އަލިފް ލާމް މީމް. (މި އަކުރުތަކާއި ބައެއް ސޫރަތް ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، އިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ. ބައެއް އިލްމުވެރިން ވިދާޅުވަނީ، ގުރްއާން އެކުލެވިގެންވަނީ، އަރަބީންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، ގުރްއާނުގެ އެންމެ ސޫރަތަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ އާޔަތަކާ އެއްފަދަ އެއްޗެއްވެސް، އެ މީހުންނަށް ގެނެސްނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެ ގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.)
ﷲ އީ، އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވާ އިލާހެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ގާއިމުވެ ވޮޑިގެންވާ އިލާހެވެ.
ކުރީގެ ފޮތްތައް ތެދުކުރާ ހާލުގައި، ހައްގު ގޮތުގައި ކަލޭގެފާނަށް (އެ އިލާހުގެ) ފޮތް ބާވައިލެއްވިއެވެ. އަދި ތައުރާތާއި އިންޖީލު ވެސް ބާވައިލެއްވިއެވެ.
(އެއީ) ގުރްއާނުގެ ކުރިންނެވެ. (އެއީ) މީސްތަކުންނަށް ހުރި ހިދާޔަތެކެވެ. އަދި އެ އިލާހު، ފުރްގާން (އެބަހީ: ހައްގާއި ބާތިލު ވަކިކުރަނިވި ގުރްއާން) ބާވައިލެއްވިއެވެ. ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފިރުވި މީހުންނަށް ގަދަވެގެންވާ އަޒާބު ހުއްޓެވެ. ﷲ އީ، ބަދަލު ހިއްޕެވުމުގެ ވެރި، ގަދަފަދަވަންތަ އިލާހެވެ.
ހަމަކަށަވަރުން ﷲ އީ، ބިމާއި އުޑުގައިވާ އެއްވެސް އެއްޗެއް އެ އިލާހަށް ވަންހަނާވެގެންނުވާ އިލާހެވެ.
އެ އިލާހު އިރާދަކުރައްވާފަދަޔަކުން ރަހިމުތަކުގައި ތިޔަބައިމީހުން ސޫރަ ކުރައްވަނީ އެ އިލާހެވެ. އެ އިލާހު ފިޔަވާ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. (އެ އިލާހީ) ގަދަފަދަވަންތަ ޙަކީމްވަންތަ އިލާހެވެ.
އެ އިލާހީ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި އިލާހެވެ. އޮޅުމެއްނެތި، މާނަ ސާފުކޮށް އެނގޭ އާޔަތްތަކެއް އޭގެ ތެރޭގައިވެއެވެ. އެ އާޔަތްތަކަކީ، އެ ފޮތުގެ މައިގަނޑު ބަޔެވެ. އަދި އެހެން މުތަޝާބިހު އާޔަތްތަކެއް ވެސްވެއެވެ. (އެބަހީ: ﷲ އަށް މެނުވީ އޭގެ މާނަ އެނގުންނުވާ، ނުވަތަ އިލްމުވެރިންނަށް މެނުވީ އޭގެ މާނަ ދޭހަނުވާ އާޔަތްތަކެއްވެސް ވެއެވެ.) ފަހެ (ހައްގު މަގުން) އެއްކިބާވުމުގެ ގޮތް، އެ މީހުންގެ ހިތްތަކުގައިވާ މީހުން (ދަންނާށެވެ.) ފަހެ ފިތުނަވެރިކަމުގެ ބޭނުމުގައްޔާއި، އެ އާޔަތްތައް މާނަ އޮޅުވާލުމުގެ ބޭނުމުގައި، އެ މީހުން އެ ފޮތުން މުތަޝާބިހު އާޔަތްތައް ނަގައެވެ. އަދި ﷲ އަށް މެނުވީ އެ އާޔަތްތަކުގެ މާނަ ދެނެވޮޑިގެން ނުވެއެވެ. އަދި އިލްމުގެ (އަހުލުވެރިން ތެރެއިން އަރާހުރި) ސާބިތުކަން ލިބިފައިވާ މީހުންނަށް ވެސް (އެ އާޔަތްތަކުގެ މާނާ އެނގިގެންވެއެވެ.) އަދި އެ މީހުން ބުނެއެވެ: ތިމަންމެން މި ތިބީ އެ އާޔަތްތަކަށް އީމާން ވެގެންނެވެ. ހުރިހާ އާޔަތްތަކެއްވެސް ވަނީ، ތިމަންމެންގެ ރައްބުގެ ހަޒްރަތުންނެވެ. ބުއްދީގެ އަހުލުވެރިން މެނުވީ ވިސްނައި ހަނދުމަކޮށް ނަހަދައެވެ.
އަޅަމެންގެ ރައްބެވެ. އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށް ފަހުގައި، އަޅަމެންގެ ހިތްތައް ހައްގުން އެއްކިބާ ނުކުރައްވާނދޭވެ. އަދި އަޅަމެންނަށް އިބަ އިލާހުގެ ހަޒްރަތުން ރަހުމަތެއް ދެއްވާނދޭވެ. ހަމަކަށަވަރުން އިބަ އިލާހީ، ގިނަގުނަ ނިއުމަތްތައް ދެއްވާ އިލާހެވެ.
އަޅަމެންގެ ރައްބެވެ. ހަމަކަށަވަރުން އިބަ އިލާހީ، އެ ދުވަހަކާމެދު ޝައްކެއްނެތް ދުވަހުގައި (ހިސާބު ބެއްލެވުމަށް) މީސްތަކުން އެއް ކުރައްވާ އިލާހެވެ. ހަމަކަށަވަރުން ﷲ، ވައުދާ ޚިލާފުވެ ވޮޑިއެއް ނުގަންނަވައެވެ.
ހަމަކަށަވަރުން ކާފިރުވި މީހުންނަކީ އެ މީހުންގެ މުދާތަކަކަށް އަދި އެ މީހުންގެ ދަރިންނަކަށް ވެސް، ﷲ ގެ ހަޒްރަތުން އެ މީހުންނަށް އެއްވެސްކަމެއް ފުއްދައި ނުދެވޭނޭ ބަޔެކެވެ. އަދި އެ މީހުންނީ ހަމަ، ނަރަކައިގެ ދަރެވެ.
(އެ މީހުންގެ އާދަ ވީ) ފިރްޢައުނުގެ މީހުންނާއި، އަދި އެ މީހުންގެ ކުރިން އުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެ އެންމެންވެސް ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރިއެވެ. ދެން، އެ މީހުންގެ ފާފަތަކުގެ ސަބަބުން، ﷲ، އެ މީހުން ހަލާކު ކުރެއްވިއެވެ. ﷲ އީ، އުގޫބާތް ގަދަފަދަވެގެންވާ އިލާހެވެ.
ކާފިރުވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާހުއްޓެވެ. އަދި (އާޚިރަތުގައި) ތިޔަބައިމީހުން ނަރަކައަށް އެއް ކުރައްވާހުއްޓެވެ. އަދި އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ.
(ބަދުރު ހަނގުރާމައިގެ ދުވަހުގައި) ބައްދަލުވި ދެބައިމީހުން (ގެ ކަންތަކު) ގައި، ހަމަކަށަވަރުން ތިޔަބައިމީހުންނަށް އިބްރަތެއްވެއެވެ. އެއްބަޔަކީ ﷲ ގެ މަގުގައި ހަނގުރާމަ ކުރާ ބަޔެކެވެ. އަނެއް ބަޔަކީ ކާފިރު ބަޔެކެވެ. އެ މީހުންނަށް ލޮލަށް ސާފުކޮށް ފެންނަގޮތުގައި، މުސްލިމުން ފެންނަނީ، އެ މީހުންގެ ދެގުނަޔަށެވެ. ﷲ، އެ އިލާހުގެ ނަސްރުން ވާގިދެއްވަނީ، އެ އިލާހު އިރާދަކުރައްވާ ބަޔަކަށެވެ. ހަމަކަށަވަރުން އެކަމުގައި، ބުއްދީގެ އަހުލުވެރިންނަށް އިބްރަތެއްވާކަން ޔަގީނެވެ.
އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް ޒީނަތްތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ ﷲ ގެ ހަޒްރަތުގައެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެހުރިހާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު ވިދާޅުވަންހެއްޔެވެ؟ (އެއީ) ތަގުވާވެރިވި މީހުންނަށް އެ މީހުންގެ ރައްބުގެ ހަޒްރަތުގައި، ސުވަރުގެތަކެއް ވެއެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގައިހުރެތެވެ. އެ ސުވަރުގެތަކުގައި، ދެމިތިބޭ ހާލު ގަޔެވެ. އަދި ތާހިރު ވެގެންވާ އަނބިންތަކެއްވެސް (އެ މީހުންނަށް) ހުއްޓެވެ. އަދި ﷲ ގެ ހަޒްރަތުން ރުއްސެވުން (އެ މީހުންނަށް) ހުއްޓެވެ. ﷲ އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
އެ މީހުންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ރައްބެވެ. ހަމަކަށަވަރުން އަޅަމެން އީމާން ވެއްޖައީމުއެވެ. ފަހެ އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ. އަދި ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާނދޭވެ.
(އެ މީހުންނީ) ކެތްތެރިންނެވެ. އަދި ތެދުވެރިންނެވެ. އަދި ﷲ އަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. އަދި ހާރުދަމުގައި ފާފަ ފުއްސެވުން އެދި ދުއާކުރާ މީހުންނެވެ.
ހަމަކަށަވަރުން އެ އިލާހު ފިޔަވާ (އަޅުކަން ކުރުން ހައްގުވާ) އިލާހަކު ނުވާކަމަށް ﷲ ހެކިވެވޮޑިގެންފިއެވެ. އަދި މަލާއިކަތުންނާއި، އިލްމުގެ އަހުލުވެރިން ވެސް (އެ ކަމަށް) ހެކިވިއެވެ. އަދުލުވެރިކަން ގާއިމުކުރުންމަތީ އެ އިލާހު ގާއިމުވެ ވޮޑިގެންވެއެވެ. އެ އިލާހު މެނުވީ (އަޅުކަން ކުރުން ހައްގުވާ) އިލާހަކު ނުވެއެވެ. (އެ އިލާހީ) ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ.
ހަމަކަށަވަރުން ﷲ ގެ ހަޒްރަތުގައި، ދީނަކީ، އިސްލާމް ދީނެވެ. އަދި ފޮތް ލިބުނުމީހުން އެ މީހުންނަށް (ހައްގު ގޮތް) އެނގުމަށް ފަހުގައި މެނުވީ، އެ މީހުން ޚިލާފު ވެއެއް ނުގަނެއެވެ. (އެއީ) އެ މީހުންގެ މެދުގައިވާ ހަސަދަވެރިކަމުގެ ގޮތުންނެވެ. ﷲ ގެ އާޔަތްތަކަށް ކާފިރުވާ މީހުން (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ އިލާހެވެ.
ފަހެ އެ މީހުން ކަލޭގެފާނާ ޖަދަލުކޮށްފިނަމަ، ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ މޫނުފުޅު (އެބަހީ: ފުރާނަޔާއި ހަށިކޮޅު) ﷲ އަށް ޚާލިސް ކޮށްކިޔަމަން ކުރައްވާފީމެވެ. އަދި ތިމަންކަލޭގެފާނަށް ތަބާވި މީހުންވެސްމެއެވެ. ފޮތް ލިބުނު މީހުންނާއި، އުއްމީންނަށް (އެބަހީ: އަރަބީންގެ މުޝްރިކުންނަށް) ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ކިޔަމަންވެއްޖައީމުހެއްޔެވެ؟ ފަހެ އެ މީހުން ކިޔަމަން ވެއްޖެނަމަ، އެ މީހުން ތެދުމަގު ލިބިގެންފިކަން ކަށަވަރެވެ. އަދި އެ މީހުން އެނބުރި ފުރަގަސްދީފިނަމަ، ކަލޭގެފާނަށް އޮތްކަން ކަށަވަރީ، (ބާވައިލެއްވި ކަންތައް) އިއްވެވުމެވެ. ﷲ އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފިރުވެ، ހައްގަކާނުލާ، ނަބިއްޔުން ގަތުލުކޮށް، މީސްތަކުންގެ ތެރެއިން އަދުލަށް އަމުރުކުރާ މީހުން ގަތުލުކޮށްއުޅޭ މީހުން (ދަންނާށެވެ.) ފަހެ އެ މީހުންނަށް ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ.
އެ މީހުންނީ، ދުނިޔެއާއި، އާޚިރަތުގައި، އެ މީހުންގެ އަމަލުތައް ބާތިލު ވެފައިވާ މީހުންނެވެ. އަދި އެ މީހުންނަށް ނަސްރު ދޭނެ އެއްވެސްބަޔަކު ނުވެއެވެ.
ފޮތުގެ ތެރެއިން ބައެއް (އެ މީހުންނަށް) ލިބުނު މީހުން އެ މީހުންގެ މެދުގައި، ﷲ ގެ ފޮތުގައިވާގޮތަށް، ހުކުމްކުރުމަށް ގޮވާލީމާ، ދެން އޭގެ ތެރެއިން ބަޔަކު، ދެކޮޅުވެރިވެ، ފުރަގަސްދީ ދާތަން، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟
އެއީ ގުނާލެވިގެންވާ ކުޑަދުވަސްކޮޅަކު މެނުވީ، ތިމަންމެންގައި ނަރަކައިގެ އަލިފާން ނުބީހޭނެޔޭ އެ މީހުން ބުނެ އުޅުނުކަމުގެ ސަބަބުންނެވެ. އަދި އެ މީހުން ދޮގުން އުފައްދާފައިވާ ބަސްތައް އެ މީހުންގެ ދީނާ މެދުގައި އެ މީހުން ހެއްލުންތެރި ކުޅައެވެ.
