އަލްޙައްޖު

Al-Hajj

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
އޭ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ރައްބަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ. ހަމަކަށަވަރުން ގިޔާމަތް ވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ.
2
ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަދުވަހު، ކިރުމައިން އެ މީހުން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެ މީހުންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނެއެވެ. ނަމަވެސް އެ މީހުން ވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު ﷲ ގެ އަޒާބު ގަދަފަދައީއެވެ.
3
އެއްވެސް އިލްމަކާނުލާ، ﷲ އާމެދު ޖަދަލުކޮށް، އަދި ނުކިޔަމަންތެރި ކޮންމެ ޝައިތާނަކަށް ތަބާ ވެއުޅޭ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ.
4
އެ ޝައިތާނާގެ މައްޗަށް ކަނޑައަޅުއްވާ ލިޔުއްވާފައިވަނީ، ހަމަކަށަވަރުން އޭނާއަށް ތަބާވެ އެކުވެރިވެއްޖެމީހަކުނަމަ، ފަހެ އެ މީހަކު މަގުފުރައްދައި، ނަރަކައިގެ އަޒާބަށް މަގުދެއްކުމެވެ.
5
އޭ މީސްތަކުންނެވެ. (މަރުވުމަށް ފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން ޝައްކެއްގައިވާނަމަ، ފަހެ ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން (ގެ އަސްލު) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (އާދަމުގެ ދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެކަމަކަށް ތިމަން އިލާހު ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށް ޓަކައެވެ. އަދި ތިމަން އިލާހު އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ރަހިމުތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެމައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަވުމާހަމައަށް ފޯރައެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާމީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި އަރްޛަލިލް އުމުރަށް ރައްދު ކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާއަށް އެއްޗެއް އެނގުމަށް ފަހުގައި، ނޭނގުމަށް ޓަކައެވެ. އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނެއެވެ. ފަހެ އެ ބިމުގެ މައްޗަށް ތިމަން އިލާހު ވާރޭ ވެއްސަވައިފިހިނދު، އެ ބިމުގެ ގަސްތަކުގެ ހަރަކާތް ފެށި، ގަސްތައް އިތުރުވެއެވެ. އަދި ހުރިހާ ބާވަތަކުން، ބަލާމީހާއަށް އުފާލިބެނިވި ގަސްތައް ފަޅުވައެވެ.
6
އެހެނީ ހަމަކަށަވަރުން ﷲ އީ، ހައްގުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހު މަރުވެފައިވާ މީހުން ދިރުއްވައެވެ. އަދި ހަމަކަށަވަރުން އެ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.
7
އަދި ހަމަކަށަވަރުން ގިޔާމަތް ވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ. އެއާމެދަކު ޝައްކެއް ނެތެވެ. އަދި ހަމަކަށަވަރުން ﷲ، ކަށްވަޅުތަކުގައި ތިބިމީހުން އަލުން ދިރުއްވައި ފޮނުއްވާހުއްޓެވެ.
8
އެއްވެސް އިލްމަކާނުލާ، އަދި އެއްވެސް ތެދުމަގެއް ލިބުމަކާނުލާ، އަދި އަލިކުރަނިވި ފޮތެއްވެސް ނެތި ﷲ އާމެދު ޖަދަލުކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ.
9
ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކުރުމަށް ޓަކައި (ބޮޑާކަމާއެކު) އޭނާގެ ކަނދުރާ އަނބުރައިލާ ހާލުގައެވެ. އެ މީހަކަށް ދުނިޔެމަތީގައި ނިކަމެތިކަމާއި، ދެރަކަންހުއްޓެވެ. އަދި ގިޔާމަތް ދުވަހުން ނަރަކައިގެ އަޒާބުގެ ރަހަ، ތިމަން އިލާހު އެ މީހަކަށް ދައްކަވާ ހުށީމެވެ.
10
އެއީ ތިބާގެ ދެއަތުން އިސްކުރި ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ﷲ އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ އިލާހަކު ކަމުގައި ނުވެއެވެ.
11
ޝައްކެއްގެ މަތީގައި ތިބެގެން ﷲ އަށް އަޅުކަންކުރާ މީހުން މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ އެ މީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެ ކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާއަށް ބަލާއެއް މުސީބަތެއް ޖެހިއްޖެނަމަ، ކުފުރުވެރިކަމަށް ފުރޮޅިދެއެވެ. އޭނާއަށް ދުނިޔެއާއި އާޚިރަތް ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ.
12
އެ މީހަކަށް ގެއްލުމެއް ނުދޭ، އަދި މަންފާއެއްވެސް ނުދޭ އެއްޗަކަށް، ﷲ ފިޔަވާ އޭނާ އަޅުކަންކުރެއެވެ. (ހައްގުގެ މަގުން) ދުރުވެގެންވާ ފުރެދުމަކީ ހަމައެއީއެވެ.
