މަރްޔަމް

Maryam

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
ކާފް ހާ ޔާ ޢައިން ޞާދު. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
މިއީ ކަލޭގެފާނުގެ ރައްބު އެ އިލާހުގެ އަޅާ ޒަކަރިއްޔާގެފާނަށް ލެއްވި ރަހުމަތުގެ ވާހަކައެވެ.
3
އެކަލޭގެފާނުގެ ރައްބަށް، އެކަލޭގެފާނު ސިއްރުގައި ދުއާކުރެއްވި ހިނދެވެ.
4
އެކަލޭގެފާނު ދެންނެވިއެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ރައްބެވެ. މިއަޅާ އިބަ އިލާހަށް ކޮށްފި ދުއާއަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ.
5
އަދި ހަމަކަށަވަރުން އަޅުގެފަހަށް، އަޅުގެ ތިމާގެ މީހުން (ދީންގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ އިބަ އިލާހުގެ ރަހުމަތްފުޅުން މިއަޅާއަށް ވާރިސަކު ދެއްވާފާނދޭވެ.
6
މި އަޅާއާއި، ޔައުގޫބުގެފާނުގެ އާލުވެރިންގެ ކިބައިން ވާރުތަވާނޭ ވާރިސެކެވެ. އަދި އަޅުގެ ރައްބެވެ. އިބަ އިލާހު ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ.
7
އޭ ޒަކަރިއްޔާގެފާނެވެ. ހަމަކަށަވަރުން ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި ޚަބަރު ތިމަން އިލާހު، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، ޔަޙްޔާއެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަން އިލާހު ނުލައްވަމެވެ.
8
އެކަލޭގެފާނު ދެންނެވިއެވެ: އަޅުގެ ރައްބެވެ. މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ ނިހާޔަތަށް ފޯރާފައެވެ.
9
އެ އިލާހު ވަހީކުރެއްވިއެވެ: ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ރައްބު ވަހީކުރެއްވިއެވެ: އެއީ ތިމަން އިލާހަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، މައުޖޫދު ވެގެންވާ އެއްޗެއް ކަމުގައި ނުވާ ހާލު، ތިމަން އިލާހު ކަލޭގެފާނު ހެއްދެވީމެވެ.
10
އެކަލޭގެފާނު ދެންނެވިއެވެ: އަޅުގެ ރައްބެވެ. އަޅާއަށް އަލާމަތެއް ލައްވައިފާނދޭވެ. އެ އިލާހު ވަހީކުރެއްވިއެވެ: ކަލޭގެފާނަށް އޮތް އަލާމަތަކީ ކަލޭގެފާނަށް (ސަލާމަތުން ހުންނަވައިމެ) ފުރިހަމަ ތިންރޭ ވަންދެން މީސްތަކުންނާ ވާހަކަ ނުދެއްކެވޭގޮތްވުމެވެ.
11
ފަހެ އެކަލޭގެފާނު، ނަމާދު ކުރައްވާތަނުން އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ނުކުމެވަޑައިގަތެވެ. ދެން ހެނދުނާއި، ހަވީރު، ތަސްބީހަ ކިޔަވައި އުޅުމަށް އެ މީހުންނަށް އިޝާރަތުން އެންގެވިއެވެ.
12
އޭ ޔަޙްޔާގެފާނެވެ. ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ. ތިމަން އިލާހު، އެކަލޭގެފާނަށް ތުއްޕުޅުއިރު ހިކުމަތް ދެއްވީމެވެ.
13
އަދި ތިމަން އިލާހުގެ ހަޒްރަތުން އޯގާވެރިކަމާއި، ތާހިރު ކަން އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނު ތަގުވާވެރިޔަކު ކަމުގައިވިއެވެ.
14
އަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، ޖައްބާރަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ.
15
އަދި އެކަލޭގެފާނު އުފަންވި ދުވަހުގައްޔާއި، އަވަހާރަވާ ދުވަހުގައްޔާއި، އަލުން ދިރުއްވައި ފޮނުއްވާ ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ.