ފަހެ އެ ދުވަހާމެދު ޝައްކުކަމެއްނެތް ދުވަހަކުން (އެބަހީ: ގިޔާމަތް ދުވަހުން) ތިމަން އިލާހު އެ މީހުން އެއް ކުރައްވާ އެ މީހުންނަށް ބޭއިންސާފު ނުކުރައްވާގޮތުގައި، ކޮންމެ ނަފްސަކަށްމެ އެ ނަފްސެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމައަށް ލިބޭ ހިނދު، އެ މީހުން (ގެ ހާލު) ވާނީ ކޮންފަދަޔަކުންހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ. ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި އިލާހެވެ! އިބަ އިލާހު އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި އިބަ އިލާހު އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި އިބަ އިލާހު އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި އިބަ އިލާހު އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަ އިލާހުގެ އަތްޕުޅުގައެވެ. ހަމަކަށަވަރުން އިބަ އިލާހީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
އިބަ އިލާހު ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވަމުއެވެ. އަދި މަރުވެފައިވާ ތަކެތީން ދިރޭތަކެތި ނެރުއްވަމުއެވެ. އަދި ދިރޭތަކެތީން މަރުވެފައިވާ ތަކެތި ނެރުއްވަމުއެވެ. އަދި އިބަ އިލާހު އިރާދަކުރައްވާ މީހަކަށް ހިސާބެއްނެތި ރިޒްގު ދެއްވަމުއެވެ.
މުއުމިނުން، މުއުމިނުން ފިޔަވާ ކާފިރުން އެއީ، އެހީތެރިންކަމުގައި ނަހަދާހުށިކަމެވެ. އަދި އެފަދައިން ކަންތައްކޮށްފި މީހާ (ދަންނާށެވެ.) ފަހެ ﷲ ގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސް ކަމެއްގައި އެ މީހަކު ނުވެއެވެ. އެ މީހުންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ސަލާމަތްވުން މަޖުބޫރު ވެއްޖެ ހާލެއްގައި މެނުވީއެވެ. އަދި ﷲ، އެ އިލާހުގެ ނަފްސުފުޅާ މެދު ތިޔަބައިމީހުންނަށް އިންޒާރުދެއްވައެވެ. އަދި އެނބުރި ދިޔުން ވަނީ ﷲ ގެ ހަޒްރަތަށެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ހިތްތަކުގައިވާކަމެއް، ތިޔަބައިމީހުން ވަންހަނާކުޅަޔަސް، ނުވަތަ އެ ކަމެއް ތިޔަބައިމީހުން ފާޅުކުޅަޔަސް، ﷲ، އެ ކަމެއް ދެނެވޮޑިގެންވެއެވެ. އަދި އުޑުތަކުގައި ވާހާ ކަމަކާއި، ބިމުގައި ވާހާ ކަމެއްވެސް، އެ އިލާހު ދެނެވޮޑިގެންވެއެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެއިން އެ ނަފްސެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމެއް ހާޒިރުކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެ ދުވަހުން) އެ ނަފްސެއް ކުރި ނުބައި ކަމަކާއި، އެ ނަފްސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެ ކަމަށް އެދޭނެއެވެ. އަދި ﷲ، އެ އިލާހުގެ ނަފްސުފުޅާމެދު ތިޔަބައިމީހުން ބިރުވެތި ކުރައްވައެވެ. އަދި ﷲ އީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ އިލާހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: ތިޔަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނާ ތަބާވާށެވެ. އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް، ތިޔަބައިމީހުންނަށް ޓަކައި ފުއްސަވާދެއްވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން، ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާށެވެ. ފަހެ ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ކާފިރުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
ހަމަކަށަވަރުން ﷲ، އާދަމުގެފާނާއި، ނޫޙުގެފާނާއި، އިބްރާހީމްގެފާނުގެ އާލުވެރިންނާއި، ޢިމްރާންގެ އާލުވެރިން (އެދުވަސްވަރުގެ) އާލަމްތަކުގެ މައްޗަށް ޚިޔާރުކުރެއްވިއެވެ.
އޭގެ ތެރެއިން އެއްބަޔަކީ، އަނެއް ބަޔެއްގެ ކިބައިން އައިސްފައިވާ ދަރިފަސްކޮޅެކެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ޢިމްރާންގެ އަނބިކަނބަލުން ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ރައްބެވެ. އަޅުގެ ބަނޑުގައި އޮތް ދަރި (ބައިތުލް މަގްދިސްގެ ޚިދުމަތަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބަ އިލާހުގެ ހަޒްރަތަށް ޚާލިސް ކުރުމަށް، ހަމަކަށަވަރުން ނަދުރުގެންފީމެވެ. ފަހެ އަޅުގެ ކިބައިން (އެ ކަން) ގަބޫލު ކުރައްވާނދޭވެ. ހަމަކަށަވަރުން އިބަ އިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ދެން އެ ކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެ ކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން ﷲ ދެނެވޮޑިގެންވެއެވެ. އަދި ފިރިހެނަކު، އަންހެނަކާ އެއްފަދަވެގެން ނުވެއެވެ. (އެ ކަމަނާ ދެންނެވިއެވެ:) އަދި ހަމަކަށަވަރުން އެ ދަރިކަނބަލުންނަށް މަރިޔަމް އޭ ނަންދީފީމެވެ. އަދި ހަމަކަށަވަރުން ރަހުމަތުން ބޭރުކުރައްވާފައިވާ ޝައިތާނާގެ ކިބައިން، އެ ދަރިކަނބަލުންނާއި އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު ރައްކާތެރި ކޮށްދެއްވުމަށް އެދި، އިބަ އިލާހުގެ ހަޒްރަތަށް ދަންނަވަމެވެ.
ފަހެ އެ ކަމަނާގެ ރައްބު ރިވެތިވެގެންވާ ގަބޫލަކުން އެ ކަމަނާ ގަބޫލު ކުރައްވާފިއެވެ. އަދި ރިވެތިވެގެންވާ ބޮޑު ކުރެއްވުމަކުން އެ ކަމަނާ ބޮޑުކުރެއްވިއެވެ. އަދި ޒަކަރިއްޔާގެފާނާ، އެ ކަމަނާ ބެލެހެއްޓެވުން ހަވާލުކުރެއްވިއެވެ. އެ ކަމަނާގެ އަރިހަށް މިހުރާބުގެ ތެރެއަށް ޒަކަރިއްޔާގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެ ކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެއެވެ. އޭ މަރިޔަމެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެ ކަމަނާ ވިދާޅުވެއެވެ. އެއީ، ﷲ ގެ ހަޒްރަތުންނެވެ. ހަމަކަށަވަރުން ﷲ އެ އިލާހު އިރާދަކުރައްވާ މީހަކަށް އެއްވެސް ހިސާބެއްނެތި ރިޒްގު ދެއްވައެވެ.
އެ ތާނގައި، ޒަކަރިއްޔާގެފާނު އެކަލޭގެފާނުގެ ރައްބުގެ ހަޒްރަތަށް ދުއާ ކުރައްވާ ދެންނެވިއެވެ: އަޅުގެ ރައްބެވެ. އިބަ އިލާހުގެ ހަޒްރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ. ހަމަކަށަވަރުން އިބަ އިލާހީ، ގިނަގިނައިން ދުއާ އައްސަވާވޮޑިގެންވާ އިލާހެވެ.
ދެންފަހެ އެކަލޭގެފާނު މިހުރާބުގައި ނަމާދު ކުރެއްވުމުގައި ގާއިމު ވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، މަލާއިކަތުން ގޮވާލައްވައި ދެންނެވިއެވެ: ހަމަކަށަވަރުން ﷲ، ކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވައެވެ. ﷲ ގެ ހަޒްރަތުންވާ ކަލިމަ ފުޅެއް ތެދު ކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި (އެކަލޭގެފާނު ވާހުށީ) މާތް ސާހިބެއްކަމަށާއި، އަންހެނުންނާ ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، ސާލިހުންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ.
އެކަލޭގެފާނު ދެންނެވިއެވެ: އަޅުގެ ރައްބެވެ. މިއަޅާއަށް ދަރިޔަކު ލިބޭހުށީ ކޮންފަދަޔަކުންތޯއެވެ؟ ހަމަކަށަވަރުން މިއަޅާވަނީ އުމުރުން ދުވަސްވެ މުސްކުޅިވެފައެވެ. އަދި މިއަޅާގެ އަންހެނުންނަކީ، ދަރިޔަކު ލިބޭފަދަ މީހެއްނޫނެވެ. އެ އިލާހު ވަހީކުރެއްވިއެވެ: (ކަންހުރީ) އެފަދައިންނެވެ. ﷲ، އެ އިލާހު އިރާދަކުރައްވާކަމެއް ކުރައްވައެވެ.
އެކަލޭގެފާނު ދެންނެވިއެވެ: އަޅުގެ ރައްބެވެ. (އެ ކަމަށް އިޝާރަތްކުރާ) އަލާމަތެއް މިއަޅާއަށް ލައްވާނދޭވެ. އެ އިލާހު ވަހީކުރެއްވިއެވެ: (އެކަމުގައި) ކަލޭގެފާނުގެ އަލާމަތަކީ، ތިންދުވަސްވާންދެން، ކަލޭގެފާނަށް އިޝާރަތުން މެނުވީ މީހުންނާ ވާހަކަ ނުދެއްކެވި ހުންނެވުމެވެ. އަދި ކަލޭގެފާނުގެ ރައްބު ގިނަގިނައިން ހަނދުމަ ކުރައްވާށެވެ. އަދި ހަވީރާއި ހެނދުނު، ތަސްބީހަ ވިދާޅުވާށެވެ.
މަލާއިކަތުން ވިދާޅުވި ހިނދު، ހަނދުމަ ކުރައްވާށެވެ. އޭ މަރިޔަމްގެފާނެވެ. ހަމަކަށަވަރުން ﷲ، ކަމަނާ ޚިޔާރުކުރައްވާ، ތާހިރުކުރައްވާ، (ކަމަނާގެ ދުވަސްވަރުގެ) އާލަމްތަކުގެ އަންހެނުންގެ މައްޗަށް، މާތް ކުރައްވާ މަތިވެރި ކުރައްވާފިއެވެ.
އޭ މަރިޔަމްގެފާނެވެ. ކަމަނާގެ ރައްބުގެ ހަޒްރަތަށް، އަޅުކަން ޚާލިސް ކުރައްވާ، ކިޔަމަންތެރިކަމުގައި ދެމިހުންނަވާށެވެ. އަދި ސަޖިދަ ކުރައްވާ، އަދި ރުކޫކުރާ މީހުންނާ އެކުގައި، ރުކޫކުރައްވާށެވެ.
އެއީ، ޣައިބުގެ ޚަބަރުތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަން އިލާހު ވަހީ ކުރައްވާ ޚަބަރުތަކެވެ. މަރިޔަމްގެފާނު ބެލުމާ ހަވާލު ވާނީ، އެ މީހުންގެ ތެރެއިން ކާކުތޯ ބެލުމަށް ޓަކައި (ގުރުއަތު ލުމުގެ ގޮތުން) އެ މީހުންގެ ގަލަމްތައް އުކި ހިނދު، އެ މީހުންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި އެ މީހުން (އެކަމުގައި) ދެބަސްވެ ޚިލާފުވީ ހިނދުގައިވެސް، އެ މީހުންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ.
މަލާއިކަތުން ވިދާޅުވި ހިނދު ހަނދުމަ ކުރައްވާށެވެ. އޭ މަރިޔަމްގެފާނެވެ. ހަމަކަށަވަރުން ﷲ، އެ އިލާހުގެ ހަޒްރަތުންވާ ކަލިމަ ފުޅެއްގެ ޚަބަރުން ކަމަނާޔަށް އުފާވެރި ޚަބަރު ދެއްވައެވެ. (އެބަހީ: ޢީސާގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ ބިޝާރާތް ދެއްވައެވެ.) އެ ދަރިކަލުންގެ ނަންފުޅަކީ އަލްމަސީޙު ޢީސަ ބުނު މަރްޔަމެވެ. އެ ދަރިކަލުން ވާހުށީ ދުނިޔެއާއި އާޚިރަތުގައި ގަދަރު އުފުލިގެންވާ ބޭކަލެއްކަމުގައެވެ. އަދި ﷲ، ހަޒްރަތަށް ކުއްތަން ކުރައްވާފައިވާ ބޭކަލުންގެ ތެރެއިންނެވެ.
އަދި (އެކަލޭގެފާނު ވާހުށީ) ޅަފަތުގެ ދާނުގައްޔާއި، ދުވަސްވެފައިވާ އުމުރުގައި ވެސް، މީސްތަކުންނާ ވާހަކަދައްކަވާ އަދި ސާލިހުންގެ ތެރެއިންވާ ބޭކަލެއް ކަމުގައެވެ.
އެ ކަމަނާ ދެންނެވިއެވެ: އަޅުގެ ރައްބެވެ. މިއަޅާއަށް ދަރިޔަކު ލިބޭނީ ކޮންފަދަޔަކުންތޯއެވެ؟ އެއްވެސް އިންސާނަކު މި އަޅާގެ ގައިގައި ބީހިފައެއް ނުވިއެވެ. އެ މަލާއިކަތާ ވިދާޅުވިއެވެ: ﷲ، އިރާދަކުރައްވާ އެއްޗެއް ހައްދަވަނީ އެފަދައިންނެވެ. އެ އިލާހު ކަމަކަށް ނިޔާކުރައްވާފިނަމަ، ފަހެ އެ ކަމަކަށް ހަމައެކަނި ވާށޭ ވަހީ ކުރެއްވުމުން، ދެން އެ ކަމެއް ވެގެންދެއެވެ.
އަދި ލިޔުމާއި، ހިކުމަތާއި، ތައުރާތާއި، އިންޖީލު، އެކަލޭގެފާނަށް އެ އިލާހު އުނގަންނައި ދެއްވާނެއެވެ.
