އަލްކަހްފި

Al-Kahf

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ހަމްދު ހުރީ ﷲ އަށެވެ. އެ އިލާހީ، އެ އިލާހުގެ އަޅާއަށް ފޮތް ބާވައިލެއްވި އިލާހެވެ. އަދި އެ އިލާހު އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވައެވެ.
2
(އެ ފޮތް ބާވައިލެއްވީ) ސީދާވެގެންވާ ފޮތެއް ކަމުގައެވެ. އެއީ އެ އިލާހުގެ ހަޒްރަތުންވާ ގަދަފަދަ ބާރުގަދަކަމަކުން އިންޒާރުކުރެއްވުމަށެވެ. އަދި ސާލިހު އަމަލުތައް ކުރާ މުއުމިނުންނަށް، ހެޔޮވެގެންވާ ދަރުމަހުރި ކަމުގެ އުފާވެރި ޚަބަރު ދެއްވުމަށެވެ.
3
އެ ދަރުމައިގައި، އެ މީހުން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.
4
އަދި ﷲ، ދަރިކަލަކު ހިއްޕެވިކަމަށް ބުނިމީހުންނަށް އިންޒާރުކުރެއްވުމަށް ޓަކައެވެ.
5
އެ މީހުންނަކަށް ވެސް، އަދި އެ މީހުންގެ ކާބަފައިންނަކަށް ވެސް (އެ މީހުން އެބުނާ ބަހާމެދު) އެއްވެސް އިލްމެއް ލިބިފައެއް ނުވެއެވެ. އެ މީހުންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ. އެ މީހުން އެ ބުނަނީ، ދޮގެއްކަމުގައިނޫނީ ނުވެއެވެ.
6
އެ މީހުން މި ގުރްއާނަށް އީމާން ނުވިނަމަ، އެ މީހުން ކަލޭގެފާނަށް މޫނުއަނބުރާލައި ދިޔަކަމުގެ މައްޗަށް ހިތާމައިން ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލައްވަނީތޯއެވެ؟ (އެބަހީ: އެހެން ނުހައްދަވާށެވެ.)
7
ހަމަކަށަވަރުން ތިމަން އިލާހު، ބިންމަތީގައި ވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. (އެއީ) އެ މީހުން ކުރެ އެންމެ އަމަލު ރަނގަޅީ ކާކުތޯ އިމްތިހާނު ކުރެއްވުމަށެވެ.
8
އަދި ހަމަކަށަވަރުން އެ ބިންމަތީގައި ވާހާ ތަކެތި (ނެތިކުރައްވާ) ގަހެއް ރުކެއް ނެތް ހަނަފަސް ބިމެއްކަމުގައި ލައްވާހުށީމެވެ.
9
އަދި ކިއެއް! ކަހުފު ބާގައިމީހުންނާއި، އެ މީހުންގެ ނަންތަކާއި އެ މީހުންގެ ޚަބަރުތައް ލިޔެވިފައިވާ ފިލާގެ ވާހަކައަކީ، ތިމަން އިލާހުގެ އާޔަތްތަކުގެ ތެރެއިން އަޖާއިބަކަށްވީކަމުގައި، ކަލޭގެފާނު ހީފުޅުކުރެއްވީހެއްޔެވެ؟
10
އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ! ފަހެ އެ ޒުވާނުން ދެންނެވިއެވެ: އަޅަމެންގެ ރައްބެވެ. އިބަ އިލާހުގެ ހަޒްރަތުން އަޅަމެންނަށް ރަހުމަތެއް ދެއްވާނދޭވެ. އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ.
11
ފަހެ ހޮހަޅައިގައި އެތައް އަހަރެއްވާނދެން، ތިމަން އިލާހު އެ މީހުން ގަދަނިއްޖެއްގައި ބައިތިއްބެވީމެވެ.
12
ދެން ތިމަން އިލާހު އެ މީހުން (ނިދީން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެ މީހުން (ނިދާފާ) ތިބި މުއްދަތު އެންމެ ހަމައަށް ހިމަނަނީ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަން އިލާހު ދެނެވޮޑިގެންވާކަން ހާމަ ކުރެއްވުމަށެވެ.
13
ތިމަން އިލާހު، ކަލޭގެފާނަށް އެ މީހުންގެ ޚަބަރު ތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން އެ މީހުންނީ އެ މީހުންގެ ރައްބަށް އީމާންވެ، އެ މީހުންނަށް، ތިމަން އިލާހު ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުންތަކެކެވެ.
14
އަދި އެ މީހުން ތެދުވެ، ތިމަންމެންގެ ރައްބަކީ، އުޑުތަކާއި ބިމުގެ ރައްބޭ، ތިމަންމެން އެ އިލާހު ނޫން އިލާހަކަށް އަޅުކަމެއް ނުކުރާނޫއޭ ބުނިހިނދު، ތިމަން އިލާހު އެ މީހުންގެ ހިތްތަކަށް ގަދަކަން ދެއްވީމެވެ. (އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ) ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، ކުފުރުގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ.
15
މި ތިބީ އެ އިލާހު ފިޔަވާ އަޅުކަންކުރުމަށް އިލާހުންތަކެއް ހަދާގެން ތިބި، އަހަރެމެންގެ ގައުމުގެ މީހުންނެވެ. (އެ ބުދުތަކަށް އަޅުކަންކުރުމަށް) ފާޅުވެގެންވާ ހުއްޖަތެއް، އެ މީހުން ނުގެންނަނީ ކީއްވެގެންހެއްޔެވެ؟ ﷲ އާމެދު ހަދާގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟
16
(އެ ޒުވާނުން އެއްބަޔަކު އަނެއް ބަޔަކަށް ބުންޏެވެ.) ތިޔަބައިމީހުން އެ މީހުންނާ ވަކިވެ، އަދި ﷲ ފިޔަވާ އެ މީހުން އަޅުކަންކުރާތަކެއްޗާ ވަކިވެގަންނަހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ! އޭރުން، ތިޔަބައިމީހުންގެ ރައްބު، ތިޔަބައިމީހުންނަށް އެ އިލާހުގެ ރަހުމަތް ތަނަވަސްކޮށްދެއްވާ، ތިޔަބައިމީހުންގެ ކަންތައް، ތިޔަބައިމީހުންނަށް ފަހިކޮށްދެއްވާ، ބޭނުންތައް ހާސިލު ކޮށްދެއްވާނެއެވެ.
