އަލްއަންބިޔާ

Al-Anbiya

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
މީސްތަކުންނަށް އެ މީހުންގެ (އަމަލުތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެ މީހުން ޣާފިލުވެ (އެ ކަމުން) އެއްކިބާވެގެންވާ ހާލުގައެވެ.
2
އެ މީހުން (އެއަށް) ފުރައްސާރަކުރާ ހާލުގައި، އޭގެ އަޑުއަހާ ކަމުގައިނުވާ އާ އާޔަތެއް، އެ މީހުންގެ ރައްބުގެ ހަޒްރަތުން އެ މީހުންނާ ހަމަޔަކަށް ނާދެއެވެ.
3
އެ މީހުންގެ ހިތްތައް ޣާފިލު ވެގެންވާ ހާލުގައެވެ. އަދި އަނިޔާވެރިވި މީހުންކުރި ސައްލާތައް (އެ މީހުންގެ މެދުގައި) ސިއްރުކުރިއެވެ. (އެ މީހުން ބުންޏެވެ.) މިއީ (އެބަހީ: މުޙައްމަދުގެފާނީ) ހަމަތިޔަބައިމީހުންފަދަ އާދަމުގެ ދަރިޔަކު ކަމުގައިމެނުވީ ނުވެއެވެ. ފަހެ ކަލޭމެން ދެކެދެނެތިބެ، ޖާދޫ ގަބޫލުކުރަނީހެއްޔެވެ؟
4
އެކަލޭގެފާނު ވިދާޅުވިއެވެ: އުޑާއި، ބިމުގައި ދެކެވޭހާ ވާހަކަތައް ތިމަންކަލޭގެފާނުގެ ރައްބު ދެނެވޮޑިގެންވެއެވެ. އަދި އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
5
އަދި ކިއެއް! އެ މީހުން ބުންޏެވެ. (އެއީ) ހުވަފެނުގެ ހާސަރުތަކެކެވެ. އަދި ކިއެއް! އެއީ އެކަލޭގެފާނު އަމިއްލައަށް ހެއްދެވި އެއްޗެކެވެ. އަދި ކިއެއް! އެކަލޭގެފާނަކީ، ޅެންވެރިޔެކެވެ. ފަހެ (މުއުޖިޒާތްތަކާއިގެން) ކުރީގެ ރަސޫލުން ފޮނުއްވެވިފަދައިން، އެކަލޭގެފާނުވެސް، ތިމަންމެންނަށް މުއުޖިޒާތެއް ގެނެސްދެއްވަ ބައްލަވާށެވެ.
6
އެ މީހުންގެ ކުރިން އީމާން ނުވި ކިތަންމެ ރަށެއްގެ އަހުލުވެރިންނެއް، ތިމަން އިލާހު ހަލާކު ކުރެއްވީމެވެ. ވީއިރު އެ މީހުން، ފަހެ އީމާން ވާނެހެއްޔެވެ؟
7
ކަލޭގެފާނުގެ ކުރިންވެސް ތިމަން އިލާހު އެ މީހުންނަށް ވަހީ އިއްވަވާ ފިރިހެނުން މެނުވީ، ރަސޫލުކަމާއިގެން ނުފޮނުއްވަމެވެ. ފަހެ ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، އިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ!
8
އަދި ކާނާކައިނޫޅޭ ހަށިތަކެއް ކަމުގައި، ތިމަން އިލާހު އެ ރަސޫލުން ނުލައްވަމެވެ. އަދި އަބަދަށް ދެމިތިބޭ ބަޔަކު ކަމުގައިވެސް އެ ބޭކަލުން ނުވެއެވެ.
9
ދެން ތިމަން އިލާހު އެ ބޭކަލުންނަށް ކުރެއްވި ވައުދު ފުއްދަވާ ދެއްވީމެވެ. ފަހެ ތިމަން އިލާހު އެ ބޭކަލުންނާއި، ތިމަން އިލާހު އިރާދަ ކުރެއްވި ބަޔަކު ސަލާމަތްކުރެއްވީމެވެ. އަދި (ފުރެދުމުގައި) ހައްދުފަހަނަޅައި ދިޔަމީހުން ހަލާކުކުރެއްވީމެވެ.
10
ހަމަކަށަވަރުން ތިޔަބައިމީހުންނަށް އިބްރަތާއި، ނަސޭހަތް އޭގައި އެކުލެވިގެންވާ ފޮތެއް، ތިމަން އިލާހު ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. ފަހެ ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟
11
އަނިޔާވެރިވި ކިތައްކިތައް ރަށުގެ އަހުލުވެރިން ތިމަން އިލާހު ހަލާކު ކުރެއްވިންހެއްޔެވެ؟ އަދި އެ މީހުންގެ ފަހުން އެހެންބަޔަކު ތިމަން އިލާހު އުފެއްދެވީމެވެ.
12
ފަހެ އެ މީހުންނަށް ތިމަން އިލާހުގެ ބާރުގަދަކަން (ގާތްވެއްޖެކަން) އިހުސާސްވީ ހިނދު، އެހާރުން އެ މީހުން އެ ތަނުން ފިލާންދުވެއެވެ.
13
(އެ މީހުންނަށް އެންގެވުނެވެ.) ތިޔަބައިމީހުން ފިލާން ނުދުވާށެވެ. އަދި ތިޔަބައިމީހުން އެ ނިއުމަތްތަކުގައި އަރާމުކުރާން ތިބި ނިއުމަތްތަކަށާއި، ތިޔަބައިމީހުންގެ ގެތަކަށް އެނބުރި ރުޖޫއަވާށެވެ. (އެއީ) ތިޔަބައިމީހުންނާ ސުވާލުކުރޭތޯއެވެ.
