އަލިފް ލާމް ރާ. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ، ﷲ އެވެ.) މިއީ (ބާވައިލެއްވި) ފޮތުގެ، އަދި ފާޅުވެ ބަޔާންވެގެންވާ ގުރްއާނުގެ އާޔަތްތަކެވެ.
ކާފިރުވި މީހުން އެ މީހުންނީ މުސްލިމުންކަމުގައި ވީނަމައޭ ހިތައި އެ ކަމަށް ގިނަގިނައިން އެދެތެވެ.
އެ މީހުން ކައިބޮއި، ދުނިޔޭގެ ވަގުތީ އުފާ ލިބިގަތުމަށާއި، ދޮގު އުއްމީދުތައް އެ މީހުން މަޝްޣޫލުކުރުވުމަށް، ކަލޭގެފާނު އެ މީހުން ދޫކޮށްލައްވާށެވެ. ފަހެ (އެ ކަންތަކުގެ ނަތީޖާ) އެ މީހުންނަށް ފަހުން އެނގޭހުއްޓެވެ.
އެ ރަށަކަށް ކަނޑައެޅި އެނގިގެންވާ މުއްދަތެއްވާ ހާލުގައި މެނުވީ، ތިމަން އިލާހު އެއްވެސް ރަށެއް ހަލާކެއް ނުކުރައްވަމެވެ.
އެއްވެސް އުއްމަތަކަށް، އެ އުއްމަތުގެ އަޖަލު އިހެއްނު ކުރައްވާނެއެވެ. އަދި ފަހެއްވެސް ނުމެ ކުރައްވާނޭމެއެވެ.
އެ މީހުން ބުނެފިއެވެ. އޭ ގުރްއާން އެ ބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ. ހަމަކަށަވަރުން ކަލޭގެފާނީ، މޮޔައެއްކަން ކަށަވަރެވެ.
ކަލޭގެފާނު ތެދުބުނާމީހުންގެ ތެރެއިންވާނަމަ، ތިމަންމެންގެ ގާތަށް ކަލޭގެފާނު މަލާއިކަތުން ނުގެންނަވަނީ ކީއްވެގެންތޯއެވެ؟
ހައްގު ބަސްފުޅާއިގެން މެނުވީ، ތިމަން އިލާހު މަލާއިކަތުން ބާވައެއް ނުލައްވަމެވެ. އަދި އެ ހިނދު ފަސް ކުރައްވާނޭ ބަޔަކު ކަމުގައި އެ މީހުން ނުވެއެވެ.
ހަމަކަށަވަރުން ގުރްއާން ބާވައިލެއްވީ، ތިމަންއިލާހެވެ. އަދި ހަމަކަށަވަރުން ތިމަން އިލާހު، އެ ގުރްއާން ރައްކާތެރި ކުރައްވާހުށީމެވެ.
ހަމަކަށަވަރުން އިސްވެދިޔަ އުއްމަތްތަކުގެ ތެރެއަށް ކަލޭގެފާނުގެ ކުރިންވެސް ތިމަން އިލާހު ރަސޫލުން ފޮނުއްވީމެވެ.
އަދި އެ ބޭކަލަކަށް އެ މީހުން ފުރައްސާރަ ކުރާކަމުގައި ނުވާ އެއްވެސް ރަސޫލަކު އެ މީހުންގެ ގާތަކަށް ވަޑައެއް ނުގަންނަވައެވެ.
ކުށްވެރިންގެ ހިތްތަކަށް ތިމަން އިލާހު އެ ކަން ވައްދަވަނީ އެފަދައިންނެވެ.
އެ މީހުން އެކަލޭގެފާނަކަށް އީމާނެއް ނުވާނެއެވެ. އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތް، ފާއިތުވެ ހިނގައްޖެކަން ކަށަވަރެވެ.
އަދި ތިމަން އިލާހު އެ މީހުންގެ މައްޗަށް އުޑުން ދޮރެއް ހުޅުއްވާދެއްވާފި ނަމަ، ދެން ފަހެ އެ ދޮރުން އެ މީހުން (އުޑަށް) އަރައަރާ ތިބޭނެއެވެ.