އަދި (އެކަލޭގެފާނު ވާހުށީ) އިސްރާއީލުގެ ދަރިންގެ ގާތަށް ފޮނުއްވާ ރަސޫލެއް ކަމުގައެވެ. (އެކަލޭގެފާނު އެ މީހުންނަށް ވިދާޅުވާނެއެވެ.) ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން (ތިމަންކަލޭގެފާނީ ރަސޫލަކު ކަމަށް ހެކިދޭ) ސާފު ދަލީލަކާއިގެންނެވެ. (ފަހެ) ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް، ދޫނީގެ ސިފައިގައި، މަށިން އެއްޗެއް ހައްދަވައި، އެއަށް ފުމެލެއްވުމުން، ﷲ ގެ އިޒުނަފުޅުން އެ އެތި، ދޫންޏަކަށް ވެގެންދާނެއެވެ. އަދި ތިމަންކަލޭގެފާނު، ﷲ ގެ އިޒުނަފުޅާއެކު، ލޯކަނު މީހުންނާއި، ބަރަސް ބަލިޖެހިފައިވާ މީހުން، ފަސޭހަ ކުރައްވާ، މަރުވެފައިވާ މީހުން ދިރުއްވާހުށީމެވެ. އަދި ތިޔަބައިމީހުން ކައިއުޅޭތަކެއްޗާއި، ތިޔަބައިމީހުންގެ ގޭގޭގައި ފަހަށް ރައްކާކުރާ ތަކެތީގެ ވާހަކަ، ތިޔަބައިމީހުންނަށް، ތިމަންކަލޭގެފާނު ކިޔައިދެއްވާހުށީމެވެ. ތިޔަބައިމީހުންނީ، އީމާން ވާބަޔަކު ކަމުގައި ވާނަމަ، (ތިމަންކަލޭގެފާނީ ރަސޫލެއްކަމަށް ހެކިދޭ) ސާފު ދަލީލެއް އެ ކަންތަކުގައި ތިޔަބައިމީހުންނަށް ވާކަން ކަށަވަރެވެ.
އަދި (ތިމަންކަލޭގެފާނު މިވަޑައިގަތީ) ތިމަންކަލޭގެފާނުގެ ކުރިން ބާވައިލެއްވި ތައުރާތު ތެދުކުރާ ބޭކަލެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް (މީގެކުރިން) ހަރާމް ކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް ހަލާލު ކުރެއްވުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މި ވަޑައިގަތީ، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ސާފު ދަލީލަކާއިގެންނެވެ. ފަހެ ތިޔަބައިމީހުން، ﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކިޔަމަންވާށެވެ.
ހަމަކަށަވަރުން ﷲ އީ، ތިމަންކަލޭގެފާނުގެ ރައްބެވެ. އަދި ތިޔަބައިމީހުންގެ ވެސް ރައްބުމެއެވެ. ފަހެ ތިޔަބައިމީހުން، އެ އިލާހަށް އަޅުކަންކުރާށެވެ! މިއީ، ސީދާވެގެންވާ ތެދުމަގެވެ.
ފަހެ އެ މީހުންގެ ކިބައިން ކުފުރުވެރިކަން، ޢީސާގެފާނަށް އެނގިވަޑައިގެންނެވި ހިނދު ވިދާޅުވިއެވެ: ﷲ އަށްޓަކައި، ތިމަންކަލޭގެފާނަށް ނަސްރު ދޭނީ ކޮންބަޔެއްހެއްޔެވެ؟ ހަވާރިއްޔަ ބޭކަލުންގެ މީހުން ދެންނެވިއެވެ: ތިމަންމެންނީ، ﷲ އަށް ނަސްރު ދޭ މީހުންނީމުއެވެ. ތިމަންމެންވަނީ، ﷲ އަށް އީމާން ވެގެންނެވެ. އަދި ތިމަންމެންނީ މުސްލިމުން ކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ.
އަޅަމެންގެ ރައްބެވެ. އިބަ އިލާހު ބާވައިލެއްވި ފޮތަށް އަޅަމެން އީމާން ވެއްޖައީމުއެވެ. އަދި ރަސޫލާޔަށް (އެބަހީ: ޢީސާގެފާނަށް) އަޅަމެން ތަބާ ވެއްޖައީމުއެވެ. ފަހެ (އިބަ އިލާހުގެ އެއްކައުވަންތަކަމަށާއި، ރަސޫލާއީ، އިބަ އިލާހުގެ ހައްގު ރަސޫލާ ކަމަށް) ހެކިވާ މީހުންނާ އެކުގައި އަޅަމެން ލިޔުއްވާނދޭވެ.
އެ މީހުން (އެބަހީ: ކާފިރުވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. ﷲ، (އެ މީހުންގެ ރޭވުންތައް ބާތިލު ކުރައްވާ، އެ މީހުންނަށް ކެހިލިބޭނެގޮތަށް) ތަދްބީރުކުރެއްވިއެވެ. ﷲ އީ، މަކަރުވެރިންނަށްވުރެ ތަދްބީރުކުރެއްވުން މޮޅު އިލާހެވެ.
ﷲ ވަހީކުރެއްވި ހިނދު ހަނދުމަކުރާށެވެ. އޭ ޢީސާއެވެ. ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނު ނަންގަވާ، ތިމަން އިލާހުގެ ހަޒްރަތަށް އުފުއްލަވާހުށީމެވެ. އަދި ކާފިރުވި މީހުންގެ ކިބައިން ކަލޭގެފާނު ދުރުކުރައްވާ ސަލާމަތް ކުރައްވާ ހުށީމެވެ. އަދި ކާފިރުވި މީހުންނަށްވުރެ ކަލޭގެފާނަށް ތަބާވި މީހުން ގިޔާމަތް ދުވަހާ ޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި ރުޖޫއަ ވުންވަނީ، ތިމަން އިލާހުގެ ހަޒްރަތަށެވެ. ދެން، ތިޔަބައިމީހުން ޚިލާފު ވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަން އިލާހު ހުކުމް ކުރައްވާހުށީމެވެ.
ފަހެ ކާފިރުވި މީހުން ދަންނާށެވެ. ފަހެ ދުނިޔެއާއި އާޚިރަތުގައި، ގަދަފަދަވެގެންވާ އަޒާބަކުން ތިމަން އިލާހު އެ މީހުންނަށް އަޒާބު ދެއްވާ ހުށީމެވެ. އަދި އެ މީހުންނަށް ނަސްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
އަދި އީމާންވެ، ސާލިހު އަމަލުކުޅަމީހުން ދަންނާށެވެ. ފަހެ އެ މީހުންގެ އުޖޫރަ ފުރިހަމައަށް އެ މީހުންނަށް، އެ އިލާހު ދެއްވާނެއެވެ. އަނިޔާވެރިންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
އެއީ (އެބަހީ: އިސްވެދިޔަ ޚަބަރުތަކަކީ) ތިމަން އިލާހު، ކަލޭގެފާނަށް ކިޔައިދެއްވާ އާޔަތްތަކާއި، ހިކުމަތްތެރި ޒުކުރުގެ (އެބަހީ: ގުރްއާނުގެ) ތެރެއިންވާ ޚަބަރުތަކެވެ.
ހަމަކަށަވަރުން ﷲ ގެ ހަޒްރަތުގައި، ޢީސާގެފާނު (ހެއްދެވުމުގެ) މިސާލު، އާދަމުގެފާނުގެ މިސާލު ފަދައެވެ. އެ އިލާހު އާދަމުގެފާނު ހެއްދެވީ ވެލީންނެވެ. ދެން އެކަލޭގެފާނަށް (އިންސާނަކަށް) ވާށޭ ވަހީ ކުރެއްވުމުން ދެން އެ ކަމެއް ވެގެންދެއެވެ.
(އެއީ) ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުންވާ ހައްގު ތެދު ބަސްފުޅެވެ. ފަހެ ޝައްކުކުރާ މީހުންގެ ތެރެއިން، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ.
ފަހެ ކަލޭގެފާނަށް އިލްމުގެ ތެރެއިން (ޢީސާގެފާނާމެދު) އައި އެއްޗެއްގެ ފަހުން، އެކަލޭގެފާނާ މެދުގައި ކަލޭގެފާނާ ޖަދަލުކުރި (ނަސާރާއިންގެ) މީހުންނަށް ވިދާޅުވާށެވެ. އަހަރެމެންގެ ދަރިންނަށާއި، ތިޔަބައިމީހުންގެ ދަރިންނަށް އަދި އަހަރެމެންގެ އަންހެނުންނަށާއި، ތިޔަބައިމީހުންގެ އަންހެނުންނަށް އަދި އަހަރެމެންގެ އަމިއްލަ ނަފްސުތަކަށާއި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް، އަހަރެމެން ގޮވައި އެއްކުރަމާ އަންނާށެވެ! ދެން، ދޮގުވެރިންގެ މައްޗަށް ﷲ ގެ ލައުނަތް ލެއްވުމަށްއެދި، އަހަރެމެން ދުއާ ކޮށްއިބްތިހާލުކުރާނީއެވެ.
ހަމަކަށަވަރުންވެސް، މިއީ ހައްގު ތެދު ވާހަކަތަކެކެވެ. އަދި ﷲ މެނުވީ، އެއްވެސް އިލާހަކު ނުވެއެވެ. އަދި ހަމަކަށަވަރުންވެސް، ﷲ އީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ އިލާހެވެ.
ފަހެ އެ މީހުން، (އިންކާރު ކޮށް) އެނބުރި ފުރަގަސްދީފިނަމަ، (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ، ފަސާދަކުރާ މީހުން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: އޭ ފޮތުގެ އަހުލުވެރިންނެވެ. އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ އެއްގޮތްވެގެންވާ ކަލިމަކަށް އަންނާށެވެ. (އެއީ) ﷲ އަށް މެނުވީ އަހުރެމެން އަޅުކަން ނުކުރުމެވެ. އަދި އެ އިލާހާ އެއްވެސް އެއްޗެއް އަހުރެމެން ޝަރީކު ނުކުރުމެވެ. އަދި ﷲ ފިޔަވާ އިލާހުންތަކެއް ގޮތުގައި އަހުރެމެންގެ އެއްބަޔަކު އަނެއް ބަޔަކު ނުނެގުމެވެ. ފަހެ އެ މީހުން (އެކަމާ) ދެކޮޅުހަދައި ފުރަގަސްދީފިނަމަ ތިޔަބައިމީހުން ބުނާށެވެ: ހަމަކަށަވަރުން ތިމަންމެންނީ މުސްލިމުން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ.
އޭ ފޮތުގެ އަހުލުވެރިންނެވެ. އިބްރާހީމްގެފާނަށް ފަހުގައި މެނުވީ، ތައުރާތާއި، އިންޖީލު ބާވައިލައްވާފައި ނުވާއިރު، އިބްރާހީމްގެފާނާ މެދުގައި ތިޔަބައިމީހުން ޖަދަލު ކުރަނީ ކީއްވެގެންހެއްޔެވެ؟ ފަހެ ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
ބަލަ! ތިޔަބައިމީހުން އެ ކަމެއްގެ އިލްމު ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކާމެދުގައި ޖަދަލުކޮށްފީމުއެވެ. ދެން، އެ ކަމެއްގެ އިލްމު ތިޔަބައިމީހުންނަށް ލިބިގެންނުވާ ކަމަކާ މެދުގައި ޖަދަލުކުރަނީ ކީއްވެގެންހެއްޔެވެ؟ (އެ ކަންތައް) ދެނެވޮޑިގެންވަނީ ﷲ އެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
ޔަހޫދީއެއް ކަމުގައިވެސް އަދި ނަސްރާނީއެއް ކަމުގައިވެސް އިބްރާހީމްގެފާނު ނުވެއެވެ. އަދި ކިއެއް! އެކަލޭގެފާނު ވަނީ ބާތިލު މަގުން އެއްކިބާވެ، ހައްގު ދީނަށް ތަބާ ވެގެންވާ މުސްލިމަކު ކަމުގައެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ.
ހަމަކަށަވަރުން މީސްތަކުންކުރެ، އިބްރާހީމްގެފާނަށް (ނިސްބަތް ވުމުގައި) އެންމެ އައުލާ ކަން ބޮޑީ، އެކަލޭގެފާނަށް ތަބާވީ މީހުންނާއި، މި ނަބިއްޔާއާއި، (އެބަހީ: މުޙައްމަދުގެފާނާއި) އީމާންވި މީހުންނެވެ. ﷲ އީ، އީމާންވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ އިލާހެވެ.
ފޮތުގެ އަހުލުވެރިންގެ ތެރެއިން ބަޔަކު، ތިޔަބައިމީހުން މަގުފުރައްދައިލެވޭނެ ނަމައޭ ހިތައި، އެ ކަމަށް އެދުނެވެ. އެ މީހުންގެ އަމިއްލަ ނަފްސުތައް މެނުވީ، އެ މީހުންނަކަށް މަގުފުރައްދައެއް ނުލެވެއެވެ. އަދި އެ މީހުންނަކަށް (އެ ކަމެއް) ނޭނގެއެވެ.
އޭ ފޮތުގެ އަހުލުވެރިންނެވެ. ތިޔަބައިމީހުން (އެއީ ހައްގުކަން އެނގިތިބެ އެ ކަމަށް) ހެކިވާ ހާލު، ﷲ ގެ އާޔަތްތަކަށް ތިޔަބައިމީހުން ކާފިރު ވަނީ ކީއްވެގެންހެއްޔެވެ؟
އޭ ފޮތުގެ އަހުލުވެރިންނެވެ. (އެއީ ހައްގުކަން) ތިޔަބައިމީހުންނަށް އެނގިތިބި ހާލުގައި، ހައްގާއި ބާތިލު އޮޅުވާލައި އަދި ހައްގު ގޮތް ތިޔަބައިމީހުން ފޮރުވަނީ ކީއްވެގެންހެއްޔެވެ؟
ފޮތުގެ އަހުލުވެރިންގެ ތެރެއިން ބަޔަކު (އެ މީހުންގެ އަނެއް ބަޔަކާ ދިމާޔަށް) ބުންޏެވެ: އީމާންވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ގުރްއާނަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން އީމާން ވާށެވެ. ދެން އެ ދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެއަށް) ކާފިރު ވާށެވެ. އެއީ އެ މީހުން (އެބަހީ: މުއުމިނުން އެ މީހުންގެ ދީނުން ނުކުމެ) އެނބުރި ރުޖޫއަވޭތޯއެވެ.