17
އިރުއަރައިގެން އަންނަހި ނދު، އެ މީހުންގެ ހޮހަޅައިގެ ކަނާތް ފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެއެވެ. އަދި އިރުއޮއްސެންދާ ހިނދު، ވާތްފަރާތަށް އެ މީހުން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެ މީހުން ވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެ ކަންތައްވަނީ، ﷲ ގެ އާޔަތްތަކުގެ ތެރެއިންނެވެ. ﷲ ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ.) ފަހެ އެ މީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެ އިލާހު މަގުފުރައްދަވައިފި މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެއެވެ.
18
އަދި އެ މީހުން ނިދާފާ ތިބިއިރު، ތިބާއަށް ހީވާނީ، ހޭލައިތިބި ބަޔެއްހެންނެވެ. އަދި ތިމަން އިލާހު އެ މީހުން ކަނާތްފަރާތަށާއި، ވާތްފަރާތަށް ފުރޮޅުއްވަމެވެ. އަދި އެ މީހުންގެ ކުއްތާ އޮތީ، އޭގެ ދެއަތް ދަމާލައިގެން (ހޮހަޅައިގެ) ދޮރުމަތީގައެވެ. އެ މީހުންނަށް ތިބާ ބަލާލައިފިނަމަ، ހަމަކަށަވަރުން ތިބާ އެ މީހުންނާ ދުރަށްދުވެ ފިލާނެތެވެ. އަދި ހަމަކަށަވަރުން ތިބާ އެ މީހުން ދެކެ ބިރުން ފިތްކަނޑައިގެން ހިނގައިދާނެއެވެ.
19
އެފަދައިން ތިމަން އިލާހު އެ މީހުން (ނިދިން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެ މީހުންގެ އެކަކު އަނެކަކާ ސުވާލުކުރުމަށެވެ. އެ މީހުން ކުރެ ބުނިމީހަކު ބުންޏެވެ. ތިޔަބައިމީހުން (މިތާނގައި) ތިބީ، ކިތައްދުވަހުހެއްޔެވެ؟ އެ މީހުން ބުންޏެވެ. ތިމަންމެންތިބީ، އެއްދުވަހު، ނުވަތަ ދުވަހެއްގެ ބައެއްގައެވެ. އެ މީހުން ބުންޏެވެ. ތިޔަބައިމީހުން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ރައްބެވެ. ފަހެ ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ! އެ މީހަކު އެންމެ ރަނގަޅު، ހަލާލު ކާނާއެއް ބަލާހުށިކަމެވެ. އަދި އެއިން ކާއެތިކޮޅެއް ތިޔަބައިމީހުންނަށް ގެންނަހުށިކަމެވެ. އަދި އެ މީހަކު ރައްކާތެރިކަމާއެކު، މަޑުމައިތިރިވެ އުޅޭހުށިކަމެވެ. އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ ޚަބަރު އެނގުނަދީގެން ނުވާނެއެވެ.
20
ހަމަކަށަވަރުން އެ މީހުންނަށް ތިޔަބައިމީހުންގެ ޚަބަރު އެނގިއްޖެނަމަ، ގަލުން ތަޅައި، ތިޔަބައިމީހުން މަރައިފާނެތެވެ. ނުވަތަ އެ މީހުންގެ ދީނަށް ތިޔަބައިމީހުން ވައްދައިފާނެތެވެ. އޭރުން، ތިޔަބައިމީހުން ދުވަހަކުވެސް ކާމިޔާބެއް ނުވާނެއެވެ.
21
އަދި ހަމަ އެފަދައިން، ތިމަން އިލާހު އެ މީހުން ނެރެ ދެއްކެވީމެވެ. އެއީ ﷲ ގެ ވައުދުފުޅަކީ، ހައްގު ތެދުކަމާއި، ގިޔާމަތް ދުވަހާމެދު ޝައްކެއް ނެތްކަން އެ މީހުން ދެނެގަތުމަށެވެ. އެ ހިނދު، އެ ޒުވާނުންގެ ކަންތަކާމެދު އެއްބަޔަކު އަނެއް ބަޔަކާ ޒުވާބުކުރެއެވެ. ފަހެ އެއްބަޔަކު ބުންޏެވެ. އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ! އެ ޒުވާނުންގެ ކަންތައް ދެނެވޮޑިގަތުންބޮޑީ، އެ މީހުންގެ ރައްބެވެ. އެ މީހުންގެ ކަންތަކުގެ މައްޗަށް ގަދަވެގަތްމީހުން ބުންޏެވެ. ހަމަކަށަވަރުން ތިމަންމެން އެ ޒުވާނުން ތިބިތާނގައި، މިސްކިތެއް ބިނާކުރާނީއެވެ.
22
އެ މީހުން (ކުރެ ބަޔަކު) ބުނާނެއެވެ. އެއީ ތިންމީހުންނެވެ. އެ މީހުން ކުރެ ހަތަރުވަނައަކީ އެ މީހުންގެ ކުއްތާއެވެ. އަދި އެ މީހުން (ކުރެ ބަޔަކު) ބުނާނެއެވެ. އެއީ ފަސްމީހުންނެވެ. އެ މީހުންގެ ހަވަނައަކީ އެ މީހުންގެ ކުއްތާއެވެ. ހީއަކަށް ޣައިބުގެ ވާހަކަ ދައްކަނީއެވެ. އަދި އެ މީހުން (ކުރެ ބަޔަކު) ބުނާނެއެވެ. އެއީ ހަތްމީހުންނެވެ. އެ މީހުންގެ އަށްވަނައަކީ އެ މީހުންގެ ކުއްތާއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ މީހުންގެ އަދަދު ދެނެވޮޑިގަތުންބޮޑީ، ތިމަންގެ ރައްބެވެ. މަދުބަޔަކަށްމެނުވީ އެ މީހުންގެ އަދަދެއް ނޭނގެތެވެ. ފަހެ ފާޅުވެގެންވާ ޖަދަލަކުން މެނުވީ، އެ މީހުންނާ ދޭތެރޭގައި ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ. އަދި އެ މީހުންނާ ދޭތެރޭގައި އެ ޖަދަލުކުރާ މީހުންކުރެ އެކަކާވެސް ކަލޭގެފާނު ސުވާލު ނުކުރައްވާށެވެ.
23
އަދި ކަލޭގެފާނު އެއްވެސް ކަމަކާމެދު، ހަމަކަށަވަރުން ތިމަންކަލޭގެފާނު މާދަމާ އެ ކަމެއް ކުރައްވާނަމޭ ވިދާޅުނުވާށެވެ.