14
އެ މީހުން ބުންޏެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން ތިމަންމެންވީ އަނިޔާވެރިން ކަމުގައެވެ.
15
ފަހެ ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، އަދި ނިވިފައިވާ އަޅިތަކެއް ފަދައިން ތިމަން އިލާހު އެ މީހުން ލައްވައިފުމަށް ދާންދެން، އެ މީހުންގެ އެ ގޮވުން ފިލައިނުދެތެވެ.
16
ތިމަން އިލާހު އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ.
17
ތިމަން އިލާހު ކުޅިވަރެއްގެ ބޭނުން ކުރެއްވުމަށް އިރާދަ ކުރެއްވިނަމަ، ހަމަކަށަވަރުން ތިމަން އިލާހުގެ ހަޒްރަތުން އެ ކަން އެ ގޮތަށް ހިއްޕެވީމުހެވެ. ތިމަން އިލާހު (އެ ކަންތައް) ކުރައްވާނެ ނަމައެވެ.
18
އަދި ކިއެއް! ބާތިލުގެ މައްޗަށް ތިމަން އިލާހު ހައްގު ފޮނުއްވަމެވެ. ދެން އެ ހައްގު، އެ ބާތިލު ހަލާކުކޮށްލަތެވެ. ފަހެ އެހާރުން އެ ބާތިލު ނެތިހިނގައިދެތެވެ. އަދި (ﷲ އާމެދު އެކަށީގެން ނުވާގޮތުން) ތިޔަބައިމީހުން ސިފަކޮށް، ބުނާބުނުންތަކުން ތިޔަބައިމީހުންނަށް ހަލާކު ހުއްޓެވެ.
19
އަދި އުޑުތަކާއި ބިމުގައި ވާހާ ބަޔަކު މިލްކުވެގެން ވަނީ، އެ އިލާހަށެވެ. އެ އިލާހުގެ ހަޒްރަތުގައިވާ މަލާއިކަތުން، އެ އިލާހަށް އަޅުކަންކުރުމާމެދު ބޮޑާވެ ނުގަނެއެވެ. އަދި ވަރުބައްޔެއް ވެސް ނުވެއެވެ.
20
އެ މަލާއިކަތުން ރެޔާދުވާލު ފޫހިވުމެއްނެތި (އެ އިލާހުގެ ހަޒްރަތަށް) ތަސްބީހަ ދަންނަވައެވެ.
21
ނުވަތަ (މަރުވެފައިވާ މީހުން) އަލުން ދިރުވާނެ އިލާހުންތަކެއް ބިމުން އެ މީހުން ހިފީހެއްޔެވެ؟
22
އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) ﷲ މެނުވީ އިލާހުންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ. ފަހެ އެ މީހުން އެ ސިފަކޮށް ބުނާކަންތަކުން، ޢަރްޝުގެ ވެރި ﷲ، ހުސްތާހިރު ވެވޮޑިގެންވެއެވެ.
23
އެ އިލާހު ކުރައްވާ ކަމަކާމެދު، އެ އިލާހާ ސުވާލެއް ނުކުރެވޭހުއްޓެވެ. (އެ މީހުން ކުރާ ކަންތަކާމެދު) އެ މީހުންނާ ސުވާލު ކުރައްވާނެއެވެ.
24
ނުވަތަ އެ އިލާހު ފިޔަވާ، އެ މީހުން އިލާހުންތަކެއް ހިފީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! މިއޮތީ، ތިމަންކަލޭގެފާނާ އެކުގައިވާ މީހުންގެ ފޮތާއި، ތިމަންކަލޭގެފާނުގެ ކުރީގެ މީހުންގެ ފޮތެވެ. އަދި ކިއެއް! އެ މީހުން ކުރެ ގިނަމީހުން ހައްގެއް ނުދަނެއެވެ. ފަހެ އެ މީހުންނީ (އެއަށް) ފުރަގަސްދޭ ބަޔެކެވެ.
25
ހަމަކަށަވަރުން ތިމަން އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނުވާކަމަށް އެ ބޭކަލަކަށް ވަހީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަން އިލާހު ނުފޮނުއްވަމެވެ. ފަހެ ތިޔަބައިމީހުން (ހަމައެކަނި) ތިމަން އިލާހަށް އަޅުކަން ކުރާށެވެ!
26
އެ މީހުން ބުންޏެވެ. އައްރަޙްމާން ދަރިކަލަކު ހިއްޕެވިއެވެ. އެ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އަދި ކިއެއް! (ﷲ ގެ ދަރިކަނބަލުންތަކެކޭ އެ މީހުން ބުނާ މަލާއިކަތުންނަކީ) މާތް ކުރައްވާފައިވާ، އެ އިލާހުގެ އަޅުންތަކެކެވެ.
27
އެ ބޭކަލުން އެ އިލާހުގެ ހަޒްރަތަށް އިސްވެބަހެއް ނުދަންނަވާނެއެވެ. އަދި އެ ބޭކަލުން އަމަލު ކުރައްވާނީ، އެ އިލާހުގެ އަމުރުފުޅާ އެއްގޮތަށެވެ.