އަދި (އެ މީހުން ބުންޏެވެ.) ތިޔަބައިމީހުންގެ ދީނަށް ތަބާވީ މީހަކަށް މެނުވީ، ތިޔަބައިމީހުން އީމާން ނުވާށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތެދުމަގަކީ ﷲ ގެ ތެދުމަގެވެ. ތިޔަބައިމީހުންނަށް ދެއްވާފައިވާފަދަ ކަމެއް އެހެން އެއްވެސް މީހަކަށް ދެއްވާފައިވާކަމަށް، (ތިޔަބައިމީހުން ގަބޫލު ނުކުރާށެވެ!) އެހެންނޫންނަމަ، ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުގައި އެ މީހުން (އެބަހީ: މުއުމިނުން) ތިޔަބައިމީހުން ހުއްޖަތުން ދެރަކޮށްފާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ފަޟްލުވަންތަކަންވަނީ، ﷲ ގެ އަތްޕުޅުގައެވެ. އެ އިލާހު އިރާދަކުރައްވާ މީހަކަށް އެ ކަމެއް ދެއްވައެވެ. ﷲ އީ، ތަނަވަސްވަންތަ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އެ އިލާހު އިރާދަކުރައްވާ މީހަކަށް، އެ އިލާހުގެ ރަހުމަތް ޚާއްސަ ކުރައްވައެވެ. އަދި ﷲ އީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ރައްބެވެ.
ނުހަނު ގިނަ މުދަލަކުން ކަލޭގެފާނު އެ މީހަކާ އަމާނަތް ހަވާލު ކުރައްވާފިނަމަ، އެ އަމާނަތް ކަލޭގެފާނަށް އަނބުރައި ރައްދުކުރާ މީހުން ފޮތުގެ އަހުލުވެރިންގެ ތެރެއިންވެއެވެ. އަދި ދީނާރަކުން ކަލޭގެފާނު އެ މީހަކާ އަމާނަތް ހަވާލު ކުރައްވާފިނަމަ، (އެ އަމާނަތް އަނބުރައި ރައްދުކުރުން އެދިވަޑައިގެން) އެ ކަމުގެ މަތީގައި ކަލޭގެފާނު ގާއިމު ވެވަޑައިގެން ހުންނެވިއްޔާ މެނުވީ، އެ އަމާނަތް ކަލޭގެފާނަށް އަނބުރައި ރައްދު ނުކުރާ މީހުންވެސް އެ މީހުންގެ ތެރެއިންވެއެވެ. އެއީ، ހަމަކަށަވަރުން އެ މީހުން ބުނެއުޅެނީ އުއްމީންނާ މެދުގައި، (އެބަހީ: އަރަބީންނާ މެދުގައި) އެހެން ހެދުމަކުން އެއްވެސް ފާފައެއް އަހަރެމެންގެ މައްޗަކަށް ނެތެވެ. ފަހެ އެ މީހުން ދެނެތިބެ ﷲ އާމެދު ދޮގުބަސްތައް ބުނަނީއެވެ.
އެހެންނަކުންނޫނެވެ. އެ މީހެއްގެ އަހުދު އެ މީހަކު ފުރިހަމައަށް އަދާކޮށް، ތަގުވާވެރިވެއްޖެ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ތަގުވާވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
ހަމަކަށަވަރުން ﷲ ގެ އަހުދާއި، އެ މީހުންގެ ހުވާތަކަށް ކުޑަ އަގެއް ގަނެ އުޅޭ މީހުންނީ، އާޚިރަތުގައި އެ މީހުންނަށް އެއްވެސް ނަސީބެއް ނެތް ބަޔެކެވެ. އަދި ގިޔާމަތް ދުވަހުން ﷲ، އެ މީހުންނަކަށް ބަސް ވަހީއެއް ނުކުރައްވާނެއެވެ. އަދި އެ މީހުންނަކަށް ބައްލަވާ ވޮޑިއެއްވެސް ނުގަންނަވާނެއެވެ. އަދި (ފާފައިން) އެ މީހުން ތާހިރެއްވެސް ނުކުރައްވާނެއެވެ. އަދި އެ މީހުންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
އެއީ، ފޮތުން ބައެއްކަމަށް ތިޔަބައިމީހުންނަށް ހީވާނޭގޮތަށް އެ މީހުންގެ ދޫތަކުން އޮޅުވާލައި، ބަދަލުކޮށްލައިގެން ފޮތުން ކިޔައިދޭ ބަޔަކު އެ މީހުންގެ ތެރެއިން ވާކަން ކަށަވަރެވެ. އެއީ، ފޮތުން ބައެއްކަމުގައިނުވާ ހާލުގައެވެ. އަދި އެއީ ﷲ ގެ ހަޒްރަތުން ބާވައިލެއްވި އެއްޗެއް ކަމުގައި އެ މީހުން ބުނެއެވެ. އެއީ، ﷲ ގެ ހަޒްރަތުން ބާވައިލެއްވި އެއްޗެއް ކަމުގައި ނުވާ ހާލުގައެވެ. އަދި އެ މީހުން ދެނެތިބެ ﷲ އާމެދު ދޮގުބަސްތައް ބުނަނީއެވެ.
ﷲ، އެ މީހަކަށް ފޮތާއި، ހިކުމަތާއި، ނަބީކަން ދެއްވީމާ، ދެން، ﷲ ފިޔަވާ ތިމަންނާއަށް އަޅުކަން ކުރާ މީހުން ކަމުގައި ތިޔަބައިމީހުންވާށޭ މީސްތަކުންނަށް ބުނުމަކީ، (އެ ކަންތައްތައް ދެއްވި) އެއްވެސް އިންސާނަކަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެހެނެއްކަމަކު (އެ މީހަކު ބުނާހުށީ) ތިޔަބައިމީހުން ފޮތުން އުނގަންނައިދީ އުޅުނު ތަކެތީގެ ސަބަބުންނާއި، ތިޔަބައިމީހުން އުނގެނި ދަސްކޮށްއުޅުނު ތަކެތީގެ ސަބަބުން، ތިޔަބައިމީހުން ރައްބާނީންނަށް (އެބަހީ: ދީންވެރި އިލްމުވެރިންނަށް) ވާށޭއެވެ!
އަދި މަލާއިކަތުންނާއި، ނަބިއްޔުންނީ، އިލާހުން ކަމުގައި ހަދާގެން އުޅުމަކަށް އެ މީހަކު ތިޔަބައިމީހުންނަކަށް އަމުރުކުރުމެއްވެސް ނެތެވެ. ތިޔަބައިމީހުން މުސްލިމުން ކަމުގައިވެގެން ތިބުމަށް ފަހު، ކާފިރު ވުމަށް އެ މީހަކު ތިޔަބައިމީހުންނަށް (ފަހެ) އަމުރުކުރާނެހެއްޔެވެ؟
ނަބިއްޔުންގެ ކިބައިން، ﷲ ކަށަވަރުވެގެންވާ އަހުދު ހިއްޕެވިހިނދު (ކަންހިނގިގޮތް ހަނދުމަކުރާށެވެ! އެ ހިނދު ﷲ އެންގެވިއެވެ.) ތިމަން އިލާހު ތިޔަބޭކަލުންނަށް ފޮތާއި ހިކުމަތް ދެއްވީމާ ދެން ތިޔަބޭކަލުންގެ ގާތުގައިވާ އެއްޗެއް ތެދު ކުރައްވާ ރަސޫލަކު ތިޔަބޭކަލުންގެ ގާތަށް ވަޑައިގަތުމުން، ހަމަކަށަވަރުން ތިޔަބޭކަލުން، އެ ބޭކަލަކަށް އީމާންވާ ހުށިކަމެވެ. އަދި ހަމަކަށަވަރުން އެ ބޭކަލަކަށް ތިޔަބޭކަލުން ނަސްރު ދޭހުށިކަމެވެ. އެ އިލާހު ވަހީކުރެއްވިއެވެ: ތިޔަބޭކަލުން އިގްރާރުވެ، އެ ކަމުގެ މައްޗަށް ތިމަން އިލާހަށް ކަށަވަރުވެގެންވާ އަހުދު ހިފައިފީމުހެއްޔެވެ؟ އެ ބޭކަލުން ދެންނެވިއެވެ: އަޅަމެން އިގްރާރުވެއްޖައީމުއެވެ. އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ ތިޔަބޭކަލުން (އެ ކަމަށް) ހެކިވާށެވެ. ހެކިވާމީހުންގެ ތެރެއިން ތިޔަބޭކަލުންނާ އެކުގައި ތިމަން އިލާހު ވޮޑިގެންވަމެވެ.
ދެން، އެއަށް ފަހު (އެ އަހުދު އުވާލައި) ފުރަގަސްދީފި މީހާ، (ދަންނާށެވެ.) ފަހެ އެ މީހުންނަކީ ހަމަ ފާސިގުންނެވެ.
އުޑުތަކާއި، ބިމުގައި ވާހާ ބަޔަކު ރުހުމުގައްޔާއި، ނުރުހުމުގައި އެ އިލާހަށް، ކިޔަމަންވެގެންވާއިރު، އެ މީހުން (އެބަހީ: އެނބުރި ފުރަގަސްދިން މީހުން) އެ އެދެނީ ﷲ ގެ ދީން ފިޔަވާ އެހެން ދީނެއްހެއްޔެވެ؟ އަދި އެ މީހުން އެނބުރި ރުޖޫއަ ކުރައްވާހުށީ، އެ އިލާހުގެ ހަޒްރަތަށެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: ތިމަންމެން ﷲ އަށާއި، އަދި ތިމަންމެންގެ މައްޗަށް ބާވައިލެއްވި އެއްޗަކަށް އީމާން ވެއްޖައީމުއެވެ. އަދި އިބްރާހީމްގެފާނާއި، އިސްމާޢީލުގެފާނާއި، އިސްޙާގުގެފާނާއި، ޔައުގޫބުގެފާނާއި، (ބާރަ ނަބިއްޔުން ކަމުގައިވި) އެކަލޭގެފާނުގެ ދަރިކަލުންނަށް ބާވައިލެއްވި އެއްޗަކަށާއި، މޫސާގެފާނާއި، ޢީސާގެފާނާއި، އެނޫންވެސް ނަބީބޭކަލުންނަށް، އެ ބޭކަލުންގެ ރައްބުގެ ހަޒްރަތުން ދެއްވި އެއްޗަކަށް ވެސްމެއެވެ. އެ ބޭކަލުންގެ ތެރެއިން އެއްވެސްބޭކަލަކާ މެދުގައި ތިމަންމެން ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެން ވަނީ އެ އިލާހަށް ބޯލަނބައި ކިޔަމަންވެގެންނެވެ.
ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް އެދޭ މީހާ (ދަންނާށެވެ.) ފަހެ އެ މީހާގެ ކިބައިން (އެ ކަން) ގަބޫލެއް ނުކުރައްވާ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
އެބަޔަކު އީމާން ވުމަށް ފަހު، އަދި ހަމަކަށަވަރުން ރަސޫލާއީ ހައްގު ރަސޫލާ ކަމަށް ހެކިވުމަށް ފަހު، އަދި ފާޅުވެގެންވާ ދަލީލުތައް އެ މީހުންނާ ހަމައަށް އައުމަށް ފަހު، ކާފިރުވި ބަޔަކަށް، ﷲ ތެދުމަގު ދައްކަވާނީ ކިހިނަކުންހެއްޔެވެ؟ އަނިޔާވެރި ވެގެންވާ ގައުމަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.
އެ މީހުންގެ ޖަޒާއަކީ، ހަމަކަށަވަރުން ﷲ އާއި، މަލާއިކަތުންނާއި، އެންމެހާ މީސްތަކުންގެ ލައުނަތް އެ މީހުންގެ މައްޗަށް ލެއްވުމެވެ.
އެ މީހުން، އެ ލައުނަތުގައި ދެމިތިބެނިވި ގޮތުގައެވެ. އެ މީހުންގެ ކިބަޔަކުން އަޒާބެއް ލުޔެއް ނުކުރައްވާނެއެވެ. އަދި އެ މީހުންނަށް (އަޒާބު ލިބުމުގައި) ލަހެއްވެސް ނުމެ ކުރައްވާނެއެވެ.
އެއަށް ފަހު، ތައުބާވެ (އަމަލުތައް) އިސްލާހު ކޮށްފި މީހުން މެނުވީއެވެ. ފަހެ ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފުފުއްސަވާ ރަޙީމްވަންތަ އިލާހެވެ.
ހަމަކަށަވަރުން އެ މީހުން އީމާން ވުމަށް ފަހު، ކާފިރުވެ، ދެން ކާފިރު ކަން އިތުރުވީ މީހުންގެ ތައުބާ ގަބޫލު ނުކުރައްވާހުއްޓެވެ. އަދި އެ މީހުންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ.
ހަމަކަށަވަރުން ކާފިރުވެ، އަދި ކާފިރުން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން ފިދުޔަ ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެ ކަން ގަބޫލު ނުކުރައްވާހުއްޓެވެ. އެ މީހުންނަށް، ވޭންދެނިވި އަޒާބު ހުއްޓެވެ. އަދި އެ މީހުންނަށް ނަސްރު ދޭނޭ އެއްވެސްބަޔަކު ނުވެއެވެ.
ތިޔަބައިމީހުން ލޯބިކުރާ ތަކެތީން (ﷲ ގެ މަގުގައި) ހޭދަކޮށްފުމަށް ދާންދެން، ތިޔަބައިމީހުންނަކަށް އަލްބިއްރު (އެބަހީ: ހެޔޮކަމާއި ސުވަރުގެ) ނުލިބޭނެއެވެ. އަދި ތިޔަބައިމީހުން ކޮންމެ އެއްޗެއް ހޭދަ ކުރިޔަސް، ފަހެ ﷲ އެ މޮޅަށް ދެނެވޮޑިގެންވާކަން ކަށަވަރެވެ.
ތައުރާތު ބާވައިލެއްވުމުގެ ކުރިން، އިސްރާއީލުގެފާނު އެކަލޭގެފާނުގެ އަމިއްލަ ނަފްސުގެ މައްޗަށް ހަރާމްކުރެއްވި ތަކެތި ފިޔަވާ، އެންމެހާ ކާތަކެތި އެއީ، އިސްރާއީލުގެ ދަރިންނަށް ހަލާލު ތަކެތި ކަމުގައިވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ތެދުވެރިންކަމުގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން ތައުރާތު ގެނެސް އެ ކިޔައިބަލާށެވެ!
