މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
އެ މީހުންނީ، އެ މީހުންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.
އަދި އެ މީހުންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ.
އަދި އެ މީހުންނީ، ޒަކާތް ދޭމީހުންނެވެ.
އަދި އެ މީހުންނީ، އެ މީހުންގެ ފަރުޖުތަކަށް ރައްކާތެރިވާމީހުންނެވެ.
އެ މީހުންގެ އަނބިންގެމައްޗަށާއި، އެ މީހުންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެ މީހުންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ.
ފަހެ އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ.
އަދި އެ މީހުންނީ އެ މީހުންގެ އަމާނަތްތަކަށާއި އެ މީހުންގެ އަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ.
އަދި އެ މީހުންނީ އެ މީހުންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ.
(ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމަ އެ މީހުންނެވެ.
އެ މީހުންނީ، ފިރުދައުސް އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެ މީހުން އެ ތާނގައި ދެމިތިބޭހުއްޓެވެ.
ހަމަކަށަވަރުން ތިމަން އިލާހު މަށީގެ ހުލާސާ އިން އިންސާނާ (އެބަހީ: އާދަމުގެފާނު) ހެއްދެވީމެވެ.
ދެން ތިމަން އިލާހު އެ އިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ.
ދެން ތިމަން އިލާހު އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ އެންމެފުރިހަމައަށް ތަކެތި ހައްދަވާ ﷲ ބަރަކާތްތެރިވެ މަތިވެރިވެ ވޮޑިގެންވެއެވެ.
ދެން ހަމަކަށަވަރުން ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ.
ދެން ހަމަކަށަވަރުން ތިޔަބައިމީހުން ގިޔާމަތް ދުވަހުން، އަލުންދިރުއްވައި މަހުޝަރަށް ފޮނުއްވާނެއެވެ.
ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންނާ ދިމާމަތީގައި، ހަތް އުޑު ހެއްދެވީމެވެ. އަދި ޚަލްގުތަކުންނާމެދު ޣާފިލު ވެވޮޑިގެންވާ އިލާހަކު ކަމުގައި ތިމަން އިލާހު ނުވަމެވެ.
އަދި ތިމަން އިލާހު، ވަކި މިންވަރަކަށް އުޑުން ފެންބާވައިލެއްވީމެވެ. ފަހެ އެ ފެން ތިމަން އިލާހު ބިމުގައި ހަރުލެއްވީމެވެ. އަދި ހަމަކަށަވަރުން އެ ފެން (ތިޔަބައިމީހުންނަށް އަތުނުވާ ހިސާބަށް) ގެންދެވުމަށް، ތިމަން އިލާހު ކުޅަދުންވަންތަވެ ވޮޑިގެންވަމެވެ.
ފަހެ އެ ފެނުގެ ސަބަބުން ކަދުރުރުކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިޔަބައިމީހުންނަށް ޓަކައި، ތިމަން އިލާހު އުފެއްދެވީމެވެ. އެ ބަގީޗާތަކުގައި ތިޔަބައިމީހުންނަށް ޓަކައި، ގިނަ މޭވާތައްވެއެވެ. އަދި ތިޔަބައިމީހުން ކައިއުޅެނީ، އެ ތަކެތިންނެވެ.
އަދި ޠޫރުސައިނާ ކިޔާ ފަރުބަދައިން ނުކުންނަ ގަހެއް ހެއްދެވީމެވެ. (އެއީ ޒައިތޫނިގަހެވެ.) ތެލާއި، ކާމީހުންނަށްހުރި، ލައިގެންކާއެއްޗެއްގެ ގޮތުގައި އެ ގަސް ހެދެތެވެ.
އަދި ހަމަކަށަވަރުން ނައަމްސޫފީގައި، ތިޔަބައިމީހުންނަށް އިބްރަތެއް ވާކަން ކަށަވަރެވެ. އެ ތަކެތީގެ ބަނޑުތެރޭގައިވާ ތަކެތިން، ތިޔަބައިމީހުންނަށް (ކިރުގެ) ބުއިމެއް ތިމަން އިލާހު ދެއްވަމެވެ. އަދި އެ ތަކެތީގައި، ގިނަވެގެންވާ މަންފާތައް ތިޔަބައިމީހުންނަށް ވެއެވެ. އަދި އެއިން ތިޔަބައިމީހުން ކައިއުޅެމުއެވެ.
އަދި އެ ތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި، ތިޔަބައިމީހުން (އެއްތަނުން އަނެއްތަނަށް) އުފުއްލަވައެވެ.
