އަލިފް ލާމް ރާ. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައްވަނީ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ ނިޒާމަކުން ތަންޒީމް ކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ ތަފްސީލު ކޮށްބަޔާން ކުރައްވާފައެވެ. (އެއީ) މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހުގެ ހަޒްރަތުންނެވެ.
(އެއީ) ތިޔަބައިމީހުން ﷲ އަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ، އެ އިލާހުގެ ހަޒްރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި، ބިރުވެރިކަމުގެ ޚަބަރު ދެއްވާ، އަދި އުފާވެރިކަމުގެ ޚަބަރު ދެއްވާ ރަސޫލަކީމެވެ.
އަދި ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ފާފަ ފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެ އިލާހަށް ތިޔަބައިމީހުން ތައުބާ ވާށެވެ. އޭރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށް ދާންދެން، ރަނގަޅު ދިރިއުޅުމެއްގައި އެ އިލާހު ތިޔަބައިމީހުން ލަހައްޓަވާނެއެވެ. އަދި އަމަލު އިތުރުކުރި ކޮންމެ މީހަކަށް، އެ މީހަކު އިތުރުކުރި އަމަލެއްގެ ޖަޒާ (ގިޔާމަތް ދުވަހުން) އެ އިލާހު ދެއްވާނެއެވެ. ތިޔަބައިމީހުން ފުރަގަސްދޭނަމަ، ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ އަޒާބާމެދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.
ތިޔަބައިމީހުން އެނބުރި ދިޔުން ވަނީ، ﷲ ގެ ހަޒްރަތަށެވެ. އަދި އެ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
ދަންނާށެވެ. ހަމަކަށަވަރުން އެ މީހުން، އެ މީހުންގެ މޭތައް އަނެއްފަރާތަށް އަނބުރާލަތެވެ. (އެއީ) އެ އިލާހަށް ވަންހަނާވެގަތުމަށެވެ. ދަންނާށެވެ. އެ މީހުންގެ ފޭރާމުން އެ މީހުން ފޮރުވިގެން ތިބޭއިރުވެސް، އެ މީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް، އެ އިލާހު ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެ އިލާހީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ ރިޒުގު ނުދެއްވާ އެއްވެސް އެއްޗެއް ނުވެއެވެ. އެ ތަކެތި ބިމުގައި ގަރާރުވެ އުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެ އިލާހު ދެނެވޮޑިގެންވެއެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ.
އަދި އެ އިލާހީ، ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި އިލާހެވެ. އެ އިލާހުގެ ޢަރްޝު (އޭރު) ވަނީ ފެން މަތީގައެވެ. (އެއީ) ތިޔަބައިމީހުންގެ ތެރެއިން، އެންމެ އަމަލު ރަނގަޅީ ކާކުތޯ އިމްތިހާނު ކުރެއްވުމަށެވެ. އަދި މަރުވުމަށް ފަހު، ހަމަކަށަވަރުން ތިޔަބައިމީހުން އަލުން ދިރުއްވައި، މަހުޝަރަށް ފޮނުއްވާނެޔޭ ކަލޭގެފާނު ވިދާޅުވެއްޖެނަމަ، ހަމަކަށަވަރުން ކާފިރުވި މީހުން ބުނާނެއެވެ. މިއީ، ބަޔާންވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެއެވެ.
އަދި އަދަދު ކުރައްވާފައިވާ ވަގުތުކޮޅަކަށް، ތިމަން އިލާހު އެ މީހުންގެ ކިބައިން އަޒާބު ފަސް ކުރައްވާފިނަމަ، ހަމަކަށަވަރުން އެ މީހުން ބުނާނެއެވެ. އެ އަޒާބު އަޔަނުދީ ބަންދުކުރަނީ، ކޮންއެއްޗެއްހެއްޔެވެ؟ ދަންނާށެވެ. އެ މީހުންނަށް އަޒާބު އަންނަ ދުވަހު އެ މީހުންގެ ކިބައިން އެ އަޒާބު ދުރުނު ކުރައްވާ ހުއްޓެވެ. އަދި އެ މީހުން އެއަށް ފުރައްސާރަކޮށް އުޅުނު އަޒާބު، އެ މީހުން ވަށައިލާ ހުއްޓެވެ.
އަދި ތިމަން އިލާހު އިންސާނާއަށް ރަހުމަތެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަން އިލާހު އެ ރަހުމަތް ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން އޭނާ ވަނީ، އެ ރަހުމަތުން އުއްމީދުކަނޑައި، ނިއުމަތަށް ދެކޮޅުހަދާ ކާފިރަކަށެވެ.
އަދި އެ އިންސާނާއަށް ޖެހުނު މުސީބަތަކަށް ފަހު، ތިމަން އިލާހު އޭނާއަށް ނިއުމަތް ދެއްވާފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ މުސީބަތެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ ފަޚުރުވެރިވެފައެވެ.
ކެތްތެރިވެ، ސާލިހު އަމަލުތައްކުރި މީހުން މެނުވީއެވެ. އެ މީހުންނަށް، ފާފަ ފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުއްޓެވެ.
ފަހެ އެކަލޭގެފާނަށް ޚަޒާނާއެއް ބާވައިނުލެއްވީ ކީއްވެހޭ، ނުވަތަ އެކަލޭގެފާނުގެ އަރިހުގައި މަލާއިކަތަކު ވަޑައިނުގަތީކީއްވެހޭ، އެ މީހުން ބުނެފާނެކަމަށް ޓަކައި، ކަލޭގެފާނަށް ވަހީ ކުރައްވާ ތަކެތިން ބައެއް، ކަލޭގެފާނު ދޫކޮށްލައްވައިފާނެހެއްޔެވެ؟ (އެބަހީ: ދޫކޮށެއްނުލައްވާނެއެވެ.) އަދި އެ ތަކެތި ކިޔަވައި ވިދާޅުވުމުން، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެސްވެދާނެއެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި ﷲ އީ، ހުރިހާ ތަކެއްޗެއް ރައްކާތެރިކުރައްވާ، ބަލަހައްޓަވާ އިލާހެވެ.
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި އާޔަތްތަކެއް ކަމަށް އެ މީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ އަމިއްލައަށް ހަދާފައިވާ އެކަހަލަ ދިހަ ސޫރަތް ތިޔަބައިމީހުން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللًّه ފިޔަވާ ތިޔަބައިމީހުންނަށް ކުޅަދާނަވީހާ ބަޔަކަށް ނިކަން ގޮވައިގެނެސްބަލާށެވެ!
ފަހެ އެ މީހުން ތިޔަބައިމީހުންނަށް އިޖާބަ ނުދީފިނަމަ، ފަހެ ތިޔަބައިމީހުން ދަންނާށެވެ. އެ އާޔަތްތައް ބާވައިލައްވާފައިވަނީ، ﷲ ގެ ދެނެވޮޑިގަތުމާ އެކުގައެވެ. އަދި އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. ފަހެ ތިޔަބައިމީހުން މުސްލިމުން ކަމުގައި ވާނޫހެއްޔެވެ؟
ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭ މީހާ (ދަންނާށެވެ.) އެ މީހުންގެ އަމަލުތައް ތިމަން އިލާހު އެ މީހުންނަށް އެ ތާނގައި ހަމައަށް ފުއްދަވާ ދެއްވާހުށީމެވެ. އަދި އެ މީހުންނަށް އެ ތާނގައި އުނި ނުކުރައްވާހުއްޓެވެ.
އެ މީހުންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް އެ މީހުންނަށް ނުވާ މީހުންނެވެ. އަދި އެ މީހުން ކުރި ކަންތައް އެ ތާނގައި، ބޭކާރުވެގެންވެއެވެ. އަދި އެ މީހުން ކޮށްއުޅުނު ކަންތައް ބާތިލު ވެގެންވެއެވެ.
