނެފިއެވެ. ތިޔަބައިމީހުން ގެއްލިގެންތިޔަ އުޅެނީ ކޮންއެއްޗެއްހެއްޔެވެ؟
އެ މީހުން ބުނެފިއެވެ. ތިމަންމެން ގެއްލިގެން މިއުޅެނީ، ރަސްގެފާނުގެ ނާޅިއެވެ. އަދި އެ ގެނެސްދިން މީހަކަށް އޮތް އިނާމަކީ، ޖަމަލަކަށް އެރުވޭހާތަކެއްޗެވެ. އެ ކަމަށް އަހަރެން ޖާމިނުވެގެންވަމެވެ.
އެ މީހުން ދެންނެވިއެވެ: ﷲ ގަންދީ ބުނަމުއެވެ. ތިމަންމެންއައީ ބިމުގައި ފަސާދަކުރުމަށް ނޫންކަން ތިޔަބައިމީހުންނަށް އެނގިފައިވާނެކަން ކަށަވަރެވެ. އަދި ވައްކަންކުރާ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
އެ މީހުން ބުނެފިއެވެ. ތިޔަބައިމީހުން ދޮގުހަދާކަމަށްވާނަމަ، ފަހެ އެ ކަމުގެ (އެބަހީ: މިނާއެތި ވަގަށްނެގުމުގެ) ޖަޒާއަކީ ކޮބައިހެއްޔެވެ؟
އެ މީހުން ބުނެފިއެވެ. އެ ކަމުގެ ޖަޒާއަކީ، އެ މީހެއްގެ ތަކެތީގެ ތެރެއިން އެ މިނާއެތި ފެނުނު މީހެކެވެ. ފަހެ އޭނާ އެއީ އެ ކަމުގެ ޖަޒާއެވެ. (އެބަހީ: ޖަޒާދިނުމަށް ޓަކައި އެ މީހަކު ހިފެހެއްޓުމެވެ.) އަނިޔާވެރިންނަށް ތިމަން އިލާހު ޖަޒާދެއްވަނީ، އެފަދައިންނެވެ.
ފަހެ އެކަލޭގެފާނުގެ އަޚާގެ ތަކެތި ހޯދުމުގެ ކުރިން، އެ މީހުންގެ ތަކެތި ހޯދަންފެށިއެވެ. ދެން އެކަލޭގެފާނުގެ އަޚާގެ ތަކެތީގެ ތެރެއިން، އެ މިނާއެތި ނެރުނެވެ. އެ ގޮތަށް ޔޫސުފުގެފާނަށް ޓަކައި، ތިމަން އިލާހު (އެ ކަންތައް) ރޭއްވެވީމެވެ. ﷲ އިރާދަ ކުރެއްވުމާނުލާ، ރަސްގެފާނުގެ އާދަޔާ އެއްގޮތަށް އެކަލޭގެފާނަކަށް، އޭނާގެ އަޚާ އަތަކު ނުލެއްވުނީހެވެ. ތިމަން އިލާހު އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. އަދި ކޮންމެ އިލްމުވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ އިލާހު ވޮޑިގެންވެއެވެ.
އެ މީހުން ބުނެފިއެވެ. އޭނާ ވައްކަންކުރިކަމަށްވާނަމަ، މީގެކުރިން އޭނާގެ އަޚަކުވެސްވަނީ ވައްކަންކޮށްފައެވެ. ފަހެ ޔޫސުފުގެފާނު، އެކަލޭގެފާނުގެ ހިތްޕުޅުގައި އެ ބަސް ސިއްރުކުރެއްވިއެވެ. އަދި އެ މީހުންނަށް އެ ކަން ފާޅެއްނު ކުރައްވައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންގެ ދަރަޖަ އެއަށްވުރެ މާނުބައެވެ. އަދި ތިޔަބައިމީހުން ސިފަކޮށް ބުނާ އެއްޗެއް ﷲ ދެނެވޮޑިގަތުން ބޮޑެވެ.