ހަމަކަށަވަރުން ތިމަން އިލާހު ނޫޙުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އެ އިލާހު ފިޔަވާ، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަގުވާވެރި ނުވަނީހެއްޔެވެ؟
ފަހެ އެކަލޭގެފާނުގެ ގައުމުގެ މީހުންކުރެ ކާފިރުވި ބޮޑުން ބުންޏެވެ. ތިޔަބައިމީހުންކަހަލަ އާދަމުގެ ދަރިޔަކުކަމުގައި މެނުވީ، މީނާ ނުވެއެވެ. އޭނާ ގަސްދުކުރަނީ، ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. ﷲ އިރާދަ ކުރެއްވިނަމަ (ރަސޫލުން ކަމުގައި) މަލާއިކަތުން ބާވައިލައްވައިފީހެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ.
އޭނާގައި މޮޔަކަމެއްވާ ފިރިހެނަކު ކަމުގައި މެނުވީ އޭނާ ނުވެއެވެ. ފަހެ ހިނދުކޮޅަކަށް އޭނާއާމެދު ތިޔަބައިމީހުން އިންތިޒާރުކުރާށެވެ!
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. އެ މީހުން މި އަޅާ ދޮގުކުޅަކަމަށް ޓަކައި މި އަޅާއަށް ނަސްރު ދެއްވާނދޭވެ.
ފަހެ ތިމަން އިލާހު އެކަލޭގެފާނަށް ވަހީ ކުރެއްވީމެވެ. ތިމަން އިލާހުގެ ބެއްލެވުމާއި، ތިމަން އިލާހުގެ އެންގެވުމާއެކު، ނާކޮޅު ބަންނަވައި ހައްދަވާށެވެ. ފަހެ ތިމަން އިލާހުގެ (އަޒާބުގެ) އަމުރުފުޅުއައިސް އުނދުނުގެ ތެރެއިން ފެންއަރައި، އުތުރިގެންފިހިނދު، ފަހެ އެ ހިނދު ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ޖޯޑަކާއި، އެ މީހުންގެ ތެރެއިން ހަލާކުވުމުގެ އަމުރުފުޅު އިސްވެހިނގައްޖެމީހަކު މެނުވީ، ކަލޭގެފާނުގެ އަހުލުވެރިން އެ ނާކޮޅަށް ލައްވާށެވެ. އަދި އަނިޔާވެރިވީ މީހުންނާމެދު، ތިމަން އިލާހުގެ ހަޒްރަތަށް ކަލޭގެފާނު ބަސް ނުދަންނަވާށެވެ. ހަމަކަށަވަރުން އެ މީހުންނީ، ޣަރަގު ކުރައްވާނޭ މީހުންނެވެ.
ފަހެ ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުން ނާކޮޅަށް އަރައި އޭގައި ހަމަޖެހޭ ހިނދު، ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަށް ހަމްދު ހުއްޓެވެ. އެ އިލާހީ، އަނިޔާވެރިވި މީހުންގެ ކިބައިން ތިމަންމެން ސަލާމަތްކުރެއްވި އިލާހެވެ.
އަދި ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ރައްބެވެ. ބަރަކާތްތެރި މަންޒިލަކަށް މިއަޅާ ބާލުއްވައިފާނދޭވެ. އަދި ހަމަކަށަވަރުން އިބަ އިލާހީ، (މަންޒިލަށް) ބާލުއްވާ އެންމެހެޔޮ އިލާހެވެ.
ހަމަކަށަވަރުން އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން ތިމަން އިލާހު (މީސްތަކުން) އިމްތިހާނު ކުރައްވަމެވެ.
ދެން އެ މީހުންނަށް ފަހު، ތިމަން އިލާހު އެހެން ޖީލެއްގެބަޔަކު އުފެއްދެވީމެވެ.
ފަހެ ތިމަން އިލާހު އެ މީހުންގެ ގާތަށް، އެ މީހުންގެ ތެރެއިން ރަސޫލަކު ފޮނުއްވީމެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށޭ އަންގަވަމުންނެވެ. އެ އިލާހު ފިޔަވާ އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަގުވާވެރި ނުވަނީހެއްޔެވެ؟
އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން ކާފިރުވެ، އަދި އާޚިރަތާ ބައްދަލުވާނޭކަން ދޮގުކޮށް އުޅުނު، އަދި ދުނިޔޭގެ ހަޔާތުގައި ތަނަވަސްކަމާއި، ނިއުމަތް އެ މީހުންނަށް ތިމަން އިލާހު ދެއްވި ބޮޑުންގެ މީހުން ބުންޏެވެ. ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިޔަކު ކަމުގައި މެނުވީ، މީނާ ނުވެއެވެ. ތިޔަބައިމީހުން އެ އެއްޗަކުން ކައިއުޅޭ ތަކެތިން، އޭނާވެސް ކައިއުޅެއެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކުން ބޮއިއުޅޭ ތަކެތިން އޭނާވެސް ބޮއިއުޅެއެވެ.