16
އަދި ކަލޭގެފާނު މި ފޮތުން މަރިޔަމްގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ. އެ ކަމަނާ، އެ ކަމަނާގެ އަހުލުވެރިންގެ ކިބައިން އެކަހެރިވެ، އިރުމަތީ ފަރާތުގައިވާ ތަނަކަށް ވަޑައިގަތްހިނދެވެ.
17
ފަހެ އެ މީހުންގެ ކިބައިން އެ ކަމަނާ ނިވައިވެ، ފަރުދާވެވަޑައިގަތެވެ. ދެން ތިމަން އިލާހު ވަހީގެ މަލާއިކަތާ، އެ ކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި އެ މަލާއިކަތާ ފުރިހަމަ އިންސާނެއްގެ ސިފައިގައި، އެ ކަމަނާއަށް ފާޅުވިއެވެ.
18
އެ ކަމަނާ ވިދާޅުވިއެވެ: ހަމަކަށަވަރުން ތިބާގެ ކިބައިން ސަލާމަތް ކުރެއްވުމަށް، އައްރަޙްމާނުގެ ހަޒްރަތުން އަހަރެން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. ތިބާއަކީ (ﷲ އަށް) ބިރުވެތިވާ މީހަކު ކަމުގައި ވަނީނަމައެވެ.
19
އެ މަލާއިކަތާ ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންނާއަކީ، ކަމަނާގެ ރައްބު ފޮނުއްވި ރަސޫލަކީމެވެ. ހެޔޮލަފާ، ސާލިހު ފިރިހެން ދަރިކަލަކު ކަމަނާއަށް ދެއްވުމަށް ޓަކައެވެ.
20
އެ ކަމަނާ ވިދާޅުވިއެވެ: ތިމަންނާއަށް ދަރިއަކު ލިބޭހުށީ ކޮންފަދައަކުންތޯއެވެ؟ ތިމަންގެ ގައިގައި އެއްވެސް އާދަމުގެ ދަރިޔަކު ބީހިފައެއްނުވެއެވެ. އަދި ތިމަންނައީ، ކަސްބީއަކު ކަމުގައިވެސް ނުވަމެވެ.
21
އެ މަލާއިކަތާ ވިދާޅުވިއެވެ: ކަންހުރީ އެފަދައިންނެވެ. ކަމަނާގެ ރައްބު ވަހީކުރެއްވިއެވެ: އެއީ ތިމަން އިލާހަށް ދާދިފަސޭހަ ކަމެކެވެ. އަދި ތިމަން އިލާހުގެ ހަޒްރަތުން މީސްތަކުންނަށް ފޮނުއްވި އާޔަތެއް ކަމުގައްޔާއި، ރަހުމަތެއްކަމުގައި، އެ ދަރިކަލުން ލެއްވުމަށް ޓަކައެވެ. ކަނޑައެޅި ނިމިފައިވާ ކަމެއްކަމުގައި އެ ކަންތައްވިއެވެ.
22
ފަހެ އެ ދަރިކަލުންނާއިގެން އެ ކަމަނާ އާލާސްވެ އިންނަވައި، ދުރުގައިވާ ތަނަކަށް އެ ދަރިކަލުންނާއިގެން އެ ކަމަނާ ވަޑައިގަތެވެ.
23
ދެން އެ ކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެ ކަމަނާ ވިދާޅުވިއެވެ: އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހަރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!
24
ދެން އެ ކަމަނާ (އޮންނެވިތާނ) ގެ ދަށުން އެ ކަމަނާއަށް މަލާއިކަތާ ގޮވައިލެއްވިއެވެ. ހިތާމަނު ކުރައްވާށެވެ. ހަމަކަށަވަރުން ކަމަނާގެ ރައްބު، ކަމަނާ (ތިޔައޮންނެވިތާނ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ.
25
އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ. އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ.
26
ފަހެ ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ. ފަހެ އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ. ހަމަކަށަވަރުން އައްރަޙްމާނަށް ޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހަރެން ނަދުރުގެންފީމެވެ. ފަހެ މިއަދު އަހަރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ.
