އައްނަޙްލު

An-Nahl

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ﷲ ގެ އަމުރުފުޅު އަތުވެއްޖެއެވެ. ފަހެ ތިޔަބައިމީހުން އެ ކަން އަވަސްވުމަށް ނޭދޭށެވެ! އެ މީހުން ޝަރީކު ކޮށްއުޅުނު ތަކެތިން، އެ އިލާހު ހުސްތާހިރުވެ، މަތިވެރިވެ ވޮޑިގެންވެއެވެ.
2
އެ އިލާހުގެ އަޅުތަކުންގެ ތެރެއިން، އެ އިލާހު އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެ އިލާހުގެ އަމުރުފުޅާއެކު، ވަހީއާއިގެން މަލާއިކަތުން ފޮނުއްވައެވެ. (ވަހީ ކުރައްވަމުންނެވެ.) ތިޔަބައިމީހުން އިންޒާރުކުރާށެވެ! ހަމަކަށަވަރުން ތިމަން އިލާހު މެނުވީ، (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. ފަހެ ތިޔަބައިމީހުން ތިމަން އިލާހަށް ތަގުވާވެރިވާށެވެ.
3
އެ އިލާހު އުޑުތަކާއި، ބިން ހައްގު ގޮތުގައި ހެއްދެވިއެވެ. އެ މީހުން ޝަރީކުކުރާ ތަކެއްޗަށްވުރެ، އެ އިލާހު މަތިވެރިވެ ވޮޑިގެންވެއެވެ.
4
މަނިތިއްކަކުން އެ އިލާހު އިންސާނާ ހެއްދެވިއެވެ. ފަހެ އެހާރުން އޭނާވަނީ، ފާޅުވެ، ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.
5
އަދި އެ އިލާހު ތިޔަބައިމީހުންނަށް ޓަކައި، ނައަމްސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ.
6
އެ ތަކެތި ހަވީރު (ނިދާތަނަށް) ގެންނަ ހިނދުގައްޔާއި، ހެނދުނު (ހުއިހައްޕަން) ނެރޭ ހިނދު، ތިޔަބައިމީހުންނަށް ޓަކައި އެ ތަކެތީގައި ރީތިކަމެއްވެއެވެ.
7
އަދި ހަށިތަކަށް އުނދަގުލާއި، ވަރުބަލިކަންދީގެން މެނުވީ އެ ރަށަކާ ހަމައަށް ތިޔަބައިމީހުންނަށް ދެވޭކަމަށްނުވާ ރަށަކަށް، އެ ނައަމްސޫފިތައް ތިޔަބައިމީހުންގެ ބުރަތަކެތި އުފުލައިދެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހުކަން ކަށަވަރެވެ.
8
އަދި އަހާއި، ބަޣުލާއި، ހިމާރު ވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެ އިލާހު ހައްދަވައެވެ.
9
ސީދާވެގެންވާ ތެދުމަގު ބަޔާންކޮށްދެއްވުންވަނީ، ﷲ އަށެވެ. އަދި އެ މަގުތަކުގެ ތެރެއިން ކަސިޔާރުވެގެންވާ މަގުވެއެވެ. އަދި އެ އިލާހު އިރާދަކުރައްވާފިނަމަ، ތިޔަބައިމީހުން އެންމެންނަށް ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ.
10
ތިޔަބައިމީހުންނަށް ޓަކައި، އުޑުން ވާރޭފެން ބާވައިލެއްވީ، އެ އިލާހެވެ. އެ ފެނުން (ތިޔަބައިމީހުންނަށް) ބުއިމެއްވެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތައް އެއިން ހުއިހައްޕާ ގަސްތަކާއި، ވިނަތައް، އެ ފެނުގެ ސަބަބުން ހެދެއެވެ.
11
އެ އިލާހު އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށް ޓަކައި ފަޅުއްވައެވެ. ހަމަކަށަވަރުން ފިކުރުކުރާ ބަޔަކަށް އެ ކަންކަމުގައި ހެއްކެއްވާކަން ކަށަވަރެވެ.
12
އަދި އެ އިލާހު ރެއާއި، ދުވާލާއި، އިރާއި، ހަނދު، ތިޔަބައިމީހުންނަށް ޓަކައި ޚިދުމަތްތެރި ކުރެއްވިއެވެ. އަދި ތަރިތައްވެސް ވަނީ އެ އިލާހުގެ އަމުރުފުޅުން ޚިދުމަތްތެރި ކުރައްވާފައެވެ. ހަމަކަށަވަރުން އެ ހުރިހާ ކަންތަކުގައި ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
13
އަދި އެ ތަކެތީގެ ކުލަތައް ތަފާތު ގޮތުގައި، ތިޔަބައިމީހުންނަށް ޓަކައި ބިމުގައި އެ އިލާހު އުފައްދަވާފައިވާ ތަކެތިވެސްމެއެވެ. ހަމަކަށަވަރުން ހަނދުމަކޮށް އުޅޭބަޔަކަށް އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ.
14
އަދި ތިޔަބައިމީހުންނަށް ޓަކައި، ކަނޑު ޚިދުމަތްތެރި ކުރެއްވީ އެ އިލާހެވެ. (އެއީ) ތިޔަބައިމީހުން އެ ކަނޑުން ތާޒާ މަސް ކެއުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން އަޅައިއުޅޭ ގަހަނާ، އެ ކަނޑުން ނެރެ، ނެގުމަށް ޓަކައެވެ. އަދި އެ ކަނޑުގައި ގޮސް އައިސްވާ އުޅަނދުތައް ތިބާ ދެކޭނެއެވެ. އަދި (އެއީ) ތިޔަބައިމީހުން އެ އިލާހުގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
15
އަދި ހަރުލައި ހުންނަ ފަރުބަދަތައް ބިމުގައި އެ އިލާހު ލެއްވިއެވެ. އެއީ ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށް ޓަކައެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން (ދާންވީ) މަގު އެނގޭތޯއެވެ.
16
އަދި (މަގު ފާހަގަކުރެވޭ) ފާހަގަތަކެއް ލެއްވިއެވެ. އަދި ތަރިތަކުންވެސް އެ މީހުން މަގު ހޯދައިގަނެއެވެ.
17
ފަހެ (އެންމެހާ ތަކެތި) ހައްދަވާ އިލާހާއި (އެއްޗެއް) ނަހަދާ ފަރާތަކާ އެއްފަދަވާނޭހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ހަނދުމަނުކުރަނީހެއްޔެވެ؟
18
ތިޔަބައިމީހުން ﷲ ގެ ނިއުމަތް ހިމަނައި، އަދަދުކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ ނިއުމަތެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
19
އަދި ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.
20
އަދި ﷲ ފިޔަވާ އެ މީހުން ދުއާ ކޮށްއަޅުކަންކޮށް އުޅޭ ތަކެތި، އެއްވެސް އެއްޗެއް ނަހަދައެވެ. އަދި ޚުދު އެ ތަކެއްޗަކީ، ހައްދަވާފައިވާތަކެއްޗެވެ.