އެއަށް ފަހު، ﷲ އާމެދު ހަދާގެން ދޮގު ބުނިމީހާ، (ދަންނާށެވެ.) ފަހެ އެ މީހުންނީ، ހަމަ އަނިޔާވެރިންނެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ވަހީ ކުރެއްވީ ތެދުބަސްފުޅެވެ. ފަހެ ބާތިލު މަގުން އެއްކިބާވެ، ހައްގުގެ މަގަށް ތަބާ ވެގެންވާ އިބްރާހީމްގެފާނުގެ ދީނަށް ތިޔަބައިމީހުން ތަބާ ވާށެވެ. އަދި އެކަލޭގެފާނު މުޝްރިކުންގެ ތެރެޔަކުން ނުވެއެވެ.
ހަމަކަށަވަރުން މީސްތަކުންނަށް ޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތް ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި އާލަމްތަކަށް ތެދުމަގެއް ކަމުގައެވެ.
ފާޅުވެގެންވާ ހެކިތަކެއް އެ ތާނގައި ވެއެވެ. އިބްރާހީމްގެފާނު ހުންނެވިތަން (އޭގެ ތެރެއިން) ވެއެވެ. އަދި އެ ތަނަށް (އެބަހީ: ހަރަމްފުޅަށް) ވަދެއްޖެ މީހަކީ، އަމާންކަން ލިބިގެންވާ މީހަކު ކަމުގައިވެއެވެ. އަދި ގެފުޅަށް ގޮސް ހައްޖު ވުމަކީ، ﷲ އަށްޓަކައި (ކުރަން ޖެހޭ) މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ އެ ކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހަކަށެވެ. އަދި (ﷲ ފަރުޟު ކުރެއްވި އެ ކަމާމެދު ދެކޮޅުހަދައި) ކާފިރުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ އެންމެހާ އާލަމްތަކުން ފުދިވޮޑިގެންވާ އިލާހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އޭ ފޮތުގެ އަހުލުވެރިންނެވެ. ތިޔަބައިމީހުން ﷲ ގެ އާޔަތްތަކަށް ކާފިރު ވަނީ ކީއްވެގެންހެއްޔެވެ؟ ﷲ އީ، ތިޔަބައިމީހުންކުރާ ކަންތަކުގެ މައްޗަށް ހެކިވެވޮޑިގެންވާ އިލާހެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އޭ ފޮތުގެ އަހުލުވެރިންނެވެ. ތިޔަބައިމީހުން، އީމާންވި މީހަކު ﷲ ގެ މަގުން އެއްކިބާކުރަނީ، ކީއްވެގެންހެއްޔެވެ؟ (އެ މަގަކީ ﷲ ގެ ތެދުމަގުކަމަށް) ތިޔަބައިމީހުން ހެކިވެތިބެ، އެ މަގު ގުދުކޮށް އޮތުމަށް ތިޔަބައިމީހުން އެދެނީއެވެ. ތިޔަބައިމީހުންކުރާ އަމަލުތަކާމެދު، ﷲ ޣާފިލު ވެވޮޑިގެނެއް ނުވެއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކަށް، ތިޔަބައިމީހުން ކިޔަމަންވާނަމަ، (ތިޔަބައިމީހުންގެ) އީމާންކަމަށް ފަހު، އެ މީހުން ތިޔަބައިމީހުންނީ އަލުން ކާފިރުން ކަމުގައި ރައްދުކުރާނެތެވެ.
އަދި ﷲ ބާވައިލެއްވި އާޔަތްތައް ތިޔަބައިމީހުންނަށް ކިޔަވައިދެއްވަނިކޮށް އަދި ތިޔަބައިމީހުންގެ ތެރޭގައި އެ އިލާހުގެ ރަސޫލާ ހުންނަވަނިކޮށް، ތިޔަބައިމީހުން ކާފިރު ވަނީ ކޮންފަދަޔަކުންހެއްޔެވެ؟ ﷲ ގެ ދީނުގައި ހިފަހައްޓާ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް ސީދާވެގެންވާ މަގަކަށް ތެދުމަގު ލިބިއްޖެކަން ކަށަވަރެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. އެ އިލާހަށް ތަގުވާވެރިވުން ހައްގު ވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އަދި މުސްލިމުން ކަމުގައިވާ ހާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ.
އަދި ތިޔަބައިމީހުން އެންމެން އެކުގައި، ﷲ ގެ ވާފަށުގައި (އެބަހީ: ދީނުގައި) ހިފަހައްޓާށެވެ. އަދި ބައިބައިވެނުގަންނާށެވެ. އަދި ﷲ ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ. އެހެނީ. ތިޔަބައިމީހުން އަދާވާތްތެރިން ކަމުގައިވަނިކޮށް، އެ އިލާހު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން އެ އިލާހު ދެއްވި ނިއުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން އެ އިލާހު ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވިއެވެ. އެފަދައިން ﷲ، އެ އިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާން ކޮށްދެއްވަނީ، ތިޔަބައިމީހުންނަށް ހިދާޔަތް ލިބޭތޯއެވެ.
ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. އަދި އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
ފާޅުވެގެންވާ ހެކިތައް އެ މީހުންނަށް އައުމަށް ފަހު، ވަކިވަކިވެ ޚިލާފުވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ. ބޮޑުވެގެންވާ އަޒާބެއް އެ މީހުންނަށް ހުއްޓެވެ.
(އެއީ) މޫނުތަކެއް އަލިވެ، އަދި މޫނުތަކެއް އަނދިރިވެގެންދާ ދުވަހެވެ. ފަހެ އެ މީހުންގެ މޫނުތައް އަނދިރިވެގެންދިޔަ މީހުން ދަންނާށެވެ. (އެ މީހުންނާ ދިމާޔަށް އެ ދުވަހުން ބުނެވޭހުއްޓެވެ.) ތިޔަބައިމީހުން، އީމާން ވުމަށް ފަހު، ތިޔަބައިމީހުން ކާފިރު ވީހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމަށް ޓަކައި އަޒާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
އަދި އެ މީހުންގެ މޫނުތައް އަލިވެގެންދިޔަ މީހުން ދަންނާށެވެ. ފަހެ އެ މީހުން ވަނީ ﷲ ގެ ރަހުމަތްގައެވެ. އެ މީހުންނީ އެ ރަހުމަތުގައި ދެމިތިބެނިވި ބަޔެކެވެ.
އެއީ، ﷲ ގެ އާޔަތްތަކެވެ. ހައްގު ގޮތުގައި ތިމަން އިލާހު ކަލޭގެފާނަށް އެ އާޔަތްތައް ކިޔައިދެއްވަމެވެ. އަދި އެއްވެސް މަޚްލޫގަކަށް އަނިޔާއެއް ދެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވައެވެ.
އަދި އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، ﷲ އަށެވެ. އަދި އެންމެހާ ކަންތައް ރުޖޫއަ ކުރައްވާހުށީ ﷲ ގެ ހަޒްރަތަށެވެ.
މީސްތަކުންނަށް ޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި ތިޔަބައިމީހުން ﷲ އަށް އީމާން ވަމުއެވެ. ފޮތުގެ އަހުލުވެރިން އީމާން ވީނަމަ، އެ މީހުންނަށް އެ ގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެ މީހުންގެ ތެރެއިން އީމާން ވެގެން ތިބި މީހުންވެއެވެ. އަދި އޭގެ ތެރެއިން ގިނަމީހުންނީ ފާސިގުންނެވެ.
އުނދަގޫކުރުންނޫން އެހެންގޮތަކުން އެ މީހުންނަކަށް ތިޔަބައިމީހުންނަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެ މީހުން ތިޔަބައިމީހުންނާ ހަނގުރާމަ ކުރާނަމަ، ތިޔަބައިމީހުންނަށް ފުރަގަސްދީ (ބަލިވެގެން) އެ މީހުން ހިނގައިދާނެއެވެ. ދެން، އެ މީހުންނަކަށް ނަސްރެއް ނުލިބޭނެއެވެ.
އެ މީހުން ވީ، ކޮންމެތަނެއްގައިވެސް، އެ މީހުންގެ މައްޗަށް ދެރަކަމާއި، ނިކަމެތިކަން ލައްވާފައިވެއެވެ. ﷲ ގެ އަހުދަކުން ނުވަތަ މީސްތަކުންގެ އަހުދަކުން (ރައްކާތެރިކަން ލިބިގެންފުމުން) މެނުވީއެވެ. އަދި ﷲ ގެ ކޯފާއާއިގެން އެ މީހުން އެނބުރި އަޔެވެ. އަދި މިސްކީނު ކަން އެ މީހުންގެ މައްޗަށް ލައްވާފައިވިއެވެ. އެއީ، އެ މީހުން ﷲ ގެ އާޔަތްތަކަށް ކާފިރުވެ އަދި ހައްގަކާ ނުލާ، ނަބިއްޔުން ގަތުލުކޮށްއުޅުނުކަމަށް ޓަކައެވެ. އެއީ، އެ މީހުން އުރެދުނުކަމަށް ޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެ މީހުން ވީކަމަށް ޓަކައެވެ.
އެ މީހުން، ހަމަހަމަވެގެނެއް ނުވެއެވެ. ފޮތުގެ އަހުލުވެރިންގެ ތެރެއިން ސީދާކަންމަތީ ގާއިމުވެ ތިބޭ ބަޔަކުވެއެވެ. އެ މީހުން ރޭގަނޑުގެ ވަގުތުތަކުގައި ސަޖިދަ ކޮށްނަމާދުކުރާ ހާލު، ﷲ ބާވައިލެއްވި އާޔަތްތައް ކިޔަވައެވެ.
ﷲ އަށާއި، އާޚިރަތް ދުވަހަށް އެ މީހުން އީމާން ވެއެވެ. އަދި އެ މީހުން ހެޔޮކަންތަކަށް އަމުރު ކޮށް، ނުބައިކަންތައް ނަހީކުރެއެވެ. އަދި ހެޔޮކަންތައް ކުރުމަށް އެ މީހުން އަވަސްވެގަނެއެވެ. އެ މީހުން ވަނީ ސާލިހުންގެ ތެރެއިންނެވެ.
ހެޔޮކަމުގެ ތެރެއިން އެ މީހުން ކުރާ އެއްވެސްކަމެއް، ފަހެ އެ ކަމެއްގެ ސަވާބުން އެ މީހުން މަހްރޫމު ނުކުރައްވާހުއްޓެވެ. ﷲ އީ، ތަގުވާވެރިން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން ކާފިރުވި މީހުންނަކަށް އެ މީހުންގެ މުދާތަކެއްވެސް އަދި އެ މީހުންގެ ދަރިންތަކެއްވެސް، އެ މީހުންނަށް ޓަކައި، ﷲ ގެ ހަޒްރަތުން އެއްވެސް ކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި އެ މީހުންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެ މީހުންނީ އެ ތާނގައި ދެމިތިބެނިވި ބަޔެކެވެ.
މި ދުނިޔޭގެ ހަޔާތުގައި، އެ މީހުން (އެބަހީ: ކާފިރުވި މީހުން) ހޭދަކުރާ އެއްޗެއްގެ މިސާލަކީ، އެ ވައިރޯޅީގައި ގަދަ ފިނިކަމެއް (ނުވަތަ ގަދަ ހޫނުކަމެއް) ވާ، ވައިރޯޅިއެއް، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާކުރި ބަޔެއްގެ ދަނޑަށްޖެހި، އެ ދަނޑު ހަލާކުކޮށްލި ވައިރޯޅީގެ މިސާލެވެ. ﷲ، އެ މީހުންނަކަށް އަނިޔާއެއް ނުކުރައްވައެވެ. އެހެނެއްކަމަކު، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް، އެ މީހުން އަނިޔާކުރަނީއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައިމީހުންގެ ކަންތައް ފަސާދަކުރުމުގައި، އެ މީހުން ދުލެއް ނުދޭނެއެވެ. އެ މީހުން އެދެނީ، ތިޔަބައިމީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން އެ މީހުންގެ އަނގައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި އެ މީހުންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާ ބޮޑެވެ. ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންނަށް ޓަކައި، އާޔަތްތައް ބަޔާންކޮށް ދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކު ކަމުގައި ވީނަމައެވެ.
ތިޔަބައިމީހުން، އެ މީހުން ދެކެ ތިޔަ ލޯބިވަނީއެވެ. ތިޔަބައިމީހުން، ހުރިހާ ފޮތަކަށް އީމާން ވެގެން ތިބޭއިރުވެސް، އެ މީހުން ތިޔަބައިމީހުންދެކެ ލޯތްބެއް ނުވެއެވެ. އަދި އެ މީހުން ތިޔަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން އީމާން ވެއްޖައީމުއޭ ބުނެއެވެ. އަދި އެ މީހުން އެކަހެރިވެއްޖެނަމަ، ތިޔަބައިމީހުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ. ހަމަކަށަވަރުން ﷲ އީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ތިޔަބައިމީހުންނަށް ހެޔޮގޮތެއް ދިމާވެއްޖެނަމަ، އެ ކަން އެ މީހުންނަށް ހިތާމައަކަށްވެއެވެ. އަދި ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެ ކަމަށް އެ މީހުން އުފާކުރެއެވެ. އަދި ތިޔަބައިމީހުން ކެތްކޮށް ތަގުވާވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެ މީހުންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ހަމަކަށަވަރުން ﷲ އީ، އެ މީހުން ކުރާ އަމަލުތައް ފުރިހަމައަށް ދެނެވޮޑިގެންވާ އިލާހެވެ.
(އުހުދު ހަނގުރާމައިގެ ދުވަހު) ހަނގުރާމައިގެ މަރުކަޒުތަކަށް މުއުމިނުން ހަމަޖައްސަވައި ތައްޔާ ރުކުރެއްވުމަށް ޓަކައި، ކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިން ނުކުމެވަޑައިގެންނެވި ހިނދު، (ހަނދުމަ ކުރައްވާށެވެ.) ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
(އެއީ) ތިޔަބައިމީހުންގެ ތެރެއިން ދެބަޔަކު ފިނޑިވެ، ހިތްވަރު އެލުނުހިނދެވެ. ﷲ އީ، އެ ދެބައިމީހުން ރައްކާތެރިކުރައްވާ ނަސްރު ދެއްވާ އިލާހެވެ. ހަމައެކަނި ﷲ އަށް މުއުމިނުން ވަކީލުކުރާހުށިކަމެވެ.