ފަހެ އެ މީހެއްގެ ރައްބުގެ ހަޒްރަތުން ބަޔާންވެގެންވާ ހެއްކެއްގެ މަތީގައި ހުރި މީހާވެސްހެއްޔެވެ؟ (އެބަހީ: އެފަދަ މީހާއާއި، އިސްވެދިޔަ އާޔަތުގައި ބަޔާން ވެގެންވާ މީހުންނާ އެއްގޮތެއްނޫނެވެ.) އަދި އެ އިލާހުގެ ހަޒްރަތުން ފޮނުއްވި ހެއްކެއް، އެއާވިދިގެން އާދެތެވެ. އަދި އޭގެ ކުރިން އިމާމެއްގެ ގޮތުގައްޔާއި، ރަހުމަތެއްގެ ގޮތުގައި މޫސާގެފާނުގެ ފޮތް އޮތެވެ. އެ މީހުން (އެބަހީ: ހެއްކެއްގެ މަތީގައިވާ މީހުން) އެއަށް އީމާން ވެއެވެ. އަދި ޖަމާއަތްތަކުގެ ތެރެއިން އެ ފޮތަށް ކާފިރުވާ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް ވައުދު ކުރައްވާފައިވާ ތަނަކީ، ނަރަކައެވެ. ފަހެ ކަލޭގެފާނު އެކަމާމެދު ޝައްކެއްގައި ނުހުންނަވާށެވެ. ހަމަކަށަވަރުން އެއީ، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އައި ހައްގު ގޮތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެއަކަށް) އީމާނެއް ނުވެއެވެ.
ﷲ އާމެދު ހަދާގެން ދޮގެއްބުނި މީހަކަށް ވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެ މީހުންގެ ރައްބުގެ ހަޒްރަތަށް އެ މީހުން ހުށަހެޅޭނެއެވެ. އަދި ހެކިން ބުނާނެއެވެ: މިބައިމީހުންނީ އެބައިމީހުންގެ ރައްބާ މެދު ދޮގުހެދި މީހުންނެވެ. ދަންނާށެވެ. އަނިޔާވެރިންގެ މައްޗަށް ﷲ ގެ ލައުނަތް ހުއްޓެވެ.
އެ މީހުންނީ ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި އެ މަގު ގުދުމަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެ މީހުންނީ އާޚިރަތް ދުވަހަށް ކާފިރު ވެގެން ތިބޭ މީހުންނެވެ.
އެ މީހުންނީ ބިމުގައި (ﷲ) ނުކުޅައްދައިލެވޭނޭ ބަޔަކު ކަމުގައި ނުވެއެވެ. އަދި ﷲ ފިޔަވާ އެ މީހުންނަށް އެހީތެރިވާނޭ ބަޔަކު ނުވެއެވެ. އެ މީހުންނަށް އަޒާބު ގިނަގުނަ ކުރައްވާ ހުއްޓެވެ. (ހައްގު ބަސްފުޅު) އެހުމަށް ކުޅަދާނަވެގެންވާ ބަޔަކު ކަމުގައި އެ މީހުން ނުވެއެވެ. އަދި (ހައްގު މަގު) ފެންނަ ބަޔަކު ކަމުގައިވެސް، އެ މީހުން ނުމެވޭމެއެވެ.
އެ މީހުންނީ، އެ މީހުންގެ އަމިއްލަ ނަފްސުތައް ގެއްލެނިކުރި މީހުންނެވެ. އަދި އެ މީހުން ހަދާ އުޅުނު ދޮގުތައް، އެ މީހުންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ.
ޝައްކެއް ނެތެވެ. އާޚިރަތުގައި އެންމެ ބޮޑަށް ގެއްލެނިވެގެންވާ ބަޔަކީ، ހަމަ އެ މީހުންނެވެ.
ހަމަކަށަވަރުން އީމާންވެ، ސާލިހު އަމަލުތައްކޮށް، އަދި އެ މީހުންގެ ރައްބުގެ ހަޒްރަތަށް މަޑުމޮޅިވީ މީހުންނީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެ މީހުން އެ ތާނގައި ދެމިތިބޭނެތެވެ.
އެ ދެބައިމީހުންގެ މިސާލު، ކަނުމީހާއާއި، ބީރުމީހާއާއި، ލޮލަށް ފެންނަމީހާއާއި، އިވޭމީހާ ފަދައެވެ. އެ ދެބައިމީހުން މިސާލުގެ ގޮތުން ހަމަހަމަވެގެން ވޭހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
ހަމަކަށަވަރުން ނޫޙުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ތިމަން އިލާހު ފޮނުއްވީމެވެ. (ވިދާޅުވެ އެންގެވުމަށެވެ.) ހަމަކަށަވަރުން އަހަރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި، ބަޔާން ވެގެންހުރި އިންޒާރުކުރާ މީހަކީމެވެ.
ﷲ އަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުރާހުށިކަމެވެ. ހަމަކަށަވަރުން ވޭންދެނިވި ދުވަހެއްގެ އަޒާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.
ފަހެ އެކަލޭގެފާނުގެ ގައުމުގެ މީހުންކުރެ، ކާފިރުވި ބޮޑުން ބުނެފިއެވެ. ތިމަންމެންކަހަލަ އާދަމުގެ ދަރިޔަކު ކަމުގައި މެނުވީ ތިމަންމެން، ކަލޭގެފާނު ނުދެކެމުއެވެ. އަދި ކަލޭގެފާނަށް ތަބާވި މީހުންނަކީ، ތިމަންމެންގެ ތެރެއިން އެންމެ ދެރަ ނިކަމެތިން ކަމުގައި މެނުވީ ތިމަންމެން ނުދެކެމުއެވެ. (އެ މީހުން ތަބާ ވީ) މަތިމަތިން ފެންނަ ފެނުމަށެވެ. އަދި ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކަށް ތިމަންމެން ނުދެކެމުއެވެ. އަދި ކިއެއް! ތިމަންމެން ހީކުރަނީ، ތިޔަބައިމީހުންނަކީ ދޮގުހަދާ ބަޔަކު ކަމުގައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހަރެންގެ ރައްބުގެ ހަޒްރަތުން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހަރެންވީނަމަ، އަދި އެ އިލާހުގެ ހަޒްރަތުން އަހަރެންނަށް ރަހުމަތެއް ދެއްވާފިނަމަ، ދެން އެ ކަންތައް ތިޔަބައިމީހުންނަށް ވަންހަނާކުރެއްވި ހިނދު، ތިޔަބައިމީހުން އެ ކަމަށް ނުރުހުންވެ ތިއްބާ، އަހުރެމެންނަށް ތިޔަބައިމީހުންގެ މައްޗަށް އެ ކަން ލާޒިމްކުރެވިދާނެހެއްޔެވެ؟
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. އެ ކަމުގެ މައްޗަށް އެއްވެސް މުދަލެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، ﷲ ގެ ހަޒްރަތުން ނޫނީ ނުވެއެވެ. އަދި އީމާންވެއްޖެ މީސްތަކުން ފަހައި ބޭރުކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. ހަމަކަށަވަރުން އެ މީހުންނީ، އެ މީހުންގެ ރައްބާ ބައްދަލުވާނޭ ބަޔެކެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނީ، ޖާހިލު ބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ.