އެ މީހުން ދެންނެވިއެވެ: އޭ އަލްޢަޒީޒެވެ! ހަމަކަށަވަރުން އޭނާގެ ގަދަރުވެރި މުސްކުޅި ބައްޕައެއްވެއެވެ. ފަހެ ތިމަންމެންގެ ތެރެއިން އެކަކު އޭނާގެ ބަދަލުގައި ހިފަހައްޓަވާށެވެ. ހަމަކަށަވަރުން ތިމަންމެން ކަލޭގެފާނު ދެކެނީ، އިހްސާންތެރިންގެ ތެރެއިންނެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އެ މީހެއްގެ އަތުގައި ތިމަންމެންގެ ތަކެތި ހުއްޓައި ފެނުނު މީހާ ނޫން މީހަކު ހައްޔަރު ކުރުމާމެދު، ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ. އެހެން ވެއްޖެނަމަ، ހަމަކަށަވަރުން ތިމަންމެން ވާނީ އަނިޔާވެރިން ކަމުގައެވެ.
ފަހެ އެ މީހުން އެކަލޭގެފާނުގެ ކިބައިން އުއްމީދު ކެނޑުނު ހިނދު، އެ މީހުން އެކަހެރިވެ ސައްލާކުރިއެވެ. އެ މީހުންގެ ބޮޑަކަށްހުރި މީހާ ބުންޏެވެ. ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ބައްޕާ، ﷲ ގެ ހަޒްރަތުން އަހުދު ކަށަވަރު ހިއްޕަވާފައިވާކަމާއި، އޭގެ ކުރިން ޔޫސުފުގެފާނާމެދު ތިޔަބައިމީހުން ފަރުވާކުޑަކޮށްފައިވާކަން، ތިޔަބައިމީހުންނަކަށް ނޭނގޭހެއްޔެވެ؟ ފަހެ ތިމަންގެ ބައްޕާ ތިމަންނައަށް އިޒުނަ ދެއްވާފުމަށްދާންދެން، ނުވަތަ ﷲ ތިމަންގެ މައްޗަށް ނިޔާކުރައްވާފުމަށްދާންދެން ތިމަންނަ މި ބިން ދޫކޮށެއް ނުލާހުށީމެވެ. އަދި އެ އިލާހީ ހުކުމް ކުރައްވާ އެންމެ ހެޔޮ އިލާހެވެ.
ތިޔަބައިމީހުން އެނބުރި ތިޔަބައިމީހުންގެ ބައްޕާ އަރިހަށްގޮސް ދަންނަވާށެވެ. އޭ އަހުރެމެންގެ ބައްޕާއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ދަރިކަލުން ވައްކަންކޮށްފިއެވެ. އަދި ތިމަންމެންނަށް އެނގިފައިވާކަމަކަށް މެނުވީ، ތިމަންމެން ހެއްކެއް ނުވަމުއެވެ. އަދި ޣައިބުގައިވާ ކަންތައް ދަންނަބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
އަދި ތިމަންމެންގޮސް ތިބި ރަށުގެ މީހުންނާ، އަދި ތިމަންމެން އޭގައި ދަތުރުކޮށްފައި އައި ގާފިލާގެ މީހުންނާ ސުވާލު ކުރައްވާށެވެ. އަދި ހަމަކަށަވަރުން ތިމަންމެންނީ ތެދުބުނާ ބަޔަކީމުއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އަދި ކިއެއް! ތިޔަބައިމީހުންގެ ނަފްސުތައް ތިޔަބައިމީހުންނަށް (ނުބައި) ކަމެއް ޒީނަތްތެރި ކޮށްދިނީއެވެ. ފަހެ (ދެން އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. ﷲ އެ އެންމެން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެއްސެއްވަފާނެއެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
އަދި އެކަލޭގެފާނު އެ މީހުންނާ އެއްކިބާވެ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ: ޔޫސުފުގެފާނުގެ މައްޗަށް އަހަރެން ކުރާ ހިތާމައެއްގެ ބޮޑުކަމާއެވެ. އަދި ހިތާމައިގެ ސަބަބުން، އެކަލޭގެފާނުގެ ލޯފުޅު ހުދުވެގެންދިޔައެވެ. ފަހެ އެކަލޭގެފާނީ، ހިތާމަފާޅު ނުކުރައްވާ، ހިފަހައްޓަވާ ބޭކަލެކެވެ.