(އަދި) ޔަގީނުންވެސް އެ މީހުން ބުނާނެއެވެ: ހަމަކަށަވަރުން އަހަރެމެންގެ ލޯތައް މަސްތުކުރެވިފައި މެނުވީ ނުވެއެވެ. އެހެނަކުންނެއް ނޫނެވެ. އަހަރެމެންނަކީ ސިހުރު ޖެހިފައިވާ ބަޔެކެވެ.
ހަމަކަށަވަރުން ތިމަން އިލާހު، އުޑުގައި ބުރުޖުތަކެއް ލެއްވީމެވެ. އަދި ބަލާ މީހުންނަށް ޓަކައި، ތިމަން އިލާހު އެ އުޑު ޒީނަތްތެރި ކުރެއްވީމެވެ.
އަދި ﷲ ގެ ރަހުމަތުން ބޭރުކުރައްވާފައިވާ ކޮންމެ ޝައިތާނެއްގެ ކިބައިން، ތިމަން އިލާހު އެ އުޑު ރައްކާތެރި ކުރެއްވީމެވެ.
އެހުމުން ވައްކަންކުރި ޝައިތާނަކު މެނުވީއެވެ. ފަހެ ފާޅުވެގެންވާ ގިނިހިލައެއް އެ ޝައިތާނެއްގެ ފަހަތުން އަންނަހުއްޓެވެ.
އަދި ތިމަން އިލާހު ބިން ފެތުރުއްވީމެވެ. އަދި ހަރުލައި ހުންނަ ފަރުބަދަތައް، އެ ބިމުގައި ލެއްވީމެވެ. އަދި މިންވަރު ކަނޑައެޅި އެނގިގެންވާ ކޮންމެ އެއްޗެއް، އެ ބިމުން ތިމަން އިލާހު ފެޅުއްވީމެވެ.
އަދި ތިޔަބައިމީހުންނަށް ޓަކައްޔާއި، އެ ތަކެއްޗަށް ތިޔަބައިމީހުން ރިޒްގު ދޭ ކަމުގައި ނުވާތަކެއްޗަށްޓަކައި، ދިރިއުޅުމުގެ ވަސީލަތްތައް ތިމަން އިލާހު އެ ބިމުގައި ލެއްވީމެވެ.
އެ އެއްޗެއްގެ ޚަޒާނާތައް ތިމަން އިލާހުގެ ހަޒްރަތުގައި ނުވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށް މެނުވީ، ތިމަން އިލާހު އެ އެއްޗެއް ބާވައެއް ނުލައްވަމެވެ.
ތިމަން އިލާހު ވައިރޯޅިތައް ފޮނުއްވީމެވެ. (ވިލާތަކާއި ގަސްގަހާގެހި) ތަލްގީޙްކުރާ (އެބަހީ: ދަރިމައިކުރާ) އެއްޗެއްގެ ގޮތުގައެވެ. އަދި ތިމަން އިލާހު އުޑުން ވާރޭވެއްސެވީމެވެ. ފަހެ ތިމަން އިލާހު ތިޔަބައިމީހުންނަށް އެ ފެން ބޯންދެއްވީމެވެ. އަދި އެ ފެން ރައްކާކޮށް ޚަޒާނާކުރެވޭނެ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެއެވެ.
އަދި ހަމަކަށަވަރުން ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް ތިމަންއިލާހެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންއިލާހެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިޔުމަށް ފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންއިލާހެވެ.)
އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ކުރީގެ (ޖީލުތަކުގެ) މީހުން ތިމަން އިލާހު ދެނެވޮޑިގެންވަމެވެ. އަދި ހަމަކަށަވަރުން ފަހުން އަންނާނޭ މީހުންވެސް ތިމަން އިލާހު ދެނެވޮޑިގެންވަމެވެ.
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު އެ މީހުން މަހުޝަރަށް ފޮނުއްވާ ހުއްޓެވެ. ހަމަކަށަވަރުން އެ އިލާހީ، ޙަކީމްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ތަޣައްޔަރު ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން ތިމަން އިލާހު އިންސާނާ ހެއްދެވީމެވެ.