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. އަހަރެން، އެ މީހުން ފަހައި ބޭރުކޮށްފިނަމަ، ﷲ ގެ އަޒާބުން އަހަރެން ސަލާމަތްކޮށް ނަސްރު ދޭނީ ކާކުހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
އަދި ﷲ ގެ ޚަޒާނާތައް ތިމަންކަލޭގެފާނުގެ އަރިހުގައި ވެއެކޭ ތިޔަބައިމީހުންނަކަށް ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނަކަށް ޣައިބެއްވެސް އެނގިވަޑައެއް ނުގަނެއެވެ. އަދި ތިމަންކަލޭގެފާނީ، މަލާއިކަތެކޭވެސް ވިދާޅެއް ނުވަމެވެ. އަދި ތިޔަބައިމީހުންގެ ލޯތަކުން، ނިކަމެތިކޮށްހިތާ މީހުންނާމެދު، އެ މީހުންނަށް، އެއްވެސް ހެވެއް ﷲ ނުދެއްވާނެކަމަކަށް ވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އެ މީހުންގެ ހިތްތަކުގައިވާ ކަންތައް، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ﷲ އެވެ. (އެފަދަ އެއްޗެއް ތިމަންކަލޭގެފާނު ވިދާޅުވިނަމަ) އެ ހިނދު ތިމަންކަލޭގެފާނު ވާހުށީ، އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ.
އެ މީހުން ދެންނެވިއެވެ: އޭ ނޫޙުގެފާނެވެ. ހަމަކަށަވަރުން ކަލޭގެފާނު ތިމަންމެންނާ ޖަދަލު ކުރައްވާފީމުއެވެ. އަދި ތިމަންމެންނާ ޖަދަލު ކުރެއްވުން ގިނަ ކުރައްވާފީމުއެވެ. ފަހެ ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމުގައިވާނަމަ، ތިމަންމެންނަށް ތިޔަ ވައުދު ކުރައްވާ ކަންތައް ތިމަންމެންނާ ހަމައަށް ގެންނަވައި ބައްލަވާށެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އެ އިލާހު އިރާދަކުރައްވާފިނަމަ، އެ ކަންތައްތައް ތިޔަބައިމީހުންނާ ހަމައަށް ގެންނަވާހުށިކަން ކަށަވަރީ، ﷲ އެވެ. އަދި ތިޔަބައިމީހުންނަކީ، އެ އިލާހު ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެއެވެ.
ތިޔަބައިމީހުން މަގުފުރެއްދެވުމަށް ﷲ އިރާދަކުރައްވާ ކަމުގައިވީނަމަ، ތިޔަބައިމީހުންނަށް ނަސޭހަތް ދެއްވަން ތިމަންކަލޭގެފާނު އެދިވަޑައިގަތަސް، ތިމަންކަލޭގެފާނުގެ ނަސޭހަތަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. އެ އިލާހީ، ތިޔަބައިމީހުންގެ ރައްބެވެ. އަދި ތިޔަބައިމީހުން ރުޖޫއަ ކުރައްވާހުށީ، އެ އިލާހުގެ ހަޒްރަތަށެވެ.
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ ގުރްއާން ހެއްދެވިކަމަށް އެ މީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު އެ ގުރްއާން އަމިއްލަފުޅަށް ހެއްދެވިނަމަ، ފަހެ އެ ކަމުގެ ކުށް އޮތީ ތިމަންކަލޭގެފާނުގެ މައްޗަށެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ ކަންތަކުގެ ކުށުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ.
ނޫޙުގެފާނަށް ވަހީ އިއްވެވިއެވެ. ކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން މިހާތަނަށް އީމާން ވެގެން ތިބި މީހުން މެނުވީ، އީމާނެއް ނުވާނެއެވެ. ފަހެ އެ މީހުން ކޮށްއުޅޭ ކަންތަކާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ.
އަދި ތިމަން އިލާހުގެ ބެއްލެވުމުގެ ދަށުން، އަދި ތިމަން އިލާހު ވަހީއާއެކު، ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ. އަދި އަނިޔާވެރިވި މީހުންނާ މެދުގައި، ތިމަން އިލާހުގެ ހަޒްރަތަށް ނުދަންނަވާށެވެ. ހަމަކަށަވަރުން އެ މީހުންނަކީ، ޣަރަގު ކުރައްވާނޭ ބަޔެކެވެ.
އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތްކުރެއެވެ. އެކަލޭގެފާނު ވިދާޅުވެއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރާނަމެވެ.
ފަހެ ނިކަމެތިކޮށްލަނިވި އަޒާބު އަންނާނީ ކާކަށްކަމާއި، އަދި ދެމިހުންނަނިވި އަޒާބު ލިބޭނީ ކާކަށްކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.
ތިމަން އިލާހުގެ އަމުރުފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެން އަރައި އުތުރިގެންފުމަށް ދާންދެނެވެ. (އެ ހިނދު) ތިމަން އިލާހު ވަހީ ކުރެއްވީމެވެ. ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ދެ ޖިންސުގެ ދޭއްޗާއި، އަދި (ހަލާކުވެ ނެތިދިއުމުގެ) ބަސްފުޅު އިސްވެގޮސްފައިވާ މީހަކު ފިޔަވާ، ކަލޭގެފާނުގެ އަހުލުވެރިންނާއި، އީމާން ވެގެން ތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ. މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެނެއް ނުވެއެވެ.
އަދި އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން އެ ނާކޮޅަށް އަރާށެވެ! އެ ނާކޮޅު ދުވުމާއި، ބަނދަރުކުރުންވަނީ، ﷲ ގެ އިސްމުފުޅުންނެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބަކީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެ މީހުންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ. ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި ކާފިރުންނާ އެކުގައި ނުވާށެވެ.
އެ ދަރިކަލުން ދެންނެވިއެވެ: ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ އަމުރުފުޅުން (އެބަހީ: ﷲ ގެ އަޒާބުން) ރައްކާތެރިކުރާނޭ ފަރާތެއް، އެ އިލާހު ރަހުމަތް ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި ޣަރަގުކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ.
އަދި އެންގެވިއެވެ. އޭ ބިމާއެވެ. ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ. ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި (އެ މީހުން ހަލާކުވެދިއުމުގެ) ކަންތައްވެ ނިމިއްޖެއެވެ. އަދި ޖޫދިއްޔު ފަރުބަދައިގެ މައްޗަށް އެ (ނާކޮޅު) ބީހި، ހަމަޖެހިއްޖެއެވެ. އަދި އެންގެވިއެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުއްޓެވެ.
ނޫޙުގެފާނު، އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް މުނާޖާ ދެންނެވިއެވެ: ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން މި އަޅާގެ ދަރި ވަނީ، މި އަޅާގެ އަހުލުވެރިންގެ ތެރެއިންނެވެ. އަދި ހަމަކަށަވަރުން އިބަ އިލާހުގެ ވައުދުފުޅަކީ، ހައްގު ބަސްފުޅެވެ. އަދި އިބަ އިލާހީ، ހުކުމް ކުރައްވާ، އެންމެ އަދުލުވެރި އިލާހެވެ.
އެ އިލާހު ވަހީކުރެއްވިއެވެ: އޭ ނޫޙުގެފާނެވެ. ހަމަކަށަވަރުން އެ ދަރިކަލުން، ކަލޭގެފާނުގެ އަހުލުވެރިންގެ ތެރެޔަކުން ނުވެއެވެ. ހަމަކަށަވަރުން އެ ދަރިކަލުންގެ އަމަލަކީ، ރަނގަޅުނޫން އަމަލެކެވެ. ފަހެ ކަލޭގެފާނަށް އެކަމަކާމެދު، އެނގުމެއްނުވާ ކަންތަކަށްއެދި، ތިމަން އިލާހުގެ ހަޒްރަތަށް ނުދަންނަވާށެވެ. ހަމަކަށަވަރުން ޖާހިލުންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަން އިލާހު ކަލޭގެފާނަށް ނަސޭހަތްތެރިވެވޮޑިގެންވަމެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން ތިމަން އަޅާއަށް، އެކަމަކާމެދު އެނގުމެއްނުވާކަމަކަށް، އިބަ އިލާހުގެ ހަޒްރަތަށް އެދި ދެންނެވުމުން، މި އަޅާ ސަލާމަތް ކުރެއްވުންއެދި، އިބަ އިލާހުގެ ހަޒްރަތުން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. އިބަ އިލާހު ތިމަން އަޅާއަށް ފާފަ ނުފުއްސަވާނަމަ، އަދި ރަހުމަތް ނުލައްވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން މި އަޅާ ވެދާހުއްޓެވެ.