24
ﷲ އިރާދަ ކުރެއްވިއްޔާ (އޭ ވިދާޅުވެފައި) މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ރައްބު ހަނދުމަ ކުރައްވާށެވެ. އަދި ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ރައްބު މިއަށްވުރެ ތެދުމަގާ ގާތް ގޮތަކަށް މިއަޅާއަށް މަގުދައްކަވާފާނެއެވެ.
25
އެ މީހުންގެ ހޮހަޅައިގައި، އެ މީހުން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ.
26
ކަލޭގެފާނު ވިދާޅުވާށެވެ. އެ މީހުން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ﷲ އެވެ. އުޑުތަކާއި، ބިމުގެ ޣައިބު (ދެނެވޮޑިގަތުން) ވަނީ، އެ އިލާހަށެވެ. އެ އިލާހުގެ ބައްލަވާވޮޑިގަތުމާއި، އައްސަވާވޮޑިގަތުން ބޮޑުކަމާއެވެ. އެ މީހުންނަށް އެ އިލާހު ފިޔަވާ އެއްވެސް އެހީތެރިޔަކު ނުވެއެވެ. އަދި އެ އިލާހުގެ ހުކުމްފުޅުގައި އެއްވެސްމީހަކު ބައިވެރިޔެއް ނުކުރައްވައެވެ.
27
ކަލޭގެފާނުގެ ރައްބުގެ ފޮތުން، ކަލޭގެފާނަށް ވަހީކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ. އެ އިލާހުގެ ކަލިމަފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ. އަދި އެ އިލާހު ފިޔަވާ އެހީއަށްއެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.
28
އަދި އެ މީހުންގެ ރައްބުގެ ވަޖުހުފުޅު އެދިގެން، އެ އިލާހަށް ހެނދުނާއި، ހަވީރު ދުއާ ކޮށްއަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ ނަފްސު ހިފަހައްޓަވައި، ކެތް ކުރައްވާށެވެ. އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެ މީހުން ފިޔަވާ ފަހަނަޅައި ދިޔަނުދެއްވާށެވެ. އަދި ތިމަން އިލާހު ހަނދުމަކުރުމުން، އެ މީހެއްގެ ހިތް ޣާފިލު ކުރައްވާ، އަދި އެ މީހެއްގެ އަމިއްލަ އެދުމަށް ތަބާވެ، އަދި އެ މީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ.
29
އަދި ކަލޭގެފާނު ވިދާޅުވާށެވެ. (އެއީ) ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން އައިސްފައިވާ ހައްގު ތެދެވެ. ފަހެ ބޭނުންމީހަކު އީމާން ވާށެވެ. އަދި ބޭނުންމީހަކު ކާފިރު ވާށެވެ. ހަމަކަށަވަރުން ކާފިރުވެ، އަނިޔާވެރިވެގަތް މީހުންނަށް، ތިމަން އިލާހު ނަރަކަ ތައްޔާރު ކުރެއްވީމެވެ. އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެ މީހުން ވަށާލައިގެންވެއެވެ. އެ މީހުން ފެނަށްއެދި ގޮވާލައިފިނަމަ، އެ މީހުންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެ މީހުންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ. އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ.
30
ހަމަކަށަވަރުން އީމާންވެ ސާލިހު އަމަލުތައްކުޅަމީހުން (ދަންނާށެވެ.) ހެޔޮކޮށް ކަންތައްކުރި މީހެއްގެ ދަރުމަ، ހަމަކަށަވަރުން ތިމަން އިލާހު ގެއްލެނި ނުކުރައްވާހުށީމެވެ.
31
އެ މީހުންނަށް، ޢަދްނޭ ކިޔުނު ސުވަރުގެތައް ހުއްޓެވެ. އެ މީހުންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެއެވެ. އެ ތާނގައި ރަނުގެ އުޅާތަކުން އެ މީހުންނަށް ގަހަނާ އެޅުއްވޭނެއެވެ. އަދި ފެހިކުލައިގެ ސުންދުސާއި އިސްތަބްރަގު (އެބަހީ: ފަލަފަށުއި) ފޭރާން ލާނެތެވެ. އެ ތާނގައި އެ މީހުން ދާންތަކުގެ މަތީގައި ލެނގިލައިގެންތިބޭ ހާލުގައެވެ. (އެ މީހުންނަށްހުރި) ސަވާބުގެ މޮޅުކަމާއެވެ. އަދި (އެ މީހުން) ތިބެނިވިތަނެއްގެ ގޮތުން އެތާނގެ ރަނގަޅުކަމާއެވެ.
32
ކަލޭގެފާނު އެ މީހުންނަށް ދެފިރިހެނެއްގެ މިސާލު ޖައްސަވައިދެއްވާށެވެ. އެ ދެ މީހުންކުރެ އެކަކަށް، މޭބިސްކަދުރުގެ ދެ ބަގީޗާ ތިމަން އިލާހު ލެއްވީމެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރުރުއްތައް ލެއްވީމެވެ. އަދި އެ ދެމެދުގައި ދަނޑުގޮވާންވެސް ލެއްވީމެވެ.
33
އެ ދެ ބަގީޗާގައިމެ، މޭވާއައިސް އެއިން އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ. އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ހިންގެވީމެވެ.
34
އަދި އޭނާއަށް (އެހެނިހެން) މުދާތައްވެސްވެއެވެ. ފަހެ އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން (ބޮޑާވެފައި) ބުންޏެވެ. ކަލެއަށްވުރެ އަހަރެންގެ މުދާ ގިނައެވެ. އަދި (އަހަރެންގެ ދަށުގައިވާ) މީހުން ގިނަކަމުގެ ގޮތުން، ގަދަފަދަވެފައި އިއްޒަތް ބޮޑެވެ.
35
އަދި އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ހާލު، އޭނާގެ ބަގީޗާއަށް ވަދެބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހަރެން ހީއެއް ނުކުރަމެވެ.
36
އަދި ގިޔާމަތް ވާނޭ ކަމަކަށް ވެސް އަހަރެން ހީއެއް ނުކުރަމެވެ. އަދި އަހަރެންގެ ރައްބުގެ ހަޒްރަތަށް އަހަރެން ރައްދުކުރެއްވިޔަސް މިއަށްވުރެ ރަނގަޅު ގޮތް، އަހަރެންނަށް ފެންނާނެކަން ކަށަވަރެވެ.