އެ މީހުން ދެންނެވިއެވެ: ﷲ ގަންދީ ހުވާކުރަމެވެ. ކަލޭގެފާނު ބަލިހާލު ބޮޑުވެއްޖެއުމަށްދާންދެން، ނުވަތަ މަރުވެފައިވާ މީހުންގެ ތެރެއިން ހިމެނިއްޖައުމަށްދާންދެން، ޔޫސުފުގެފާނުމަތިން ހަނދުމަ ކުރެއްވުމުގައި ކަލޭގެފާނު ފިލާވަޑައިނުގަންނަވަމުއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، ﷲ ގެ ހަޒްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ.
އޭ އަހަރެންގެ ދަރިންނޭވެ. ޔޫސުފުގެފާނާއި، އޭނާގެ އަޚާގެ ޚަބަރެއްވޭތޯ ތިޔަބައިމީހުން ދާށެވެ. އަދި ﷲ ގެ ރަހުމަތުން ތިޔަބައިމީހުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ކާފިރު ވިމީހުން މެނުވީ ﷲ ގެ ރަހުމަތުން އުއްމީދު ކަނޑައެއް ނުލައެވެ.
ފަހެ އެ މީހުން އެކަލޭގެފާނުގެ އަރިހަށް ވަންހިނދު، އެ މީހުން ދެންނެވިއެވެ: އޭ އަލްޢަޒީޒެވެ! ތިމަންމެންނަށާއި، ތިމަންމެންގެ އަހުލުވެރިންނަށް ތަދުމަޑުކަން ޖެހިއްޖެއެވެ. ތިމަންމެންއައީ، ދެރަ މުދަލަކާއިގެންނެވެ. ފަހެ ތިމަންމެންނަށް ފުރިހަމަގޮތުގައި މިނެދެއްވާ، ތިމަންމެންނަށް ސަދަގާތް ކުރައްވާށެވެ. ހަމަކަށަވަރުން ސަދަގާތްކުރާ މީހުންނަށް ﷲ (ހެޔޮ) ޖަޒާދެއްވާނެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންނަށް ނޭނގިތިބި ހާލު، ޔޫސުފުގެފާނަށާއި، އެކަލޭގެފާނުގެ އަޚާއަށް ތިޔަބައިމީހުން ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމުހެއްޔެވެ؟
އެ މީހުން ދެންނެވިއެވެ: ހަމަކަށަވަރުން ތިޔައީ ޔޫސުފުގެފާނު ތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ: އަހަރެންނަކީ، ޔޫސުފުގެފާނީމެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ އަޚާއެވެ. ހަމަކަށަވަރުން ﷲ ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންފިއެވެ. ހަމަކަށަވަރުން ތަގުވާވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އިހްސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެއެވެ.
އެ މީހުން ދެންނެވިއެވެ: ﷲ ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން ﷲ ތިމަންމެންގެ މައްޗަށް ކަލޭގެފާނު މަތިވެރިކުރައްވާ، މާތްކުރެއްވިއެވެ. އަދި ހަމަކަށަވަރުން ތިމަންމެންވަނީ، ކުށްވެރިން ކަމުގައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަ ފުއްސަވާށިއެވެ! އަދި އެ އިލާހީ، ރަހުމަތް ލައްވާ އެންމެ ރަހުމަތްވަންތަ އިލާހެވެ.
ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މި ގަމީސްކޮޅާއިގެން ދާށެވެ! އަދި ތިމަންކަލޭގެފާނުގެ ބައްޕާގެ މޫނުފުޅުމައްޗަށް އެ ގަމީސްކޮޅު އެއްލާށެވެ! އޭރުން ލޮލަށް ފެންނަމީހަކު ކަމުގައި އެކަލޭގެފާނު އަލުން ވެވަޑައިގެންފާނެތެވެ. އަދި ތިޔަބައިމީހުންގެ އަހުލުވެރިންގެ އެންމެން ގޮވައިގެން ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ!
އެ ގާފިލާ (ރަށުން) ވަކިވިހިނދު، އެ މީހުންގެ ބައްޕާ ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ޔޫސުފުގެފާނުގެ ވަސް އެބަދުވައެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނު މޮޔައަކަށް ނަހަދާނެނަމައެވެ.
އެ މީހުން ދެންނެވިއެވެ: ﷲ ގަންދީ ބުނަމުއެވެ. ހަމަކަށަވަރުން ކަލޭގެފާނު ވަނީ، ކުރިންވެސް ކަލޭގެފާނު ހުންނެވި ކުށް ޚިޔާލުގައިކަން ކަށަވަރެވެ.
