އަލްބަޤަރާ

Al-Baqarah

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އަލިފް ލާމް މީމް. (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.)
2
މިއީ އެ ފޮތެވެ. އޭގައި އެއްވެސް ޝައްކެއް ނެތެވެ. ތަގުވާވެރިންނަށްވާ ހިދާޔަތެކެވެ.
3
އެ މީހުންނަކީ ޣައިބަށް އީމާންވާ، އަދި ނަމާދު ގާއިމު ކުރާ، އަދި ތިމަން އިލާހު އެ މީހުންނަށް ދެއްވި ތަކެތިން ހޭދަ ކުރާ މީހުންނެވެ.
4
އަދި އެ މީހުންނަކީ، އިބަ ނަބިއްޔާއަށް ބާވައިލައްވާފައިވާ ފޮތަށާއި، އިބަ ނަބިއްޔާގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް އީމާންވާ މީހުންނެވެ. އަދި އާޚިރަތާއި މެދުގައި (އެ ދުވަސް އަންނާނެކަމަށް) އެ މީހުން ޔަގީން ކުރެއެވެ.
5
އެ މީހުން ވަނީ، އެ މީހުންގެ ރައްބުގެ ހަޒްރަތުންވާ ހިދާޔަތުގެ މަތީގައެވެ. އަދި އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
6
ހަމަކަށަވަރުން ކާފިރުވި މީހުންނަށް، އިބަ ނަބިއްޔާ އިންޒާރު ދެއްވިޔަސް ނުވަތަ ނުދެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެ މީހުން އީމާނެއް ނުވާނެއެވެ.
7
ﷲ، އެ މީހުންގެ ހިތްތަކުގައްޔާއި އެ މީހުންގެ ކަންފަތްތަކުގައި ވަނީ ސިއްކަ ޖައްސަވާ ބަންދު ކުރައްވާފައެވެ. އަދި އެ މީހުންގެ ލޯތަކުގެ މަތީގައި ވަނީ ފަރުދާއެކެވެ. އަދި އެ މީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.
8
އަދި ﷲ އާއި އާޚިރަތް ދުވަހަށް ތިމަންމެން އީމާންވެއްޖައިމޭ ބުނާ ބަޔަކު މީސްތަކުންގެ ތެރޭގައި ވެއެވެ. ނަމަވެސް އެ މީހުން (ހަގީގަތުގައި) އީމާނެއް ނުވެއެވެ.
9
(އެ މީހުން ހީކުރާ ގޮތުގައި) ﷲ އަށާއި އީމާންވެގެން ތިބި މީހުންނަށް އެ މީހުން އޮޅުވައިލަނީއެވެ. ނަމަވެސް އެ މީހުން އެ އޮޅުވައިލަނީ ހަމައެކަނި އެ މީހުންގެ އަމިއްލަ ނަފުސުތަކަށެވެ. ނަމަވެސް އެ މީހުންނަށް އެ ކަން ނޭނގެނީއެވެ.
10
އެ މީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއް ވެއެވެ. ފަހެ އެ މީހުންގެ މައްޗަށް އެ ބަލިމަޑުކަން ﷲ އިތުރު ކުރެއްވިއެވެ. އަދި އެ މީހުން ދޮގުހަދައި އުޅުނުކަމަށް ޓަކައިއެ މީހުންނަށް ވޭންދެނިވި އަޒާބުހުއްޓެވެ.
11
އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ އެ މީހުންނަށް ބުނެފިނަމަ، އެ މީހުންނަކީ ހަމައެކަނި އިސްލާހު ކުރަން އުޅޭ ބައެއްކަމުގައި އެ މީހުން ބުނެއެވެ.
12
ދަންނާށެވެ. ހަމަކަށަވަރުން އެ މީހުންނަކީ، ހަމަ ފަސާދަ ކުރާ މީހުންނެވެ. ނަމަވެސް އެ މީހުންނަށް އެ ކަން ނޭނގެނީއެވެ.
13
އަދި މީސްތަކުން އީމާންވި ފަދައިން ތިޔަބައިމީހުން އީމާންވާށޭ އެ މީހުންނަށް ބުނެފިނަމަ، މޮޔައިން އީމާންވި ފަދައިން އަހަރެމެން އީމާންވާންވީހެއްޔޭ އެ މީހުން ބުނެއެވެ. ދަންނާށެވެ. ހަމަކަށަވަރުން މޮޔައިންނަކީ ހަމަ އެ މީހުންނެވެ. ނަމަވެސް އެ މީހުންނަށް އެ ކަން ނޭނގެނީއެވެ.
14
އަދި އީމާންވީ މީހުންނާ އެ މީހުން ބައްދަލުވެއްޖެ ނަމަ، ތިމަންމެން މި ތިބީ އީމާންވެގެންނޭ އެ މީހުން ބުނެއެވެ. އަދި އެ މީހުންގެ ޝައިތާނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފުރުވެރިކަމުގައި އެ މީހުންގެ ތެރެއިން ކުރިއަށް ތިބިމީހުންނާ) އެ މީހުން އެއްތަންވެއްޖެ ނަމަ، އެ މީހުން ބުނެއުޅެނީ ތިމަންމެން ވަނީ ހަމަކަށަވަރުން ތިޔަބައިމީހުންނާ އެކުގައެވެ. ފުރައްސާރަ ކުރާ ބައެއްކަމުގައި މެނުވީ ތިމަންމެން ނުވަމެވެ.
15
އެ މީހުން ކުރި ފުރައްސާރައިގެ ޖަޒާ ﷲ އެ މީހުންނަށް ދެއްވާނެއެވެ. އަދި ދެފުށުއެޅޭ ހާލުގައި، އެ މީހުންގެ އުރެދުމުގައި އުޅުމަށް އެ މީހުންނަށް މުއްދަތު ދިގު ކުރައްވާނެއެވެ.
16
އެ މީހުންނީ ހިދާޔަތުގެ ބަދަލުގައި މަގުފުރެދުން ގަތް މީސްތަކުންނެވެ. ފަހެ އެ މީހުންގެ އެ ވިޔަފާރިއަކުން، އެ މީހުންނަކަށް ފައިދާއެއް ނުވިއެވެ. އަދި އެ މީހުންނަކީ ތެދުމަގު ލިބިގެންވާ ބަޔެއް ކަމުގައިވެސް ނުވެއެވެ.
17
އެ މީހުންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެން ތިބި ބަޔެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑުން، އެ މީހުންގެ ވަށައިގެންވާ ތަނަށް އަލިކޮށްލި ހިނދު، ﷲ އެ މީހުންގެ (އެ އަލިފާންގަނޑުގެ) އަލިކަން ގެންދަވައި އެ މީހުންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިގަނޑުތަކެއްގެ ތެރެއަށް އެ މީހުން ދޫކުރެއްވީއެވެ.
18
(އެ މީހުންނީ) ބީރު، މަންމަން، ކަނު ބަޔެކެވެ. ފަހެ އެ މީހުން (ހައްގުގެ މަގަކަށް) ރުޖޫއައެއް ނުވާނެއެވެ.
19
ނުވަތަ އެ މީހުންގެ މިސާލަކީ، އެ ވިލާގަނޑެއްގައި އަނދިރިތަކަމާއި ގުގުރުމާއި ވިދުން (އެކުލެވިފައި) ވާގޮތުގައި އުޑުމަތީގައިވާ ވާރޭވިލާގަނޑެއްގެ މިސާލެވެ. ހޮނުގެ ސަބަބުން މަރުވެދާނެކަމަށް ބިރުން، އެ މީހުންގެ ކަންފަތްތަކުގައި އިނގިލިތައް އަޅައެވެ. އަދި ﷲ އީ، ކާފިރުންގެ ހުރިހާ ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ އިލާހެވެ.
20
އެ ވިދުން، އެ މީހުންގެ ލޯތަކުގެ ފެނުން ޖަހައިގަނެގެން އަތުލާފާނެ ކަހަލައެވެ. އެ ވިދުން އެ މީހުންނަށް އަލިކޮށްލި ކޮންމެހިނދަކު އެ އަލީގައި އެ މީހުން ހިނގައިގަނެއެވެ. އަދި އެ މީހުންނަށް އަނދިރި އަޅާލައިފިނަމަ، ހުއްޓުން އަރާފައި ތިބެއެވެ. ﷲ އިރާދަކުރައްވާފި ނަމަ، އެ މީހުންގެ ކަންފަތްތަކުގެ އިވުމާއި، ލޯތަކުގެ ފެނުން ގެންދަވައިފީހެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެކަމަކަށް ވެސް ކުޅަދުންވަންތަ އިލާހެވެ.
21
އޭ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ރައްބަށް އަޅުކަން ކުރާށެވެ. އެ އިލާހީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރައްބެވެ. އެއީ ތިޔަބައިމީހުން ތަގުވާވެރިވޭތޯއެވެ.
22
އެ އިލާހީ، ތިޔަބައިމީހުންނަށް ޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއް ކަމުގައި އުޑު ލައްވައި، އަދި އުޑުން ފެން ވެއްސަވައި، ދެން އެއިން ތިޔަބައިމީހުންނަށް ރިޒްގެއް ކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި އިލާހެވެ. ފަހެ (އެ އިލާހުގެ ޚާލިގުވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، ﷲ އާ ޝަރީކުންތަކެއް ތިޔަބައިމީހުން ނުލާށެވެ.
23
ތިމަން އިލާހުގެ އަޅާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިމަން އިލާހު ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: ގުރްއާނާމެދު) ތިޔަބައިމީހުން ޝައްކުކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، ﷲ ފިޔަވާ ތިޔަބައިމީހުންނަށް ނަސްރު ދޭނޭ އެހީތެރިން (ތިބިނަމަ، އެ މީހުން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!
24
ފަހެ ތިޔަބައިމީހުންނަށް އެ ކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެ ކަންތަކެއް ނުމެ ކުރެވޭނެއެވެ. - (އެ ކަން ނުކުރެވުނުނަމަ) ފަހެ ތިޔަބައިމީހުން ނަރަކައަށް ބިރުވެތިވެ، ރައްކާތެރިވާށެވެ. އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރުކުރައްވާފައިވަނީ، ކާފިރުންނަށް ޓަކައެވެ.
25
އަދި އީމާންވެ ސާލިހު އަމަލުތައް ކުރި މީހުންނަށް ޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު އެ މީހުންނަށް ދެއްވާށެވެ. އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެތެވެ. އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެ މީހުންނަށް ލިބޭ ކޮންމެ ފަހަރަކު، އެ މީހުން ބުނާނެއެވެ. މިއީ ކުރިންވެސް އަހަރެމެންނަށް ލިބުނު މޭވާއެވެ. އެ މީހުންނަށް އެފަދަ މޭވާ ދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ ހާލުގައެވެ. އަދި އެ ސުވަރުގެތަކުގައި އެ މީހުންނަށް ޓަކައި ތާހިރު ވެގެންވާ އަނބިންތަކެއް ވެއެވެ. އަދި އެ މީހުންނީ، އެ ސުވަރުގެތަކުގައި ދެމިތިބޭނޭ ބަޔެކެވެ.
26
ހަމަކަށަވަރުން މަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް ﷲ ލަދުވެތިވެވޮޑިގެނެއް ނުވެއެވެ. ފަހެ އީމާންވި މީހުން، އެ މިސާލަކީ، އެ މީހުންގެ ރައްބުގެ ހަޒްރަތުން ހައްގު ގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ. އަދި ކާފިރުވި މީހުން ބުނެއެވެ. ތިޔަ މިސާލުން، ﷲ އިރާދަ ކުރެއްވީ ކޮންކަމެއް ބާވައެވެ؟ އެ މިސާލުން، އެ އިލާހު ގިނަބަޔަކު މަގުފުރައްދަވައެވެ. އަދި ހަމަ އެ މިސާލުން، އެ އިލާހު ގިނަބަޔަކަށް ތެދުމަގު ދައްކަވައެވެ. ފާސިގުން މެނުވީ، އެއިން އެ އިލާހު މަގެއް ނުފުރައްދަވައެވެ.
27
އެ މީހުންނީ، ﷲ އަށް އަހުދު ކަށަވަރުކޮށް ގަދަކުރުމަށް ފަހު އެ އިލާހުގެ އަހުދު އުވައިލާ މީހުންނެވެ. އަދި އެ މީހުންނީ، ގުޅުވައި ދެމެހެއްޓުމަށް ﷲ އަމުރުކުރެއްވި ކަންތައްތައް ކަނޑާލައި، ބިމުގައި ފަސާދަ އުފައްދާ މީހުންނެވެ. ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެ މީހުންނެވެ.
28
ތިޔަބައިމީހުން ﷲ އަށް ކާފިރު ވެގަންނަނީ، ކޮންގޮތަކުންހެއްޔެވެ؟ ތިޔަބައިމީހުން މަރުވެފައިވާ ބަޔެއްގެ ގޮތުގައި ތިއްބާ، ފަހެ އެ އިލާހު ތިޔަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށް ފަހު، އެ އިލާހު ތިޔަބައިމީހުންގެ (އަޖަލު ހަމަވުމުން) މަރުގަންނަވާނެއެވެ. ދެން (ގިޔާމަތް ދުވަހުން) ތިޔަބައިމީހުން ދިރުއްވާނެއެވެ. ދެން އެ އިލާހުގެ ހަޒްރަތަށް ތިޔަބައިމީހުން ރުޖޫއަ ކުރައްވާނެއެވެ.
29
އެ އިލާހީ ތިޔަބައިމީހުންނަށް ޓަކައި ބިމުގައިވާ އެންމެހާ ތަކެތި ހެއްދެވި އިލާހެވެ. ދެން އެ އިލާހު އުޑުގެ މައްޗަށް އިސްތަވާވެ އަރައިވޮޑިގެންނެވިއެވެ. އަދި އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެ އިލާހީ ކޮންމެ ކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
30
ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބު ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަހީކުރެއްވި ހިނދު ހަނދުމަ ކުރައްވާށެވެ. އެ ބޭކަލުން (އެ ހިނދު) ދެންނެވިއެވެ: އަޅަމެން އިބަ އިލާހުގެ ހަމްދާއެކު ތަސްބީހަ ކިޔައި، އިބަ އިލާހަށް ތަގްދީސް ކޮށްކޮށް ތިއްބާ، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަ އިލާހު އެ ބިމުގައި ލައްވަނީތޯއެވެ؟ އެ އިލާހު ވަހީކުރެއްވިއެވެ: ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަން އިލާހު ދެނެވޮޑިގެންވަމެވެ.
31
އަދި އާދަމުގެފާނަށް ހުރިހާ ތަކެތީގެ ނަންތައް އެ އިލާހު އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނުތަކެއްޗާއި އެ ތަކެތީގެ ހަގީގަތްތަކެވެ.) ދެން، އެ އިލާހު އެ ތަކެތި މަލާއިކަތުންނަށް ހުށަހަޅުއްވައި، ވަހީކުރެއްވިއެވެ: ތިޔަބައިމީހުން (ތިޔަކުރާ ދައުވާގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަން އިލާހަށް ނިކަން ޚަބަރު ދީބަލާށެވެ!
32
އެ މަލާއިކަތުން ދެންނެވިއެވެ: އިބަ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އިބަ އިލާހު އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަ އިލާހީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.
33
އެ އިލާހު ވަހީކުރެއްވިއެވެ: އޭ އާދަމުގެފާނެވެ. ކަލޭގެފާނު، އެ މަލާއިކަތުންނަށް އެ ތަކެތީގެ ނަންތަކުން ޚަބަރު ދެއްވާށެވެ. ދެން އެކަލޭގެފާނު، އެ މަލާއިކަތުންނަށް އެ ތަކެތީގެ ނަންތަކުން ޚަބަރު ދެއްވިހިނދު، އެ އިލާހު ވަހީކުރެއްވިއެވެ: ހަމަކަށަވަރުން ތިމަން އިލާހު އުޑުތަކާއި ބިމުގެ ޣައިބު ދެނެވޮޑިގެންވަމޭ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިޔަބައިމީހުންނަށް ވަހީ ނުކުރައްވަންހެއްޔެވެ؟
34
އަދި އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށޭ، ތިމަން އިލާހު މަލާއިކަތުންނަށް ވަހީކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ. ފަހެ އިބްލީސް ފިޔަވާ، މަލާއިކަތުން ސަޖިދަކުރެއްވިއެވެ. އެ ކަލޭގެ ދެކޮޅުހަދާ ކިބުރުވެރިވިއެވެ. އަދި އެކަލޭގެވީ، ކާފިރުންގެ ތެރެއިންނެވެ.
35
އަދި ތިމަން އިލާހު ވަހީ ކުރެއްވީމެވެ. އޭ އާދަމުގެފާނެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެ، އުޅުއްވާށެވެ. އަދި ތަނަވަސްކަމާއި ފަހިކަމާއެކު، ތިޔަ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް އެ ތަނުން ފަރިއްކުޅުއްވާށެވެ. އަދި ތިޔަ ދެކަނބަލުން މިހިރަ ގަހާ ކައިރިވެވަޑައި ނުގަންނަވާށެވެ. އޭރުން (އެބަހީ: އެގަހާ ކައިރިވެވަޑައިގެންފިނަމަ) ތިޔަ ދެކަނބަލުންވާހުށީ، އަނިޔާވެރިވާ މީހުންގެ ތެރެއިންނެވެ.
36
ފަހެ ޝައިތާނާ އެ ގަސް މެދުވެރިކޮށް، އެ ދެކަނބަލުން ކުށުގައި އަޅުވައި، ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި ނިއުމަތްތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަން އިލާހު ވަހީ ކުރެއްވީމެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއް ބަޔަކާ އަދާވާތްތެރިން ކަމުގައިވާ ހާލު، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށް ޓަކައި، ގަރާރުވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.
37
ފަހެ އާދަމުގެފާނު، އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ކަލިމަފުޅުތަކެއް ބާވައިލައްވައި (އެ ކަލިމަފުޅުތައް ވިދާޅުވެ، ތައުބާ ވެވަޑައިގަތުމުން) ފަހެ އެ އިލާހު އެކަލޭގެފާނުގެ މައްޗަށް ތައުބާ ލައްވައިފިއެވެ. ހަމަކަށަވަރުން އެ އިލާހީ އައްތައްވާބް، އައްރަޙީމެވެ.
38
ތިމަން އިލާހު (އާދަމުގެފާނުގެ ދެކަނބަލުންނާއި އިބްލީސަށް) ވަހީ ކުރެއްވީމެވެ. ތިޔަބައިމީހުން އެންމެން އެ ސުވަރުގެއިން (ބިމަށް) ފައިބާށެވެ! ފަހެ ތިޔަބައިމީހުންގެ ގާތަށް، ތިމަން އިލާހުގެ ހަޒްރަތުން ތެދުމަގު އަތުވެއްޖެހިނދަކު، ތިމަން އިލާހުގެ ތެދުމަގާ ތަބާ ވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެ މީހުންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
39
އަދި ކާފިރުވެ ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރި މީހުންނީ، ނަރަކަވަންތަ ވެރިންނެވެ. އެ މީހުންނީ، އެ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ.
40
އޭ އިސްރާއީލުގެ ދަރިންނޭވެ. ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ތިޔަބައިމީހުން ހަނދާން ކުރާށެވެ. އަދި ތިމަން އިލާހުގެ އަހުދު ތިޔަބައިމީހުން ފުއްދާށެވެ. އޭރުން ތިމަން އިލާހު ތިޔަބައިމީހުންގެ އަހުދު ފުއްދަވާހުށީމެވެ. އަދި ހަމައެކަނި ތިމަން އިލާހަށް ތިޔަބައިމީހުން ބިރުވެތިވާށެވެ.
41
އަދި ތިޔަބައިމީހުންނާ އެކުގައިވާ ފޮތް (އެބަހީ: ތައުރާތު) ތެދުކުރަނިވި ގޮތުގައިވާ، ތިމަން އިލާހު ބާވައިލެއްވި ފޮތަށް (އެބަހީ: ގުރްއާނަށް) ތިޔަބައިމީހުން އީމާން ވާށެވެ. އަދި އެފޮތަށް އެންމެ ފުރަތަމައިން ކާފިރުވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ. އަދި ތިމަން އިލާހުގެ އާޔަތްތަކަށް، ކުޑައަގެއް ތިޔަބައިމީހުން ނުގަންނާށެވެ! (އެބަހީ: ދުންޔަވީ އުފާތަކުގެ ތެރެއިން ތިމަން އިލާހު ހަރާމްކުރެއްވި ކަންތައްތައްފަދަ އެއްޗަކަށް ނުވާކަހަލަ އެއްޗަކަށްޓަކައި، ތިމަން އިލާހު އަންގަވާފައިވާ އެންގެވުންތަކަށް ފުރަގަސްނުދޭށެވެ!) އަދި ހަމައެކަނި ތިމަން އިލާހަށް ތަގުވާވެރިވާށެވެ.
42
އަދި ތިޔަބައިމީހުން ހައްގާއި ބާތިލު އޮޅުވައިނުލާށެވެ! އަދި ތިޔަބައިމީހުން ދެނެތިބި ހާލުގައި ހައްގު ވަންހަނާ ނުކުރާށެވެ!
43
އަދި ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! އަދި ރުކޫކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ރުކޫކުރާށެވެ!
44
ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ހާލުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރަނީހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟
45
އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)
46
އެ މީހުންނީ، އެ މީހުންގެ ރައްބާ ބައްދަލުވާނޭ ބަޔަކުކަމާއި، އެ އިލާހުގެ ހަޒްރަތަށް އެނބުރި ރުޖޫއަ ވަނިވި ބަޔަކުކަން ކަށަވަރުކޮށް ޔަގީންކުރާ މީހުންނެވެ.
47
އޭ އިސްރާއީލުގެ ދަރިންނެވެ. ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވި ނިއުމަތާއި، އަދި ހަމަކަށަވަރުން (އެ ދުވަސްވަރުގެ) އާލަމްތަކުގެ މައްޗަށް ތިމަން އިލާހު ތިޔަބައިމީހުން މާތް ކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ.
48
އެ ދުވަހަކުން އެއްވެސް ނަފްސަކަށް އެއްވެސް ނަފްސެއްގެ ކިބައިން ކަމެއް ފުއްދައިނުދެވޭނޭ، އަދި އެކެއްގެ ކިބައިން އަނެކެއްގެ ޝަފާއަތް ގަބޫލު ނުކުރައްވާނޭ، އަދި އެކެއްގެ ކިބައިން ފިދުޔެއްވެސް ނުހިއްޕަވާނޭ، އަދި އެ މީހުންނަށް އެއްވެސް ފަރާތަކުން ނަސްރެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ، ރައްކާތެރިވާށެވެ.
49
އަދި ފިރްޢައުނުގެ މީހުންގެ ކިބައިން ތިމަން އިލާހު ތިޔަބައިމީހުން ސަލާމަތް ކުރެއްވި ހިނދު ހަނދުމަކުރާށެވެ. އެ މީހުން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ އަޒާބުގެ ރަހަ ދައްކަމުން ގެންދިޔައެވެ. އެ މީހުން ތިޔަބައިމީހުންގެ ފިރިހެން ދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންވެރިން (ނުމަރައި ޚިދުމަތްކުރަން) ބައިތިއްބިއެވެ. އެ ކަންތައްތަކުގައި، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ބޮޑުވެގެންވާ އިމްތިހާނެއް ތިޔަބައިމީހުންނަށް ވިއެވެ.
50
އަދި ތިޔަބައިމީހުންނަށް، ތިމަން އިލާހު ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ ތިމަން އިލާހު، ތިޔަބައިމީހުން (ޣަރަގުން) ސަލާމަތް ކުރައްވާ، ތިޔަބައިމީހުން ބަލަބަލައިތިއްބާ، ފިރްޢައުނުގެ މީހުން ޣަރަގުކުރެއްވީމެވެ.