37
(ޖަވާބުގައި) އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކަމުން އޭނާއަށް ބުންޏެވެ. ވެލިން ކަލޭހައްދަވައި (އެބަހީ: އާދަމުގެފާނު ހައްދަވައި) ދެން މަނިފޮދަކުން ކަލޭ ހައްދަވައި، ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި އިލާހަށް ކަލޭ ކާފިރުވީހެއްޔެވެ؟
38
އެހެނެއްކަމަކު، އެއީ އަހަރެންގެ ވެރި ﷲ އެވެ. އަދި އަހަރެންގެ ރައްބަށް އެކަކުވެސް އަހަރެން ޝަރީކެއް ނުކުރަމެވެ.
39
އަދި ތިބާގެ ބަގީޗާއަށް ތިބާ ވަންހިނދު، ﷲ އިރާދަ ކުރެއްވި ކަމެއް ވާނެއޭ، އެއްވެސް ބާރެއް ﷲ ގެ ހަޒްރަތުން މެނުވީ ނުވެއޭ ބުނިނަމަ ކޮންފަދަހެއްޔެވެ؟ (އެއީ) ތިބާއަށްވުރެ އަހަރެންގެ މުދަލާއި ދަރިން މަދުކަމުގައި ތިބާއަށް ފެނުނުކަމުގައި ވިޔަސް މެއެވެ.
40
ފަހެ ތިބާގެ ބަގީޗާއަށްވުރެ، މާ ހެޔޮވެގެންވާ ނިއުމަތް އަހަރެންގެ ރައްބު އަހަރެންނަށް ދެއްވަފާނެއެވެ. އަދި އެ ބަގީޗާގެ މައްޗަށް އުޑުން އާފާތެއް ފޮނުއްވައި، ގަސްގަހާގެހި ނެތް ހަނަފަސް ބިމަކަށް އެ ތަން ވެދާނެއެވެ.
41
ނުވަތަ އެތާނގެ ފެން، ބިންގަނޑުގެ ތެރެއަށް އަޑިއަށް ހިނގައިދާނެއެވެ. ދެން އެ ފެން އަތުލުމަކަށް ކަލެޔަކަށް ކުޅަދާނަވެގެނެއް ނުވާނެއެވެ.
42
އަދި އޭނާގެ މުދާތައް (ބަގީޗާއާއެކު) ހަލާކުވެ ހިނގައްޖެއެވެ. އަދި އެ ބަގީޗާގެ ގަސްތައް، އަށިގަނޑުތަކާއެކު ވެއްޓިފައިވާ ހާލު، އެ ބަގީޗާ ހެއްދުމަށް އޭނާކުރި ހަރަދުތަކުގެ މައްޗަށް، ހިތާމައިން ދެއަތް ފުރޮޅަފުރޮޅައިހުރެ ބުނެއެވެ. އޭ ސަހަރޯއެވެ! އަހަރެންގެ ރައްބާ އެކަކުވެސް އަހަރެން ޝަރީކު ނުކުރިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟
43
އަދި ﷲ ފިޔަވާ، އޭނާއަށް ނަސްރު ދޭނޭ ބަޔަކު އޭނާއަކަށް ނުވިއެވެ. އަދި އޭނާއަކީ، ނަސްރު ލިބޭނޭ މީހަކު ކަމުގައިވެސް ނުވިއެވެ.
44
އެ ތާނގައި (އެބަހީ: ގިޔާމަތް ދުވަހުން) އެހީތެރިކަން ދެއްވުން މިލްކު ވެގެންވަނީ، ހައްގުވަންތަ ﷲ އަށެވެ. އެ އިލާހީ، ސަވާބު ދެއްވުމުގައި އެންމެހެޔޮ އިލާހެވެ. އަދި އެންމެފަހުގެ ނިމުން ދެއްކެވުމުގައި، އެންމެހެޔޮ އިލާހެވެ.
45
ކަލޭގެފާނު އެ މީހުންނަށް ދުނިޔޭގެ ދިރިއުޅުމުގެ މިސާލު ޖައްސަވައިދެއްވާށެވެ. ތިމަން އިލާހު އުޑުންވެއްސެވި ފެނެއްގެ މިސާލެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށް ފަހު) ވަޔާބުރައިގެންދާ ހިކި ކުނޑިތަކަކަށްވެދެއެވެ. ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
46
މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ސާލިހު އަމަލުތައް، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައި ސަވާބުގެ ގޮތުން މާހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަން ބޮޑުމެއެވެ.
47
އަދި ތިމަން އިލާހު ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެ ދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާ ދެކޭނެއެވެ. އަދި އެ މީހުން މަހުޝަރަށް ފޮނުއްވާހުށީމެވެ. ފަހެ އޭގެ ތެރެއިން ހަމައެކަކުވެސް ދޫނު ކުރައްވާހުށީމެވެ.
48
އަދި ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ސަފުސަފަށް އެ މީހުން ހުށަހެޅޭނެއެވެ. (އަދި ﷲ ވަހީ ކުރައްވާނެއެވެ.) ތިމަން އިލާހު އެންމެ ފުރަތަމަ ފަހަރު ތިޔަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން ތިމަން އިލާހުގެ ހަޒްރަތަށް ތިޔަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުން ހީކުޅައީ (މަހުޝަރަށް ފޮނުއްވުމަށް) ތިމަން އިލާހު ތިޔަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ.
49
އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ އަމަލުތަކުގެ) ފަތް (އެ މީހަކަށް) ދެއްވާނެއެވެ. ފަހެ އެ ފަތުގައިވާތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނެއެވެ. އަދި އެ މީހުން ބުނާނެއެވެ. އޭ ތިމަންމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެ މީހުން ކުރި އެންމެހާ އަމަލުތައް އެ ފަތުގައިވާތީ، އެ މީހުން ދެކޭނެއެވެ. ކަލޭގެފާނުގެ ރައްބު އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވައެވެ.
50
ތިމަން އިލާހު މަލާއިކަތުންނަށް ވަހީކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އާދަމުގެފާނަށް ސަޖިދަކުރާށެވެ! ދެން އިބްލީސް މެނުވީ، އެ އެންމެ ބޭކަލުން ސަޖިދަކުރެއްވިއެވެ. އެ އިބްލީސްވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ރައްބުގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ އެ އިބްލީސާއި، އޭނާގެ ދަރިފަސްކޮޅު، ތިމަން އިލާހު ފިޔަވާ އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ އެ މީހުންނަކީ، ތިޔަބައިމީހުންނަށްހުރި އަދުއްވުންނެވެ. އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ.
