އާލަމްތަކަށް އިންޒާރުކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެ އިލާހުގެ އަޅާއަށް ފުރްގާން (އެބަހީ: ހައްގާއި ބާތިލު ވަކިކުރަނިވި ގުރްއާން) ބާވައިލެއްވި އިލާހު ބަރަކާތްތެރިވެ މަތިވެރިވެ ވޮޑިގެންވެއެވެ.
އެ އިލާހީ، އުޑުތަކާއި، ބިމުގެ ވެރިކަން އެ އިލާހަށް މިލްކު ވެގެންވާ އިލާހެވެ. އަދި އެ އިލާހު ދަރިކަލަކު ނުހިއްޕަވައެވެ. އަދި ވެރިކަމުގައި އެ އިލާހަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެ އިލާހު ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ އެ އިލާހު އެ ތަކެތި ވަރަށް ފުރިހަމައަށް މިންވަރު ކުރެއްވިއެވެ.
އެ މުޝްރިކުން، އެ އިލާހު ފިޔަވާ އެހެން އިލާހުންތަކެއް ނެގިއެވެ. އެ އިލާހުންތައް، އެއްވެސް އެއްޗެއް ނުއުފައްދާ ހާލު، ޚުދު އެ ތަކެތި ވެސް ވަނީ އުފެއްދިގެންނެވެ. އަދި އެ ތަކެތީގެ އަމިއްލަ ނަފްސުތަކަށް ގެއްލުމެއް ދިނުމެއް ވެސް އަދި މަންފާކުރުމެއް ވެސް، އެ ތަކެއްޗަކަށް މިލްކުވެގެނެއް ނުވެއެވެ. އަދި މަރުގެންނެވުމެއް ވެސް، އަދި ދިރުވުމެއް ވެސް، އަދި އަލުން ދިރުމަކަށް ފޮނުވުމެއް ވެސް، އެ ތަކެއްޗަށް މިލްކުވެގެނެއް ނުވެއެވެ.
ކާފިރުވި މީހުން ބުންޏެވެ. އެކަލޭގެފާނު (އަމިއްލަފުޅަށް) އުފައްދަވައިގެން އުޅުއްވާ ދޮގެއްކަމުގައި މެނުވީ، މި ގުރްއާން ނުވެއެވެ. އަދި އެ ކަމުގެމައްޗަށް އެހެން ބަޔަކު އެކަލޭގެފާނާ އެހީވިއެވެ. ފަހެ ހަމަކަށަވަރުން އެ މީހުން އެ ގެނައީ، އަނިޔާވެރިވުމެކެވެ. އަދި ބޮޑުވެގެންވާ ދޮގެކެވެ.
އަދި އެ މީހުން ބުންޏެވެ. (އެއީ) އެކަލޭގެފާނު މީހުންލައްވައި ލިޔުއްވާފައިވާ، އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެކެވެ. ފަހެ އެ ތަކެތި ހެނދުނާއި ހަވީރު، އެކަލޭގެފާނަށް ކިޔައިދެތެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެ ގުރްއާން ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ އިލާހެވެ. ހަމަކަށަވަރުން ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހަކު ކަމުގައި، އެ އިލާހު ވޮޑިގެންވެއެވެ.
އަދި އެ މީހުން ބުންޏެވެ. މި ރަސޫލާއަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު ކާތަކެތި ފަރީއްކުޅުއްވައެވެ. އަދި ބާޒާރުތަކުގައި ހިންގަވައި އުޅުއްވައެވެ. ފަހެ އެކަލޭގެފާނުގެ އަރިހުގައި އިންޒާރުކުރައްވާ އުޅުއްވުމަށް، އެކަލޭގެފާނުގެ އަރިހަށް މަލާއިކަތަކު ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟
ނުވަތަ އެކަލޭގެފާނަށް ޚަޒާނާއެއް ބާވައިނުލެއްވީ، ނުވަތަ އެކަލޭގެފާނު އެ ތަނުން ފަރީއްކުޅުއްވައި އުޅުއްވުމަށް، އެކަލޭގެފާނަށް ބަގީޗާއެއް ނެތީ ކީއްވެގެންހެއްޔެވެ؟ އަދި އަނިޔާވެރިން ބުންޏެވެ. ޖާދޫޖެހި، ބުއްދި އޮޅިފައިވާ މީހަކަށް މެނުވީ ތިޔަބައިމީހުން ތަބައެއް ނުވަމުއެވެ.