ހަމަކަށަވަރުން ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، ބަދުރު ހަނގުރާމައިގައި ﷲ، ތިޔަބައިމީހުންނަށް ނަސްރު ދެއްވިއެވެ. ފަހެ ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.
(އެއީ) ކަލޭގެފާނު މުއުމިނުންނަށް ވިދާޅުވި ހިނދުގައެވެ. ބާވައިލައްވާފައިވާ މަލާއިކަތުންގެ ތެރެއިން، ތިންހާހުން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންނަށް މަދަދު ދެއްވުން ތިޔަބައިމީހުންނަކަށް ނުފުދޭހެއްޔެވެ؟
ނޫނެކެވެ! (ފުދޭނެއެވެ.) ތިޔަބައިމީހުން ކެތްތެރިވެ (ﷲ އަށް) ބިރުވެތިވެ ރައްކާތެރިވާނަމަ، އަދި ތިޔަބައިމީހުންނާ ހަމައަށް އެ މީހުން (އެބަހީ: މުޝްރިކުން) ހަމަ ކުއްލިޔަކަށް އަންނަނަމަ، ފާހަގަ ކުރައްވާފައިވާ ފަސްހާސް މަލާއިކަތުން (ފޮނުއްވައިގެން) ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންނަށް މަދަދު ދެއްވާނެއެވެ.
އަދި ތިޔަބައިމީހުންނަށް (ނަސްރު ލިބޭނެކަމުގެ) އުފާވެރި ޚަބަރެއް ކަމުގައްޔާއި، އަދި އެ ކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށް ޓަކައި މެނުވީ، ﷲ އެ ކަންތަކެއް ނުލައްވައެވެ. (އެބަހީ: މަލާއިކަތުން ފޮނުއްވައިގެން މަދަދު ދެއްވުން ނުލައްވައެވެ.) ޢަޒީޒުވަންތަ، ޙަކީމްވަންތަ، ﷲ ގެ ހަޒްރަތުން މެނުވީ، ނަސްރު ލިބުމެއް ނުވެއެވެ.
(އެއީ) ކާފިރުވި މީހުންގެ ތެރެއިން ބަޔަކު، ނެތި ކުރެއްވުމަށް ޓަކައެވެ. ނުވަތަ، އެ މީހުން ބަލިކުރައްވާ ނިކަމެތި ކުރެއްވުމަށް ޓަކައެވެ. ފަހެ (އެ ހިނދު) އެ މީހުން ބޭނުންކަންތައް ނުވެ ހިތާމަކުރާ ހާލު އެނބުރި ހިނގައިދެތެވެ.
(އެ މީހުންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެ ކަންއޮތީ ހަމައެކަނި ﷲ އަށެވެ.) އެ އިލާހު (އިރާދަކުރައްވާނަމަ) އެ މީހުންގެ މައްޗަށް، ތައުބާ ލައްވައިފާނެތެވެ. ނުވަތަ، އެ މީހުންނަށް އަޒާބު ދެއްވާފާނެތެވެ. ފަހެ ހަމަކަށަވަރުން އެ މީހުންނީ އަނިޔާވެރިންނެވެ.
އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، ﷲ އަށެވެ. އެ އިލާހު އިރާދަކުރައްވާ މީހަކަށް ފާފަ ފުއްސަވައެވެ. އަދި އެ އިލާހު އިރާދަކުރައްވާ މީހަކަށް އަޒާބު ދެއްވައެވެ. ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން ރިބާ ނުކާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.
އަދި ނަރަކައަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ. އެ ނަރަކަޔަކީ، ކާފިރުންނަށް ޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ.
އަދި ﷲ އަށާއި، ރަސޫލާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ރަހުމަތް ލައްވާތޯއެވެ.
އަދި ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ފާފަ ފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަގުވާވެރިންނަށެވެ.
އެ މީހުންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ހާލުގައި، (މުދާ) ހޭދަކޮށް އުޅޭ މީހުންނެވެ. އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިހްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
އަދި އެ މީހުންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެ މީހުންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެ މީހުންގެ ފާފަތައް ފުއްސެވުން އެދި ދުއާ ކޮށްއުޅޭ މީހުންނެވެ. ﷲ ފިޔަވާ ފާފަ ފުއްސަވާނީ ފަހެ ކާކުހެއްޔެވެ؟ އަދި އެ މީހުން ދެނެތިބި ހާލު އެ މީހުން ކުރި ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.
އެ މީހުންގެ ޖަޒާޔަކީ އެ މީހުންގެ ރައްބުގެ ހަޒްރަތުން ފާފަ ފުއްސެވުމެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެ ތަންތާނގައި އެ މީހުން ދެމިތިބޭ ހާލުގައެވެ. ހެޔޮ އަމަލުކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ.
(އެކިއެކި އުއްމަތްތަކާމެދު) ހިނގައިދިޔަ ކަންތައްތަކެއް ތިޔަބައިމީހުންގެ ކުރިން އިސްވެ ހިނގައްޖެކަން ކަށަވަރެވެ. ފަހެ ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން، ދޮގުކުރި މީހުންގެ ނަތީޖާއޮތީ ކޮންފަދަޔަކުންތޯ ނިކަން ބަލައިބަލާށެވެ!
މިއީ، މީސްތަކުންނަށް އޮތް ސާފުސީދާ ބަޔާނެކެވެ. އަދި މަގު ދެއްކެވުމެކެވެ. އަދި ތަގުވާވެރިންނަށްއޮތް ވައުޒެކެވެ.
ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ. އަދި ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ.
(އުހުދު ހަނގުރާމައިގެ ދުވަހު) ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން (ކާފިރުންގެ) މީސްތަކުންނަށް ވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، (ބަދުރު ހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަން އިލާހު އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލު ކުރައްވަމެވެ. އަދި (އެއީ) އީމާންވެއްޖެ މީސްތަކުން، ﷲ ދެނެވޮޑިގެންވެ، އެ ކަން ހާމަ ކުރެއްވުމަށް ޓަކައްޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ޝަހީދުން ކަމުގައި ލެއްވުމަށް ޓަކައެވެ. އަނިޔާވެރިންދެކެ، ﷲ ލޯބިވެވޮޑިގެނެއްނުވެއެވެ.
އަދި ﷲ، އީމާންވެއްޖެ މީސްތަކުން ތާހިރުކުރައްވާ، ސާފު ކުރެއްވުމަށް ޓަކައެވެ. އަދި ކާފިރުން ހަލާކު ކުރައްވާ، ނެތި ކުރެއްވުމަށް ޓަކައެވެ.
ތިޔަބައިމީހުންގެ ތެރެއިން ޖިހާދުކުޅަމީހުން ﷲ ދެނެވޮޑިގެންވެ، އެ ކަން ހާމަނުވަނީސް އަދި ކެތްތެރިންވެސް ދެނެވޮޑިގެންވެ، އެ ކަން ހާމަނުވަނީސް ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟
އަދި މަރުވުމަށް އެދޭކަމުގައި (އެބަހީ: ޝަހީދު ވުމަށް އެދޭ ބަޔަކު ކަމުގައި) ހަމަކަށަވަރުންވެސް ތިޔަބައިމީހުން ވީމުއެވެ. (އެއީ) ތިޔަބައިމީހުން އެ މަރާ ބައްދަލުކުރުމުގެ ކުރީގައެވެ. ފަހެ (މިހާރު) ތިޔަބައިމީހުން ލޮލުން ދެކޭ ހާލުގައި ތިޔަބައިމީހުންނަށް އެ ކަންތައް ފެނިއްޖެކަން ކަށަވަރެވެ.
ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނުން ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ. ފަހެ އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ނުވަތަ ގަތުލު ވެއްޖެނަމަ، ތިޔަބައިމީހުން (ކާފިރު ވުމަށް) ފަހަތަށް އެނބުރި ގަންނަންވީހެއްޔެވެ؟ އަދި ފަހަތަށް އެނބުރިގަންނަ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް އެއްވެސް ކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެއެވެ. ޝުކުރުކުރާ މީހުންނަށް ﷲ ޖަޒާ ދެއްވާނެއެވެ.
އަދި ﷲ ގެ އިޒުނަފުޅާލައިގެން މެނުވީ، މަރުވުމަކީ، އެއްވެސް ނަފްސަކަށް އޮތްކަމެއް ނޫނެވެ. (އެ ކަންއޮތީ) ވަގުތު ކަނޑައަޅުއްވާ ލިޔުއްވާފައެވެ. އަދި ދުނިޔޭގެ ސަވާބު އެދޭ މީހާ، (ދަންނާށެވެ.) އެ މީހަކަށް ތިމަން އިލާހު އޭގެ ތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި އާޚިރަތުގެ ސަވާބު އެދޭ މީހާ، (ދަންނާށެވެ.) އެ މީހަކަށް ތިމަން އިލާހު އޭގެ ތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި ޝުކުރުކުރާ މީހުންނަށް ތިމަން އިލާހު ޖަޒާ ދެއްވާހުށީމެވެ.
އެ ނަބިއްޔުންގެ އަރިހުގައި ގިނަވެގެންވާ ޖަމާއަތްތައް ހަނގުރާމަކުޅައީ ކިތައްކިތައް ނަބިއްޔުންހޭ؟ ފަހެ ﷲ ގެ މަގުގައި އެ މީހުންނަށް ޖެހުނު ކަންތަކަށް އެ މީހުން ފިނޑިއެއްނުވިއެވެ. އަދި އެ މީހުން ނިކަމެއްޗެއްވެސް ނުވިއެވެ. އަދި (ދުޝްމަނުންގެ ކުރިމަތީގައި) އެ މީހުން ބަލިކަށްޓެއްވެސް ނުވިއެވެ. ކެތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
އަދި އެ މީހުންގެ ބަހެއްކަމުގައި އެ މީހުން ދެންނެވުންމެނުވީ ނުވެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ. އަދި އަޅަމެންގެ ފައިތިލަތައް ސާބިތު ކުރައްވާނދޭވެ. އަދި ކާފިރު ވެގެންވާ ގައުމުގެ މައްޗަށް އަޅަމެންނަށް ނަސްރު ދެއްވާނދޭވެ.
ދެންފަހެ ދުނިޔޭގެ ސަވާބާއި، އާޚިރަތުގެ ރިވެތި ސަވާބު އެ މީހުންނަށް ﷲ ދެއްވިއެވެ. އިހްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކާފިރުވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެ މީހުން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން ދީނުން ބޭރުކޮށްފާނެތެވެ.) ފަހެ (އެ ހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ ހާލުގައެވެ.
އަދި ކިއެއް! ތިޔަބައިމީހުންނަށް ނަސްރު ދެއްވާ އެހީތެރިޔަކީ ﷲ އެވެ. އަދި ނަސްރު ދެއްވާ އެންމެ ހެޔޮފަރާތަކީ އެ އިލާހެވެ.
ކާފިރުވި މީހުންގެ ހިތްތަކަށް ނިކަންހުރެ ތިމަން އިލާހު ބިރުވެރިކަން ވައްދަވާހުށީމެވެ. (އެއީ) އެ ތަކެއްޗަށް ﷲ އެއްވެސް ބާރެއް ބާވައިލައްވާފައިނުވާ ތަކެތި، ﷲ އާ އެއްފަދަކޮށް، އެ މީހުން ޝަރީކުކުޅަކަމަށް ޓަކައެވެ. އަދި އެ މީހުން ތިބެނިވި ތަނަކީ، ނަރަކައެވެ. އެއީ، އަނިޔާވެރިން (އެބަހީ: މުޝްރިކުން) ތިބުމަށް ހާދަހާ ނުބައި ތަނެކެވެ.
ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންނަށް، އެ އިލާހުގެ ވައުދުފުޅު ފުއްދަވާ ދެއްވިއެވެ. އެ އިލާހުގެ އިޒުނަފުޅާލައިގެން ތިޔަބައިމީހުން އެ ކާފިރުން ގަތުލުކޮށްނެތިކުރަމުން ދިޔަހިނދުގައެވެ. ތިޔަބައިމީހުން ހިތްއެދޭ ކަންތައް ތިޔަބައިމީހުންނަށް ތިމަން އިލާހު ދެއްކެވުމަށް ފަހު، ތިޔަބައިމީހުން އުރެދި، އަދި (ރަސޫލާ އެންގެވި) ކަންތަކުގައި ތިޔަބައިމީހުން ދެބަސްވެ، ފިނޑިވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ. އަދި ތިޔަބައިމީހުންގެ ތެރޭގައި އާޚިރަތް އެދޭމީހުންވެސްވެއެވެ. ދެން، އެ ކާފިރުންގެ ކިބައިން ތިޔަބައިމީހުން އެއްކިބާ ކުރެއްވިއެވެ. އެއީ، ތިޔަބައިމީހުން އިމްތިހާނު ކުރެއްވުމަށް ޓަކައެވެ. އަދި ހަމަކަށަވަރުން އެ އިލާހު ތިޔަބައިމީހުންނަށް އަފޫކުރެއްވިއެވެ. ﷲ އީ، މުއުމިނުތަކުންގެ މައްޗަށް ފަޟްލުވަންތަވެރި އިލާހެވެ.