51
އަދި މޫސާގެފާނަށް، ތިމަން އިލާހު ސާޅީސް ރޭގެ މީޢާދެއް ކަނޑައެޅުއްވިހިނދު، ހަނދުމަކުރާށެވެ! ދެން އެއަށް ފަހު (ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް) ތިޔަބައިމީހުން އަނިޔާވެރިވާ ހާލުގައި ގެރިއަކީ އިލާހަކު ކަމުގައި ހަދާގެން އުޅުނީމުއެވެ.
52
ދެން އެ ކަންތަކަށް ފަހުގައި (އެ ކަމުގެ ކުށް) ތިޔަބައިމީހުންގެ ކިބައިން ތިމަން އިލާހު އަފޫކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
53
އަދި ތިމަން އިލާހު މޫސާގެފާނަށް ފޮތާއި ފުރްގާން (އެބަހީ: ތައުރާތާއި، ހައްގާއި ބާތިލު ވަކިކުރާނެ ގޮތް) ދެއްވި ހިނދު (ހަނދުމަކުރާށެވެ. އެއީ) ތިޔަބައިމީހުންނަށް ހިދާޔަތް ލިބޭތޯއެވެ.
54
އަދި މޫސާގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވި ހިނދު (ހަނދުމަކުރާށެވެ!) އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން، ގެރިއަކީ އިލާހަކު ކަމުގައި ހެދުމުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. ފަހެ ތިޔަބައިމީހުން އުފެއްދެވި އިލާހަށް ތައުބާ ވާށެވެ. އަދި ތިޔަބައިމީހުންގެ ނަފްސުތައް ގަތުލުކުރާށެވެ! ތިޔަބައިމީހުން އުފެއްދެވި އިލާހުގެ ހަޒްރަތުގައި، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ދެން އެ އިލާހު ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލެއްވިއެވެ. ހަމަކަށަވަރުން އެ އިލާހީ އައްތައްވާބް، އައްރަޙީމެވެ.
55
އަދި އޭ މޫސާގެފާނެވެ. ފާޅުގައި އަހަރެމެން ﷲ ދެކެފުމަށްދާންދެން އަހަރެމެން ކަލޭގެފާނަކަށް އީމާނެއް ނުވާނޫއޭ ތިޔަބައިމީހުން ދެންނެވި ހިނދު، ހަނދުމަކުރާށެވެ! ދެން ތިޔަބައިމީހުން ބަލަބަލައިތިއްބާ، ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ.
56
ދެން ތިޔަބައިމީހުން މަރުވުމަށް ފަހު، ތިމަން އިލާހު ތިޔަބައިމީހުން އަލުން ދިރުއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
57
އަދި ތިމަން އިލާހު ތިޔަބައިމީހުންގެ މައްޗަށް އެ ވިލާގަނޑުން ހިޔާ އެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މައްނާއި ސަލްވާ ބާވައިލެއްވީމެވެ. ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވި ހަލާލު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށޭ އެންގެވީމެވެ. އެ މީހުން އެ ނިއުމަތަށް ކާފިރުވެ، އުރެދުމަކުން އެ މީހުންނަކަށް ތިމަން އިލާހަކަށް އަނިޔާއެއް ނުކުރެވުނެވެ. އެހެނެއްކަމަކު، އެ މީހުން އަނިޔާކުރާ ކަމުގައިވީ، ހަމައެކަނި އެ މީހުންގެ އަމިއްލަ ނަފްސުތަކަށެވެ. (ނޯޓު: މައްނަކީ ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި ފިނިފައިބާގޮތަށް ފައިބާ އެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި މުފައްސިރުން ވިދާޅުވާ ގޮތުގައި، އެއީ ގަނޑުފެނާ އެއްފަދަ، މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. ސަލްވާއަކީ، ބާވަތެއްގެ ދޫންޏެކެވެ.)
58
އަދި ތިޔަބައިމީހުން މިއޮތް ރަށަށް ވަންނާށޭ ތިމަން އިލާހު ވަހީކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ފަހެ ތަނަވަސްކަމާއެކުގައި ތިޔަބައިމީހުން އެދޭ ފަދައަކުން އެރަށުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ސަޖިދަކުރާ ހާލު (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ ހާލު އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި އަފޫކުރެއްވުމޭ ދަންނަވާށެވެ. އޭރުން ތިމަން އިލާހު ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. އަދި އިހްސާންތެރިންނަށް ތިމަން އިލާހު (ހެޔޮކަން) އިތުރުކުރައްވާހުށީމެވެ.
59
ދެން (އޭގެ ތެރެއިން) އަނިޔާވެރިވި މީހުން، އެ މީހުންނަށް ކިޔާށޭ އެންގެވި ބަސް އެނޫން ބަހަކަށް ބަދަލުކޮށްފިއެވެ. ދެން އެ އަނިޔާވެރިވި މީހުންގެ މައްޗަށް، އެ މީހުން ފާސިގުވި ކަމުގެ ސަބަބުން، އުޑުން އަޒާބެއް ތިމަން އިލާހު ބާވައިލެއްވީމެވެ.
60
މޫސާގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ޓަކައި ފެނަށް އެދިވަޑައިގެން ދުއާކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ފަހެ (އެ ހިނދު މޫސާގެފާނަށް) ތިމަން އިލާހު ވަހީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން، ކަލޭގެފާނު އެ ހިލައިގައި ޖައްސަވާށެވެ. ދެން (އެކަލޭގެފާނު އެހިލައިގައި ޖެއްސެވިހިނދު) އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ. (އަދި ތިމަން އިލާހު އެންގެވީމެވެ.) ތިޔަބައިމީހުން، ﷲ ދެއްވި ރިޒްގުން ކައިބޮއި އުޅޭށެވެ! އަދި ފާސިދުން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާށެވެ!
61
އަދި ތިޔަބައިމީހުން (މިފަދައިން) ދެންނެވި ހިނދު، ހަނދުމަކުރާށެވެ! އޭ މޫސާގެފާނެވެ. އެއްބާވަތެއްގެ ކާނާއެއްގެ މައްޗަކަށް ތިމަންމެންނަކަށް ކެތެއް ނުކުރެވޭނެއެވެ. ފަހެ ބިމުން ފަޅާ ގަސްގަހާގެހީގެ ތެރެއިން އޮށްޓަރުގެ ބާވަތްތަކާއި، ގިއްޘާ (އެބަހީ: ކެކުރި ވައްތަރުގެ ތަރުކާރީއެއް) އާއި، ލޮނުމެދާއި، މުގާއި، ފިޔާ، ތިމަންމެންނަށް ޓަކައި ނެރުއްވައި ދެއްވުމަށް ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ދުއާ ކޮށްދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން މޮޅު ތަކެތީގެ ބަދަލުގައި ދެރަތަކެއްޗަށް އެދެނީހެއްޔެވެ؟ (އެ ގޮތް އެދެނީނަމަ) ތިޔަބައިމީހުން ބޮޑު ރަށަކަށް ފައިބާށެވެ! އޭރުން، ހަމަކަށަވަރުން ތިޔަބައިމީހުން އެދުނު ތަކެތި ލިބޭހުއްޓެވެ. ދެރަކަމާއި ނިކަމެތިކަން އެ މީހުންނަށް ޖެހުނެވެ. އަދި ﷲ ގެ ކޯފާ އެ މީހުންގެމައްޗަށް ހައްގުވެ، އެ ކޯފާއާއިގެން އެ މީހުން އެނބުރިއައެވެ. އެއީ، ހަމަކަށަވަރުން އެ މީހުން ﷲ ގެ އާޔަތްތަކަށް ކާފިރުވެ، ހައްގަކާ ނުލާ ނަބީބޭކަލުން ގަތުލުކުރާ ބަޔަކު ކަމުގައިވީތީއެވެ. އެއީ، އެ މީހުން އުރެދިގަނެ، އެކަމުގައި ހައްދުފަހަނަޅައި ދާކަމުގައި އެ މީހުން ވިކަމަށް ޓަކައެވެ.
62
ހަމަކަށަވަރުން އީމާންވެއްޖެ މީސްތަކުންނާއި، ޔަހޫދީން ކަމުގައިވި މީހުންނާއި، ނަސާރާއިންނާއި، ޞާބިއުންނާއި (މިއެންމެންގެ ތެރެއިންވެސް) ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެ، ސާލިހު އަމަލުކުރި މީހުންގެ ރައްބުގެ ހަޒްރަތުގައި، އެ މީހުންގެ ދަރުމަ، އެ މީހުންނަށް ހުއްޓެވެ. އަދި އެ މީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެ މީހުންނީ، ހިތާމަކުރާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. (ނޯޓު: ޞާބިއުންނަކީ ދީނެއްނެތް މީހުން ކަމަށާއި، ތަރިތަކަށާއި، މަލާއިކަތުންނަށް އަޅުކަންކުރާ މީހުން ކަމަށް ބުނެވެއެވެ.)
63
ތިމަން އިލާހު ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ އަހުދު ހިއްޕަވައި، ތިޔަބައިމީހުންގެ (ބޮލާދިމާ) މައްޗަށް ޠޫރު ފަރުބަދަ އުފުއްލެވި ހިނދު، ހަނދުމަކުރާށެވެ! (އެ ހިނދު ތިމަން އިލާހު ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަން އިލާހު ދެއްވި އެއްޗެއްގައި (އެބަހީ: ތިމަން އިލާހުގެ ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި އެފޮތުގައިވާ ގޮތް ތިޔަބައިމީހުން ހަނދުމަ ކުރާށެވެ! (އެއީ) ތިޔަބައިމީހުން ތަގުވާވެރިވޭތޯއެވެ.
64
ދެން އޭގެފަހުން ތިޔަބައިމީހުން (އެ އަހުދަށް) ފުރަގަސްދީ، އެނބުރި ހިނގައްޖައީމުއެވެ. ފަހެ ﷲ ގެ ފަޟްލުވަންތަކަމާއި، އެ އިލާހުގެ ރަހުމަތްވަންތަކަން، ތިޔަބައިމީހުންގެމައްޗަށް ނުވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވީސްކަން ކަށަވަރެވެ.
65
އަދި ތިޔަބައިމީހުންގެ ތެރެއިން، ހޮނިހިރުދުވަހާމެދު (ދެކޮޅުވެރިވެ، ނުކިޔަމަންތެރިވުމުގައި) ހައްދުފަހަނަޅައިދިޔަ މީހުންގެ ވާހަކަ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ. ފަހެ ތިމަން އިލާހު، އެ މީހުންނަށް އެންގެވީމެވެ. ތިޔަބައިމީހުން ދެރަވެ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ.
66
ފަހެ އެ ކަންތަކުގެ ކުރިމަތީގައިވާ މީހުންނަށާއި، އޭގެފަހުން އަންނާނޭ މީހުންނަށް ވަރުގަދަ އިބްރަތެއް ކަމުގައްޔާއި، ތަގުވާވެރިންނަށް ފުރިހަމަ ނަސޭހަތެއް ކަމުގައި ތިމަން އިލާހު އެ ކަންތައް ލެއްވީމެވެ.
67
އަދި މޫސާގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވި ހިނދު، (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ގެރިއެއް ކަތިލުމަށް ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ. އެ މީހުން ދެންނެވިއެވެ: ފުރައްސާރަކުރެވޭ ބަޔަކު ކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ: (އެފަދަ ކަންތައްކުރާ) ޖާހިލުންގެ ތެރެއިން، (ވެވަޑައިނުގަތުންއެދި) ތިމަންކަލޭގެފާނު ﷲ ގެ ހަޒްރަތުން ރައްކާތެރިކަން ލިބިވަޑައިގަންނަވަމެވެ.
68
އެ މީހުން ދެންނެވިއެވެ: އެއީ ކޮންކަހަލަ ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ދަންނަވައިދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން އެ އިލާހު ވަހީ ކުރައްވާ އަންގަވައެވެ. ހަމަކަށަވަރުން އެއީ، ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ. ޅަގެރިއެއްވެސް ނޫނެވެ. އެ ދެމެދުގެ ގެރިއެކެވެ. ފަހެ ތިޔަބައިމީހުންނަށް އަމުރުކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ!
69
އެ މީހުން ދެންނެވިއެވެ: އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ދަންނަވައިދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން އެ އިލާހު ވަހީ ކުރައްވާ އަންގަވައެވެ. އެއީ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ.
70
އެ މީހުން ދެންނެވިއެވެ: އެއީ ކޮން ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވުމަށް، ކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ދަންނަވައިދެއްވާށެވެ. ހަމަކަށަވަރުން (އެއްވައްތަރު ގެރިތަކާހެދި) އެ ގެރި އަޅުގަނޑުމެންނަށް އޮޅިއްޖެއެވެ. އަދި ޔަގީނުންވެސް ތިމަންމެން ވާނީ، އިން ޝާއަ ﷲ، (ތިކަމަށް) ތެދުމަގު ދެއްކެވޭނެ ބަޔެއްކަން ކަށަވަރެވެ.
71
އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން އެ އިލާހު ވަހީ ކުރައްވާ އަންގަވައެވެ. ހަމަކަށަވަރުން އެއީ، ދަނޑުބިމުގެ ފަސްގަނޑުޖަހާ ނިކަމެތި ގެރިއެއް ނޫނެވެ. އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ. (އައިބުތަކުން) ސަލާމަތް ވެގެންވާ، އޭގައި އެއްވެސް ލަފެއްނެތް ގެރިއެކެވެ. އެ މީހުން ދެންނެވިއެވެ: މިހާރު ކަލޭގެފާނު އޮޅުމެއްނެތް ސާފުބަޔާން ގެނެސްދެއްވާފީމުއެވެ. ދެން އެ މީހުން އެ ގެރި ކަތިލައިފިއެވެ. އެ މީހުން ތިބީ، އެ ކަން ކުރާހިތަކުން ނޫނެވެ.
72
ތިޔަބައިމީހުން މީހަކު މަރާލާފައި، އެ މަރާމެދު ދެބަސްވެ ޚިލާފު ވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން ވަންހަނާކޮށްއުޅުނު ކަންތައް، ﷲ ހާމަ ކުރައްވާ، ނެރުއްވާހުއްޓެވެ.
73
ދެން ތިމަން އިލާހު ވަހީ ކުރެއްވީމެވެ. އޭގެ (އެބަހީ: އެ ކަތިލި ގެރީގެ) އެތިކޮޅަކުން، އެ (މަރުވެފައިވާ) މީހާގެ ގައިގައި ތިޔަބައިމީހުން ޖަހާށެވެ! (ދެން އެ މީހުން ޖެހި ހިނދު، އެ މީހާ އަލުން ދިރިއްޖެއެވެ.) މަރުވެފައިވާ ތަކެތި، ﷲ އަލުން ދިރުއްވަނީ އެފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދައްކަވަނީވެސް، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަނެވޭތޯއެވެ.
74
ދެން އެއަށް ފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ. (އެހެނީ) ހަމަކަށަވަރުން އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިންވެއެވެ. އަދި ހަމަކަށަވަރުން ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެ ތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެ ތެރެއިން ވެއެވެ. ތިޔަބައިމީހުން ކުރާ އަމަލުތަކާމެދު ޣާފިލު ވެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ނުވެއެވެ.
75
ފަހެ ތިޔަބައިމީހުންނަށް (އެބަހީ: ރަސޫލާ އާއި މުއުމިނުންގެ ގޮވާލުމަށް) އެ މީހުން (އިޖާބަދީ) އީމާން ވުމަށް، ތިޔަބައިމީހުން އުއްމީދު ކުރަނީހެއްޔެވެ؟ ﷲ ގެ ބަސްފުޅު އަހައި، އެ މީހުން އެ ބަސްފުޅު ވިސްނައި ދެނެގަތުމަށް ފަހު، އެ މީހުން ދެނެތިބެ، ދެން އެ ބަސްފުޅު ބަދަލުކުރާ ބަޔަކު އެ މީހުންގެ ތެރެއިން ވާކަން ކަށަވަރެވެ.
76
އަދި އީމާންވި މީހުންނާ އެ މީހުން ބައްދަލުވެއްޖެނަމަ، އެ މީހުން ބުނެއުޅެނީ، ތިމަންމެން މި ތިބީ އީމާން ވެގެންނެވެ. އަދި އެ މީހުންގެ އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، އެއްތަންވެއްޖެނަމަ، އެ މީހުން ބުނެއެވެ. (ތައުރާތުގައި) ﷲ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާ އަންގަވާފައިވާ އެންގެވުންތަކުގެ ވާހަކަ އެ މީހުންނަށް (އެބަހީ: މުސްލިމުންނަށް) ތިޔަބައިމީހުން ކިޔައިދެނީހެއްޔެވެ؟ (އޭރުން) ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުގައި އެއިން ތިޔަބައިމީހުންގެ މައްޗަށް އެ މީހުން (އެބަހީ: މުސްލިމުން) ހުއްޖަތް ދައްކައިފާނެތެވެ. ފަހެ ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟
77
އެ މީހުން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހާ ކަންތައް، ﷲ ދެނެވޮޑިގެންވާކަން، އެ މީހުން ނުދަންނަނީހެއްޔެވެ؟
78
އަދި އެ މީހުންގެ ތެރޭގައި ލިޔާންކިޔާން ނުދަންނަ މީހުންވެސްވެއެވެ. ފޮތުންވެސް، މުސްތަހީލު އުއްމީދުތަކެއްނޫނީ އެ މީހުންނަކަށް ނުފެނެއެވެ. އަދި ހީތަކެއް ކުރާކަމުގައިނޫނީ، އެ މީހުން ނުވެއެވެ.
79
ފަހެ އެ މީހުންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ ﷲ ގެ ހަޒްރަތުން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކުހުއްޓެވެ. (އެ މީހުން އެ ކަންކުރަނީ) ކުޑައަގެއް އެއަށް ގަތުމަށް ޓަކައެވެ. ފަހެ އެ މީހުންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން، އެ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އަދި އެ މީހުން ހޯދައިގަންނަ ތަކެތިންވެސް، އެ މީހުންނަށް ގެއްލުމާއި ހަލާކުހުއްޓެވެ.
80
އަދި އެ މީހުން ބުންޏެވެ. އަދަދު ކުރެވިގެންވާ (އެބަހީ: މަދު) ދުވަސްކޮޅެއްގައި މެނުވީ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ގެ ހަޒްރަތުން (އެ ކަމަށް) އަހުދެއް ހިފާފައި އޮތީހެއްޔެވެ؟ އެހެންކަމަށް ވަނީނަމަ، ﷲ އެ އިލާހުގެ އަހުދުފުޅަކާ ޚިލާފު ވެވޮޑިއެއް ނުގަންނަވާނެއެވެ. ނޫންނަމަ، ތިޔަބައިމީހުންނަށް އެނގިގެން ނުވާ އެއްޗެއް، ﷲ އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟
81
އެހެންނަކުންނޫނެވެ. ފާފަކޮށް، އެ މީހެއްގެ ކުށް އެ މީހަކު ވަށާލައިފި މީހުންނީ (އެބަހީ: އެ މީހުންގެ ކުށްތަކުގެ ތެރެއަށް ގެނބިގެންފި މީހުންނީ) ނަރަކައިގެ އަހުލުވެރިންނެވެ. އެ މީހުންނީ، އެ ތާނގައި ދެމިތިބޭނޭ މީހުންނެވެ.
82
އަދި އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން، އެއީ ސުވަރުގޭގެ އަހުލުވެރިންނެވެ. އެ މީހުންނީ، އެ ތާނގައި ދެމިތިބޭނޭ މީހުންނެވެ.
83
އިސްރާއީލުގެ ދަރިންގެ ކިބައިން، ތިމަން އިލާހު ކަށަވަރުވެގެންވާ އަހުދު ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، ﷲ އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ ހާލު، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ (އަހުދު ފުއްދުމަށް) ފުރަގަސްދިނީއެވެ.
84
އަދި ތިމަން އިލާހު ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ އަހުދު ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އެއީ، ތިޔަބައިމީހުންގެ ލޭ ތިޔަބައިމީހުން ނުއޮހޮރުވުމަށެވެ. އަދި ތިޔަބައިމީހުންގެ ގޯތިގެދޮރުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ނުނެރުމަށެވެ. ދެން ތިޔަބައިމީހުން (އެ ކަމަށް) ހެކިވެ ތިބޭ ހާލު (އެ އަހުދަށް) އެއްބަސްވެ އިގްރާރު ވީމުއެވެ.
85
ދެން ހަމަ ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް މަރައި، އަދި ތިޔަބައިމީހުންގެ ބަޔަކު، އެ މީހުންގެ ގޯތިގެދޮރުން ނެރެލައި ތިޔަހަދަނީއެވެ. އެއީ، ފާފަވެރިކަމާއި އަދާވާތްތެރިކަމުގެ ގޮތުން އެ މީހުންގެ މައްޗަށް ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކާ ވާގިވެރިވެ، އެހީތެރިވާ ހާލުގައެވެ. އަދި އެ މީހުންގެ ތެރެއިން ހައްޔަރުވެވޭ މީހުން ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ، ތިޔަބައިމީހުން އެ މީހުންގެ ފިދުޔަ ދީ، އެ މީހުން ސަލާމަތްކުރެއެވެ. އަދި (އެ މީހުންގެ ގޯތިގެދޮރުން) އެ މީހުން ނެރެލުމީ، ތިޔަބައިމީހުންގެ މައްޗަށް ހަރާމް ވެގެންވާ ކަމެކެވެ. ފަހެ ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ، އަނެއް ބަޔަށް ކާފިރު ވަނީހެއްޔެވެ؟ ފަހެ ތިޔަބައިމީހުންގެ ތެރެއިން އެ ކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ ހަޔާތުގައި ދެރަކަމާއި ނިކަމެތިކަން ލިބުންކަމުގައި މެނުވީ ނުވެއެވެ. އަދި ގިޔާމަތް ދުވަހުން ގަދަފަދަ އަޒާބުގެ ތެރެއަށް އެ މީހުން ފޮނުއްވާހުއްޓެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންކުރާ އަމަލުތަކާމެދު ޣާފިލު ވެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ނުވެއެވެ.
86
އެ މީހުންނީ، އާޚިރަތުގެ ބާއްޖަވެރިކަމުގެ ބަދަލުގައި، ދުނިޔޭގެ ދިރިއުޅުން ހޯދައިގަތް މީހުންނެވެ. ފަހެ އެ މީހުންގެ ކިބަޔަކުން އަޒާބެއް ލުޔެއް ނުކުރައްވާހުއްޓެވެ. އަދި ނަސްރު ލިބޭނޭ ބަޔަކު ކަމުގައިވެސް، އެ މީހުން ނުވެއެވެ.
87
ހަމަކަށަވަރުން ތިމަން އިލާހު، މޫސާގެފާނަށް ފޮތް (އެބަހީ: ތައުރާތު) ދެއްވީމެވެ. އަދި އެކަލޭގެފާނަށް ފަހުގައި ވިދިވިދިގެން ރަސޫލު ބޭކަލުން ފޮނުއްވީމެވެ. އަދި މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނަށް ތިމަން އިލާހު ފާޅުވެގެންވާ މުއުޖިޒާތްތައް ދެއްވީމެވެ. އަދި ރޫޙުލް ގުދުސްގެ އެހީފުޅުން އެކަލޭގެފާނަށް ގަދަކަން ދެއްވީމެވެ. ފަހެ ތިޔަބައިމީހުންގެ ނަފްސުތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް ރަސޫލަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެ ކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީހެއްޔެވެ؟ ފަހެ ތިޔަބައިމީހުން އޭގެ ބަޔެއް ރަސޫލުން ދޮގުކުޅައީމުއެވެ. އަނެއްބައި ރަސޫލުން ގަތުލުކުޅައީމުއެވެ.