13
އޭނާ އެ އަޅުކަންކުރަނީ، އެ އެއްޗެއްގެ މަންފާއަށްވުރެ، އެ އެއްޗެއްގެ ގެއްލުން މާގާތްވެގެންވާ އެއްޗަކަށެވެ. އޭނާ އެ ވާގިލިބިގަންނަ އެއްޗެއްގެ ނުބައިކަމާއެވެ. އަދި އެކުވެރިޔެއްގެ ގޮތުންވެސް އޭގެ ނުބައިކަމާއެވެ.
14
ހަމަކަށަވަރުން އީމާންވެ ސާލިހު އަމަލުތައްކުރި މީހުން، އެ ތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ﷲ (އެ މީހުން) ވައްދަވާނެއެވެ. ހަމަކަށަވަރުން ﷲ، އެ އިލާހު އިރާދަކުރައްވާކަމެއް ކުރައްވައެވެ.
15
ދުނިޔެއާއި، އާޚިރަތުގައި އެކަލޭގެފާނަށް (އެބަހީ: ރަސޫލާއަށް) ﷲ ނަސްރު ނުދެއްވާނެކަމަށް ހީކުރާމީހާ، ފަހެ މައްޗަށް ވަލެއްޖަހައި، ދެން އޭނާ ދަންޖެހިބަލާށެވެ! ފަހެ އޭނާ ރޭވިރޭވުމުން، އޭނާ ރުޅިއަންނަކަންތައް ނިކަން ފިލައިތޯ ބަލައިބަލާށެވެ!
16
އެފަދައިން ބަޔާންވެގެންވާ އާޔަތްތަކެއް ކަމުގައި، ތިމަން އިލާހު އެ ގުރްއާން ބާވައިލެއްވީމެވެ. އަދި ހަމަކަށަވަރުން ﷲ، އެ އިލާހު އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވައެވެ.
17
ހަމަކަށަވަރުން އީމާންވި މީހުންނާއި، ޔަހޫދީވި މީހުންނާއި، ޞާބިއުންނާއި، ނަސާރާއިންނާއި، މަޖޫސީންނާއި، ޝަރީކުކުރި މީހުން (ދަންނާށެވެ.) ހަމަކަށަވަރުން ﷲ، އެ މީހުންގެމެދުގައި، ގިޔާމަތް ދުވަހުން ނިޔާކަނޑައަޅުއްވާނެއެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް، މޮޅަށް ހެކިވެވޮޑިގެންވާ އިލާހެވެ.
18
އުޑުތަކާއި، ބިމުގައި ވާހާ ބަޔަކާއި، އިރާއި، ހަނދާއި، ތަރިތަކާއި، ފަރުބަދަތަކާއި، ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، މީސްތަކުންކުރެ ގިނަބަޔަކު، ﷲ އަށް ސަޖިދަކުރާކަން ތިބާ ނުދަންނަމުހެއްޔެވެ؟ އަދި (މީސްތަކުންކުރެ) ގިނަބަޔަކުގެމައްޗަށް އަޒާބު ހައްގު ވެގެންވެއެވެ. އަދި ﷲ، ނިކަމެތިކުރެއްވިމީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށް މާތްކޮށްހިތާނެ މީހަކު ނުވެއެވެ. ހަމަކަށަވަރުން ﷲ، އެ އިލާހު އިރާދަކުރައްވާކަމެއް ކުރައްވައެވެ.
19
މިއީ، އެ މީހުންގެ ރައްބާމެދު ދެބަސްވީ ދެ ޚަސްމުންނެވެ. (އެބަހީ: މުއުމިނުންނާއި ކާފިރުންނެވެ.) ފަހެ ކާފިރުވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރުކުރައްވާފައިވެއެވެ. (އަދި) އެ މީހުންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުއްޓެވެ.
20
އެއިން އެ މީހުންގެ ބަނޑުތަކުގައިވާތަކެއްޗާއި ހަންތައް ވިރުވާހުއްޓެވެ.
21
އަދި އެ މީހުންނަށް ޓަކައި، ދަގަނޑު ޗާބޫކުތަކެއް ވެއެވެ.
22
އެ މީހުންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެ ތަނުން އެ މީހުން ނުކުންނަން އުޅެފި ކޮންމެހިނދެއްގައި، އަލުން އެތަނަށް އިއާދަ ކުރައްވާ ހުއްޓެވެ. އަދި (އެ މީހުންނަށް އަންގަވާނެއެވެ.) ނަރަކައިގެ އަލިފާނުގެ އަޒާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
23
ހަމަކަށަވަރުން އީމާންވެ ސާލިހު އަމަލުތައްކުރިމީހުން، އެ ތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ﷲ (އެ މީހުން) ވައްދަވާނެއެވެ. އެ މީހުން އެ ތާނގައި ރަނުގެ އުޅާތަކުންނާއި، މުތީތަކުން ގަހަނާ އަޅުއްވާހުއްޓެވެ. އަދި އެ ތާނގައި، އެ މީހުންގެ ފޭރާންވާހުށީ ފަށުއިންނެވެ.