(އެއީ) ތިޔަބައިމީހުން އެކަކަށް ވެސް އެނބުރި ބަލައިނުލާ ދުރަށްދިޔަ ހިނދުގައެވެ. ތިޔަބައިމީހުންގެ ފަހަތުން ރަސޫލާ ތިޔަބައިމީހުންނަށް ގޮވާލައްވާ ހާލުގައެވެ. ދެން، މޮޅިވެރިކަމަކާ ވިދިގެން މޮޅިވެރިކަމަކުން ތިޔަބައިމީހުންނަށް ޖަޒާ ދެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް (ޣަނީމާ އިން) ފާއިތުވީ އެއްޗެއްގެ މައްޗަށާއި، ތިޔަބައިމީހުންނަށް ޖެހުނު ކަންތަކުގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުރުމަށް ޓަކައެވެ. ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ދެން، އެ ހިތާމަޔަށް ފަހު ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށްޖެހޭ މަޑު ނިންޖެއްގެ ގޮތުގައި، ތިޔަބައިމީހުންގެ މައްޗަށް އެ އިލާހު އަމާންކަން ބާވައިލެއްވިއެވެ. އަނެއް ބަޔަކަށް އެ މީހުންގެ އަމިއްލަ ނަފްސުތަކުން ހިތާމަވެރިކަން ލިއްބައިފިކަން ކަށަވަރެވެ. ﷲ އާމެދު އެ މީހުން ހައްގު ނޫންގޮތްތައް ހީކުރެއެވެ. (އެއީ) ޖާހިލީ ޒަމާނުގެ ހީކުރުމެވެ. އެ މީހުން ބުނެއެވެ. ކަންތަކުގެ ތެރެއިން (އެބަހީ: ނަސްރު ދެއްވުންފަދަ ކަންތަކުގެ ތެރެއިން) އެއްވެސްކަމެއް ތިމަންމެންނަށް ވޭތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ހުރިހާކަމެއްމެ މިލްކުވެގެންވަނީ ﷲ އަށެވެ. ކަލޭގެފާނަށް އެ މީހުން ފާޅުނުކުރާ ކަންތައް، އެ މީހުންގެ ހިތްތަކުގައި ވަންހަނާ ކުރެއެވެ. އެ މީހުން ބުނެއެވެ. ކަންތަކުގެ ތެރެއިން ކަމެއް (އެބަހީ: ހަނގުރާމައަށް ނުކުތުމާމެދު އިޚްތިޔާރެއް) ތިމަންމެންނަށް ލިބިގެންވީނަމަ، މިތާނގައި ތިމަންމެން ގަތުލެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ގޭގޭގައި ތިޔަބައިމީހުން ވީކަމުގައިވިޔަސް ގަތުލު ވުން އެބަޔެއްގެ މައްޗަށް ކަނޑައަޅުއްވާ ލިޔުއްވާފައިވާ މީހުން، އެ މީހުން ގަތުލު ވެގެން ވެއްޓޭނޭ ތަންތަނަށް ނުކުތީސްކަން ކަށަވަރެވެ. އަދި (ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ފަރުޟުކުރެއްވީ) ﷲ ތިޔަބައިމީހުންގެ ހިތްތަކުގައިވާގޮތް އިމްތިހާނު ކުރެއްވުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައިވާ ގޮތްތައް ވަކި ކުރައްވާ ހާމަ ކުރެއްވުމަށް ޓަކައެވެ. ﷲ އީ، ހިތްތަކުގައި ވާހައިކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން (އުހުދު ހަނގުރާމައިގައި) ދެ ލަޝްކަރު ބައްދަލުވީ ދުވަހު، ތިޔަބައިމީހުންގެ ތެރެއިން (ހަނގުރާމައަށް) އެނބުރި ފުރަގަސްދިން މީހުން، ޝައިތާނާ އެ މީހުންގެ މަގުން އެއްކިބާ ކުރިކަން ކަށަވަރީ، އެ މީހުން ހޯދި ބައެއް ކަންތަކުގެ ސަބަބުންނެވެ. (އެބަހީ: ރަސޫލާގެ އެންގެވުންތަކާ ޚިލާފު ވުމުގެ ސަބަބުންނެވެ.) ހަމަކަށަވަރުން ﷲ އެ މީހުންނަށް އަފޫކުރައްވާފިއެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ޙަލީމްވަންތަ އިލާހެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ކާފިރުވި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. (އެއީ) އެ މީހުންގެ އަޚުން ދަތުރު ފަތުރުކޮށްއުޅުނު ހިނދު ނުވަތަ، ހަނގުރާމަވެރިންކަމުގައި ވީހިނދު، ތިމަންމެންގެ ގާތުގައި އެ މީހުން ތިބިނަމަ މަރެއްނުވީހޭ، އަދި ގަތުލެއްވެސް ނުވީހޭ، އެ މީހުންގެ އަޚުންނަށް ބުނި މީހުންނެވެ. (އެ މީހުން އެ ބަސްބުނީ) ﷲ، އެ ބަސް އެ މީހުންގެ ހިތްތަކުގައި ހިތާމަޔެއް ކަމުގައި ލެއްވުމަށެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ﷲ އެވެ. އަދި ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން ﷲ ގެ މަގުގައި ތިޔަބައިމީހުން ގަތުލު ވިޔަސް، ނުވަތަ މަރުވިޔަސް، ﷲ ގެ ހަޒްރަތުން ފާފަ ފުއްސެވުމާއި، ރަހުމަތް ލެއްވުން އެ މީހުން އެއްކުރާތަކެއްޗަށްވުރެ މާ ހެޔޮކަން ބޮޑެވެ.
ހަމަކަށަވަރުން ތިޔަބައިމީހުން މަރުވިޔަސް، ނުވަތަ ގަތުލު ވިޔަސް، ތިޔަބައިމީހުން އެއް ކުރައްވާހުށީ، ﷲ ގެ ހަޒްރަތަށް ކަން ކަށަވަރެވެ.
ފަހެ އެ މީހުންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، ﷲ ގެ ހަޒްރަތުން ލެއްވި ރަހުމަތެއްގެ ސަބަބުންނެވެ. އަދި ކަލޭގެފާނީ، ޚުލްގު ނުބައި، ހިތްހަރުކަށި ބޭކަލަކު ކަމުގައި ވީނަމަ، ކަލޭގެފާނުގެ އަރިހުން އެ މީހުން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ އެ މީހުންނަށް ކަލޭގެފާނު އަފޫކުރައްވާށެވެ. އަދި އެ މީހުންނަށް ފާފަ ފުއްސެވުން އެދި ދަންނަވާށެވެ. އަދި ކަންތަކުގައި ކަލޭގެފާނު އެ މީހުންނާ މަޝްވަރާކުރައްވާށެވެ. ފަހެ (ކަމަކާމެދު) ކަލޭގެފާނު އަޒުމު ކަނޑައަޅުއްވާފި ނަމަ، ފަހެ ކަލޭގެފާނު ﷲ އަށް ވަކީލު ކުރައްވާށެވެ. ހަމަކަށަވަރުން ވަކީލުކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
ﷲ، ތިޔަބައިމީހުންނަށް ނަސްރު ދެއްވާނަމަ، ފަހެ ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއްނެތެވެ. އަދި އެ އިލާހު ތިޔަބައިމީހުން ދެރަ ކުރައްވާނަމަ، އެއަށް ފަހު ތިޔަބައިމީހުންނަށް ނަސްރު ދޭނީ ފަހެ ކާކުހެއްޔެވެ؟ އަދި ހަމައެކަނި ﷲ އަށް މުއުމިނުން ވަކީލުކުރާހުށިކަމެވެ.
(ޣަނީމާ) މުދަލަށް ޚިޔާނަތްތެރިވުމަކީ، ނަބީބޭކަލަކަށް އޮތްކަމެއް ނޫނެވެ. އަދި މުދަލަށް ޚިޔާނަތްތެރިވާ މީހާ އެ މީހަކު ޚިޔާނަތްތެރިވި ތަކެއްޗާއިގެން ގިޔާމަތް ދުވަހުން (އެ އިލާހުގެ ހަޒްރަތަށް) އަންނާނެއެވެ. ދެން، ކޮންމެ ނަފްސަކަށްމެ އެ ނަފްސެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމައަށް ލިބިދެއްވާނެއެވެ. އެ މީހުންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ.
ފަހެ ﷲ ގެ ރުއްސެވުމަށް ތަބާ ވީމީހާ، ﷲ ގެ ހަޒްރަތުން އަންނަ ކޯފާއަކާއިގެން އެނބުރި އައިމީހެއްފަދަހެއްޔެވެ؟ އަދި އެ މީހަކު (އެބަހީ: ﷲ ގެ ކޯފާއާއިގެން އައި މީހަކު) އުޅޭނެތަނަކީ، ޖަހައްނަމެވެ. (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ.
އެ މީހުން، ﷲ ގެ ހަޒްރަތުގައި ވަނީ ދަރަޖަތަކަކަށެވެ. އަދި ﷲ އީ، އެ މީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން މުއުމިނުންގެ މައްޗަށް ﷲ ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެ މީހުންގެ ތެރެއަށް، ހަމަ އެ މީހުންގެ ތެރެއިން ރަސޫލަކު ފޮނުއްވި ހިނދުގައެވެ. އެ އިލާހުގެ އާޔަތްތައް އެ މީހުންނަށް ކިޔަވައިދެއްވާ އަދި އެ މީހުން ތާހިރުކުރައްވާ، އަދި ފޮތާއި ހިކުމަތް، އެ މީހުންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެ ކުރިން އެ މީހުން ވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
މި ކަންތައްއައީ ކޮންތާކުންހޭ ތިޔަބައިމީހުން ބުނީ، ތިޔަބައިމީހުންނަށް މުސީބަތެއް އައިސް ޖެހުނީމާހެއްޔެވެ؟ ހަމަކަށަވަރުން އެ މުސީބަތުގެ ދެގުނަ (އެ މީހުންނަށް) ތިޔަބައިމީހުންވަނީ ޖައްސާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ ފަރާތުން އައިކަމެކެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
(އުހުދު ހަނގުރާމައިގައި) ދެ ލަޝްކަރު ބައްދަލުވި ދުވަހު، ތިޔަބައިމީހުންނަށް ޖެހުނުކަންތައް (ދަންނާށެވެ.) ފަހެ އެއީ ﷲ ގެ އިޒުނަފުޅާ ލައިގެން ޖެހުނުކަމެކެވެ. އަދި (ތެދުވެރި) މުއުމިނުން ދެނެވޮޑިގެންވެ، އެ ކަން ހާމަ ކުރެއްވުމަށް ޓަކައެވެ.
އަދި މުނާފިގުވި މީހުން އެ އިލާހު ދެނެވޮޑިގެންވެ، އެ ކަން ހާމަ ކުރެއްވުމަށް ޓަކައެވެ. (އެ ދުވަހު) އެ މީހުންނަށް އެންގެވިއެވެ. ﷲ ގެ މަގުގައި ހަނގުރާމަކުރަން ނުވަތަ (ޖާނާއި މާލު ދުޝްމަނުންގެ ކިބައިން) ދިފާއުކުރަން ތިޔަބައިމީހުން އަންނާށެވެ! އެ މީހުން ބުނެފިއެވެ. ތިމަންމެންނަށް ހަނގުރާމައެއްވާކަން އެނގޭނަމަ، ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔައީމުހެވެ. އެ ދުވަހު އެ މީހުން އީމާންކަމަށްވުރެ ކާފިރުކަމާ ގާތްކަން ބޮޑެވެ. އެ މީހުންގެ ހިތްތަކުގައި ނުވާ ކަންތައް އެ މީހުންގެ އަނގައިން ބުނެއެވެ. އެ މީހުން ވަންހަނާކުރާ ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
އެ މީހުންނީ ހަނގުރާމައަށް ނުނިކުމެތިބެ، އެ މީހުންގެ އަޚުންނަށް ބުނި މީހުންނެވެ. ތިމަންމެންނަށް އެ މީހުން ކިޔަމަންވީނަމަ، (އެބަހީ: ހަނގުރާމައަށް ނުނިކުމެ ތިބިނަމަ) އެ މީހުން ގަތުލެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، މަރު، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުން ދުރުކޮށްބަލާށެވެ!
އަދި ﷲ ގެ މަގުގައި ޖިހާދުކޮށް ގަތުލުވި މީހުންނަކީ، މަރުވެފައި ތިބި ބަޔަކު ކަމުގައި ތިބާ އެއްގޮތަކަށް ވެސް ހީނުކުރައްވާށެވެ. އަދި ކިއެއް، އެ މީހުން ވަނީ، އެ މީހުންގެ ރައްބުގެ ހަޒްރަތުގައި، (ބަރްޒަޚުގައި) ރިޒްގު ލިބިލިބި، ދިރިތިބި ހާލުގައެވެ.
(އެ މީހުން ތިބޭހުށީ) ﷲ، އެ އިލާހުގެ ފަޟްލުވަންތަކަމުން އެ މީހުންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ ހާލުގައެވެ. އަދި އެ މީހުންގެ ފަހަތުން އައިސް އަދި ބައްދަލުނުކޮށްތިބި މީހުންނާމެދު އެ މީހުންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި އެ މީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެ މީހުން އުފާކުރާ ހާލުގައެވެ.
އެ މީހުން (ވަނީ) ﷲ ގެ ހަޒްރަތުން ދެއްވާ ނިއުމަތާއި، ފަޟްލުވަންތަކަމަށާއި، އަދި ހަމަކަށަވަރުން ﷲ، މުއުމިނުންގެ ދަރުމަ ގެއްލެނި ނުކުރައްވާނޭކަމަށް އުފާކުރާ ގޮތުގައެވެ.
އެއީ، އެ މީހުންނަށް ވޭނާއި، ހާނީއްކަ ލިބުމަށް ފަހުވެސް، ﷲ އާއި، ރަސޫލާއަށް އިޖާބަދިން މީހުންނެވެ. އެ މީހުންގެ ތެރެއިން އިހްސާންތެރިވެ ތަގުވާވެރިވި މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުއްޓެވެ.
އެއީ، އެ މީހުންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (ލަޝްކަރު) އެއްކޮށްފިއެވެ. ފަހެ ތިޔަބައިމީހުން، އެ މީހުން ދެކެ ބިރުގަންނާށެވެ! ފަހެ އެ ބަސް އެ މީހުންނަށް އީމާންކަން އިތުރުކުރިއެވެ. އަދި އެ މީހުން ބުންޏެވެ. ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ.
ފަހެ ﷲ ގެ ހަޒްރަތުން ދެއްވި ނިއުމަތާއި، ފަޟްލުވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެ މީހުން އެނބުރި އައެވެ. އަދި އެ މީހުން ﷲ ގެ ރުއްސެވުންހުރި މަގަށް ތަބާވިއެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ރައްބެވެ.
އެއީ ހަމަ ޝައިތާނާ ކަމުގައި މެނުވީ ނުވެއެވެ. އެކަލޭގެ އެކުވެރިން ދެކެ (ތިޔަބައިމީހުން) ބިރުގަންނަވަނީއެވެ. ފަހެ ތިޔަބައިމީހުން އެ މީހުން ދެކެ ބިރުނުގަންނާށެވެ. އަދި ތިޔަބައިމީހުން ތިމަން އިލާހަށް ބިރުވެތިވާށެވެ. އެއީ ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ.