21
(އެއީ) މަރުވެފައިވާ، ދިރުމެއްނުވާތަކެއްޗެވެ. އަދި އެ މީހުން (އެހެން ދިރުމަކަށް) ފޮނުއްވާނެ އިރެއް އެ ތަކެއްޗަކަށް ނޭނގެތެވެ.
22
ތިޔަބައިމީހުންގެ އިލާހަކީ، އެއްކައުވަންތަ އިލާހެވެ. ފަހެ އާޚިރަތަށް އީމާން ނުވާ މީހުންނަކީ، އެ މީހުންގެ ހިތްތައް އެ ކަމަށް އިންކާރުކުރާ މީހުންނެވެ. އަދި އެ މީހުންނީ ބޮޑާވެގެންވާ ބަޔެކެވެ.
23
ޝައްކެއް ނެތެވެ. ހަމަކަށަވަރުން އެ މީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ﷲ ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން ބޮޑާވެގަންނަ މީހުންދެކެ، އެ އިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ.
24
ތިޔަބައިމީހުންގެ ރައްބު ބާވައިލެއްވީ ކޮންއެއްޗެއްހޭ، އެ މީހުންނަށް ބުނެފިނަމަ، އެ މީހުން ބުނެއެވެ. އެވޭލާ މީހުން ދައްކައި އުޅުނު ފުލޯކު ވާހަކަތަކެވެ.
25
(އެއީ) ގިޔާމަތް ދުވަހުން އެ މީހުންގެ ކުށްތައް ފުރިހަމައަށް އެ މީހުން އުފުލުމަށް ޓަކައެވެ. އަދި އެނގުމެއްނެތި، އެ މީހުން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް (އެ މީހުން އުފުލުމަށް ޓަކައި) ވެސް މެއެވެ. ދަންނާށެވެ. އެ މީހުން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ.
26
ހަމަކަށަވަރުން އެ މީހުންގެ ކުރީގެ މީހުން މަކަރުހެދޫއެވެ. ފަހެ ﷲ، އެ މީހުންގެ ބިނާ، ބިންގަލުން ނެތި ކުރެއްވުމަށް އިރާދަ ކުރެއްވިއެވެ. ދެން އެ މީހުންގެ (ބޯ) މަތިން، އެ މީހުންގެ މައްޗަށް، ފުރާޅު ވެއްޓިގެން ދިޔައެވެ. އަދި އެ މީހުން ހީވެސްނުކުރާ ގޮތްގޮތުން، އެ މީހުންނަށް އަޒާބު އައެވެ.
27
ދެން ގިޔާމަތް ދުވަހުން، އެ އިލާހު އެ މީހުން ނިކަމެތި ކުރައްވާނެއެވެ. އަދި ވަހީ ކުރައްވާނެއެވެ. ތިމަން އިލާހަށްވާ ޝަރީކުން ކަމުގައި ހަދާ (އަދި) އެ ތަކެއްޗާމެދު (މުއުމިނުންނާ) ތިޔަބައިމީހުން ދެކޮޅުވެރިވެ އުޅުނު ޝަރީކުން ކޮބައިހެއްޔެވެ؟ އިލްމު ލިބިގެންވާ މީހުން (އެ ދުވަހުން) ދަންނަވާނެއެވެ. ހަމަކަށަވަރުން ނިކަމެތިކަމާއި، ނުބައިކަން މިއަދު އޮތީ ކާފިރުންގެ މައްޗަށެވެ.
28
(އެއީ) އެ މީހުންގެ ނަފްސުތަކަށް އަނިޔާކުރާ ހާލު، މަލާއިކަތުން އެ މީހުން މަރުގަންނަވާ މީހުންނެވެ. ފަހެ އެ މީހުން މަލާއިކަތުންނަށް ބޯލަނބައި ކިޔަމަންވާން ޖެހުނެވެ. (އަދި ދެންނެވިއެވެ:) ތިމަންމެން އެއްވެސް ނުބައިކަމެއް ކޮށެއް ނޫޅެމުއެވެ. އެހެންނަކުން ނޫނެވެ. ހަމަކަށަވަރުން ﷲ އީ ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
29
ފަހެ އެ ތާނގައި ދެމިތިބެނިވި ގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) ކިބުރުވެރިވެގެންވާ މީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ!
30
ތަގުވާވެރިވި މީހުންނަށް އަންގަވާނެއެވެ. ތިޔަބައިމީހުންގެ ރައްބު ބާވައިލެއްވީ ކޮންއެއްޗެއްހެއްޔެވެ؟ އެ މީހުން ދަންނަވާނެއެވެ. ހެޔޮގޮތެވެ. މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުރި މީހުންނަށް ހެޔޮ ދަރުމަ ހުއްޓެވެ. އަދި އާޚިރަތުގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި ތަގުވާވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ.
31
އެއީ ޢަދްނޭ ކިޔުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެ މީހުން ވަންނާނެއެވެ. އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުރެތެވެ. އެ މީހުން އެދޭކަންތައް، އެ މީހުންނަށް ޓަކައި އެ ތާނގައިވެއެވެ. ތަގުވާވެރިންނަށް ﷲ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
32
އެ މީހުންނަކީ، ކުށްފާފަތަކުން ތާހިރު ވެގެންވާ ހާލު، މަލާއިކަތުން އެ މީހުން މަރުގަންނަވާ މީހުންނެވެ. (އެ ހިނދު) އެ މަލާއިކަތުން ވިދާޅުވާނެއެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!
33
އެ މީހުންގެ ގާތަށް މަލާއިކަތުން ވަޑައިގަތުމަށް، ނުވަތަ ކަލޭގެފާނުގެ ރައްބުގެ (އަޒާބުގެ) އަމުރުފުޅު އައުމަށް މެނުވީ އެ މީހުން އިންތިޒާރުކުރޭހެއްޔެވެ؟ އެ މީހުންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމަ އެފަދައިންނެވެ. ﷲ، އެ މީހުންނަކަށް އަނިޔާއެއް ނުކުރައްވައެވެ. އެހެނެއްކަމަކު، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް، އެ މީހުން އަނިޔާކުރާކަމުގައިވިއެވެ.
34
ފަހެ އެ މީހުން އަމަލުކުޅަގޮތުގެ ނުބައި ޖަޒާތައް، އެ މީހުންނަށް ޖެހުނެވެ. އަދި އެ މީހުން އެ ކަމަކަށް މަލާމާތްކޮށްއުޅުނު ކަންތައް އައިސް އެ މީހުން ވަށައިލިއެވެ.
35
ޝަރީކުކުރި މީހުން ބުނެފިއެވެ. ﷲ އިރާދަ ކުރެއްވިނަމަ، އެ އިލާހު ފިޔަވާ އެހެން އެއްވެސް އެއްޗަކަށް ތިމަންމެންވެސް، އަދި ތިމަންމެންގެ ކާބަފައިންވެސް އަޅުކަމެއް ނުކުޅައީހެވެ. އަދި އެ އިލާހުގެ އެންގެވުމަކާނުލާ އެއްވެސް އެއްޗެއް ތިމަންމެން ހަރާމް ކޮށެއް ނުހެދީމުހެވެ. އެ މީހުންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމަ އެފަދައިންނެވެ. ފަހެ ބަޔާންވެގެންވާ އިއްވެވުން މެނުވީ، ރަސޫލުންގެ މައްޗަށް ވޭހެއްޔެވެ؟
36
އަދި ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންގެ ކިބައިން ދުރުވެގަތުމަށް އެންގެވުމަށެވެ. ފަހެ އެ މީހުންގެ ތެރެއިން ﷲ ތެދުމަގު ދެއްކެވި މީހުން ވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް ހައްގު ވެގެންވީ މީހުންވެސް، އެ މީހުންގެ ތެރެއިން ވެއެވެ. ފަހެ ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ ދޮގުކުޅަމީހުންގެ ނަތީޖާ އޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ.
