އިބްރާހީމް

Ibrahim

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އަލިފް ލާމް ރާ. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތް ކަލޭގެފާނަށް ތިމަން އިލާހު ބާވައިލެއްވީ، އެ މީހުންގެ ރައްބުގެ އިޒުނަފުޅާއެކު، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު، މީސްތަކުން ނެރުއްވުމަށެވެ. ގަދަފަދަވަންތަ، ހަމްދު ލިބިވޮޑިގެންވާ އިލާހު (ދެއްކެވި) މަގަށެވެ.
2
ﷲ ގެ މަގެވެ. އެ އިލާހީ، އުޑުތަކުގައި ވާހާ އެއްޗަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވާ އިލާހެވެ. އަދި ކާފިރުންނަށް ގަދަފަދަވެގެންވާ އަޒާބަކުން ހަލާކު ހުއްޓެވެ.
3
އެ މީހުންނީ، އާޚިރަތަށްވުރެ ބޮޑަށް ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރާ މީހުންނެވެ. އަދި ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އެ މަގު ގުދުވުމަށް އެދޭ މީހުންނެވެ. އެ މީހުން ވަނީ، ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
4
ތިމަން އިލާހު އެއްވެސް ރަސޫލަކު އެ ބޭކަލެއްގެ ގައުމުގެ ބަހުން މެނުވީ ނުފޮނުއްވަމެވެ. (އެއީ) އެ މީހުންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށް ޓަކައެވެ. ފަހެ ﷲ އިރާދަކުރައްވާ އަޅަކު، މަގުފުރައްދަވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ އަޅަކަށް ތެދުމަގު ދައްކަވައެވެ. އެ އިލާހީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
5
ހަމަކަށަވަރުން ތިމަން އިލާހުގެ އާޔަތްތަކާއިގެން، މޫސާގެފާނު ފޮނުއްވީމެވެ. (އަދި އެންގެވީމެވެ.) ކަލޭގެފާނުގެ ގައުމުގެ މީހުން އަނދިރިކަމުގެ ތެރެއިން، އަލިކަމުގެ ތެރެއަށް ނެރުއްވާށެވެ. އަދި އެ މީހުންނަށް ﷲ ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ. ހަމަކަށަވަރުން ކެތްތެރިކަން ބޮޑު، ޝުކުރުވެރިވުން ގިނަ ކޮންމެ މީހަކަށް، އެ ކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
6
މޫސާގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންނަށް ﷲ ދެއްވި ނިއުމަތްތައް، ތިޔަބައިމީހުން ހަނދާންކުރާށެވެ! ފިރްޢައުނުގެ މީހުންގެ ކިބައިން އެ އިލާހު ތިޔަބައިމީހުން ސަލާމަތް ކުރެއްވި ހިނދެވެ. އެ މީހުން ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ އަޒާބުގެ ރަހަ ދައްކަމުން ގެންދެތެވެ. އަދި އެ މީހުން ތިޔަބައިމީހުންގެ ފިރިހެން ދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންވެރިން (ނުމަރައި ޚިދުމަތްކުރަން) ބައިތިއްބައެވެ. އަދި އެ ކަންތަކުގައި ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން އައިސްފައިވާ ބޮޑު އިމްތިހާނެއް ވެއެވެ.
7
އަދި ތިޔަބައިމީހުންގެ ރައްބު އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ.) ހަމަކަށަވަރުން ތިމަން އިލާހުގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ.
8
އަދި މޫސާގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންނާއި، ބިމުގައި ވާހާ އެންމެން (ޝުކުރު ނުކޮށް) ކާފިރު ވިޔަސް، ފަހެ ހަމަކަށަވަރުން ﷲ އީ، ފުދިވޮޑިގެންވާ، ހަމްދު ލިބިވޮޑިގެންވާ އިލާހުކަން ކަށަވަރެވެ.