ފަހެ އުފާވެރިކަމުގެ ޚަބަރު ދޭމީހާ އައިސް އެކަލޭގެފާނުގެ މޫނުފުޅުމައްޗަށް އެ ގަމީސްކޮޅު އެއްލިއެވެ. ފަހެ އެ ހިނދު ލޮލަށް ފެންނަމީހަކު ކަމުގައި އަލުން އެކަލޭގެފާނު ވެވަޑައިގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް ހަމަކަށަވަރުން ﷲ ގެ ހަޒްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާކަމަށް، ތިމަންކަލޭގެފާނު ވިދާޅެއް ނުވަންހެއްޔެވެ؟
އެ މީހުން ދެންނެވިއެވެ: އޭ އަހުރެމެންގެ ބައްޕާއެވެ. ތިމަންމެންނަށް ތިމަންމެންގެ ފާފަތައް ފުއްސެވުމަށް، ކަލޭގެފާނު ދުއާ ކޮށްދެއްވާށެވެ. ހަމަކަށަވަރުން ތިމަންމެންވީ ކުށްވެރިން ކަމުގައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންނަށް ފާފަ ފުއްސެވުމަށްއެދި ތިމަންކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ދުއާ ކުރައްވާހުށީމެވެ. ހަމަކަށަވަރުން އެ އިލާހީ އަލްޣަފޫރު، އައްރަޙީމެވެ.
ފަހެ އެ މީހުން (އެންމެން) ޔޫސުފުގެފާނުގެ އަރިހަށް (ގޮސް) ވަންހިނދު، އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނުގެ އަރިހަށް ލަފައިލެއްވިއެވެ. އަދި ވިދާޅުވިއެވެ: ﷲ ގެ އިރާދަފުޅާއެކު، އަމާންކަން ލިބިގެންވާ ހާލުގައި، މިސްރަށް ވެދެވަޑައިގަންނަވާށެވެ.
އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ މައިބަފައިކަލުން ތަޚުތަށް އުފުއްލެވިއެވެ. އަދި އެ އެންމެން އެކަލޭގެފާނަށް ކުރުނީސްކޮށް، ސަޖިދަށް ތިރިވެގަތޫއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ: އޭ ބައްޕާއެވެ. ކުރިން ތިމަންނާއަށް ފެނިވަޑައިގަތް ހުވަފެނުގެ މާނައަކީ، މިއީއެވެ. ހަމަކަށަވަރުން ތިމަންގެ ރައްބު އެ ހުވަފެން ހައްގު ތެދެއް ކަމުގައި ލެއްވިއެވެ. އަދި ތިމަން ޖަލުން ނެރުއްވުމާއި، ތިމަންނާއާއި، ތިމަންގެ އަޚުންނާ ދެމެދު ޝައިތާނާ ނުބައިކޮށްފުމަށް ފަހުގައި، ބަދަވީންގެ ދިރިއުޅުމުން ތިޔަބައިމީހުން ގެންނެވި ކަމާއި، މި ހުރިހާ ކަމެއްގައި ތިމަންނާއަށް އެ އިލާހު ރަނގަޅު ގޮތް މެދުވެރިކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންގެ ރައްބަކީ، އެ އިލާހު އިރާދަކުރައްވާ ކަމަކަށް އޯގާވަންތަ އިލާހެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
އަޅުގެ ރައްބެވެ. ހަމަކަށަވަރުން އިބަ އިލާހު މި އަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ މިސާލަކާނުލާ، އުޑުތަކާއި، ބިން ހެއްދެވި އިލާހެވެ! ދުނިޔެއާއި، އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބަ އިލާހެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ. އަދި ސާލިހުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ.
އެއީ ޣައިބުގެ ޚަބަރުތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަން އިލާހު ވަހީ ކުރައްވާ ޚަބަރުތަކެވެ. އަދި އެ މީހުން މަކަރުވެރި ރޭވުންތައް ރާވާ ހާލު، އެ މީހުންގެ ކަންތައްތަކަށް އެއްބަސްވިއިރަކު، އެ މީހުންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ.
އަދި ކަލޭގެފާނު ކިތަންމެވަރަކަށް ޝައުގުވެރިވެ ވަޑައިގަތަސް، މީސްތަކުންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައެއް ނުވެއެވެ.