37
އެ މީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް ކަލޭގެފާނު ޝައުގުވެރިވެ ވަޑައިގަތަސް، ފަހެ ހަމަކަށަވަރުން ﷲ، އެ އިލާހު މަގުފުރައްދަވާ މީހަކަށް ތެދުމަގެއް ނުދައްކަވައެވެ. އަދި އެ މީހުންނަށް ނަސްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
38
އެ މީހުންނަށް ވެވުނުހާ ގަދައެއްކޮށް ﷲ ގަންދީ ހުވާކޮށް އެ މީހުން ބުނެފިއެވެ. މަރުވާ މީހަކު (އަލުން އެހެން ދިރުމަކަށް) ﷲ ނުފޮނުއްވާނެއެވެ. އެހެންނަކުން ނޫނެވެ. (އެއީ) އެ އިލާހަށް ކަށަވަރުވެ ހައްގު ވެގެންވާ ގޮތުގައި، ކުރައްވާފައިވާ ވައުދެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ކަމެއް) ނުދަނެއެވެ.
39
އެ މީހުން އެކަމާމެދު ޚިލާފުވެ އުޅުނު ކަންތަކުގެ ހަގީގަތް އެ މީހުންނަށް ބަޔާން ކޮށްދެއްވުމަށް ޓަކައެވެ. އަދި ހަމަކަށަވަރުން އެ މީހުން ވީ، ދޮގުވެރިންކަމުގައިކަން، ކާފިރުވި މީހުން ދެނެގަތުމަށް ޓަކައެވެ.
40
ތިމަން އިލާހު ކަމަކަށް އިރާދަކުރައްވާފި ހިނދަކު، ތިމަން އިލާހު އެ ކަމަކަށް ހަމައެކަނި ވާށޭ ވަހީ ކުރެއްވުމުން، ދެން އެ ކަމެއް ވެގެންދެއެވެ.
41
އެ މީހުންނަށް އަނިޔާ ލިބުމަށް ފަހު، ﷲ އަށްޓަކައި ހިޖުރަކުރި މީހުންނަށް، ހަމަކަށަވަރުން ދުނިޔޭގައިވެސް އެ މީހުން އުޅޭނޭ ރަނގަޅު ވަޒަން، ތިމަން އިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އާޚިރަތުގެ ދަރުމަ މާ ބޮޑެވެ. އެ މީހުން (އެ ކަން) ދަންނަނަމައެވެ.
42
އެ މީހުންނީ، ކެތްތެރިވި މީހުންނެވެ. އަދި އެ މީހުންގެ ރައްބަށް ވަކީލުކުރާ މީހުންނެވެ.
43
އަދި ކަލޭގެފާނުގެ ކުރިންވެސް އެބަޔަކަށް ތިމަން އިލާހު ވަހީ އިއްވަވައި، ރަސޫލުކަމާއިގެން ފިރިހެނުން މެނުވީ، ނުފޮނުއްވަމެވެ. ފަހެ ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން އިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ!
44
(ތިމަން އިލާހު އެ ރަސޫލުން ފޮނުއްވީ) ބަޔާންވެގެންވާ ހެކިތަކާއި، ފޮތްތަކާއިގެންނެވެ. އަދި ތިމަން އިލާހު، ކަލޭގެފާނަށް ގުރްއާން ބާވައިލެއްވީ، އެ މީހުންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށް ޓަކައެވެ. އަދި އެ މީހުން ފިކުރުކުރުމަށް ޓަކައެވެ.
45
ފަހެ ނުބައި ރޭވުންތައް ރޭވިމީހުން، ﷲ އެ މީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު، ނުވަތަ އެ މީހުން ހީވެސްނުކުރާ ދިމަދިމާއިން، އެ މީހުންނަށް އަޒާބު އަތުވެދާނެ ކަމާމެދު، އަމާންވެގެންވާ ކަމުގައި ހީކުޅައީހެއްޔެވެ؟
46
ނުވަތަ އެ މީހުން ދަތުރުފަތުރުކޮށް އުޅޭ އުޅުމުގެ ތެރޭގައި، އެ އިލާހު އެ މީހުން ހަލާކު ކުރައްވާފާނެކަމާމެދުގައިވެސް މެއެވެ. ފަހެ (ﷲ) ނުކުޅައްދައި، ރެކިގެން ދެވޭނޭ ބަޔަކު ކަމުގައި އެ މީހުން ނުވެއެވެ.
47
ނުވަތަ، އުނި ކުރެއްވުމުގެ ގޮތުން (އެބަހީ: މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެ މީހުން ހަލާކު ކުރައްވާފާނޭ ކަމާމެދުގައިވެސް މެއެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހެވެ.
48
އަދި ﷲ ހައްދަވާފައިވާތަކެއްޗަށް، އެ މީހުން ނުބަލަނީހެއްޔެވެ؟ އެ ތަކެތީގެ ހިޔަނިތައް، ކަނާތްކިބައަށާއި، ވާތްކިބައަށް ލެނބިލެނބި ހުރެތެވެ. ﷲ އަށް ސަޖިދަކުރާ ހާލުގައެވެ. އަދި އެ ހުރިހާ ތަކެތި، އެ އިލާހަށް ދެރަވެ، ނިކަމެތިވާ ހާލުގައެވެ.
49
އުޑުތަކުގައި ވާހާ ތަކެއްޗާއި، ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ހުރިހާ ތަކެއްޗާއި، މަލާއިކަތުން ވެސް، ﷲ އަށް ސަޖިދަކުރެއެވެ. އަދި އެ މަލާއިކަތުން ބޮޑާވެއެއް ނުގަނެއެވެ.
50
އެ މަލާއިކަތުންގެ މަތީގައި ވޮޑިގެންވާ، އެ ބޭކަލުންގެ ރައްބަށް އެ ބޭކަލުން ބިރުވެތިވެއެވެ. އަދި އެ ބޭކަލުންނަށް އަމުރުކުރައްވާ ކަންތައް، އެ ބޭކަލުން ކުރައްވައެވެ.
51
ﷲ ވަހީކުރެއްވިއެވެ: ތިޔަބައިމީހުން، ދެ އިލާހުން ވާކަމަށް ގަބޫލު ނުކުރާށެވެ! ހަމަކަށަވަރުން އެ އިލާހު ވާކަން ކަށަވަރީ، އެއްކައުވަންތަ އިލާހު ކަމުގައެވެ. ފަހެ ތިޔަބައިމީހުން ހަމައެކަނި، ތިމަން އިލާހަށް ބިރުވެތިވާށެވެ.