އަދި އޭގެ ކުރިން ދުމެއްނެތް އަލިފާނުން ތިމަން އިލާހު ޖިންނީން ހެއްދެވީމެވެ.
ކަލޭގެފާނުގެ ރައްބު މަލާއިކަތުންނަށް ވަހީކުރެއްވި ހިނދު ހަނދުމަ ކުރައްވާށެވެ. ތަޣައްޔަރު ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން ތިމަން އިލާހު އިންސާނަކު ހައްދަވާހުށީމެވެ.
ފަހެ ތިމަން އިލާހު އެ އިންސާނާ (އެބަހީ: އާދަމުގެފާނު) ހައްދަވައި، ފުރިހަމަ ކުރައްވާ، ތިމަން އިލާހުގެ ރޫހުފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދަށް ތިރިވާހުށިކަމެވެ.
ފަހެ މަލާއިކަތުން އެ އެންމެން އެކުގައި ސަޖިދަ ކުރައްވާފިއެވެ.
އިބްލީސް މެނުވީއެވެ. ސަޖިދަކުރި މަލާއިކަތުންނާ އެކުގައިވުމަށް އިބްލީސް ނުރުހި، އެ ކަމުން މަނާވެގެންފިއެވެ.
އެ އިލާހު ވަހީކުރެއްވިއެވެ: އޭ އިބްލީސެވެ! ސަޖިދަކުރި މަލާއިކަތުންނާ އެކުގައި ނުވުމަށް ކަލޭގެއަށް މެދުވެރިވީ ކޮންކަމެއްހެއްޔެވެ؟
އެކަލޭގެ ދެންނެވިއެވެ: ތަޣައްޔަރު ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށިން އިބަ އިލާހު ހެއްދެވި އިންސާނަކަށް ސަޖިދަކުރާކަށް ތިމަން ނެތީމެވެ.
އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ ކަލޭގެ އެ ތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެވަނީ، ރަހުމަތުން ބޭރުކުރައްވާފައެވެ.
އަދި ހަމަކަށަވަރުން ގިޔާމަތް ދުވަހަށް ދާންދެން ކަލޭގެ މައްޗަށް ލައުނަތް ހުއްޓެވެ.
އެކަލޭގެ ދެންނެވިއެވެ: އަޅުގެ ރައްބެވެ. ފަހެ އެ މީހުން (އަލުން ދިރުއްވައި މަހުޝަރަށް) ފޮނުއްވާނޭ ދުވަހަށް ދާންދެން ތިމަން އަޅާއަށް މުހުލަތް ދެއްވާނދޭވެ.
އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ ހަމަކަށަވަރުން ކަލޭގެވަނީ، މުހުލަތް ދެއްވާފައިވާ މީހުންގެ ތެރެއިންނެވެ.
ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާންދެނެވެ.
އެކަލޭގެ ދެންނެވިއެވެ: އަޅުގެ ރައްބެވެ. އިބަ އިލާހު މި އަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން އެ މީހުންނަށް ބިމުގައި މި އަޅާ ޒީނަތްތެރި ކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން މި އަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ.
އެ މީހުންގެ ތެރެއިން، އިބަ އިލާހުގެ އަޅުންކުރެ ޚިޔާރުކުރައްވާފައިވާ މީހުން މެނުވީއެވެ.
އެ އިލާހު ވަހީކުރެއްވިއެވެ: މިއީ، ތިމަން އިލާހުގެ ހަޒްރަތަށް އޮތް ސީދާވެގެންވާ ތެދުމަގެވެ.
ހަމަކަށަވަރުން ތިމަން އިލާހުގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެ ތެރެއިން ކަލޭގެއަށް ތަބާވާ މީހުން މެނުވީއެވެ.
އަދި ހަމަކަށަވަރުން ނަރަކައަކީ، އެ އެންމެންނަށް ﷲ ވައުދު ކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ.
އެ ނަރަކައަށް ހަތް ދޮރުވެއެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއްވެއެވެ.
ހަމަކަށަވަރުން ތަގުވާވެރިން ވަނީ ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިއުމަތްގައެވެ.
(އެ މީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން ސަލާމަތްކަމާއެކު، އަމާންކަން ލިބިގެންވާ ހާލު އެތަނަށް ވަންނާށެވެ!