އަދި ހަމަކަށަވަރުން ތިޔަބައިމީހުން ކަހަލަ އާދަމުގެ ދަރިޔަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެއްޖެނަމަ، އެ ހިނދު ހަމަކަށަވަރުން ތިޔަބައިމީހުންނީ، ގެއްލެނިވެގެންވާ ބަޔެއްކަން ކަށަވަރެވެ.
ހަމަކަށަވަރުން ތިޔަބައިމީހުން މަރުވެއްޖެހިނދު، އަދި ވެއްޔާއި، ކަށްޓަށް ތިޔަބައިމީހުން ވެއްޖެހިނދު، އަލުންދިރުއްވައި ނެރުއްވާނޭކަމަށް އޭނާ ތިޔަބައިމީހުންނަށް ވައުދު ކުރަނީހެއްޔެވެ؟
ތިޔަބައިމީހުންނަށް ވައުދު ކުރައްވާ ކަންތައް ދުރުވެގެންވެއެވެ. (ވަރަށް) ދުރުވެގެންވެއެވެ.
އެ ދިރިއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވާ އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމުއެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
ﷲ އާމެދު ހަދާގެން ދޮގެއް ބުނި ފިރިހެނަކު ކަމުގައިނޫނީ، އޭނާ ނުވެއެވެ. އަދި އޭނާއަށް އީމާން ވާބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: އަޅުގެ ރައްބެވެ. އެ މީހުން މި އަޅާ ދޮގުކުޅަކަމަށް ޓަކައި މި އަޅާއަށް ނަސްރު ދެއްވާނދޭވެ.
އެ އިލާހު ވަހީކުރެއްވިއެވެ: ކުޑަހިނދުކޮޅަކުން އެ މީހުން ހިތާމަކުރާ ބަޔަކު ކަމުގައި ވާނޭކަން ކަށަވަރެވެ.
ފަހެ ހައްގު ގޮތުގައި އައި ގަދަފަދަ އަޑު އެ މީހުން ހަލާކުކުރިއެވެ. ދެން އޮޔާދާ ކުނިތަކެއްފަދައިން ތިމަން އިލާހު އެ މީހުން ލެއްވީމެވެ. ފަހެ އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުންހުއްޓެވެ.
ދެން އެ މީހުންނަށް ފަހު، ތިމަން އިލާހު އެހެން ޖީލުތަކެއްގެ ބަޔަކު އުފެއްދެވީމެވެ.
އެއްވެސް އުއްމަތަކަށް، އެ އުއްމަތެއްގެ އަޖަލު އިހެއްނު ކުރައްވާނެއެވެ. އަދި ފަހެއްވެސް ނުމެ ކުރައްވާނޭމެއެވެ.
ދެން ތިމަން އިލާހުގެ ރަސޫލުން އެއްބޭކަލަކަށް ފަހު އަނެއްބޭކަލަކު ވަޑައިގަންނަވާގޮތުގައި ފޮނުއްވީމެވެ. ކޮންމެ އުއްމަތަކަށް ވެސް އެ އުއްމަތުގެ ރަސޫލާ ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެ މީހުން އެ ބޭކަލަކު ދޮގުކުރިއެވެ. ފަހެ އެ މީހުންގެ އެއްބަޔަކު އަނެއް ބަޔެއްގެ ފަހަތުން ފޮނުއްވައި ނެތިކުރެއްވީމެވެ. އަދި ދެކެވޭ ވާހަކަތަކެއްކަމުގައި ތިމަން އިލާހު އެ މީހުން ލެއްވީމެވެ. ފަހެ އީމާން ނުވާ ބަޔަކަށް ހަލާކާއި ގެއްލުންހުއްޓެވެ.
ދެން ތިމަން އިލާހުގެ ހެކިތަކާއި، ބަޔާންވެގެންވާ ބާރަކާއެކު މޫސާގެފާނާއި، އެކަލޭގެފާނުގެ އަޚު، ހާރޫނުގެފާނު ތިމަން އިލާހު ފޮނުއްވީމެވެ.
(އެއީ) ފިރްޢައުނާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ އެ މީހުން ބޮޑާވެގަތެވެ. އަދި ކިބުރުވެރިވެގަތް ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
ފަހެ އެ މީހުން ބުންޏެވެ. ތިމަންމެންކަހަލަ އާދަމުގެދަރި ދެމީހަކަށް ތިމަންމެން އީމާން ވާނެހެއްޔެވެ؟ އެ ދެ މީހުންގެ ގައުމުގެ މީހުން، ތިމަންމެންނަށް ކިޔަމަންވާ އަޅުންކަމުގައިވާ ހާލުގައެވެ.
ފަހެ އެ މީހުން އެ ދެބޭކަލުން ދޮގުކުރިއެވެ. ދެން ހަލާކު ކުރައްވާ، ނެތިކުރެއްވި މީހުންގެ ތެރެއިން އެ މީހުން ވިއެވެ.