51
އުޑުތަކާއި، ބިން ހެއްދެވުމުގައި، ތިމަން އިލާހު އެ މީހުން ހެއްކެއް ނުކުރައްވަމެވެ. އަދި އެ މީހުންގެ އަމިއްލަ ނަފްސުތައް ހެއްދެވުމުގައިވެސްމެއެވެ. އަދި މަގުފުރައްދާ ޝައިތާނުންނީ، އެހީތެރިންކަމުގައި ތިމަން އިލާހު ނުހިއްޕަވަމެވެ.
52
އަދި ތިމަން އިލާހުގެ ބައިވެރިންކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗަށް، ތިޔަބައިމީހުން ގޮވައިބަލާށޭ އެ އިލާހު ވަހީ ކުރައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ އެ މީހުން އެ ތަކެއްޗަށް ގޮވާނެއެވެ. ނަމަވެސް އެ ތަކެތި އެ މީހުންނަކަށް ޖަވާބެއް ނުދޭނެތެވެ. އަދި އެ މީހުންގެ މެދުގައި ހުރަހެއް (އެބަހީ: ނަރަކައިގެ ވާދީއެއް) ތިމަން އިލާހު ލައްވާހުށީމެވެ.
53
ކުށްވެރިންނަށް ނަރަކަ ފެނި، އެ ނަރަކައަށް އެ މީހުން ވެއްޓޭނޭކަމުގައި އެ މީހުންނަށް ޔަގީން ވާނެއެވެ. އަދި އެ ނަރަކައާ ދުރަށް ފިލަންދާނޭ ތަނެއް އެ މީހުންނަކަށް ނުފެންނާނެއެވެ.
54
ހަމަކަށަވަރުން ތިމަން އިލާހު މި ގުރްއާނުގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް މިސާލު ބަޔާންކުރެއްވީމެވެ. އަދި ޖަދަލުކުރުންގިނަ މީހަކުކަމުގައި އިންސާނާ ވިއެވެ.
55
އިސްވެދިޔަމީހުންނަށް ވެގެންދިޔަގޮތް އެ މީހުންނަށް ވެސްވުން، ނުވަތަ އެ މީހުންނަށް ފެންނަގޮތުގައި އަޒާބު އައުން (އެބަހީ: އެ ކަމަށްއެދި އިންތިޒާރުކުރުން) މެނުވީ، މީސްތަކުންނަށް ތެދުމަގު އައި ހިނދު، އެ މީހުން އީމާން ވުމާއި، އެ މީހުންގެ ރައްބުގެ ހަޒްރަތުން ފާފަ ފުއްސެވުން އެދި ދެންނެވުން، އެ މީހުންނަށް މަނާއެއް ނުކުރެއެވެ.
56
އަދި އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލުންކަމުގައްޔާއި، އިންޒާރުކުރައްވާ ބޭކަލުންކަމުގައި މެނުވީ، ތިމަން އިލާހު ރަސޫލުން ނުފޮނުއްވަމެވެ. އަދި ކާފިރުވީ މީހުން ބާތިލު ގޮތުން ޖަދަލުކުރެއެވެ. (އެއީ) އެ ގޮތުން އެ މީހުން، ހައްގަކީ، ބާތިލެއްޗެއް ކަމުގައި ހެދުމަށެވެ. އަދި ތިމަން އިލާހުގެ އާޔަތްތަކާއި، އެ މީހުންނަށް އިންޒާރުކުރައްވާފައިވާ ކަންތައް ފުރައްސާރައެއްކަމުގައި އެ މީހުން ހެދޫއެވެ.
57
އަދި އެ މީހެއްގެ ރައްބުގެ އާޔަތްތައް އެ މީހަކަށް ހަނދާން ކޮށްދެއްވުމުން، އެ އާޔަތްތަކަށް ފުރަގަސްދީ އެނބުރިގަނެ، އަދި އޭނާ އިސްކުރި އަމަލުތައް ހަނދާންނެތުނު މީހާއަށްވުރެ، އަނިޔާވެރިކަން ބޮޑީ ފަހެ ކާކުހެއްޔެވެ؟ ހަމަކަށަވަރުން ތިމަން އިލާހު، އެ މީހުންނަށް އެ ގުރްއާން ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް، އެ މީހުންގެ ހިތްތަކުގައި ލެއްވީމެވެ. އަދި އެ މީހުންގެ ކަންފަތްތަކުގައި ބީރުކަން ލެއްވީމެވެ. އަދި އިބަ ނަބިއްޔާ އެ މީހުންނަށް ތެދުމަގަށް ގޮވައިލައްވައިފި ނަމަ، ފަހެ ދުވަހަކުވެސް އެ މީހުން ތެދުމަގު ލިބި ނުގަންނާނެއެވެ.
58
ކަލޭގެފާނުގެ ރައްބަކީ ގިނަގިނައިން ފާފަ ފުއްސަވާ، ރަހުމަތުގެ ވެރި ރައްބެވެ. އެ މީހުން ހޯދި (ނުބައި) ކަންތަކަށް އެ އިލާހު އެ މީހުންނަށް (ވަގުތުން) އުގޫބާތް ދެއްވާނަމަ، އެ މީހުންނަށް އަޒާބު އަވަސްކުރެއްވީސްކަން ކަށަވަރެވެ. އަދި ކީއްހެއްޔެވެ! އެ މީހުންނަށް މައުޢިދެއް ވެއެވެ. އެއިން ރެކިގެންގޮސް ވަންނާނެ ތަނެއް އެ މީހުންނަކަށް ނުފެންނާނެއެވެ.
59
އަދި އެއީ އެ މީހުން އަނިޔާވެރިވީހިނދު، ތިމަން އިލާހު ހަލާކު ކުރެއްވި ރަށްތަކުގެ މީހުންނެވެ. އަދި އެ މީހުން ހަލާކުވެދިޔުމަށް ކަނޑައެޅިގެންވާ ވަގުތެއް ތިމަން އިލާހު ލެއްވީމެވެ.
60
މޫސާގެފާނު އެކަލޭގެފާނުގެ ޚާދިމު ކުއްޖާއަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ! ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާންދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވާފުމަށްދާންދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ.
61
ފަހެ އެ ދެކަނޑު ދެމެދު ގުޅުނު ހިސާބަށް އެ ދެކަލުންނަށް ވާސިލު ވެވުނު ހިނދު، އެ ދެކަލުންގެ (އެކުގައި ގެންދެވި ލޮނުއެޅި) މަހުގެ މަތިން އެ ދެކަލުން ހަނދުމަނެތިއްޖެއެވެ. ފަހެ (އޭރު) އެ މަސް ހަނިހަނިމަގަކުން ލައިގެން ކަނޑުގެތެރެއަށް ހިނގައްޖެއެވެ.