52
އަދި އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، އެ އިލާހަށެވެ. އަދި އަބަދުގެ އަބަދަށް، ކިޔަމަންވުންވަނީވެސް އެ އިލާހަށެވެ. ފަހެ ތިޔަބައިމީހުން ބިރުވެތިވަނީ، ﷲ ނޫން ފަރާތަކަށްހެއްޔެވެ؟
53
އަދި ތިޔަބައިމީހުންނަށް ލިބިގެންވާ ހުރިހާ ނިއުމަތެއް ލިބިފައި ވަނީ، ފަހެ ﷲ ގެ ހަޒްރަތުންނެވެ. ދެން ތިޔަބައިމީހުންނަށް ދަތިކަމެއް ޖެހިއްޖެ ނަމަ، ތިޔަބައިމީހުން ދުއާ ދަންނަވަން އަވަސްވެގަންނަނީ، ހަމަ އެ އިލާހަށެވެ.
54
ދެން އެ އިލާހު، ތިޔަބައިމީހުންގެ ކިބައިން، އެ ދަތިހާލު ފިއްލަވައިފިނަމަ، އެހާރުން ތިޔަބައިމީހުންކުރެ ބަޔަކު، އެ މީހުންގެ ރައްބަށް ޝަރީކުކުރެއެވެ.
55
އެ މީހުންނަށް ތިމަން އިލާހު ދެއްވި ނިއުމަތަށް، ކާފިރު ވުމަށް ޓަކައެވެ. ފަހެ ތިޔަބައިމީހުން (ދުނިޔޭގައި ވަގުތުކޮޅަކަށް) އަރާމު ލިބިގަންނާށެވެ! ފަހެ ނިކަންހުރެ ތިޔަބައިމީހުންނަށް (އޭގެ ނަތީޖާ) އެނގޭހުއްޓެވެ.
56
ތިމަން އިލާހު އެ މީހުންނަށް ދެއްވި ތަކެތިން ބައެއް، އެ މީހުންނަށް އެނގުމެއްނުވާތަކެއްޗަށް (އެބަހީ: ބުދުތަކަށް) ދީއުޅެތެވެ. ﷲ ގަންދެއްވަމެވެ. ތިޔަބައިމީހުން، ހަދާއުޅުނު ދޮގުތަކާމެދު، ހަމަކަށަވަރުން ތިޔަބައިމީހުންނާ ސުވާލު ކުރައްވާ ހުއްޓެވެ.
57
އަދި ﷲ އަށް އަންހެން ދަރިން ވާކަމަށް، އެ މީހުން ހަދައެވެ. އެ އިލާހު (އެފަދަ ކަންކަމުން) ހުސްތާހިރު ވެވޮޑިގެންވެއެވެ. އަދި އެ މީހުން އެދޭ ތަކެތި، (އެބަހީ: ފިރިހެން ދަރިން) ވަނީ، އެ މީހުންނަށްކަމަށް ހަދައެވެ.
58
އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ، އެ މީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެ ކަމުގެ ހިތާމަ ލިބިގެންވާ ހާލުގައެވެ.
59
އެ މީހާއަށް ދެވުނު ޚަބަރުގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެއެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެއަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ. އެ މީހުން ކުރާ ހުކުމް ހާދަހާ ނުބައިވެގެންވެއެވެ.
60
ނުބައިވެގެންވާ މިސާލު ވަނީ، އާޚިރަތަށް އީމާން ނުވާ މީހުންނަށެވެ. އަދި އެންމެ މަތިވެރި މިސާލު ވަނީ ﷲ އަށެވެ. އަދި އެ އިލާހީ ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ.
61
އަދި އެ މީހުންގެ އަނިޔާގެ ސަބަބުން ﷲ މީސްތަކުންނަށް (ވަގުތުން) އުގޫބާތް ދެއްވާނަމަ، ހިނގާބިނގާ އުޅޭ އެއްވެސް ދިރޭއެއްޗެއް، އެ ބިންމަތީގައި (އުޅުމަށް) ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައެޅިގެންވާ މުއްދަތަކަށް، އެ އިލާހު އެ މީހުން ފަސް ކުރައްވަނީއެވެ. ފަހެ އެ މީހުންގެ އަޖަލު އައުމުން، އެންމެ ހިނދުކޮޅަކަށް ވެސް އެ މީހުންނަކަށް، ލަހެއް ނުކުރައްވާހުއްޓެވެ. އަދި އަވަހެއްވެސް ނުމެ ކުރައްވާ ހުއްޓެވެ.
62
އަދި އެ މީހުން، ނުރުހޭ ތަކެތި (އެބަހީ: އަންހެން ދަރިން) އެ މީހުން ﷲ އަށް ނިސްބަތްކުރެއެވެ. އަދި ހަމަކަށަވަރުން ހުރިހާ ހެވެއްވަނީ، އެ މީހުންނަށް ކަމަށްބުނެ، އެ މީހުންގެ ދޫތަކުން ދޮގުތައް ހަދާ އުޅެތެވެ. ޝައްކެއް ނެތެވެ. ހަމަކަށަވަރުން އެ މީހުންނަށްހުރީ ނަރަކައެވެ. އަދި ހަމަކަށަވަރުން އެ މީހުންނީ، އެންމެ ފުރަތަމަ އެ ތަނަށް ދޫކުރައްވާނޭ ބަޔެކެވެ.
63
ﷲ ގަންދެއްވަމެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގެ އުއްމަތްތަކަށް، ތިމަން އިލާހު ރަސޫލުން ފޮނުއްވީމެވެ. ދެން ޝައިތާނާ، އެ މީހުންނަށް އެ މީހުންގެ އަމަލުތައް ޒީނަތްތެރި ކޮށްދެއްކިއެވެ. ފަހެ މިއަދު އެ މީހުންގެ އެހީތެރިޔަކީ، އެ ޝައިތާނާއެވެ. އަދި އެ މީހުންނަށް، ވޭންދެނިވި އަޒާބު ހުއްޓެވެ.
64
އަދި އެ މީހުން އެކަމާމެދު ޚިލާފުވީ ކަންތައް، ކަލޭގެފާނު އެ މީހުންނަށް ބަޔާންކޮށްދެއްވުމަށް ޓަކައި މެނުވީ، އަދި އީމާންވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، ރަހުމަތެއް ކަމުގައި މެނުވީ، ތިމަން އިލާހު ކަލޭގެފާނަށް، ފޮތް ބާވައެއް ނުލައްވަމެވެ.
65
ﷲ، އުޑުން ފެން ބާވައިލެއްވިއެވެ. ފަހެ ބިންގަނޑު މަރުވެ އޮތުމަށް ފަހު، އެ ފެނުގެ ސަބަބުން، އެ އިލާހު އެ ބިންގަނޑު ދިރުއްވިއެވެ. ހަމަކަށަވަރުން އަޑުއަހާ ބަޔަކަށް، އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ.
66
އަދި ހަމަކަށަވަރުން ނައަމްސޫފީގައި، ތިޔަބައިމީހުންނަށް އިބްރަތެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަން އިލާހު ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) ފުޟޫލާތުތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ.