27
ފަހެ އެ ކަމަނާގެ ގައުމުގެ މީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެ ކަމަނާ ވަޑައިގަތެވެ. އެ މީހުން ބުންޏެވެ. އޭ މަރިޔަމްގެފާނެވެ. ހަމަކަށަވަރުން ކަމަނާ ތިޔަވަޑައިގަތީ ވަރަށް ބޮޑު ނުބައިކަމަކާއިގެންނެވެ.
28
އޭ ހާރޫނުގެ އުޚްތާއެވެ. ކަމަނާގެ ބައްޕައަކީ، ނުބައިމީހެއްކަމުގައި ނުވެއެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ.
29
ފަހެ އެ ކަމަނާ އެ ދަރިކަލުންނަށް އިޝާރަތް ކޮށްލެއްވިއެވެ. އެ މީހުން ބުނެފިއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟
30
އެ ދަރިކަލުން ވިދާޅުވިއެވެ: ހަމަކަށަވަރުން އަހަރެންނަކީ، ﷲ ގެ އަޅަކީމެވެ. އެ އިލާހު މިއަޅާއަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ.
31
އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތް ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، ޒަކާތް ދިނުމަށް، އެ އިލާހު މިއަޅާއަށް ވަސިއްޔަތްކުރެއްވިއެވެ.
32
އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، ޖައްބާރަކު ކަމުގައި ނުލައްވައެވެ.
33
މިއަޅާ އުފަންވިދުވަހުގައްޔާއި، މަރުވާދުވަހުގައްޔާއި، އަލުން ދިރުއްވައި (މަހުޝަރަށް) ފޮނުއްވާދުވަހުގައި، މިއަޅާގެ މައްޗަށް ސަލާމް ހުއްޓެވެ.
34
އެއީ މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނެވެ. (މިއީ) އެ މީހުން އެބަސްފުޅާމެދު ޝައްކުކުރާ، ހައްގު ތެދުބަސްފުޅެވެ.
35
ދަރިކަލަކު ހިއްޕެވުން އެއީ، ﷲ އަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އެ އިލާހު ކަމަކަށް ނިޔާކުރައްވާފި ހިނދު، ފަހެ އެ ކަމަކަށް ހަމައެކަނި ވާށޭ ވަހީ ކުރެއްވުމުން، ދެން އެ ކަމެއް ވެގެންދެއެވެ.
36
އަދި ހަމަކަށަވަރުން ﷲ އީ، ތިމަންކަލޭގެފާނުގެ ރައްބެވެ. އަދި ތިޔަބައިމީހުންގެ ވެސް ރައްބެވެ. ފަހެ ތިޔަބައިމީހުން އެ އިލާހަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ.
37
ފަހެ އެ މީހުންގެ އެކި ޖަމާއަތްތަކުގެ މެދުގައި ޚިލާފު އުފެދުނެވެ. ފަހެ ބޮޑުވެގެންވާ ދުވަހެއްގެ (ބިރުވެރިކަން) ދެކޭ ހިނދު، ކާފިރުވީ މީހުންނަށް ހަލާކާއި ގެއްލުންހުއްޓެވެ.
38
އެ މީހުން ތިމަން އިލާހުގެ ހަޒްރަތަށް އަންނަދުވަހު، އެ މީހުންގެ އިވުމާއި ފެނުމުގެ ސާފުކަން ބޮޑުކަމާއެވެ. އެހެނެއްކަމަކު، އަނިޔާވެރިވީ މީހުން މިއަދުވަނީ، ފާޅުވެ ބަޔާން ވެގެންވާ މަގުފުރެދުމެއްގައެވެ.
39
ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެ މީހުންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެ މީހުންނަށް އިންޒާރުކުރައްވާށެވެ. (އެ ދުވަހާމެދު) އެ މީހުން ވަނީ ޣާފިލުކަމެއްގެ ތެރޭގައެވެ. އަދި އެ މީހުން އީމާނެއް ނުމެވޭމެއެވެ.
40
ހަމަކަށަވަރުން ބިމާއި، ބިމުގައި ވާހާ ބަޔަކު ވާރުތަވެ މިލްކު ވެގެންވަނީ، ތިމަން އިލާހަށެވެ. އަދި އެ މީހުން ރުޖޫއަ ކުރައްވާހުށީ، ތިމަން އިލާހުގެ ހަޒްރަތަށެވެ.