24
އަދި (ދުނިޔެމަތީގައި) ރަނގަޅު ބަސްބުނުމަށް އެ މީހުންނަށް ހިދާޔަތް ދެއްވިއެވެ. އަދި ހަމްދު ލިބިގެންވާ މަގަށް، މަގު ދެއްކެވިއެވެ.
25
ހަމަކަށަވަރުން ކާފިރުވެ، ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި އެ ތާނގައި ގާއިމު ވެހުންނަ މީހާއާއި، ބޭރުން އަންނަމީހާއާއި، ހަމަހަމަވާގޮތުން، މީސްތަކުންނަށް ޓަކައި، ތިމަން އިލާހު ލެއްވި އަލްމަސްޖިދުލް ހަރާމުން (މީސްތަކުން) އެއްކިބާކޮށް، އަދި އެ ތާނގައި އަނިޔާވެރިކަމާއެކު، ދީނާ ޚިލާފު ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަން އިލާހު ވޭންދެނިވި އަޒާބުން ރަހަދައްކަވާހުށީމެވެ.
26
އިބްރާހީމްގެފާނަށް ގެފުޅު ހުންނަތަން ތިމަން އިލާހު ދެއްކެވިހިނދު، ހަނދުމަކުރާށެވެ! (ތިމަން އިލާހު އެންގެވީމެވެ.) ކަލޭގެފާނު ތިމަން އިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރައްވާށެވެ. އަދި ތަވާފުކުރާ މީހުންނަށާއި، ގާއިމުވެ ތިބޭ މީހުންނަށާއި، ރުކޫކޮށް ސަޖިދަކުރާ މީހުންނަށް ޓަކައި، ކަލޭގެފާނު ތިމަން އިލާހުގެ ގެފުޅު ތާހިރުކުރައްވާށެވެ.
27
އަދި ކަލޭގެފާނު މީސްތަކުންނަށް ހައްޖަށް އައުމަށް ގޮވައިލައްވާށެވެ. އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެ މީހުން ކަލޭގެފާނުގެ އަރިހަށް އަންނާނެއެވެ.
28
އެއީ އެ މީހުންނަށް ހުރި (ދީނީ އަދި ދުނިޔަވީ) މަންފާތަކެއް ލިބިގަތުމަށް ޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެ މީހުން ﷲ ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނައަމްސޫފީގެ ނިއުމަތް އެ މީހުންނަށް ދެއްވިކަމަށް ޓަކައެވެ. ފަހެ ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތިހާލުގައިވާ ފަގީރުންނަށް (އެއިން) ކާންދޭށެވެ!
29
ދެން އެ މީހުންގެ މިލަތައް، އެ މީހުން ފިލުވާހުށިކަމެވެ. އަދި އެ މީހުންގެ ނަދުރުތައް ފުއްދާހުށިކަމެވެ. އަދި ޒަމާންވީ ގެފުޅުގައި އެ މީހުން ތަވާފުކުރާހުށިކަމެވެ.
30
(ކަންހުރިމަގީ) އެއީއެވެ. އަދި ﷲ ގެ ހުރުމަތްތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ.) ފަހެ އެ މީހަކަށްޓަކައި އެ ކަންތައް އެ މީހެއްގެ ވެރި އިލާހުގެ ހަޒްރަތުގައި ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް ނައަމްސޫފި ހަލާލު ކުރައްވާފައިވެއެވެ. (ގުރްއާނުގައި ނަންގަނެވި) ތިޔަބައިމީހުންނަށް ކިޔައިދެއްވާ ތަކެތި މެނުވީއެވެ. ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ. އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ.
31
ﷲ އަށް އިޚްލާސް ތެރިވެ، ބާތިލު މަގުން އެއްކިބާވެ، ހައްގުގެ މަގަށް ތަބާ ވެތިބެ، އެ އިލާހަށް ޝަރީކު ނުކުރާ ހާލުގައެވެ. އަދި ﷲ އަށް ޝަރީކުކުރާމީހާ (ދަންނާށެވެ.) ފަހެ އެ މީހާ އުޑުން ވެއްޓި، ދޫނިތައް އެ މީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓިގެންދާ މީހެއްފަދައެވެ.
32
(ކަންހުރިމަގީ) އެއީއެވެ. އަދި ﷲ ގެ ޝަޢާއިރުތަކަށް (އެބަހީ: ހަދުޔު ކަތިލުމާއި، އުޟުޙިޔާ ކަތިލުމާއި، ހައްޖުގެ އަމަލުތަކާއި، އެނޫންވެސް ދީނީ އަމުރުތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ.) ފަހެ އެ ކަންތައްވަނީ، ހިތްތަކުގެ ތަގުވާވެރިކަމުގެ ތެރެއިންނެވެ.