88
އެ މީހުން ބުނީ ތިމަންމެންގެ ހިތްތައްވަނީ އުރައެއްލެވި ބަންދުވެފައެވެ. އެހެނެއްނޫނެވެ. އެ މީހުންގެ ކާފިރުކަމުގެ ސަބަބުން، ﷲ އެ މީހުންނަށް ލައުނަތް ލެއްވީއެވެ. ފަހެ އެ މީހުން އީމާން ވަނީ ވަރަށް ވެސް ކުޑަކޮށެވެ.
89
އަދި އެ މީހުންނާ އެކުގައިވާ ފޮތްތައް (އެބަހީ: ތައުރާތާއި އިންޖީލު) ގަބޫލުކޮށް ތެދުކުރާގޮތުގައި ﷲ ގެ ހަޒްރަތުން އެ މީހުންނާ ހަމައަށް ފޮތެއް (އެބަހީ: ގުރްއާން) އައި ހިނދު (އެ ފޮތް އެ މީހުން ދޮގުކުރިއެވެ.) އޭގެ ކުރިން، އެ މީހުން، ކާފިރު ވެގަތް މީސްތަކުންގެ މައްޗަށް ނަސްރު އެދޭކަމުގައިވިއެވެ. ދެން އެ މީހުންނަށް އެނގިފައިވާ ހައްގު ގޮތް އެ މީހުންނާ ހަމައަށް އައި ހިނދު އެއަށް އެ މީހުން ކާފިރުވިއެވެ. ފަހެ ކާފިރުންގެ މައްޗަށް ﷲ ގެ ލައުނަތް ހުއްޓެވެ.
90
އެ މީހުންގެ ނަފްސުތައް އެ ކަމަކަށް ވިއްކައިލި ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ. އެއީ ﷲ ބާވައިލެއްވި ތަކެއްޗަށް (އެބަހީ: ގުރްއާނަށް) އެ މީހުން ކާފިރު ވުމެވެ. (އެ މީހުން އެ ކާފިރުވީ) ﷲ ގެ ފަޟްލުވަންތަކަމުން އެ އިލާހުގެ އަޅުތަކުންގެ ތެރެއިން، އެ އިލާހު އިރާދަ ކުރެއްވި ބަޔަކުގެ މައްޗަށް ބާވައިލެއްވި ބާވައިލެއްވުމަށް ހަސަދަވެރިވުމުގެ ގޮތުންނެވެ. ދެން ކޯފާގެ މައްޗަށް ކޯފާ އާއިގެން އެ މީހުން އެނބުރި އަތުވެއްޖެއެވެ. އަދި ކާފިރުންނަށް ހުރީ އިހާނަތްތެރިކަން ދެނިވި އަޒާބެވެ.
91
އަދި ﷲ ބާވައިލެއްވި ފޮތަށް (އެބަހީ: ގުރްއާނަށް) ތިޔަބައިމީހުން އީމާން ވާށޭ އެ މީހުންގެ ގާތުގައި ބުނެފިނަމަ، އެ މީހުން ބުނެއެވެ. ތިމަންމެން އީމާން ވާނީ، ތިމަންމެންގެ މައްޗަށް ބާވައިލެއްވި ފޮތަށެވެ. އޭގެފަހުން ބާވައިލެއްވި ފޮތަށް (އެބަހީ: ގުރްއާނަށް) އެ މީހުން ކާފިރު ވަނީ، އެ މީހުންނާ އެކުގައިވާފޮތް (އެބަހީ: ތައުރާތު) ތެދުކުރާ ހައްގު ފޮތްކަމުގައި، އެ ގުރްއާންވާ ހާލުގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން މުއުމިނުން ކަމުގައިވަނީނަމަ، މީގެކުރީގައި ތިޔަބައިމީހުން ﷲ ގެ ނަބިއްޔުން ގަތުލުކޮށްއުޅުނީ ފަހެ ކީއްވެގެންހެއްޔެވެ؟
92
އަދި ހަމަކަށަވަރުން ބަޔާންވެގެންވާ މުއުޖިޒާތްތަކާއިގެން މޫސާގެފާނު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނު ދުރަށްވަޑައިގަތުމަށް ފަހު، ތިޔަބައިމީހުން، ގެރިއަކީ އިލާހަކު ކަމުގައި ބަލައިގެން އުޅުނީމުއެވެ. (އެއީ) އަނިޔާވެރި ބަޔަކު ކަމުގައި ތިޔަބައިމީހުންވާ ހާލުގައެވެ.
93
އަދި ތިމަން އިލާހު ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ އަހުދު ހިއްޕަވައި، އަދި ތިޔަބައިމީހުންގެ މައްޗަށް ޠޫރު ފަރުބަދަ އުފުއްލެވިހިނދު ހަނދުމަކުރާށެވެ! (އެ ހިނދު ތިމަން އިލާހު ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަން އިލާހު ދެއްވި އެއްޗެއްގައި، (އެބަހީ: ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި (ތިޔަބައިމީހުންނަށް ކުރެވޭ އަމުރުތައް) ތިޔަބައިމީހުން އަހާށެވެ! އެ މީހުން ދެންނެވިއެވެ: ތިމަންމެން (ތިޔަ ބަސްފުޅު) އަހާ (ތިޔަ އަމުރުފުޅަށް) ނުކިޔަމަންތެރިވެ އުރެދިއްޖައީމުއެވެ. އަދި އެ މީހުންގެ ކާފިރުކަމުގެ ސަބަބުން، ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެ މީހުންގެ ހިތްތަކުގައިވަނީ ވަރުގަދައަކަށް ހިފައިފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. (ތިޔަބުނާހެން) ތިޔަބައިމީހުންނީ، އީމާންވާ ބަޔަކު ކަމުގައި ވަނީނަމަ، ތިޔަބައިމީހުންގެ އީމާންކަން، އެ ކަމަކަށް ތިޔަބައިމީހުންނަށް އަމުރުކުރާ ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ.
94
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ގެ ހަޒްރަތުގައި، އާޚިރަތުގެ ގޮވަތި އެހެނިހެން މީސްތަކުން ފިޔަވާ ތިޔަބައިމީހުންނަށް ޚާއްސަ ކުރައްވާފައިވާނަމަ، ތިޔަބައިމީހުން، ނިކަން މަރުވުން އެދިބަލާށެވެ! (އެއީ) ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައި ވަނީނަމައެވެ.
95
ދުވަހަކުވެސް އެ މީހުން އެ މަރަކަށް ނޭދޭނެތެވެ. އެއީ، އެ މީހުންގެ އަތްތައް އިސްކޮށްފައިވާ ނުބައި އަމަލުތަކުގެ ސަބަބުންނެވެ. ﷲ އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
96
އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި ޝަރީކުކުރި މީހުންނަށްވުރެވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެ މީހުން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެ މީހުން ކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް އުމުރު ދިގުވާނެނަމައޭ ހީކޮށް، އެ ކަމަށް އެދޭނެތެވެ. އެ އުމުރު ދިގުވުން އެއީ، އެ މީހަކު އަޒާބުން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. ﷲ އީ އެ މީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
97
ކަލޭގެފާނު ވިދާޅުވާށެވެ. ޖިބްރީލުގެފާނަށް އަދާވާތްތެރިޔަކު ކަމުގައިވާ މީހަކީ، (ﷲ އަށް އަދާވާތްތެރިޔަކު ކަމުގައިވާ މީހެކެވެ.) އެހެނީ އެކަލޭގެފާނުން، ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ގުރްއާން ގެނެސްދެއްވީ، ﷲ ގެ އިޒުނަފުޅަށެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ ހާލުގައެވެ. މުއުމިނުތަކުންނަށް ތެދުމަގެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ.
98
ﷲ އަދި އެ އިލާހުގެ މަލާއިކަތުންނާއި، އެ އިލާހުގެ ރަސޫލުންނާއި، ޖިބްރީލުގެފާނާއި، މީކާއީލްގެފާނަށް އަދާވާތްތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، ކާފިރުންނަށް އަދާވާތްތެރިވެވޮޑިގެންވާ އިލާހެވެ.
99
ހަމަކަށަވަރުން ތިމަން އިލާހު ފާޅުވެ ބަޔާން ވެގެންވާ އާޔަތްތަކެއް، ކަލޭގެފާނަށް ބާވައިލެއްވީމެވެ. ފާސިގުންނޫން ބަޔަކު އެޔަކަށް ކާފިރެއް ނުވާނެއެވެ.
100
އެ މީހުން އަހުދެއް ކުރާ ކޮންމެހިނދަކު، އޭގެ ތެރެއިން ބަޔަކު އެ އަހުދު އެއްލައިލަނީހެއްޔެވެ؟ އަދި ކިއެއް؟ އޭގެ ގިނަމީހުން އީމާނެއް ނުވެއެވެ.
101
އަދި އެ މީހުންނާއެކުގައިވާ ފޮތް ތެދު ކުރައްވާ ރަސޫލަކު، ﷲ ގެ ހަޒްރަތުން އެ މީހުންގެ ގާތަށް ވަޑައިގަތްހިނދު، ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު، ﷲ ގެ ފޮތް އެ މީހުންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ، ﷲ ބާވައިލެއްވި ފޮތެއްކަންވެސް) އެ މީހުން ނުދަންނަ ކަހަލައެވެ.
102
އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި، ޝައިތާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެ މީހުން ތަބާވިއެވެ. އަދި ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަންނަވައެވެ. އެހެނެއްކަމަކު ކާފަރުވީ ޝައިތާނުންނެވެ. އެ ޝައިތާނުން މީސްތަކުންނަށް ސިހުރު އުނގަންނައިދިނެވެ. އަދި ބާބިލުގައިވާ ދެ މަލާއިކަތުން ހާރޫތާއި މާރޫތާގެ މައްޗަށް ބާވައިލެއްވި ތަކެތިވެސް (އުނގަންނައިދިނެވެ.) އަދި ’ތިމަންމެންނީ ހަމައެކަނި ފިތުނައެކޭ، ފަހެ ކާފަރު ނުވާށޭ‘ ވިދާޅުވުމަށް ފަހުގައި މެނުވީ، އެކަކަށް ވެސް އެ ދެމަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. (އެބަހީ: އެއީ އީމާންކަން ހުރިވަރު ބެލުމަށްވާ އިމްތިހާނެކެވެ. އެހެންވީމާ ސިހުރު ދަސްކޮށްގެން ކާފަރު ނުވާށެވެ.) ފަހެ މީހަކާ އޭނާގެ އަނބިމީހާއާ ދެމެދު ދުރުކޮށް ވަކިކުރާނޭ ގޮތް، އެ ދެމަލާއިކަތުންގެ ކިބައިން އެ މީހުން އުނގެނި އުޅުނެވެ. އަދި ﷲ ގެ އިޒުނަފުޅާ ލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެވޭނެ ބަޔަކު ކަމުގައި އެ މީހުން ނުވިއެވެ. އަދި އެ މީހުން އެ އުނގެނެނީ އެ މީހުންނަށް ގެއްލުންދޭ، އަދި އެ މީހުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. އަދި ހަމަކަށަވަރުން އެ ތަކެތި ގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަސީބެއް ނެތްކަން، އެ މީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އަދި އެ މީހުންގެ ނަފްސުތައް އެ އެއްޗަކަށް ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ. އެ މީހުން އެ ކަން ދަންނަ ކަމުގައި ވިނަމައެވެ.
103
ހަމަކަށަވަރުން އެ މީހުން އީމާންވެ ތަގުވާވެރިވިނަމަ، ﷲ ގެ ހަޒްރަތުން (އެ މީހުންނަށް) ހުރި ސަވާބުގެ ހެޔޮކަން މާ ބޮޑެވެ. އެ މީހުން އެ ކަން ދަންނަ ކަމުގައިވި ނަމައެވެ.
104
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން (ރަސޫލާގެ އަރިހުގައި) ރާޢިނާ އޭ ނުދަންނަވާށެވެ. (ނޯޓު: އޭގެ މާނައަކީ އަހަރުމެންނަށް ރިއާޔަތް ކުރައްވާށެވެ. ނަމަވެސް ޔަހޫދީން އެ ބަސް ބޭނުން ކުރީ ފުރައްސާރައިގައި އެހެން މާނައެއްގައެވެ.) އަދި (އޭގެ ބަދަލުގައި) އުންޡުރްނާ އޭ ދަންނަވާށެވެ. (ނޯޓު: އޭގެ މާނައަކީ އަހަރުމެންނަށް ބައްލަވާ އިންތިޒާރުކުރައްވާށެވެ. މިހެން ބުނީމައި އެއްވެސް އެހެން ގޮތަކަށް މާނަ ބަދަލު ކުރުމުގެ ފުރުސަތެއް ނޯވެއެވެ.) އަދި ތިޔަބައިމީހުން (އެކަލޭގެފާނުގެ ބަސްފުޅު ރަނގަޅަށް) އަޑުއަހާށެވެ. އަދި ކާފިރުންނަށް ހުރީ ވޭންދެނިވި އަޒާބެވެ.
105
ފޮތުގެ އަހުލުވެރިންގެ ތެރެއިން ވިޔަސް، އަދި މުޝްރިކުންގެ ތެރެއިންވިޔަސް، ކާފިރު ވެއްޖެ މީސްތަކުން ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ހެވެއް ބާވައިލެއްވުމަކަށް ނޭދެއެވެ. (އެކަމަކު) ﷲ ގެ ރަހުމަތް އެ އިލާހު އިރާދަ ކުރެއްވި މީހަކަށް ޚާއްސަ ކުރައްވައެވެ. ﷲ އީ ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ރައްބެވެ.
106
ތިމަން އިލާހު ނަސްޚު ކުރައްވާފި އާޔަތެއް، ނުވަތަ ތިމަން އިލާހު ހަނދުމަނައްތަވައިފި އާޔަތެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ އާޔަތެއް ތިމަން އިލާހު ގެނެސްދެއްވާ ހުށީމެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް ﷲކުޅަދުންވަންތަވެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައި ނުގަންނަވަމުތޯއެވެ؟
107
ހަމަކަށަވަރުން އުޑުތަކާއި ބިމުގެ ވެރިކަން ﷲ އަށް މިލްކުވެގެންވާ ކަމާއި، ﷲ ފިޔަވާ ތިޔަބައިމީހުންނަށް އެއްވެސް އެހީތެރިޔަކު އަދި ނަސްރު ދޭނޭ މީހަކުވެސް ނެތްކަން ކަލޭގެފާނު ދެނެވަޑައި ނުގަންނަވަމުތޯއެވެ؟
108
އަދި ކިއެއް! މީގެކުރިން މޫސާގެފާނާ ސުވާލުކުރި ފަދައިން، ތިޔަބައިމީހުންގެ ރަސޫލާއާ ސުވާލުކުރުމަށް ތިޔަބައިމީހުން އެދެނީހެއްޔެވެ؟ ކާފިރުކަމަށް އީމާންކަން ބަދަލުކުރާ މީހާ (ދަންނާށެވެ.) ފަހެ އެ މީހާއަށް ހަމަ މަގު ގެއްލިއްޖެކަން ކަށަވަރެވެ.
109
ފޮތުގެ އަހުލުވެރިންގެ ތެރެއިން ގިނަމީހުން، އެ މީހުންނަށް ހައްގު ބަޔާންވެ އެނގުމަށް ފަހުގައި، އެ މީހުން އަމިއްލައަށް ހަސަދަވެރިވެގެން، ތިޔަބައިމީހުން އީމާން ވުމަށް ފަހު އަލުން އަނބުރާ ކާފިރުކަމަށް ރުޖޫއަކުރެވޭނެނަމައޭ ހިތައި އެ ކަމަށް އެދުނެވެ. ފަހެ (އެ މީހުންނާމެދުގައި ކަން ކުރަންވީގޮތް ބަޔާން ކުރައްވާ) ﷲ ގެ އަމުރުފުޅު ފޮނުއްވައިފުމަށް ދާންދެން (އެ މީހުންނަށް) ތިޔަބައިމީހުން މާފުކޮށް ދޫކޮށްލާށެވެ! ހަމަކަށަވަރުން ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
110
އަދި ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި ތިޔަބައިމީހުން އިސްކުރި ކޮންމެ ކަމެއްގެ ސަވާބު، ﷲ ގެ ހަޒްރަތުގައި ތިޔަބައިމީހުންނަށް ފެންނަހުއްޓެވެ. ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
111
އެ މީހުން ބުންޏެވެ. ޔަހޫދީއަކު ކަމުގައި ނުވަތަ ނަސާރާއަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެއެވެ. އެއީ، އެ މީހުންގެ ދޮގު އުއްމީދުތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން (އެ ކަމަށް) ދަލީލު ގެންނާށެވެ!
112
އެހެންނަކުންނޫނެވެ. ހެޔޮކޮށް ކަންތައްކުރާ މީހަކު ކަމުގައިވާ ހާލު، އެ މީހެއްގެ މޫނު (އެބަހީ: މުޅި އެ މީހާ) ﷲ އަށް ކިޔަމަންކޮށްފި މީހަކަށް، ފަހެ އޭނާގެ ރައްބުގެ ހަޒްރަތުގައި އޭނާގެ ދަރުމަހުއްޓެވެ. އަދި އެ މީހުންގެ މައްޗަކަށް (އެއްވެސް) ބިރެއްނެތެވެ. އަދި އެ މީހުންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
113
ޔަހޫދީން ބުނެފިއެވެ. ނަސާރާއިން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. އަދި ނަސާރާއިން ބުނެފިއެވެ. ޔަހޫދީން ތިބީ އެއްވެސް ގޮތެއްގެ މައްޗަކު ނޫނެވެ. (އެ މީހުން އެހެން އެ ބުނަނީ) އެ މީހުން ފޮތް (އެބަހީ: ތައުރާތާއި އިންޖީލު) ކިޔަވައިއުޅޭ ހާލުގައެވެ. ހަމަ އެފަދައިން، ނުދަންނަ މީހުން (އެބަހީ: އަރަބީންގެ ކާފިރުން) ވެސްބުނީ، އެ މީހުންގެ ބުނުންފަދައިންނެވެ. ފަހެ އެ މީހުން ޚިލާފުވެ އުޅުނު ކަންތަކާމެދު ގިޔާމަތް ދުވަހުން އެ މީހުންގެ މެދުގައި ﷲ ހުކުމް ކުރައްވާނެއެވެ.
114
ﷲ ގެ މިސްކިތްތަކުގައި އެ އިލާހުގެ އިސްމުފުޅު ނަންގަތުން މަނާކޮށް، އަދި އެ ތަންތަން (ފަޅުކޮށް) ހަރާބުކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެ މީހުން ބިރުންތިބޭ ހާލުގައި މެނުވީ، އެ ތަންތަނަށް ވަދެއުޅުމެއް އެ މީހުންނަކަށް ނުވެއެވެ. ދުނިޔޭގައި އެ މީހުންނަށްހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެ މީހުންނަށް ހުރީ ބޮޑުވެގެންވާ އަޒާބެވެ.
115
މަޝްރިގާއި މަޣްރިބު މިލްކުވެގެންވަނީ، ﷲ އަށެވެ. ފަހެ ތިޔަބައިމީހުން ކުރިމަތިލީ ކޮންމެ ދިމާލެއްގައިވެސް ﷲ ގެ ވަޖުހުފުޅު ވެއެވެ. ހަމަކަށަވަރުން ﷲ އީ، ތަނަވަސްވަންތަ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. (ނޯޓު: ﷲ ވޮޑިގެންވަނީ ޢަރްޝު މަތީގައެވެ.)
116
ﷲ، ދަރިކަލަކު ހިއްޕެވިކަމަށް އެ މީހުން ބުނެފިއެވެ. (އެބަހީ: ﷲ އަށް ދަރިކަލަކު ވާކަމަށް ޔަހޫދީންނާއި ނަސާރާއިންނާއި މުޝްރިކުން ބުންޏެވެ.) އެ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އަދި ކިއެއް! އުޑުތަކާއި ބިމުގައި ވާހާ ތަކެއްޗަކާއި ކަމެއް މިލްކުވެގެންވަނީ، އެ އިލާހަށެވެ. އެންމެހާތަކެއްޗާއި ކަންތައް އެ އިލާހަށް ކިޔަމަންވެ، އަޅުވެތިވެގެންވެއެވެ.
117
(އެ އިލާހީ) އިސްވެދިޔަ މިސާލަކާނުލާ އުޑުތަކާއި ބިން ހެއްދެވި އިލާހެވެ. އަދި އެ އިލާހު ކަމަކަށް ނިޔާކުރައްވާފިނަމަ، ފަހެ އެ ކަމަކަށް ހަމައެކަނި ވާށޭ ވަހީ ކުރެއްވުމުން، ދެން އެ ކަމެއް ވެގެންދެއެވެ.
118
އަދި ނުދަންނަ މީހުން ބުނެފިއެވެ. ﷲ (ސީދާ) ތިމަންމެންނަށް ބަސް ވަހީ ނުކުރައްވަނީ، ކީއްވެގެން ބާވައެވެ! ނުވަތަ (މުޙައްމަދުގެފާނުގެ ބަސްފުޅު ތެދުކަމުގެ) ހެއްކެއް ތިމަންމެންގެ ގާތަށް ނާންނަނީ، ކީއްވެގެން ބާވައެވެ! ހަމަ އެފަދައިން، އެ މީހުންގެ ކުރިން އުޅުނު އުއްމަތްތަކުގެ މީހުން ބުނީވެސް، އެ މީހުންގެ ބުނުމާ އެއްފަދަ ބުނުމެކެވެ. އެ މީހުންގެ ހިތްތައްވަނީ އެއްގޮތްވެގެންނެވެ. (އެފަދަ ކަންތައް) ޔަގީންކުރާ މީހުންނަށް، ހަމަކަށަވަރުން ތިމަން އިލާހު ހެކިތައް ބަޔާން ކުރައްވާ އެންގެވީމެވެ.
119
އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި، ހައްގު ދީނާއިގެން ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނު ފޮނުއްވީމެވެ. ފަހެ ނަރަކައިގެ އަހުލުވެރިންނާމެދު ކަލޭގެފާނަކާ ސުވާލެއް ނުކުރައްވާނެއެވެ.
120
އަދި ޔަހޫދީންވެސް ނަސާރާއިންވެސް އެ މީހުންގެ ދީނަށް ކަލޭގެފާނު ތަބާ ވެވަޑައިގެންފުމަށް ދާންދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ﷲ ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް އިލްމުގެ ތެރެއިން އައި ކަންތަކަށް ފަހު އެ މީހުންގެ އެދުންތަކަށް ކަލޭގެފާނު ތަބާ ވެވަޑައިގެންފިނަމަ، ﷲ ގެ ހަޒްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަސްރު ދޭނޭ މީހަކުވެސް ނުވާނެއެވެ.
121
ތިމަން އިލާހު އެ މީހުންނަށް ފޮތް ދެއްވި މީހުން އެ ފޮތް ކިޔަވަންވީ ހައްގު ގޮތުގައި އެ ފޮތް ކިޔަވައި އުޅެތެވެ. އެ މީހުން އެ ފޮތަށް އީމާން ވެއެވެ. އަދި އެފޮތަށް ކާފިރުވާ މީހުން (ދަންނާށެވެ.) ފަހެ އެ މީހުންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ.
122
އޭ އިސްރާއީލުގެ ދަރިންނޭވެ. ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވި ނިއުމަތާއި، އަދި (އެދުވަސްވަރުގެ) މީސްތަކުންގެ މައްޗަށް ތިމަން އިލާހު ތިޔަބައިމީހުން މާތް ކުރައްވާފައިވާކަން ހަނދުމަކުރާށެވެ!