41
ކަލޭގެފާނު މިފޮތުން އިބްރާހީމްގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ، ތެދުވެރިކަންބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.
42
އެކަލޭގެފާނުގެ ބައްޕައަށް އެކަލޭގެފާނު ވިދާޅުވި ހިނދެވެ. އޭ ބައްޕާއެވެ. އެއްވެސް އަޑެއް ނީވޭ، އެއްވެސް އެއްޗެއް ނުފެންނަ، އަދި ބައްޕައަށް އެއްވެސް ކަމެއް ފުއްދައިނުދޭ އެއްޗަކަށް، ބައްޕަ އަޅުކަންކުރަނީ ކީއްވެގެންހެއްޔެވެ؟
43
އޭ ބައްޕާއެވެ. އިލްމުގެ ތެރެއިން، ބައްޕައަށް އައިސްފައިނުވާ އިލްމު، ތިމަންނާއަށް ހަމަކަށަވަރުން އައިސްފައިވެއެވެ. ފަހެ ތިމަންނާއަށް ބައްޕަ ތަބާ ވާށެވެ. އޭރުން ބައްޕައަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދައްކާހުށީމެވެ.
44
އޭ ބައްޕާއެވެ. ޝައިތާނާއަށް އަޅުކަން ނުކުރާށެވެ. ޝައިތާނާ ވާކަން ކަށަވަރީ އައްރަޙްމާނަށް ނުކިޔަމަންތެރިޔެއް ކަމުގައެވެ.
45
އޭ ބައްޕާއެވެ. ހަމަކަށަވަރުން އައްރަޙްމާނުގެ ހަޒްރަތުން އަޒާބެއް އައިސް، ބައްޕައަށް ޖެހިދާނެކަމަށް އަހަރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، ޝައިތާނާގެ އެހީތެރިޔެއް ކަމުގައެވެ.
46
އޭނާ ބުންޏެވެ. އޭ އިބްރާހީމެވެ! ތިމަންގެ އިލާހުންތަކަށް ތިބާ ނުރުހެނީހެއްޔެވެ؟ ތިބާ ތިޔަކަންތައް ނުހުއްޓައިފިނަމަ، ހަމަކަށަވަރުން އަހަރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ. އަދި ދިގުމުއްދަތަކަށް، އަހަރެންނާ ވަކިވާށެވެ.
47
އެކަލޭގެފާނު ވިދާޅުވިއެވެ: ބައްޕަގެ މައްޗަށް ސަލާމް ހުއްޓެވެ! ބައްޕައަށް ފާފަ ފުއްސެވުން އެދި، އަޅުގެ ރައްބަށް ދުއާކުރާހުށީމެވެ. ހަމަކަށަވަރުން އަޅުގެ މައްޗަށް ނުހަނު އޯގާވަންތަ އިލާހަކު ކަމުގައި، އެ އިލާހު ވޮޑިގެންވެއެވެ.
48
އަދި ތިޔަބައިމީހުންނާއި ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކުރާތަކެއްޗާ، އަހަރެން ވަކިވާހުށީމެވެ. އަދި އަހަރެންގެ ރައްބަށް އަޅުކަންކުރާހުށީމެވެ. އަހަރެންގެ ރައްބަށް އަޅުކަންކުރުމުން އަބާއްޖަވެރިޔަކު ކަމުގައި އަހަރެން ނުވާށިއެވެ.
49
ފަހެ އެކަލޭގެފާނު، އެ މީހުންނާއި، ﷲ ފިޔަވާ އެ މީހުން އަޅުކަންކުރާތަކެއްޗާ ވަކިވެވަޑައިގަތްހިނދު، ތިމަން އިލާހު އެކަލޭގެފާނަށް، އިސްޙާގުގެފާނާއި، ޔައުގޫބުގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކީ ނަބިއްޔަކު ކަމުގައި ލެއްވީމެވެ.