33
ކަނޑައެޅިގެންވާ ވަގުތަކާޖެހެންދެން، ތިޔަބައިމީހުންނަށް އެ ތަކެތީގައި (އެބަހީ: ހަދުޔުގެ ގޮތުން ކަތިލެވޭ ތަކެތީގައި) މަންފާތަކެއްވެއެވެ. ދެން އެއަށް ފަހު، އެ ތަކެތި ކަތިލުމުގެ މަޙައްލަކީ، ޒަމާންވީ ގެފުޅުއަރިހެވެ. (އެބަހީ: މައްކާގެ ހަރަމް ފުޅެވެ.)
34
ނައަމްސޫފީގެ ތެރެއިން އެ އިލާހު އެ މީހުންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެ ތަކެތި ކަތިލެވޭ ހިނދު) ﷲ ގެ އިސްމުފުޅު ނަންގަތުމަށް ޓަކައި، ތިމަން އިލާހު ކޮންމެ އުއްމަތަކަށް ވެސް ގުރުބާންކުރުމެއް ލެއްވީމެވެ. ފަހެ ތިޔަބައިމީހުންގެ އިލާހަކީ، އެއްކައުވަންތަ އިލާހެވެ. ފަހެ އެ އިލާހަށް ތިޔަބައިމީހުން ކިޔަމަންވެ، އިސްލާމް ވާށެވެ. އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.
35
އެ މީހުންނީ، ﷲ ގެ ނަންފުޅު ގަނެވޭ ހިނދު، އެ މީހުންގެ ހިތްތައް ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ. އަދި އެ މީހުންނަށްޖެހޭ ކަންތަކަށް ކެތްތެރިވާމީހުންނެވެ. އަދި ނަމާދު ގާއިމުކޮށްތިމަން އިލާހު އެ މީހުންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.
36
ތިޔަބައިމީހުންނަށް ޓަކައި، ޖަމަލުވެސް ﷲ ގެ ޝަޢާއިރުތަކުގެ ތެރެއިން ތިމަން އިލާހު ލެއްވީމެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެއެވެ. ފަހެ އެ ތަކެތި ބަނދެ (ކަތިލާހިނދުގައި) އެ ތަކެތީގެ މައްޗަށް ﷲ ގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ. ފަހެ އެ ތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި ސުވާލުކުރާ ފަގީރުންނާއި، ސުވާލު ނުކުރާ ފަގީރުންނަށް ވެސް އެއިން ކާންދޭށެވެ! އެފަދައިން ތިޔަބައިމީހުންނަށް ޓަކައި ތިމަން އިލާހު އެ ތަކެތި ޚިދުމަތްތެރި ކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރުމަށް ޓަކައެވެ.
37
އެ ތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް ﷲ ގެ ހަޒްރަތަކަށް ނުދާނެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެ ކިބައިން އެ އިލާހުގެ ހަޒްރަތަށްދަނީ، ތަގުވާވެރިކަމެވެ. އެފަދައިން އެ އިލާހު އެ ތަކެތި، ތިޔަބައިމީހުންނަށް ޓަކައި ޚިދުމަތްތެރި ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެމައްޗަށް، ﷲ އަށް ތިޔަބައިމީހުން ތަކްބީރު ކިޔައި އުޅުމަށް ޓަކައެވެ. އަދި އިހްސާންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.
38
ހަމަކަށަވަރުން ﷲ، އީމާންވި މީހުން ދިފާއު ކޮށްދެއްވައެވެ. ހަމަކަށަވަރުން ޚިޔާނަތްތެރިވެ، ކާފިރުވާ ކޮންމެ މީހަކަށް، ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
39
ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ އިޒުނަ ދެއްވާފިއެވެ. އެއީ ހަމަކަށަވަރުން އެއެރުންނަށް އަނިޔާ ލިބުނުކަމަށް ޓަކައެވެ. އަދި ހަމަކަށަވަރުން އެ މީހުންނަށް ނަސްރު ދެއްވުމަށް، ﷲކުޅަދުންވަންތަކަން ކަށަވަރެވެ.
40
އެ މީހުންނީ، ތިމަންމެންގެ ރައްބަކީ ﷲ އޭ ބުނުން މެނުވީ، އެއްވެސް ހައްގަކާނުލާ އެ މީހުންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވާ އަނެއް ބަޔެއް (ގެ ނުރައްކާތެރިކަން) ﷲ ދުރުކުރެއްވުން ނުވާނަމަ، ނަސާރާއިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، ޔަހޫދީންގެ ފައްޅިތަކާއި، ގިނަގިނައިން ﷲ ގެ އިސްމުފުޅު ނަންގަނެވޭ މިސްކިތްތަކާއި (މި ހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން ﷲ އަށް ނަސްރު ދޭ މީހަކަށް، އެ އިލާހު ނަސްރު ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ﷲ އީ ބާރުވެރިވަންތަ، ޢަޒީޒުވަންތަ އިލާހުކަން ކަށަވަރެވެ.