ކަލޭގެފާނާމެދު އެ މީހުން މިސާލުޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. ފަހެ އެ މީހުން މަގުފުރެދިއްޖެއެވެ. ފަހެ މަގެއް ހޯދުމަކަށް އެ މީހުންނަކަށް ކުޅަދާނަވެގެނެއް ނުވެއެވެ.
އެ އިލާހު އިރާދަ ކުރެއްވި ނަމަ އިބަ ނަބިއްޔާއަށް އެއަށްވުރެ މާ ހެޔޮ ގޮތެއް ލައްވަން (ކުޅަދުންވަންތަ) އިލާހު، ބަރަކާތްތެރިވެ މަތިވެރިވެ ވޮޑިގެންވެއެވެ. (އެ ގޮތުން) އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ބަގީޗާތައް (ލެއްވީހެވެ.) އަދި އިބަ ނަބިއްޔާއަށް ޓަކައި ގަނޑުވަރުތައް ލެއްވީހެވެ.
އަދި ކިއެއް! އެ މީހުން ގިޔާމަތުގެ ވަގުތު ދޮގުކުރިއެވެ. އަދި ގިޔާމަތުގެ ވަގުތު ދޮގުކުޅަމީހަކަށް، އަނދައަނދާ ހުންނަ ނަރަކަ ތިމަން އިލާހު ތައްޔާރު ކުރެއްވީމެވެ.
ދުރުހިސާބަކުން އެ ނަރަކައަށް އެ މީހުން ފެންނަހިނދު، ރުޅިއައިސް ކެކިއަރާ އަޑާއި، މާނޭވާގެ އަޑު، އެ ނަރަކައިން އެ މީހުންނަށް އިވޭނެއެވެ.
އަދި އެ މީހުންގެ އަތްތަކުގައި، ކަސްތޮޅު އަޅުއްވާފައިވާ ހާލު، އެ ނަރަކައިގެ ތެރެއިން ދަތިތަނަކަށް އެ މީހުން އެއްލަވާހިނދު، އެ މީހުން އެ ތާނގައި ހަލާކުވުމަށްއެދި ގޮވާނެއެވެ.
މިއަދު ތިޔަބައިމީހުން އެންމެ ހަލާކަކަށްއެދި ނުގޮވާށެވެ. އަދި އެތައް ހަލާކުތަކަކަށްއެދި ތިޔަބައިމީހުން ގޮވާށެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ހެޔޮކަންބޮޑީ އެ ގޮތްހެއްޔެވެ؟ ނުވަތަ ތަގުވާވެރިންނަށް ވައުދު ކުރައްވާފައިވާ، ދެމިތިބުމުގެ ސުވަރުގެހެއްޔެވެ؟ އެ މީހުންނަށް ޖަޒާއެއްކަމުގައި އެ ސުވަރުގެ ވެއެވެ. އަދި އެންމެފަހުން ރުޖޫއަ ވަނިވި ތަނެއްކަމުގައިވެސް (އެ ތަން) ވޭމެއެވެ.
އެ މީހުން އެދޭހާ ކަމެއް އެ ސުވަރުގޭގައި އެ މީހުންނަށް ހުއްޓެވެ. ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ރައްބުގެ ހަޒްރަތުން (އެ މީހުންނަށް) ފުއްދަވާނޭ ވައުދެއް ކަމުގައި އެ ކަންތައް ވިއެވެ.