123
އެ ދުވަހަކުން އެއްވެސް ނަފްސަކަށް އެއްވެސް ނަފްސެއްގެ ކިބައިން އެއްވެސް ކަމެއް ފުއްދައިނުދެވޭނޭ އަދި އެކެއްގެ ކިބައިން ފިދުޔެއްވެސް ނުހިއްޕަވާނޭ އަދި (އެއްވެސް ފަރާތެއްގެ) ޝަފާއަތަކުން އެއްވެސް މީހަކަށް މަންފާއެއް ނުކުރާނޭ އަދި އެ މީހުންނަށް (އެއްވެސް ފަރާތަކުން) ނަސްރެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ.
124
އިބްރާހީމްގެފާނުގެ ރައްބު، ކަލިމަތަކަކުން (އެބަހީ: ކުރެއްވި އަމުރުފުޅުތަކަކާއި ނަހީތަކަކުން އެކަލޭގެފާނުގެ ކިޔަމަންތެރިކަންހުރި މިންވަރު ބެއްލެވުމަށް) އިމްތިހާނުކުރެއްވި ހިނދު ހަނދުމަ ކުރައްވާށެވެ. ފަހެ އެކަލޭގެފާނު (ކިޔަމަންތެރިވެވަޑައިގެން) އެ ކަންތައްތައް ފުރިހަމަ ކުރެއްވިއެވެ. އެ އިލާހު (އެކަލޭގެފާނަށް) ވަހީކުރެއްވިއެވެ: ހަމަކަށަވަރުން މީސްތަކުންނަށް އިމާމަކު ކަމުގައި ތިމަން އިލާހު ކަލޭގެފާނު ލައްވާހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ: މި އަޅާގެ ދަރިފަސްކޮޅުންވެސް މެއެވެ. އެ އިލާހު ވަހީކުރެއްވިއެވެ: އަނިޔާވެރިންނަކަށް ތިމަން އިލާހުގެ އަހުދެއް ނުލިބޭނެއެވެ.
125
އަދި ސަވާބު ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި އަމާންކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށް ޓަކައި ތިމަން އިލާހު ކައުބަތު ﷲ ގެފުޅު ލެއްވިހިނދު ހަނދުމަ ކުރައްވާށެވެ. އަދި އިބްރާހީމްގެފާނު ހުންނެވިތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވިތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ! އަދި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނަށް ތިމަން އިލާހު އެންގެވީމެވެ. ތަވާފުކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ރުކޫސުޖޫދުކުރާ މީހުންނަށް ޓަކައި ތިޔަ ދެބަފައިކަލުން ތިމަން އިލާހުގެ ގެފުޅު ތާހިރުކުރައްވާށެވެ.
126
އަދި އިބްރާހީމްގެފާނު ދުއާ ކުރައްވާ ވިދާޅުވި ހިނދު ހަނދުމަ ކުރައްވާށެވެ. އަޅުގެ ރައްބެވެ. މިރަށަކީ އަމާންކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ. އަދި އެރަށުގެ އަހުލުވެރިންކުރެ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވި މީހުންނަށް މޭވާތަކުން ރިޒްގު ދެއްވާފާނދޭވެ. އެ އިލާހު ވަހީކުރެއްވިއެވެ: ކާފިރު ވެއްޖެ މީހާއަށް (ދުނިޔޭގައި) ކުޑަހިނދުކޮޅެއްގެ އުފަލާއި އަރާމު، ތިމަން އިލާހު ދެއްވާހުށީމެވެ. ދެން، ނަރަކައިގެ އަޒާބުގެ ތެރެއަށް އެ މީހަކު ފޮނުއްވައިލައްވާހުށީމެވެ. އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
127
އަދި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެ ހިނދު ދުއާކުރެއްވިއެވެ.) އަޅަމެންގެ ރައްބެވެ.! އަޅަމެންގެ ކިބައިން (މިކަން) ގަބޫލު ކުރައްވާފާނދޭވެ. ހަމަކަށަވަރުން އިބަ އިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
128
އަޅަމެންގެ ރައްބެވެ. އިބަ އިލާހަށް ފުރިހަމައަށް ކިޔަމަންވާ ދެ މީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ. އަދި އިބަ އިލާހަށް ފުރިހަމައަށް ކިޔަމަންވާ އުއްމަތެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ. އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ. އަދި އަޅަމެންގެ މައްޗަށް ތައުބާ ލައްވައިފާނދޭވެ. ހަމަކަށަވަރުން އިބަ އިލާހީ އިލާހީ އައްތައްވާބް، އައްރަޙީމެވެ.
129
އަޅަމެންގެ ރައްބެވެ. އަދި އެ އުއްމަތުގެ މީހުންނަށް އިބަ އިލާހުގެ އާޔަތްތައް ކިޔަވައިދެއްވާ، ފޮތާއި ހިކުމަތް އުނގަންނައިދެއްވާ އަދި (އެންމެހާ ނުބައިގޮތްތަކުން) އެ އުއްމަތް ތާހިރުކުރައްވާނޭ ރަސޫލަކު، އެ އުއްމަތުގެ ތެރެއިން، އެ އުއްމަތުގެ ތެރެއަށް ފޮނުއްވައިފާނދޭވެ. ހަމަކަށަވަރުން އިބަ އިލާހީ ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
130
އެ މީހެއްގެ ނަފްސު އިހާނެތި ކޮށްލައިފި މީހަކު މެނުވީ، އިބްރާހީމްގެފާނުގެ ދީނަށް ނުރުހުންވެ، އެ ދީނުން ދުރުވެގަންނާނީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން ދުނިޔޭގައިވެސް ތިމަން އިލާހު އެކަލޭގެފާނު ހޮއްވަވައި ޚިޔާރުކުރެއްވީމެވެ. އަދި އެކަލޭގެފާނީ، އާޚިރަތް ދުވަހުން ސާލިހުންގެ ތެރެއިންވާ ބޭކަލަކުކަން ކަށަވަރެވެ.
131
އެކަލޭގެފާނުގެ ރައްބު އެކަލޭގެފާނަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިގަންނަވާށޭ، ވަހީކުރެއްވި ހިނދު ހަނދުމަ ކުރައްވާށެވެ. އެކަލޭގެފާނު ދެންނެވިއެވެ: އާލަމްތަކުގެ ރައްބަށް މި އަޅާ ކިޔަމަންވެއްޖައީމެވެ.
132
އެ ކަމަށް އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ވަސިއްޔަތްކުރެއްވިއެވެ. އަދި ޔައުގޫބުގެފާނުވެސް މެއެވެ. އޭ އަހަރެންގެ ދަރިންނޭވެ. ހަމަކަށަވަރުން ﷲ ތިޔަބައިމީހުންނަށް ޓަކައި ދީން ހޮއްވަވައި ޚިޔާރުކުރައްވާފިއެވެ. ފަހެ (އެ އިލާހަށް) ކިޔަމަންވެތިބޭ ހާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ.
133
ނުވަތަ ޔައުގޫބުގެފާނުގެ އަރިހަށް މަރުއައިސް ހާޒިރު ވިހިނދު ތިޔަބައިމީހުން ހާޒިރުވެ ދެކެންތިބީމުހެއްޔެވެ؟ އެ ހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަން މަރުވެދިޔުމަށް ފަހު ތިޔަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށްހެއްޔެވެ؟ އެ މީހުން ދެންނެވިއެވެ: ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުގެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުނަވި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނާއި އިސްޙާގުގެފާނުގެ އިލާހަށެވެ. އެއީ، އެއްކައުވަންތަ އިލާހެވެ. ތިމަންމެން މި ތިބީ، އެ އިލާހަށް ކިޔަމަންވެ މުސްލިމުން ކަމުގައި ވެގެންނެވެ.
134
އެއީ، ހަމަކަށަވަރުން ފާއިތުވެހިނގައްޖެ އުއްމަތެކެވެ. އެ އުއްމަތް ހޯދިކަމެއް އެ އުއްމަތަށެވެ. އަދި ތިޔަބައިމީހުން ހޯދިކަމެއް ތިޔަބައިމީހުންނަށެވެ. އަދި އެ މީހުން ކޮށްއުޅުނު ކަންތަކާމެދު ތިޔަބައިމީހުންނަކާ ސުވާލެއް ނުކުރައްވާހުއްޓެވެ.
135
އެ މީހުން (އެބަހީ: ޔަހޫދީންނާއި ނަސާރާއިން) ބުނެފިއެވެ. ތިޔަބައިމީހުން ޔަހޫދީން ކަމުގައި ނުވަތަ ނަސާރާއިން ކަމުގައި ވާށެވެ. ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނީ އޭރުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އަދި ކީއްހެއްޔެވެ؟ (ތިމަންމެން ތަބާ ވާނީ) ބާތިލުގެ މަގުން އެއްކިބާވެ ހައްގުގެ މަގަށް ތަބާ ވެގެންވާ އިބްރާހީމްގެފާނުގެ ދީނަށެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއިން އެކަލޭގެފާނެއް ނުވެއެވެ.
136
ތިޔަބައިމީހުން ބުނާށެވެ: ތިމަންމެން ﷲ އަށާއި ތިމަންމެންނަށް ބާވައިލައްވައިފައިވާ ފޮތަށާއި، އަދި އިބްރާހީމްގެފާނަށާއި، އިސްމާޢީލުގެފާނަށާއި، އިސްޙާގުގެފާނަށާއި، ޔައުގޫބުގެފާނަށާއި، (ބާރަ ނަބިއްޔުން ކަމުގައިވި) އެކަލޭގެފާނުގެ ދަރިކަލުންނަށް ބާވައިލައްވައިފައިވާ ފޮތްފޮތަށާއި، އަދި މޫސާގެފާނަށާއި، ޢީސާގެފާނަށް ދެއްވާފައިވާ ފޮތަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެ ބޭކަލުންގެ ރައްބުގެ ހަޒްރަތުން ދެއްވާފައިވާ ފޮތްފޮތަށް އީމާންވަމެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެންނީ އެ އިލާހަށް ކިޔަމަންވެގެން ތިބި ބަޔަކީމުއެވެ.
137
ފަހެ ތިޔަބައިމީހުން އެ ކަންކަމަށް އީމާންވެގެން ތިބި ފަދައިން އެ މީހުން ވެސް އީމާންވާ ނަމަ، ފަހެ އެ މީހުންނަށް ތެދުމަގު ލިބިއްޖެކަން ކަށަވަރެވެ. އަދި އެ މީހުން އެނބުރި ފުރަގަސްދީފި ނަމަ، ފަހެ އެ މީހުން ދެކޮޅުވެރި ކަމެއްގެ ތެރޭގައި މެނުވީ ނުވެއެވެ. ފަހެ އެ މީހުންގެ ކިބައިން، ﷲ ކަލޭގެފާނު ފުއްދަވާ ދެއްވާނެއެވެ. އަދި އެ އިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
138
ﷲ ގެ ދީނަށެވެ. (އެބަހީ: ތަބާ ވާންވީ ﷲ ގެ ދީނަށެވެ.) ހިދާޔަތާއި އިރްޝާދު ދެއްވުމުގައި ﷲ އަށްވުރެ މޮޅީ ކާކުހެއްޔެވެ؟ އަދި ތިމަންމެންނީ، ހަމައެކަނި އެ އިލާހަށް އަޅުކަންކުރާ މީހުންނެވެ.
139
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އާމެދު ތިޔަބައިމީހުން ތިމަންމެންނާ ޖަދަލުކުރަނީހެއްޔެވެ؟ އެ އިލާހީ ތިމަންމެންގެ ރައްބެވެ. އަދި ތިޔަބައިމީހުންގެ ވެސް ރައްބެވެ. އަދި ތިމަންމެންގެ އަމަލުތައް ހުރީ (އެބަހީ: ތިމަންމެން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިމަންމެންނަށެވެ. އަދި ތިޔަބައިމީހުންގެ އަމަލުތައް ހުރީ (އެބަހީ: ތިޔަބައިމީހުން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިޔަބައިމީހުންނަށެވެ. އަދި ތިމަންމެންނީ، އެ އިލާހަށް އިޚްލާސް ތެރި ބަޔަކީމުއެވެ.
140
އަދި ކިއެއް! ހަމަކަށަވަރުން އިބްރާހީމްގެފާނާއި، އިސްމާޢީލުގެފާނާއި، އިސްޙާގުގެފާނާއި، ޔައުގޫބުގެފާނާއި، (ބާރަ ނަބިއްޔުން ކަމުގައިވި) އެކަލޭގެފާނުގެ ދަރިކަލުންނީ، ޔަހޫދީން ކަމުގައި ނުވަތަ ނަސާރާއިން ކަމުގައި ވީކަމަށް ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ: (އެ ކަން އޮތްގޮތް) ބޮޑަށް އެނގެނީ ތިޔަބައިމީހުންނަށްހެއްޔެވެ؟ ނުވަތަ (އެ ކަން ދެނެވޮޑިގަތުން ބޮޑީ) ﷲ ހެއްޔެވެ؟ ﷲ ގެ ހަޒްރަތުން އެ މީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އަދި ތިޔަބައިމީހުން ކުރާ އަމަލުތަކާމެދު ޣާފިލުވެ ވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ނުވެއެވެ.
141
އެއީ ހަމަކަށަވަރުން ފާއިތުވެހިނގައްޖެ އުއްމަތެކެވެ. އެ އުއްމަތް ހޯދިކަމެއް އެ އުއްމަތަށެވެ. އަދި ތިޔަބައިމީހުން ހޯދިކަމެއް ތިޔަބައިމީހުންނަށެވެ. އަދި އެ މީހުން ކޮށްއުޅުނު ކަންތަކާމެދު ތިޔަބައިމީހުންނަކާ ސުވާލެއް ނުކުރައްވާހުއްޓެވެ.
142
މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެއެވެ. އެ މީހުން (އެބަހީ: މުސްލިމުން) އިހު ތިބި ގިބްލަ ފިޔަވާ އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. މަޝްރިގާއި މަޣްރިބު މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އެ އިލާހު އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވައެވެ.
143
އަދި ހަމަ އެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަން އިލާހު ތިޔަބައިމީހުން ލެއްވީމެވެ. އެއީ (ގިޔާމަތް ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ރަސޫލާ ވެވަޑައިގަތުމަށް ޓަކައެވެ. އެ މީހުން ތިބި ފަރާތްނޫން އަނެއްފަރާތަށް އެނބުރިގަންނަ މީހުންނާއި (އެބަހީ: ދީނުން ބޭރުވެ މުރުތައްދުވާ މީހުންނާއި) ރަސޫލާއަށް ތަބާވާ މީހުން، ތިމަން އިލާހު ހާމަ ކުރެއްވުމަށް ޓަކައި މެނުވީ، އެ ގިބްލެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވި ގިބްލަ، ގިބްލެއް ކަމުގައި ތިމަން އިލާހު ނުލައްވަމެވެ. ﷲ ތެދުމަގު ދެއްކެވި ބަޔަކަށްމެނުވީ، އެ ކަންތައް އެއީ ކަށަވަރުންވެސް ބޮޑުވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ އީމާންކަން ގެއްލެނި ކުރައްވާކަށެއް ﷲ ވޮޑިގެނެއް ނުވެއެވެ. ހަމަކަށަވަރުން ﷲ އީ މީސްތަކުންނަށް ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހުކަން ކަށަވަރެވެ.
144
އުޑާދިމާއަށް މަތިބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަން އިލާހު ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ ކަލޭގެފާނު ރުހިވޮޑިގަންނަވާނޭ ގިބްލަކަށް ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ ހުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ: ކައުބަތު ﷲ ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ. އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އަދި ހަމަކަށަވަރުން އެއީ (އެބަހީ: ގިބްލާމެދު ބާވައިލެއްވި މި ބާވައިލެއްވުމަކީ) އެ މީހުންގެ ރައްބުގެ ހަޒްރަތުން އެންގެވި ހައްގު ގޮތްކަން ފޮތް ލިބުނު މީހުން ދަންނާނެކަން ކަށަވަރެވެ. އަދި އެ މީހުން ކުރާ އަމަލުތަކާމެދު، ޣާފިލު ވެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ނުވެއެވެ.
145
ހަމަކަށަވަރުން ތިމަން އިލާހު، އެ މީހުންނަށް ފޮތް ދެއްވި މީހުންނަށް ހުރިހާ ބާވަތެއްގެ ހެއްކެއް ކަލޭގެފާނު ގެނެސްދެއްވިޔަސް ކަލޭގެފާނުގެ ގިބްލަކަށް އެ މީހުން ތަބައެއް ނުވީހެވެ. އަދި އެ މީހުންގެ ގިބްލަށް ތަބާވާ ބޭކަލަކުކަމުގައި ކަލޭގެފާނުވެސް ވެވަޑައިގެން ނުވަމުއެވެ. އަދި އެ މީހުންގެ ތެރެއިން އެއްބަޔެއްގެ ގިބްލަށް ތަބާވާނޭ ބަޔަކު ކަމުގައި އެ މީހުންގެ އަނެއް ބަޔަކު ނުވެއެވެ. އަދި ކަލޭގެފާނުގެ އަރިހަށް އިލްމުގެ ތެރެއިން އައި ކަންތަކަށް ފަހު އެ މީހުންގެ އެދުންތަކަށް ކަލޭގެފާނު ތަބާ ވެވަޑައިގެންފިނަމަ، ހަމަކަށަވަރުން ކަލޭގެފާނު ވެވަޑައިގަންނަވާހުށީ އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ.
146
ތިމަން އިލާހު އެ މީހުންނަށް ފޮތް ދެއްވި މީހުން އެ މީހުންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ދަންނާނެއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދެނެތިބެގެންމެ، ހައްގު ވަންހަނާކުރާކަން ކަށަވަރެވެ.
147
(އެއީ) ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުންވާ ހައްގު ތެދުބަސްފުޅެވެ. ފަހެ ޝައްކުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.
148
ކޮންމެ މީހަކަށްމެ (އަޅުކަންކުރުމުގައި) އެ މީހަކު ކުރިމަތިލާ ފަރާތެއްވެއެވެ. ފަހެ ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ! ތިޔަބައިމީހުން ކޮންމެ ތަނެއްގައި ތިބިކަމުގައިވިޔަސް (ގިޔާމަތް ދުވަހުން) ﷲ ތިޔަބައިމީހުން އެންމެން އެއްތާކަށް ގެންނަވާނެއެވެ. ހަމަކަށަވަރުން ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
149
އަދި ކަލޭގެފާނު (ދަތުރުފުޅަކަށް) ނުކުމެވަޑައިގަތް ކޮންމެ ތަނަކުންވިޔަސް (ނަމާދު ކުރައްވާއިރު) ހުރުމަތްތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ. ހަމަކަށަވަރުން އެއީ ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އައިސްފައިވާ ހައްގު ގޮތްކަން ކަށަވަރެވެ. އަދި ތިޔަބައިމީހުން ކުރާ އަމަލުތަކާމެދު ޣާފިލު ވެވޮޑިގެންވާ އިލާހަކު ކަމުގައި ﷲ ނުވެއެވެ.
150
އަދި ކަލޭގެފާނު (ދަތުރުފުޅަކަށް) ނުކުމެވަޑައިގަތް ކޮންމެ ތަނަކުންވިޔަސް (ނަމާދު ކުރައްވާ އިރު) ހުރުމަތްތެރިވެގެންވާ މިސްކިތާ ދިމާޔަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ. އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެ ތަނާ ދިމާޔަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރާށެވެ. އެއީ އެ މީހުންގެ ތެރެއިން އަނިޔާވެރިވި މީހުން ފިޔަވާ އެހެންމީހުންނަށް ތިޔަބައިމީހުންގެ މައްޗަށް ދައްކާނޭ ހުއްޖަތެއް ނެތުމަށް ޓަކައެވެ. ފަހެ ތިޔަބައިމީހުން، އެ މީހުން ދެކެ ބިރު ނުގަންނާށެވެ. އަދި ތިމަން އިލާހަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. އަދި (ތިޔަބައިމީހުންނަށް ގިބްލަ އަންގައިދެއްވީ) ތިޔަބައިމީހުންނަށް ތިމަން އިލާހު ދެއްވާފައިވާ ނިއުމަތް ފުރިހަމަ ކުރެއްވުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންނަށް ހިދާޔަތް ލިބޭތޯއެވެ.
151
ހަމަ އެފަދައިން ތިމަން އިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް ކިޔަވައިދެއްވާ، ތިޔަބައިމީހުން (ކުށްތަކުން) ތާހިރުކުރައްވާ، ފޮތާއި ހިކުމަތް ތިޔަބައިމީހުންނަށް އުނގަންނައިދެއްވާ، ތިޔަބައިމީހުންނަށް ކުރިން އެނގިފައިނުވާ ކަންތައް އުނގަންނައި ދެއްވުމަށް ޓަކައި، ތިޔަބައިމީހުންގެ ތެރެއަށް، ތިޔަބައިމީހުންގެ ތެރެއިން ރަސޫލަކު ތިމަން އިލާހު ފޮނުއްވީމެވެ.
152
ފަހެ ތިޔަބައިމީހުން ތިމަން އިލާހު ހަނދުމަ ކުރާށެވެ! އޭރުން ތިމަން އިލާހު ތިޔަބައިމީހުން ހަނދުމަ ކުރައްވާ ހުށީމެވެ. އަދި ތިމަން އިލާހަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަން އިލާހަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ.
153
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ. ހަމަކަށަވަރުން ﷲ ވަނީ ކެތްތެރިންނާ އެކުގައެވެ.
154
އަދި ﷲ ގެ މަގުގައި (ޖިހާދުކުރަނިކޮށް) ޝަހީދުވާ މީހުންނާމެދު (އެއީ) މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއް! އެ މީހުންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެ ކަން) ތިޔަބައިމީހުންނަށް ނޭނގެނީއެވެ.
155
ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން އިމްތިހާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނި ކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ.
156
އެ މީހުންނީ އެ މީހުންނަށް މުސީބަތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެ އިލާހުގެ ހަޒްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ.
157
އެ މީހުންނީ، އެ މީހުންގެ ރައްބުގެ ހަޒްރަތުން މަޣުފިރަތާއި ރަހުމަތް އެ މީހުންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެ މީހުންނެވެ.
158
ހަމަކަށަވަރުން ސަފާއާއި މަރްވާ ވަނީ ﷲ ގެ ޝަޢާއިރު (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަން) ގެ ތެރެއިންނެވެ. ފަހެ ގެފުޅަށްގޮސް ހައްޖުވާ މީހާ ނުވަތަ އުމްރާވާ މީހާ، އެ ދެތާނގައި ހިނގައި ސައުޔުކުރުމަކުން އެ މީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި (ފަރުޟުގެ އިތުރަށް) ހެޔޮކަމެއްކޮށްފިމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، (އެފަދަ މީހުންނަށް) ޝުކުރުވެރިވެވޮޑިގެންވާ (އެބަހީ: އެ މީހުންނަށް ހެޔޮ ޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
159
ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަން އިލާހު ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަން އިލާހު އެފޮތުގައި ބަޔާންކޮށް ދެއްވުމަށް ފަހު، އެ ތަކެތި ވަންހަނާކުރާ މީހުން (ދަންނާށެވެ.) އެ މީހުންނަށް ﷲ، ލައުނަތް ލައްވާނެއެވެ. އަދި ލައުނަތް ދޭ މީހުންވެސް އެ މީހުންނަށް ލައުނަތް ދޭނެތެވެ.