އަދި ހަމަކަށަވަރުން ތިމަން އިލާހު މޫސާގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެ މީހުން ތެދުމަގު ލިބިގަތުމަށް ޓަކައެވެ.
އަދި މަރިޔަމްގެފާނުގެ ދަރިކަލުންނާއި، އެ ދަރިކަލުންގެ މައިކަމަނާ (ކުޅަދުންވަންތަކަމުގެ) ހެއްކެއް ކަމުގައި، ތިމަން އިލާހު ލެއްވީމެވެ. އަދި ހަމަޖެހޭ ދިރިއުޅުމަކާއި، ފެންއާރުތަކެއްގެ ވެރި އުސްބިމެއްގައި، ތިމަން އިލާހު އެ ދެމައިކަނބަލުންނަށް ހިޔާވަހިކަން ދެއްވީމެވެ.
(އެ އިލާހު ވަހީކުރެއްވިއެވެ:) އޭ ރަސޫލުންނޭވެ. (ހަލާލު) ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރީއްކުޅުއްވާށެވެ. އަދި ސާލިހު އަމަލު ކުރައްވާށެވެ. ހަމަކަށަވަރުން ތިމަން އިލާހީ، ތިޔަބޭކަލުން ކުރައްވާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އަދި ހަމަކަށަވަރުން މިއީ އެއް އުއްމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަން އިލާހީ، ތިޔަބައިމީހުންގެ ރައްބެވެ. ފަހެ ތިޔަބައިމީހުން ތިމަން އިލާހަށް ބިރުވެތިވެ، ތަގުވާވެރިވާށެވެ.
ފަހެ އެ މީހުންގެ ދީނުގެ ކަންތައް، އެ މީހުންގެ މެދުގައި ތަފާތު ބައިތަކަކަށް އެ މީހުން ބައިކުރިއެވެ. ކޮންމެބަޔަކުމެ، އެ ބަޔަކުގެ ގާތުގައިވާ ގޮތާމެދު އުފަލުން ތިބެތެވެ.
ފަހެ އެ މީހުންގެ މަގުފުރެދުމުގެ ތެރޭގައި، ހިނދުކޮޅަކަށް ދާންދެން ކަލޭގެފާނު އެ މީހުން ދޫކޮށްލައްވާށެވެ.
ހަމަކަށަވަރުން ތިމަން އިލާހު، މުދަލާއި ދަރިންގެ ތެރެއިން އެ މީހުންނަށް ދެއްވާ ދެއްވުމާ މެދު އެ މީހުން ހީކުރަނީހެއްޔެވެ؟
(އެއީ) ތިމަން އިލާހު، އެ މީހުންނަށް ހެޔޮ ކަންކަން އަވަސްކޮށްދެއްވާތީ ކަމަށްހެއްޔެވެ؟ އެހެނަކުން ނޫނެވެ. އެ މީހުންނަށް އެ ކަން އިހުސާސް ނުކުރެވެނީއެވެ.
ހަމަކަށަވަރުން އެ މީހުންނީ، އެ މީހުންގެ ރައްބަށް ބިރުވެތިވުމުން އެ އިލާހުގެ އަޒާބަށް ބިރުވެތިވާ މީހުންނެވެ.
އަދި އެ މީހުންނީ، އެ މީހުންގެ ރައްބުގެ އާޔަތްތަކަށް އީމާންވާ މީހުންނެވެ.
އަދި އެ މީހުންނީ، އެ މީހުންގެ ރައްބަށް ޝަރީކު ނުކުރާ މީހުންނެވެ.
އަދި އެ މީހުންނީ އެ މީހުންގެ ރައްބުގެ ހަޒްރަތަށް، ހަމަކަށަވަރުން އެ މީހުން އެނބުރިދާނޭކަމާމެދު އެ މީހުންގެ ހިތްތައް ބިރުވެތިވެގެންވާ ހާލު (ސަދަގާތުގެ ގޮތުން) އެ މީހުން ދޭއެއްޗެއް ދޭމީހުންނެވެ.
އެ މީހުން އެންމެންނީ، ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެ މީހުންނީ އެ ކަންތަކުގައި ކުރިއަރައިދާ މީހުންނެވެ.
އަދި އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ، ތިމަން އިލާހު ތަކުލީފެއް ނުޖައްސަވަމެވެ. އަދި ހައްގު ގޮތުގައި ބަސްބުނާ ފޮތެއް، ތިމަން އިލާހުގެ ހަޒްރަތުގައި ވެއެވެ. އަދި އެ މީހުންނަކަށް ބޭއިންސާފެއް ނުކުރައްވާހުއްޓެވެ.
އަދި ކިއެއް! އެ މީހުންގެ ހިތްތައްވަނީ، މި (ގުރްއާން) އާމެދު ނޭނގުމެއްގެ ތެރޭގައެވެ. އަދި އެ މީހުން ކުރަމުންދާ އަމަލުތަކުގެ އިތުރަށް، އެ މީހުންނަށް އެހެން (ނުބައި) އަމަލުތަކެއްވެއެވެ.