62
ފަހެ އެ ދެކަލުން (އެ ތަން) ފަހަނަޅައި ވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ ޚާދިމު ކުއްޖާއަށް އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށް ބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ.
63
އެ ޚާދިމު ދެންނެވިއެވެ: ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، ޝައިތާނާ ފިޔަވާ އެހެން އެއްޗެއްނޫނެވެ. އަދި އެ މަސް އަޖާއިބެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ.
64
އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންމެން ބޭނުންވެގެން މިއުޅެނީ އެތަނެވެ. ދެން އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ.
65
ދެން (އެ ތަނުން) އެ ދެކަލުންނަށް ތިމަން އިލާހުގެ އަޅުންގެ ތެރެއިން (ޚާއްސަ) އަޅަކު ފެނިވަޑައިގަތެވެ. އެ ބޭކަލަކަށް ތިމަން އިލާހުގެ ހަޒްރަތުން ރަހުމަތެއް ދެއްވީމެވެ. އަދި އެ ބޭކަލަކަށް ތިމަން އިލާހުގެ ހަޒްރަތުން ޚާއްސަ އިލްމެއް އުނގަންނައިދެއްވީމެވެ.
66
އެ ބޭކަލަކަށް މޫސާގެފާނު ވިދާޅުވިއެވެ: ކަލޭގެފާނަށް ދެއްވާފައިވާ އިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބާ ވަންތޯއެވެ؟
67
އެ ބޭކަލަކު ވިދާޅުވިއެވެ: ހަމަކަށަވަރުން ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތް ކުރެއްވުމަކަށް ކުޅަދާނަވެގެނެއް ނުވާނެއެވެ.
68
ކަލޭގެފާނަށް އެ ކަމެއްގެ ހަގީގަތް އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ ކޮންފަދައަކުންތޯއެވެ؟
69
އެކަލޭގެފާނު ވިދާޅުވިއެވެ: ތިބާއަށް ތިމަން ކަލޭގެފާނު ދެކެވަޑައިގަންނަވާނީ، އިން ޝާއަ ﷲ، ކެތްތެރިޔަކު ކަމުގައެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ.
70
އެ ބޭކަލަކު ވިދާޅުވިއެވެ: ފަހެ ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ، އެ ކަމެއްގެ ވާހަކައިން ތިމަންކަލޭގެފާނު ކަލޭގެފާނަށް ބަޔާންކޮށްދެއްވާފުމަށް ދާންދެން އެއްވެސް ކަމަކާ ދޭތެރޭ ތިމަންކަލޭގެފާނާ ސުވާލު ނުކުރައްވާށެވެ.
71
ދެން އެ ދެބޭކަލުން ކުރިއަށް ހިންގަވައި ވަޑައިގެން، ނަވަށް އަރައިވަޑައިގެންނެވި ހިނދު، އެ ބޭކަލަކު އެ ނައު ފޫދުއްވައިލައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އެ ނައު ތިޔަ ފޫދުއްވައިލެއްވީ އޭގެ އަހުލުވެރިން ޣަރަގު ކޮށްލެއްވުމަށްތޯއެވެ؟ ހަމަކަށަވަރުން ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައި ކަމެކެވެ.
72
އެ ބޭކަލަކު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންކަލޭގެފާނާއެކުގައި ކަލޭގެފާނަށް ކެތް ކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟
73
އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން ކަލޭގެފާނު، ކަމަކަށް ނުހައްދަވާށެވެ. އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ.
74
ދެން އެ ދެ ބޭކަލުން ކުރިއަށް ހިންގަވައި ވަޑައިގަންނަވަނިކޮށް، ފިރިހެން ކުއްޖަކާ ބައްދަލުވެވަޑައިގެންނެވި ހިނދު، އެ ބޭކަލަކު އެ ކުއްޖާ ގަތުލުކުރައްވާފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އެކަކުވެސް މަރާފައިނުވާ، ކުށެއް ނެތް، ތާހިރު ނަފްސެއް، ކަލޭގެފާނު ތިޔަ ގަތުލުކުރެއްވީތޯއެވެ؟ ހަމަކަށަވަރުން ކަލޭގެފާނު ތިޔަކުރެއްވީ ވަރަށް ބޮޑު ނުބައި ކަމެކެވެ.
75
އެ ބޭކަލަކު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތް ކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ، ތިމަންކަލޭގެފާނު ކަލޭގެފާނަކަށް ނުދަންނަވަންތޯއެވެ؟
76
އެކަލޭގެފާނު ވިދާޅުވިއެވެ: މީގެފަހުން އެއްވެސް ކަމަކާމެދު، ކަލޭގެފާނާ ތިމަންކަލޭގެފާނު ސުވާލު ކުރައްވާފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް އުޒުރެއް ލިބިވަޑައިގެންފިއެވެ.
77
ދެން އެ ދެބޭކަލުން ކުރިއަށް ހިންގަވައިވަޑައިގަންނަވަމުން، ރަށެއްގެ އަހުލުވެރިބަޔަކާ ހަމައަށް ވަޑައިގެންނެވުނު ހިނދު، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ އެ މީހުން އެ ބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުރިއެވެ. ދެން އެރަށުން ވެއްޓެންކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން އެ ބޭކަލަކު އެ ފާރު ތެދު ކުރައްވާފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ކަލޭގެފާނު ބޭނުންފުޅުނަމަ، އެ ކަމަށް އުޖޫރައެއް ހިއްޕެވިދާނެއެވެ.
78
އެ ބޭކަލަކު ވިދާޅުވިއެވެ: މިއީ ތިމަންކަލޭގެފާނާއި، ކަލޭގެފާނާ ދެމެދުގެ ވަކިވުމެވެ. ކަލޭގެފާނަށް އެ ކަންކަމުގެ މައްޗަށް ކެތް ކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތައްތަކުގެ ތަފްސީރު ތިމަންކަލޭގެފާނު، ކަލޭގެފާނަށް ކިޔައިދެއްވާ ހުށީމެވެ.
79
ނަވާމެދު ދަންނާށެވެ. ފަހެ އެ ނައުވީ ކަނޑުގައި މަސައްކަތްކޮށްއުޅޭ މިސްކީނު ބަޔެއްގެ ނަވަކަށެވެ. ފަހެ ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ގަސްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް ގަދަކަމުން އަތުލާ ރަސްކަލަކު އެ މީހުންގެ ފަހަތުގައިވާތީއެވެ.