9
ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުންގެ ޚަބަރު ތިޔަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟ (އެއީ) ނޫޙުގެފާނުގެ ގައުމުގެ މީހުންނާއި، ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުންނާއި، އެ މީހުންގެ ފަހުން އުޅުނު މީހުންނެވެ. ﷲ އަށް މެނުވީ، އެ މީހުންނެއް ނޭނގެތެވެ. އެ މީހުންގެ ގާތަށް އެ މީހުންގެ ރަސޫލުން ބަޔާންވެގެންވާ ހެކިތަކާއިގެން ވަޑައިގަތެވެ. ފަހެ އެ މީހުންގެ އަނގަތަކުގައި، އެ މީހުންގެ އަތްތައް އެޅޫއެވެ. އަދި އެ މީހުން ބުނެފިއެވެ. ހަމަކަށަވަރުން ތިޔަބޭކަލުން އެކަމަކާއިގެން ފޮނުއްވެވި ކަންތަކަށް ތިމަންމެން ކާފިރު ވެއްޖައީމެވެ. އަދި ހަމަކަށަވަރުން ތިޔަބޭކަލުން އެ ކަމަކަށް ތިމަންމެންނަށް ގޮވައިލައްވާ ކަމަކާމެދު، ހަމަކަށަވަރުން ތިމަންމެންވަނީ ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައެވެ.
10
އެ މީހުންގެ ރަސޫލުން ވިދާޅުވިއެވެ: އިސްވެދިޔަ މިސާލަކާނުލާ އުޑުތަކާއި ބިން އުފެއްދެވި ﷲ އާމެދު، ޝައްކެއް ވޭހެއްޔެވެ؟ އެ އިލާހު ތިޔަބައިމީހުންނަށް ގޮވައިލައްވަނީ، ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވުމަށާއި، ކަނޑައެޅިގެންވާ މުއްދަތަކަށް ތިޔަބައިމީހުން ފަސް ކުރެއްވުމަށް ޓަކައެވެ. އެ މީހުން ދެންނެވިއެވެ: ތިމަންމެންކަހަލަ އިންސާނުން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. ތިޔަބޭކަލުން އެދިވަޑައިގަންނަވަނީ، ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތިން ތިމަންމެން ދުރުކުރެއްވުމަށެވެ. ފަހެ ބަޔާންވެގެންވާ ހުއްޖަތެއް ތިމަންމެންނަށް ތިޔަބޭކަލުން ގެނެސްދެއްވަ ބައްލަވާށެވެ.
11
އެ މީހުންގެ ރަސޫލުން އެ މީހުންނަށް ވިދާޅުވިއެވެ: ތިޔަބައިމީހުން ކަހަލަ އިންސާނުން ކަމުގައި މެނުވީ، ތިމަންމެން ނުވަމުއެވެ. އެހެނެއްކަމަކު، ﷲ، އެ އިލާހުގެ އަޅުންކުރެ އިރާދަ ކުރެއްވި ބަޔަކަށް ނިއުމަތް ދެއްވައެވެ. އަދި ﷲ ގެ އިޒުނަފުޅާލައިގެން މެނުވީ، ތިޔަބައިމީހުންނަށް ހުއްޖަތެއް ގެނެސްދިނުމަކީ، ތިމަންމެންނަށް އޮތްކަމެއް ނޫނެވެ. އަދި މުއުމިނުތަކުން ހަމައެކަނި ﷲ އަށް ވަކީލުކުރާހުށިކަމެވެ.
12
އަދި ހަމަކަށަވަރުން އެ އިލާހު ތިމަންމެންނަށް ތިމަންމެންގެ މަގުތައް ދައްކަވާފައިވާއިރު، ﷲ އަށް ތިމަންމެން ވަކީލު ނުކުރަންވީ ކީއްވެގެންހެއްޔެވެ؟ އަދި ތިޔަބައިމީހުން ތިމަންމެންނަށް ދިން އުނދަގޫތަކަށް ހަމަކަށަވަރުން ތިމަންމެން ކެތްކުރާހުށީމުއެވެ. އަދި ވަކީލުކުރާ މީހުން، ހަމައެކަނި ﷲ އަށް ވަކީލުކުރާހުށިކަމެވެ.
13
ކާފިރުވި މީހުން، އެ މީހުންގެ ރަސޫލުންނަށް ދެންނެވިއެވެ: ހަމަކަށަވަރުން ތިމަންމެންގެ ބިމުން ތިޔަބޭކަލުން ނެރެލާހުށީމުއެވެ. ނޫންނަމަ ތިޔަބޭކަލުން ތިމަންމެންގެ ދީނަށް އެނބުރިވަޑައިގަންނަވާހުށިކަމެވެ. ފަހެ އެ ބޭކަލުންގެ ރައްބު، އެ ބޭކަލުންނަށް ވަހީކުރެއްވިއެވެ: ހަމަކަށަވަރުން ތިމަން އިލާހު އަނިޔާވެރިން ހަލާކު ކުރައްވާހުށީމެވެ.