އެ މީހުންގެ ތެރެއިން، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށް، ތިމަން އިލާހު އަޒާބު ފޮނުއްވައި، އެ މީހުން ގެންދަވައިފުމަށް ދާންދެނެވެ. އެހާރުން، އެ މީހުން ރޮއިހޭރި، ސަލާމަތަށްއެދި ގޮވާނެއެވެ.
(އެ މީހުންނަށް އަންގަވާހުއްޓެވެ.) ތިޔަބައިމީހުން މިއަދު ރޮއިހޭރި ނުގޮވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަކަށް، ތިމަން އިލާހުގެ ހަޒްރަތަކުން ނަސްރުވެރިކަމެއް ނުލިބޭނެއެވެ.
ހަމަކަށަވަރުން ތިމަން އިލާހު ބާވައިލެއްވި އާޔަތްތައް، ތިޔަބައިމީހުންނަށް (އިއްވައި) ކިޔެވޭ ކަމުގައިވިއެވެ. ފަހެ ތިޔަބައިމީހުން އަނެއްފަރާތަށް އެނބުރި، ފުރަގަސްދޭ ބަޔަކު ކަމުގައި ވީމުއެވެ.
އެ ގުރްއާނާމެދު ބޮޑާވެގަންނަ ހާލުގައެވެ. ތިޔަބައިމީހުން ރޭގަނޑުގެ ވަގުތުގައި (އެ ގުރްއާނަށް) މަލާމާތްކޮށް ވާހަކަދައްކަން ތިބޭ ހިނދުގައެވެ.
ފަހެ އެ މީހުން ބަސްފުޅާމެދު (އެބަހީ: ގުރްއާނާމެދު) ވިސްނުން ހިންގައި، ފިކުރުނުކުރަނީހެއްޔެވެ؟ ނުވަތަ އެ މީހުންގެ އިހުގެ ކާބަފައިންގެ ގާތަށް ނާންނަކަމެއް އެ މީހުންގެ ގާތަށް އައީހެއްޔެވެ؟
ނުވަތަ އެ މީހުން އެކަލޭގެފާނަށް އިންކާރު ކޮށް، ދެކޮޅުހަދަނީ އެ މީހުންގެ ރަސޫލާ، އެ މީހުންނަށް ނޭނގެނީހެއްޔެވެ؟
ނުވަތަ އެކަލޭގެފާނުގެ ކިބައިގައި، މޮޔަކަމެއްވާކަމަށް އެ މީހުން ބުނަނީހެއްޔެވެ؟ އަދި ކިއެއް! (އެހެންނަކުންނޫނެވެ.) އެ މީހުންނަށް އެކަލޭގެފާނު ހައްގު ގޮތް ގެނެސްދެއްވިއެވެ. އަދި އެ މީހުން ކުރެ ގިނަމީހުންނީ، ހައްގަށް ނުރުހޭބަޔެކެވެ.
އަދި ހައްގު އެ މީހުންގެ އެދުންތަކަށް ތަބާ ވީނަމަ، އުޑުތަކާއި، ބިމާއި، އެ ތާނގައި ވާހާ ބަޔަކު ފާސިދުވެ، ނުބައިވެގެން ހިނގައްޖައީހެވެ. އަދި ކިއެއް! ތިމަން އިލާހު އެ މީހުންނަށް ހަނދާންކޮށްދެނިވި ގުރްއާން ގެނެސްދެއްވީމެވެ. ފަހެ އެ މީހުންނީ އެ ގުރްއާނަށް ފުރަގަސްދީ އެނބުރިގަންނަ ބަޔެކެވެ.
ނުވަތަ ކަލޭގެފާނު، އެ މީހުންގެ ކިބައިން އުޖޫރައަކަށް އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ ކަލޭގެފާނުގެ ރައްބު ދެއްވާ ސަވާބު މާހެޔޮކަން ބޮޑެވެ. އަދި އެ އިލާހީ، ރިޒްގު ދެއްވާ އެންމެހެޔޮ އިލާހެވެ.
ހަމަކަށަވަރުން ކަލޭގެފާނު ސީދާވެގެންވާ ތެދުމަގަށް އެ މީހުންނަށް ގޮވައިލައްވާކަން ކަށަވަރެވެ.
އަދި ހަމަކަށަވަރުން އާޚިރަތަށް އީމާން ނުވާމީހުން، ތެދުމަގުން އެއްކިބާވެގެންވާކަން ކަށަވަރެވެ.