އަދި ތިމަން އިލާހު، އެ މީހުންގެ ހިތްތަކުގައިވާ ހަސަދަވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ އަޚުންތަކެއްގެ ގޮތުގައެވެ.
އެ މީހުންނަކަށް އެ ތާނގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެތެވެ. އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެ މީހުން ނުމެވޭމެއެވެ.
ހަމަކަށަވަރުން ތިމަން އިލާހީ އަލްޣަފޫރު، އައްރަޙީމުކަން، ތިމަން އިލާހުގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރު ދެއްވާށެވެ.
އަދި ހަމަކަށަވަރުން ތިމަން އިލާހުގެ އަޒާބަކީ، ވޭންދެނިވި އަޒާބެއް ކަމަށް ވެސްމެއެވެ.
އަދި އިބްރާހީމްގެފާނުގެ މެހުމާނުންގެ ވާހަކަ، ކަލޭގެފާނު އެ މީހުންނަށް ކިޔައިދެއްވާށެވެ.
އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ވަންހިނދެވެ. އެ ހިނދު އެ މީހުން ދެންނެވިއެވެ: ސަލާމް ހުއްޓެވެ! އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންމެން ތިޔަބައިމީހުންދެކެ ބިރުގަނެއެވެ.
އެ މެހުމާނުން ދެންނެވިއެވެ: ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން އިލްމުވެރި ދަރިކަލަކު، ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންމެން ކަލޭގެފާނަށް ދެމުއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަން މުސްކުޅިވީހިނދު، ތިޔަބައިމީހުން އުފާވެރިކަމުގެ ޚަބަރު ތިމަންނާއަށް ދެނީހެއްޔެވެ؟ އުފާވެރިކަމުގެ ޚަބަރު ތިޔަބައިމީހުން ތިޔަދެނީ ފަހެ ކޮންކަމެއްގެ ވާހަކައިންހެއްޔެވެ؟
އެ މެހުމާނުން ދެންނެވިއެވެ: ތިމަންމެން ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު މިދިނީ، ހައްގު ތެދުބަހުންނެވެ. ފަހެ އުއްމީދުކަނޑާލާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ރައްބުގެ ރަހުމަތާމެދު، އުއްމީދުކަނޑާލާނީ ފަހެ ކާކުހެއްޔެވެ؟
އެކަލޭގެފާނު ވިދާޅުވިއެވެ: އޭ ފޮނުއްވާފައިވާ މަލާއިކަތުންނޭވެ. ފަހެ ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟
އެ ބޭކަލުން ދެންނެވިއެވެ: ހަމަކަށަވަރުން ތިމަންމެން ފޮނުއްވާފައިވަނީ ކުށްވެރި ގައުމެއްގެ މީހުންގެ ގާތަށެވެ.
ލޫޠުގެފާނުގެ އަހުލުވެރިން މެނުވީއެވެ. ހަމަކަށަވަރުން ތިމަންމެން އެ ހުރިހާ އެންމެން ސަލާމަތްކުރާ ހުށީމުއެވެ.
އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ތިމަންމެން މިންވަރު ކޮށްފައިވަނީ، ހަމަކަށަވަރުން އެ ކަނބުލޭގެއަކީ، އަޒާބުގެ ތެރެއަށް ދޫކުރައްވާފައިވާ މީހުންގެ ތެރެއިންވާ މީހެއް ކަމުގައެވެ.
ފަހެ ފޮނުއްވާފައިވާ މަލާއިކަތުން ލޫޠުގެފާނުގެ އަހުލުވެރިންގެ ގާތަށް ވަޑައިގަތް ހިނދެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިޔަބައިމީހުންނަކީ، (ތިމަންކަލޭގެފާނު) ދަންނަ ބައެއް ނޫނެވެ.
އެ ބޭކަލުން ދެންނެވިއެވެ: އަދި ކީއްތޯއެވެ؟ ތިމަންމެން ކަލޭގެފާނުގެ އަރިހަށް މިއައީ، އެ މީހުން އެކަމާމެދު ޝައްކު ކޮށްއުޅުނު ކަންތަކާއިގެންނެވެ.