160
އެ މީހުން ތައުބާވެ (އެ މީހުންގެ އަމަލުތައް) އިސްލާހު ކޮށް(ވަންހަނާކުރި ކަންތައް) ބަޔާންކުރި މީހުން މެނުވީއެވެ. ފަހެ އެ މީހުންނަށް ތިމަން އިލާހު ތައުބާ ލައްވާހުށީމެވެ. އަދި ތިމަން އިލާހީ އައްތައްވާބް، އައްރަޙީމެވެ.
161
ހަމަކަށަވަރުން ކާފިރުވެ އަދި ކާފިރުން ކަމުގައިތިބެ މަރުވި މީހުން (ދަންނާށެވެ.) އެ މީހުންގެ މައްޗަށް ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލައުނަތް ހުއްޓެވެ.
162
އެ މީހުން އެ ލައުނަތުގައި ދެމިތިބެނިވި ގޮތުގައެވެ. އެ މީހުންގެ ކިބަޔަކުން އަޒާބެއް ލުޔެއް ނުކުރައްވާނެއެވެ. އަދި އެ މީހުންނަށް (އަޒާބު ލިބުމުގައި) ލަހެއްވެސް ނުމެ ކުރައްވާނެއެވެ.
163
އަދި ތިޔަބައިމީހުންގެ އިލާހަކީ، އެންމެ އިލާހެވެ. އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. އެއީ އައްރަޙްމާން، އައްރަޙީމެވެ.
164
ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، ﷲ އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ ބިން މަރުވެ އޮތުމަށް ފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވާފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަން ކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ.
165
އަދި ﷲ ފިޔަވާ އެ އިލާހާ އެއްފަދަ ޝަރީކުންތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. ﷲ ދެކެ ލޯބިވާ ފަދައިން، އެ މީހުން އެ ޝަރީކުން ދެކެ ލޯބިވެއެވެ. އަދި އީމާންވި މީހުން ﷲ ދެކެ ލޯބިވުން މާ ބޮޑެވެ. އަދި އަނިޔާވެރިވި މީހުންނަށް (އާޚިރަތް ދުވަހުގެ) އަޒާބު ފެންނަހިނދު، ހަމަކަށަވަރުން އެންމެހާ ބާރުތައް މިލްކުވެވޮޑިގެންވަނީ ﷲ އަށް ކަމާއި އަދި ހަމަކަށަވަރުން ﷲ އީ އަޒާބު ދެއްވުމުގައި ގަދަފަދަވެވޮޑިގެންވާ އިލާހުކަން އެ މީހުންނަށް އެނގޭނެ ނަމައެވެ.
166
އެއީ ތަބާ ވެވުނުމީހުން ތަބާ ވިމީހުންގެ ކިބައިން ދުރުހެލިވެ ބަރީއަވެގަންނަ ހިނދެވެ. އަދި އެ މީހުން (އެބަހީ: އެ ދެބައިމީހުން) އަޒާބު ދެކޭ ހިނދެވެ. އަދި އެ މީހުންގެ މެދުގައިވާ ގުޅުންތަކުގެ ސަބަބުތައް ކެނޑިގެންދާ ހިނދެވެ.
167
އަދި ތަބާ ވިމީހުން ބުންޏެވެ. ތިމަންމެންނަށް އަލުން ދުނިޔެއަށް އަދި އެއްފަހަރު އެނބުރި ދިޔުމެއް ލިބޭނެ ނަމައެވެ. (އެއީ) ތިމަންމެންގެ ކިބައިން ބަރީއަވެގަތް ފަދައިން، ތިމަންމެންވެސް އެ މީހުންގެ ކިބައިން ބަރީއަވެގަތުމަށެވެ. އެ މީހުންގެ އަމަލުތަކަކީ، އެ މީހުންގެ މައްޗަށްވާ ހިތާމަތަކެއް ކަމުގައި ﷲ އެ މީހުންނަށް ދައްކަވަނީ އެފަދައިންނެވެ. އަދި ނަރަކައިގެ ތެރެއިން ނުކުންނާނޭ ބަޔަކު ކަމުގައި އެ މީހުން ނުވެއެވެ.
168
އޭ މީސްތަކުންނެވެ. ބިމުގައިވާ ތަކެތީގެ ތެރެއިން ހަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ޝައިތާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާ ނުވާށެވެ. (އެހެނީ) ހަމަކަށަވަރުން އެ ޝައިތާނާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ އަދާވާތްތެރިޔެކެވެ.
169
އެ ޝައިތާނާ ތިޔަބައިމީހުންނަށް އަމުރުކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް ﷲ އާމެދު ތިޔަބައިމީހުން ބުނުމަށެވެ.
170
އަދި ﷲ ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން ތަބާ ވާށޭ އެ މީހުންގެ ގާތުގައި ބުނެފިނަމަ އެ މީހުން ބުނާނެއެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން ތަބާ ވާހުށީ ތިމަންމެންގެ ކާބަފައިން އެ ގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ އެ މީހުންގެ ކާބަފައިންނަށް އެއްވެސް ކަމެއް ނުވިސްނުނަސް، އަދި އެ މީހުންނަށް ތެދުމަގު ނުލިބުނަސްހެއްޔެވެ؟
171
ކާފިރުވި މީހުން (ނަށް ދީނަށް ގޮވާލާ މީހާ) ގެ މިސާލީ (އެބަހީ: ކާފިރުންނަށް ރަސޫލާ ގޮވާލައްވާ ގޮވާލެއްވުމަށް ނިސްބަތްކޮށް ބަލާއިރު އެ މީހުންނާއި ރަސޫލާގެ މިސާލީ) ގޮވުމެއް ނުވަތަ ހަޅޭއްލެވުމެއްގެ އަޑުނޫނީ ނީވޭ ޖަނަވާރަށް ގޮވާ މީހާގެ މިސާލެވެ. އެ ކާފިރުންނީ ބީރު، މަންމަން، ކަނު ބަޔެކެވެ. ފަހެ އެ މީހުންނަކަށް ނުވިސްނެއެވެ.
172
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެ އިލާހަށް ޝުކުރުވެރިވާށެވެ.
173
ތިޔަބައިމީހުންނަށް އެ އިލާހު ހަރާމް ކުރައްވާފައިވާކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހާއި، ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެ ކަތިލާތަކެއްޗެވެ. ފަހެ މަޖުބޫރު ވެއްޖެ މީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއްނެތި (އެ ތަކެތިން ކެއުމުގައި) އެ މީހާގެ މައްޗަކަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
174
ހަމަކަށަވަރުން ފޮތުގެ ތެރެއިން ﷲ ބާވައިލެއްވި ތަކެތި ވަންހަނާކޮށް އެ ތަކެއްޗަށް ކުޑައަގެއްގަނެ އުޅޭ މީހުން އަލިފާންނޫން އެހެން އެއްޗެއް އެ މީހުންގެ ބަނޑަށް (އަޅައި) ކައި ނޫޅެތެވެ. އަދި ގިޔާމަތް ދުވަހުން ﷲ އެ މީހުންނަކަށް ބަސް ވަހީއެއް ނުކުރައްވާނެއެވެ. އަދި އެ މީހުން ތާހިރެއްވެސް ނުކުރައްވާނެއެވެ. އަދި އެ މީހުންނަށް ހުރީ ވޭންދެނިވި އަޒާބެވެ.
175
އެ މީހުންނީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން އަދި ފާފަ ފުއްސެވުމުގެ ބަދަލުގައި އަޒާބު ގަތް މީހުންނެވެ. ފަހެ ނަރަކަ (އިގެ އަޒާބު) އަށް އެ މީހުންނަށް ކެތްކުރެވޭނީ ކިހިނެއްހެއްޔެވެ؟
176
އެއީ ހަމަކަށަވަރުން ﷲ، ހައްގު ގޮތުގައި ފޮތް ބާވައިލައްވާފައިވާ ކަމަށް ޓަކައެވެ. އަދި ހަމަކަށަވަރުން ފޮތާމެދު ޚިލާފުވި މީހުންވަނީ (ހައްގާ) ދުރުވެގެންވާ ދެކޮޅުވެރި ކަމެއްގެ ތެރޭގައިކަން ކަށަވަރެވެ.
177
ހެޔޮ ކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު ހެޔޮކަން (ކުރާ މީހަކީ) ﷲ އަށާއި، އާޚިރަތް ދުވަހަށާއި، މަލާއިކަތުންނަށާއި، ފޮތަށާއި، ނަބިއްޔުންނަށް އީމާންވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، (ހާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި، ސަލާންޖަހާ މީހުންނަށާއި، އަޅުން މިނިވަން ކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު ގާއިމުކޮށް، ޒަކާތް ދީއުޅޭ މީހާއެވެ. އަދި އަހުދެއް ކޮށްފިނަމަ އެ މީހުންގެ އަހުދު ފުއްދާ މީހުންނެވެ. އަދި ދަތި އުނދަގޫކަމާއި، ގެއްލުމާއި، (ހަނގުރާމައިގެ) ގަދަފަދަ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ އެ މީހުންނެވެ. އަދި ތަގުވާވެރިންނަކީވެސް ހަމަ އެ މީހުންނެވެ.
178
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ގަތުލުކުރެވޭ މީހުންނާމެދު ގިސާސް ހިފުން ތިޔަބައިމީހުންގެ މައްޗަށް ކަނޑައެޅި ލިޔެވިއްޖެއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ އެ މީހާގެ (މަރުވި) އަޚާގެ ފަރާތުން ގިސާސްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ.) ފަހެ އެ މީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުއްޓެވެ. އަދި އިހްސާންތެރިކަމާއެކު މާފުކުރި ފަރާތަށް (މާފު ކުރެވުނު މީހާ) އެ ދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަހުމަތެކެވެ. އެއަށް ފަހު ދެކޮޅުވެރިވެ އަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހާއަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
179
އަދި ގިސާސް ހިފުމުގައި ތިޔަބައިމީހުންނަށް ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނެވެ. (އެއީ) ތިޔަބައިމީހުން ތަގުވާވެރިވޭތޯއެވެ.
180
ތިޔަބައިމީހުންކުރެ މީހަކުގެ ގާތަށް މަރުއައިސް ހާޒިރު ވާހިނދު އެ މީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ: އެ މީހާގެ މިލްކުގައި، މުދަލެއްހުރިނަމަ) ހެޔޮގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ވަސިއްޔަތްކުރުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވާފިއެވެ. (އެ ކަންއޮތީ) ތަގުވާވެރިންގެ މައްޗަށްއޮތް ހައްގެއް ކަމުގައެވެ.
181
ފަހެ އެ ވަސިއްޔަތް އިވުމަށް ފަހު، އެ ވަސިއްޔަތް ބަދަލުކުރި މީހާ (ދަންނާށެވެ.) ހަމަކަށަވަރުން އެ ކަމުގެ ފާފަ އޮތީ، އެ ކަން ބަދަލުކުރާ މީހުންގެ މައްޗަށެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
182
ފަހެ ވަސިއްޔަތްކުރާ މީހެއްގެ ފަރާތުން ބޭއިންސާފު ގޮތެއް ނުވަތަ ފާފަވެރިވާ ގޮތެއް ހިނގައިފާނެކަމަށް ބިރުގެން އެ މީހުންގެ މެދުގައި (އެބަހީ: ވާރުތަވެރިންގެ މެދުގައި) ސުލްހަ ކޮށްފި މީހާ (ދަންނާށެވެ.) ފަހެ އެ މީހާގެ މައްޗަކަށް ފާފައެއް ނެތެވެ. (އެބަހީ: ކުރިން ނަންގަނެވުނު ވަސިއްޔަތް ބަދަލުކުރުމުގެ ފާފަ އެ މީހެއްގެ މައްޗަކަށް ނެތެވެ.) ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
183
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ކަނޑައެޅި ލިޔެވުނު ފަދައިން، ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ކަނޑައެޅި ލިޔެވިއްޖެއެވެ. (އެއީ) ތިޔަބައިމީހުން ތަގުވާވެރިވޭތޯއެވެ.
184
(ރޯދަހިފަންވީ) އަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުއްޓެވެ. އަދި އުނދަގޫކަމާއެކު އެ ކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަ ދިނުމެވެ. (ފިދުޔަގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ ތަޠައްވުޢުގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ.) ފަހެ އެ ކަންތައް އެ މީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެ ކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.
185
ރަމަޟާން މަހަކީ، އެމަހެއްގައި ގުރްއާން ބާވައިލެއްވި މަހެވެ. (އެ ގުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި، ހިދާޔަތާއި (ހައްގާއި ބާތިލު ވަކިކޮށްދެނިވި) ފުރްގާނެއް ކަމުގައެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ހާޒިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުއްޓެވެ. ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަ ކުރައްވައެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވައެވެ. (މި ކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ އަދަދު ފުރިހަމަ ކުރުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
186
އަދި ތިމަން އިލާހާމެދު ތިމަން އިލާހުގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ.) ފަހެ ހަމަކަށަވަރުން ތިމަން އިލާހީ (އެ މީހުންނާ) ކުއްތަންވެ ވޮޑިގެންވާ އިލާހެވެ. ތިމަން އިލާހުގެ ހަޒްރަތަށް ދުއާ ކޮށްފިނަމަ ދުއާކުރި މީހާގެ ދުއާ ތިމަން އިލާހު އިޖާބަ ކުރައްވަމެވެ. ފަހެ އެ މީހުން (އެބަހީ: ތިމަން އިލާހުގެ އަޅުން) ތިމަން އިލާހަށް އިޖާބަދޭހުށިކަމެވެ. އަދި އެ މީހުން ތިމަން އިލާހަށް އީމާން ވާހުށިކަމެވެ. (އެއީ) އެ މީހުންނަށް ތެދުމަގު ލިބުމަށް ޓަކައެވެ.
187
ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވާފިއެވެ. އެ ކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެ ކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޚިޔާނަތްތެރިވަމުން ދިޔަކަން، ﷲ، ދެނެވޮޑިގެންވެއެވެ. ދެންފަހެ ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލައްވައި، ތިޔަބައިމީހުންގެ ކިބައިން އަފޫކުރައްވާފިއެވެ. ފަހެ މިހާރު ތިޔަބައިމީހުން އެ ކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: ޖިމާއު ވުން ހުއްދަ ކުރައްވާފިއެވެ.) އަދި ތިޔަބައިމީހުންނަށް ޓަކައި ﷲ ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާންދެނެވެ. ދެން އެއަށް ފަހު، ރޭވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ! އަދި ތިޔަބައިމީހުން މިސްކިތްތަކުގައި އިއުތިކާފަށް ތިބޭއިރު އެ ކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ! (އެބަހީ: ޖިމާއު ނުވާށެވެ.) އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ އެ އިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ. (އެބަހީ: އެ އިންތައް ފަހަނަޅައި ނުދާށެވެ!) އެފަދައިން ﷲ، އެ އިލާހުގެ އާޔަތްތައް މީސްތަކުންނަށް ބަޔާން ކޮށްދެއްވަނީ އެ މީހުން ތަގުވާވެރިވޭތޯއެވެ.
188
އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާތިލު ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށް ޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ހާކިމުންނަށް ނުދޭށެވެ!
189
ހުޅެވިހަނދާމެދު ކަލޭގެފާނާ އެ މީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި ހައްޖުގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ. އަދި ގޭގޭގެ ފުރަގަހުން ވަދެއުޅުން އެއީ ހެޔޮކަމެއް ކަމުގައެއް ނުވެއެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲ އަށް ތަގުވާވެރިވެއްޖެ މީހެކެވެ. އަދި ތިޔަބައިމީހުން ގޭގެޔަށް، އެ ގޭގޭގެ ދޮރުދޮރުން ވަދެއުޅޭށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.
190
ތިޔަބައިމީހުންނާ ހަނގުރާމަ ކުރާ މީހުންނާ ތިޔަބައިމީހުން ﷲ ގެ މަގުގައި ހަނގުރާމަ ކުރާށެވެ! އަދި (އެކަމުގައި) ތިޔަބައިމީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައިދާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއްނުވެއެވެ.
191
އަދި އެ މީހުން (އެބަހީ: ތިޔަބައިމީހުންނާ ހަނގުރާމަ ކުރާ މީހުން) ފެނުނު ކޮންމެ ތަނަކުން އެ މީހުން ގަތުލު ކުރާށެވެ. އަދި އެ މީހުން ތިޔަބައިމީހުން ނެރުނު ތަނުން، ތިޔަބައިމީހުން އެ މީހުން ނެރޭށެވެ. އަދި ގަތުލަށް ވުރެ ފިތުނައިގެ (ނުބައިކަން) ބޮޑެވެ. އަދި ހުރުމަތްތެރިވެގެންވާ މިސްކިތުގައި ތިޔަބައިމީހުން އެ މީހުންނާ ހަނގުރާމަ ނުކުރާށެވެ. އެއީ އެ މީހުން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފުމަށް ދާންދެނެވެ. ފަހެ އެ މީހުން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފިނަމަ، ދެން ތިޔަބައިމީހުންވެސް (ހަނގުރާމަކޮށް) އެ މީހުން ގަތުލު ކުރާށެވެ. ކާފިރުންގެ ޖަޒާ ވަނީ އެފަދައިންނެވެ.
192
ފަހެ އެ މީހުން (ހަނގުރާމަ) ހުއްޓާލައިފިނަމަ، (ތިޔަބައިމީހުންވެސް ހަނގުރާމަ ހުއްޓާލާށެވެ! އަދި ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
193
އަދި ފިތުނަ (އެބަހީ: ދީނަށް އުޅުމަށް ހުރަސް އެޅުމާއި ޝިރުކު) ނެތިއްޖައުމަށް ދާންދެން، އަދި ދީން ﷲ އަށް ޚާލިސް ވެއްޖައުމަށް ދާންދެން، ތިޔަބައިމީހުން އެ މީހުންނާ ހަނގުރާމަ ކުރާށެވެ. ފަހެ އެ މީހުން (އެ ކަން) ހުއްޓާލައިފިނަމަ (ދަންނާށެވެ.) ފަހެ އަނިޔާވެރިވާ ބަޔެއްގެ މައްޗަށް މެނުވީ އަދާވާތްތެރިވުމެއް ނެތެވެ.
194
ހުރުމަތްތެރިވެގެންވާ މަހަށް ހުރުމަތްތެރިވެގެންވާ މަހެވެ. ހުރުމަތްތައް ކަނޑައިފުމަކީ، ބަދަލުހިފުން އޮންނަ ކަމެކެވެ. (އެބަހީ: ހުރުމަތްތެރިވެގެންވާ މައްސަރެއްގައި މުޝްރިކުން ހަނގުރާމަ ކުޅަފަދައިން، އެފަދަ މައްސަރެއްގައި މުޝްރިކުންނާ ހަނގުރާމަ ކުރުމަކީ ކުރުން އެންމެ ރަނގަޅު ކަމެކެވެ.) ފަހެ ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ ހަމަލާ ދިން ބަޔެއްގެ މައްޗަށް އެ މީހުން ދެކޮޅުވެރިވެ ހަމަލާ ދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ ހަމަލާ ދޭށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ހަމަކަށަވަރުން ﷲ ވަނީ ތަގުވާވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ.
195
ﷲ ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ! އަދި އިހްސާންތެރިވާށެވެ. ހަމަކަށަވަރުން އިހްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
196
ތިޔަބައިމީހުން ﷲ އަށްޓަކައި ހައްޖާއި އުމްރާ ފުރިހަމައަށް އަދާކުރާށެވެ! ފަހެ އެކަމުގައި ތިޔަބައިމީހުން އިޙްޞާރު ވެއްޖެނަމަ، (އެބަހީ: ދެކޮޅުވެރި ބަޔެއްގެ ސަބަބުން، ނުވަތަ އެނޫން ކަމެއްގެ ސަބަބުން ނަމަވެސް، ހައްޖު ވުމަށް ނުވަތައުމްރާ ވުމަށް ދިޔުމުގެ މަގު ބަންދުވެއްޖެނަމަ) ހަދްޔުގެ ތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ. އަދި ހަދްޔު، އެ ކަތިލުމުގެ މަޙައްލަށް ފޯރައްޖައުމަށް ދާންދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ! ފަހެ ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެ މީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެ މީހާ (އެ ކަންކަމުގެ ސަބަބުން ބޯބާލައިފިނަމަ) ފަހެ ރޯދައިން، ނުވަތަ ސަދަގާތެއް ދިނުމުން ނުވަތަ ކަތިލުމަކުން ފިދުޔެއް ދިނުން ހުއްޓެވެ. ފަހެ ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމައުމްރާއަށް ފަހު، ހައްޖާ ހަމައަށް ދާންދެން އަރާމު ލިބިގެންފިމީހާ (އެބަހީ: ހައްޖުގެ ދުވަސްވަރުގައިއުމްރާގެ އަޅުކަން ނިމި، އިހްރާމް ކަނޑައިފުމުން، އިހްރާމްގެ ސަބަބުން ހަރާމްވާ ކަންތައްތައް ހުއްދަވުމަށް ފަހު، މައްކާގައި ހުރެ އަލުން ހައްޖަށް އިހްރާމް ބަނދެފި މީހާ) ހަދްޔުގެ ތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުއްޓެވެ. ފަހެ އެފަދަ އެއްޗެއް ނުލިބިއްޖެ މީހާ ހައްޖުގެ ތެރޭގައި ތިން ދުވަހު، އަދި ހައްޖުން އެބުރި އައުމަށް ފަހު ހަތް ދުވަހު ރޯދަހިފުން ހުއްޓެވެ. އެއީ ފުރިހަމަ ދިހަ ދުވަހެވެ. އެ ކަންއޮތީ، އެ މީހެއްގެ އަހުލުވެރިން ހުރުމަތްތެރި ވެގެންވާ މިސްކިތް ހުރި ރަށުގެ ވަޒަންވެރިން ކަމުގައި ނުވާ މީހަކަށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ހަމަކަށަވަރުން ﷲ އީ އުގޫބާތް ގަދަފަދަވެގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ.
197
ހައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ. ފަހެ އެ މައްސަރުތަކުގައި ހައްޖު ފަރުޟު ކޮށްގެންފި މީހާ (އެބަހީ: ހައްޖު ވުމަށް ގަސްދު ކޮށްއިހްރާމް ބަނދެފިމީހާ، ދަންނާށެވެ.) ފަހެ ހައްޖު ވުމުގެ ތެރޭގައި ޖިމާއު ވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި (ﷲ އީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ އިލާހު ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަގުވާއެވެ. އޭ ބުއްދީގެ އަހުލުވެރިންނެވެ. ތިޔަބައިމީހުން ތިމަން އިލާހަށް ތަގުވާވެރިވާށެވެ.
198
ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ފަޟްލުވެރިކަން (އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަން) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ދެންފަހެ ތިޔަބައިމީހުން އަރަފާތުން އެނބުރި އައުމުގެ ދަތުރު ފަށައިގަންނަހިނދު، އަލްމަޝްޢަރުލް ހަރާމްގައި (އެބަހީ: މުޒްދަލިފާ ނިމޭތާނގައިވާ ގުޒަޙް ފަރުބަދަ ކައިރީގައި) ތިޔަބައިމީހުން ﷲ ހަނދުމަކުރާށެވެ! (އެބަހީ: ތަލްބިޔާ ކިޔައި، ދުއާކުރާށެވެ!) އަދި އެ އިލާހު ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވައި އެންގެވި ފަދައިން، ތިޔަބައިމީހުން އެ އިލާހު ހަނދުމަކުރާށެވެ! އޭގެ ކުރިން ތިޔަބައިމީހުން ވެފައިވީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.