14
އަދި ހަމަކަށަވަރުން އެ މީހުންގެ ފަހުގައި، ތިމަން އިލާހު ތިޔަބައިމީހުން، ބިމުގައި ވަޒަންވެރި ކުރައްވާ ހުށީމެވެ. އެ ކަންއޮތީ، ތިމަން އިލާހުގެ (މަތިވެރި) މަގާމަށް ބިރުވެތިވެ، ތިމަން އިލާހުގެ ވައީދަށް ބިރުވެތިވި މީހުންނަށެވެ.
15
އަދި އެ ބޭކަލުން ނަސްރަށް އެދި ދެންނެވިއެވެ: އަދި ހަރުކަށި، ކޮންމެ ޖައްބާރަކު ގެއްލި ހަލާކުވިއެވެ.
16
އޭނާގެ ކުރިމަތީގައިވަނީ، ނަރަކައެވެ. އަދި އޭނާއަށް ބޯންދެއްވާނީ، ފާ ދިޔަފަދަ ފެނަކުންނެވެ.
17
އޭނާ އެ ދިރުވައިލާނެތެވެ. އޭނާއަށް އެ ދިރުވައިލެވޭނީ، ވަރަށް އުނދަގުލުންނެވެ. އަދި ހުރިހާ ފަރާތަކުން އޭނާގެ ގާތަށް މަރު އަންނާނެއެވެ. (އެކަމަކު) އޭނާ މަރެއް ނުވާނެއެވެ. އަދި އޭނާގެ ކުރިމަތީގައިވަނީ، ގަދަފަދަވެގެންވާ އަޒާބެވެ.
18
އެ މީހުންގެ ރައްބަށް ކާފިރުވި މީހުންގެ އަމަލުތަކުގެ މިސާލު، އަޅިތަކެއް ފަދައެވެ. ވިއްސާރަގަދަ ދުވަހެއްގައި، އެއަށް ގަދަ ވައިޖެހި، އެ އަޅިތައް ބުރުއްސައިލިއެވެ. އެ މީހުން ހޯދައިގަތް އެއްވެސްކަމެއްގެ މައްޗަށް، އެ މީހުންގެ އެއްވެސް ބާރެއް ނެތެވެ. ދުރުވެގެންވާ މަގުފުރެދުމަކީ ހަމައެއީއެވެ.
19
ހަމަކަށަވަރުން ﷲ، ހައްގު ގޮތުގައި އުޑުތަކާއި ބިން ހައްދަވާފައިވާކަން ތިބާއަކަށް ނޭނގޭހެއްޔެވެ؟ އެ އިލާހު އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި، އާ މަޚްލޫގުންތަކެއް ގެންނަވައިފާނެތެވެ.
20
އަދި އެ ކަންތައް ﷲ އަށް އުނދަގޫކަމަކަށް ނުވެއެވެ.
21
އެ އެންމެން (ކަށްވަޅުތަކުން) ނުކުމެ، ﷲ ގެ ހަޒްރަތަށް އަންނާނެއެވެ. އަދި (އޭގެ ތެރެއިން) ނިކަމެތިން ބޮޑާވެގަތް މީހުންނަށް ބުނާނެއެވެ. ހަމަކަށަވަރުން ތިމަންމެން މި ތިބީ، ތިޔަބައިމީހުންނަށް ތަބާ ވެގެންނެވެ. ފަހެ ތިޔަބައިމީހުންނަށް ﷲ ގެ އަޒާބުން ކުޑަމިންވަރެއްނަމަވެސް ތިމަންމެންގެ ކިބައިން ދުރުކޮށްދެވިދާނެހެއްޔެވެ؟ އެ މީހުން ބުނާނެއެވެ. ﷲ ތިމަންމެންނަށް ތެދުމަގު ދެއްކެވިނަމަ، ތިޔަބައިމީހުންނަށް ތިމަންމެން ތެދުމަގު ދެއްކީމުހެވެ. ތިމަންމެން ކެތްނުކުރިޔަސް، ނުވަތަ ކެތްކުރިޔަސް، ތިމަންމެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. ފިލަންދާނެ ތަނެއް ތިމަންމެންނަކަށް ނުވެއެވެ.