80
އަދި އެ ފިރިހެން ކުއްޖާއާމެދު ދަންނާށެވެ. ފަހެ އޭނާގެ މައިންބަފައިންވީ (ހެޔޮލަފާ) މުއުމިނުން ކަމުގައެވެ. ފަހެ އެ ދެ މީހުން އުރެދި ކާފިރުވާ ދަރަޖައަށް އެ ދެ މީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ.
81
ފަހެ ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެ މީހުންގެ ރައްބު، އެ ކުއްޖާއަށްވުރެ ހެޔޮވެގެންވާ ސާލިހު، އަދި އޯގާތެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެ ދެ މީހުންނަށް ދެއްވުމަށެވެ.
82
އަދި ފާރާމެދު ދަންނާށެވެ. ފަހެ އެއީ އެ ރަށުގައިވާ ޔަތީމު ދެ ކުދިންނަށް ލިބިގެންވާ ފާރެއް ކަމުގައި ވިއެވެ. އަދި އެ ފާރުގެ ދަށުގައި އެ ދެ ކުދިންނަށް ޚަޒާނާއެއް ވިއެވެ. އަދި އެ ދެ ކުދިންގެ ބައްޕައަކީ، ސާލިހު މީހެއް ކަމުގައި ވިއެވެ. ފަހެ ކަލޭގެފާނުގެ ރައްބު އިރާދަ ކުރެއްވީ، އެ ދެކުދިން ބޮޑުވެ ފުރާފުރިހަމަވުމުން، އެ ދެ ކުދިންގެ ޚަޒާނާ އެ ދެ ކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އޮތް ރަހުމަތެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެ ކަންތައް ކުރެއްވީ، ތިމަންކަލޭގެފާނު އަމިއްލައަށް ދެކިގެންނެއް ނޫނެވެ. މިއީ ކަލޭގެފާނަށް އެ ކަންކަމުގެ މައްޗަށް ކެތް ކުރެއްވުމަށް ކުޅަދާނެވެ ނުލެއްވުނު ކަންތަކުގެ ބަޔާނެވެ.
83
ޛުލްގަރުނައިނާމެދު އެ މީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އޭނާގެ ވާހަކައިން ތިމަންކަލޭގެފާނު، ތިޔަބައިމީހުންނަށް ކިޔައިދެއްވާ ހުށީމެވެ.
84
ހަމަކަށަވަރުން ތިމަން އިލާހު އޭނާއަށް ބިމުގައި ކަންތައް ފަހިކޮށްދެއްވާ، ބާރުވެރިކޮށްދެއްވީމެވެ. އަދި ކޮންމެ ކަމަކުން އޭނާއަށް މަގެއް ދެއްކެވީމެވެ.
85
ފަހެ އޭނާ މަގަކުން ކުރިއަށް ވަޑައިގަތެވެ.
86
އިރުއޮސްފުހޭ ތަނަށް އޭނާ ވަޑައިގަތުމަށް ދާންދެނެވެ. އެ ހިނދު ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮސްފުހޭތީ، އޭނާއަށް ފެނިވަޑައިގަތެވެ. އަދި އެތާނގެ ކައިރިން އޭނާއަށް ގައުމެއްގެ މީހުން ފެނިވަޑައިގަތެވެ. ތިމަން އިލާހު ވަހީ ކުރެއްވީމެވެ. އޭ ޛުލްގަރުނައިނެވެ. އެހެންޏާ އެ މީހުންނަށް ތިބާ އަދަބުދެއްވާށެވެ. އެހެންޏާ އެ މީހުންނާމެދު އޯގާތެރި ކޮށްކަންތައް ކުރައްވާށެވެ.
87
އޭނާ ވިދާޅުވިއެވެ: އަނިޔާވެރިވީ މީހާއާމެދު (ދަންނާށެވެ.) ފަހެ ނިކަންހުރެ އެ މީހަކަށް އަހުރެމެން އަދަބު ދޭހުށީމުއެވެ. ދެން އޭނާގެ ރައްބުގެ ހަޒްރަތަށް އޭނާ ރައްދު ކުރައްވާހުއްޓެވެ. ފަހެ އެ އިލާހު އެ މީހަކަށް، ގަދަފަދަވެގެންވާ އަޒާބެއް ދެއްވާހުއްޓެވެ.
88
އަދި އީމާންވެ، ސާލިހު އަމަލުކުރި މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް ހެޔޮ ޖަޒާހުއްޓެވެ. އަދި އެ މީހަކަށް ތިމަން އިލާހު ފަސޭހަވެގެންވާ ގޮތެއް ދައްކަވާހުށީމެވެ.
89
ދެން އޭނާ އެހެންމަގަކުން ކުރިއަށް ވަޑައިގަތެވެ.
90
އިރުއަރާތަނަށް އޭނާ ވަޑައިގަތުމަށް ދާންދެނެވެ. އެ ހިނދު، ގައުމެއްގެ މީހުންގެ މައްޗަށް އިރުއަރާތީ، އޭނާއަށް ފެނިވަޑައިގަތެވެ. އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަން އިލާހު އެ މީހުންނަކަށް ނުލައްވަމެވެ.
91
ކަންހުރީ އެފަދައިންނެވެ. ހަމަކަށަވަރުން އޭނާގެ ކިބައިގައި ވާހާ ކަމެއްގެ ޚަބަރު، ތިމަން އިލާހު މޮޅަށް ދެނެވޮޑިގެންވަމެވެ.
92
ދެން އޭނާ، އެހެން މަގަކުން ކުރިއަށް ވަޑައިގަތެވެ.
93
ދެފަރުބަދަ ދޭތެރެއަށް އޭނާ ވަޑައިގަތުމަށް ދާންދެނެވެ. އެތާނގެ ކައިރިން އޭނާއަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. އެއްވެސް ބަހެއް (އުނދަގުލަކާލައިގެން މެނުވީ) އެ މީހުންނަށް އެނގުމަކާ ގާތްވެސް ނުވެއެވެ.
94
އެ މީހުން ބުނެފިއެވެ. އޭ ޛުލްގަރުނައިނެވެ. ހަމަކަށަވަރުން ޔައުޖޫޖު މައުޖޫޖު ބާގައިމީހުންނަކީ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ ކަލޭގެފާނު ތިމަންމެންނާ އެ މީހުންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟
95
އޭނާ ވިދާޅުވިއެވެ: ތިމަންގެ ރައްބު އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ. އޭރުން ތިޔަބައިމީހުންނާ އެ މީހުންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ.