199
ދެން (އަރަފާތުން މުޒްދަލިފާ ޔަށް) އެނބުރި އަންނަ މީސްތަކުންނާއެކު ތިޔަބައިމީހުންވެސް އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން ﷲ ގެ ހަޒްރަތުން ފާފަ ފުއްސަވައި ދެއްވުމަށް އެދޭށެވެ! ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
200
ފަހެ ތިޔަބައިމީހުންގެ ހައްޖުގެ އަޅުކަންތައް އަދާކޮށް ނިމިއްޖެ ހިނދެއްގައި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށްއުޅުނު ފަދައިން ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދުމަކުރުމަކުން ތިޔަބައިމީހުން ﷲ ހަނދުމަކުރާށެވެ! ފަހެ މީސްތަކުންގެ ތެރެއިން، (މިފަދައިން) ކިޔާ (ދުއާކުރާ) މީހުން ވެއެވެ: އަޅަމެންގެ ރައްބެވެ، ދުނިޔޭގައި އަޅަމެންނަށް (ހެޔޮކަން) ދެއްވާނދޭވެ. އަދި އެފަދަ މީހަކަށް އާޚިރަތުގައި އެއްވެސް ނަސީބެއް ނެތެވެ.
201
އަދި އަޅަމެންގެ ރައްބެވެ. ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާނދޭވެ އޭ ކިޔައި، ދުއާކުރާ މީހުންވެސް އެ މީހުންގެ ތެރެއިންވެއެވެ.
202
އެ މީހުން ހޯދި ހެޔޮކަމުގެ ނަސީބު އެ މީހުންނަށް ހުއްޓެވެ. ﷲ އީ، ހިސާބު ބެއްލެވުން އަވަސްވެ ވޮޑިގެންވާ އިލާހެވެ.
203
އަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ﷲ ހަނދުމަކޮށް (ތަކްބީރު ކިޔައި) އުޅޭށެވެ! ފަހެ ދެ ދުވަހުގެ ތެރޭގައި (އެ ކަން ނިންމައި އެނބުރި ދިޔުމަށް) އަވަސްވެގަތްމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާގެ މައްޗަކަށް ވެސް ފާފައެއް ނެތެވެ. އެއީ، ތަގުވާވެރިވެއްޖެ މީހަކަށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން މަހުޝަރަށް ފޮނުއްވާނީ، އެ އިލާހުގެ ހަޒްރަތަށް ކަން، ތިޔަބައިމީހުން ދަންނާށެވެ.
204
ދުނިޔަވީ ހަޔާތާމެދު އެ މީހަކު ބުނާ ބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް ﷲ ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެ ހިނދު އެ މީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ.
205
އަދި އެ މީހާ ފުރަގަސްދީ ހިނގައްޖެނަމަ، ބިމުގައި ފަސާދަ އުފެއްދުމަށް ޓަކައި އަދި ދަނޑުފަނގާއި ދަރިފަސްކޮޅު ހަލާކުކުރުމަށް ޓަކައި ބިމުގައި މަސައްކަތްކޮށް އުޅެތެވެ. ﷲ، ފަސާދަވެރިކަމަކަށް ލޯބިވެވޮޑިގެނެއް ނުވެއެވެ.
206
އަދި ﷲ އަށް ތަގުވާވެރިވާށޭ އެ މީހާއާ ދިމާޔަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ. ފަހެ އެ މީހާއަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން އެ ތަންމަތީގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ.
207
އަދި ﷲ ގެ ރުހިވޮޑިގަތުން އެދި (އެ އިލާހަށް) ތިމާގެ ނަފްސު ދޫކޮށްލާ މީހުންވެސް މީސްތަކުންގެ ތެރެއިން ވެއެވެ. ﷲ އީ، އަޅުތަކުންނާމެދު، ނުހަނު އޯގާވަންތަ އިލާހެވެ.
208
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން އެންމެން އިސްލާމް ދީނަށް ކިޔަމަންވުމުގެ ތެރެއަށް ވަންނާށެވެ! އަދި ޝައިތާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާ ނުވާށެވެ. އެހެނީ، ހަމަކަށަވަރުން އެ ޝައިތާނާ އަކީ ތިޔަ ބައިމީހުންނަށް ހުރި ބަޔާން ވެގެންވާ އަދުއްވެކެވެ.
209
ފަހެ ތިޔަބައިމީހުންގެ ގާތަށް ފާޅުވެގެންހުރި ހުއްޖަތްތައް އައުމަށް ފަހު ތިޔަބައިމީހުން މަގުން ކައްސާލައިގެން ހިނގައްޖެނަމަ، ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ.
210
ތުނި ވިލާތަކުގެ ހިޔާތަކެއްގެ ތެރެއިން ﷲ އާއި މަލާއިކަތުން އެ މީހުންގެ ގާތަށް ވަޑައިގަތުމަށް މެނުވީ، އެ މީހުން ބަލަބަލައި ނުތިބެނީހެއްޔެވެ؟ އެ ހިނދު ނިޔާކަނޑައެޅި ނިމިއްޖެއެވެ. ހުރިހާ ކަމެއްގެ ނިޔާ އެނބުރި ދާހުށީ، ﷲ ގެ ހަޒްރަތަށެވެ.
211
ބަޔާން ވެގެންހުރި ހެކިތަކުގެ ތެރެއިން ކިތައް ކިތައް ކަންތައް ތިމަން އިލާހު އެ މީހުންނަށް ދެއްވާފައިވޭތޯ، ކަލޭގެފާނު އިސްރާއީލުގެ ދަރިންނާ ސުވާލު ކުރައްވާ ބައްލަވާށެވެ. ﷲ ގެ ނިއުމަތް އެ މީހަކަށް ލިބުމަށް ފަހު، އެ ނިއުމަތް ބަދަލުކުރާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، އުގޫބާތް ގަދަފަދަވެގެންވާ އިލާހެވެ.
212
ކާފިރުވި މީސްތަކުންނަށް ދުނިޔޭގެ ދިރިއުޅުން ޒީނަތްތެރި ކުރެއްވިއެވެ. އަދި އީމާންވި މީސްތަކުންނަށް އެ މީހުން މަލާމާތްކޮށް އުޅެތެވެ. ތަގުވާވެރިވި މީހުން ގިޔާމަތް ދުވަހުން ވާހުށީ، އެ މީހުންނަށްވުރެ މަތީގައެވެ. ﷲ، އެ އިލާހު އިރާދަކުރައްވާ މީހަކަށް ވަކި މިންވަރެއްނެތި ރިޒްގު ދެއްވައެވެ.
213
މީސްތަކުން އެއް އުއްމަތެއްގެ ބަޔަކު ކަމުގައިވިއެވެ. ދެންފަހެ ﷲ، އުފާވެރިކަމުގެ ޚަބަރު ދޭ ބަޔެއްގެ ގޮތުގައްޔާއި އަދި އިންޒާރުކުރަނިވި ބަޔެއްގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވިއެވެ. އަދި މީސްތަކުން އެ މީހުންގެ މެދުގައި ޚިލާފުވި ކަންތައްތަކުގައި ހުކުމްކުރުމަށް، އެ ބޭކަލުންނާ އެކުގައި ހައްގު ގޮތުގައި ފޮތް ބާވައިލެއްވިއެވެ. އެ ފޮތް ލިބިގެންވާ މީހުން މެނުވީ، އެ ފޮތާ މެދުގައި ޚިލާފެއް ނުވިއެވެ. (އެއީ) އެ މީހުންގެ ގާތަށް ބަޔާން ވެގެންވާ ހެކިތައް އައުމަށް ފަހުގައެވެ. އެ މީހުންގެ މެދުގައިވާ އަދާވާތްތެރި ކަމާއި ހަސަދަވެރި ކަމުގެ ގޮތުންނެވެ. ދެން އެ މީހުން ޚިލާފު ވެފައިވާ ކަންތަކާމެދުގައި އީމާންވި މީސްތަކުންނަށް، ﷲ، އެ އިލާހުގެ އިޒުނަފުޅުން ހައްގު ތެދުމަގު ދެއްކެވިއެވެ. އަދި ﷲ، އެ އިލާހު އިރާދަކުރައްވާ ބަޔަކަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވައެވެ.
214
ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ހާލުތައް ތިޔަބައިމީހުންނާ ހަމައަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެ މީހުންނަށް ދަތި އުނދަގޫކަމާއި ގެއްލުން ޖެހުނެވެ. އަދި އެ މީހުންނަށް ގުޑުންއަރައިގެން ދިޔައެވެ. ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާންދެނެވެ. ﷲ ގެ ނަސްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ. ހަމަކަށަވަރުން ﷲ ގެ ނަސްރު ވަނީ ދާދި ގާތުގައެވެ.
215
މީސްތަކުން، އެ މީހުން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރަންވީ، މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ހާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. އަދި ތިޔަބައިމީހުން ކުރާ ކޮންމެ ހެޔޮކަމެއް ހަމަކަށަވަރުން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.
216
ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް ކަނޑައެޅި ލިޔެވިއްޖެއެވެ. އެއީ ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި އެ ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެއެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެއެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
217
ހުރުމަތްތެރިވެގެންވާ މައްސަރުގައި ހަނގުރާމަ ކުރުމާމެދު އެ މީހުން ކަލޭގެފާނާ ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ: އެ މައްސަރުގައި ހަނގުރާމަ ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. (އެކަމަކު) ﷲ ގެ މަގުން (މީސްތަކުން) ދުރުކުރުމާއި، އެ އިލާހަށް ކާފިރުވުމާއި، ހުރުމަތްތެރިވެގެންވާ މިސްކިތަށް ވަނަ ނުދިނުމާއި، އެތާނގެ އަހުލުވެރިން އެ ތަނުން ނެރެލުމުގެ ފާފަވެރިކަން ﷲ ގެ ހަޒްރަތުގައި މާ ބޮޑެވެ. އަދި ގަތުލަށް ވުރެ ފިތުނައިގެ (އެބަހީ: ޝިރުކުގެ) (ނުބައިކަން) މާ ބޮޑެވެ. އަދި އެ މީހުންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށް، ކާފިރުކަމަށް ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފުމަށް ދާންދެން، ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެ މީހުން ފިލައިނުދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ހާލު މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެ މީހުންގެ އަމަލުތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެ މީހުންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެ މީހުން ދެމިތިބޭނީ އެތާނގައެވެ.
218
ހަމަކަށަވަރުން އީމާންވި މީހުންނާއި، ހިޖުރަ ކޮށް، ﷲ ގެ މަގުގައި ޖިހާދުކުރި މީހުން، އެ މީސްމީހުން ﷲ ގެ ރަހުމަތަށް އެދެތެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
219
ރާއާއި ޖުވާކުޅުމާމެދު އެ މީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާ ބޮޑެވެ. އަދި އެ މީހުން ހޭދަކުރަންވީ ކޮންއެއްޗެއްތޯ ކަލޭގެފާނާ އެ މީހުން ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. (ހޭދަކުރަންވީ) އިތުރުވީ އެއްޗެކެވެ. އެފަދައިން ﷲ، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާން ކޮށްދެއްވަނީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރޭތޯއެވެ.
220
(ފިކުރުކުރަންވީ) ދުނިޔެއާއި އާޚިރަތާ މެދުގައެވެ. އަދި ޔަތީމުންނާ މެދުގައި އެ މީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެ މީހުންގެ ކަންތައްތައް އިސްލާހުކުރުމީ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުން އެ މީހުންނާ ގުޅިގެން އުޅޭނަމަ އެ މީހުންނީވެސް ތިޔަބައިމީހުންގެ އަޚުންނެވެ. އަދި އިސްލާހުކުރާ މީހުންނާއި ފަސާދަކުރާ މީހުން، ﷲ ދެނެވޮޑިގެންވެއެވެ. ﷲ އިރާދަކުރައްވާފިނަމަ، ތިޔަބައިމީހުންނަށް ދަތިކުރައްވާފީހެވެ. ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ.
221
ބުދަށް އަޅުކަންކުރާ އަންހެނުންނާ ތިޔަބައިމީހުން ކާވެނި ނުކުރާށެވެ! (އެއީ) އެ ކަނބަލުން އީމާން ވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުން ހިތާވާ ކަމުގައިވިޔަސް ހަމަކަށަވަރުން މުއުމިނު އަޅުއަންހެނަކުވެސް، ބުދަށް އަޅުކަންކުރާ އަންހެނަކަށްވުރެ މާރަނގަޅެވެ. އަދި (މުއުމިނު އަންހެނުން) ބުދަށް އަޅުކަންކުރާ ފިރިހެނުންނާ ތިޔަބައިމީހުން ނުދެވާށެވެ. (އެއީ) އެ މީހުން އީމާން ވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުން އެ މީހަކާ ރުހި ގަބޫލު ވިޔަސް، ހަމަކަށަވަރުން މުއުމިނު ފިރިހެން އަޅަކުވެސް ބުދަށް އަޅުކަންކުރާ ފިރިހެނަކަށްވުރެ މާރަނގަޅެވެ. އެ މީހުން އެ ގޮވަނީ ނަރަކައަށް ވަނުމަށެވެ. ﷲ ގޮވައިލައްވަނީ އެ އިލާހު އިރާދަފުޅުން ތިޔަބައިމީހުން ސުވަރުގެއަށާއި މަޣުފިރަތުގެ ތެރެއަށް ވަނުމަށެވެ. އަދި އެ އިލާހުގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަނީ އެ މީހުން ހަނދުމަކުރުމަށް ޓަކައެވެ.
222
އަދި ހައިޟާމެދު، އެ މީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ވިދާޅުވާށެވެ. އެއީ އުނދަގުލެކެވެ. (އަދި ހަޑި އެއްޗެކެވެ.) ފަހެ ހައިޟުގެ ދުވަސްވަރު ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ. (އެބަހީ: އެ ކަނބަލުންނާ ފަރުޖުގައި ޖިމާއު ނުވާށެވެ.) އަދި އެ ކަނބަލުން (ހައިޟުކެނޑި) ހިނައިތާހިރު ވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެ ކަނބަލުންނާ ގާތްނުވާށެވެ. ދެން އެ ކަނބަލުން ހިނައިތާހިރު ވެއްޖެނަމަ، ފަހެ ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވި ތަނުން އެ ކަނބަލުންނާ ޖިމާއުވާށެވެ. ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ތާހިރުވާ މީހުން ދެކެ ވެސް އެ އިލާހު ލޯބިވެވޮޑިގެންވެއެވެ.
223
ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރުކުރާށެވެ.) އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި (ހެޔޮކަންތައް) އިސްކުރާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންނީ އެ އިލާހާ ބައްދަލުވާނޭ ބަޔަކުކަން ތިޔަބައިމީހުން ދަންނާށެވެ. އަދި މުއުމިނުތަކުންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.
224
ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، ތަގުވާވެރިވުމަށާއި، މީސްތަކުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް އެޅޭ ހުރަހެއްކަމުގައި، ﷲ ގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ! ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
225
ތިޔަބައިމީހުންގެ ހުވާތަކުގައި، ގަސްދަކާ ނުލާ ބުނާ ބަސްތަކަކުން ﷲ ތިޔަބައިމީހުންނަށް އުގޫބާތެއް ނުދެއްވާނެއެވެ. އެހެނެއްކަމަކު ތިޔަބައިމީހުން ހިތުގެ ގަސްދާއެކު ކުރާ ހުވަޔަށް (އެ ހުވަޔާ ޚިލާފު ވެއްޖެނަމަ) އެ އިލާހު ތިޔަބައިމީހުންނަށް އުގޫބާތް ދެއްވާނެއެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ޙަލީމްވަންތަ އިލާހެވެ.
226
އެ މީހުންގެ އަނބިންނާމެދު (ޖިމާއު ނުވުމަށް) ހުވާކުރާ މީހުންނަށް އިންތިޒާރުކުރުން ވަނީ، ހަތަރު މަސްދުވަހަށެވެ. ފަހެ އެ މީހުން (ޖިމާއު ވުމަށް) އެނބުރި ރުޖޫއަ ވެއްޖެނަމަ، ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
227
އަދި އެ މީހުން ވަރިކުރުމަށް ގަސްދުކޮށްފިނަމަ، ފަހެ ހަމަކަށަވަރުން ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
228
އަދި ވަރިކޮށްފައިވާ އަންހެނުން، އެ ކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން ގުރުއު ވަންދެން އިންތިޒާރުކުރާހުށިކަމެވެ. (ގުރުއަކީ، ހައިޟު ނުވަތަ ތުހުރެވެ.) އަދި އެ ކަނބަލުން، ﷲ އަށާއި، އާޚިރަތް ދުވަހަށް، އީމާންވާ ކަމުގައިވާނަމަ، އެ ކަނބަލުންގެ ރަހިމުތަކުގައި ﷲ އުފައްދަވާފައިވާ އެއްޗެއް (އެބަހީ: ހައިޟު ވުމާއި ބަލިވެއިނުންފަދަ ކަންތައް) ވަންހަނާކުރުން އެ ކަނބަލުންނަށް ހުއްދައެއް ނުވާނެއެވެ. އަދި އެ މީހުން އިސްލާހުކުރުމަށް އެދޭނަމަ، އިއްދަގެ ދުވަސްވަރުގައި އެ ކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެ ކަނބަލުންގެ ފިރީންނަށް ހައްގު ވެގެން ވެއެވެ. އަދި ޝަރުއީ ހަމައިން އެ ކަނބަލުންގެ މައްޗަށް ވާ (ފިރިންގެ) ހައްގުތަކާ އެއްފަދަ ހައްގުތަކެއް، (ފިރިންގެ ފަރާތުން) އެ ކަނބަލުންނަށް ވެސް ލިބިގެންވެއެވެ. އަދި ފިރިހެނުންނަށް އެ ކަނބަލުންގެ މައްޗަށް މަތިވެރިކަމެއް ލިބިގެންވެއެވެ. ﷲ އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
229
ވަރިކުރުން އޮތީ ދެފަހަރުއެވެ. ދެންއޮތީ ހެޔޮގޮތުގައި (އެ ކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެ ކަނބަލުން) ދޫކޮށްލުމެވެ. އަދި އެ ދެ މީހުން، ﷲ ކަނޑައަޅުއްވާފައިވާ ހުކުމްތައް ގާއިމު ނުކުރެވިދާނެކަމަށް ބިރުގަންނަނަމަ މެނުވީ، އެ ކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުލުން ތިޔަބައިމީހުންނަކަށް ހަލާލު ވެގެނެއް ނުވެއެވެ. ﷲ ކަނޑައަޅުއްވާފައިވާ ހުކުމްތައް އެ ދެ މީހުންނަށް ގާއިމު ނުކުރެވޭނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ އެ ކަނބުލޭގެ ވަރިވުމަށް އެއްޗެއްދިނުމާއި، ދިންއެއްޗެއް ހިފުމުގައި، އެ ދެ މީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ (އެ ކަންކަމާމެދު) ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ އެ އިންތައް ފަހަނަޅައި ތިޔަބައިމީހުން ނުދާށެވެ! އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހުން (ދަންނާށެވެ.) ފަހެ އެ މީހުންނީ ހަމަ އަނިޔާވެރިންނެވެ.
230
ދެން (ތިންވަނަ ފަހަރަށް) އެ ކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށް ފަހު، އެ ކަނބުލޭގެ އެހެން ފިރިޔަކާ ކާވެނިކޮށްފުމަށް ދާންދެން އޭނާއަކަށް (އެބަހީ: ތިންފަށްކުރި ފިރިޔާއަށް) އެ ކަނބުލޭގެ ހަލާލެއް ނުވާނެއެވެ. ދެން (ފަހުން އިން) ފިރިމީހާ، އެ އަންހެނާ ވަރިކޮށްފިނަމަ، (ކުރިން ވަރިކުރި) ފިރިހެނާއާއި، އެ އަންހެންމީހާއާއި، ދެ މީހުން އަލުން އިނުމުގައި އެ ދެ މީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ ﷲ އަންގަވާފައިވާ ހުކުމްތައް ގާއިމުކޮށްގެން އުޅެވިދާނެކަމަށް އެ ދެ މީހުންނަށް ހީވާނަމައެވެ. އަދި އެއީ (މިކަމާމެދު) ﷲ ކަނޑައަޅުއްވާފައިވާ ހުކުމްތަކެވެ. އެ ހުކުމްތައް އެ އިލާހު ބަޔާންކޮށްދެއްވަނީ (އެ ހުކުމްތައް) ދެނެގަންނާނޭ ބަޔަކަށެވެ.
231
ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެ ކަނބަލުންގެ އިއްދަ ހަމަވާން ގާތްވެއްޖެނަމަ، ހެޔޮގޮތުގައި ތިޔަބައިމީހުން އެ ކަނބަލުން (ރުޖޫއަ ކޮށް) ހިފަހައްޓާށެވެ! ނުވަތަ، ހެޔޮގޮތުގައި އެ ކަނބަލުން ދޫކޮށްލާށެވެ! އަދި ގެއްލުންދިނުމުގެ ގޮތުން އަނިޔާވެރިވުމަށް ޓަކައި އެ ކަނބަލުން ނުހިފަހައްޓާށެވެ! އަދި އެ ކަން އެ ގޮތަށް ކޮށްފިމީހާ (ދަންނާށެވެ.) ފަހެ އެ މީހާގެ އަމިއްލަ ނަފްސަށް އަނިޔާކޮށްފިކަން ކަށަވަރެވެ. އަދި ﷲ ގެ އާޔަތްތައް އެއީ ފުރައްސާރައެއްކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! އަދި ތިޔަބައިމީހުންނަށް ﷲ ދެއްވި ނިއުމަތާއި، އަދި ފޮތާއި، ހިކުމަތުގެ ތެރެއިން ތިޔަބައިމީހުންނަށް ބާވައިލެއްވި ތަކެތި، ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެ އިލާހު އެއިން ތިޔަބައިމީހުންނަށް ނަސޭހަތް ވަހީ ކުރައްވައެވެ. އަދި ތިޔަބައިމީހުން، ﷲ އަށް ތަގުވާވެރިވާށެވެ. އަދި ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ.
232
އަދި ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެ ކަނބަލުންގެ އިއްދަ ހަމަވެއްޖެނަމަ، އެ ކަނބަލުންގެ ފިރީންނާ، އެ ކަނބަލުން ކާވެނި ކުރުމަށް ހުރަސް ނާޅާށެވެ. އެއީ ހެޔޮ ގޮތުގައި، (އިނދެގެން އުޅުމަށް) އެ މީހުންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ. ތިޔަބައިމީހުންކުރެ ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް ނަސޭހަތް ދެއްވާފައިވާ ގޮތަކީ އެއީއެވެ. ތިޔަބައިމީހުންނަށް އެންމެ ފައިދާހުރި، އަދި ތާހިރުކަން ބޮޑު ގޮތަކީވެސް އެއީއެވެ. އަދި (ތިޔަބައިމީހުންނަށް މަސްލަހަތު ހުރިގޮތް) ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
233
މައިން، އެ ކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ މުއްދަތަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް ގަސްދުކޮށްފި މީހަކަށެވެ. އަދި ކުއްޖާގެ ބައްޕަގެ މައްޗަށް ވާޖިބުވެގެން ވަނީ، އެކަށީގެންވާ ހެޔޮ ގޮތުގައި އެ ކަނބަލުންނަށް ކާންދިނުމާއި އަންނައުނު ދިނުމެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، ތަކުލީފެއް ނުޖައްސަވައެވެ. މައިމީހާއަށް، އެ ކަނބުލޭގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެއެވެ. އަދި ބަފަޔަކަށް ވެސް، އޭނާގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެއެވެ. އަދި (ކުއްޖާގެ ބަފާގެ މައްޗަށް ލާޒިމްވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށް ވެސް އެފަދައިން ލާޒިމް ވެގެންވެއެވެ. ފަހެ އެ ދެ މީހުންގެ ރުހުމާއި، މަޝްވަރާއާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން ގަސްދުކޮށްފިނަމަ، (އެކަމުގައި) އެ ދެ މީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް ގަސްދުކޮށްފިނަމަ، ހެޔޮގޮތުގައި އެ ކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެ ކަނބަލުންނަށް ދެނީނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ.