ކާފިރު ވުމުގައި، އަވަސްވެގަންނަ މީހުން ކަލޭގެފާނު ހިތާމަވެރި ކުރުވިޔަ ނުދެއްވާށެވެ. ހަމަކަށަވަރުން އެއްވެސްކަމަކުން އެ މީހުންނަކަށް ﷲ އަށް ގެއްލުމެއް ނުދެވޭނެއެވެ. ﷲ އިރާދަ ކުރައްވަނީ، އެ މީހުންނަށް އާޚިރަތުގައި އެއްވެސް ނަސީބެއް ނުލެއްވުމަށެވެ. އަދި އެ މީހުންނަށް ބޮޑުވެގެންވާ އަޒާބު ހުއްޓެވެ.
ހަމަކަށަވަރުން އީމާންކަމުގެ ބަދަލުގައި ކާފިރު ކަން ގަތްމީހުންނަކަށް އެއްވެސްކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެ މީހުންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
ތިމަން އިލާހު އެ މީހުންނަށް (ޖަޒާ ދެއްވުމުގައި) ލަސް ކުރެއްވުން އެއީ، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް ހެޔޮގޮތެއްކަމަށް ކާފިރުވި މީހުން ހީނުކުރާހުށިކަމެވެ. ތިމަން އިލާހު އެ މީހުންނަށް އެ ކަން ލަސް ކުރައްވާކަން ކަށަވަރީ، އެ މީހުންގެ ފާފަ އިތުރުވުމަށެވެ. އަދި އެ މީހުންނަށް އިހާނަތްތެރިކަން ދެނިވި އަޒާބު ހުއްޓެވެ.
ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވާފުމަށް ދާންދެން، ﷲ ތިޔަބައިމީހުން ތިބިގޮތުގެ މައްޗަށް (އެބަހީ: މުއުމިނުންނާއި މުނާފިގުން އެކުވެ އުޅުމުގެ މައްޗަށް) މުއުމިނުން ދުލެއް ނުކުރައްވާނެއެވެ. އަދި ޣައިބުގެ ކަންތައް ﷲ، ތިޔަބައިމީހުންނަށް ފާޅެއް ނުކުރައްވާނެއެވެ. އެހެނެއްކަމަކު، ﷲ، އެ އިލާހުގެ ރަސޫލުންގެ ތެރެއިން އެ އިލާހު އިރާދަކުރައްވާ ބަޔަކު ޚިޔާރު ކުރައްވައެވެ. ފަހެ ތިޔަބައިމީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލުންނަށް އީމާން ވާށެވެ. އަދި ތިޔަބައިމީހުން އީމާންވެ، ތަގުވާވެރިވާނަމަ، ފަހެ ތިޔަބައިމީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުއްޓެވެ.
ﷲ، އެ އިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން އެ މީހުންނަށް ދެއްވި ތަކެއްޗާމެދު، ދަހިވެތިވާ މީހުން، އެ ކަންއެއީ، އެ މީހުންނަށްހުރި ހެޔޮކަމެއް ކަމުގައި ހީނުކުރާހުށިކަމެވެ. އަދި ކިއެއް! އެއީ، އެ މީހުންނަށްހުރި ނުބައި ކަމެކެވެ. އެ މީހުން ދަހިވެތިވި ތަކެތީން ގިޔާމަތް ދުވަހުން އެ މީހުންގެ ކަރުގައި ކަސްތަޅު އަޅުއްވާ ހުއްޓެވެ. އުޑުތަކާއި ބިމުގެ މިލްކުވެރިކަންވަނީ ﷲ އަށެވެ. އަދި ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
ހަމަކަށަވަރުން ﷲ އީ ފަގީރު އެކޭ، ތިމަންމެންނީ މުއްސަނދިންނޭ ބުނިމީހުންގެ ބުނުން، ﷲ އައްސަވާވޮޑިގެންފިކަން ކަށަވަރެވެ. އެ މީހުން ބުނި ބުނުމާއި، އެ މީހުން ހައްގަކާނުލާ ނަބިއްޔުން ގަތުލުކުޅަކަން ނިކަންހުރެ ތިމަން އިލާހު ލިޔުއްވާހުށީމެވެ. އަދި (ގިޔާމަތް ދުވަހުން އެ މީހުންނަށް) ތިމަން އިލާހު ވަހީ ކުރައްވާހުށީމެވެ. ތިޔަބައިމީހުން، އަނދައަނދާހުރި ނަރަކައިގެ އަޒާބުގެ ރަހަ ލިބިގަންނާށެވެ!
އެއީ، ތިޔަބައިމީހުންގެ އަތްތަކުން އިސްކުރި ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ﷲ އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ އިލާހަކު ކަމުގައި ނުވެއެވެ.
އެ މީހުންނީ، އަލިފާން އެ ގުރުބާނެއް ކައިލާ، ގުރުބާނަކާއިގެން ތިމަންމެންގެ ގާތަށް ވަޑައިގެންފުމަށްދާންދެން، އެއްވެސް ރަސޫލަކަށް އީމާން ނުވުމަށް ހަމަކަށަވަރުން ﷲ ތިމަންމެންނަށް އަންގަވާފައިވެޔޭ ބުނި މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ބަޔާންވެގެންހުރި ހެކިތަކާއި، ތިޔަބައިމީހުން ތިޔަބުނި ކަންތަކާއިގެން، ތިމަންކަލޭގެފާނުގެ ކުރިން ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ރަސޫލުން ވަޑައިގަތެވެ. ތިޔަބައިމީހުންނީ ތެދުބުނާ މީހުންކަމުގައިވާނަމަ ތިޔަބައިމީހުން އެ ރަސޫލުން ގަތުލުކުޅައީ ފަހެ ކީއްވެގެންހެއްޔެވެ؟
ފަހެ އެ މީހުން ކަލޭގެފާނު ދޮގުކުޅަނަމަ، (ދެނެވަޑައިގަންނަވާށެވެ.) ފަހެ ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިންވެސް ރަސޫލުން ދޮގު ކުރިއެވެ. އެ ބޭކަލުން ވަޑައިގަތީ، ފާޅުވެގެންހުރި ހެކިތަކާއި، ލިޔުއްވާފައިވާ ފަތްފުށްތަކާއި، އަލިކުރަނިވި ފޮތާއިގެންނެވެ.
ކޮންމެ ނަފްސަކަށް ވެސް، މަރުގެ ރަހަ ލިބިގަންނާނެއެވެ. އަދި (ތިޔަބައިމީހުން ކުރި އަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ގިޔާމަތް ދުވަހުންނެވެ. ފަހެ ނަރަކައިން ދުރުކުރެވި، ސުވަރުގެއަށް ވެއްދެވުނު މީހާ، ފަހެ ހަމަކަށަވަރުން ކާމިޔާބުވެއްޖެއެވެ. އަދި ދުނިޔޭގެ ހަޔާތަކީ، ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.
ތިޔަބައިމީހުންގެ މުދާތަކާއި، ނަފްސުތަކާ މެދުގައި، ތިޔަބައިމީހުން އިމްތިހާނު ކުރައްވާނެކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ކިބައިންނާއި، ޝަރީކުކުރި މީހުންގެ ކިބައިން، ގިނަވެގެންވާ އުނދަގޫތައް (އެބަހީ: ނުރުހެވޭ ބަސްތައް) ތިޔަބައިމީހުންނަށް އިވޭނެކަން ކަށަވަރެވެ. ތިޔަބައިމީހުން ކެތްތެރިވެ، ތަގުވާވެރިވާނަމަ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ ކަންކަންވަނީ، އަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.
ފޮތް ލިބުނު މީހުންގެ ކިބައިން ﷲ، އަހުދު ކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ! އެ އަހުދަކީ ތިޔަބައިމީހުން މީސްތަކުންނަށް އެ ފޮތް ބަޔާން ކޮށްދިނުމަށާއި، އެ ފޮތް ވަންހަނާ ނުކުރުމަށް ހިއްޕެވި އަހުދެވެ. ދެން، އެ މީހުންގެ ފުރަގަހަށް އެ އަހުދު އެއްލައިލިއެވެ. އަދި އެ މީހުން އެ ފޮތަށް ކުޑައަގެއް ގަތެވެ. ފަހެ އެ މީހުން އެ ގަންނަ ތަކެތީގެ ނުބައިކަމާއެވެ.
އެ މީހުން ކުރި ކަންތަކަށް އުފާކުރާ، އަދި އެ މީހުން ނުކުރާ ކަންތަކާމެދު ތާރީފު ލިބުމަށް އެދޭމީހުންނީ، އަޒާބުން ސަލާމަތްވާނެ ތަނެއްގައި ތިބިބަޔަކު ކަމުގައި ހީނުކުރާހުށިކަމެވެ. އެ މީހުންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ.
އަދި އުޑުތަކާއި ބިމުގެ ވެރިކަންވަނީ ﷲ އަށެވެ. އަދި ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ.
އެ މީހުންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭ މީހުންނެވެ. (އެ މީހުން ދަންނަވާނެއެވެ.) އަޅަމެންގެ ރައްބެވެ. އިބަ އިލާހު މިތަކެތި ހައްދަވާފައިވަނީ، ބާތިލު ގޮތެއްގައެއް ނޫނެވެ. އިބަ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. ފަހެ ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާނދޭވެ.
އަޅަމެންގެ ރައްބެވެ. ހަމަކަށަވަރުން އިބަ އިލާހު ނަރަކައަށް ވައްދަވައިފިމީހާ، ފަހެ އިބަ އިލާހު އެ މީހަކު ނިކަމެތި ކުރައްވާފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް ނަސްރު ދޭނެ އެއްވެސް ބަޔަކު ނުވެއެވެ.
އަޅަމެންގެ ރައްބެވެ. އީމާން ވުމަށް ގޮވާލައްވާ ރަސޫލަކު ތިޔަބައިމީހުންގެ ރައްބަށް އީމާން ވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން އަޅަމެން އެހީމުއެވެ. ދެން، އަޅަމެން އީމާން ވީމުއެވެ. އަޅަމެންގެ ރައްބެވެ. ފަހެ އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ. އަދި އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް އަފޫކުރައްވާނދޭވެ. އަދި ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ.
އަޅަމެންގެ ރައްބެވެ. އިބަ އިލާހުގެ ރަސޫލުންގެ ދޫފުޅުމަތީން އަޅަމެންނަށް ވައުދު ކުރައްވާފައިވާ ކަންތައް، އަޅަމެންނަށް ދެއްވާނދޭވެ. އަދި ގިޔާމަތް ދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ. ހަމަކަށަވަރުން އިބަ އިލާހު ވައުދާ ޚިލާފުވެ ވޮޑިއެއް ނުގަންނަވަމުއެވެ.
ދެން، އެ މީހުންގެ ރައްބު، އެ މީހުންގެ ދުއާ އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، އަމަލުކުރާ މީހެއްގެ އަމަލު، ތިމަން އިލާހު ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއް ބަޔެއްގެ ކިބައިންނެވެ. ފަހެ އެ މީހުން ހިޖުރަ ކޮށްއެ މީހުންގެ ގޮވަތިގެދޮރުން ނެރެވި، ތިމަން އިލާހުގެ މަގުގައި އެ މީހުންނަށް އުނދަގޫލިބި، ހަނގުރާމަކޮށް، އަދި ގަތުލުވީ މީހުންގެ ކިބައިން އެ މީހުންގެ ކުށްފާފަތައް ހަމަކަށަވަރުން ތިމަން އިލާހު ފުއްސަވާހުށީމެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ހަމަކަށަވަރުން ތިމަން އިލާހު އެ މީހުން ވައްދަވާހުށީމެވެ. ﷲ ގެ ހަޒްރަތުން ލިބޭ ސަވާބެއްގެ ގޮތުގައެވެ. ރިވެތިވެގެންވާ ސަވާބު ވަނީ ﷲ ގެ ހަޒްރަތުގައެވެ.
ކާފިރުވި މީހުން ރަށްތަކުގައި އެ ގޮތްމިގޮތަށް އުޅޭއުޅުން ކަލޭގެފާނު ހެއްލުންތެރި ކުރިއަ ނުދޭހުށިކަމެވެ.
(އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. ދެން، އެ މީހުން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ.
އެހެނެއްކަމަކު އެ މީހުންގެ ރައްބަށް ތަގުވާވެރިވި މީހުންނަށް، އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުއްޓެވެ. އެ ތަންތާނގައި، އެ މީހުން ދެމިތިބޭ ހާލުގައެވެ. ﷲ ގެ ހަޒްރަތުން ލިބޭ ޝަރަފެއްގެ ގޮތުގައެވެ. ﷲ ގެ ހަޒްރަތުގައިވާ ކަންތައް ހެޔޮލަފާ މީހުންނަށް، މާހެޔޮވެގެން ވެއެވެ.
ހަމަކަށަވަރުން ﷲ އަށް އީމާންވާ، އަދި ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށާއި، އެ މީހުންނަށް ބާވައިލެއްވި ފޮތަށް އީމާންވާ މީހުން ހަމަކަށަވަރުން ފޮތުގެ އަހުލުވެރިންގެ ތެރެއިންވެއެވެ. އެ މީހުން ﷲ އަށް މަޑުމައިތިރިވެގެންވާ ހާލުގައެވެ. ﷲ ގެ އާޔަތްތަކަށް އެ މީހުން ކުޑައަގެއް ނުގަނެއެވެ. އެ މީހުންގެ ރައްބުގެ ހަޒްރަތުގައި، އެ މީހުންގެ ދަރުމަ އެ މީހުންނަށް ހުއްޓެވެ. ހަމަކަށަވަރުން ﷲ އީ، ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ އިލާހެވެ.
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ކެތްކުރާށެވެ! އަދި (ދުޝްމަނުންނާ ހަނގުރާމަ ކުރުމުގައި އެ މީހުންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ. އަދި ދުޝްމަނުން އަތުވެދާނޭ މަގުތަކަށް ބަލަބަލާ ޖިހާދުކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.