އަދި ﷲ ފިޔަވާ އެ މީހުން އަޅުކަންކުރާތަކެއްޗާއެކު، އެ މީހުން މަހުޝަރަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ އެ އިލާހު ވަހީ ކުރައްވާނެއެވެ. ތިމަން އިލާހުގެ މިތިބަ އަޅުން މަގުފުރެއްދީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ މީހުން (އަމިއްލައަށް) މަގުފުރެދުނީހެއްޔެވެ؟
އެ މީހުން ދަންނަވާނެއެވެ. އިބަ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އިބަ އިލާހު ފިޔަވާ އެހެން އެހީތެރި ފަރާތްތަކެއް ހިފުމަކީ، ތިމަންމެންނަށް އެކަށީގެންވާ ކަމެއްކަމުގައި ނުވެއެވެ. އެހެނެއްކަމަކު، އިބަ އިލާހު އެ މީހުންނަށާއި، އެ މީހުންގެ ކާބަފައިންނަށް ފަސޭހަ ދިރިއުޅުމާއި، ނިއުމަތް ދެއްވީމުއެވެ. ވައުޒާއި ނަސޭހަތުގެ މަތިން އެ މީހުން ހަނދާން ނައްތައިފުމަށް ދާންދެނެވެ. އަދި ގެއްލި ހަލާކުވި ބަޔަކު ކަމުގައި، އެ މީހުން ވިއެވެ.
ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ބުނެއުޅުނު ބަސްތަކުން (އެބަހީ: އެ މީހުންނަކީ، ތިޔަބައިމީހުންގެ އިލާހުން ކަމަށް ބުނެއުޅުނު ބަސްތަކުން) އެ މީހުން (އެބަހީ: އެއަޅުކަންވެވުނު ފަރާތްތައް) ތިޔަބައިމީހުން ދޮގުކުރިއެވެ. ފަހެ އަޒާބު ދުރުކުރުމަކަށް، ނުވަތަ ނަސްރު ލިބިގަތުމަކަށް، ތިޔަބައިމީހުންނަކަށް ކުޅަދާނަވެގެނެއް ނުވެއެވެ. ތިޔަބައިމީހުންކުރެ އަނިޔާވެރިވާ މީހާ (ދަންނާށެވެ.) ބޮޑުވެގެންވާ އަޒާބުގެ ރަހަ، ތިމަން އިލާހު އެ މީހަކަށް ދައްކަވާހުށީމެވެ.
ހަމަކަށަވަރުން ކާތަކެތި ފަރީއްކުޅުއްވައި، ބާޒާރުތަކުގައި ހިންގަވައި އުޅުއްވާ ބޭކަލުން މެނުވީ، ކަލޭގެފާނުގެ ކުރިންވެސް ރަސޫލުންގެ ތެރެއިން އެއްވެސް ރަސޫލަކު ތިމަން އިލާހު ނުފޮނުއްވަމެވެ. އަދި ތިމަން އިލާހު ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އިމްތިހާނެއްކަމުގައި ލެއްވީމެވެ. ތިޔަބައިމީހުން ކެތްކުރަމުހެއްޔެވެ؟ އަދި ކަލޭގެފާނުގެ ރައްބު މޮޅަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައިވެއެވެ.
ތިމަން އިލާހާ ބައްދަލުވުމަށް ނޭދޭމީހުން ބުންޏެވެ. ތިމަންމެންގެ މައްޗަށް މަލާއިކަތުން ބާވައިނުލެއްވީ، ނުވަތަ ތިމަންމެންގެ ރައްބު ތިމަންމެންނަށް ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން އެ މީހުންގެ ނަފްސުތަކާމެދު އެ މީހުން ބޮޑާވެގަތޫއެވެ. އަނިޔާވެރިކަމުގައި ބޮޑުވެގެންވާ ހައްދުފަހަނަޅައިދިޔުމަކުން އެ މީހުން ހައްދުފަހަނަޅައި ދިޔައެވެ.
އެ މީހުން މަލާއިކަތުން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެ ދުވަހުން ކުށްވެރިންނަކަށް އުފާވެރިޚަބަރެއް ނެތެވެ. އަދި އެ މަލާއިކަތުން ވިދާޅުވާނެއެވެ. ހަރާމުން ޙަރާމެވެ. (އެބަހީ: ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެއާއި، މަޣުފިރަތާއި، އުފާވެރި ޚަބަރު، ހަރާމް ވެގެންވެއެވެ.)