50
އަދި އެ ބޭކަލުންނަށް، ތިމަން އިލާހުގެ ރަހުމަތުގެ ތެރެއިން ދެއްވީމެވެ. އަދި ތިމަން އިލާހު، އެ ބޭކަލުންނަށް (އަންނަނިވި ޖީލުތަކުގެ ދޫމަތީގައި) މަތިވެރި ރިވެތި ނަން ލެއްވީމެވެ.
51
ކަލޭގެފާނު މިފޮތުން މޫސާގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ. ހަމަކަށަވަރުން ޚިޔާރުކުރައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ.
52
އަދި ތިމަން އިލާހު ޠޫރު ފަރުބަދައިގެ ކަނާތްފަރާތުން އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އަދި ބަސް ވަހީ ކުރެއްވުމަށް ޓަކައި އެކަލޭގެފާނު ކުއްތަން ކުރެއްވީމެވެ.
53
އަދި ތިމަން އިލާހުގެ ރަހުމަތްވަންތަކަމުން، އެކަލޭގެފާނުގެ އަޚު، ހާރޫނުގެފާނު ނަބިއްޔަކު ކަމުގައި، އެކަލޭގެފާނަށް ދެއްވީމެވެ.
54
ކަލޭގެފާނު މި ފޮތުން އިސްމާޢީލުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ. ހަމަކަށަވަރުން ވައުދު ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ.
55
އަދި އެކަލޭގެފާނުގެ އަހުލުވެރިންނަށް، ނަމާދު ކުރުމަށާއި، ޒަކާތް ދީ އުޅުމަށް، އެކަލޭގެފާނު އަމުރުކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ.
56
ކަލޭގެފާނު މިފޮތުން އިދްރީސްގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.
57
އަދި އެކަލޭގެފާނު މަތިވެރި މަގާމަކަށް ތިމަން އިލާހު އުފުއްލެވީމެވެ.
58
އެ ބޭކަލުންނަކީ، އާދަމުގެފާނުގެ ދަރިކޮޅުން ވަޑައިގަތް ނަބިއްޔުންކުރެ، އެ ބޭކަލުންގެ މައްޗަށް ﷲ ނިއުމަތް ދެއްވި ބޭކަލުންނެވެ. އަދި ތިމަން އިލާހު، ނޫޙުގެފާނާއެކުގައި (ނަވުގައި) އުފުއްލެވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އަދި އިބްރާހީމްގެފާނާއި އިސްރާއީލުގެފާނުގެ ދަރިކޮޅުންވާ ބަޔެކެވެ. އަދި ތިމަން އިލާހު ތެދުމަގު ދައްކަވައި، ޚިޔާރުކުރެއްވި މީހުންގެ ތެރެއިންވާ ބަޔެކެވެ. އެ ބޭކަލުންގެ މައްޗަށް އައްރަޙްމާނުގެ އާޔަތްތައް ކިޔެވޭ ހިނދު، އެ ބޭކަލުން ކީރިތިކުރައްވަމުން ސަޖިދަށް ތިރިވެވަޑައިގަންނަވައެވެ.
59
ފަހެ އެ ބޭކަލުންނަށް ފަހު، އެހެންބަޔަކު އައެވެ. އެ މީހުން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާނަފްސުގެ އެދުންތަކަށް ތަބާވިއެވެ. ފަހެ ނިކަންހުރެ އެ މީހުން ހަލާކާ ކުރިމަތިލާހުއްޓެވެ!
60
ތައުބާވެ، އަދި އީމާންވެ، އަދި ސާލިހު އަމަލުކުރި މީހުން މެނުވީއެވެ. ފަހެ އެ މީހުން ސުވަރުގެއަށް ވަންނާނެއެވެ. އަދި އެ މީހުންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުއްޓެވެ.
61
(އެއީ) އައްރަޙްމާން، އެ އިލާހުގެ އަޅުތަކުންނަށް ޣައިބުގައި ދެއްވުމަށް ވައުދު ކުރައްވާފައިވާ، ޢަދްނޭ ކިޔުނު ސުވަރުގެތަކެވެ. ހަމަކަށަވަރުން އެ އިލާހުގެ ވައުދުފުޅަކީ، އަންނާނޭ އެއްޗެއް ކަމުގައިވެއެވެ.