އެންގެވިއެވެ. އޭ ނޫޙުގެފާނެވެ. ތިމަން އިލާހުގެ ހަޒްރަތުން އަމާންކަމަކާއެކު، އަދި ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ އުއްމަތްތަކަށް ބަރަކާތާއެކު (ނާކޮޅުން) ފައިބައިވަޑައިގަންނަވާށެވެ. އަދި އުއްމަތްތަކެއްވެއެވެ. ތިމަން އިލާހު އެ އުއްމަތްތަކަށް (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. ދެން ތިމަން އިލާހުގެ ހަޒްރަތުން އެ މީހުންނަށް ވޭންދެނިވި އަޒާބެއް އައިސްޖެހޭނެތެވެ.
އެއީ، ތިމަން އިލާހު ކަލޭގެފާނަށް ވަހީ ކުރައްވާ ޣައިބުގެ ޚަބަރުތަކުގެ ތެރެއިން ޚަބަރުތަކެކެވެ. ކަލޭގެފާނަކަށް ވެސް، އަދި ކަލޭގެފާނުގެ ގައުމުގެ މީހުންނަކަށް ވެސް، މީގެކުރިޔަކުން އެ ޚަބަރުތައް އެނގިވަޑައިގެންފައެއް ނުވެއެވެ. ފަހެ ކަލޭގެފާނު ކެތް ކުރައްވާށެވެ. ހަމަކަށަވަރުން (ހެޔޮ) ނިމުންވަނީ، ތަގުވާވެރިންނަށެވެ.
އަދި ތިމަން އިލާހު ޢާދު ބާގައިމީހުންގެ ގާތަށް، އެ މީހުންގެ އަޚު ހޫދުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އެ އިލާހު ފިޔަވާ އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންނީ، ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ ނުވެއެވެ.
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. އަހަރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެ ކަމުގެ މައްޗަށް އުޖޫރައަކަށް ނޭދެމެވެ. އަހަރެންގެ އުޖޫރަ، އަހަރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތަށް، ފާފަ ފުއްސެވުން އެދި ދަންނަވާށެވެ. ދެން އެ އިލާހަށް ތައުބާ ވާށެވެ. އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެއެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެއަށް ބާރު އިތުރުކޮށްދެއްވާނެއެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!
އެ މީހުން ދެންނެވިއެވެ: އޭ ހޫދުގެފާނެވެ. ބަޔާންވެގެންވާ ހެއްކެއް ތިމަންމެންގެ ގާތަކަށް ކަލޭގެފާނު ނުގެންނަވަމުއެވެ. އަދި (ހަމައެކަނި) ކަލޭގެފާނުގެ ބަސްފުޅަކަށް ތިމަންމެންގެ އިލާހުންތައް ދޫކޮށްލާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. އަދި ކަލޭގެފާނަށް އީމާންވާ ބަޔަކު ކަމުގައި، ތިމަންމެން ނުވާހުށީމެވެ.
ތިމަންމެންގެ ބައެއް އިލާހުން ކަލޭގެފާނަށް ނުބައި ކަމެއް ޖައްސައިފިކަމުގައި މެނުވީ ތިމަންމެން ނުބުނާނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިޔަބައިމީހުން ޝަރީކު ކޮށްއުޅޭ ތަކެތިން، ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް ﷲ ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުންވެސް ހެކިވާށެވެ.
އެ އިލާހު ފިޔަވާ އެހެން ފަރާތްތަކުންނެވެ. (އެބަހީ: އެހެން ފަރާތްތަކުން ތިމަންކަލޭގެފާނު ބަރީއަ ވެގެންވަމެވެ.) ފަހެ ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް (ހަލާކު ދިނުމަށް) ރޭވުންތައް ރާވާށެވެ. ދެން ތިމަންކަލޭގެފާނަށް ލަސްކުރާނެކަމެއް ނެތެވެ.
ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް ތިމަންކަލޭގެފާނު ވަކީލު ކޮށްފީމެވެ. ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ ނާޞިޔަތުގައި، އެ އިލާހު ހިއްޕަވައިގެންވާ ހާލުގައި މެނުވީ ނުވެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބު ވޮޑިގެންވަނީ، ސީދާވެގެންވާ މަގުގައެވެ. (ނޯޓު: ނާޞިޔަތަކީ، ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ނާޞިޔަތުގައި ހިއްޕެވުމުގެ މާނައަކީ، ހުރިހާ ބާރެއް އެ އިލާހަށް މިލްކު ވެގެންވުމެވެ.)
ފަހެ ތިޔަބައިމީހުން އެނބުރި، ފުރަގަސްދޭނަމަ (ދަންނާށެވެ.) ތިޔަބައިމީހުންގެ ގާތަށް، އެކަމަކާއިގެން ތިމަންކަލޭގެފާނު ފޮނުއްވެވި ކަންތައް، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަވައިފީމެވެ. އަދި ތިމަންކަލޭގެފާނުގެ ރައްބު، ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުން ނޫންބަޔަކު ގެންނަވާނެއެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެ އިލާހަކަށް ގެއްލުމެއް ނުދެވޭހުއްޓެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބަކީ، ކޮންމެ އެއްޗެއް ރައްކާތެރިކުރައްވާ، ބަލަހައްޓަވާ އިލާހެވެ.
އަދި ތިމަން އިލާހުގެ (އަޒާބުގެ) އަމުރުފުޅު އައި ހިނދު، ތިމަން އިލާހު ހޫދުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެން ތިބި މީހުން، ތިމަން އިލާހުގެ ހަޒްރަތުން އައި ރަހުމަތަކާއެކު ސަލާމަތްކުރެއްވީމެވެ. އަދި ގަދަފަދަވެގެންވާ އަޒާބުން ތިމަން އިލާހު އެ މީހުން ސަލާމަތް ކުރެއްވީމެވެ.
އެއީ ޢާދު ބާގައިމީހުންނެވެ. އެ މީހުންގެ ރައްބުގެ އާޔަތްތަކަށް އެ މީހުން ދެކޮޅުހެދޫއެވެ. އަދި އެ އިލާހުގެ ރަސޫލުންނަށް އެ މީހުން އުރެދުނެވެ. އަދި ހަރުކަށި، ކޮންމެ ޖައްބާރު (އަނިޔާވެރި) އެއްގެ އަމުރަށް، އެ މީހުން ތަބާވިއެވެ.
މި ދުނިޔޭގައިވެސް، އަދި ގިޔާމަތް ދުވަހުންވެސް، އެ މީހުންނަށް ލައުނަތް ލެއްވިއެވެ. ދަންނާށެވެ. ހަމަކަށަވަރުން ޢާދު ބާގައިމީހުން، އެ މީހުންގެ ރައްބަށް ކާފިރުވިއެވެ. ދަންނާށެވެ. ޢާދު ބާގައިމީހުންނަށް ހަލާކާއި، ގެއްލުން ހުއްޓެވެ. (އެއީ) ހޫދުގެފާނުގެ ގައުމުގެ މީހުންނެވެ.