41
އެ މީހުންނީ، ބިމުގައި ތިމަން އިލާހު އެ މީހުން ބާރުވެރި ކުރައްވާފިނަމަ، ނަމާދު ގާއިމުކޮށް، ޒަކާތް ދީ، ހެޔޮކަންތަކަށް އަމުރު ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲ އަށެވެ.
42
އެ މީހުން ކަލޭގެފާނު ދޮގުކުޅަޔަސް، ހަމަކަށަވަރުން އެ މީހުންގެކުރިން ނޫޙުގެފާނުގެ ގައުމުގެ މީހުންނާއި، ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުން (އެ މީހުންގެ ރަސޫލުން) ދޮގުކޮށްފައިވެއެވެ.
43
އަދި އިބްރާހީމްގެފާނުގެ ގައުމުގެ މީހުންނާއި، ލޫޠުގެފާނުގެ ގައުމުގެ މީހުންވެސްމެއެވެ.
44
އަދި މަދްޔަންގެ އަހުލުވެރިންވެސްމެއެވެ. އަދި މޫސާގެފާނުވެސް ދޮގުކުރެވުނެވެ. ފަހެ ކާފިރުވި މީހުންނަށް، ތިމަން އިލާހު މުހުލަތް ދެއްވީމެވެ. ދެން ތިމަން އިލާހު އެ މީހުންނަށް އުގޫބާތް ދެއްވާ ހިއްޕެވީމެވެ. ފަހެ ތިމަން އިލާހުގެ އުގޫބާތް ދެއްވުންވީ ކޮންފަދައަކުންހެއްޔެވެ؟
45
އެރަށްތަކުގެ އަހުލުވެރިން، އަނިޔާވެރިވެގެންވީހިނދު، ތިމަން އިލާހު ހަލާކުކުރެއްވީ ކިތައްކިތައްރަށްހެއްޔެވެ؟ ފަހެ އެ ރަށްރަށްވަނީ، ފުރާޅުތަކާއި، އިމާރާތްތައް ވެއްޓި ފުނޑުފުނޑުވެފައެވެ. އަދި (އެ ރަށްރަށުގައިވަނީ) ފަޅުވެފައިވާ ކިތައްކިތައް ވަޅާއި، އުސްކޮށް ބިނާކޮށްފައިވާ ކިތައްކިތައް ގަނޑުވަރުހެއްޔެވެ؟
46
ފަހެ އެ މީހުން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެ މީހުން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެ މީހުންނަށްވީހެވެ. ނުވަތަ އެއިން އެ މީހުން އަޑުއަހާނޭ ކަންފަތްތަކެއް (އެ މީހުންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ.
47
އެ މީހުން ކަލޭގެފާނުގެ އަރިހުން އަޒާބު އަވަސްވުމަށް އެދޭނެތެވެ. އަދި ﷲ، އެ އިލާހުގެ ވައުދުފުޅަކާ ޚިލާފު ވެވޮޑިއެއް ނުގަންނަވާނެއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުގައި، އެންމެ ދުވަހެއްވަނީ، ތިޔަބައިމީހުން ގުނައި އަދަދުކުރާ އަހަރުތަކުން އެއްހާސް އަހަރާ އެއްފަދަވެގެންނެވެ.
48
އެ ރަށްތަކުގެ އަހުލުވެރިން އަނިޔާވެރިވެގެންވީ ހިނދު، ތިމަން އިލާހު މުހުލަތް ދެއްވީ ކިތައްކިތައް ރަށަށްހެއްޔެވެ؟ ދެން އެ ރަށްތަކުގެ އަހުލުވެރިންނަށް އުގޫބާތް ދެއްވާ ހިއްޕެވީމެވެ. އަދި (އެ މީހުން) ރުޖޫއަ ވުންވަނީ، ތިމަން އިލާހުގެ ހަޒްރަތަށެވެ.
49
ކަލޭގެފާނު ވިދާޅުވާށެވެ. އޭ މީސްތަކުންނެވެ. ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުންނަށް ޓަކައި ހުންނެވި އިންޒާރުކުރައްވާ ބޭކަލަކު ކަމުގައެވެ.
50
ފަހެ އީމާންވެ ސާލިހު އަމަލުތައް ކުޅަމީހުން (ދަންނާށެވެ.) އެ މީހުންނަށް ފާފުފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްގު ހުއްޓެވެ.
51
އަދި ތިމަން އިލާހުގެ އާޔަތްތަކާމެދު، ދެކޮޅުހަދައި ނުކުޅައްދަން އުޅޭ މީހުންނަކީ، ނަރަކައިގެ އަހުލުވެރިންނެވެ.