އެ މީހުންނަށް ތިމަން އިލާހު ރަހުމަތް ލައްވައި، އެ މީހުންގެ ކިބައިގައިވާ ދަތިކަން ތިމަން އިލާހު ފިއްލެވިނަމަވެސް، އެ މީހުންގެ މަގުފުރެދުމުގައި ދެވޭނުދެވޭތަނެއް ނޭނގޭގޮތުގައި، އެ މީހުން ދެމި ތިބީހެވެ.
ހަމަކަށަވަރުން ތިމަން އިލާހު އަޒާބު ދެއްވާ އެ މީހުން ހިއްޕެވީމެވެ. ދެންވެސް އެ މީހުންގެ ރައްބަށް، އެ މީހުން މަޑުމައިތިރިވެ، އަޅުކަންކޮށް ދުއާ ކޮށެއް ނަހަދައެވެ.
ގަދަފަދަވެގެންވާ އަޒާބެއްގެ ދޮރު، ތިމަން އިލާހު އެ މީހުންގެ މައްޗަށް ހުޅުއްވައިފުމަށް ދާންދެނެވެ. އެހާރުން އެ އަޒާބުގެ ތެރޭގައި އުއްމީދުކެނޑިގެންވާ ބަޔަކު ކަމުގައި އެ މީހުން ވާނެއެވެ.
އެ އިލާހީ، ތިޔަބައިމީހުންނަށް ޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި އިލާހެވެ. ތިޔަބައިމީހުން ޝުކުރުކުރަނީ، ވަރަށް ވެސް މަދުންނެވެ.
އަދި އެ އިލާހީ، ބިމުގައި ތިޔަބައިމީހުން އުފެއްދެވި އިލާހެވެ. އަދި (ގިޔާމަތް ދުވަހުން) ތިޔަބައިމީހުން އެއް ކުރައްވާހުށީ، އެ އިލާހުގެ ހަޒްރަތަށެވެ.
އަދި ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ އެ އިލާހެވެ. އަދި ރެއާއިދުވާލުގެ ތަފާތު ކުރެއްވުން މިލްކުވެގެންވަނީވެސް، އެ އިލާހަށެވެ. ފަހެ ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟
އަދި ކިއެއް! އިހުގެ މީހުން ބުނިފަދައިން، އެ މީހުން ބުންޏެވެ.
އެ މީހުން ބުންޏެވެ. ތިމަންމެން މަރުވެ، އަދި ވެއްޔާއި، ކަށްޓަށްވެއްޖެހިނދު، ހަމަކަށަވަރުން އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވާނޭހެއްޔެވެ؟
ހަމަކަށަވަރުން މީގެ ކުރިން ވެސް ތިމަންމެންނަށާއި، ތިމަންމެންގެ ކާބަފައިންނަށް، މި ކަންތައް ވައުދުކުރެއްވިއެވެ. އެވޭލާމީހުން ދައްކައި އުޅުނު ފުލޯކުވާހަކަތަކެއް ކަމުގައި، މެނުވީ މި ކަންތައް ނުވެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: ބިމާއި، އެ ތާނގައި ވާހާ ބަޔަކާއި،ތަކެއްޗެއް މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ތިޔަބައިމީހުން އެ ކަން ދަންނަކަމުގައި ވާނަމައެވެ.
އެ މީހުން ދަންނަވާނެއެވެ: (މިލްކުވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ: ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ: ހަތް އުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ ޢަރްޝުގެ ވެރިޔަކީ ކާކުހެއްޔެވެ؟
އެ މީހުން ދަންނަވާނެއެވެ: (ވެރިކަން ވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަގުވާވެރި ނުވަނީހެއްޔެވެ؟
ކަލޭގެފާނު ވިދާޅުވާށެވެ: އެ ފަރާތެއްގެ އަތްޕުޅުގައި އެންމެހާ ތަކެތީގެ މިލްކުވެރިކަންވާ، އަދި (އެންމެހާ ތަކެތި) ރައްކާތެރިކުރައްވާ ފަރާތަކީ އެއީ ކަމުގައިވާ، އަދި އެ ފަރާތާ ދެކޮޅަށް (އެއްވެސް މީހަކަށް) ރައްކާތެރިކަމެއް ނުދެވޭނެ ފަރާތަކީ ކޮބައިހެއްޔެވެ؟ ތިޔަބައިމީހުން (އެ ކަން) ދަންނަކަމުގައި ވާނަމައެވެ.
އެ މީހުން ދަންނަވާނެއެވެ. (މިލްކުވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުންނަށް (އެ ކަންކަން) އޮޅެނީ ކޮންފަދައަކުންހެއްޔެވެ؟
އަދި ކިއެއް! އެ މީހުންގެ ގާތަށް ތިމަން އިލާހު ހައްގު ގޮތް ގެނެސްދެއްވީމެވެ. އަދި ހަމަކަށަވަރުން އެ މީހުންނީ ދޮގުހަދާ ބަޔެއްކަން ކަށަވަރެވެ.