އަދި ތިމަން އިލާހު ޘަމޫދު ބާގައިމީހުންގެ ގާތަށް އެ މީހުންގެ އަޚު ޞާލިޙުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ﷲ އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެ އިލާހު ފިޔަވާ، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެ އިލާހު ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި އިމާރާތް ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ ތިޔަބައިމީހުން ފާފަ ފުއްސެވުން އެދި، އެ އިލާހަށް ދަންނަވާށެވެ. ދެން ތިޔަބައިމީހުން، އެ އިލާހަށް ތައުބާ ވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބަކީ، ކުއްތަންވެވޮޑިގެންވާ (ދުއާ) އިޖާބަ ކުރައްވާ އިލާހެވެ.
އެ މީހުން ދެންނެވިއެވެ: އޭ ޞާލިޙުގެފާނެވެ. ހަމަކަށަވަރުން މީގެކުރިން ތިމަންމެންގެ ތެރޭގައި އެދެވިގެންވާ (މާތް) މީހެއްކަމުގައި ކަލޭގެފާނު ވީމުއެވެ. (އެހެންކަމާއެކުވެސް) ތިމަންމެންގެ ކާބަފައިން އަޅުކަންކުރާ ފަރާތްތަކަށް، އަޅުކަންކުރުން ތިމަންމެންނަށް މަނާކުރައްވަނީތޯއެވެ؟ ހަމަކަށަވަރުން ތިމަންމެންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތަކާމެދު، ތިމަންމެން މި ތިބީ، ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައިކަން ކަށަވަރެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހަރެންގެ ރައްބުގެ ހަޒްރަތުން އައި ފާޅުވެގެންވާ ތެދުމަގެއްގައި، އަހަރެންވީނަމަ، އަދި އެ އިލާހުގެ ހަޒްރަތުން އަހަރެންނަށް ރަހުމަތެއް (އެބަހީ: ނަބީކަމާއި ރަސޫލުކަން) އެ އިލާހު ދެއްވިހިނދު، އެ އިލާހަށް އަހަރެން އުރެދިއްޖެނަމަ، ﷲ ގެ ހަޒްރަތުން އަހަރެންނަށް ނަސްރު ދޭނީ ފަހެ ކާކުހެއްޔެވެ؟ ފަހެ ގެއްލުންދިނުން ނޫން އެހެންކަމެއް، ތިޔަބައިމީހުން އަހަރެންނަކަށް އިތުރެއް ނުކުރަމުއެވެ.
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. މިއޮތީ ތިޔަބައިމީހުންނަށް ހެއްކެއްގެ ގޮތުގައި އޮތް ﷲ ގެ ޖަމަލެވެ. ފަހެ ﷲ ގެ ބިމުގައި، އެ ޖަމަލު ކައިއުޅޭން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ (އެ ކަންކޮށްފިނަމަ) ގާތްވެގެންވާ އަޒާބެއް އައިސް ތިޔަބައިމީހުންނަށް ޖެހިދާނެއެވެ.
ނަމަވެސް، އެ މީހުން އެ ޖަމަލު މަރައިލީއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންގެ ގެދޮރުގައި، ތިންދުވަސްވަންދެން ތިޔަބައިމީހުން އުފާކޮށް އުޅޭށެވެ! އެއީ ދޮގުނުކުރެވޭނެ ވައުދެކެވެ.
ދެންފަހެ ތިމަން އިލާހުގެ (އަޒާބުގެ) އަމުރުފުޅު އައި ހިނދު، ޞާލިޙުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވި މީހުން، ތިމަން އިލާހުގެ ހަޒްރަތުންލެއްވި ރަހުމަތާއެކު، އެ ދުވަހުގެ ނިކަމެތިކަމުން ތިމަން އިލާހު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، ބާރުގަދަ ޢަޒީޒުވަންތަ އިލާހެވެ.
އަދި (ބިރުވެރި) އަޑުއައިސް އަނިޔާވެރިވި މީހުން ހަލާކުކުރިއެވެ. ދެން ހެނދުންވީއިރު، އެ މީހުންގެ ގޯތިގެދޮރުގައި، އެ މީހުން ތިބީ، ކަކޫ މައްޗަށް ތިރިވެ، މަރުވެފައެވެ.
އެ މީހުން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ. ހަމަކަށަވަރުން ޘަމޫދު ބާގައިމީހުން، އެ މީހުންގެ ރައްބަށް ކާފިރުވިއެވެ. ދަންނާށެވެ. ޘަމޫދު ބާގައިމީހުންނަށް ހަލާކާއި ގެއްލުން ހުއްޓެވެ.
އަދި ހަމަކަށަވަރުން އުފާވެރިކަމުގެ ޚަބަރާއިގެން، ތިމަން އިލާހު ފޮނުއްވި ރަސޫލުން (އެބަހީ: މަލާއިކަތުން) އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެ ބޭކަލުން ދެންނެވިއެވެ: ސަލާމެވެ! އެކަލޭގެފާނު ވިދާޅުވިއެވެ: ސަލާމެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވައެވެ.
ފަހެ އެ ބޭކަލުންގެ އަތްޕުޅުތައް، އެ ފަރީއްކޮޅާ ހަމައަށް ނުދާތީ ދެކެވަޑައިގެން، އެ ބޭކަލުންނާމެދު އިންކާރުކުރެއްވިއެވެ. އަދި އެ ބޭކަލުންނާމެދު ހިތްޕުޅުގައި ބިރުވެރި ކަމެއް އުފެދުނެވެ. އެ ބޭކަލުން ދެންނެވިއެވެ: ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަންމެން ފޮނުއްވީ، ލޫޠުގެފާނުގެ ގައުމަށެވެ.
އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެ ތާނގައި) ހުންނެވިއެވެ. ދެން (އެ ބޭކަލުން އެހެން ވިދާޅުވުމުން، އެކަމާ އުފާފުޅުވެގެން) އެ ކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ އެ ކަމަނާއަށް އިސްޙާގުގެފާނު ލިބިވަޑައިގަންނަވާނެކަމާއި، އިސްޙާގުގެފާނުގެ ފަހަތްޕުޅުން ޔައުގޫބުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު، ތިމަން އިލާހު އެ ކަމަނާއަށް ދެއްވީމެވެ.
އެ ކަމަނާ ވިދާޅުވިއެވެ: އޭހުރި އަޖާއިބެއްގެ ބޮޑުކަމާއެވެ. ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް، ތިމަން ވިހާނޭހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން މިއީ އަޖާއިބު ވެގެންވާ ކަމެކެވެ.
އެ ބޭކަލުން ދެންނެވިއެވެ: ﷲ ގެ އަމުރުފުޅާމެދު، ކަމަނާ އަޖާއިބުވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ އަހުލުވެރިންނެވެ. ތިޔަބޭކަލުންގެ މައްޗަށް ﷲ ގެ ރަހުމަތާއި، އެ އިލާހުގެ ބަރަކާތް ހުއްޓެވެ. ހަމަކަށަވަރުން އެ އިލާހީ ހަމްދު ލިބިވޮޑިގެންވާ، މަތިވެރި އިލާހެވެ.
ފަހެ އިބްރާހީމްގެފާނުގެ ކިބަފުޅުން ބިރުފިލައިގޮސް، އެކަލޭގެފާނަށް އުފާވެރި ޚަބަރު އައި ހިނދު، ލޫޠުގެފާނުގެ ގައުމުގެ މީހުންނާމެދު، އެކަލޭގެފާނު ތިމަން އިލާހުގެ ހަޒްރަތަށް ސުވާލު ދަންނަވަން ފެށްޓެވިއެވެ.
ހަމަކަށަވަރުން އިބްރާހީމްގެފާނީ، ކޯފާމަޑު، ދުއާ ކުރެއްވުން ގިނަ، (ﷲ ގެ ހަޒްރަތަށް ތައުބާވެ) ރުޖޫއަވެ ވެވަޑައިގަންނަވާ ބޭކަލެކެވެ.