62
އެ ތާނގައި ބޭކާރު ވާހަކައެއް އެ މީހުންނަކަށް ނީވޭނެއެވެ. އެހެނެއްކަމަކު، (އިވޭނީ) ސަލާމާއި، ތަހިއްޔަތުގެ އަޑެވެ. އަދި ހެނދުނާއި، ހަވީރު އެ މީހުންގެ ރިޒްގު، އެ މީހުންނަށް ޓަކައި އެ ތާނގައި ވެއެވެ.
63
އެއީ ތިމަން އިލާހުގެ އަޅުންކުރެ، ތަގުވާވެރިވީ މީހުންނަށް ތިމަން އިލާހު ވާރުތަކޮށްދެއްވާ ސުވަރުގެއެވެ.
64
އަދި ކަލޭގެފާނުގެ ރައްބުގެ އަމުރުފުޅަށް މެނުވީ، ތިމަންމެން ނުފައިބަމެވެ. ތިމަންމެންގެ ކުރިމަތީގައި ވާހާ އެއްޗަކާއި، ތިމަންމެންގެ ފަހަތުގައި ވާހާ އެއްޗަކާއި، އެ ދެމެދުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، އެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ރައްބަކީ، ހަނދުމަނެތިވެވޮޑިގެންވާ އިލާހަކު ކަމުގައި ނުވެއެވެ.
65
(އެއީ) އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެތީގެ ރައްބެވެ. ފަހެ ކަލޭގެފާނު، އެ އިލާހަށް އަޅުކަން ކުރައްވާށެވެ. އަދި އެ އިލާހަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ. އެ އިލާހާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟
66
އިންސާނާ ބުނެއެވެ. ތިމަން މަރުވެދިޔުމަށް ފަހުގައިވެސް، އަލުން ދިރުމަކަށް ނެރުއްވާނޭހެއްޔެވެ؟
67
އެ އިންސާނާ މީގެކުރިން ވުޖޫދުވެގެންވާ އެއްޗެއް ކަމުގައި ނުވާ ހާލު، ހަމަކަށަވަރުން ތިމަން އިލާހު އޭނާ ހެއްދެވިކަން އޭނާ ހަނދާން ނުކުރަނީހެއްޔެވެ؟
68
ފަހެ ކަލޭގެފާނުގެ ރައްބު ގަންދެއްވަމެވެ. ހަމަކަށަވަރުން ޝައިތާނުންނާ އެކުގައި އެ މީހުން މަހުޝަރަށް ފޮނުއްވާހުށީމެވެ. ދެން ކަކޫޖެހިގެންވާ ހާލު، ނަރަކައިގެ ވަށައިގެން އެ މީހުން ގެންނަވާހުށީމެވެ.
69
ދެން ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ ބަޔެއްގެ ތެރެއިންވެސް، އެ މީހުން ކުރެ އައްރަޙްމާނަށް އެންމެ ދެކޮޅުވެރިކަން ބޮޑު މީހުން ވަކިކޮށް ނެރުއްވާހުށީމެވެ.
70
ދެން ހަމަކަށަވަރުން އެ މީހުން ކުރެ ނަރަކައަށް ވަނުން އައުލާ ކަންބޮޑީ ކޮންބަޔެއްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ތިމަންއިލާހެވެ.
71
އަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ. އެއީ ކަލޭގެފާނުގެ ރައްބަށް ކަނޑައެޅި ލާޒިމު ކުރައްވާފައިވާ ކަމެއްކަމުގައިވިއެވެ.
72
ދެން ތިމަން އިލާހު ތަގުވާވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ ހާލު، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ.