28
އެ މީހުންގެ ކުރިމަތީގައިވާ ކަންތަކާއި، އެ މީހުންގެ ފަހަތުގައިވާ ކަންތައް، އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެ އިލާހު ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެ ބޭކަލުން ޝަފާއަތްތެރިއެއް ނުވާނެއެވެ. އަދި އެ ބޭކަލުން ތިއްބަވާނީ، އެ އިލާހުގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ.
29
އެ މީހުން ކުރެ ތިމަންނައީ އެ އިލާހު ފިޔަވާ އިލާހު އެކޭ ބުނާ މީހަކަށް، ފަހެ ތިމަން އިލާހު ނަރަކައިން ޖަޒާ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަން އިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.
30
ހަމަކަށަވަރުން އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ ތިމަން އިލާހު އެދޭތި ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީހެއްޔެވެ؟ އަދި ތިމަން އިލާހު ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ އެ މީހުން އީމާން ނުވަނީހެއްޔެވެ؟
31
އަދި ހަރުލައި ހުންނަ ފަރުބަދަތައް ބިމުގައި ތިމަން އިލާހު ލެއްވީމެވެ. އެއީ އެ މީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށް ޓަކައެވެ. އަދި އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެ މީހުންނަށް މަގު އެނގޭތޯއެވެ.
32
އަދި ރައްކާތެރިކުރައްވާފައިވާ ފުރާޅެއްކަމުގައި، ތިމަން އިލާހު އުޑު ލެއްވީމެވެ. އަދި އެ މީހުންނަކީ އެތާނގެ (އިރުހަނދާއި، ތަރިތައްފަދަ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ.
33
އެ އިލާހީ، ރޭގަނޑާއި ދުވާލު، އަދި އިރާއި ހަނދު ހެއްދެވި އިލާހެވެ. އެއިން ކޮންމެ އެއްޗެއްމެ، ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.
34
ތިމަން އިލާހު، ކަލޭގެފާނުގެ ކުރިޔަކުންވެސް އާދަމުގެ ދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ ކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެ މީހުންނީ ފަހެ ދެމިތިބޭނޭ ބަޔެއްހެއްޔެވެ؟
35
ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރި ކުރައްވާ، ތިމަން އިލާހު ތިޔަބައިމީހުން އިމްތިހާނު ކުރައްވާ ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން ރުޖޫއަ ކުރައްވާހުށީ، ތިމަން އިލާހުގެ ހަޒްރަތަށެވެ.
36
ކާފިރުވި މީހުން ކަލޭގެފާނު ދެކޭ ހިނދު، އެ މީހުން ކަލޭގެފާނަށް ފުރައްސާރަނޫނީ ނުކުރެއެވެ. (އަދި ބުނެއެވެ.) ތިޔަބައިމީހުންގެ އިލާހުންތަކަށް ކުޑައިމީސްބަސް ބުނާ މީހަކީ މިއީހެއްޔެވެ؟ އަދި އެ މީހުން ވަނީ ހަމަ، އައްރަޙްމާނުގެ ޒިކުރަށް (ފޮތަށް) ކާފިރު ވެގެންނެވެ.
37
އިންސާނާ ހެއްދެވީ، އަވަސްކަން (އޭނާގެ ޠަބީޢަތުގައި) ލައްވާފައެވެ. ތިމަން އިލާހުގެ އާޔަތްތައް ނިކަންހުރެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ. ފަހެ ތިޔަބައިމީހުން، ތިމަން އިލާހުގެ ހަޒްރަތުން އަވަސްވުން އެދި ނޫޅޭށެވެ!
38
އަދި އެ މީހުން ބުނެއެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ އަޒާބުގެ) ވައުދު އަންނާނީ ކޮންއިރަކުންހެއްޔެވެ؟
39
ކާފިރުވި މީހުންނަށް އެ މީހުންގެ ކުރިމަތިންނާއި، އެ މީހުންގެ ފުރަގަހުން، އަލިފާނުގެ އަޒާބު ދުރުނުކުރެވޭ ހިނދު، އަދި އެ މީހުންނަށް އެއްވެސް ފަރާތަކުން ނަސްރު ލިބުމެއް ނުވާހިނދު (އެ ކަން) އެނގޭނަމަ (އެ މީހުން އެހެނެއް ނުބުނާނެ) ތެވެ.
40
އަދި ކިއެއް! އެ މީހުންނަށް އެ ކަންތައް އަންނަހުށީ ކުއްލިއަކަށެވެ. އަދި އެ ކަންތައް އެ މީހުން ހައިރާން ކޮށްލާނެތެވެ. ފަހެ އެ މީހުންނަށް އެ ކަންތައް ދުރުކުރުމަކަށް ކުޅަދާނަވެގެންނެއް ނުވެއެވެ. އަދި އެ މީހުންނަކަށް މުހުލަތެއް ނުމެދެއްވާނެމެއެވެ.
41
އަދި ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވެސް ފުރައްސާރަ ކުރެވުނެވެ. ފަހެ އެ (މީސްތަކުންގެ) ތެރެއިން އެ ރަސޫލުންނަށް ފުރައްސާރަކޮށް އުޅުނު މީހުން، އެ ފުރައްސާރަކޮށް އުޅުނު ކަންތައް (އެބަހީ: އަޒާބު) އެ މީހުން ވަށައިލިއެވެ.
42
ކަލޭގެފާނު ވިދާޅުވާށެވެ. ރެއާއިދުވާލުގައި އައްރަޙްމާނުގެ ކިބައިން ތިޔަބައިމީހުން ރައްކާތެރިކުރާނީ ކާކުހެއްޔެވެ؟ އަދި ކިއެއް! އެ މީހުންނަކީ، އެ މީހުންގެ ރައްބުގެ ފޮތަށް ފުރަގަސްދޭ ބަޔެކެވެ.