67
އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުންކުރަމުއެވެ. ހަމަކަށަވަރުން ވިސްނާބަޔަކަށް، އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ. (ނޯޓު: މި އާޔަތް ބާވައިލެއްވީ، ރާ ހަރާމް ކުރެއްވުމުގެ ކުރީގައެވެ.)
68
ކަލޭގެފާނުގެ ރައްބު ކުޅަނދުރަށް އިލްހާމް ކުރައްވާ އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދާދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ!
69
ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ. ފަހެ ތިޔަ ކުޅަނދުރުގެ ރައްބު ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ. އެ ކުޅަނދުރުގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް (އެބަހީ: މާމުއި) ނުކުމެގެން އާދެތެވެ. އޭގައި މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ.
70
ﷲ، ތިޔަބައިމީހުން ހެއްދެވިއެވެ. ދެން އެ އިލާހު، ތިޔަބައިމީހުން މަރުގަންނަވައެވެ. އަދި އެންމެ ނިކަމެތި އުމުރަށް ރައްދު ކުރައްވާ މީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އެ މީހާއަށް އެނގިގެންވުމަށް ފަހު، އެއްވެސް އެއްޗެއް ނޭނގުމަށް ޓަކައެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ އިލާހެވެ.
71
އަދި ﷲ، ރިޒްގު ދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއް ބަޔަކުގެ މައްޗަށް މާތް ކުރައްވާ، އިތުރުކުރެއްވިއެވެ. ފަހެ އެ މީހުންނަށް މިލްކުވެގެންވާ އަޅުންނަށް، އެ މީހުންގެ ރިޒްގު ރައްދުކޮށްދޭ ބަޔަކު ކަމުގައި، އިތުރު ކުރެއްވި މީހުން ނުވެއެވެ. ފަހެ އެކަމުގައި، އެ މީހުން ހަމަހަމަވެގެންވެއެވެ. ފަހެ އެ މީހުން އިންކާރު ކޮށްދެކޮޅުހަދަނީ، ﷲ ދެއްވި ނިއުމަތާ މެދުގައިހެއްޔެވެ؟
72
އަދި ﷲ، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށް ޓަކައި، އަނބިން ލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެ ދަރިން ލައްވައި، އަދި ރަނގަޅު ހަލާލު ތަކެތިން، ތިޔަބައިމީހުންނަށް ރިޒްގު ދެއްވިއެވެ. ފަހެ އެ މީހުން އީމާން ވަނީ، ބާތިލަށްހެއްޔެވެ؟ އަދި އެ މީހުން ކާފިރު ވަނީ، ﷲ ގެ ނިއުމަތަށްހެއްޔެވެ؟
73
ﷲ ފިޔަވާ، އެހެން ފަރާތަކަށް، އެ މީހުން އަޅުކަންކުރެއެވެ. (އެއީ) އުޑުތަކާއި، ބިމުން، އެއްވެސް އެއްޗަކުން އެ މީހުންނަށް ރިޒްގު ދިނުން މިލްކުވެގެން ނުވާތަކެއްޗެވެ. އަދި އެ ތަކެއްޗަށް، އެ ކަމަކަށް ކުޅަދާނަވެގެނެއް ނުމެވޭމެއެވެ.
74
ފަހެ ތިޔަބައިމީހުން، އެއްވެސް އެއްޗެއް ﷲ އާ އެއްފަދަ ނުކުރާށެވެ! ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
75
އެހެންމީހަކަށް މިލްކުވެގެންވާ، އަދި އެއްވެސްކަމެއް ކުރުމަށް ކުޅަދާނަވެގެންނުވާ އަޅަކާއި، ތިމަން އިލާހު ހެޔޮވެގެންވާ ރިޒްގުން ރިޒްގު ދެއްވާ، ސިއްރާއި ފާޅުގައި އެއިން ހޭދަކޮށްއުޅޭ މީހަކާ ދެ މީހުންގެ މިސާލުން ﷲ، މިސާލެއް ޖެއްސެވިއެވެ. އެ މީހުން ހަމަހަމަވާނޭހެއްޔެވެ؟ ހަމްދު ހުރީ، ﷲ އަށެވެ. އަދި ކިއެއް! އެ މީހުން ކުރެ ގިނަ މީހުންނަކަށް ނޭނގެތެވެ.
76
ދެފިރިހެނެއްގެ މިސާލުން، ﷲ މިސާލެއް ޖެއްސެވިއެވެ. އެ ދެ މީހުންކުރެ އެކަކީ، އެއްވެސްކަމެއްގެ މައްޗަށް ކުޅަދާނަވެގެންނުވާ މަންމަނެކެވެ. އަދި އޭނާއަކީ، އޭނާގެ ސާހިބުމީހާގެ މައްޗަށްވާ ބުރައެކެވެ. އޭނާ ކުރިމަތިކޮށްފި އެއްވެސް ދިމާއަކުން، ހެޔޮ ކަމަކާއިގެނެއް ނާދެއެވެ. އެ މީހާއާއި، ސީދާވެގެންވާ ތެދުމަގުގައިހުރެ، އިންސާފަށް އަމުރުކޮށްއުޅޭ މީހަކާ ހަމަހަމަވެގެންވާނޭހެއްޔެވެ؟
77
އަދި އުޑުތަކާއި، ބިމުގެ ޣައިބު މިލްކުވެގެންވަނީ، ﷲ އަށެވެ. އަދި ގިޔާމަތް ވުމުގެ ވަގުތުގެ ކަންތައް، ލޮލުގެ އެސްފިޔަޖަހާހައި ހިނދުކޮޅެއް ފަދައިން މެނުވީ ނުވެއެވެ. ނުވަތަ، އެއަށްވުރެވެސް ގާތެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
78
އަދި ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުން، ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ހާލު، ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
79
އުޑުގެ ޖައްވުގައި ކިޔަމަން ކުރައްވާފައިވާ ދޫނިތައް، އެ މީހުން ނުދެކެނީހެއްޔެވެ؟ އެ ތަކެތި (އުދުހޭ ގޮތުގައި) ﷲ މެނުވީ ނުހިފަހައްޓަވައެވެ. އީމާންވާ ބަޔަކަށް، ހަމަކަށަވަރުން އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
80
އަދި ﷲ، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ. އަދި ތިޔަބައިމީހުންގެ ދަތުރުގެ ދުވަހުގައްޔާއި، ދަތުރުނުކޮށް ގާއިމު ވެތިބޭ ދުވަހުގައި، ގެންގުޅުމަށް ލުއި ގެތަކެއް، ނައަމްސޫފީގެ ހަމުން ތިޔަބައިމީހުންނަށް ޓަކައި ލެއްވިއެވެ. އަދި އެ ތަކެތީގެ ކެހެރިންނާއި، އެ ތަކެތީގެ ލޯލިންނާއި، އެ ތަކެތީގެ އިސްތަށިން، ގެވެހި ސާމާނާއި، ހިފައިގެންގުޅޭ ތަކެތި، ތިޔަބައިމީހުންނަށް ޓަކައި، ވަކި މުއްދަތަކަށް ލެއްވިއެވެ.