52
އެ ބޭކަލަކު ކިޔަވައިވިދާޅުވެއްޖެހިނދު، އެ ބޭކަލެއްގެ ކިޔަވައި ވިދާޅުވުމުގެ ތެރެއަށް، ޝައިތާނާ، އޭނާގެ ވަސްވާސްތެރިކަން ވައްދާފައިވާ ބޭކަލަކު މެނުވީ، ކަލޭގެފާނުގެކުރިން އެއްވެސް ރަސޫލަކު، އަދި ނަބިއްޔަކުވެސް، ތިމަން އިލާހު ނުފޮނުއްވަމެވެ. ފަހެ ﷲ، ޝައިތާނާ ވައްދާ ވަސްވާސްތެރިކަން ނެތިކުރައްވައެވެ. ދެން ﷲ، އެ އިލާހުގެ އާޔަތްތައް ސާބިތު ކޮށްދެއްވައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.
53
އެއީ އެ މީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއް ހުންނަ މީހުންނަށާއި، އެ މީހުންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް، އިމްތިހާނެއްކަމުގައި، ޝައިތާނާ ވައްދާ ވަސްވާސްތެރިކަން ލެއްވުމަށް ޓަކައެވެ. ހަމަކަށަވަރުން އަނިޔާވެރިންވަނީ (ހައްގާ) ދުރުވެގެންވާ ދެކޮޅުވެރިކަމެއްގެ ތެރޭގައެވެ.
54
އަދި އިލްމު ލިބިގެންވާ މީހުންނަށް، ހަމަކަށަވަރުން އެއީ ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން އައި ހައްގު ބަސްފުޅުކަން އެނގުމަށް ޓަކައެވެ. ދެން އެއަށް އީމާންވެ، ދެން އެއާމެދު އެ މީހުންގެ ހިތްތައް ހަމަޖެހިގެންދިޔުމަށް ޓަކައެވެ. ހަމަކަށަވަރުން ﷲ އީ، އީމާންވި މީހުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ އިލާހުކަން ކަށަވަރެވެ.
55
ކާފިރު ވިމީހުން، އެ ގުރްއާނާމެދު ޝައްކުކަމެއްގައި ތިބުމުން ފިލައިނުދެތެވެ. ގިޔާމަތް ވުމުގެ ވަގުތު ކުއްލިއަކަށް އެ މީހުންނާ ހަމައަށް އަތުވެއްޖައުމަށް ދާންދެނެވެ. ނުވަތަ ރޭގަނޑެއް ނެތް ދުވަހެއްގެ (އެބަހީ: ގިޔާމަތް ދުވަހުގެ) އަޒާބު، އެ މީހުންނާ ހަމައަށް އަތުވެއްޖައުމަށް ދާންދެނެވެ.
56
އެ ދުވަހުން، ވެރިކަން މިލްކުވެގެންވަނީ ﷲ އަށެވެ. އެ މީހުންގެ މެދުގައި އެ އިލާހު ހުކުމް ކުރައްވާނެއެވެ. ފަހެ އީމާންވެ ސާލިހު އަމަލުތައްކުޅަމީހުން ވާހުށީ، ނިއުމަތުގެ ސުވަރުގެތަކުގައެވެ.
57
އަދި ކާފިރުވެ، ތިމަން އިލާހުގެ އާޔަތްތައް ދޮގުކުރި މީހުން (ދަންނާށެވެ.) ފަހެ އެ މީހުންނަށް އިހާނަތްތެރިކަން ދެނިވި އަޒާބު ހުއްޓެވެ.
58
އަދި ﷲ ގެ މަގުގައި ހިޖުރަ ކޮށް، ދެން (ހަނގުރާމަކޮށް) ގަތުލުވީ މީހުންނަށް، ނުވަތަ މަރުވި މީހުންނަށް، ހަމަކަށަވަރުން ﷲ، އެ މީހުންނަށް ރަނގަޅު ރިޒްގުން ރިޒްގު ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ އީ، ރިޒްގު ދެއްވާ އެންމެހެޔޮ އިލާހުކަން ކަށަވަރެވެ.
59
ހަމަކަށަވަރުން އެ މީހުން ރުހޭތަނަކަށް (އެބަހީ: ސުވަރުގެއަށް) އެ އިލާހު، އެ މީހުން ވައްދަވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަލީމްވަންތަ އިލާހުކަން ކަށަވަރެވެ.
60
(ކަންހުރިމަގީ) އެއީއެވެ. އަދި އެ މީހަކަށް ލިބުނު އަނިޔާއާ އެއްފަދަ ޖަޒާއެއް ދީފިމީހާ، ދެން އޭނާގެމައްޗަށް އަނިޔާ އިތުރަށް ދީފިނަމަ، ހަމަކަށަވަރުން ﷲ، އޭނާއަށް ނަސްރު ދެއްވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން އަފޫކުރައްވާ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހުކަން ކަށަވަރެވެ.