43
ނުވަތަ ތިމަން އިލާހުގެ އަޒާބު އެ މީހުންގެ ކިބައިން ދުރުކޮށްދޭނެ އިލާހުންތަކެއް، އެ މީހުންނަށް ވޭހެއްޔެވެ؟ އެ ތަކެއްޗަށް އޭގެ އަމިއްލަ ނަފްސަށް ނަސްރު ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެއެވެ. އަދި ތިމަން އިލާހުގެ އަޒާބުން މިންޖުކޮށްދޭނޭ ބަޔަކުވެސް އެ ތަކެއްޗާއެކުގައި ނުމެވާހުށިމެއެވެ.
44
އަދި ކިއެއް! މިބައިމީހުންނާއި، އެ މީހުންގެ މައިންބަފައިން ދިގު އުމުރަކަށް ދާންދެން ދުނިޔޭގެ ނިއުމަތުގައި ތިމަން އިލާހު ލެހެއްޓެވީމެވެ. ފަހެ ހަމަކަށަވަރުން ތިމަން އިލާހު ބިމުގެ ހުރިހާ ފަރާތަކުން އުނިކުރައްވަމުން ގެންދަވާކަން، އެ މީހުންނަށް ނޭނގެނީހެއްޔެވެ؟ ފަހެ ގަދަވާނެ ބަޔަކީ އެ މީހުންހެއްޔެވެ؟
45
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އިންޒާރުކުރައްވާކަން ކަށަވަރީ، ވަހީ އިންނެވެ. އަދި ބީރުމީހުން، އެ މީހުންނަށް އިންޒާރުކުރައްވާ ހިނދު، ގޮވައިލާއަޑެއް ނާހާނެތެވެ.
46
ކަލޭގެފާނުގެ ރައްބުގެ އަޒާބުން ކިތަންމެ ކުޑަ މިންވަރެއް އެ މީހުންގެ ގައިގައި ބީހުނަސް، ހަމަކަށަވަރުން އެ މީހުން ބުނާނެއެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ހަމަކަށަވަރުން ތިމަންމެން އަނިޔާވެރިން ކަމުގައިވީމުއެވެ.
47
ތިމަން އިލާހު ގިޔާމަތް ދުވަހުން އަދުލުވެރިކަމުގެ ތިލަފަތްތައް ގާއިމު ކުރައްވާހުށީމެވެ. ފަހެ އެއްވެސް ނަފްސަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުއްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ އިލާހަކު ކަމުގައި ތިމަން އިލާހު ފުދެއެވެ.
48
ހަމަކަށަވަރުން ތިމަން އިލާހު މޫސާގެފާނަށާއި ހާރޫނުގެފާނަށް، ފުރްގާން (އެބަހީ: ހައްގާއި ބާތިލު ވަކިކުރަނިވި ތައުރާތު) ދެއްވީމެވެ. އަދި (އެއީ) ތަގުވާވެރިންނަށް އަލިކަމަކާއި، ހަނދާންކޮށްދިނުމެއްގެ ގޮތުގައެވެ.
49
އެ މީހުންނަކީ އެ މީހުންގެ ރައްބަށް ޣައިބުގައި ބިރުވެތިވާ މީހުންނެވެ. އަދި އެ މީހުން ވަނީ، ގިޔާމަތް ދުވަހަށް ބިރުވެތިވެގެންނެވެ.
50
މި ގުރްއާނަކީ، ބަރަކާތްތެރިވެގެންވާ ހަނދާންކޮށް ދިނުމެކެވެ. ތިމަން އިލާހު އެ ފޮތް ބާވައިލެއްވީމެވެ. ފަހެ ތިޔަބައިމީހުން އެ ފޮތަށް އިންކާރުކުރަނީހެއްޔެވެ؟
51
އަދި ހަމަކަށަވަރުން މީގެކުރިން އިބްރާހީމްގެފާނަށް، ތިމަން އިލާހު ހެޔޮ ވިސްނުމާއި، ބުއްދިވެރިކަން ދެއްވީމެވެ. އަދި އެކަލޭގެފާނާމެދު ތިމަން އިލާހު މޮޅަށް ދެނެވޮޑިގެންވަމެވެ.
52
އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް އެކަލޭގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އަޅުކަންކުރަން ތިޔަތިބީ، ކޮން ބުދުތަކަކަށްހެއްޔެވެ؟
53
އެ މީހުން ދެންނެވިއެވެ: ތިމަންމެންގެ ކާބަފައިން، އެ ތަކެއްޗަށް އަޅުކަންކުރާތީ ތިމަންމެން ދުށީމުއެވެ.
54
އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިންވަނީ، ފާޅުވެގެންވާ މަގު ފުރެދުމެއްގައެވެ.
55
އެ މީހުން ދެންނެވިއެވެ: ކަލޭގެފާނު ތިޔަވަޑައިގަތީ، ހައްގު ތެދުމަގާއިގެންހެއްޔެވެ؟ ނުވަތަ ކަލޭގެފާނުވަނީ، ކުޅޭމީހުންގެ ތެރެއިންހެއްޔެވެ؟
56
އެކަލޭގެފާނު ވިދާޅުވިއެވެ: އަދި ކިއެއް! ތިޔަބައިމީހުންގެ ރައްބަކީ، އުޑުތަކާއި، ބިމުގެ ރައްބެވެ. އެ އިލާހީ، އިސްވެދިޔަ މިސާލަކާނުލާ، އެ ތަކެތި ހެއްދެވި އިލާހެވެ. އަދި ތިމަންކަލޭގެފާނު ވަނީ، އެ ކަމުގެ މައްޗަށް ހެކިވާމީހުންގެ ތެރެއިންނެވެ.