އަދި އަމަލުގެ ތެރެއިން އެ މީހުން ކުރި ކަންތަކަށް، ތިމަން އިލާހު ބައްލަވައި، އެ އަމަލުތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.
އެ ދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ އަހުލުވެރިން ހެޔޮކަން ބޮޑެވެ. އަދި ގަރާރުވެ ތިބޭ ތަނުގެ ގޮތުންވެސް ރަނގަޅުކަން ބޮޑުމެއެވެ.
ވިލާތަކާއެކު އުޑު ފަޅަފަޅައިގެންދާ ދުވަސް ހަނދުމަކުރާށެވެ! އަދި ގިނަ އަދަދަކަށް އެ ދުވަހު މަލާއިކަތުން ބާވައިލައްވާނެއެވެ.
އެ ދުވަހު ހަގީގީ ވެރިކަންވަނީ އައްރަޙްމާނަށެވެ. އަދި ކާފިރުންގެ މައްޗަށް ދަތިކަން ބޮޑު ދުވަހެއްކަމުގައި އެދުވަސްވެއެވެ.
އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެ ދުވަހުން) ބުނާނެއެވެ. އޭ ސަހަރޯއެވެ! ރަސޫލާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟
އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ!
ހަމަކަށަވަރުން ތިމަންނާއާހަމައަށް އެ ގުރްއާން އައުމަށް ފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއް ކަމުގައި ޝައިތާނާ ވެއެވެ.
ރަސޫލާ ވިދާޅުވިއެވެ: އޭ އަޅުގެ ރައްބެވެ. ހަމަކަށަވަރުން މި އަޅާގެ ގައުމުގެ މީހުން، މި ގުރްއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއް ކަމުގައި ހަދާފިއެވެ.
ހަމަ އެފަދައިން، ތިމަން އިލާހު ކޮންމެ ނަބިއްޔަކަށް ކުށްވެރިންގެ ތެރެއިން އަދުއްވަކު ލެއްވީމެވެ. ތެދުމަގު ދައްކަވާ އިލާހަކު ކަމުގައްޔާއި، މޮޅަށް ނަސްރު ދެއްވާ އިލާހަކު ކަމުގައި ކަލޭގެފާނުގެ ރައްބު ފުދެއެވެ.
ކާފިރުވި މީހުން ބުންޏެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ ގުރްއާން ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެފަދައިންނެވެ. (އެބަހީ: ތިމަން އިލާހު ގުރްއާން ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ.) އެއީ ތިމަން އިލާހު އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށް ޓަކައެވެ. އަދި ތިމަން އިލާހު އެ ގުރްއާން ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ.
އަދި އެ މީހުންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިސާލެއް ނުގެނެވޭނެއެވެ. އެހެނެއްކަމަކު، ތިމަން އިލާހު ކަލޭގެފާނަށް ހައްގު ބަސްފުޅު ގެނެސްދެއްވާ، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ.
އެ މީހުންގެ މޫނުވަތަށް ނަރަކައަށް އެއް ކުރައްވާ މީހުން ދަންނާށެވެ. އެ މީހުންނީ ތިބޭތަނުގެ ގޮތުން ނުބައިވެގެންވާ ބަޔެކެވެ. އަދި މަގުފުރެދުންވެސް ބޮޑުވެގެންވާ ބަޔެއްމެއެވެ.
ހަމަކަށަވަރުން މޫސާގެފާނަށް ތިމަން އިލާހު ފޮތް ދެއްވީމެވެ. އަދި ތިމަން އިލާހު އެކަލޭގެފާނާއެކު، އެކަލޭގެފާނުގެ އަޚު، ހާރޫނުގެފާނު ވަޒީރަކު ކަމުގައި ލެއްވީމެވެ.