81
އަދި ﷲ، އެ އިލާހު ހެއްދެވި ތަކެތިން، ހިޔާތައް ތިޔަބައިމީހުންނަށް ޓަކައި ލެއްވިއެވެ. އަދި ތިޔަބައިމީހުން، ރައްކާތެރިކަން ލިބިގަތުމަށް، ވަދެތިބޭނޭ ތަންތަން، ފަރުބަދަތަކުން، ތިޔަބައިމީހުންނަށް ޓަކައި ލެއްވިއެވެ. އަދި (ފިނި) ހޫނުކަމުން، ތިޔަބައިމީހުން ރައްކާތެރި ކޮށްދޭ ފޭރާންތަކާއި، ތިޔަބައިމީހުން (އެއްބައެއް އަނެއް ބަޔެއްގެ) ބާރާއި (ހަނގުރާމައިން)، ތިޔަބައިމީހުން ރައްކާތެރި ކޮށްދޭ ފޭރާންތައް، ތިޔަބައިމީހުންނަށް ޓަކައި، އެ އިލާހު ލެއްވިއެވެ. ތިޔަބައިމީހުންގެ މައްޗަށް، އެ އިލާހުގެ ނިއުމަތް ފުރިހަމަކޮށްދެއްވަނީ، އެފަދައިންނެވެ. އެއީ، ތިޔަބައިމީހުން ކިޔަމަންވުމަށް ޓަކައެވެ.
82
ފަހެ އެ މީހުން ފުރަގަސްދީފިނަމަ، ފަހެ ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ، ބަޔާންވެގެންވާ އިއްވެވުމެވެ.
83
އެ މީހުން ﷲ ގެ ނިއުމަތް ދަނެތެވެ. ދެން އެ މީހުން އެއަށް އިންކާރުކުރެއެވެ. އަދި އެ މީހުން ކުރެ ގިނަމީހުންނީ، ކާފިރުންނެވެ.
84
ތިމަން އިލާހު ކޮންމެ އުއްމަތަކުން، ހެކިވެރިޔަކު ފޮނުއްވަވާ ދުވަސް ހަނދުމަކުރާށެވެ! ދެން ކާފިރު ވިމީހުންނަށް (އުޒުރު ދެއްކުމަކަށް) އިޒުނައެއް ނުދެއްވާހުއްޓެވެ. އަދި އެ އިލާހު ރުއްސަވާ މަގަށް، އެނބުރި އާދެވޭނޭ ބަޔަކު ކަމުގައި، އެ މީހުން އެ ދުވަހުން ނުވެއެވެ.
85
އަދި އަނިޔާވެރިވި މީހުން، އަޒާބު ދެކޭ ހިނދު، އެ މީހުންގެ ކިބައިން އެ ކަން ލުއި ނުކުރައްވާހުއްޓެވެ. އަދި ފަސް ކުރައްވާނޭ ބަޔަކު ކަމުގައިވެސް، އެ މީހުން ނުމެވޭމެއެވެ.
86
އަދި ޝަރީކުކުރި މީހުން، އެ މީހުން (ﷲ އާ) ޝަރީކުކުރި ފަރާތްތައް ދެކޭ ހިނދު ބުނާނެއެވެ. އަޅަމެންގެ ރައްބެވެ. އިބަ އިލާހު ފިޔަވާ، އަޅަމެން އެ ފަރާތްތަކަށް އަޅުކަންކޮށް އުޅުނު އަޅަމެންގެ ޝަރީކުންތައް މި ތިބީއެވެ. ދެން (އެ ޝަރީކުންތައް) އެ ބަސް އެ މީހުންނަށް ރައްދުކޮށް (ބުނާނެއެވެ:) ހަމަކަށަވަރުން ތިޔަބައިމީހުންނީ ދޮގުވެރިންނެވެ.
87
އަދި އެ މީހުން އެ ދުވަހުން، ﷲ އަށް ތަސްލީމްކުރާނެތެވެ. އަދި އެ މީހުން އަމިއްލައަށް ހަދާގެން އުޅުނު ބާތިލު އިލާހުންތައް، އެ މީހުންނަށް ގެއްލިގެންދާނެއެވެ.
88
(ﷲ އަށާއި އެ އިލާހުގެ ރަސޫލާއަށް) ކާފިރުވެ، އަދި ﷲ ގެ މަގުން (އެހެން މީހުން) އެއްކިބާކުރި މީހުންނަށް، އަޒާބުގެ މައްޗަށް އަޒާބު ތިމަން އިލާހު އިތުރުކުރައްވާ ހުށީމެވެ. އެއީ، އެ މީހުން ފަސާދަކޮށްއުޅުނުކަމަށް ޓަކައެވެ.
89
އަދި ތިމަން އިލާހު ކޮންމެ އުއްމަތަކުން ހެކިވެރިއަކު، ހަމަ އެ މީހުންގެ ތެރެއިން އެ މީހުންގެ މައްޗަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! އަދި މިބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި، ތިމަން އިލާހު، ކަލޭގެފާނު ގެންނަވާ ހުށީމެވެ. އަދި ތިމަން އިލާހު، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަހުމަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ.
90
ހަމަކަށަވަރުން އަދުލުވެރިވުމަށާއި، އިހްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރު ކުރައްވައެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެ އިލާހު ނަހީކުރައްވައެވެ. އެ އިލާހު ތިޔަބައިމީހުންނަށް ވައުޒު އިއްވަވަނީ ތިޔަބައިމީހުން ހަނދުމަކުރޭތޯއެވެ.
91
ތިޔަބައިމީހުން ﷲ އަށް އަހުދު ކޮށްފިނަމަ، އެ އަހުދު ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށް ފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ކަންތައް، ﷲ ދެނެވޮޑިގެންވެއެވެ.
92
އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށް ފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ. (އެބަހީ: އަހުދުތަކުގެ ބާރު ލިބިގަތުމަށް ފަހު، އެ އަހުދުތައް އުވައިލާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ.) ތިޔަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށް ޓަކައި އޮތް އެއްޗެއް ކަމުގައި، ތިޔަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބަޔަކު، އަނެއް ބަޔަކަށްވުރެ ގިނަބަޔަކު ކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން ﷲ، ތިޔަބައިމީހުން އެ ކަމުން އިމްތިހާނު ކުރައްވައެވެ. އަދި ތިޔަބައިމީހުން، ޚިލާފުވެ އުޅުނުކަންތައް، ގިޔާމަތް ދުވަހުން އެ އިލާހު ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ.
93
ﷲ އިރާދަ ކުރެއްވިނަމަ، އެއް އުއްމަތެއް ކަމުގައި، ތިޔަބައިމީހުން ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، އެ އިލާހު އިރާދަކުރައްވާ މީހަކު މަގުފުރައްދަވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވައެވެ. އަދި ތިޔަބައިމީހުން އަމަލު ކޮށްއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންނާ ސުވާލު ކުރައްވާހުށިކަން ކަށަވަރެވެ.