73
އަދި އެ މީހުންނަށް ތިމަން އިލާހުގެ އާޔަތްތައް ބަޔާން ވެގެންވާ ގޮތުގައި ކިޔައިދެވޭ ހިނދު، ކާފިރުވި މީހުން، އީމާންވި މީހުންނަށް ބުނެއެވެ. (ތިމަންމެން) ދެބައިމީހުންކުރެ ދަރަޖައިގެ ގޮތުން އެންމެމޮޅީ، އަދި މަޖްލިސްގެ ގޮތުން އެންމެ ރަނގަޅީ، ކޮންބަޔެއްހެއްޔެވެ؟
74
އަދި ތިމަން އިލާހު އެ މީހުންގެ ކުރިން ކިތައް ކިތައް އުއްމަތް ހަލާކުކުރެއްވިންހެއްޔެވެ؟ މުދާވެރިކަމުގެ ގޮތުންނާއި، ފެންނަ ފެނުމަށް އެ މީހުން މާރަނގަޅެވެ.
75
ކަލޭގެފާނު ވިދާޅުވާށެވެ. މަގުފުރެދުމުގެ ތެރޭގައިވާ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް އައްރަޙްމާން އުމުރު ދިގު ކުރައްވާ، މުހުލަތް ދެއްވާނެއެވެ. އެ މީހުންނަށް ވައުދު ކުރައްވާ ކަންތައް، އެ މީހުން ދެކެފުމަށްދާންދެނެވެ. އެހެންޏާ (ދުނިޔޭގެ) އަޒާބެވެ. އެހެންޏާ ގިޔާމަތް ދުވަހުގެ ހަލާކެވެ. ފަހެ ދަރަޖައިގެ ގޮތުން އެންމެނުބައީ، އަދި ލަޝްކަރުގެ ގޮތުން އެންމެ ނިކަމެތީ، ކޮންބަޔެއްކަން ނިކަންހުރެ އެ މީހުންނަށް އެނގޭނެއެވެ.
76
އަދި ތެދުމަގު ލިބިގަތް މީހުންނަށް ﷲ ހިދާޔަތް އިތުރުކޮށްދެއްވައެވެ. އަދި ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައި، ސަވާބު ލިބުމުގެ ގޮތުން އެންމެ ހެޔޮވެގެންވަނީ، އަދި ނަތީޖާގެ ގޮތުން އެންމެ ހެޔޮވެގެންވަނީ، ދެމިހުންނަނިވި ސާލިހު އަމަލުތަކެވެ.
77
ތިމަން އިލާހުގެ އާޔަތްތަކަށް ކާފިރުވެ، އަދި ހަމަކަށަވަރުން ތިމަންނާއަށް މުދަލާއި، ދަރިން ދެއްވާހުށްޓޭ ބުނިމީހާ، ކަލޭގެފާނު ފަހެ ދެކެވަޑައިގަތީމުތޯއެވެ؟
78
އޭނާއަށް ޣައިބު އެނގުނީހެއްޔެވެ؟ ނުވަތަ އައްރަޙްމާނުގެ ހަޒްރަތުން އަހުދެއް ހިފީހެއްޔެވެ؟
79
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އޭނާ ބުނާ އެއްޗެއް ތިމަން އިލާހު ލިޔުއްވާހުށީމެވެ. އަދި އޭނާއަށް އަޒާބު އިތުރުކުރައްވާ ދިގު ކުރައްވާހުށީމެވެ.
80
އަދި އޭނާ އެބުނާ މުދަލާއި، ދަރިން (ނެތިކުރައްވާ) އެހުރިހާ އެއްޗެއް، ތިމަން އިލާހު މިލްކު ކުރައްވާހުށީމެވެ. އަދި ތިމަން އިލާހުގެ ހަޒްރަތަށް އޭނާ އަންނަހުށީ، އެކަނިމާ އެ ކަންޏެވެ.
81
އެ މީހުން ﷲ ފިޔަވާ އެހެން އިލާހުންތަކެއް ހިފީ އެ މީހުންނަށް އިއްޒަތެއްކަމުގައި ވާނޭކަމަށެވެ.
82
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިލާހުންތަކަށް އެ މީހުން އަޅުކަންކުރުމަށް އިންކާރުކުރާނެތެވެ. އަދި އެ އިލާހުންތައް އެ މީހުންގެ މައްޗަށް އަދާވާތްތެރިންކަމުގައި ވާނެއެވެ.