ފަހެ ތިމަން އިލާހު ވަހީ ކުރެއްވީމެވެ. ތިމަން އިލާހުގެ އާޔަތްތައް ދޮގުކުޅަމީހުންގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ. ފަހެ ތިމަން އިލާހު އެ މީހުން ހަލާކު ކުރައްވާ ނެތިކުރެއްވީމެވެ.
އަދި ނޫޙުގެފާނުގެ ގައުމުގެ މީހުން، ރަސޫލުން ދޮގުކުޅަހިނދު، ތިމަން އިލާހު އެ މީހުން ޣަރަގުކުރެއްވީމެވެ. އަދި މީސްތަކުންނަށް އިބްރަތެއްކަމުގައި ތިމަން އިލާހު އެ މީހުން ލެއްވީމެވެ. އަދި އަނިޔާވެރިންނަށް ޓަކައި، ވޭންދެނިވި އަޒާބު ތިމަން އިލާހު ތައްޔާރު ކުރެއްވީމެވެ.
އަދި ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުންނާއި، ރައްސުގެ އަހުލުވެރިންނާއި، އެ ދެމެދުގައިވާ އެތައް ޖީލުތަކެއްވެސްމެއެވެ. (ނޯޓު: ރައްސުގެ އަހުލުވެރިންނީ، ނަޖުދު ކަރައިގެ ޔަމާމާ ކިޔާ ރަށުގައި އުޅުނު ބަޔެއްކަމަށް ވެއެވެ.)
އެއިން ކޮންމެ ބަޔަކަށްމެ، ތިމަން އިލާހު މިސާލުތައް ދައްކަވައި، އިންޒާރުކުރެއްވީމެވެ. އަދި ތިމަން އިލާހު އެއިން ކޮންމެ ބަޔަކުމެ، ހަލާކު ކުރައްވާ، ނެތިކުރެއްވީމެވެ.
ހަމަކަށަވަރުން ނުބައިކަމުގެ ވާރެއިން ވާރޭވެހުނު ރަށް (އެބަހީ: ލޫޠު ބާގައިމީހުން އުޅުނު ސަދޫމެވެ ކިޔާ ރަށް) ކަޑައްތުކޮށް އެ މީހުން އައެވެ. ފަހެ އެ މީހުން އެ ތަން ދެކޭކަމުގައި ނުވޭހެއްޔެވެ؟ އަދި ކިއެއް! އަލުން ދިރުއްވުމަކަށް ފޮނުއްވާނެ ކަމާމެދު، ބިރުވެތިނުވާ ބަޔަކު ކަމުގައި އެ މީހުން ވިއެވެ.
އަދި އެ މީހުން ކަލޭގެފާނު ދެކޭ ހިނދު، އެ މީހުން ކަލޭގެފާނަށް ފުރައްސާރަ ނޫނީ ނުކުރެއެވެ. (އަދި ބުނެއެވެ.) ﷲ، ރަސޫލަކު ކަމުގައި ފޮނުއްވި ބޭކަލަކީ މިއީހެއްޔެވެ؟
އެ ކަމުގެ މައްޗަށް ތިމަންމެން ކެތްނުކުޅަނަމަ، ތިމަންމެންގެ އިލާހުންތައް ފިޔަވާ ހަމަކަށަވަރުން އޭނާ ތިމަންމެން މަގުފުރެއްދުމާ ގާތްކުޅައީސްކަން ކަށަވަރެވެ. އަދި އެ މީހުން އަޒާބު ދެކޭ ހިނދު، މަގުފުރެދުންބޮޑީ ކޮންބަޔެއްކަން އެ މީހުންނަށް ނިކަންހުރެ އެނގޭނެއެވެ.
އެ މީހެއްގެ އެދުންތައް އެއީ، އެ މީހެއްގެ އިލާހުކަމުގައި ހެދިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ފަހެ އޭނާ ބަލަހައްޓާ ވަކީލަކު ކަމުގައި، ކަލޭގެފާނު ވާނެތޯއެވެ؟
ނުވަތަ އޭގެ ތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅު ކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެ މީހުން ނުވެއެވެ. އަދި ކިއެއް! އެއަށްވުރެވެސް އެ މީހުން މަގުފުރެދުން ބޮޑެވެ.