އޭ އިބްރާހީމްގެފާނެވެ. ތިޔަކަންތައް (އެބަހީ: ލޫޠުގެފާނުގެ ގައުމުގެ މީހުންނާމެދު ދެންނެވުން) ދޫކޮށްލައްވާށެވެ. އެހެނީ، ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ އަމުރުފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން އަނބުރާ ރައްދު ނުކުރައްވާނޭ އަޒާބެއް، އެ މީހުންގެ ގާތަށް އަންނާނެއެވެ.
އަދި ތިމަން އިލާހުގެ ރަސޫލުން (އެބަހީ: މަލާއިކަތުން) ލޫޠުގެފާނުގެ އަރިހަށް ވަޑައިގަތްހިނދު (ގައުމުގެ މީހުންގެ ފާސިދުކަމުގެ ސަބަބުން، އެ ބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެ ބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެ ބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ: މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ.
އަދި އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައެވެ. ކުރިން އެ މީހުންނަކީ، ނުބައި (ފާހިޝް) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. މި ތިބީ އަހަރެންގެ (އެބަހީ: ގައުމުގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން ޝަރުއީ ގޮތުން އެ ކަނބަލުންނާ ކާވެނިކުރާނަމަ) އެ ކަނބަލުން ތިޔަބައިމީހުންނަށް ޓަކައި ސާފުކަން ބޮޑެވެ. ފަހެ ތިޔަބައިމީހުން، ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟
އެ މީހުން ދެންނެވިއެވެ: ހަމަކަށަވަރުން ކަލޭގެފާނުގެ އަންހެން ދަރިންނާމެދު އެއްވެސް ހައްގެއް (އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި ހަމަކަށަވަރުން ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާނަމައެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމައެވެ!
އެ ބޭކަލުން ދެންނެވިއެވެ: އޭ ލޫޠުގެފާނެވެ. ހަމަކަށަވަރުން ތިމަންމެންނީ، ކަލޭގެފާނުގެ ރައްބު ފޮނުއްވި ބޭކަލުންނީމުއެވެ. ކަލޭގެފާނާ ހަމައަށް އެ މީހުންނަކަށް ވާސިލެއް ނުވެވޭނެއެވެ. ފަހެ ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ އަހުލުވެރިންނާއެކު، ނުކުމެވަޑައިގެން ހިންގަވާށެވެ. އަދި ތިޔައިގެ ތެރެއިން އެކަކުވެސް، ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވާ އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން އެ މީހުންނަށް (އެބަހީ: އެ ކާފިރުންނަށް) ޖެހޭކަމެއް އެ ކަނބުލޭގެއަށް ވެސް ޖެހޭނެތެވެ. ހަމަކަށަވަރުން އެ މީހުންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނު ފަތިހެވެ. ފަތިސް ވަގުތު، ގާތުގައި ނުވޭހެއްޔެވެ؟
ދެން ފަހެ ތިމަން އިލާހުގެ (އަޒާބުގެ) އަމުރުފުޅު އައި ހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮން ކުރައްވާފައިވާ، މަށީގެ ހިލައިން ތިމަން އިލާހު އެ ރަށަށް ވާރޭ ވެއްސެވީމެވެ.
ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެ ކަންތައް ނުވެއެވެ.
އަދި މަދްޔަނުގެ މީހުންގެ ގާތަށް ތިމަން އިލާހު، އެ މީހުންގެ އަޚު، ޝުއައިބުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އެ އިލާހު ފިޔަވާ އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި މިނުމުގައްޔާއި، ކިރުމުގައި، ތިޔަބައިމީހުން އުނިނުކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންވަނީ (ފުދި) ހެޔޮހާލުގައި ކަމަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަނެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ވަށާލައިފައިވާ ދުވަހެއްގެ އަޒާބަށް، ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނު ބިރުފުޅު ގަނެއެވެ.
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން މިނުމާއި، ކިރުން، އަދުލަށް ފުރިހަމަކުރާށެވެ! އަދި މީސްތަކުންނަށް އެ މީހުންގެ ތަކެތި އުނިނުކުރާށެވެ! އަދި ފާސިދުން ކަމުގައިވެތިބެ ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާހުށިކަމެވެ.
ﷲ، ތިޔަބައިމީހުންނަށް ޓަކައި، ދޫކުރައްވާފައިވާ އެއްޗެއް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނީ، މުއުމިނުން ކަމުގައިވާނަމައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިއަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ.
އެ މީހުން ދެންނެވިއެވެ: އޭ ޝުއައިބުގެފާނެވެ. ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާމެދު ތިމަންމެން އެދޭގޮތަކަށް ކަންތައްކުރުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު، ކަލޭގެފާނަށް އަމުރުކުރަނީތޯއެވެ! ހަމަކަށަވަރުން ކަލޭގެފާނީ ކެތްތެރި، ވިސްނުންފުޅު ފުރިހަމަ ބޭކަލަކީމުއެވެ. (ނޯޓު: އެ މީހުން މިގޮތަށް ދެންނެވީ، މަލާމާތެއްގެ ގޮތުގައިކަމަށް މުފައްސިރުން ލިޔުއްވާފައިވެއެވެ.)
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ. އަހަރެންގެ ރައްބުގެ ހަޒްރަތުން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހަރެންވީނަމަ، އަދި އެ އިލާހުގެ ހަޒްރަތުން ހެޔޮވެގެންވާ ރިޒްގު ދެއްވި ހިނދު (އެ ކަމަށް ފުރަގަސްދެވޭނެހެއްޔެވެ؟) އަދި އަހަރެން ތިޔަބައިމީހުންނަށް ނަހީކުރާ ކަންތައް އަހަރެން ކުރާކަށް ބޭނުމެއް ނުވަމެވެ. އަހަރެންނަށް ކުޅަދާނަވީ ވަރަކަށް އިސްލާހު ކުރުން މެނުވީ، އަހަރެން ބޭނުމެއް ނުވަމެވެ. އަދި ﷲ ގެ ހަޒްރަތުން މެނުވީ، އަހަރެންނަށް ތައުފީގު ލިބުމެއްނުވެއެވެ. އަހަރެން ވަކީލު ކުރަނީ އެ އިލާހަށެވެ. އަދި (ތައުބާވެ) ރުޖޫއަ ވަނީވެސް އެ އިލާހުގެ ހަޒްރަތަށެވެ.
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. އަހަރެންނާ ދެކޮޅުވެރިވުން އެއީ، ތިޔަބައިމީހުންނަށް މުސީބަތް ޖެހޭކަމަކަށް ނުހަދާހުށިކަމެވެ. (އެއީ) ނޫޙުގެފާނުގެ ގައުމުގެ މީހުންނަށް، ނުވަތަ ހޫދުގެފާނުގެ ގައުމުގެ މީހުންނަށް، ނުވަތަ ޞާލިޙުގެފާނުގެ ގައުމުގެ މީހުންނަށް ޖެހުނުފަދަ މުސީބަތެކެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުން (ހަލާކުވެދިޔަ ދުވަސް) ތިޔަބައިމީހުންނާ ދުރެއްގައެއް ނުވެއެވެ.
އަދި ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތަށް ފާފަ ފުއްސެވުން އެދި، ތިޔަބައިމީހުން ދަންނަވާށެވެ. ދެން ތިޔަބައިމީހުން އެ އިލާހަށް ތައުބާ ވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބަކީ ރަޙީމްވަންތަ ނުހަނު އޯގާވަންތަ އިލާހެވެ.