22
އަދި ކަންތައް ނިޔާކުރައްވާ ނިމޭ ހިނދު، ޝައިތާނާ ބުނާނެއެވެ. ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންނަށް ވައުދު ކުރައްވާފައިވަނީ، ހައްގު ތެދު ވައުދެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް ވައުދު ކުރީމެވެ. ފަހެ ތިޔަބައިމީހުންނަށް ތިމަންކުރި ވައުދާ ޚިލާފު ވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވާ، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ! ތިޔަބައިމީހުންގެ އެހީތެރިޔަކަށް ތިމަން ނުވަމެވެ. އަދި ތިޔަބައިމީހުންވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން މީގެކުރިން ތިޔަބައިމީހުން ތިމަން ބައިވެރިކުރި ކަންތަކަށް ތިމަން ކާފިރު ވީމެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
23
އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން، އެތާނގެ ދަށުން ފެން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާހުއްޓެވެ. އެ މީހުންގެ ރައްބުގެ އިޒުނަފުޅާއެކު، އެ ތާނގައި އެ މީހުން ދެމިތިބެނިވި ގޮތުގައެވެ. އެ ތާނގައި، އެ މީހުންގެ ތަހިއްޔަތަކީ، ސަލާމެވެ.
24
ﷲ، ރަނގަޅު ބަހެއްގެ މިސާލު ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ މިސާލެވެ.
25
އެ ގަހުގެ ރައްބުގެ އިޒުނަފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. ﷲ، މީސްތަކުންނަށް މިސާލު ޖައްސަވަނީ، އެ މީހުން ހަނދުމަކުރުމަށް ޓަކައެވެ.
26
އަދި ނުބައި ބަހެއްގެ މިސާލަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ މިސާލެވެ.
27
ދުނިޔޭގެ ހަޔާތުގައްޔާއި، އާޚިރަތުގައި ސާބިތުވެގެންވާ (ހައްގު) ބަހުން އީމާންވި މީހުންނަށް، ﷲ ސާބިތުކަން ދެއްވައެވެ. އަދި ﷲ، އަނިޔާވެރިން މަގުފުރައްދަވައެވެ. އަދި ﷲ، އެ އިލާހު އިރާދަކުރައްވާ ކަމެއް ކުރައްވައެވެ.
28
ﷲ ގެ ނިއުމަތް، ކާފިރުކަމަށް ބަދަލުކޮށް، އެ މީހުންގެ ގައުމު ހަލާކުގެ ގޮވައްޗަށްލީ މީހުން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟
29
(އެއީ) ނަރަކައެވެ. އެ މީހުން އެތަނަށްވަދެ އަނދާނެއެވެ. އަދި އެއީ، ތިބުމަށް ހާދަހާ ނުބައި ތަނެކެވެ!
30
އަދި އެ މީހުން ﷲ އަށް ޝަރީކުން ލޫއެވެ. (އެއީ) އެ މީހުން އެ އިލާހުގެ މަގުން މީސްތަކުން ފުރެއްދުމަށް ޓަކައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން (ދުނިޔެމަތީގައި) އަރާމުކޮށްލަން ތިބޭށެވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން އެނބުރިދިޔުން ވަނީ ނަރަކައަށެވެ.
31
އީމާންވި، ތިމަން އިލާހުގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އެ މީހުން ނަމާދު ގާއިމުކުރާހުށިކަމެވެ. އަދި ތިމަން އިލާހު އެ މީހުންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި އެ މީހުން ހޭދަކުރާހުށިކަމެވެ. އެ ދުވަހެއްގައި ވިޔަފާރިއެއް ނުވަތަ ރައްޓެހިކަމެއް ނޯންނާނޭ ދުވަހެއް އައުމުގެ ކުރިންނެވެ.