96
ތިމަންނާއަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ! ދެން އެ ދެފަރުބަދަ ދޭތެރޭގައި އޮތްތަން އެއްވަރުވީހިނދު، އޭނާ ވިދާޅުވިއެވެ: އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށްދާންދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ: ވިރުވާފައިވާ ރަންވަންލޮއި އޭގެމައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ.
97
ފަހެ އެ ހުރަހުގެ މަތިން އެ މީހުންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެ ހުރަސް ފޫއަޅުވާލަން އުޅެގެން ވެސް އެ ކަމެއް އެ މީހުންނަކަށް ކުޅަދާނައެއް ނުވިއެވެ.
98
އޭނާ ވިދާޅުވިއެވެ: މިއީ ތިމަންގެ ރައްބުގެ ހަޒްރަތުންވާ ރަހުމަތެކެވެ. ފަހެ ތިމަންގެ ރައްބުގެ ވައުދުފުޅު (ގެ ވަގުތު) އަތުވެއްޖެނަމަ، އެ ހުރަސް ކުނޑިކުނޑިވެގެން ހިނގައިދާހުއްޓެވެ. އަދި ތިމަންގެ ރައްބުގެ ވައުދުފުޅު، ހައްގު ތެދުކަމުގައިވިއެވެ.
99
އެ ދުވަހުން، ތިމަން އިލާހު އެ މީހުންގެ އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް އުތުރިއަރާގޮތަށް ދޫކޮށްލައްވާހުށީމެވެ. އަދި ތާޅަފިލި ފުމެލައްވާހުއްޓެވެ. ފަހެ އެހާރުން ތިމަން އިލާހު އެ މީހުން އެންމެން (އެއްތަނަކަށް) އެއް ކުރައްވާހުށީމެވެ.
100
އަދި އެ ދުވަހުން، ތިމަން އިލާހު ކާފިރުންނަށް ފެންނަގޮތަށް ނަރަކަ ހުށަހަޅުއްވާހުށީމެވެ.
101
އެ މީހުންނަކީ، ތިމަން އިލާހު ބާވައިލެއްވި ގުރްއާން ފިޔަވާ އެ މީހުންގެ ލޯތައް ފަރުދާވެގެންވާ މީހުންނެވެ. އަދި (އެ ގުރްއާން) އަޑުއެހުމަކަށް ވެސް އެ މީހުންނަކަށް ކުޅަދާނަވެގެނެއް ނުވެއެވެ.
102
ތިމަން އިލާހުގެ އަޅުންނީ ތިމަން އިލާހު ފިޔަވާ ވާގިވެރިން ކަމުގައި، ކާފިރުވި މީހުން ހިފިހިފުން އެއީ، ތިމަން އިލާހުގެ އަޒާބުން އެ މީހުން ސަލާމަތްކޮށްދޭނޭ ކަމެއްކަމުގައި އެ މީހުން ހީކުރީހެއްޔެވެ؟ ހަމަކަށަވަރުން ތިމަން އިލާހު ނަރަކަ ތައްޔާރު ކުރެއްވީ، ކާފިރުން ތިބެނިވި ތަނެއްކަމުގައެވެ.
103
ކަލޭގެފާނު ވިދާޅުވާށެވެ. އަމަލުތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ ޚަބަރު، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަންހެއްޔެވެ؟
104
އެ މީހުންނަކީ ދުނިޔަވީ ހަޔާތުގައި، އެ މީހުންގެ އަމަލުތައް ބާތިލުވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެ މީހުން ރަނގަޅަށް ކަންތައްކުރާކަމަށް އެ މީހުން ހީކުރެއެވެ.
105
އެ މީހުންނަކީ، އެ މީހުންގެ ރައްބުގެ އާޔަތްތަކަށާއި، އެ އިލާހާ ބައްދަލުވާންޖެހޭނެކަމަށް ކާފިރުވި މީހުންނެވެ. ފަހެ އެ މީހުންގެ އަމަލުތައް ބާތިލު ވެފައިވެއެވެ. ފަހެ ގިޔާމަތް ދުވަހުން އެ މީހުންނަކަށް (އެބަހީ: އެ މީހުންގެ އަމަލުތަކަކަށް) ތިމަން އިލާހު އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެ.
106
އެއީ އެ މީހުންގެ ޖަޒާއެއްކަމުގައިވާ ނަރަކައެވެ. އެއީ އެ މީހުން ކާފިރުވެ އަދި ތިމަން އިލާހުގެ އާޔަތްތަކާއި، ތިމަން އިލާހުގެ ރަސޫލުންނީ ފުރައްސާރައެއް ކަމުގައި ހެދިކަމަށް ޓަކައެވެ.
107
ހަމަކަށަވަރުން އީމާންވެ، ސާލިހު އަމަލުތައް ކުޅަމީހުންނަށް އެ މީހުން ތިބެނިވި ތަނެއްކަމުގައި، ފިރުދައުސް އޭ ކިޔުނު ސުވަރުގެތައް ވެއެވެ.
108
އެ މީހުން އެ ތަންފިޔަވާ، އެހެން ފަރާތަކަށް އެނބުރިދިޔުމަށް ނޭދި، އެ ތާނގައި ދެމިތިބޭ ހާލުގައެވެ.
109
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ރައްބުގެ ކަލިމަފުޅުތަކަށް ދަވާދެއްކަމުގައި ކަނޑުވީނަމަ، ތިމަންކަލޭގެފާނުގެ ރައްބުގެ ކަލިމަފުޅުތައް (ލިޔެ) ހުސްވުމުގެކުރިން ކަނޑު ހުސްވެއްޖައީހެވެ. ތިމަން އިލާހު އެފަދަ އެހެން ކަނޑެއް އިތުރަށް ގެނެސްދެއްވިނަމަވެހެވެ.
110
ކަލޭގެފާނު ވިދާޅުވާށެވެ: ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިޔަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ. ތިމަންކަލޭގެފާނަށް ވަހީ އިއްވަވަނީ، ތިޔަބައިމީހުންގެ އިލާހަކީ އެއް އިލާހެއް ކަމުގައެވެ. ފަހެ އެ މީހެއްގެ ރައްބާ ބައްދަލުވުމަށް އެދޭ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކު ސާލިހު އަމަލުން އަމަލު ކުރާހުއްޓެވެ. އަދި އެ މީހާގެ ރައްބަށް އަޅުކަންކުރުމުގައި އެކަކުވެސް ބައިވެރި ނުކުރާހުއްޓެވެ.