234
އަދި ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުން ދޫކޮށްފައިދާ އަނބިން، އެ ކަނބަލުންގެ ނަފްސުތަކާއިގެން ހަތަރުމަހާއި ދިހަދުވަހު (މީހުނާ ނީނދެ) އިންތިޒާރުކުރާހުށިކަމެވެ. ފަހެ އެ ކަނބަލުންގެ އިއްދަގެ ދުވަސްތައް ފުރިހަމަކޮށްފިނަމަ، ޝަރުއީ ހަމައިގެމަތިން، އެ ކަނބަލުންގެ ނަފްސުތަކާމެދު އެ ކަނބަލުން ކަންތައްކުރި ގޮތެއްގައި، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
235
އަދި (ރުޖޫއަ ކުރެވޭ އިއްދަ ފިޔަވާ އެހެން އިއްދައެއްގައިވާ) އަންހެނުންކުރެން، ތިޔަބައިމީހުން ކާވެނިކުރަން އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ އިޝާރަތްކުރާ ބަހެއް ބުނުމާމެދު، ނުވަތަ، ތިޔަބައިމީހުންގެ ހިތުތެރޭގައި (ކާވެނިކުރުމުގެ ގަސްދު) ފޮރުވާފައި ބޭއްވުމާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އެ ކަނބަލުން ކުރެން (ސަރީހަ ކޮށް) ކާވެނިކުރުމަށް އެދޭނޭކަން ﷲ ދެނެވޮޑިގެންވެއެވެ. އެހެނެއްކަމަކު، ޝަރުއީ ހަމައިގެ މަތިންވާ ބަހެއް ތިޔަބައިމީހުން ބުނުން ފިޔަވާ، އެ ކަނބަލުންނަށް ކާވެނިކުރުމާމެދު ވައުދުވެ ނުހަދާހުށިކަމެވެ. އަދި އެ ކަނބަލުންގެ އިއްދަ ހަމަވެއްޖައުމަށްދާންދެން، ތިޔަބައިމީހުން (އެ ކަނބަލުންނާ) ކާވެނި އަގުދު ނުކުރާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ނަފްސުތަކުގައިވާ ކަންތައް ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވާކަން ތިޔަބައިމީހުން ދަންނާށެވެ. ވީމާ، ތިޔަބައިމީހުން، އެ އިލާހަށް ބިރުވެތިވެ ރައްކާތެރިވާށެވެ. އަދި ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ޙަލީމްވަންތަ، އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ.
236
ތިޔަބައިމީހުން އަނބިންނާއެކު ރޭނުކުރާހާ ހިނދަކު، ނުވަތަ އެ ކަނބަލުންނަށް ރަނެއް ކަނޑައަޅާފައިނުވާހާ ހިނދަކު، ތިޔަބައިމީހުން، އެ ކަނބަލުން ވަރިކޮށްފިނަމަ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. (ނަމަވެސް) ތިޔަބައިމީހުން، އެ ކަނބަލުން ފައިދާ ލިބިގަތުމަށް މުދަލުގެ ތެރެއިން މިންވަރެއް އެ ކަނބަލުންނަށް ދޭށެވެ! ތަނަވަސްކަން ލިބިގެންވާ މީހާގެ މައްޗަށް ވާޖިބު ވެގެންވަނީ، އޭނާގެ ވަރުން ދިނުމެވެ. އަތްމަތިދަތި މީހާގެ މައްޗަށް ވެސް ވާޖިބު ވެގެންވަނީ، އޭނާގެ ވަރުން ދިނުމެވެ. ހެޔޮގޮތުގައި ދެވޭ މުދަލެއްގެ މިންވަރެއްގެ ގޮތުގައެވެ. (ވަރިކުރެވޭ މީހުންނަށް ދިނުން) އިހްސާންތެރިންގެ މައްޗަށް ވާޖިބު ވެފައިވާ ހައްގެއްގެ ގޮތުގައެވެ.
237
އަދި ތިޔަބައިމީހުން އެ ކަނބަލުންނަށް، ރަނެއް ކަނޑައަޅާފައިވާ ހާލު، އެ ކަނބަލުންނާއެކު ރޭކުރުމުގެކުރިން، ތިޔަބައިމީހުން އެ ކަނބަލުން ވަރިކޮށްފިނަމަ، ފަހެ ތިޔަބައިމީހުން ކަނޑައެޅި ރަނުގެ ދެބައިކުޅަ އެއްބައި، (އެ ކަނބަލުންނަށް) ދިނުންހުއްޓެވެ. (އެއީ) އެ ކަނބަލުން އަފޫކުރުމުން މެނުވީއެވެ. ނުވަތަ، ކާވެނީގެ ގޮށް އެ މީހެއްގެ އަތުގައިވާ މީހާ އަފޫކުރުމުން މެނުވީއެވެ. ތަގުވާވެރިކަމާ އެންމެގާތްގޮތަކީ، ތިޔަބައިމީހުން އަފޫކުރުމެވެ. އަދި ތިޔަބައިމީހުންގެ މެދުގައި، އެކަކު އަނެކެއްގެ މައްޗަށް އޮންނަންޖެހޭ އިހްސާންތެރިވުން، ތިޔަބައިމީހުން ހަނދާންނައްތައި ނުލާށެވެ! ހަމަކަށަވަރުން ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
238
ތިޔަބައިމީހުން ނަމާދުތަކާއި، އަދި މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ގާއިމުވެ ތިބޭށެވެ!
239
ފަހެ ތިޔަބައިމީހުންނަށް ބިރުވެރިކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާތިބެގެން، ނުވަތަ، ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ. ދެން، ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމަ، ފަހެ ތިޔަބައިމީހުން، ﷲ ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށްއުޅުނުގޮތަށް ނަމާދު ކުރާށެވެ!) ތިޔަބައި މީހުންނަށް އެނގިގެންނުވާ ކަންތައް، އެ އިލާހު ތިޔަބައިމީހުންނަށް އުނގަންނައިދެއްވި ފަދައިންނެވެ.
240
ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާ މީހުން، އެ މީހުންގެ އަނބިން (ގެއިން) ނެރެލުމަކާނުލާ، އަހަރުދުވަހަށް ދާންދެން (ކެއިންބުއިމާއި ފޭރާމުގެ ގޮތުން) ބޭނުންކުރާނޭ އެއްޗެއް، އެ މީހުންގެ އަނބިންނަށް ދިނުމަށް ވަސިއްޔަތްކުރާހުށިކަމެވެ. ފަހެ އެ ކަނބަލުން (ގެއިން) ނުކުމެއްޖެނަމަ، (ދަންނާށެވެ.) ޝަރުއީ ހަމައިގެމަތިން އެ ކަނބަލުންގެ ނަފްސުތަކާމެދު އެ ކަނބަލުން ކުޅަކަމެއްގައި ފަހެ ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ﷲ އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ. (ނޯޓު: މި އާޔަތުގައިވާ ވަސިއްޔަތާއި، ހުވަފަތްވެފައިވާ އަންހެނާ، ގެއިންނުނެރެ އަހަރުދުވަސްވަންދެން ބޭންދުމުގެ ހުކުމް ވަނީ ނަސްޚު ވެފައެވެ.)
241
ވަރިކޮށްފައިވާ އަންހެނުންނަށް އެކަށީގެންވާ ހެޔޮގޮތުގައި ނަފަގާތު ދިނުން ހުއްޓެވެ. ތަގުވާވެރިންގެ މައްޗަށްވާ ހައްގެއްގެ ގޮތުގައެވެ.
242
އެފަދައިން ﷲ، އެ އިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، ތިޔަބައިމީހުން ވިސްނައި ދެނެގަނެވޭތޯއެވެ.
243
އެތައްހާސް ބަޔަކު ކަމުގައިވާ ހާލު، މަރަށް ބިރުން އެ މީހުންގެ ގޯތިގެދޮރުން ނުކުމެގެންދިޔަ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ ފަހެ ﷲ، އެ މީހުންނަށް ވަހީކުރެއްވިއެވެ: ތިޔަބައިމީހުން މަރުވާށެވެ. (ދެން، އެ މީހުން މަރުވީއެވެ.) ދެން، އެ އިލާހު އެ މީހުން ދިރުއްވިއެވެ. ހަމަކަށަވަރުން ﷲ އީ، މީސްތަކުންގެ މައްޗަށް ފަޟްލުވަންތަވެރި އިލާހުކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުން ކުރެ ގިނަ މީހުން ޝުކުރެއް ނުކުރެއެވެ.
244
އަދި ތިޔަބައިމީހުން، ﷲ ގެ މަގުގައި ހަނގުރާމަ ކުރާށެވެ! އަދި ހަމަކަށަވަރުން ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ.
245
ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ދަރަނި ދޭހުށީ (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ ގިނަވެގެންވާ ގުނަތަކަކަށް، ﷲ، އެ ދަރަނީގެ ހެޔޮ ޖަޒާ އެ މީހަކަށް އިތުރުކޮށް ދެއްވާނެއެވެ. ރިޒްގު ދަތިކުރައްވަނީ، އަދި ތަނަވަސް ކުރައްވަނީވެސް ﷲ އެވެ. އަދި ތިޔަބައިމީހުން އެނބުރި ރުޖޫއަ ކުރައްވާހުށީ ހަމަ އެ އިލާހުގެ ހަޒްރަތަށެވެ.
246
އިސްރާއީލުގެ ދަރިންގެ ތެރެއިން، މޫސާގެފާނަށް ފަހުން އުޅުނު ޖަމާއަތެއްގެ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެއީ، އެ މީހުންގެ ނަބިއްޔަކަށް އެ މީހުން ދެންނެވި ހިނދުގައެވެ. ﷲ ގެ މަގުގައި ތިމަންމެން ހަނގުރާމަކުރުމަށް ތިމަންމެންނަށް ރަސްކަލަކު ފޮނުއްވައި ދެއްވާށެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ: ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ކަނޑައެޅި ލިޔެވުނަސް، ތިޔަބައިމީހުން ހަނގުރާމަ ނުކޮށް ތިބެދާނެ ނޫންހެއްޔެވެ؟ އެ މީހުން ދެންނެވިއެވެ: ތިމަންމެންގެ ގޯތި ގެދޮރުންނާއި ދަރިންގެ ގާތުން ތިމަންމެން ނެރެލާފައިވާ ހާލު، ﷲ ގެ މަގުގައި ތިމަންމެން ހަނގުރާމަ ނުކުރާންވީ ކީއްވެގެންތޯއެވެ؟ ދެން، އެ މީހުންގެ މައްޗަށް ހަނގުރާމަ ކަނޑައެޅި ލިޔެވުނު ހިނދު، އެ މީހުންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކަމަށް ފުރަގަސްދިނެވެ. ﷲ އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
247
އަދި އެ މީހުންގެ ނަބިއްޔާ އެ މީހުންނަށް ވިދާޅުވިއެވެ: ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި ޠާލޫތު ފޮނުއްވައިފިއެވެ. އެ މީހުން ދެންނެވިއެވެ: އޭނާއަށްވުރެ ރަސްކަމަށް ތިމަންމެން ހައްގުކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުންތޯއެވެ؟ އަދި އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއްވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ: ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ، އޭނާ ޚިޔާރުކުރެއްވިއެވެ. އަދި އޭނާއަށް އިލްމާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. ﷲ، އެ އިލާހު އިރާދަކުރައްވާ މީހަކަށް، އެ އިލާހު ވެރިކަން ދެއްވައެވެ. އަދި ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
248
އަދި އެ މީހުންނަށް އެ މީހުންގެ ނަބިއްޔާ ވިދާޅުވިއެވެ: ހަމަކަށަވަރުން އޭނާގެ ވެރިކަމުގެ ހެއްކަކީ، ތިޔަބައިމީހުންނާ ހަމައަށް ތާބޫތު އައުމެވެ. ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ހިތްހަމަޖެހުމަކާއި، އަމާންކަމަކާއި، އަދި މޫސާގެފާނުގެ އާލުވެރިންނާއި ހާރޫނުގެފާނުގެ އާލުވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ ތާބޫތުގައި ވެއެވެ. (އެ ތަކެއްޗާއެކު) އެ ތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެއެވެ. ތިޔަބައިމީހުންނީ، މުއުމިނުން ކަމުގައިވާނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ. (ނޯޓު: ތާބޫތަކީ ފޮށްޓެކެވެ. އެ ފޮށީގައިވާތަކެއްޗާމެދު ތަފާތު ގޮތްގޮތަށް މުފައްސިރުން ލިޔުއްވާފައިވެއެވެ.)
249
ދެން، ލަޝްކަރާއިގެން ޠާލޫތު ނުކުމެވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ: ހަމަކަށަވަރުން ﷲ، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ އެ ކޯރުން ފެންބޮއިފި މީހާ (ދަންނާށެވެ.) ފަހެ އެ މީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެއެވެ. އަދި އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެ މީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ. ދެން، ފަހެ އެ މީހުންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ. ދެން އެއަށް ފަހު، ޠާލޫތާއި، އޭނާގެ އަރިހުގައި އީމާން ވެގެން ތިބި މީހުން، އެ ކޯރު ފަހަނަޅައި ހިނގައްޖެހިނދު، އެ މީހުން (ގެ ތެރެއިން ބަޔަކު) ދެންނެވިއެވެ: ޖަލޫތާއި، އޭނާގެ ލަޝްކަރާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަމެއް އަދަކު ތިމަންމެންނަކަށް ނެތެވެ. ހަމަކަށަވަރުން ﷲ އާ ބައްދަލުވާނޭކަން ޔަގީންކުރާ މީހުން ބުންޏެވެ. ﷲ ގެ އިޒުނައާއެކު ކިތައް ކިތައް މަދު ޖަމާއަތުގެ މީހުން، ގިނަ ޖަމާއަތުގެ މައްޗަށް ގަދަވެގެންފައިވޭހެއްޔެވެ؟ އަދި ﷲ ވަނީ ކެތްތެރިންނާ އެކުގައެވެ.
250
އަދި އެ މީހުން (އެބަހީ: މުއުމިނުންގެ ލަޝްކަރު) ޖަލޫތާއި، އޭނާގެ ލަޝްކަރާ (ހަނގުރާމަ ކުރުމަށް ސަފުތައްހަދައި) ކުރިމަތިލީހިނދު، އެ މީހުން ދެންނެވިއެވެ: އަޅަމެންގެ ރައްބެވެ. އަޅަމެންނަށް ކެތްތެރިކަން ދެއްވާނދޭވެ. އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނދޭވެ. އަދި ކާފިރު ވެގެންވާ ގައުމުގެ މައްޗަށް އަޅަމެންނަށް ނަސްރު ދެއްވާނދޭވެ.
251
ފަހެ އެ މީހުން ﷲ ގެ އިޒުނަފުޅާއެކު ކާފިރުންގެ ލަޝްކަރު ބަލިކޮށްފިއެވެ. އަދި ދާވޫދުގެފާނު، ޖާލޫތު ގަތުލުކުރެއްވިއެވެ. އަދި ﷲ، އެކަލޭގެފާނަށް ރަސްކަމާއި، ހިކުމަތް (އެބަހީ: ނަބީކަން) ދެއްވިއެވެ. އަދި އެ އިލާހު އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެ އިލާހު އުނގަންނައި ދެއްވިއެވެ. އަދި މީސްތަކުން ކުރެ އެއްބަޔަކު މެދުވެރިކުރައްވާ އަނެއް ބަޔަކު (ގެ ނުރައްކާތެރިކަން) ﷲ، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަ ވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު ﷲ އީ، އާލަމްތަކުގެ މައްޗަށް ފަޟްލުވަންތަވެރި އިލާހެވެ.
252
އެއީ، ﷲ ގެ އާޔަތްތަކެވެ. ހައްގު ގޮތުގައި ތިމަން އިލާހު ކަލޭގެފާނަށް އެ އާޔަތްތައް ކިޔައިދެއްވަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުވަނީ، ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.
253
އެއީ ރަސޫލުންނެވެ. ތިމަން އިލާހު އެ ރަސޫލުންކުރެ އެއްބަޔަކު އަނެއް ބަޔަކަށްވުރެ މާތްކުރެއްވީމެވެ. އެ ބޭކަލުންގެ ތެރެއިން ﷲ (ސީދާ) ބަސް ވަހީކުރެއްވި ބޭކަލުން ވެއެވެ. އަދި އެ އިލާހު، އެ ބޭކަލުންކުރެ ބަޔެއް ބޭކަލުން ދަރަޖައިގެ ގޮތުން މަތިވެރި ކުރެއްވިއެވެ. އަދި މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނަށް، ބަޔާން ވެގެންވާ ހެކިތަކާއި ހުއްޖަތްތައް ތިމަން އިލާހު ދެއްވީމެވެ. އަދި ރޫޙުލް ގުދުސުން (އެބަހީ: ޖިބްރީލުގެފާނު ފޮނުއްވުމުން) ތިމަން އިލާހު އެކަލޭގެފާނަށް ބާރު ދެއްވީމެވެ. ﷲ އިރާދަ ކުރެއްވިނަމަ، އެ ބޭކަލުންގެ ފަހުން އައި މީހުން އެ މީހުންނަށް ބަޔާންވެގެންވާ ހެކިތަކާއި، ހުއްޖަތްތައް އައުމަށް ފަހު އެ މީހުން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު އެ މީހުން ޚިލާފު ވެއްޖެއެވެ. ފަހެ އެ މީހުންގެ ތެރެއިން، އީމާންވި މީހުންނާއި، އަދި ކާފިރުވި މީހުންވެސް ވެއެވެ. އަދި ﷲ އިރާދަ ކުރެއްވިނަމަ، އެ މީހުން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު ﷲ އެ އިލާހު އިރާދަކުރައްވާ ކަމެއް ކުރައްވައެވެ.
254
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ހޭދަކުރާށެވެ! އެއީ ވިޔަފާރި ކުރުމެއް ނެތް (އެބަހީ: ފިދުޔަ ދީގެން ސަލާމަތްވުމެއް ނެތް)، އަދި (މަންފާއެއް ކޮށްދޭނެ) ރަހުމަތްތެރިކަމެއް ވެސް ނެތް، އަދި (އެ އިލާހުގެ އިޒުނަފުޅާ ލައިގެން މެނުވީ) ޝަފާއަތްތެރިކަމެއް ވެސް ނުވާ ދުވަހެއް އައުމުގެ ކުރިންނެވެ. އަދި ކާފިރުން އެއީ ހަމަ އަނިޔާވެރިންނެވެ.
255
ﷲ އީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވާ އިލާހެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ގާއިމުވެ ވޮޑިގެންވާ އިލާހެވެ. އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް އެ އިލާހަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެ އިލާހަށެވެ. އެ އިލާހުގެ އިޒުނަފުޅާ ލައިގެން މެނުވީ، އެ އިލާހުގެ ހަޒްރަތުގައި ޝަފާއަތްތެރިވާނެ މީހަކީ ކާކުހެއްޔެވެ؟ އެ މީހުންގެ ކުރިން (އެބަހީ: ޚަލްގުތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެ މީހުންގެ ފަހުން ވާނޭހާ ކަމެއްވެސް އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެ އިލާހުގެ އިލްމުފުޅުގެ ތެރެއިން އެ އިލާހު އިރާދަ ކުރެއްވިކަމެއް ފިޔަވާ، އެއްވެސް އެއްޗެއް އެ މީހުންނަކަށް އެނގިގެނެއް ނުވެއެވެ. އެ އިލާހުގެ ކުރުސި، އުޑުތަކާއި ބިމުގެ އެންމެހާ ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި ބިން ރައްކާތެރި ކުރައްވާ ހިފެހެއްޓެވުމަށް އެ އިލާހުގެ ހަޒްރަތަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އެ އިލާހީ މަތީގައި ވޮޑިގެންވާ، ހައިބަބޮޑުވެގެންވާ އިލާހެވެ.
256
ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ. ހަމަކަށަވަރުން މަގުފުރެދުމުގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތުގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ ޠާޣޫތަށް ކާފިރުވެ، ﷲ އަށް އީމާން ވާމީހާ (ދަންނާށެވެ.) ފަހެ އެ މީހާ އެންމެ ވަރުގަދަ އުޅައްގަނޑުގައި ހިފަހައްޓައިފިކަން ކަށަވަރެވެ. އެއަށް ނެތި ދިޔުމެއް ނުވެއެވެ. އަދި ﷲ އީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
257
ﷲ އީ، އީމާންވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ އިލާހެވެ. އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެ އިލާހު އެ މީހުން ނެރުއްވައެވެ. އަދި ކާފިރުވި މީހުންގެ އެކުވެރި ވާގިވެރިންނަކީ ޠާޣޫތުންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ (ޠާޣޫތުން) އެ މީހުން ނެރެއެވެ. އެ މީހުންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެ މީހުން އެ ތާނގައި ދެމިތިބޭނެއެވެ.
258
ﷲ، އޭނާއަށް ރަސްކަންދެއްވާފައިވާތީ، އިބްރާހީމްގެފާނުގެ ރައްބާމެދު އެކަލޭގެފާނާ ޖަދަލުކުރި މީހާއަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ (އެއީ) އިބްރާހީމްގެފާނު ވިދާޅުވި ހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ރައްބެވެ. އޭނާ ދެންނެވިއެވެ: އަހަރެންވެސް ދިރުވައި އަދި މަރަމެވެ. އިބްރާހީމްގެފާނު ވިދާޅުވިއެވެ: ފަހެ ހަމަކަށަވަރުން ﷲ، އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! ދެން، އެ ކާފިރުވި ކަލޭގެ ހައިރާންވެ ބަސްހުއްޓިއްޖެއެވެ. އަނިޔާވެރިވެގެންވާ ގައުމަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.
259
ނުވަތަ، ހިޔާވަހިކަންދޭ ފުރާޅުތަކާއި އިމާރާތްތައް ވެއްޓި ފަޅުވެފައިވާ ރަށެއްގެ ކައިރިންލާފައި ވަޑައިގަތް ބޭކަލެއްގެ ވާހަކަޔާމެދު ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ އޭނާ ވިދާޅުވިއެވެ: މިރަށް މަރުވުމަށް ފަހު، (އެބަހީ: ފަޅުވެ ވީރާނާ ވުމަށް ފަހު) ﷲ، އަލުން އެރަށް ދިރުއްވާނީ ކޮންފަދައަކުންހެއްޔެވެ؟ ދެން، ﷲ، ސަތޭކަ އަހަރަށް، އޭނާ މަރުގެންނެވިއެވެ. ދެން އަލުން އޭނާ ދިރުއްވައި ހަޔާތަށް ފޮނުއްވިއެވެ. އެ އިލާހު ވަހީކުރެއްވިއެވެ: ކަލޭގެފާނު އަވަހާރަވެފައި އޮންނެވީ ކިތައްދުވަހުތޯއެވެ؟ އޭނާ ދެންނެވިއެވެ: މި އަޅާ އޮތީ އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހަކުން ބަޔެއްގައެވެ. އެ އިލާހު ވަހީކުރެއްވިއެވެ: އަދި ކިޔެއްހެއްޔެވެ! ސަތޭކަ އަހަރު ވާނދެން ކަލޭގެފާނު އޮންނެވީމުއެވެ. ފަހެ ކަލޭގެފާނުގެ ކާތަކެއްޗަށާއި ބޯތަކެއްޗަށް ބައްލަވާށެވެ. އެ ތަކެއްޗަށް ބަދަލެއްނާދެއެވެ. އަދި ކަލޭގެފާނުގެ ހިމާރަށް ބައްލަވާށެވެ. (އެ ކަން އެ ގޮތަށް ކުރެއްވީ ކަލޭގެފާނު ދެނެވަޑައިގަތުމަށް ޓަކައެވެ.) އަދި މީސްތަކުންނަށް ހެއްކެއްކަމުގައި ކަލޭގެފާނު ލެއްވުމަށް ޓަކައެވެ. އަދި ތިމަން އިލާހު އެ ކަށިތައް އެއް ކުރައްވާ، ދެން، އެ ކަށިތަކުގައި މަސް ލައްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ. ދެން، އޭނާއަށް އެ ކަން ބަޔާންވެ އެނގިވަޑައިގަތްހިނދު ދެންނެވިއެވެ: ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހުކަން ޔަގީން ކޮށްދެނެގަންނަމެވެ.