32
ﷲ އީ، އުޑުތަކާއި ބިން ހެއްދެވި އިލާހެވެ. އަދި އެ އިލާހު އުޑުން ވާރޭ ވެއްސެވިއެވެ. ފަހެ އެ ފެނުގެ ސަބަބުން ތިޔަބައިމީހުންނަށް ރިޒްގެއް ކަމުގައި މޭވާތައް ނެރުއްވިއެވެ. އަދި އެ އިލާހުގެ އިޒުނަފުޅާއެކު، އެ ތަކެތި ކަނޑުގައި ދަތުރުކުރުމަށް ތިޔަބައިމީހުންނަށް ޓަކައި ނާފަހަރު ޚިދުމަތްތެރި ކުރެއްވިއެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި، ކޯރުތައް ޚިދުމަތްތެރި ކުރެއްވިއެވެ.
33
އަދި އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި، އިރާއި ހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. ކެނޑިނޭޅި ހިނގާގޮތުގައެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި، ރޭދުވާ ޚިދުމަތްތެރި ކުރެއްވިއެވެ.
34
އަދި އެ އިލާހުގެ ހަޒްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެ އިލާހު ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲ ގެ ނިއުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިއުމަތްތައް އަދަދެއް ނުކުރެވޭހުއްޓެވެ. ހަމަކަށަވަރުން އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތްމީހެކެވެ.
35
އިބްރާހީމްގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ރައްބެވެ. މި ރަށަކީ، އަމާން ވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ. އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ.
36
އަޅުގެ ރައްބެވެ. ހަމަކަށަވަރުން އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ މި އަޅާއަށް ތަބާ ވެއްޖެ މީހަކީ، ހަމަކަށަވަރުން އަޅުގެ (ދީންގެ) މީހެކެވެ. އަދި އަޅާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އިބަ އިލާހީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
37
އަޅަމެންގެ ރައްބެވެ. ހަމަކަށަވަރުން އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ހުރުމަތްތެރި ކުރައްވާފައިވާ އިބަ އިލާހުގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ރައްބެވެ. އެ މީހުން ނަމާދު ގާއިމުކޮށްއުޅުމަށް ޓަކައެވެ. ފަހެ މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެ މީހުންގެ ފަރާތަށް ލަންބަވާނދޭވެ. އަދި މޭވާތަކުން އެ މީހުންނަށް ރިޒްގު ދެއްވާނދޭވެ. (އެއީ) އެ މީހުން ޝުކުރުވެރި ވުމަށް ޓަކައެވެ.
38
އަޅަމެންގެ ރައްބެވެ. ހަމަކަށަވަރުން އަޅަމެން ވަންހަނާކުރާ ކަންތަކާއި، އަޅަމެން ފާޅުކުރާ ކަންތައް، އިބަ އިލާހު ދެނެވޮޑިގެންވަމުއެވެ. އަދި ބިމުގައްޔާއި، އުޑުގައިވާ އެއްވެސް އެއްޗެއް، ﷲ އަށް ވަންހަނާވެގެނެއް ނުވެއެވެ.
39
ހަމްދު ހުރީ، ﷲ އަށެވެ. އެ އިލާހީ، އަޅު، މުސްކުޅިވެފައިވަނިކޮށް، އަޅާއަށް އިސްމާޢީލާއި، އިސްޙާގު ދެއްވި އިލާހެވެ. ހަމަކަށަވަރުން އަޅުގެ ރައްބަކީ، ދުއާ އައްސަވާވޮޑިގެންވާ އިލާހުކަން ކަށަވަރެވެ.
40
އަޅުގެ ރައްބެވެ. އަޅާއީ، ނަމާދު ގާއިމުކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ. އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ރައްބެވެ. އަދި އަޅުގެ ދުއާ ގަބޫލު ކުރައްވާނދޭވެ.
41
އަޅަމެންގެ ރައްބެވެ. ހިސާބު ގާއިމުވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނުތަކުންނަށް ފާފަ ފުއްސަވާނދޭވެ.
42
އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ، ޣާފިލުވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނު ކުރައްވާ ހުށިކަމެވެ. އެ އިލާހު އެ މީހުން ފަސް ކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ.
43
އެ މީހުން އިސްއުފުލައި އަވަސްއަވަހަށް ހިނގާފައި ދާނެއެވެ. އެ މީހުންގެ ލޮލުގެ އެސްފިޔަވެސް ޖަހައިނުލެވޭހުއްޓެވެ. އަދި އެ މީހުންގެ ހިތްތައް ވާނީ، އެކައްޗެއްވެސް ނެތި ހުސްވެފައެވެ.