ކަލޭގެފާނުގެ ރައްބު ހިޔަނި ފަތުރުއްވާފައިވަނީ ކޮންފަދައަކުންކަން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި އެ އިލާހު އިރާދަ ކުރެއްވިނަމަ، ހިމޭންވެހުންނަ އެއްޗެއް ކަމުގައި އެ ހިޔަނި ލައްވައިފީހެވެ. ދެން އެ ހިޔަނީގެ މައްޗަށް ދަލީލެއްކަމުގައި ތިމަން އިލާހު އިރު ލެއްވީމެވެ.
ދެން ތިމަން އިލާހުގެ ހަޒްރަތަށް މަޑުމަޑުން ހިއްޕަވާ ހިއްޕެވުމަކުން، އެ ހިޔަނި ހިއްޕަވައި ނެތިކުރައްވަމެވެ.
އެ އިލާހީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭވަގުތެއްކަމުގައި ލެއްވި އިލާހެވެ.
އަދި އެ އިލާހުގެ ރަހުމަތުގެ ކުރިއަށް (އެބަހީ: ވާރޭގެ ކުރިއަށް) އުފާވެރި ޚަބަރެއްގެގޮތުގައި، ވައިރޯޅި ފޮނުއްވީވެސް އެ އިލާހެވެ. އަދި ތާހިރުކުރަނިވި ފެން ތިމަން އިލާހު އުޑުން ބާވައިލެއްވީމެވެ.
(އެއީ) މަރުވެފައިވާ ރަށެއް، އެ ފެނުން އަލުން ދިރުއްވުމަށާއި، އަދި ތިމަން އިލާހު ހައްދަވާފައިވާ ތަކެތީގެ ތެރެއިން ޖަނަވާރުތަކަށާއި، ގިނަ އިންސާނުންނަށް އެ ފެން ބޯންދެއްވުމަށެވެ.
އަދި ހަމަކަށަވަރުން ތިމަން އިލާހު އެ ފެން، އެ މީހުންގެ މެދުގައި، އެއްތަނުން އަނެއްތަނަށް ބަދަލު ކުރެއްވީމެވެ. އެ މީހުން އެ ކަން ހަނދުމަކުރުމަށް ޓަކައެވެ. ފަހެ މީސްތަކުންކުރެ ގިނަމީހުން، ދެކޮޅުވެރިވެ، ކާފިރު ވުން މެނުވީ ގަބޫލެއް ނުކުރިއެވެ.
އަދި ތިމަން އިލާހު އިރާދަ ކުރެއްވިނަމަ، ކޮންމެ ރަށަކަށް އިންޒާރުކުރައްވާ ބޭކަލަކު ތިމަން އިލާހު ފޮނުއްވީމުހެވެ.
ފަހެ ކާފިރުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައި ނުގަންނަވާށެވެ. އަދި އެ ގުރްއާނުން ބޮޑުވެގެންވާ ޖިހާދަކުން ކަލޭގެފާނު އެ މީހުންނާ ޖިހާދު ކުރައްވާށެވެ.
އަދި އެ އިލާހީ، ދެ ކަނޑު އެއްކުރެއްވި (އެބަހީ: ކޯރުފެނާއި ކަނޑުގެ ލޮނުގަނޑު އެކުއެކުގައި ހިނގާގޮތަށްލެއްވި) އިލާހެވެ. މިއީ މީރުކަންބޮޑު މީރު ފެނެވެ. އަދި މިއީ ލޮނުކަން ގަދަ ލޮނު ފެނެވެ. އަދި އެ އިލާހު އެ ދެ ކަނޑު ދެމެދުގައި، ހުރަހެއްލައްވައި، އަދި އެ ދެމެދު މަނާކުރަނިވި ފަރުދާއެއް ލެއްވިއެވެ.