57
އަދި ﷲ ގަންދީ ހުވާ ކުރައްވަމެވެ. ތިޔަބައިމީހުން ފުރަގަސްދީ ދިޔުމަށް ފަހު، ތިޔަބައިމީހުންގެ ބުދުތައް ހަލާކުކޮށްލުމަށް، ހަމަކަށަވަރުން ތިމަންކަލޭގެފާނު ގޮތެއް ރާއްވަވާހުށީމެވެ.
58
ފަހެ އެ މީހުންގެ ބޮޑު ބުދު ފިޔަވާ، އެކަލޭގެފާނު އެ ބުދުތައް މުގުރުއްވިއެވެ. (އެއީ) އެ މީހުން އޭގެކައިރިއަށް އައުމަށް ޓަކައެވެ.
59
އެ މީހުން ބުންޏެވެ. ތިމަންމެންގެ އިލާހުންތަކަށް މިހެންހެދީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން އެ މީހަކުވަނީ އަނިޔާވެރިންގެ ތެރެއިންނެވެ.
60
އެ މީހުން ބުންޏެވެ. އިބްރާހީމް އޭ ކިޔާ ޒުވާނަކު އެ އެއްޗިއްސަށް އައިބު ބަސް ބުނާއަޑު ތިމަންމެންއެހީމުއެވެ.
61
އެ މީހުން ބުންޏެވެ. ފަހެ މީސްތަކުންގެ ކުރިމައްޗަށް އޭނާ ގެންނާށެވެ! (އެއީ) އެ މީހުން ހެކިވުމަށް ޓަކައެވެ.
62
އެ މީހުން ބުންޏެވެ. އޭ އިބްރާހީމްގެފާނެވެ. ތިމަންމެންގެ އިލާހުންތަކަށް މިހެން ހެއްދެވީ ކަލޭގެފާނުތޯއެވެ؟
63
އެކަލޭގެފާނު ވިދާޅުވިއެވެ: އަދި ކިއެއް! އެ ކަންތައް ކުޅައީ އެ ބުދުތަކުގެ ތެރެއިން މިހިރަބޮޑުބުދެވެ. ފަހެ އެ ބުދުތައް ވާހަކަ ދައްކާ ކަމުގައިވާނަމަ، ތިޔަބައިމީހުން އެބުދުތަކާ ސުވާލުކުރާށެވެ!
64
ފަހެ އެ މީހުން، އެ މީހުންގެ އަމިއްލަ ނަފްސުތަކަށް ރުޖޫއަ ވެއްޖެއެވެ. ދެން އެ މީހުން ބުންޏެވެ. ހަމަކަށަވަރުން އަނިޔާވެރި ބަޔަކީ، ހަމަތިޔަބައި މީހުންނެވެ.
65
ދެން އެ މީހުންނަށް އިސްދަށަށް ޖެހެވުނެވެ. (އަދި ބުންޏެވެ.) ހަމަކަށަވަރުން މި ތަކެތި ވާހަކަ ނުދައްކާކަން ކަލޭގެފާނަށް އެނގިވަޑައިގެންފައިވާނެއެވެ.
66
އެކަލޭގެފާނު ވިދާޅުވިއެވެ: ފަހެ ތިޔަބައިމީހުންނަށް އެއްވެސް ފައިދާއެއް ނުކުރާ، އަދި ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް ﷲ ފިޔަވާ، ތިޔަބައިމީހުން އަޅުކަންކުރަނީހެއްޔެވެ؟
67
ތިޔަބައިމީހުންނަށާއި، ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކުރާތަކެއްޗަށް، ހަޑިހުތުރުކަންހުއްޓެވެ. ފަހެ ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
68
އެ މީހުން ބުންޏެވެ. ތިޔަބައިމީހުން ކަމެއްކުރަނީ ކަމުގައިވާނަމަ، އެކަލޭގެފާނު އަންދައިލާށެވެ! އަދި ތިޔަބައިމީހުންގެ އިލާހުންތަކަށް ނަސްރު ދޭށެވެ!
69
(ދެން އެ މީހުން އެކަލޭގެފާނު އަލިފާނަށް އެއްލިހިނދު) ތިމަން އިލާހު ވަހީ ކުރެއްވީމެވެ. އޭ އަލިފާނާއެވެ. އިބްރާހީމްގެފާނުގެ މައްޗަށް ފިނިކަމެއް ކަމުގައްޔާއި، އަމާންކަމެއްކަމުގައި ވާށެވެ.
70
އެ މީހުން އެކަލޭގެފާނު ހަލާކު ކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވިއެވެ. ފަހެ އެންމެ ބޮޑަށް ގެއްލެނިވެގެންވާ ބަޔަކު ކަމުގައި ތިމަން އިލާހު އެ މީހުން ލެއްވީމެވެ.
71
އަދި ތިމަން އިލާހު އެކަލޭގެފާނާއި، ލޫޠުގެފާނު ސަލާމަތް ކުރައްވާ، އާލަމްތަކަށްޓަކައި، ތިމަން އިލާހު ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ.