އެ މީހުން ބުންޏެވެ: އޭ ޝުޢައިބެވެ. ތިޔަ ދައްކާ ގިނަ ވާހަކަތަކެއް އަހަރެމެންނަކަށް ނުވިސްނެއެވެ. އަދި ހަމަކަށަވަރުން އަހަރުމެން ދެކެނީ، ތިބާއަކީ އަހަރެމެންގެ ތެރޭގައިވާ ޟަޢީފު ނިކަމެއްޗެއް ކަމުގައެވެ. އަދި ކަލޭގެފާނުގެ ގާތްތިމާގެ މީހުން (ނުވަތަ ގަބީލާ) ނެތްނަމަ، އަހަރެމެން ތިބާ ރަޖަމުކޮށް މަރާލީސްކަން ކަށަވަރެވެ. އަދި އަހަރެމެންގެ ގާތުގައި ތިބާއަކީ އެއްވެސް އިއްޒަތެއް (ނުވަތަ ބާރެއް) ހުރި މީހެއް ނޫނެވެ.
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ﷲ އަށްވުރެ ބޮޑަށް، ތިޔަބައިމީހުންގެ ގާތުގައި އަހަރެންގެ ގާތްތިމާގެ މީހުން އިއްޒަތްތެރިވެގެން ވަނީހެއްޔެވެ!؟ އަދި އެ އިލާހީ، ތިޔަބައިމީހުންގެ ފުރަގަހަށް ދޫކޮށްފައިވާ ފަރާތެއްކަމުގައި ތިޔަބައިމީހުން ހަދާފީމުއެވެ. ހަމަކަށަވަރުން އަހަރެންގެ ރައްބަކީ، ތިޔަބައިމީހުންކުރާ ކަންތައް ފުރިހަމައަށް ދެނެވޮޑިގެންވާ އިލާހެވެ.
އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ތިބި ގޮތަށް ތިޔަބައިމީހުން އަމަލު ކޮށްބަލާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ވެސް (ތިމަންކަލޭގެފާނުގެ ގޮތުގައި) އަމަލު ކުރައްވާނަމެވެ. ފަހެ ނިކަމެތިކޮށްލަނިވި އަޒާބު އަންނާނީ ކާކަށްކަމާއި، އަދި ދޮގުވެރިއަކީ ކާކުކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ. އަދި ތިޔަބައިމީހުން ބަލަބަލާ ތިބޭށެވެ! ހަމަކަށަވަރުން އަހަރެންވެސް ތިޔަބައިމީހުންނާއެކު ބަލަބަލާ އެބަހުރީމެވެ.
އަދި ތިމަން އިލާހުގެ (އަޒާބުގެ) އަމުރުފުޅު އައި ހިނދު، ޝުއައިބުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެން ތިބި މީހުން، ތިމަން އިލާހުގެ ރަހުމަތްފުޅުން ސަލާމަތްކުރެއްވީމެވެ. އަދި (ބިރުވެރި) އަޑުއައިސް، އަނިޔާވެރިވީ މީހުން ހަލާކު ކުރިއެވެ. ދެން ހެނދުންވީއިރު، އެ މީހުންގެ ގޯތި ގެދޮރުގައި އެ މީހުން ތިބީ، ކަކޫމައްޗަށް ތިރިވެ، މަރުވެފައެވެ.
އެ މީހުން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ. ޘަމޫދު ބާގައި މީހުންވެސް ހަލާކުވެ ނެތިދިޔަފަދައިން، މަދްޔަނުގެ މީހުންނަށް ހަލާކާއި ގެއްލުން ހުއްޓެވެ.
ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތަކާއި، ބަޔާންވެގެންވާ ހުއްޖަތަކާއެކު، މޫސާގެފާނު ފޮނުއްވީމެވެ.
ފިރްޢައުނާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ އެ މީހުން ފިރްޢައުނުގެ އަމުރަށް ތަބާވިއެވެ. ފިރްޢައުނުގެ އަމުރު ހެޔޮލަފާ އަމުރެއްކަމުގައި ނުވެއެވެ.
ގިޔާމަތް ދުވަހުން، އޭނާގެ ގައުމުގެ މީހުންގެ ކުރީގައިހުރެ، އެ މީހުން ނަރަކައަށް ގެންގޮސް ވައްދާނެއެވެ. (އެ މީހުންނަށް) ވަދެވޭތަނުގެ ހުރި ނުބައިކަމާއެވެ.
މި ދުނިޔެމަތީގައި އެ މީހުންނަށް ލައުނަތް ލެއްވިއެވެ. އަދި ގިޔާމަތް ދުވަހުންވެސް މެއެވެ. (އެ މީހުންނަށް) ދެއްވާނެ އެއްޗެއްގެ ހުރި ނުބައިކަމާއެވެ.
އެއީ ރަށްތަކުގެ ޚަބަރުތަކުގެ ތެރެއިން ބަޔެކެވެ. ތިމަން އިލާހު އެ ޚަބަރުތައް ކަލޭގެފާނަށް ކިޔައިދެއްވަމެވެ. ގާއިމު ވެހުރި ރަށްތަކާއި، ނެތި ހަލާކުވެގެންދިޔަ ރަށްތައް އޭގެ ތެރެއިންވެއެވެ.
އަދި ތިމަން އިލާހު އެ މީހުންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް، އެ މީހުން އަނިޔާވެރިވިއެވެ. ފަހެ ކަލޭގެފާނުގެ ރައްބުގެ އަމުރުފުޅު އައި ހިނދު، ﷲ ފިޔަވާ، އެ މީހުން އަޅުކަންކޮށް އުޅުނު އެ މީހުންގެ އިލާހުންތައް، އެއްވެސްކަމެއް އެ މީހުންނަކަށް ފުއްދައެއް ނުދެތެވެ. އެ އިލާހުން، އެ މީހުންނަށް ގެއްލުންދިނުން މެނުވީ އިތުރެއް ނުކުރެއެވެ.
ރަށްތައް (އެބަހީ: ރަށްތަކުގެ އަހުލުވެރިން) އަނިޔާވެރިވެގެންވާ ހާލު، ކަލޭގެފާނުގެ ރައްބު އެ ރަށްތައް ހިއްޕަވާހިނދު، އެ އިލާހުގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން އެ އިލާހުގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ.
ހަމަކަށަވަރުން އާޚިރަތުގެ އަޒާބަށް ބިރުވެތިވެއްޖެ މީހާއަށް އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ. އެއީ އެ ދުވަހަށްޓަކައި މީސްތަކުން އެއް ކުރައްވާނޭ ދުވަހެކެވެ. އަދި އެއީ (އެންމެން) ދެކޭނޭ ދުވަހެކެވެ.
އަދި އަދަދު ކުރައްވާފައިވާ މުއްދަތަކަށް މެނުވީ، ތިމަން އިލާހު އެދުވަސް ފަހެއް ނުކުރައްވަމެވެ.
އެދުވަސް އައުމުން، އެ އިލާހުގެ އިޒުނަފުޅާއެކުގައި މެނުވީ، އެއްވެސް ނަފްސަކަށް ބަހެއްވެސް ނުބުނެވޭނެއެވެ. ފަހެ އަބާއްޖަވެރިންނާއި، ބާއްޖަވެރިން އެ މީހުންގެ ތެރެއިންވެއެވެ.
ފަހެ އަބާއްޖަވެރިވި މީހުން ދަންނާށެވެ. ފަހެ އެ މީހުން ވާހުށީ، ނަރަކައިގައެވެ. އެ މީހުން ބޭރަށްލާ ނޭވާގެ ގަދަ އަޑާއި، އެތެރެއަށްލާ ނޭވާގެ އަޑު އެ ތާނގައި ހުންނާނެއެވެ.
އެ މީހުން އެ ނަރަކައިގައި ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ރައްބު އިރާދަ ކުރެއްވި މުއްދަތެއް ފިޔަވާ، އުޑުތަކާއި، ބިން ދެމި ހުރިހާ ހިނދެއްގައެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، އެ އިލާހު އިރާދަކުރައްވާ ކަމެއް ކުރައްވާ އިލާހެވެ.