އަދި އެ ގުރްއާނަށް ޓަކައި، ކަލޭގެފާނު އެ މީހުންގެ ކިބައިން އުޖޫރައަކަށް އެދިވަޑައެއް ނުގަންނަވަމުއެވެ. އާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ، އެ ގުރްއާން ނުވެއެވެ.
އުޑުތަކާއި، ބިމުގައިވާ ހެކިތަކުގެ ތެރެއިން، އެ މީހުންނަށް ފެނި، ކުރިމަތިވާ، އަދި އެ ހެކިތަކުން އެ މީހުން އެއްކިބާވެ، އެއާމެދު ފިކުރުނުކުރާ، ކިތައްކިތައް ހެކި ވޭހެއްޔެވެ؟
އަދި އެ މީހުން ކުރެ ގިނަމީހުން، ޝަރީކުކުރާ ބަޔަކު ކަމުގައިވާ ހާލުގައި މެނުވީ، ﷲ އަށް އީމާނެއް ނުވެއެވެ.
ފަހެ ﷲ ގެ އަޒާބުގެ ތެރެއިން ނިވާކުރަނިވި (އާންމު އަޒާބެއް) އެ މީހުންގެ މައްޗަށް އަތުވެދާނެކަމުގެ ބިރެއް، ނުވަތަ އެ މީހުން ނުދެނެތިއްބާ، ކުއްލިއަކަށް ގިޔާމަތުގެ ވަގުތު އެ މީހުންނަށް އަތުވެދާނޭކަމުގެ ބިރެއްނެތި، އެ މީހުން އަމާންކަން ލިބިގެން ތިބީހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ: މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ހުއްޖަތާއި ބުރްހާނުގެ މަތީގައި ތިމަންކަލޭގެފާނު، ﷲ އަށް ގޮވައިލައްވަމެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބާވީ މީހުން ވެސްމެއެވެ. (މީސްތަކުން އެ މަގަށް އައުމަށް ދައުވަތު ދެމެވެ.) އަދި ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ.
އަދި ކަލޭގެފާނުގެ ކުރިންވެސް، ރަށްތަކުގެ އަހުލުވެރިންގެ ތެރެއިން އެބަޔަކަށް ތިމަން އިލާހު ވަހީ އިއްވަވައި، ރަސޫލުކަމާއިގެން ފިރިހެނުން މެނުވީ ނުފޮނުއްވަމެވެ. ފަހެ ބިމުގައި ދަތުރުފަތުރުކޮށް އެ މީހުންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، އެ މީހުން ނުބަލަނީހެއްޔެވެ؟ އަދި ހަމަކަށަވަރުން ތަގުވާވެރިވި މީހުންނަށް، އާޚިރަތުގެ ގޮވަތި، ހެޔޮކަން ބޮޑެވެ. ފަހެ ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
(މެދުވެރިވާ ދުއްތުރާތަކުގެ ސަބަބުން) ރަސޫލުންގެ އުއްމީދު ކެނޑި، އެ ބޭކަލުން ދޮގުކުރެވުނީކަމަށް އެ ބޭކަލުންނަށް ހީވެދާހިނދު، ތިމަން އިލާހުގެ ނަސްރު، އެ ބޭކަލުންނަށް އަތުވެދެއެވެ. ފަހެ ތިމަން އިލާހު އިރާދަކުރައްވާ ބަޔަކު ސަލާމަތް ކުރައްވަމެވެ. އަދި ކުށްވެރިވި މީހުންގެ ކިބައިން، ތިމަން އިލާހުގެ ބާރުގަދަކަން ރައްދު ނުކުރެވޭހުއްޓެވެ.
ހަމަކަށަވަރުން އެ މީހުންގެ ވާހަކަތަކުގައި، ބުއްދީގެ އަހުލުވެރިންނަށް އިބްރަތެއް ވާކަން ކަށަވަރެވެ. އެ ގުރްއާނަކީ، ހަދާގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެ ކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް ތަފްސީލު ކޮށްދޭ، އަދި އީމާންވާ ބަޔަކަށް ހިދާޔަތެއް ކަމުގައްޔާއި، ރަހުމަތެއް ކަމުގައިވާ ފޮތެވެ.