72
އަދި ތިމަން އިލާހު އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އިސްޙާގުގެފާނު ދެއްވީމެވެ. އަދި އިތުރަށް ޔައުގޫބުގެފާނު ދެއްވީމެވެ. އަދި ތިމަން އިލާހު އެ ހުރިހާ ބޭކަލުންނަކީ، ސާލިހުން ކަމުގައި ލެއްވީމެވެ.
73
އަދި ތިމަން އިލާހުގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންކަމުގައި، ތިމަން އިލާހު އެ ބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައް ކުރެއްވުމަށާއި، ނަމާދު ގާއިމު ކުރެއްވުމަށާއި، ޒަކާތްދެއްވުމަށް، ތިމަން އިލާހު އެ ބޭކަލުންނަށް ވަހީ ކުރެއްވީމެވެ. އަދި ހަމައެކަނި، ތިމަން އިލާހަށް އަޅުކަންކުރާބަޔަކު ކަމުގައި އެ ބޭކަލުންވިއެވެ.
74
ލޫޠުގެފާނަށް ތިމަން އިލާހު ހިކުމަތްތެރިކަމާއި، އިލްމު ދެއްވީމެވެ. އަދި ނުބައި ފާފަތައް ކޮށްއުޅުނު ރަށުގެ (މީހުންގެ) ކިބައިން، ތިމަން އިލާހު އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން އެ މީހުން ވީ، ނުބައިކަމުގެ އަހުލުވެރި، ފާސިގު ބަޔަކު ކަމުގައެވެ.
75
އަދި ތިމަން އިލާހުގެ ރަހުމަތުގެ ތެރެއަށް އެކަލޭގެފާނު ވެއްދެވީމެވެ. ހަމަކަށަވަރުން އެކަލޭގެފާނުވަނީ، ސާލިހުންގެ ތެރެއިންނެވެ.
76
އަދި އޭގެ ކުރިން، ނޫޙުގެފާނު (ތިމަން އިލާހުގެ ހަޒްރަތަށް) ދުއާކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ފަހެ ތިމަން އިލާހު އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި ބޮޑުވެގެންވާނުރައްކަލުން އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަހުލުވެރިން ސަލާމަތްކުރެއްވީމެވެ.
77
އަދި ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރި މީހުންގެ ކިބައިން (އެކަލޭގެފާނު ސަލާމަތް ކުރައްވާ) ތިމަން އިލާހު އެކަލޭގެފާނަށް ނަސްރު ދެއްވީމެވެ. ހަމަކަށަވަރުން އެ މީހުން ވީ ނުބައިކަމުގެ އަހުލުވެރި ބަޔަކު ކަމުގައެވެ. ފަހެ ތިމަން އިލާހު އެ މީހުން އެންމެން ޣަރަގުކުރެއްވީމެވެ.
78
އަދި ދާވޫދުގެފާނާއި، ސުލައިމާނުގެފާނު ހަނދުމަކުރާށެވެ! ގައުމުގެ މީހުންގެ ބަކަރިތަކެއް ދަނޑަކަށްވަދެ، ރޭގަނޑުގައި ހުއިހެފި މަސްއަލާގައި، އެ ދެބޭކަލުން (ދެގޮތަށް) ހުކުމްކުރެއްވި ހިނދެވެ. އަދި އެ ދެބޭކަލުން ކުރެއްވި ހުކުމްގެ މައްޗަށް ތިމަން އިލާހު ހެކިވެވޮޑިގެންވަމެވެ.
79
ފަހެ ތިމަން އިލާހު ސުލައިމާނުގެފާނަށް އެ ހުކުމް ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ ހިކުމަތާއި، އިލްމު ދެއްވީމެވެ. އަދި ދާވޫދުގެފާނާއެކުގައި، ތަސްބީހަ ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަން އިލާހު (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ.
80
އަދި ތިޔަބައިމީހުން (އެއްބަޔެއް އަނެއް ބަޔެއްގެ) ބާރާއި (ހަނގުރާމައިން) ތިޔަބައިމީހުން ރައްކާތެރި ކުރުމަށް، ތިޔަބައިމީހުންނަށް ޓަކައި ދަހަނާ ހަދާނޭ ގޮތް ތިމަން އިލާހު އެކަލޭގެފާނަށް އުނގަންނައިދެއްވީމެވެ. ފަހެ ތިޔަބައިމީހުންނީ ޝުކުރުކުރާ ބަޔެއްހެއްޔެވެ؟
81
އަދި ތިމަން އިލާހު، ސުލައިމާނުގެފާނަށް ވައިރޯޅި ގަދައަށްޖެހޭ ގޮތުގައި (އެ) ޚިދުމަތްތެރި ކުރެއްވީމެވެ. ތިމަން އިލާހު އެ ބިމުގައި، ބަރަކާތް ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަން އިލާހު ކޮންމެ ކަމެއް ދެނެވޮޑިގެންވަމެވެ.
82
އަދި ޝައިތާނުންގެ ތެރެއިން، އެކަލޭގެފާނަށް ޓަކައި، ފީނާބަޔަކު (ޚިދުމަތްތެރި ކުރެއްވީމެވެ.) އަދި އެނޫން އެތައް މަސައްކަތެއް އެބަޔަކު ކުރެއެވެ. އަދި ތިމަން އިލާހު އެ ބަޔަކު ބަލަހައްޓަވައި، ރައްކާތެރި ކުރެއްވީމެވެ.