އަދި ތިމަންމެން ކަލޭގެފާނުގެ އަރިހަށް އައީ، ހައްގު ބަސްފުޅާއިގެންނެވެ. ހަމަކަށަވަރުން ތިމަންމެންނީ، ތެދުބުނާބަޔަކުކަން ކަށަވަރެވެ.
ފަހެ ކަލޭގެފާނުގެ އަހުލުވެރިންނާއިގެން ރޭގަނޑުން ބައެއްގައި ކަލޭގެފާނު ދަތުރުކުރައްވާ، ހިންގަވާށެވެ. އަދި ކަލޭގެފާނު އެ މީހުންގެ ފަހަތުން ވަޑައިގަންނަވާށެވެ. އަދި ތިޔަބައިމީހުންކުރެ އެކަކުވެސް ފަސްއެނބުރި ނުބަލާށެވެ! އަދި ތިޔަބައިމީހުންނަށް، އަމުރުކުރައްވާފައިވާ ތަނަށް، ތިޔަބައިމީހުންދާށެވެ!
އެކަލޭގެފާނަށް ތިމަން އިލާހު އެ ކަންތައް ނިޔާކުރައްވާ އެންގެވީމެވެ. (އެއީ) ހަމަކަށަވަރުން، އެ މީހުންނީ ފަތިސްވެގެންއަންނަ ވަގުތުގައި، މުލުން ކެނޑި ނެތިދާނޭ ބަޔެކެވެ.
(އަލަށް ބަޔަކު ރަށަށް އައިވާހަކަ އިވި) އުފާކުރާ ހާލު، ރަށުގެ އަހުލުވެރިން އައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން މިބައިމީހުންނަކީ، ތިމަންގެ މެހުމާނުންނެވެ. ފަހެ ތިޔަބައިމީހުން ތިމަން ފަޟީޙަތް ނުކުރާށެވެ!
އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިމަން ދެރަކޮށް ލަދުގަންނަވައި ނުލާށެވެ!
އެ މީހުން ދެންނެވިއެވެ: (ބޭރު) އެއްވެސްމީހަކާ ބައްދަލުވެ އުޅުއްވުން ތިމަންމެން ކަލޭގެފާނަށް ނަހީނުކުރަމުތޯއެވެ؟
އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން އެ ކަންތައްކުރާ ކަމުގައިވަނީނަމަ، (އެބަހީ: އެދުންފުއްދައިއުޅެން ބޭނުންނަމަ، ޝަރުއީ ހަމަތަކުން ކާވެނިވުމަށް) ތިމަންގެ އަންހެން ދަރިން (އެބަހީ: ގައުމުގެ އަންހެން ދަރިން) މި ތިބީއެވެ.
ކަލޭގެފާނުގެ ހަޔާތްޕުޅު ގަންދެއްވަމެވެ. ހަމަކަށަވަރުން އެ މީހުން ވަނީ، އެ މީހުންގެ މަސްތުގެ ތެރޭގައި، ހައިރާންވެ، ދެފުށުއެޅޭ ހާލުގައެވެ.
ފަހެ އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެ މީހުން ހަލާކުކުރިއެވެ.
ފަހެ ތިމަން އިލާހު އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮން ކުރައްވާފައިވާ މަށީގެ ހިލައިން ތިމަން އިލާހު އެ މީހުންގެ މައްޗަށް ވާރޭ ވެއްސެވީމެވެ.
ހަމަކަށަވަރުން އެ ކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.
އަދި ހަމަކަށަވަރުން އެ ރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ.
ހަމަކަށަވަރުން އެކަމުގައި މުއުމިނުތަކުންނަށް ހެއްކެއްވާކަން ކަށަވަރެވެ.
އަދި ހަމަކަށަވަރުން އަލްއައިކަތުގެ އަހުލުވެރިން، އަނިޔާވެރި ބަޔަކު ކަމުގައިވީކަން ކަށަވަރެވެ.
ފަހެ ތިމަން އިލާހު އެ މީހުންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ހަމަކަށަވަރުން އެ ދެރަށް (އެބަހީ: ލޫޠު ބާގައިމީހުންގެ ރަށާއި އަލްއައިކަތުގެ ރަށް) ވަނީ ބަޔާންވެ އެނގިގެންވާ މަގެއްގައިކަން ކަށަވަރެވެ.