ﷲ، އެއްވެސް ދަރިކަލަކު ނުހިއްޕަވައެވެ. އަދި އެ އިލާހާއެކު، އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެހެންވީނަމަ، ކޮންމެ އިލާހަކުމެ، އެ އިލާހަކު ހެދިތަކެއްޗާއިގެން ހިނގައްޖައީހެވެ. އަދި އޭގެ އެއްބަޔަކު އަނެއް ބަޔަކަށްވުރެ މަތިވެރިވެގެން ހިނގައްޖައީސްކަން ކަށަވަރެވެ. އެ މީހުން އެ ސިފަކުރާ ގޮތްތަކުން ﷲ ހުސްތާހިރު ވެވޮޑިގެންވެއެވެ.
(އެ އިލާހީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ. ފަހެ އެ މީހުން ޝަރީކުކުރާ ތަކެއްޗަށްވުރެ އެ އިލާހު މަތިވެރިވެ ވޮޑިގެންވެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ: އަޅުގެ ރައްބެވެ. ހަމަކަށަވަރުން އެ މީހުންނަށް ވައުދު ކުރައްވާ ކަންތައް، އިބަ އިލާހު މި އަޅާއަށް ދެއްކެވި ނަމަވެސް،
އަޅުގެ ރައްބެވެ. ފަހެ އަނިޔާވެރިވީ މީހުންގެ ތެރޭގައި މި އަޅާ ނުލައްވާނދޭވެ.
ހަމަކަށަވަރުން އެ މީހުންނަށް ތިމަން އިލާހު ވައުދު ކުރައްވާ ކަންތައް ކަލޭގެފާނަށް ދެއްކެވުމަށް ތިމަން އިލާހު ކުޅަދުންވަންތަކަން ކަށަވަރެވެ.
އެންމެހެޔޮ ރިވެތިގޮތުން ކަލޭގެފާނު ނުބައިކަންތައް ދުރުކުރައްވާށެވެ. އެ މީހުން ބުނެ ސިފަކުރާ ގޮތްތައް، ތިމަން އިލާހު ދެނެވޮޑިގަތުން ބޮޑެވެ.
އަދި ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ރައްބެވެ. ޝައިތާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަ އިލާހުގެ ހަޒްރަތުން، މި އަޅާ ރައްކާތެރިކަން ލިބިގަންނަމެވެ.
އަދި އަޅުގެ ރައްބެވެ. އެ ޝައިތާނުން މި އަޅާގެ ގާތަށް ހާޒިރު ވެދާނެކަމަށް ޓަކައި އިބަ އިލާހުގެ ހަޒްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.
އެ މީހުން ކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާންދެނެވެ. އެ ހިނދު އޭނާ ބުނެއެވެ. އަޅުގެ ރައްބެވެ. މި އަޅާ (ދުނިޔޭގެ ހަޔާތަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ.
(އެއީ) ތިމަންފަހަތަށް ދޫކުރި ކަންތަކުގައި ސާލިހު އަމަލުކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެ މީހުންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެ މީހުން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާންދެނެވެ.
ފަހެ ތާޅަފިލި ފުމެލައްވައިފިހިނދު، ފަހެ އެ މީހުންގެ މެދުގައި އެ ދުވަހަކުން ނަސަބުތަކެއް ނޯންނާނެއެވެ. އަދި އެކަކު އަނެކެއްގެ ކިބައިން ކަންތަކަށްއެދި ސުވާލެއްވެސް ނުކުރާނޭމެއެވެ.
ފަހެ އެ މީހެއްގެ (ހެޔޮ އަމަލުތަކުގެ) ތިލަފަތްތައް ބަރުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނަކީ ހަމަ ކާމިޔާބުވާނެ މީހުންނެވެ.
އަދި އެ މީހެއްގެ (ހެޔޮ އަމަލުތަކުގެ) ތިލަފަތްތައް ލުއިވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ އެ މީހުންގެ ނަފްސުތައް، ނަގައިލި މީހުންނެވެ. ނަރަކައިގައި އެ މީހުން ދެމިތިބޭނެތެވެ.
ނަރަކައިގެ އަލިފާން އެ މީހުންގެ މޫނުތައް އަންދާނެއެވެ. އަދި އެ މީހުން އެ ތާނގައި ރުޅިމޫނު ހަދާގެން ތިބޭނެތެވެ.
(އެ މީހުންނަށް އަންގަވާނެއެވެ.) ތިމަން އިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް ކިޔަވައިދެވޭ ކަމުގައި ނުވޭހެއްޔެވެ؟ ފަހެ ތިޔަބައިމީހުން އެ އާޔަތްތައް ދޮގުކުރާކަމުގައި ވީމުއެވެ.