83
އަދި އައްޔޫބުގެފާނު، އެކަލޭގެފާނުގެ ރައްބަށް ދުއާކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން މިއަޅާއަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަ އިލާހީ، ރަހުމަތް ލައްވާ، އެންމެ ރަހުމަތްވަންތަ އިލާހެވެ.
84
ފަހެ ތިމަން އިލާހު އެކަލޭގެފާނަށް އިޖާބަދެއްވާ، އެކަލޭގެފާނަށް ޖެހިފައިވާ ދަތި ހާލު ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުންނާއި، އެ އަހުލުންނާއެކު ހަމަ އެފަދަ އަހުލުން ދެއްވީމެވެ. ތިމަން އިލާހުގެ ހަޒްރަތުން ލެއްވި ރަހުމަތެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ.
85
އަދި އިސްމާޢީލުގެފާނާއި، އިދްރީސްގެފާނާއި، ޛުލްކިފްލިގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ.
86
އަދި އެ ބޭކަލުން ތިމަން އިލާހުގެ ރަހުމަތުގެ ތެރެއަށް ވެއްދެވީމެވެ. ހަމަކަށަވަރުން އެ ބޭކަލުންވަނީ، ސާލިހުންގެ ތެރެއިންނެވެ.
87
އަދި ޛުއްނޫނި (އެބަހީ: ޔޫނުސްގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (ގައުމުގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ އެކަލޭގެފާނަށް ތިމަން އިލާހު އުގޫބާތެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) ދުއާކުރެއްވިއެވެ. އިބަ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނެތެވެ. އިބަ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.
88
ފަހެ ތިމަން އިލާހު އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަން އިލާހު މުއުމިނުތަކުން ސަލާމަތް ކުރައްވަމެވެ.
89
އަދި ޒަކަރިއްޔާގެފާނު ހަނދުމަކުރާށެވެ! އެކަލޭގެފާނުގެ ރައްބަށް ދުއާކުރެއްވި ހިނދެވެ. އަޅުގެ ރައްބެވެ. މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ. އަދި އިބަ އިލާހީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ އިލާހެވެ.
90
ފަހެ ތިމަން އިލާހު އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި އެކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާ ގޮތަށް) އިސްލާހު ކޮށްދެއްވީމެވެ. ހަމަކަށަވަރުން އެ ބޭކަލުން ހެޔޮ ކަންތަކަށް އަވަސްވެ، އަދި ތިމަން އިލާހަށް އެދުމާއި، ބިރުވެތިކަމާއެކު ދުއާ ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަން އިލާހަށް ޚުޝޫއަތްތެރިވާ ބަޔަކު ކަމުގައި އެ ބޭކަލުން ވިއެވެ.
91
އަދި އެ ކަމަނާގެ ފަރުޖު ރައްކާތެރި ކުރެއްވި ކަމަނާ (އެބަހީ: މަރިޔަމްގެފާނު) ހަނދުމަކުރާށެވެ! ފަހެ ތިމަން އިލާހުގެ ރޫހުފުޅުން އެ ކަމަނާއަށް ފުމެލެއްވީމެވެ. އަދި އެ ކަމަނާއާއި އެ ކަމަނާގެ ދަރިކަލުން ޢީސާގެފާނު، އާލަމްތަކަށްވާ ހެއްކެއްކަމުގައި ތިމަން އިލާހު ލެއްވީމެވެ.
92
ހަމަކަށަވަރުން މިއީ، އެއް އުއްމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަން އިލާހީ، ތިޔަބައިމީހުންގެ ރައްބެވެ. ފަހެ ތިޔަބައިމީހުން ތިމަން އިލާހަށް އަޅުކަންކުރާށެވެ!
93
އެ މީހުންގެ މެދުގައި، ދީނުގެ ކަންތައްތަކާމެދު ޚިލާފުވެ، ވަކިވަކިވެގަތޫއެވެ. އެއިން ކޮންމެ ބަޔަކީވެސް، ތިމަން އިލާހުގެ ހަޒްރަތަށް ރުޖޫއަ ވާނޭ ބަޔެކެވެ.
94
ފަހެ އީމާން ވެހުރެ ސާލިހު އަމަލުތައް ކުރާމީހާ (ދަންނާށެވެ.) ފަހެ އެ މީހާގެ އަމަލު ގެއްލިއެއް ނުދާނެއެވެ. އަދި އެ މީހާގެ އަމަލުތައް ތިމަން އިލާހު ލިޔުއްވާހުށީމެވެ.
95
ތިމަން އިލާހު ހަލާކުކުރެއްވި ރަށެއްގެ އަހުލުވެރިން އެނބުރި (ދުނިޔެއަށް) ނާންނާނެކަމަށް އެ މީހުންގެ މައްޗަށް ކަނޑައަޅުއްވާފައިވެއެވެ.
96
ޔައުޖޫޖު މައުޖޫޖު ބާގައިމީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އެ މީހުން އަތުވެއްޖައުމަށް ދާންދެނެވެ.
97
އަދި ހައްގު ތެދު ވައުދު (އެބަހީ: ގިޔާމަތް ވުމުގެ ވަގުތު) ގާތްވެއްޖެއެވެ. ފަހެ އެހާރުން ކާފިރުވި މީހުން (ބިރުން) ލޯތައް ބޮޑުވެފައިވާނެއެވެ. (އަދި ބުނާނެއެވެ.) އޭ ތިމަންމެންނަށް ހުރި ހަލާކެއްގެބޮޑުކަމާއެވެ. ހަމަކަށަވަރުން ތިމަންމެންތިބީ، މި ކަންތައްތަކާމެދު ޣާފިލުކަމެއްގައެވެ. އަދި ކިއެއް! ތިމަންމެންވީ، އަނިޔާވެރި ބަޔެއްކަމުގައެވެ.