ހަމަކަށަވަރުން ޙިޖްރުގެ އަހުލުވެރިން (އެބަހީ: ޘަމޫދު ބާގައިމީހުން) ރަސޫލުން ދޮގުކުރިއެވެ.
އަދި އެ މީހުންނަށް ތިމަން އިލާހުގެ ހެކިތައް ގެނެސްދެއްވީމެވެ. ފަހެ އެ ހެކިތަކަށް ފުރަގަސްދޭ ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
އަދި އަމާންވެގެން ތިބިކަމަށް (ހީކޮށް) ފަރުބަދަތަކުން ކަނޑައިކޮށައިގެން، ގެތައް ހަދާބަޔަކު ކަމުގައި އެ މީހުން ވިއެވެ.
ފަހެ ފަތިސްވަގުތު، ގަދަފަދަ އަޑު (އައިސް) އެ މީހުން ހަލާކުކުރިއެވެ.
ފަހެ އެ މީހުން ހޯދައި އުޅުނު އަމަލުތައް އެ މީހުންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ.
ތިމަން އިލާހު އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއް، ހައްގު ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން ގިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފު ކުރައްވާށެވެ.
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން ތަކުރާރުކޮށް ކިޔެވޭ ހަތް އާޔަތާއި، މަތިވެރި ގުރްއާން، ތިމަން އިލާހު ކަލޭގެފާނަށް ދެއްވީމެވެ.
އެ މީހުންގެ ތެރެއިން ބަޔަކަށް، ދުނިޔޭގެ އުފަލެއްގެ ގޮތުގައި ތިމަން އިލާހު ދެއްވާފައިވާ ކަންތަކަށް ކަލޭގެފާނުގެ ލޯފުޅު ނުފޯރުއްވަވާށެވެ. އަދި އެ މީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ. އަދި މުއުމިނުންނަށް ޓަކައި، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ. (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ.)
އަދި ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި އިންޒާރުކުރައްވާ ބޭކަލަކީމެވެ.
ބައިބައިކުރި މީހުންގެ މައްޗަށް، ތިމަން އިލާހު (އަޒާބު) ބާވައިލެއްވި ފަދައިންނެވެ.
އެ މީހުންނަކީ، ގުރްއާނެއީ، ވަކިވަކިވެގެންވާ ބައިތަކެއްކަމުގައި ހެދި މީހުންނެވެ.
ފަހެ ކަލޭގެފާނުގެ ރައްބު ގަންދެއްވަމެވެ. ތިމަން އިލާހު އެ މީހުން އެންމެންނާ ސުވާލު ކުރައްވާ ހުށީމެވެ!
އެ މީހުން ކޮށްއުޅުނު އަމަލުތަކާ މެދުގައެވެ.
ފަހެ ކަލޭގެފާނަށް އަމުރުކުރައްވާގޮތަށް، ފާޅުގައި ދީނަށް ގޮވައިލައްވާށެވެ. އަދި ޝަރީކުކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ.
ހަމަކަށަވަރުން ކަލޭގެފާނަށް ފުރައްސާރަކުރާ މީހުންގެ ނުބައިކަމުން ތިމަން އިލާހު ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ!
އެ މީހުންނަކީ، ﷲ އާއެކު އެހެން އިލާހަކުލައި، ޝަރީކު ކޮށްއުޅުނު މީހުންނެވެ. ނިކަންހުރެ އެ މީހުންނަށް އެނގޭހުއްޓެވެ.
ހަމަކަށަވަރުން އެ މީހުން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަން އިލާހު ދެނެވޮޑިގެންވަމެވެ.
ފަހެ ކަލޭގެފާނުގެ ރައްބަށް ހަމްދާއެކު ތަސްބީހަ ވިދާޅުވާށެވެ. އަދި ސަޖިދަކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ.
އަދި ކަލޭގެފާނުގެ އަރިހަށް ޔަގީން ވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނުގެ ރައްބަށް އަޅުކަން ކުރައްވާށެވެ.