61
އެހެނީ، ހަމަކަށަވަރުން ﷲ، ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައެވެ. އަދި ހަމަކަށަވަރުން ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ، އިލާހެވެ.
62
އެހެނީ ހަމަކަށަވަރުން ﷲ އީ ހައްގުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހު ފިޔަވާ އެ މީހުން ގޮވާލާ އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާތިލެވެ. އަދި ހަމަކަށަވަރުން ﷲ އީ އަލްޢަލިއްޔުލް ކަބީރެވެ. (އެބަހީ: މަތީގައި ވޮޑިގެންވާ، ހައިބަބޮޑުވެގެންވާ އިލާހެވެ.)
63
ހަމަކަށަވަރުން ﷲ، އުޑުން ފެންވެއްސަވައި، ދެން (ގަސްގަހާގެހިން) ބިންގަނޑަށް ފެހިކަންލިބޭތީ ތިބާ ނުދެކެމުހެއްޔެވެ؟ ހަމަކަށަވަރުން ﷲ އީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
64
އުޑުތަކުގައި ވާހާ ތަކެއްޗާއި، ބިމުގައި ވާހާ ތަކެތި މިލްކުވެގެންވަނީ، އެ އިލާހަށެވެ. އަދި ހަމަކަށަވަރުން ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ހަމްދު ލިބިވޮޑިގެންވާ އިލާހުކަން ކަށަވަރެވެ.
65
ހަމަކަށަވަރުން ﷲ، ބިމުގައި ވާހާ ތަކެއްޗެއް ތިޔަބައިމީހުންނަށް ޓަކައި ޚިދުމަތްތެރި ކުރެއްވިކަމާއި، ކަނޑުގައި ނާފަހަރު ދުވަނީ، އެ އިލާހުގެ އަމުރުފުޅާ އެކުގައިކަމާއި، އެ އިލާހުގެ އިޒުނަފުޅާލައިގެން މެނުވީ، ބިމުގެ މައްޗަށް އުޑު ނުވެއްޓޭގޮތުން ހިފަހައްޓަވާކަން، ތިބާއަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން ﷲ އީ، މީސްތަކުންނަށް ނުހަނު އޯގާވަންތަ، ރަޙީމްވަންތަ އިލާހުކަން ކަށަވަރެވެ.
66
އެ އިލާހީ، ތިޔަބައިމީހުން (ނެތުމުގެ ތެރެއިން) ދިރުއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން (އަލުން) ދިރުއްވާ އިލާހެވެ. ހަމަކަށަވަރުން އިންސާނާއަކީ (ނިއުމަތްތަކަށް) ދެކޮޅުހަދައި، ކާފިރު ވުން ބޮޑު މީހެއްކަން ކަށަވަރެވެ.
67
ތިމަން އިލާހު ކޮންމެ އުއްމަތަކަށް ވެސް ޝަރީއަތެއް، އެ މީހުން އެއަށް ތަބާ ވުމަށް ޓަކައި ލެއްވީމެވެ. ފަހެ އެ މީހުން އެ ކަންތަކާމެދު ކަލޭގެފާނާ ޖަދަލު ނުކުރާހުށިކަމެވެ. އަދި ކަލޭގެފާނުގެ ރައްބުގެ މަގަށް (މީސްތަކުންނަށް) ކަލޭގެފާނު ގޮވައިލައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނުވަނީ، ސީދާވެގެންވާ ހިދާޔަތެއްގެ މަތީގައިކަން ކަށަވަރެވެ.
68
އަދި އެ މީހުން ކަލޭގެފާނާ ޖަދަލު ކޮށްފިނަމަ، ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންކުރާ ކަންތައް ﷲ ދެނެވޮޑިގަތުން ބޮޑެވެ.
69
ތިޔަބައިމީހުން ޚިލާފު ވެއުޅުނު ކަންތަކާމެދު، ގިޔާމަތް ދުވަހުން، ﷲ ތިޔަބައިމީހުންގެ މެދުގައި ހުކުމް ކުރައްވާނެއެވެ.
70
ހަމަކަށަވަރުން އުޑާއި، ބިމުގައި ވާހާކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާއަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން އެ ކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން އެ ކަންތަކަކީ، ﷲ އަށް ދާދިފަސޭހަކަމެކެވެ.
71
(އެ ތަކެއްޗަށް އަޅުކަންކުރުމަށް) އެއްވެސް ދަލީލެއް އެ އިލާހު ބާވައިލައްވާފައި ނުވާ ތަކެއްޗަށް، ﷲ ފިޔަވާ އެ މީހުން އަޅުކަން ކުރެއެވެ. އަދި އެ މީހުންނަކަށް އެކަމާމެދު އެއްވެސް އިލްމެއް ލިބިގެނެއް ނުވެއެވެ. އަދި އަނިޔާވެރިންނަށް، ނަސްރު ދޭނެ އެއްވެސްމީހަކު ނުވެއެވެ.