98
ހަމަކަށަވަރުން ތިޔަބައިމީހުންނާއި، ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކުރާތަކެއްޗަކީ، ނަރަކައިގެ ދަރެވެ. ތިޔަބައިމީހުން އެތަނަށް ވަންނަހުއްޓެވެ.
99
މިތަކެއްޗަކީ، އިލާހުންތަކެއް ކަމުގައިވީނަމަ، އެ ތަކެތި އެ ތަނަކަށް ނުވަނީހެވެ. އަދި އެހުރިހާތަކެތި އެ ތާނގައި ދެމިތިބޭނެތެވެ.
100
އެ ތާނގައި އެ މީހުން ނޭވާލާ އަޑުފަށްގަނޑު ހުންނާނެއެވެ. އަދި އެ މީހުންނަކަށް އެ ތާނގައި އަޑެއް ނީވޭނެއެވެ.
101
ހަމަކަށަވަރުން ތިމަން އިލާހުގެ ހަޒްރަތުން އެ ބަޔަކަށް ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން (ދަންނާށެވެ.) އެ މީހުން ވަނީ، އެ ނަރަކަޔާ ދުރުކުރައްވާފައެވެ.
102
އެ މީހުންނަކަށް އެތާނގެ އަލިފާނުގެ އަޑެއްވެސް ނީވޭނެއެވެ. އަދި އެ މީހުން ހިތްއެދޭ ކަންތައްތަކުގައި (ސުވަރުގޭގައި) އެ މީހުން ދެމިތިބޭނެތެވެ.
103
އެންމެބޮޑު ބިރުވެރިކަން (އެބަހީ: ގިޔާމަތް ދުވަހުގެ ބިރުވެރިކަން) އެ މީހުންނަކަށް އެއްވެސް ހިތާމައެއް ނުދޭހުއްޓެވެ. އަދި މަލާއިކަތުން އެ މީހުންނާ ބައްދަލު ކުރައްވާނެއެވެ. (އަދި ވިދާޅުވާނެއެވެ.) ތިޔަބައިމީހުންނަށް ވައުދު ކުރައްވާ ކަމުގައިވީ ދުވަހަކީ މިއެވެ.
104
އެ ދުވަހަކީ، ފޮތްތަކުގެ ފަތްފުށް ފަތްޖަހައިލެވޭ ފަދައިން، ތިމަން އިލާހު އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ. އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން އިއާދަ ކުރައްވާ ހުށީމެވެ. އެއީ ތިމަން އިލާހުގެ މައްޗަށްއޮތް ވައުދެކެވެ. ހަމަކަށަވަރުން ތިމަން އިލާހު އެ ކަންތައް ކުރައްވާހުށީމެވެ.
105
ހަމަކަށަވަރުން ޒިކުރަށް (އެބަހީ: ލައުޙުލް މަޙްފޫޠަށް) ފަހު ޒަބޫރުގައި ތިމަން އިލާހު ލިޔުއްވީމެވެ. ހަމަކަށަވަރުން ބިން ވާރުތަވެ މިލްކުވާނީ، ތިމަން އިލާހުގެ ސާލިހު އަޅުންނަށެވެ.
106
ހަމަކަށަވަރުން އަޅުކަންކޮށް އުޅޭ އަޅުވެރިންނަށް ފުދޭނެ ވައުޒާއި ހަނދާންކޮށްދިނުން، މީގައި ވާކަން ކަށަވަރެވެ.
107
އަދި އާލަމްތަކަށް ރަހުމަތެއްކަމުގައި މެނުވީ، ތިމަން އިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.
108
ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް ވަހީ އިއްވަވާކަން ކަށަވަރީ، ތިޔަބައިމީހުންގެ އިލާހަކީ، އެއްކައުވަންތަ އިލާހެއް ކަމަށެވެ. ފަހެ ތިޔަބައިމީހުންނީ (އެ ކަން ގަބޫލު ކޮށް) އިސްލާމްވާ ބަޔެއްހެއްޔެވެ؟
109
ދެން އެ މީހުން ފުރަގަސްދީފިނަމަ، ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނަށް ސާފުކޮށް (ހައްގު ގޮތް) އަންގަވައި ދެއްވާފީމެވެ. އަދި ތިޔަބައިމީހުންނަށް ވައުދު ކުރައްވާ ދުވަސްއޮތީ، ގާތުގައިކަން ނުވަތަ ދުރުގައިކަން ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
110
ހަމަކަށަވަރުން ފާޅުގައި ބުނެވޭބަސްތައް، އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތައްވެސް އެ އިލާހު ދެނެވޮޑިގެންވެއެވެ.
111
(ތިޔަބައިމީހުން ލެހެއްޓެވިކަން) އެއީ، ތިޔަބައިމީހުންނަށްވާ އިމްތިހާނެއްކަން، ނުވަތަ ވަކި މުއްދަތަކާ ޖެހެންދެން ލިބޭވަގުތީ އުފަލެއްކަން، ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
112
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. (މި އަޅާއާއި، މުޝްރިކުންނާ ދެމެދު) ހައްގު ގޮތުގައި ހުކުމް ކުރައްވާނދޭވެ. އަދި ތިޔަބައިމީހުން ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ އަޅަމެންގެ ރައްބު އައްރަޙްމާނެވެ.