83
ކާފިރުވި މީހުންގެމައްޗަށް ހަމަކަށަވަރުން ތިމަން އިލާހު ޝައިތާނުން ފާކުރެއްވިކަން، ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ އެ ޝައިތާނުން އެ މީހުންނަށް ވަސްވާސްދީ ހެއްލުންތެރި ކުރެއެވެ.
84
ފަހެ ކަލޭގެފާނު އެ މީހުންގެ މައްޗަށް އަވަސްވެވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންނަށް ޓަކައި (އަޖަލުގެ ދުވަސްތައް) ގުނައި އަދަދު ކުރައްވަމެވެ.
85
ތަގުވާވެރިން، އައްރަޙްމާނުގެ ހަޒްރަތަށް (އިއްޒަތްތެރި) ވަފުދެއްގެ ގޮތުގައި ތިމަން އިލާހު އެއް ކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!)
86
އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާދިމާޔަށް ދާފަދައިން، ތިމަން އިލާހު، ކުށްވެރިން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ.
87
އައްރަޙްމާނުގެ ހަޒްރަތުގައި އަހުދެއް ހިފާފައިވާ މީހަކަށް (އެ އިލާހުގެ އިޒުނަ ދެއްވުމުން) މެނުވީ، އެ މީހުން ކުރެ އެކަކަށް ވެސް ޝަފާއަތްތެރިވުމުގެ ބާރެއް ލިބިގެނެއްނުވެއެވެ.
88
އަދި އައްރަޙްމާން، ދަރިކަލަކު ހިއްޕެވިކަމަށް އެ (ކާފިރުވި) މީހުން ބުންޏެވެ.
89
ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށް ވެސް ނުބައިވެގެންވާ ބަހެކެވެ.
90
އެ ކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިޔުން ކައިރިވެގެންވެއެވެ.
91
އެއީ އައްރަޙްމާނަށް ދަރިކަލަކުވާކަމަށް އެ މީހުން ގޮވުމުގެ ސަބަބުންނެވެ.
92
އަދި ދަރިކަލަކު ހިއްޕެވުން އައްރަޙްމާނަށް އެކަށީގެނެއް ނުވެއެވެ.
93
އައްރަޙްމާނުގެ ހަޒްރަތަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި ބިމުގައި ނުވެއެވެ.
94
ހަމަކަށަވަރުން އެ އިލާހު އެ މީހުން ހިމަނުއްވައި، ފުރިހަމަ އަދަދު ކުރެއްވުމަކުން އަދަދުކުރެއްވިއެވެ.
95
އަދި ގިޔާމަތް ދުވަހުން، އެ މީހުން ކުރެ ކޮންމެމީހަކު، އެ އިލާހުގެ ހަޒްރަތަށް އަންނަހުށީ، އެކަނިމާއެ ކަންޏެވެ.
96
ހަމަކަށަވަރުން އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން (ދަންނާށެވެ.) އައްރަޙްމާން، އެ މީހުންނަށް ޓަކައި ލޯބިލައްވާނެއެވެ.
97
ފަހެ ހަމަކަށަވަރުން ތިމަން އިލާހު، ކަލޭގެފާނު ވާހަކަދައްކަވާ ބަހުން އެ ގުރްއާން ފަސޭހަކޮށްދެއްވީ، ކަލޭގެފާނު އެ ފޮތުން ތަގުވާވެރިންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވުމަށާއި، ދެކޮޅުވެރިވެގެންވާ މީހުންނަށް އެއިން އިންޒާރުކުރެއްވުމަށް ޓަކައެވެ.
98
އަދި ތިމަން އިލާހު، އެ މީހުންގެ ކުރިން ކިތައްކިތައް އުއްމަތް ހަލާކު ކުރެއްވިންހެއްޔެވެ؟ އެ މީހުން ކުރެ އެކަކުވެސް، ކަލޭގެފާނަށް ފެނިވަޑައިގަންނަވާތޯއެވެ؟ ނުވަތަ އެ މީހުންގެ އެއްވެސް އަޑެއްބަޑެއް، ކަލޭގެފާނަށް އިވިވަޑައިގަންނަވާތޯއެވެ؟