94
ތިޔަބައިމީހުންގެ ހުވާތައް، އެއީ ތިޔަބައިމީހުންގެ މެދުގައި ފަސާދަ ކުރުމަށް ޓަކައި އޮތް އެއްޗެއް ކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! ފަހެ (އެހެންވެއްޖެނަމަ، އެ ހުވާގެ ސަބަބުން) ފައިތިލަ ސާބިތުވެ ހުރުމަށް ފަހު، އެ ފައިތިލަ ކައްސާލައިގެން ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން، ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކޮށްއުޅުމުގެ ސަބަބުން، މުސީބާތުގެ ރަހަ ތިޔަބައިމީހުންނަށް ލިބިދާނެއެވެ. އަދި ބޮޑުވެގެންވާ އަޒާބު، ތިޔަބައިމީހުންނަށް ހުއްޓެވެ.
95
އަދި ތިޔަބައިމީހުން، ﷲ ގެ އަހުދަށް ކުޑަ އަގެއް ނުގަންނާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، ހަމަކަށަވަރުން ﷲ ގެ ހަޒްރަތުގައިވާ އެއްޗެއް އެއީ، ތިޔަބައިމީހުންނަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ އެއްޗެކެވެ.
96
ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެއެވެ. އަދި ﷲ ގެ ހަޒްރަތުގައިވާ އެއްޗެއް ދެމިހުންނާނެއެވެ. އަދި ހަމަކަށަވަރުން ކެތްތެރިވީ މީހުންނަށް، އެ މީހުން އަމަލު ކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަން އިލާހު ޖަޒާ ދެއްވާހުށީމެވެ.
97
ފިރިހެނުންގެ ތެރެއިން ވިޔަސް ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، މުއުމިނަކު ކަމުގައިވާ ހާލު، ހެޔޮ އަމަލެއް ކޮށްފި މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ތިމަން އިލާހު އެ މީހަކަށް ބާއްޖަވެރި ހެޔޮ ދިރިއުޅުމެއް ދެއްވާނަމެވެ. އަދި ހަމަކަށަވަރުން އެބައިމީހުން ކޮށްއުޅުނު އެންމެ ހެޔޮ އަމަލުތަކުގެ ދަރުމައިން (އާޚިރަތުގައި) އެ މީހުންނަށް، ތިމަން އިލާހު ޖަޒާ ދެއްވާނަމެވެ.
98
ފަހެ ކަލޭގެފާނު ގުރްއާން ކިޔަވާ ވިދާޅުވާ ހިނދު، ރަހުމަތުން ދުރުކުރެވިފައިވާ ޝައިތާނުގެ ކިބައިން، ﷲ ގެ ހަޒްރަތުން ރައްކާތެރިކަމަށް އެދޭށެވެ.
99
ހަމަކަށަވަރުން އީމާންވެ، އެ މީހުންގެ ރައްބަށް ވަކީލުކުރާ މީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ ޝައިތާނާއަކަށް ނުވެއެވެ.
100
އޭނާއަށް ބާރު ލިބިގެންވާކަން ކަށަވަރީ، އޭނާގެ ވާގިވެރިކަން ލިބިގަންނަ މީހުންގެ މައްޗަށާއި، އެ އިލާހަށް ޝަރީކު ކޮށްއުޅޭ މީހުންގެ މައްޗަށެވެ.
101
އެއް އާޔަތެއްގެ ތަނަށް، އެހެން އާޔަތެއް ތިމަން އިލާހު ބަދަލު ކުރައްވާ ގެންނަވައިފި ހިނދު، ﷲ އެ އިލާހު ބާވައިލައްވާ ތަކެތި މޮޅަށް ދެނެވޮޑިގެންވެއެވެ. އެ މީހުން ބުނެއެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ދޮގުހަދާ މީހެއްކަމުގައެވެ. އަދި ކިއެއް! އެ މީހުން ކުރެ ގިނަމީހުން ނުދަނެއެވެ.
102
ކަލޭގެފާނު ވިދާޅުވާށެވެ. ހައްގު ގޮތުގައި އެ ފޮތް ބާވައިލެއްވީ، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ޖިބްރީލުގެފާނެވެ. (އެއީ) އީމާންވި މީހުންނަށް ސާބިތު ކަން ދެއްވުމަށް ޓަކައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ.
103
އެކަލޭގެފާނަށް އުނގަންނައިދެއްވަނީ، ހަމަކަށަވަރުން އިންސާނެކޭ އެ މީހުން ބުނެއުޅޭކަން، ހަމަކަށަވަރުން ތިމަން އިލާހު ދެނެވޮޑިގެންވަމެވެ. އެ މީހުން، އެކަލޭގެފާނަށް އުނގަންނައިދޭކަމަށް ބުނާ މީހާގެ ބަހަކީ، ޢަޖަމީ ބަހެވެ. މިއީ ބަޔާންވެގެންވާ އަރަބި ބަހެވެ.
104
ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް، އީމާން ނުވާ މީހުން (ދަންނާށެވެ.) ﷲ، އެ މީހުންނަށް ތެދުމަގެއް ނުދައްކަވާނެއެވެ. އަދި ވޭންދެނިވި އަޒާބު އެ މީހުންނަށްހުއްޓެވެ.
105
ދޮގުހަދާކަން ކަށަވަރީ، ﷲ ގެ އާޔަތްތަކަށް އީމާން ނުވާ މީހުންނެވެ. އަދި އެ މީހުންނީ ހަމަ، ދޮގުވެރިންނެވެ.
106
އެ މީހަކު އީމާންވުމަށް ފަހު ﷲ އަށް ކާފަރުވެއްޖެ މީހާ (ދަންނާށެވެ.) -(އެއީ) އީމާންކަމައިގެން އޭނާގެ ހިތް ހަމަޖެހިގެންވާ ހާލު (ކާފަރުކަމަށް) މަޖުބޫރު ކުރެވުނު މީހާ މެނުވީއެވެ.- އެހެނެއްކަމަކު ކާފަރުކަމަށް ހިތް ތަނަވަސްކޮށްފި މީހާ (ދަންނާށެވެ.) ފަހެ އެ މީހުންގެ މައްޗަށް ﷲ ގެ ހަޒްރަތުން ކޯފާހުއްޓެވެ. އަދި އެ މީހުންނަށް ބޮޑުވެގެންވާ އަޒާބުހުއްޓެވެ.
107
އެއީ ހަމަކަށަވަރުން އެ މީހުން، އާޚިރަތުގެ މައްޗަށް، ދުނިޔަވީ ހަޔާތް އިސްކުރުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ކާފިރު ވީމީހުންނަކަށް، ﷲ، ތެދުމަގެއް ނުދައްކަވާނެއެވެ.
108
އެ މީހުންނީ، އެ މީހުންގެ ހިތްތަކުގައްޔާއި، އެ މީހުންގެ ކަންފަތްތަކުގައްޔާއި، އެ މީހުންގެ ލޯތަކުގައި، ﷲ ސިއްކަޖައްސަވާފައިވާ މީހުންނެވެ. އަދި އެ މީހުންނީ، ހަމަ، ޣާފިލު ވެގެންވާ މީހުންނެވެ.
109
ޝައްކެއް ނެތެވެ. ހަމަކަށަވަރުން އާޚިރަތުގައި ގެއްލެނިވެގެންވާ މީހުންނަކީ، ހަމަ، އެ މީހުންނެވެ.