44
އެ މީހުންނަށް އަޒާބު އަންނަ ދުވަހާމެދު، ކަލޭގެފާނު މީސްތަކުންނަށް އިންޒާރުކުރައްވާށެވެ. ފަހެ އަނިޔާވެރިވި މީހުން ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. ކައިރި މުއްދަތަކަށް އަޅަމެން ފަސް ކުރައްވާނދޭވެ. އޭރުން އިބަ އިލާހުގެ ގޮވައިލެއްވުމަށް އަޅަމެން އިޖާބަދޭ ހުށީމުއެވެ. އަދި ރަސޫލުންނަށް ތަބާވާ ހުށީމުއެވެ. (ޖަވާބުގައި ބުނެވޭނެއެވެ.) ތިޔަބައިމީހުންނަށް (ދުނިޔެއިން) ނެތިދިއުމެއް ނާންނާނެކަމަށް މީގެކުރިން ތިޔަބައިމީހުން ހުވާކޮށް ނޫޅެމުހެއްޔެވެ؟
45
އަދި އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވި މީހުން އުޅުނު ތަންތާނގައި ތިޔަބައިމީހުން އުޅުނީމުއެވެ. އަދި އެ މީހުންނާމެދު ތިމަން އިލާހު ކަންތައް ކުރެއްވިގޮތް ތިޔަބައިމީހުންނަށް ބަޔާންވެ އެނގިފައިވެއެވެ. އަދި ތިޔަބައިމީހުންނަށް ތިމަން އިލާހު މިސާލުތައް ޖައްސަވައިދެއްވީމެވެ.
46
ހަމަކަށަވަރުން އެ މީހުންގެ ރޭވުންތައް ރޭވިއެވެ. އަދި އެ މީހުންގެ ރޭވުންތައްވަނީ، ﷲ ގެ ހަޒްރަތުގައެވެ. (އެބަހީ: އެ ރޭވުންތައް ﷲ ދެނެވޮޑިގެންވެއެވެ.) އަދި އެ މީހުންގެ ރޭވުންތަކުން ފަރުބަދަތައް ނެއްތައިނުލެވޭހުއްޓެވެ.
47
ފަހެ ﷲ، އެ އިލާހުގެ ރަސޫލުންނަށް ކުރައްވާފައިވާ ވައުދާ ޚިލާފުވެ ވޮޑިގަންނަވާނެކަމަށް ކަލޭގެފާނު ހީފުޅުނު ކުރައްވާ ހުށިކަމެވެ. ހަމަކަށަވަރުން ﷲ އީ، ބަދަލުހިއްޕެވުމުގެ ވެރި، ޢަޒީޒުވަންތަ އިލާހެވެ.
48
އެ ދުވަހުން ބިން އެހެން ބިމަކަށް، އަދި އުޑުތައް (އެހެން އުޑުތަކަކަށް) ބަދަލު ކުރައްވާނެއެވެ. އަދި އެއްކައުވަންތަ، ގައްހާރުވަންތަ ﷲ ގެ ހަޒްރަތަށް އެންމެން ނުކުންނާނެއެވެ.
49
އަދި އެ ދުވަހުން، ކުށްވެރިންތައް އެކުއެކުގައި ކަސްތަޅު އެޅިފައިވާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.
50
އެ މީހުންގެ ފޭރާން ވަނީ ކަތުރާނުންނެވެ. އަދި އަލިފާން، އެ މީހުންގެ މޫނުތައް ފޮރުވައިލާނެތެވެ.
51
(އެއީ) ﷲ، ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދިކަމެއްގެ ޖަޒާ ދެއްވުމަށް ޓަކައެވެ. ހަމަކަށަވަރުން ﷲ އީ، ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ އިލާހެވެ.
52
މި ގުރްއާނަކީ (އެންމެހާ) މީސްތަކުންނަށް އެއިން އިންޒާރުކުރެއްވުމަށް ޓަކައި އޮތް އެންގެވުމެކެވެ. އަދި ހަމަކަށަވަރުން އެ އިލާހީ، އެއްކައުވަންތަ އިލާހުކަން އެ މީހުން ދެނެގަތުމަށާއި، އަދި ބުއްދީގެ އަހުލުވެރިން ނަސޭހަތް ލިބިގަތުމަށް ޓަކައެވެ.