އަދި ބާއްޖަވެރިވި މީހުން ދަންނާށެވެ. އެ މީހުން ވާހުށީ ސުވަރުގޭގައެވެ. އެ ތާނގައި، އެ މީހުން ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ރައްބު އިރާދަ ކުރެއްވި މުއްދަތެއް ފިޔަވާ އުޑުތަކާއި ބިން ދެމިއޮތްހާ ހިނދެއްގައެވެ. ކެނޑިގެންނުދާ ދެއްވުމެއްގެ ގޮތުގައެވެ.
ފަހެ މިބައިމީހުން އަޅުކަންކުރާ ފަރާތްތަކާ ބެހޭގޮތުން، ޝައްކުކަމެއްގައި ކަލޭގެފާނު ނުހުންނަވާށެވެ. ކުރިންވެސް އެ މީހުންގެ ކާބަފައިން އަޅުކަންކުރާ ފަދައަކުން މެނުވީ، އެ މީހުން އަޅުކަމެއް ނުކުރެއެވެ. އަދި ހަމަކަށަވަރުން އުނިވުމެއްނެތި އެ މީހުންގެ (އަޒާބުގެ) ބައި، އެ މީހުންނަށް ތިމަން އިލާހު ހަމައަށް ދެއްވާހުށީމެވެ.
ހަމަކަށަވަރުން ތިމަން އިލާހު މޫސާގެފާނަށް ފޮތް ދެއްވީމެވެ. ފަހެ އެ ފޮތާމެދު ޚިލާފުވިއެވެ. ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އިސްވެދިޔަ ބަސްފުޅެއް ނުވާނަމަ، އެ މީހުންގެ މެދުގައި ނިޔާކުރެއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން އެ މީހުން ވަނީ އެކަމާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައިކަން ކަށަވަރެވެ.
ހަމަކަށަވަރުން ކޮންމެ ބަޔަކަށް ވެސް އެބަޔެއްގެ އަމަލުތަކަށް ކަލޭގެފާނުގެ ރައްބު ހަމައަށް ޖަޒާދެއްވާނެއެވެ. ހަމަކަށަވަރުން އެ އިލާހީ، އެ މީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ފަހެ ކަލޭގެފާނަށް އަމުރުކުރައްވާފައިވާ ފަދައިން، ކަލޭގެފާނުގެ އަރިހުގައި އީމާންވެ، ތައުބާ ވެގެން ތިބިމީހުންނާއެކު، ކަލޭގެފާނު ސީދާވެ ގާއިމުވެވަޑައިގަންނަވާށެވެ. އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން އެ އިލާހީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
އަދި އަނިޔާވެރިވި މީހުންގެ ފަރާތަށް ތިޔަބައިމީހުން ކުޑަކޮށް ވެސް ނުލެނބޭށެވެ! ފަހެ (އެ ހިނދުން) ނަރަކައިގެ އަލިފާން ތިޔަބައިމީހުންގައި ބީހިދާނެއެވެ. އަދި ﷲ ފިޔަވާ، ތިޔަބައިމީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނެތެވެ. ދެން ތިޔަބައިމީހުންނަކަށް ނަސްރެއްވެސް ނުލިބޭނެއެވެ.
އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު ގާއިމު ކުރައްވާށެވެ. ހަމަކަށަވަރުން ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް ވައުޒާއި ނަސޭހަތެކެވެ.
އަދި ކަލޭގެފާނު ކެތް ކުރައްވާށެވެ. ފަހެ ހަމަކަށަވަރުން އިހްސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެއެވެ.
ފަހެ އުއްމަތްތަކުގެ ތެރެއިން (ދީންވެރިކަމާއި ހެޔޮވިސްނުމުގެ ތެރެއިން) ބާކީއޮތް މިންވަރެއްގެ ވެރިބަޔަކު، ބިމުގައި ފަސާދަ ކޮށްއުޅުން ނަހީކޮށް ތިޔަބައިމީހުންގެ ކުރިން އުޅުނުނަމަ (ކިހާ ރަނގަޅުހެއްޔެވެ.) އެހެނެއްކަމަކު، ތިމަން އިލާހު ސަލާމަތްކުރެއްވި މީހުންގެ ތެރެއިން މަދުބަޔަކުވިއެވެ. އަދި އަނިޔާވެރިވި މީހުން، އެ މީހުންނަށް ލިބުނު ތަނަވަސްކަމަށް ތަބާވިއެވެ. (އެބަހީ: އެ ކަމުގެ ތެރެއަށް ގެނބި، އާޚިރަތް ހަނދާންނެތި ކޮށްލޫއެވެ.) އަދި ކުށްވެރިން ކަމުގައި އެ މީހުން ވިއެވެ.
ރަށްތަކުގެ އަހުލުވެރިން ރަނގަޅަށް ކަންތައްކުރާ ބަޔަކު ކަމުގައިވަނިކޮށް، އަނިޔާވެރިގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ރައްބު އިރާދައެއް ނުކުރައްވައެވެ.
ކަލޭގެފާނުގެ ރައްބު އިރާދަ ކުރެއްވިނަމަ، މީސްތަކުން އެއް އުއްމަތެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް ޚިލާފު ވުމުގައި އެ މީހުން ފިލައިނުދެތެވެ.
ކަލޭގެފާނުގެ ރައްބު ރަހުމަތް ލެއްވި ބަޔަކު މެނުވީއެވެ. އެ އިލާހު އެ މީހުން ހެއްދެވީ އެ ކަމަށް ޓަކައެވެ. އަދި ކަލޭގެފާނުގެ ރައްބުގެ ބަސްފުޅު ފުރިހަމަވެފައިވެއެވެ. (އެ ބަސްފުޅަކީ) ހަމަކަށަވަރުން ތިމަން އިލާހު، މީސްތަކުންނާއި، ޖިންނީންނާއި، ދެ ބާވަތުން ނަރަކަ ފުރުއްވާހުށީމެވެ.
އަދި ރަސޫލުންގެ ޚަބަރުތަކުގެ ތެރެއިން މިއެންމެހާ ޚަބަރުތައް، ތިމަން އިލާހު ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަން އިލާހު ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ. އަދި މި ޚަބަރުތަކުގައި ކަލޭގެފާނާ ހަމައަށް އައިސްފައިވަނީ، ހައްގު ތެދުބަސްފުޅެވެ. އަދި މުއުމިނުތަކުންނަށް ވައުޒަކާއި، ހަނދާންކޮށްދިނުމެކެވެ.
އީމާން ނުވާ މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން ތިޔަބައިމީހުން އަމަލު ކޮށްބަލާށެވެ! ހަމަކަށަވަރުން ތިމަންމެންވެސް (ތިމަންމެންގެ ގޮތުގައި) އަމަލުކުރާނެއެވެ.
އަދި ތިޔަބައިމީހުން އިންތިޒާރުކުރާށެވެ! ހަމަކަށަވަރުން ތިމަންމެންވެސް، އިންތިޒާރުކުރާނެއެވެ.
އަދި އުޑުތަކާއި، ބިމުގެ ޣައިބު މިލްކު ވެގެންވަނީ، ﷲ އަށެވެ. އަދި އެންމެހާ ކަންތައް ރުޖޫއަ ކުރައްވާހުށީ، އެ އިލާހުގެ ހަޒްރަތަށެވެ. ފަހެ ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ. އަދި އެ އިލާހަށް ވަކީލު ކުރައްވާށެވެ. ތިޔަބައިމީހުންކުރާ އަމަލުތަކާމެދު، ކަލޭގެފާނުގެ ރައްބު ޣާފިލުވެ ވޮޑިގެނެއް ނުވެއެވެ.