110
ދެން ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު (އެހީތެރިވެ) ވޮޑިގަތުންވަނީ، އެ މީހުންނަށް އަނިޔާލިބި، އިމްތިހާނު ވެވުމަށް ފަހު، ހިޖުރަ ކޮށް، ދެން ޖިހާދުކޮށް، ކެތްތެރިވީ މީހުންނަށެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، އެއަށް ފަހުވެސް ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހުކަން ކަށަވަރެވެ.
111
ކޮންމެ ނަފްސެއްވެސް، އެ ނަފްސެއް (ދިފާއު ކޮށް) ޖަދަލުކުރުމަށް އަންނަ ދުވަސް (ހަނދުމަކުރާށެވެ!) އަދި ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ކުރި އަމަލަކަށް (އެ ދުވަހުން) ފުރިހަމައަށް ޖަޒާ ދެއްވާނެއެވެ. އަދި އެ މީހުންނަށް، ބޭއިންސާފެއް ނުކުރައްވާނޭމެއެވެ.
112
އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިސާލުން، ﷲ މިސާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒްގު އާދެތެވެ. ދެން ﷲ ގެ ނިއުމަތްތަކަށް އެ ރަށުގެ މީހުން ކާފިރުވިއެވެ. ދެން އެ މީހުން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެ ކަމުގެ ރަހަ އެ މީހުންނަށް ﷲ ދެއްކެވިއެވެ.
113
ހަމަކަށަވަރުން އެ މީހުންގެ ތެރެއިން، ރަސޫލަކު، އެ މީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ އެ މީހުން އެ ރަސޫލާ ދޮގުކުޅައޫވެ. ދެން އެ މީހުން އަނިޔާވެރިންކަމުގައިވާ ހާލު، އެ މީހުންގެ މައްޗަށް އަޒާބު އައެވެ.
114
ފަހެ ﷲ ތިޔަބައިމީހުންނަށް ރަނގަޅު ހަލާލު ތަކެތީގެ ގޮތުގައި ދެއްވި ރިޒްގުން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ﷲ ގެ ނިއުމަތަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! (އެއީ) ހަމައެކަނި، އެ އިލާހަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައި ވާނަމައެވެ.
115
ތިޔަބައިމީހުންނަށް، އެ އިލާހު ހަރާމް ކުރައްވާފައިވާކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހާއި، ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެ ކަތިލާތަކެއްޗެވެ. ފަހެ ނުކިޔަމަންތެރިވެ، ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނަޅައިދިއުމެއް ނެތި، މަޖުބޫރު ވެއްޖެ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
116
ﷲ އާމެދު، ތިޔަބައިމީހުން ދޮގުހެދުމަށް ޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ ހަލާލުކަމެކޭ، އަދި މިއީ ހަރާމްކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން ﷲ އާމެދު، ދޮގުހަދާ މީހުން ކާމިޔާބެއް ނުވާނެއެވެ.
117
(އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. އަދި އެ މީހުންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
118
މީގެކުރިން، ކަލޭގެފާނަށް ތިމަން އިލާހު (ވަހީ ކުރައްވާ) ކިޔައިދެއްވި ކަންތައް، ޔަހޫދީވީ މީހުންގެ މައްޗަށް، ތިމަން އިލާހު ހަރާމްކުރެއްވީމެވެ. ތިމަން އިލާހު އެ މީހުންނަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަމެވެ. އެހެނެއް ކަމަކު، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވާ ކަމުގައި، އެ މީހުން ވިއެވެ.
119
ދެން ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު (ފާފަ ފުއްސެވުން) ވަނީ، ނޭނގިތިބެގެން، ނުބައިކަންތައްކޮށް، ދެން އެއަށް ފަހު ތައުބާވެ، އިސްލާހު ވެގަތް ބަޔަކަށެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބަކީ، އެ ކަންތަކަށް ފަހުވެސް، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހުކަން ކަށަވަރެވެ.
120
ހަމަކަށަވަރުން އިބްރާހީމްގެފާނީ، ﷲ އަށް ކިޔަމަންތެރިވެވަޑައިގެން، ބާތިލު މަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ އުއްމަތެއް ކަމުގައިވިއެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެއެވެ.
121
އެ އިލާހު ދެއްވި ނިއުމަތްތަކަށް، ޝުކުރުކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެ އިލާހު، އެކަލޭގެފާނު ޚިޔާރުކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ.
122
އަދި ދުނިޔޭގައި ތިމަން އިލާހު އެކަލޭގެފާނަށް ހެޔޮކަން ދެއްވީމެވެ. އަދި ހަމަކަށަވަރުން އާޚިރަތުގައި، އެކަލޭގެފާނު ވަނީ، ސާލިހުންގެ ތެރެއިންކަން ކަށަވަރެވެ.
123
ދެން ތިމަން އިލާހު، ކަލޭގެފާނަށް ވަހީ ކުރެއްވީމެވެ. ބާތިލު މަގުން އެއްކިބާވެ، ސީދާމަގުގައިވާ އިބްރާހީމްގެފާނުގެ ދީނަށް، ކަލޭގެފާނު ތަބާ ވެވަޑައިގަންނަވާށެވެ. ފަހެ މުޝްރިކުންގެ ތެރެއިން އެކަލޭގެފާނު ނުވެއެވެ.
124
ހޮނިހިރުދުވަހުގެ ހުރުމަތްތެރިކަން ލައްވާފައިވާކަން ކަށަވަރީ، އެ ދުވަހާމެދު ޚިލާފު ވެގެން އުޅުނު މީހުންގެ މައްޗަށެވެ. އަދި ހަމަކަށަވަރުން އެ މީހުން ޚިލާފުވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ރައްބު ގިޔާމަތް ދުވަހުން އެ މީހުންގެމެދުގައި، ހުކުމް ކުރައްވާނެކަން ކަށަވަރެވެ.
125
ހިކުމަތާއި، ރިވެތި ވައުޒާއެކު، ކަލޭގެފާނުގެ ރައްބުގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ. އަދި ރިވެތި ގޮތުގައި އެ މީހުންނާ ޖަދަލު ކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު، އެ އިލާހުގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެ އިލާހެވެ.
126
އަދި ތިޔަބައިމީހުން، އުގޫބާތް ދޭނަމަ، ތިޔަބައިމީހުންނަށް އުގޫބާތް ލިބުނު ފަދަޔަކުން، ފަހެ ތިޔަބައިމީހުން އުގޫބާތް ދޭށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ.
127
އަދި ކަލޭގެފާނު ކެތް ކުރައްވާށެވެ. އަދި ﷲ ގެ ވާގިފުޅުން މެނުވީ، ކަލޭގެފާނު ކެތްތެރިވެވަޑައިގަތުމެއް ނުވެއެވެ. އަދި އެ މީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ. އަދި އެ މީހުން ރާވާ މަކަރުވެރި ރޭވުންތަކުން ހިތްޕުޅުދަތިވުމެއްގެ ތެރޭގައި، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.
128
ހަމަކަށަވަރުން ﷲ ވަނީ ތަގުވާވެރިވި މީހުންނާ އެކުގައެވެ. އަދި އިހްސާންތެރިން ކަމުގައިވާ މީހުންނާ އެކުގައެވެ.