އެ މީހުން ދަންނަވާނެއެވެ. އަޅަމެންގެ ރައްބެވެ. ތިމަންމެންގެ އަބާއްޖަވެރިކަން ތިމަންމެންގެ މައްޗަށް ގަދަވެގަތީއެވެ. އަދި މަގުފުރެދިގެންވާ ބަޔަކު ކަމުގައި ތިމަންމެން ވީމުއެވެ.
އަޅަމެންގެ ރައްބެވެ. ތިމަންމެން އެ ނަރަކައިން ނެރުއްވައިފާނދޭވެ. ފަހެ ތިމަންމެން (ކާފިރުކަމުގެ ތެރެއަށް) އެނބުރި ހިނގައްޖެނަމަ، ފަހެ ހަމަކަށަވަރުން ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ.
އެ އިލާހު ވަހީ ކުރައްވާނެއެވެ. ތިޔަބައިމީހުން ނިކަމެތިކަމާއެކު ހިމޭންވެ އެތާތިބޭށެވެ! އަދި ތިޔަބައިމީހުން، ތިމަން އިލާހުގެ ހަޒްރަތަށް ބަސް ނުދަންނަވާށެވެ.
ހަމަކަށަވަރުން ތިމަން އިލާހުގެ އަޅުންގެ ތެރެއިން ބަޔަކުވިއެވެ. އެ މީހުން ބުނެއެވެ. އަޅަމެންގެ ރައްބެވެ. އަޅަމެން އީމާން ވެއްޖައީމުއެވެ. ފަހެ އަޅަމެންނަށް ފާފަ ފުއްސަވައި، އަޅަމެންނަށް ރަހުމަތް ލައްވާނދޭވެ. އިބަ އިލާހީ، ރަހުމަތް ލައްވާ އެންމެހެޔޮ އިލާހެވެ.
ފަހެ އެ މީހުންނީ، ފުރައްސާރަކުރެވޭ ބަޔެއްކަމުގައި ތިޔަބައިމީހުން ހަދާފީމުއެވެ. ތިމަން އިލާހު ހަނދުމަކުރުންމަތިން އެ މީހުން ތިޔަބައިމީހުން ހަނދުމަނެތިކޮށްފުމަށް ދާންދެނެވެ. އަދި އެ މީހުންނާމެދު މަލާމާތްކޮށް، ހޭނ ބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ.
އެ މީހުން ކެތްތެރިވިކަމަށް ޓަކައި، މިއަދު ހަމަކަށަވަރުން ތިމަން އިލާހު އެ މީހުންނަށް (ހެޔޮ) ޖަޒާދެއްވީމެވެ. ހަމަކަށަވަރުން އެ މީހުންނީ، ހަމަ ނަސީބުވެރިންނެވެ.
އެ އިލާހު ވަހީ ކުރައްވާނެއެވެ. ތިޔަބައިމީހުން ކިތައް އަހަރު ބިމުގައި ތިބީމުހެއްޔެވެ؟
އެ މީހުން ދަންނަވާނެއެވެ. ތިމަންމެން ތިބީ، އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ. ފަހެ ހިސާބުކޮށް އަދަދުކުރާ މީހުންނާ ސުވާލު ކުރައްވާށެވެ.
އެ އިލާހު ވަހީ ކުރައްވާނެއެވެ. ދާދި ކުޑަ ދުވަސްކޮޅަކު މެނުވީ، ތިޔަބައިމީހުން ލަސްވެ ނުތިބެމުއެވެ. ތިޔަބައިމީހުންނަށް އެ ކަން އެނގޭކަމުގައި ވީނަމައެވެ.
ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން ތިޔަބައިމީހުން ތިމަން އިލާހުގެ ހަޒްރަތަށް ރުޖޫއަ ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ ހީކުޅައީހެއްޔެވެ؟
ފަހެ ރަސްވަންތަ، ހައްގުވަންތަ ﷲ، މަތިވެރިވެވޮޑިގެންފިއެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ހައްގުވާ) އިލާހަކު ނެތެވެ. އެއީ މާތްވެގެންވާ ޢަރްޝުގެ ރައްބެވެ.
އަދި ﷲ އާއެކު އެހެން އިލާހަކަށް އަޅުކަންކޮށް އުޅޭ މީހަކު، އެ ކަމުގެ މައްޗަށް އެ މީހަކަށް (ލިބޭނޭ) އެއްވެސް ދަލީލެއް ނެތެވެ. ފަހެ އެ މީހެއްގެ ހިސާބު ބެއްލެވުންވާކަން ކަށަވަރީ އެ މީހާގެ ރައްބުގެ ހަޒްރަތުގައެވެ. ހަމަކަށަވަރުން ކާފިރުންނެއް ކާމިޔާބެއް ނުވާނެއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ރައްބެވެ. ފާފަ ފުއްސަވައި ރަހުމަތް ލައްވާނދޭވެ. އިބަ އިލާހީ، ރަހުމަތް ލައްވާ، އެންމެހެޔޮ އިލާހެވެ.