72
އަދި އެ މީހުންނަށް ތިމަން އިލާހުގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، ކާފިރުވި މީހުންގެ މޫނުމަތިން ދެކޮޅުވެރިކަމާއި، ނުރުހުމުގެ އަލާމަތްތައް ތިބާއަށް ފެންނާނެއެވެ. ތިމަން އިލާހުގެ އާޔަތްތައް އެ މީހުންނަށް ކިޔަވައިދޭ މީހުންގެ ގަޔަށް ދެންމެދެންމެ އެ މީހުން އަރައިދާނެކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ އެ ކަންތަކަށްވުރެ ބޮޑު ނުބަޔަކާ ތިޔަބައިމީހުން ކުރިމަތިވާނެކަމަށް، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ޚަބަރު ދެއްވަންހެއްޔެވެ؟ އެއީ ނަރަކައެވެ. ކާފިރުވި މީހުންނަށް ﷲ ވަނީ، އެ ނަރަކަ ވައުދު ކުރައްވާފައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ.
73
އޭ މީސްތަކުންނެވެ. (ﷲ) މިސާލެއް ޖައްސަވައިފިއެވެ. ފަހެ ތިޔަބައިމީހުން އެއަށް ކަނުލާ އަހާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ﷲ ފިޔަވާ އަޅުކަންކުރާތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެ ކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެ މީހުންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެ މީހުންނަކަށް ސަލާމަތެއް ނުކުރެވޭނެއެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެއެވެ.
74
ﷲ އަށް ގަދަރުކުރުން ހައްގު ވެގެންވާ ގޮތުގައި، އެ މީހުން އެ އިލާހަށް ގަދަރެއް ނުކުރެއެވެ. ހަމަކަށަވަރުން ﷲ އީ ބާރުވެރިވަންތަ، ޢަޒީޒުވަންތަ އިލާހުކަން ކަށަވަރެވެ.
75
ﷲ، މަލާއިކަތުންގެ ތެރެއިންނާއި މީސްތަކުންގެ ތެރެއިން ރަސޫލުން ޚިޔާރުކުރައްވައެވެ. ހަމަކަށަވަރުން ﷲ އައްސަވާވޮޑިގަންނަވާ، ބައްލަވާވޮޑިގަންނަވައެވެ.
76
އެ މީހުންގެ ކުރިމަތީގައި ވާހާކަމަކާއި އެ މީހުންގެ ފަހަތުގައި ވާހާކަމެއް އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެންމެހާ ކަންތައް ރުޖޫއަ ކުރައްވާހުށީ ﷲ ގެ ހަޒްރަތަށެވެ.
77
އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ރުކޫ ކުރާށެވެ. އަދި ސަޖިދަ ކުރާށެވެ. އަދި ތިޔަބައިމީހުންގެ ރައްބަށް އަޅުކަން ކުރާށެވެ. އަދި ތިޔަބައިމީހުން ހެޔޮ ކަންތައް ކުރާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.
78
އަދި ﷲ ގެ މަގުގައި، ޖިހާދުކުރުން ހައްގު ގޮތުގައި ތިޔަބައިމީހުން ޖިހާދުކުރާށެވެ. ތިޔަބައިމީހުން ޚިޔާރުކުރެއްވީ އެ އިލާހެވެ. އަދި ދީނުގައި ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ދަތިކަމެއް އެ އިލާހު ނުލައްވައެވެ. (އެއީ) ތިޔަބައިމީހުންގެ ބައްޕަ އިބްރާހީމްގެ މިއްލަތެވެ. ކުރިން ވެސް (އެބަހީ: ކުރިން ބާވައިލެއްވި ފޮތްތަކުގައި ވެސް) އަދި މި ފޮތުގައި ވެސް، ތިޔަބައިމީހުންނަށް މުސްލިމުންގެ ނަން ދެއްވީ އެ އިލާހެވެ. އެއީ ރަސޫލު ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވުމަށާއި، އަދި މީސްތަކުންގެ މައްޗަށް ތިޔަބައިމީހުން ހެކިވެރިން ކަމުގައި ވުމަށެވެ. ފަހެ، ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ﷲ އަށް ވަކީލުކޮށް (އެ އިލާހުގެ ދީނުގައި) ހިފަހައްޓާށެވެ. އެ އިލާހީ ތިޔަބައިމީހުންގެ މައުލާއެވެ. (ނަސްރާއި އެހީ ދެއްވާ ފަރާތެވެ.) ފަހެ އެއީ ހާދަހާ ރަނގަޅު މައުލާއެކެވެ. އަދި ހާދަހާ ރަނގަޅު ނަސްރުވެރިއެކެވެ.