260
އަދި އިބްރާހީމްގެފާނު ދެންނެވި ހިނދު ހަނދުމަކުރާށެވެ! އަޅުގެ ރައްބެވެ. އިބަ އިލާހު، މަރުވެފައިވާ ތަކެތި ދިރުއްވަނީ ކޮންފަދައަކުންކަން އިބަ އިލާހު މިއަޅާއަށް ދައްކަވައިފާނދޭވެ. އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ ކަލޭގެފާނު އީމާން ވެވަޑައި ނުގަންނަވަނީތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ: ނޫނެކެވެ! (މިއަޅާވަނީ އީމާން ވެގެންނެވެ.) އެހެނެއްކަމަކު، މިއަޅާގެ ހިތްހަމަޖެހުމަށް ޓަކައެވެ. އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ ކަލޭގެފާނު، ހަތަރު ދޫންޏެއް، ހިއްޕަވާށެވެ. ދެން އެ އެއްޗެތި ކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނަވައި، ކަތިލައްވައި، ކޮށްޓަވައި، މޮޑުއްވައި، އެކަތި އަނެކައްޗާ އެއް ކުރައްވާ ހައްދަވާށެވެ. ދެން (ބައިކުރައްވާ) އެއިން ބައެއް ކޮންމެ ފަރުބަދަޔެއްގެ މައްޗަށް ލައްވާށެވެ. ދެން، އެ އެއްޗިއްސަށް ކަލޭގެފާނު ގޮވައިލައްވާށެވެ. އެ ހިނދު، އެ އެއްޗެތި ކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އަންނަ ހުއްޓެވެ. ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހުކަން ދަންނާށެވެ.
261
ﷲ ގެ މަގުގައި، އެ މީހުންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. ﷲ އިރާދަކުރައްވާ މީހަކަށް (ސަވާބު) ގިނަގުނަ ކުރައްވައެވެ. އަދި ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
262
އެ މީހުންގެ މުދާ، ﷲ ގެ މަގުގައި ހޭދަކޮށް، ދެން އެއަށް ފަހު، އެ މީހުން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ އަމަލުން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެ މީހުންގެ އުޖޫރަ (އެބަހީ: ސަވާބު) އެ މީހުންގެ ރައްބުގެ ހަޒްރަތުގައި އެ މީހުންނަށް ވެއެވެ. އަދި އެ މީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެ މީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
263
އެ ސަދަގާތަކާ ގުޅިގެން އުނދަގުލެއްދޭ ސަދަގާތަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި އަފޫކުރުން، ހެޔޮކަން މާ ބޮޑެވެ. ﷲ އީ، ފުދިވޮޑިގެންވާ، ޙަލީމްވަންތަ އިލާހެވެ.
264
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ސަދަގާތްތައް ބާތިލު ނުކުރާ ހުށިކަމެވެ. މީހުންނަށް ދެއްކުމަށް ޓަކައި އެ މީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިސާލު ފަދައިންނެވެ. ﷲ އަށާއި އާޚިރަތް ދުވަހަށް އޭނާ އީމާނެއް ނުވެއެވެ. ފަހެ އޭނާގެ މިސާލީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ މިސާލެވެ. އެ މީހުން ކުރި މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެ މީހުންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ. (އެބަހީ: އެ މީހުން ކުރި އަމަލަށް އާޚިރަތް ދުވަހުން އެ މީހުންނަކަށް އެއްވެސް ސަވާބެއް ނުލިބޭ ހުއްޓެވެ.) ކާފިރު ވެގެންވާ ގައުމަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.
265
އަދި ﷲ ގެ ރުއްސެވުންއެދި، އަދި (ﷲ ގެ ސަވާބާއި ދަރުމަ ލިބޭނެކަމަށް) އެ މީހުންގެ ނަފްސުތަކުން ޔަގީން ކޮށްކަށަވަރު ކޮށްގެންތިބެ، އެ މީހުންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއް ވެހި، އެތާނގެ މޭވާ، ދެގުނައަށް އިތުރުވެގެންދާ، އަދި ބޯވާރެއެއް ނުވެހުނުނަމަ، ހިމަފޮދު ވާރެއެއް ވެހޭ ބަގީޗާއެއްގެ މިސާލެވެ. (މިއިން ކޮންމެ ގޮތެއްގައިވެސް މޭވާ ލިބި އިތުރުވެއެވެ.) ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
266
ކަދުރު ރުކާއި، މޭބިސްކަދުރު ހުރި ބަގީޗާއެއް އެ މީހަކަށް ލިބި، އެ ބަގީޗާގެ ދަށުން ކޯރުތައް ހިނގަހިނގާހުރެ، އެ ތަނުން އޭނާއަށް ހުރިހާ ބާވަތެއްގެ މޭވާ ލިބި، ދެން އޭނާއަށް ނިކަމެތި ޅަދަރިންތަކެއްވާ ހާލުގައި، (މަސައްކަތެއް ނުކުރެވޭ ވަރަށް) އޭނާއަށް މުސްކުޅިކަން އައިސްފައިވަނިކޮށް، ދެން، އަލިފާންހުރި ވައިގެ ގަދަ ކޮޅިގަނޑެއް އެ ބަގީޗާއަށްޖެހި އަނދައިގެންދާ ބަގީޗާއެއް އޮތުމަށް، ތިޔަބައިމީހުންކުރެ އެކަކުވެސް ހިތްއެދޭނެހެއްޔެވެ؟ އެފަދައިން ﷲ، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާންކޮށްދެއްވަނީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރޭތޯއެވެ.
267
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންނަށް ޓަކައި ބިމުން ތިމަން އިލާހު ނެރެދެއްވި ތަކެތިންވެސް މެއެވެ. އަދި އެއިން ހޭދަކުރުމަށް ޓަކައި، ދެރަ ތަކެތި ގަސްދު ނުކުރާށެވެ! ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭ މީހުން ކަމުގައިވާނަމަ) އެ ތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން ނޫނީ އެ ތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނެއެވެ. ހަމަކަށަވަރުން ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ހަމްދު ލިބިވޮޑިގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ.
268
ފަގީރު ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިތާނާ ބިރުދައްކަތެވެ. އަދި އެ ޝައިތާނާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެއެވެ. ﷲ، ތިޔަބައިމީހުންނަށް ވައުދު ކުރައްވަނީ، އެ އިލާހުގެ ހަޒްރަތުން ތިޔަބައިމީހުންނަށް ފާފަ ފުއްސެވުމާއި، ފަޟްލުވަންތަ ކަމަށެވެ. ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
269
އެ އިލާހު އިރާދަކުރައްވާ މީހަކަށް ހިކުމަތް ދެއްވައެވެ. އަދި (އެ މީހަކަށް) ހިކުމަތް ދެއްވި މީހާއަށް ފަހެ ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ އަހުލުވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދައެވެ.
270
އަދި ހޭދަކުރުމުގެ ތެރެއިން ތިޔަބައިމީހުންކުރި ހޭދައެއް، ނުވަތަ، ނަދުރުގެ ތެރެއިން ތިޔަބައިމީހުން ގަތް ނަދުރެއް، ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެއެވެ. އަނިޔާވެރިންނަށް ނަސްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
271
(ވާޖިބު ނޫން) ސަދަގާތްތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ އެއީ ނުހަނު މޮޅު ކަމެކެވެ. އަދި ތިޔަބައިމީހުން ވަންހަނާކޮށް، އެ ސަދަގާތްތައް ފަގީރުންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެ ކަމުގެ ހެޔޮކަން މާ ބޮޑެވެ. އަދި އެއީ، ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެ އިލާހު ފުއްސަވާނޭ ކަމެކެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
272
އެ މީހުންނަށް ތެދުމަގު ދެއްކެވުމަކީ، ކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. (ކަލޭގެފާނަށްއޮތީ އިއްވެވުމެވެ.) އެހެނެއްކަމަކު ﷲ އިރާދަ ކުރެއްވި މީހަކަށް އެ އިލާހު ތެދުމަގު ދައްކަވައެވެ. އަދި ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް (ގެ ސަވާބު) ލިބޭހުށީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. އަދި ﷲ ގެ ވަޖުހުފުޅު އެދިގެން މެނުވީ، ތިޔަބައިމީހުން ހޭދައެއް ނުކުރަމުއެވެ. އަދި މުދަލުން ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް (ގެ ސަވާބާއި ދަރުމަ) ފުރިހަމައަށް ތިޔަބައި މީހުންނަށް ލިބޭނެއެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުއްޓެވެ.
273
ﷲ ގެ މަގުގައި (ޖިހާދުކުރުމުގައި) ބަންދުވެފައި ތިބި ފަގީރުންނަށް (ސަދަގާތް ދިނުން) ހުއްޓެވެ. އެ މީހުންނަކަށް (ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ބިމުގައި ދަތުރުފަތުރުކޮށެއް ނޫޅެވެއެވެ. އެ މީހުންގެ ޚަބަރު ނުދަންނަ މީހާ ހީކުރަނީ، އެއްޗިއްސަށް ނޭދުމުގެ ސަބަބުން، އެއީ، މުއްސަނދިން ކަމަށެވެ. އެ މީހުންގެ އަލާމަތްތަކުން، ތިބާއަށް އެ މީހުން އެނގޭނެއެވެ. އެ މީހުން އެއްޗިއްސަށްއެދި، މީހުންނަށް އާދޭސްކޮށެއް ނޫޅޭނެއެވެ. ތިޔަބައިމީހުން މުދަލުން ހޭދަކުރާ ކޮންމެ އެއްޗަކާމެދު (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ، އެ ކަންތައް މޮޅަށް ދެނެވޮޑިގެންވެއެވެ.
274
އެ މީހުންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެ މީހުންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ އެ މީހުންގެ ރައްބުގެ ހަޒްރަތުގައި އެ މީހުންގެ ދަރުމަ، އެ މީހުންނަށް ހުއްޓެވެ. އަދި އެ މީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް އެ މީހުން ނުމެވޭމެއެވެ.
275
ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިތާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ގިޔާމަތް ދުވަހުން އެ މީހުން ކަށްވަޅުން) ނުތެދުވާނެއެވެ. އެހެނީ، އެ މީހުން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ ﷲ ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ވަނީ ހަރާމް ކުރައްވާފައެވެ. ފަހެ އެ މީހާގެ ރައްބުގެ ހަޒްރަތުން ވައުޒާއި ނަސޭހަތް، އެ މީހަކާ ހަމައަށް އައުމުން އެ ކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ.) ފަހެ އިސްވެދިޔަ އެއްޗެއް އެ މީހަކަށް ހުއްޓެވެ. (އެބަހީ: ރިބާގެ ހުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފު ކުރައްވާފައި ވެއެވެ.) އަދި އެ މީހެއްގެ ކަންތައްއޮތީ، ﷲ އަށް ޚާއްސަ ވެގެންނެވެ. އަދި އަލުން (އެ ކަމަށް) އެނބުރި އަތުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެ މީހުންނީ އެ ތާނގައި ދެމިތިބެނިވި ބަޔެކެވެ.
276
ﷲ، ރިބާ އުނިކުރައްވާ، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި ސަދަގާތް އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ ބަރަކާތް އިތުރުކުރައްވާ، އާޚިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި ފާފަވެރި، ކޮންމެ ކާފިރަކު ދެކެ، ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ.
277
ހަމަކަށަވަރުން އީމާންވެ، ސާލިހު އަމަލުތައް ކޮށް، ނަމާދު ގާއިމުކޮށް، ޒަކާތް ދީ އުޅުނު މީހުންނަށް އެ މީހުންގެ ދަރުމަ، އެ މީހުންގެ ރައްބުގެ ހަޒްރަތުގައި ވެއެވެ. އަދި އެ މީހުންގެ މައްޗަށް އެއްވެސް ބިރެއް ނެތެވެ. އަދި އެ މީހުންނަކީ، ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.
278
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ﷲ އަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!
279
ފަހެ ތިޔަބައިމީހުން (ނަށް އަމުރު ވެވިގެންވާ ގޮތަށް) އަމަލު ނުކޮށްފިނަމަ، ﷲ އާއި އެ އިލާހުގެ ރަސޫލާގެ ފަރާތުން ހަނގުރާމައިގެ އިއުލާނެއް ތިޔަބައިމީހުން ލިބިގަންނާށެވެ. ތިޔަބައިމީހުން (ރިބާ ދޫކޮށް) އެނބުރި ރުޖޫއަވެ ތައުބާ ވެއްޖެނަމަ ތިޔަބައިމީހުންގެ ރައުސުލް މާލްތައް، ފަހެ ތިޔަބައިމީހުންނަށް ހުއްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި (އުނިވުމުން) ތިޔަބައިމީހުންނަށް ވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.
280
އަދި (ދަރަނިވެރިޔާއަކީ) އަތްމަތި ދަތި މީހަކު ކަމުގައިވާނަމަ، ފަހެ (އެ މީހާއަށް) ތަނަވަސްކަމެއް ލިބެންދެން (އޭނާއަށް) މުހުލަތް ދޭ ހުށިކަމެވެ. އަދި ތިޔަބައިމީހުން (އެ ދަރަނީން) ސަދަގާތްކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެ ކަން) އެނގޭ ކަމުގައި ވާނަމައެވެ.
281
އެ ދުވަހެއްގައި، ﷲ ގެ ހަޒްރަތަށް ތިޔަބައިމީހުން ރުޖޫއަ ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ. ދެން، ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެ ދުވަހުން) ލިބޭނެއެވެ. އަދި އެ މީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުއްޓެވެ.
282
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކަނޑައެޅި އެނގިގެންވާ މުއްދަތަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ މުއާމަލާތެއް ކޮށްފިނަމަ، ފަހެ އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ! އަދި ތިޔަބައިމީހުންގެ މެދުގައި ލިޔާ މީހަކު އަދުލުވެރި ކަމާއެކު (އުނި އިތުރު ކުރުމެއް ނެތި، އެ މީހުން އެއްބަސްވީގޮތަށް، އެ ދަރަނީގެ ލިޔުން) ލިޔާހުށި ކަމެވެ! ލިޔާ މީހަކު (ކިބައިން ލިޔެދިނުމަށް އެދިއްޖެނަމަ) އޭނާއަށް، ﷲ ލިޔަން އުނގަންނައިދެއްވި ފަދައިން ލިޔެދިނުމުން، އޭނާ މަނާވެ ނުގަންނަހުށި ކަމެވެ! ފަހެ އޭނާ ލިޔާހުށި ކަމެވެ! އަދި އެ މީހެއްގެ މައްޗަށް ހައްގު އޮތް މީހާ (އެބަހީ: ދަރަނިވެރިޔާ ލިޔަންވީ އެއްޗެއް ލިޔާ މީހާއަށް) ކިޔައިދޭހުށިކަމެވެ. އަދި އޭނާގެ ރައްބު ކަމުގައިވާ ﷲ އަށް، އޭނާ ތަގުވާވެރި ވާހުށިކަމެވެ. އަދި އެއިން އެއްވެސް އެއްޗެއް އުނި ނުކުރާ ހުށިކަމެވެ. ފަހެ އެ މީހެއްގެ މައްޗަށް ހައްގު އޮތް މީހާއީ (އެބަހީ: ދަރަނިވެރިޔާއީ) ދޯދިޔާ މީހަކު ކަމުގައިވާނަމަ (އެބަހީ: ވިޔާނުދާ ހަރަދު ކޮށްއިސްރާފު ކޮށްއުޅޭ، އުޅުންގޯސް މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) ނިކަމެއްޗެއް ކަމުގައިވާނަމަ، (އެބަހީ: ކުޑަކުއްޖަކު، ނުވަތަ މޮޔައަކުފަދަ މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) އޭނާ އަމިއްލައަށް ކިޔައިދޭން ކުޅަދާނަކަން ލިބިގެންނުވާ މީހަކު ކަމުގައިވާނަމަ، ފަހެ އަދުލުވެރިކަމާއެކު އޭނާގެ ވަލީވެރިޔާ (އެ ދަރަނި ލިޔުމަށް) ކިޔައިދޭ ހުށިކަމެވެ. އަދި (މިފަދަ ކަންކަމުގައި) ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެހެކިން ތިޔަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކިންނަކީ، ދެފިރިހެނުން ކަމުގައި ނުވިނަމަ ފަހެ ހެކިންކުރެ ތިޔަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: އަދުލުވެރި މުސްލިމުންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ. (އެއީ) އެ ދެ އަންހެނުންކުރެ އެކަކަށް (ހަނދާންނެތިވެ) މަގުއޮޅިދާނެ ކަމަށް ޓަކައެވެ. ދެން، އެ ހިނދު އެ ދެ އަންހެނުންކުރެ އެކަކަށް، އަނެކަކު (އެ ކަން) ހަނދާންކޮށް ދިނުމަށް ޓަކައެވެ. އަދި ހެކިންނަށް ގޮވައިލައިފި ހިނދަކު އެ މީހުން (އެ ކަމުން) މަނާވެ ނުގަންނަހުށިކަމެވެ. އަދި (އެ ދަރަނި) ކުޑަކަމުގައިވިޔަސް، ނުވަތަ ބޮޑު ކަމުގައިވިޔަސް އެ ދަރަނީގެ މުއްދަތާ ހަމައަށް ލިޔުމަށް، ތިޔަބައިމީހުން ފޫހިނުވާށެވެ. އެ ގޮތަށް ލިޔުން، ﷲ ގެ ހަޒްރަތުގައި އަދުލުވެރިކަން ބޮޑެވެ. އަދި ހެކި ދިނުމަށް ސީދާކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް ޝައްކު ނުވުން ގާތްކަން ބޮޑުވެސްމެއެވެ. ތިޔަބައިމީހުންގެ މެދުގައި، ވަގުތުން ހިންގާ ވިޔަފާރިއެއް ކަމުގައި ވުމުން މެނުވީއެވެ. ފަހެ ތިޔަބައިމީހުން އެ ވިޔަފާރި ނުލިޔުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން ވިޔަފާރިއެއް ކޮށްފިނަމަ، ތިޔަބައިމީހުން ހެކިކުރާށެވެ! އަދި ލިޔާ މީހާއާއި ހެކިދޭ މީހާ (ދަރަނިވެރިޔާއަށާއި ދަރަނިދޭ މީހާއަށް) ގެއްލުންނުދޭހުށި ކަމެވެ! (ނުވަތަ، އެ ދެ މީހުންނަށް ވެސް ގެއްލުމެއް ލިބިގެން ނުވާހުއްޓެވެ.) ތިޔަބައިމީހުން (ނަށް ނަހީކުރެއްވި ކަންތައް) ކުރާނަމަ، ފަހެ ހަމަކަށަވަރުން އެއީ، ތިޔަބައިމީހުންގެ ކިބައިގައިވާ (ނުކިޔަމަންތެރި) ފާސިގުކަމެކެވެ. ތިޔަބައިމީހުން، ﷲ އަށް ތަގުވާވެރިވާށެވެ. ﷲ، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ. ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
283
ތިޔަބައިމީހުން (ދަރަނީގެ މުއާމަލާތެއް ކުރާ ހިނދު) ދަތުރެއްގެ މަތީގައިވެފައި ލިޔާނެ މީހަކު ތިޔަބައިމީހުންނަށް ނުލިބުނުނަމަ، ފަހެ އަތުގައި ބާއްވާ ރަހުނެއް ދޭހުށިކަމެވެ. ފަހެ ތިޔަބައިމީހުންކުރެ އެކަކު އަނެކަކާ އަމާނަތެއް ހަވާލު ކޮށްފިނަމަ، ފަހެ އެ އަމާނަތާ ހަވާލުވި މީހާ، އޭނާގެ އަމާނަތް ރައްދުކުރާ ހުށިކަމެވެ. އަދި އޭނާގެ ރައްބު ކަމުގައިވާ ﷲ އަށް، އޭނާ ތަގުވާވެރިވާހުށިކަމެވެ. އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ. އެ ކަން ވަންހަނާކުރާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އޭނާއީ، އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
284
އުޑުތަކުގައި ވާހާ އެއްޗަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ ﷲ އަށެވެ. ތިޔަބައިމީހުންގެ ނަފްސުތަކުގައިވާ އެއްޗެއް، ތިޔަބައިމީހުން ފާޅުކުޅަޔަސް، ނުވަތަ އެ ކަން ތިޔަބައިމީހުން ސިއްރު ކުޅަޔަސް އެކަމާމެދު، ﷲ، ތިޔަބައިމީހުންނާ (ސުވާލު ކުރައްވާ) ހިސާބު ބައްލަވާނެއެވެ. ދެން، އެ އިލާހު އިރާދަކުރައްވާ މީހަކަށް ފާފަ ފުއްސަވާނެއެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކަށް އަޒާބު ދެއްވާނެއެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
285
ރަސޫލާއަށް، އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ގުރްއާނަށް) ރަސޫލާއާއި މުއުމިނުން އީމާން ވިއެވެ. އެ އެންމެންމެ ﷲ އަދި އެ އިލާހުގެ މަލާއިކަތުންނާއި، އެ އިލާހު (ބާވައިލެއްވި) ފޮތްތަކާއި، އެ އިލާހު ފޮނުއްވި ރަސޫލުންނަށް އީމާން ވިއެވެ. (އެ މީހުން ބުނެއެވެ.) ތިމަންމެން، އެ އިލާހުގެ ރަސޫލުންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި އެ މީހުން ބުންޏެވެ. ތިމަންމެން އަހާ ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެންގެ ފާފަ ފުއްސަވައިފާނދޭވެއެވެ! އަދި އެނބުރި ދިޔުން ވަނީ، އިބަ އިލާހުގެ ހަޒްރަތަށެވެ.
286
ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް (ގެ ސަވާބު) އެ ނަފްސަކަށް ވެއެވެ. އަދި އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ އުގޫބާތް) އެ ނަފްސެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ގަސްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެ ކަމަށް) އަޅަމެންނަށް އުގޫބާތް ނުދެއްވާނދޭވެ. އަޅަމެންގެ ރައްބެވެ. އަޅަމެންގެ ކުރިން ތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ. އަޅަމެންގެ ރައްބެވެ. އަޅަމެންނަށް އެ ކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ. އަދި އަޅަމެންނަށް އަފޫކުރައްވާނދޭވެ. އަދި އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ. އަދި އަޅަމެންނަށް ރަހުމަތް ލައްވާނދޭވެ. އިބަ އިލާހީ އަޅަމެންގެ އެހީތެރިވަންތަ އިލާހެވެ. ފަހެ ކާފިރު ވެގެންވާ ގައުމުގެ މައްޗަށް އަޅަމެންނަށް ނަސްރު ދެއްވާނދޭވެ.