އަދި އެ އިލާހީ ފެނުން (އެބަހީ: މަނިފޮދަކުން) އިންސާނާ ހެއްދެވި އިލާހެވެ. ފަހެ އެ އިލާހު އެ އިންސާނާގައި، ނަސަބާއި، ޅިޔަން ފަހަރިކަމުގެ ގުޅުން ލެއްވިއެވެ. އަދި ކުޅަދުންވަންތަ އިލާހަކު ކަމުގައި، ކަލޭގެފާނުގެ ރައްބު ވޮޑިގެންވެއެވެ.
އެ މީހުން ﷲ ފިޔަވާ އަޅުކަން ކުރަނީ، އެ މީހުންނަށް މަންފާއެއް ނުކުރާ، އަދި އެ މީހުންނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށެވެ. ކާފިރުވި މީހާ، އޭނާގެ ރައްބާ ދެކޮޅުހެދުމަށް، (ޝައިތާނާއަށް) އެހީތެރިޔަކު ކަމުގައިވެއެވެ.
އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، އަދި އިންޒާރުކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަން އިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. އެ ކަމުގެ މައްޗަށް (އެބަހީ: ރަސޫލުކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. އެހެނެއްކަމަކު، އެ މީހެއްގެ ރައްބުގެ ހަޒްރަތަށް މަގެއްހިފުމަށް އެދޭ މީހާ، އެފަދަ މަގެއް ހޯދައިފާހުށިކަމެވެ.
އަދި އަވަހާރަވުމެއްނުވާ، ދިރިދެމިވޮޑިގެންވާ އިލާހަށް ކަލޭގެފާނު ވަކީލު ކުރައްވާށެވެ. އަދި އެ އިލާހަށް ހަމްދާއެކު، ތަސްބީހަ ވިދާޅުވާށެވެ. އެ އިލާހުގެ އަޅުތަކުންގެ ފާފަތަކުގެ ޚަބަރު މޮޅަށް ދެނެވޮޑިގެންވާ އިލާހަކު ކަމުގައި އެ އިލާހު ފުދެއެވެ.
އެ އިލާހީ، އުޑުތަކާއި ބިމާއި އެ ދެމެދުގައި ވާހާ އެއްޗެއް، ހަ ދުވަހުގެ ތެރޭގައި ހެއްދެވި އިލާހެވެ. ދެން ޢަރްޝުގެ މައްޗަށް އެ އިލާހު އިސްތަވާވެ އަރައިވޮޑިގެންނެވިއެވެ. އައްރަޙްމާނެވެ. ފަހެ އެ އިލާހާމެދު މޮޅަށް ޚަބަރު ދަންނަ ފަރާތަކާ ކަލޭގެފާނު ސުވާލު ކުރައްވާށެވެ.
އަދި އައްރަޙްމާނަށް ތިޔަބައިމީހުން ސަޖިދަކުރާށޭ އެ މީހުންނަށް ވިދާޅުވި ހިނދު، އެ މީހުން ބުންޏެވެ. އައްރަޙްމާނަކީ ކޮންއެއްޗެއްހޭ؟ ކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވާ އެއްޗަކަށް ތިމަންމެން ސަޖިދަކުރާނެހެއްޔެވެ؟ އަދި އެ މީހުންގެ ނަފުރަތުދިޔައީ އިތުރުވެގެންނެވެ.
އުޑުގައި ބުރުޖުތަކެއް ލައްވައި، އަދި އެ ތާނގައި ވޮށަކާއި، އަލިކުރާ ހަނދެއްލެއްވި އިލާހު ބަރަކާތްތެރިވެ މަތިވެރިވެވޮޑިގެންވެއެވެ.
އަދި އެ އިލާހީ، ރެއާއި ދުވާލު އެކައްޗަކަށް ފަހު، އަނެކައްޗެއް އަންނަގޮތުގައި ލެއްވި އިލާހެވެ. އެއީ ހަނދުމަކުރުމަށް އެދޭމީހަކަށް، ނުވަތަ ޝުކުރުވެރިވުމަށް އެދޭމީހަކަށްޓަކައެވެ.
އައްރަޙްމާނުގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭ މީހުންނެވެ. އަދި އެ މީހުންނާ ޖާހިލުން މުޚާތަބުކޮށްވާހަކަދައްކައިފި ހިނދަކު، އެ މީހުން ސަލާމް އޭ ބުނެއެވެ.
އަދި އެ މީހުންނީ، އެ މީހުންގެ ރައްބަށް އަޅުކަން ކުރުމަށް، ސަޖިދަކުރުމުގައްޔާއި، ގިޔާމަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ.
އަދި އެ މީހުންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ރައްބެވެ. ނަރަކައިގެ އަޒާބު، އަޅަމެންގެ ކިބައިން ދުރުކުރައްވާފާނދޭވެ. ހަމަކަށަވަރުން އެތާނގެ އަޒާބަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ.
ހަމަކަށަވަރުން ގަރާރުވެ ތިބޭ ތަނެއްގެ ގޮތުންނާއި، ގާއިމު ވެތިބޭ ތަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.
އަދި އެ މީހުންނީ، އެ މީހުން ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.
އެ މީހުންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި ﷲ، ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ހައްގު ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެ ކަމުގެ) އުގޫބާތާ ބައްދަލުކުރާނެތެވެ.
އެ މީހަކަށް ގިޔާމަތް ދުވަހުން އަޒާބު ގިނަގުނަ ކުރައްވާހުއްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ހާލު އެ އަޒާބުގެ ތެރޭގައި، އެ މީހަކު ދެމިހުންނާނެއެވެ.
ތައުބާވެ، އީމާންވެ، ގިނަގިނައިން ސާލިހު އަމަލުކުޅަމީހަކު މެނުވީއެވެ. ފަހެ އެ މީހުންނާމެދު (ދަންނާށެވެ.) ﷲ، އެ މީހުންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލު ކުރައްވާނެއެވެ. ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.
އަދި ތައުބާވެ ސާލިހު އަމަލު ކޮށްފިމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން އެ މީހާއީ ގިނަގިނައިން ﷲ އަށް ތައުބާވާ މީހެކެވެ.
އަދި އެ މީހުންނީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތްމީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ.
އަދި އެ މީހުންނީ، އެ މީހުންގެ ރައްބުގެ އާޔަތްތައް ހަނދާންކޮށްދޭ ހިނދު ބީރު ކަނު ބައެއްގެ ގޮތުގައި، އެ އާޔަތްތަކުގެ މައްޗަށް ވެއްޓި ނުގަންނަ މީހުންނެވެ.
އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ރައްބެވެ. އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ. އަދި ތަގުވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ.
އެ މީހުން ކެތްތެރިވީކަމަށް ޓަކައި، (ސުވަރުގޭގެ) މަތީ ކޮޓަރިކޮޅުތައް އެ މީހުންނަށް ޖަޒާއެއްގެ ގޮތުން ދެއްވާހުއްޓެވެ. އަދި އެ ތާނގައި، އެ މީހުންނާ ބައްދަލުވާނީ، ތަހިއްޔަތާއި، ސަލާމުންނެވެ.
އެ ސުވަރުގޭގައި ދެމިތިބެނިވި ގޮތުގައެވެ. ގަރާރުވެ ތިބޭ ތަނެއްގެ ގޮތުންނާއި، ގާއިމުވެ ތިބޭ ތަނެއްގެ ގޮތުން އެ ތަން ރަނގަޅުކަމާއެވެ.
ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންގެ ދުއާކުރުން ނުވާނަމަ، ތިމަންގެ ރައްބު، ތިޔަބައިމީހުންނާމެދު ފަރުވާލެއް ނުބަހައްޓަވާނެއެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން (ހައްގު) ދޮގުކުޅައީމުއެވެ. ފަހެ ނިކަންހުރެ އެ ކަމުގެ އަޒާބު، ތިޔަބައިމީހުންނަށް ލާޒިމްވެ ހުންނަހުއްޓެވެ.